މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޙާފިޡުގެ 15 ވަނަ ޣަޒަލު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 27 ޖުލައި 2010، 20:22 އަންގާރަ | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން 1. ވަޔާއޭ މެންދަމަށް މިޖެހޭ، ކޮބައިހެ؟ ހަނދާ މަގޭ މަޢުޝޫޤު،މަށަށް ބުނެދީބަލާށެ ތިބާ މަ ދާންވީ މަންޒިލާ، މާ މަގު. 2. މިވާދީގައި ބިރެއް ނެތަކަސް، އަމާން ތަނަކަށް މިތަން ވިޔަކަސް، ނެތޭ ޠޫރުގެ މަތީ ނޫރެއް އެނގޭނޭ ހެން އަރާ އުދަރެސް. 3. ފަނާވާ މަސްރަޙުން ދުނިޔޭން، ސަލާމަތްކަން ވަނީ ކާކަށް؟ ޚަރާބާތުގެ ޒަމާންތަކުގައި އަމާންކަން ލިބި ވަނީ ކާކަށް؟ 4. ނިދާތަކަކުން މަށަށް އިވުނޭ: "އެނގޭނަމައީ އިޝާރާތްތައް، އިވޭއިރު ޖޯކުތައް ގިނަގުނަ، ނެތޭ ސިއްރެއް ވެވޭނެ ކަމެއް!" 5. މަގޭ ބޮލުގައި ޙަބީބަށްވާ އެތައް ޙައްޤެއް ވެޔޭ އެޅިފައި، އެހެން ނަމަވެސް ޖަވާހިރަކުން ނެތޭ އެޔަކަށް އަގެއް ދެވިފައި. 6. އޮޅޭ ނަލަ ރާޅުބާނިން ވާ ޙަބީބުގެ ތާޖުގައި ބޮސްދީ، ހިތަށް ފަރުވާޔަކަށް އެދިގެން ސުވާލެއް ކޮށްލުމަށް ގޮސްދީ! 7. "ޙަބީބުގެ ލޯ ދުށުން އެދިގެން މިތަން ދޫކޮށް އެތާ އިންނަން، ކޮބާހޭ؟ މަސްކަނާ މަންޒިލް، އެތާނގައި އިންތިޒާރުކުރަން. 8. ނަށައި ލަވަތައް ކިޔައި ޝަރުބަތް ބަހާ މަޙުފަލް ތެރޭ ވިޔަކަސް، އުފާވެރިކަން ލިބޭނެ މަގެއް ނެތޭ ފެނިފައި މަރެއް ވިޔަކަސް. 9. ތިބާ ޙާފިޡު ނުރޯށޭ ދެން އައިސް ޖެހުނަސް ޚަރީފުގެ ވައި، ނެތޭ ފިނިފެން މަލެއް ފޮޅިފައި، ތަނޑެއްގައި ކަށިތަކެއް ނުފަޅައި! ބައެއް ބައިތުތަކަށް ނަޒަރެއް 2. ނެތޭ ޠޫރުގެ މަތީ ނޫރެއް: މިއީ ޠޫރު ފަރުބަދަ މަތިން މޫސާގެފާނަށް ފެނިވަޑައިގަތް ނޫރުގެ ވާހަކަ އެވެ. މޫސާގެފާނަށް އެ ނޫރު ފެނިވަޑައިގަތަސް، ޝާޢިރަކަށް އެ ނޫރެއް ނުފެނުނެވެ. އެހެންކަމުން، މާތް ﷲ ތަޖައްލީވެ ވޮޑިގަންނަވާނީ ކޮން ތަނަކުން ކަމެއް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް އޭނާވަނީ، މާތް ﷲ ތަޖައްލީވެވޮޑިގަންނަވާއިރު އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމުގެ ޝައުޤުގައެވެ. 5. މާތް ﷲ ގެ ޙަޟުރަތަށް އަދާކުރަން ޖެހޭ އެތައް ޙައްޤެއް ޝާޢިރުގެ ބޮލުގައި އެޅިފައިވެ އެވެ. އޭނާގެ ހިތް ބުނަނީ، އެއިން އެއްވެސް ޙައްޤެއް އަދާކުރެވޭވަރަށް އޭނާއަށް އަޅުކަން ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭނާއަކީ ޚަލްވަތުގައި އިނދެ އަޅުކަންކުރާ ޢާބިދެކެވެ! 7. މާތް ﷲ ގެ ނޫރުފުޅު ދުށުމުގެ ޝައުޤުގައި އިންތިޒާރުކުރުމަށް ޝާޢިރުވަނީ ނުހަނު ޝައުޤުވެރިވެފަ އެވެ. އެކަމަށްޓަކައި އޭނާ އަޅުކަންކުރަން އިނުމަށް އެންމެ އެކަށީގެންވާ ތަނަކީ ކޮބައިހެއްޔެވެ؟ 8. މިދުނިޔޭގެ އުފަލާއި އަރާމަކީ، ޝާޢިރުގެ ނަޒަރުގައި އުފަލާއި އަރާމެއް ނޫނެވެ. އޭނާއަށް އުފާވެރިކަން ލިބޭނީ މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމުންނެވެ. އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމުގެ ޝައުޤުވެރިކަމާއި އެކަމުގެ އަސަރުގަދަކަމުން އޭނާ މަރުވާވަރު ވެ އެވެ. އެކަމުގައި އޭނާވަނީ ދީވާނާވެ މޮޔަވާވަރުވެފަ އެވެ. 9. މާތް ﷲ ގެ ޙަޟުރަތަށް ވާޞިލްވެވޭނެ ދުވަސް ލަސްވާތީ ޝާޢިރުވަނީ ފުން ހިތާމައެއްގެ ތެރެއަށް ޣަރަޤުވެފަ އެވެ. ޚަރީފު މޫސުމެއް ފަދަ އެ ހިތާމަވެރިކަން ނިމޭނީ ކޮން އިރަކުން ކަމެއް އޭނާޔަކަށް ނޭނގެ އެވެ. ނަމަވެސް އޭނާއަށް ކަށަވަރުވާ ޙަޤީޤަތެއް ވެއެވެ. އެއީ ފިނިފެން މަލުގެ ޙަޤީޤަތެވެ. ރީތި ފިޔަތަކުގެ ވެރި ފިނިފެންމާ ހިނިތުންވެލަނީ ކަށިފަޅާފައިވާ ތަނޑެއްގެ ތެރެއިންނެވެ. އެހެންވީމާ، ޝާޢިރު އަދި މުޅިން ނާއުންމީދުވާކަށް ނުޖެހެ އެވެ! ހިތާމައިގެ ފުން ކަނޑެއްގެ ތެރެއިން އޭނާގެ އުންމީދު ޙާޞިލުވުމަކީ މުސްތަޙީލު ކަމެއް ނޫނެވެ!
|
| ހަމަ މި ގަލަމުން |
|---|