މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަހަރެން ވަރަށް "ބިޒީ" އެވެ! |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 26 މެއި 2011، 06:59 ބުރާސްފަތި | |||
|
ނޯޓު: މިއީ އިސްލާމްދީނަށް ޚިދުމަތްކުރާ ވެބްސައިޓަކުން އަޅުގަނޑަށް ފޮނުވި ހަދިޔާއެކެވެ. މިލިޔުން ދިވެހިބަހުން އެކުލަވައިލުމުގައި މީގެ އަސްލަށް ބަދަލު ނާންނާނެހެން ކުދިކުދި ބަދަލުތައް ގެނެސްފައިވާނެއެވެ.
ދިވެހިބަހުން އެކުލަވައިލީ: އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
އާފުރުމާއެކު، އަހަރެންގެ ސިކުނޑީގެ މަސައްކަތް ފަށައެވެ. ކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. އެހެންވެ، ވަރަށް އަވަސްއަވަހަށް އަހަރެން ފަތިސް ނަމާދު ކޮށްލަމެވެ. ގިނަ ވަގުތު ﷲ އަށް ޛިކުރު ކުރުމުގައި އިންނާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. ނަމާދުކޮށްލައިގެން އަވަސްއަވަހަށް ދިއުން އެއީ، އަހަންނަކަށް ޢައިބުކަމެއްނޫނެވެ. .................... މަދަރުސާގައި ހޭދަކުރި ކޮންމެ މިނެޓެއްގައިވެސް، އަހަރެންވީ ވަރަށް "ބިޒީ" ކޮށެވެ. މަސައްކަތްތައް ނިންމައި، އެ މަސައްކަތްތައް ޙަވާލު ކުރުމުގައެވެ. އަހަރެންގެ އެންމެ ގިނަ ވަގުތު ހޭދަވަނީ، [މަދަރުސާގެ] އިތުރު ޙަރަކާތްތަކުގައެވެ. އަޅުކަމުގައި ހޭދަކުރާނެ ވަގުތެއް، އަހަންނަކަށް ނުވެއެވެ. ކުރަން ހުރި ބައިވަރު މަސައްކަތްތަކެވެ. [އެހެންވެ] ﷲ އަށް ޛިކުރުކުރެވެނީ ވަރަށް މަދުންނެވެ. ޙަޤީޤަތުގައިވެސް އަހަންނަކަށް ހުސްވަގުތެއް ނެތެވެ. .................... އަހަރެން ބޮޑުމީހަކަށްވެ ދިރިއުޅުމުގެ މައިދާނަށް ނިކުތުމުން، އަހަރެންގެ މުސްތަޤުބަލަށްޓަކައި މުޅި ދުވާލު މަސައްކަތް ކުރަން ފެށީމެވެ. [މަސައްކަތުން ނިމި] އަހަންނަށް ގެއަށް އާދެވުމުން، "މަޖާ" ކުރުމައިގެން މަޝްޣޫލުވަމެވެ. އަހަރެން ފޯނުން [މީހުންނާ] ޗެޓު ކުރަމެވެ. އިންޓަނެޓުގެ ފަތްފުށްތައް ބެލުމުގައި އެތައް ވަގުތެއް ހޭދަކުރަމެވެ. އެކަމަކު ޤުރުއާން ކިޔެވުމުގައި، ނޫނީ އަޑުއެހުމުގައި އަހަރެން ވަގުތެއް ހޭދައެއް ނުކުރަމެވެ. ހިތާމަޔާއެކު ބުނަމެވެ. އަހަރެންގެ "އީމާންކަން" ދުވަހުންދުވަހަށް ދިޔައީ ދަށްވަމުންނެވެ. .................... އަހަންނަށް ބާކީ އޮތީ، ހަމައެކަނި ހަފުތާ ބަންދެވެ. ހަފުތާ ބަންދު އަހަރެން ހޭދަކުރަނީ، އެކުވެރިންނާއެކު ބާޒާރު ކުރުމުގައެވެ. މިސްކިތަށް ދާކަށް އަހަރެން ވަގުތެއް ހުހެއް ނުކުރަމެވެ. އަހަރެން ވަރަށް "ބިޒީ" އެވެ. އަހަރެންގެ "ބަހަނާ" އަކީ މިއީއެވެ. .................... އަހަރެން ފަސްނަމާދު ކުރަމެވެ. އެހެންނަމަވެސް ވަރަށް އަވަސްއަވަހަށެވެ. ނަމާދުކޮށް އަވަދިވެގެން، ﷲ ތަޢާލާ ހަނދުމަ ކުރުމުގައި ވަގުތު ހޭދައެއްނުކުރަމެވެ. ނިކަމެތީންނަށް އެހީތެރިވާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. އަހަރެންގެ ޢަދަދެއްނުވާހާ ގިނަ މަސައްކަތްތަކާއެކު، އަހަރެންގެ "އަގުހުރި" ވަގުތުތައް ހުރެ ދެއެވެ. .................... ބަލިޙާލު ޖެހިފައިވާ ރައްޓެއްސަކަށް ނުވަތަ އަވަށްޓެރިއަކަށް ޒިޔާރަތް ކުރާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. ފަޤީރަކަށް، މިސްކީނަކަށް ނުވަތަ ޢުމުރުން ދުވަސްވީ މީހަކަށް އެއްޗެއް ދިނުމަކީ އަހަންނަށް "ދަތި" ކަމެކެވެ. އިޖުތިމާޢީ މަސައްކަތްތައްކުގައި ބައިވެރިވެވޭ ވަރަށްވުރެ، އަހަރެން މާ "ބިޒީ" އެވެ. އެފަދަ މަސައްކަތަކަށް މީސްތަކުން އެއްވެއްޖެނަމަ، އެންމެ "ކުޑަކޮށް" ބައިވެރިވަނީ އަހަންނެވެ. .................... އަހަރެންގެ ދިރިއުޅުންވަނީ "ހާސްކަމުން" ފުރިފައެވެ. އެހެންނަމަވެސް، އެކަން ރަނގަޅުކުރަން އަހަރެން މީހަކާ މަޝްވަރާއެއް ނުކުރަމެވެ. އަހަރެން، އަހަރެންގެ ޢާއިލާއާއެކު ގިނަ ވަގުތެއް ހޭދައެއް ނުކުރަމެވެ. އަހަންނަށް ހީވެފައި އޮތީ، އެއީ "ވަގުތު ބޭކާރު ކުރުން" ކަމުގައެވެ. .................... ދީނުގެ ދަޢުވަތު ފެތުރުމުގައި ހޭދަކުރާނެ ވަގުތެއް އަހަންނަކަށް ނެތެވެ. އެއީ [ކުޅަދާނަވީ މިންވަރަކުން] ކުރަންޖެހޭ ކަމެއްކަން އެނގޭ އިރުވެސް މެއެވެ. ސުންނަތް ނަމާދެއް ކުރާކަށް، އެއްގޮތަކަށްވެސް އަހަންނަކަށް ވަގުތެއް ނުވެއެވެ. މި ހުރިހައި ކަމެއް، އަހަރެންގެ "އީމާންކަން" ދަށަށް ދިއުމުގައި ބައިވެރި ވިއެވެ. .................... އަހަރެންގެ މުޅި ދުވަސް، މަސައްކަތުގައި ހޭދަ ކުރަމެވެ. އަދި މުޅި ރޭގަނޑު، ނިދުމުގައި ހޭދަ ކުރަމެވެ. ދަމުނަމާދު ކުރަން ތެދުވެވޭ ވަރަށްވުރެ އަހަރެންގެ ވަރުބަލިކަން ބޮޑެވެ. އަދި އެއީ އެހާ "މުހިއްމު" ކަމެއްކަމުގައި އަހަރެން ނުބެލީމުއެވެ. އަހަރެން އަދާކުރީ ހަމައެކަނި އަސާސީ އަޅުކަންތަކެވެ. އެހެންނަމަވެސް، އެއީ ފުދޭވަރެއްނޫނެވެ. އެހެންވެ، އުފާވެރި ދިރިއުޅުމެއް ލިބިގަތުން އަހަންނަށްވީ އުނދަގޫ ކަމަކަށެވެ. .................... ﷲ ތަޢާލާގެ އުފެއްދެވުމާމެދު ވިސްނާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. އެކަލާނގެއަށް އަޅުކަންކޮށް، އެކަލާނގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރާނެ ވަގުތެއްވެސް ނެތެވެ. އަހަރެންގެ "ޢުމުރު" ގެ "ކުރުކަން" އަހަންނަށް އެނގޭއިރުވެސް މެއެވެ. .................... އެންމެ ފަހުން، "ވަގުތު" އައިސް ޖެހިއްޖެ އެވެ. ﷲ ތަޢާލާ އަހަރެންނަށް ގޮވައިލައްވައިފި އެވެ. އަހަރެންގެ "ޙަޔާތު ނާމާ" އާއެކު، އެ އިލާހުގެ ޙަޟުރަތުގައި ހުއްޓެން ޖެހުނީއެވެ. އަހަރެން "ހެޔޮ ޢަމަލު" ކުރީމުއެވެ. އެހެންނަމަވެސް، މާމަދުންނެވެ. އެއަށްވުރެ ގިނަ ހެޔޮ ޢަމަލުކުރަން އަހަންނަށް ޖެހޭނެއެވެ. ސުވަރުގެއަށް ވަދެވުމާއި ނުވަދެވުން، ބިނާވެގެންވަނީ އަހަރެންގެ ޢަމަލުތަކުގެ މައްޗަށެވެ. .................... "ކުށްވެރިއެއް" ކަމުގެ އިޙްސާސް އަހަންނަށް ކުރެވެއެވެ. އަހަންނަށް އެކަށީގެންވާ ވަގުތު ލިބުނެވެ. އެހެންނަމަވެސް ...... އަހަރެން، އަހަރެންގެ ޢުމުރުގެ ވަގުތުތައް "ބޭކާރު" ކޮށްލީއެވެ. އަހަރެން ވަރަށް "ބިޒީ" ކަމުގައި ބުނަމުންނެވެ. އެހެންނަމަވެސް، ވަގުތު ފާއިތުވެއްޖެއެވެ. ------------------- (ނިމުނީ) މި ލިޔުން: ފޮނުވުން: އަޙުމަދު ޝާޛު ޢަބްދުލްޣަފޫރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|