|
ދިވެހި -
ވަޒަންބަހުރުވަ
|
|
06 ޑިސެމްބަރ 2008، 01:49 ހޮނިހިރު |
|
ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީން ޅެމުގެ ދޭހަ: އާދަމް ނަޞީރު އިބްރާހީމް 19- ނަގާ ސަފަރުގައިވީ ރިޔާތައް އެކީގައި، މަގާ ރިވެތި ތަޤުވާގެ އޮޑި ފޭކުރާނޭ
ދުނިޔޭގެ ޙަޔާތުގައި އާޚުރަތުގެ ނަޞީބަށް ވާޞިލުވުމަށް މި ކުރާ ދަތުރުގެ އަމާޒު މުޅިން ބަދަލުވެދާނެވެ. މި ޙަޔާތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވެން އޮތީ ތަޤުވާވެރިވީ މިންވަރަކުންނެވެ. އެކަމަކު ޅެންވެރިޔާ ގަސްތުކުރައްވާ ޒަމާނަށް ދުނިޔޭގެ ޢުމުރު ހިނގައްޖެނަމަ، ދިރިއުޅުމުގެ އުސޫލުތައް ބައްޓަންވެގެންދާނީ ތަޤުވާވެރިކަމާއި ދީންވެރިކަމާ ވަރަށް ވެސް ދުރުގައެވެ. 20- މިބާވަތްވެގެން މަހުޖަނުން ތާޖިރުންވެސް، ރިބާކައި ހަދައި، މިނެކިރުން ލުއިކުރާނޭ
ފައިސާވެރިންނާއި ވިޔަފާރިވެރިންވެސް ހިނގަމުންދާނީ މި މަގުންނެވެ. ޙައްޤުމަގުން އެއްކިބާވެގެންނެވެ. ވިޔަފާރީގައި މިނެކިރުންލުއިކުރާނެއެވެ. (މަކަރުހަދާނެއެވެ.) ރިބާކާނެއެވެ.
21- ވިޔާފާރިޔާ އެންމެތަކުގައި މަސައްކަތް، ޚިޔާނާތްތަކާއި މަކަރު ހީލަތް ހިނގާނޭ
ވިޔަފާރީގައިވެސް އެހެނިހެން މަސައްކަތްތަކުގައިވެސް މަކަރާއި، އޮޅުވާލުންތައް ހިނގާނެއެވެ. ހީލަތްތެރިކަން ކުރިޔަށްނެރޭނެއެވެ. 22- ކިޔާ ހެޔޮތަކެއްޗާ ކުރާ އަޅުކަމެއްގައި، ރިޔާ ސުމްޢަތާ ދޭތި ބައިވެރި ކުރާނޭ
ހެޔޮބަހެއް ބުނާ މީހަކު ހެޔޮ ބަހެއް ބުންޏަސް، ނުވަތަ އަޅުކަމެއް ކުރާ މީހަކު އަޅުކަމެއް ކުރިޔަސް، އޭންކަމެއްގައިވެސް އިޚްލާޞްތެރިކަމެއް ނޯންނާނެއެވެ. އޮންނާނީ ކަންދެއްކުމެވެ.
23- ބަރިއްޔަތުގެ އަޚްލާޤު މާދަށްދަށަށް ގޮސް، ދަރިން މައިންބަފައިންނަށް ނުބައިކޮށްހިތާނޭ
މައިންބަފައިންނަށް ކަމޭ ހިތުންވެސް ނެތި ހިނގައިދާނެއެވެ. ދަރީން މައިންބަފައިންނަށް ނުބައިކޮށް ހިތުން އާންމުވެދާނެއެވެ. 24- ތިރިން އަމުރު މައްޗަށް ހިނގާގޮތް ދިމާވެވި، ފިރިންނަށް އަނބިން ޙުކުމުގައި އިސްނަގާނޭ
މި ގޮތަށް ހުރިހާކަމެއްވެސް އޭގެ ހެޔޮ ގޮތުން ނުބައި ގޮތަށް އެނބުރިދާނެއެވެ. އަމުރުވެސް ހިނގާނީ ތިރިންމައްޗަށެވެ. ފިރިން އަނބިންނަށް އަމުރު ކުރުމުގެ ބަދަލުގައި އަނބިން ފިރީންނަށް އަމުރަށް ފަށާނެއެވެ.
25- ސަފަރުވެސް އެގޮތް މިގޮތުގައި ބައިބަޔަށް ކޮށް، ތަފަރުނުޖުވެގެން އަންހެނުންތައް އުޅޭނޭ
ދިރިއުޅުމުގެ ދަތުރު މިގޮތަށް އޭގެ މިސްރާބުން ނެއްޓި ބައިވެގެންދާ ދިޔުމުގައި އަންހެނުން (މުސްލިމު އަންހެނުން) އެކަނބަލުންގެ ހަގީގީ މަގާމު ދޫކޮށްލާނެއެވެ. އެމީހުންވެސް އުޅޭނީ ''ތަފަރުނުޖު'' (ފަރަންޖީ) ވެގަނެގެންނެވެ. ހުޅަނގުގެ ލާދީނީ ފެޝަންތަކާއި ދިރިއުޅުމުގެ އެފަދަ ވައްޓަފާޅީގެ ތެރޭގައެވެ.
26- ބައެއް ޙައްޤުތައް މިލްކުވާ ފިރިހެހުންނަށް، ބައެއް އަންހެނުން އެޔަށަ ދަޢުވާކުރާނޭ
އިސްވެދެންނެވި ފަދައިން އަންހެނުންގެ އުޅުން ބަދަލުވެގެންދާއިރު، ފިރިހެނުންނަށް ޚާއްޞަ ބައެއް ޙައްޤުތަކަކީ، އެކަނބަލުންނަށް ލިބިގެންވާ ޙައްޤުތަކެއްކަމުގައި ހެދުމަށްޓަކައި އެކަމަށްޓަކައި އަޑު އުފުލަން ފަށައިފާނެ އެވެ. ފިރިހެނުންނެކޭ އެއްފަދައިން އެފަދަ ޙައްޤުތައް ލިބިފައި އޮންނަންވާނެ ކަމަށްބުނެ އެކަންކަމަށް ދަޢުވާކުރަންފަށައިފާނެއެވެ.
27- ޔަތީފުން ފަޤީރުން މަރީޟުންގެ ޙައްޤަށް، މަތީ ބަލަދުވާ ބަޔަކު އަތްގަދަ ކުރާނޭ
ޔަތީމުންނާއި ފަގީރުންނާއި، ބަލިހާލުގައިވާ މީހުންގެ ޙައްޤުތައް ގެއްލިގެންދާނެއެވެ. އެފަދަ ނިކަމެތީންގެ ޙައްޤުތައް، އެމީހުންގެ ބަލަދުވެރިން ގަދަކަމުން ނިގުޅައިގަންނާނެއެވެ. 28- ތިބުން ދަތިވެގެން ނިކަމެތިން ރޮއިހަދާއިރު، ލިބުން މީގެ އިންސާފު ނާދިރުވެދާނޭ
ނިކަމެތީންގެ ނިކަމެތިކަން ހައްތާ އިތުރުވެގެންދާނެއެވެ. އެމީހުން ތިބޭނީ ބޯހިޔާވަހިކަމެއް ލިބޭނޭ ގޮތެއް ނެތިފައެވެ. އެމީހުންގެ ރުއިމުގެ އަޑު އަހައި އިންސާފު ކުރެވޭތަނެއް ނުފެންނާނެއެވެ. އެފަދަ މީހުންގެ ޙައްޤުތައް ލިބިދިނުމުގައި އިންސާފު ގާއިމު ކުރެވުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. 29- އުޑުން ފެން އައުން އާދަޔާ ބޮޑު ތަފާތުވެ،
ގުޑުން ބިން އެތަން މިތަނުގައި ގިނަވެދާނޭ ވާރޭ ވެހުމުގެ ނިޒާމުތައް ބަދަލުވެދާނެއެވެ. (ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.) ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް އައުން، ގިނަވެދާނެއެވެ.
30- ކިޔުން ޖަބަލު ބުރުކާނު އެކި ދިމަދިމާއިން، ދިޔުން ފަޅަފަޅައިގެން ގިނައިން ގިނަ ހިނގާނޭ
އަލިފާން ފަރުބަދަތައް ގޮވުމާއި، އެކި އެކި ދިމަދިމާއިން ބިމުގެ ތަންތަންގަނޑު ކަނޑަކަނޑައިގެން ދިޔުން ފަދަ ހާދިސާތައް ހިނގުން ވެސް ގިނަވެދާނެއެވެ.
ނުނިމޭ.. ބާކީ 203 ބައިތު...
|