މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޙާފިޡުގެ 180 ވަނަ ޣަޒަލު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 17 ޖެނުވަރީ 2009، 05:12 ހޮނިހިރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން 1. ހަނދެއް ފަދަ މޫނުތައް އަލިވީ، ޒުވާން އަންހެން ކުދިން ފަހަތުން،ދުވުން ފިޔަވައި އެހެން ޢަމަލެއް ކުރާކަށް ހިތް ނެތޭ ގަސްތުން. 2. އިލާހުގެ ޙައްޤުގައި ބުނަމޭ: "ނަސޭހަތް ދޭން އެދޭ ނަމައީ، ކިޔައިދޭށޭ! މަށަށް ލަވަތައް، ޝަރާބާ ކޫޒު ހިމަނައިގެން." 3. މަގޭ ސާޤީ! ގެނެސްދޭށޭ! މަށަށް ރަތް ރާގެ ކޫޒުތަކެއް، އެއަށްވުރެ ރީތި އެއްޗެއް ނެތް، ޚިޔާލާތުގެ ފިހިން ކުރެހެން. 4. އެހެން މީހުން ފިކުރު ބޮޑުވެފަ ތިބޭ އިރު ހާސްކަމެއްގެ ތެރޭ، މަށޭ މިދަނީ ނުހަނު އުފަލުން، ޝަރާބުގެ ތަށިތަކާ ކުޅެމުން. 5. ލިބާސް ތަޤުޥާގެ ބާލާނޭ ދުވަސް އަންނާނެޔޭ އަވަހަށް، މިޔަށް ސާޤީގެ ފާޑުކިއުން، އިހަށްރޭގައި އަމާޒުވުމުން. 6. ޝަރާބުގެ ކޫޒަކުން ހިތްދޮވެ، ސަމާސާކޮށްލުމަށް އާދޭ! ނުވާނޭ ޖާގައެއް ކިލަނބަށް، ޝަރާބުން ސާފު ކުރި ހިތަކުން. 7. ލޮލަށް އަލި މޫނުތައް ފެނުމުން، ދެ ލޯ މެރުމަށް ނަސޭހަތްދީ، މަށަށް އިރުޝާދު ދޭން ނޫޅޭ! ތި ވައުޒަށް ހެއްލުމީ ގެއްލުން. 8. ތިބާޔަށް ހެޔޮ ހިތުން ބުނަމޭ: "ޤަޟާ ޤަދަރަށް ތަނެއް ދޭށޭ! ހިތުން ދަތިކަން ފިލައި ދާނީ، ޝަރާބުން ސާފު ރަހަބެލުމުން." 9. ހިތާމައިގާ ހެނމުން މިދަނީ، ވިރޭ އުއްބައްތިއެއް ފަދައިން، މަގޭ ދުލުގައި ވިޔަސް އަލިފާން، އެއަށް އައްޔެއް ނެތޭ ނޫރުން. 10. މަގޭ ހިތް އަދު ޝިކާރަވެދިޔަ ވަސީލަތް ހާދަހާ ރީއްޗޭ! ޙަޤީޤަތުގައި ފަޚުރުވެރިވަން، ތިބާ ކަޅިރަވަ ލޮލަށް ފެނުމުން. 11. ޝިކާރަވެފައި ނެތޭ އެއްޗެއް، މިޔަށްވުރެ ރީތި ނަލަ ގޮތަކަށް، ކުރިން ބެހެރާމުއަށް ނަމަވެސް، ނެތޭ ކުރެވިފަ، ދުނިން، ތީރުން. 12. ސަނާ ކިޔަމުން އަބަދު މިދަނީ، މަގޭ މަޢުޝޫޤު މަތިވެރިކޮށް، މަގޭ ބޭނުން ޖެހޭނެ ކަމެއް ނެތަސް މަޢުޝޫޤަކަށް އަމުދުން. 13. މަގޭ ބޭނުންތަކެއް ވާތީ، އެޔަށް މަޢުޝޫޤު ގާތުން އެދި، އެތައް ސިޙުރެއް ހަދައި އުޅުނަސް، އެއިން އަސަރެއް ނެތޭ ފޯރުން. 14. އިހަށް އިސްކަންދަރަށް ލިބިވީ، އަޖައިބުގެ ލޯގަނޑަށް އަލިފާން، އަޅާށޭ! ސާފުކޮށް ފެންނަން ނުވާނަމަ ސިއްރުތައް މިތަނުން. 15. އިލާހީ! ރަޙުމަތަށް އެދިގެން، އަޅާ ކުއްތަން ވަމުން މިއައީ، އެހެން ތަނަކުން، އެހެން މަގަކުން، އެހެން ކަމަކަށް، ނުދަން އެދެމުން. 16. ޣަޒަލުތަކުގައި މިވާ ފޮނިކަން، ވުމުން އިޙުސާސް، ވިޔަސް ޙައިރާން! މުދާ ކީއްހޭ؟ ޝުކުރު ނަމަވެސް، ނުދޭ ޙާފިޡު ޖަމާކުރަމުން. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ޒުބޭދާ, 2009-01-17 08:43:05
ފަންވަތުގައި މި ޅެން ހިމަނުއްވާނީ ވަރަށް މޮޅު ޅެމަކަށްވާތީ ކަން އެނގޭ. އެކަމަކު އަޅުގަނޑަކަށް ޅެމަކުން އެއް ވެސް އެއްޗެއް ދޭހައެއް ނުވި. އެއީ އަޅުގަނޑުގެ ފެންވަރުންކަންވެސް ވިސްނޭ. އެހެންކަމުން މި ފަދަ މޮޅު ޅެންތައް ޖައްސަވާއިރު، ކުޑަ ނަމަވެސް ޝަރަޙައެއް ލިޔުއްވައިދެއްވައިފިއްޔާ ވަރަށް ޝުކުރުވެރިވާނަން.
... ލިޔުނީ މުޢީދު, 2009-01-17 10:39:55
ފުރަތަމަ ބައިތުގެ ޝަރަޙަ:
ހަނދެއްފަދައިން މޫނުތައް އަލިވި އަންހެން ކުދިންނަކީ، ސުވަރުގޭގެ ޙޫރުލްޢީނުންނެވެ. އެކުދިންނަށް އެދިގެން ދުވުމަކީ، ރެއާއިދުވާލު މާތްﷲގެ ޙަޟުރަތަށް އަޅުކަންކޮށް، ތަޤުޥާވެރިވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އެހެނީ، ސުވަރުގެ ޙާޞިލުކުރެވޭނީ އޭރުންނެވެ. ގަސްތުގައި ޙާފިޡު ކުރަން ބޭނުން ވަނީ އެކަމެވެ. ނޯޓް: މީގެ ކުރިން ޝަރަޙަ ލިޔެފައިވާ ޣަޒަލަކަށް ނަޒަރު ހިންގަވާލެއްވީމާ، މި ޣަޒަލުގެމާނަ މޭރުންކުރެއްވޭނެ ކަމަށް އުންމީދުކުރަމެވެ. މިބާވަތުގެ ޅެންތަކަކީ، ދިވެހިންނަށް ވަރަށް އާއެއްޗެއްހެން ހީވެއެވެ. ޣަޒަލިއްޔާތާއި ރުބާޢިއްޔާތާއި ޚަމްރިއްޔާތަކީ އެކައްޗެއް ނޫނެވެ. ޙާފިޡުގެ ޣަޒަލުތަކުގައި ވަނީ، އަޅުކަމާއި ތަޤުވާއެވެ. ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު ވެސް ހަމައެފަދައެވެ. އެކަމަކު، ޚަމްރިއްޔާތަކީ، އެހެން އެއްޗެކެވެ. އޭގައި ވާނީ، ދުނިޔޭގެ އަރާމާއި އުފަލެވެ. ދުނިޔޭގެ އުފަލާއި އަރާމުގެ ތަފުޞީލުތަކާއި އެއަށް ޝައުޤުވެރިކުރުވުން، ޚަމްރިއްޔާތުގައި ވާނެއެވެ. އެކަމަކު، މިސިފަ، ޙާފިޡުގެ ޣަޒަލާއި ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތުގައި ނުވާނެއެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|