|
ދިވެހި -
ވަޒަންބަހުރުވަ
|
|
18 ނޮވެމްބަރ 2008، 16:29 އަންގާރަ |
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1. ޖަހާ ތިޔަ ޗާލު އެސްފިޔައިން ހެރިއްޖޭ ތީރުތައް މިހިތަށް! ލޮލުން ތިޔަ ތޫނު ނަޒަރެއް ދެން ނިކަން ދޭށޭ މަގޭ ދެލޮލަށް. 2. ހިތާ މޭގައި މިވާ ވޭނަށް، އެއިން ފުރިހަމަ ޝިފާ ލިބެޔޭ، އަރާމާ ޢައިޝު ހޯދައިދޭ، އެއީ ފަރުވާއެކޭ މިހިތަށް.
3. އަބަދު މިހިތުން ޒިކުރު ކުރެވޭ ތިބާގެ މަތިން ހަނދާން ނުނެތޭ، ތިބާގެ ނަމާ ލަޤަބުތައް ވެސް ކިޔައި އުޅެމޭ ޒިކުރު ކުރުމަށް. 4. މި ޢާލަމަކަށް ނެތޭ އަޞްލެއް، މިޢާލަމަކަށް ނެތޭ ޥަޞްލެއް! ސަލާމަތްވާން ގޮވައި އުޅުމީ ވެޔޭ ބިރުވެރިވި ޤާތިލަކަށް! 5. ޒުވާން ފަރުހާދު ޤަތުލުކުރީ އެ ޤާތިލު އެއްލި ޚަންޖަރަކުން، މި ޢާލަމުގައި ނެތޭ ރަޙުމެއް ކުރުން ނިކަމެތި ވެދާ ކަތަކަށް. 6. މަގޭ ޝީރީނު ދެކެ އަސްތާ! ހިތާ މޭ ފޫހި ވެސް ވެއްޖޭ! ޖެހޭ ސިޙުރާއި ފަންޑިތައިން ޚަރާބޭ ވެރިވަނީ މި ހިތަށް. 7. ހިތާމައިގައި އަނދާ އަނގުރެއް ނިވޭނެ ގޮތެއް ނެތޭ ޢަމުދުން، އޮހޭ ދާ ކޯރު ތެރެއަށް ގެނބި ޣަރަގު މިވަނީ ނިކަން އަޑިޔަށް. 8. ވަޔާއޭ! ފަތިހުގައި މި ޖެހޭ، ގެނެސްދޭށޭ ޢަރަޤުޗީނުން، ނިކަން ވަސްމީރު ރޯޅިތަކެއް، އެއިން ވަސްމީރު ހަށި ކުރުމަށް. 9. މި ނޫން ޚަލްޤެއް ޙަބީބަށް އިޚުތިޔާރުކުރުން އެއީ ޙައްޤެއް، ޙަބީބުގެ ކޮންމެ ޢަމަލެއްވޭ މިސާލެއް ނެތް ޢަދާލަތަކަށް. 10. މި ޢާޝިޤަކަށް ނެތޭ ލޯތްބެއް ދެވޭނެ އެހެން ޙަބީބެއް ދެން، މި ޢާލަމުގައި އެކަން ނުވިޔަސް ކުރުން ހެޔޮނޫން ޙަރާމް ކަމަކަށް. 11. އިވިއްޖޭ "ބާއްޖަވެރި ހެނދުނެއް"، ގޮވާލާ ބުލްބުލެއް ގޮވިއަޑު، ނިދިން ހޭލާށެ! ސާޤީއޭ! އެކުރި ހިތް ހެޔޮ ސަލާމް އެހުމަށް. 12. ޚިޔާލީ ހުވަފެނުން ރޭގައި ޝަރާބުގެ ކޫޒުތައް ފެނުނޭ، އުދާހާ ހާސަރާ ފިލުވަން އެއީ ފަރުވާއެކޭ މި ހިތަށް. 13. ޚިޔާލީ ހުވަފެނުން ދަންވަރު، މިޢާލަމް ފަސްދެމުން ދާނަން، ނިކަން ނަލަ ޙޫރުޢީނުންވާ ބިނާތައް ރީތި ގަނޑުވަރަކަށް! 14. ލިޔަން ވަޖިދުވެ ނުހަނު ޝައުޤުން ޖަމާ މި ކުރާ ޢިބާރާތުން، ޙަޔާތުގެ ފޮތް އަހާށޭ އަޑު، މިއާމެދުގައި ފިކުރު ކުރުމަށް. 15. މުޅިން ތެދު ނޫން ޢިބާރާތެއް ނުވާނޭ މި ފޮތުގައި ލިޔެފައި، މިއީ، ޙާފިޡު ގެނެސްދިންހެން ވެވޭ ހަދިޔާއެކޭ ދޭހަށް.
|