|
ދިވެހި -
ވަޒަންބަހުރުވަ
|
|
19 ނޮވެމްބަރ 2008، 16:06 ބުދަ |
|
ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން 1. މާ ތަޤުޥާވެރިކަމަށް ހެދިގެން އުޅޭ ދީންވެރިޔާއެވެ! އެހެން މީހުންނާ ނުބެހޭށެވެ! އެހެން މީހުން ކުރާ ކުށްފާފަތައް ތިބާގެ ފަތުގައި ނުލިއުއްވާނެކަން ކަށަވަރެވެ!
2. އަހަރެން ކުރާ ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައްތައް ލިއުއްވާނީ އަހަރެންގެ ފަތުގައެވެ. ތިބާ ކުރިޔަށް ދާންވީ ތިބާގެ މަގުގައެވެ. އާޚިރުގައި ކޮންމެ މީހަކަށް ލިބޭނެ މޭވާ އަޅާނީ އެމީހަކު އިންދާ ގަހުގައެވެ!!!
3. ކޮންމެ މީހަކު ވެސް އެދެމުން މިދަނީ ޙަބީބުގެ މަންޒިލެކެވެ. އެކަމުގައި ހޭ ހުންނަ މީހާއާއި ހޭނެތިފައިވާ މީހާ ހަމަހަމައެވެ!!! (ޙަބީބަކީ ލޯބިވެރިޔާއެވެ.) ކޮންމެ ތަނަކީ ވެސް ޢިޝްޤުގެ މަންޒިލެކެވެ. އެކަމުގައި (މުސްލިމުންގެ) މިސްކިތާއި (ނަޞާރާއިންގެ) ކަނީސާ ހަމަހަމަ އެވެ!!! (ކަނީސާއަކީ ޗާޗެވެ.)
4. ޙާނަތުގައިވާ މުށި ބަނޑިޔާތަކުގެ މަތީގައި ބޯ އަޅައިގެން ތިބެ މަސްތުވާން އަންނާށެވެ! މިބުނި ބަހުގެ މާނަ ނޭނގިއްޖެނަމަ، ޙާނަތުގެ ދޮރުގެ އޮޅިގަނޑުގައި ޖެހިޖެހީނުން ބޯ ފަޅާލާށެވެ!
5. ދާއިމީ އޯގާވަންތަކަމާއި އަޒަލިއްޔަ ރަޙުމަތްފުޅަށް އެދިގެން ވަމެވެ. ފަރުދާގެ އަނެއް ފަރާތުގައި އެކަލާނގެ ވޮޑިގެންވީނަމަވެސް، އަހަރެމެންގެ ތެރެއިން ރަނގަޅު މީހާއާއި ނުބައި މީހާ، އެކަލާނގެ ދެނެވޮޑިގެންވާކަން ގައިމެވެ!!!
6. ތިޔަ ހީކުރަނީ، ތަޤުޥާގެ ފޭރާމުން ބޭރުވީ އަހަރެން އެކަނި ކަމަށް ހެއްޔެވެ؟ އަހަރެމެންގެ ބައްޕަ، އާދަމުގެފާނުގެ އަތްޕުޅުން އަބަދިއްޔަ ޖަންނަތު ގެއްލިގެން ދިޔަކަން ނުދަންނަން ހެއްޔެވެ؟
7. ޙާފިޡެވެ! ތިބާ މަރުވާއިރު، "ޝަރުބަތް ތަށްޓެއް" ގެންދަން މަސައްކަތް ކުރާށެވެ! އެކަން ކުރެވިއްޖެނަމަ، މި ފަނާވަނިވި ދުނިޔެއިން، ދާއިމީ ސުވަރުގެތަކަށް ތިބާ ގެންދެވޭނެކަން ދަންނާށެވެ!!!
|