ފަންވަތް ދިވެހި ޅެންބަހުރުވަ މުސްކުޅިކަމާއި މަރު
ބެލި ޢަދަދު: 1848
މުސްކުޅިކަމާއި މަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
16 ޖޫން 2009، 00:14 އަންގާރަ


އަލްމަރުޙޫމު ޢަލީ ޙުސައިން/ނައިފަރު


މުސްކުޅި މުދާވެރިއެއްގެ ގާތަށް މަރު އަޔޭ
    ހުސްވީފަހުން އޭނާގެ އުމުރު ބަލައި އަޔޭ

އަށްޑިހަ އެތައް އަހަރެއްގެ ދިރިއުޅުމަށްފަހަށް،
    ކަށްވަޅުތެރަށް އޭނާ ހިނގައިދާން އެންގިޔޭ

އޭނާ ވަރަށް ހައިރާންވެ ކަންތައް ބޮޑުވެފައި
    ވޭނާއި  ކެކުޅުމުގައި  ވަކާލާތް  ފެށްޓިޔޭ

އެއްވެސް އިޝާރަތަކާ ނުލައި ތިޔަ އައިކަލޭ
    ޖެއްސުން ކުރަން ނޫންބާވަޔޭ  ވެސް ހީވެޔޭ

ހަމަ އައިސް ބުނާއިރު، ތިޔަ ގޮތަށް ދެވިދާނެހޭ
    ކަމަކާ ނުލައި ދާން އަހުރެނަށް  ނުކުރޭނެޔޭ

ރާނަން މަގޭ ފެށި ގެގަނޑު ވެސް އަދި ނުނިމެޔޭ
    ބަންނަން މަގޭފެށި ދޯނިގަނޑު ވެސް ނުނިމެޔޭ

ޙައްޖަށް މަގޭ ގޮސްލުން ވަރަށް ވެސް ބޭނުމޭ
    ފައްޖުން މަގޮސް ނިންމަން އެކަން ބޭނުންވެޔޭ

ހުރިހައި މުދައުތައް ވެސް މަޞަދަޤާތުގެ މަގުން
    ހުރިހައި ފަގީރުންނަށް ބަހައިދޭން  ވެއްޖެޔޭ

އުދަރެހުގެ ތެރެޔަށް އިރު ޣުރޫބުވުމުގެ ކުރިން
    މުދަލުގެ ޒަމާތް ދީވެސް މަ ނިންމަން ވެއްޖެޔޭ

އެ އަހަރުގެ ރޯދަތަކެއް އެ މަހުގައި ބަލިކަމުން
    އެ ފަހުން ޤަޟާކުރުމަށް   މަ ދޫކޮށްފައި ވެޔޭ

އެތަކެއް ނަމާދުތަކެއް މަގޭ ފާއިތުވެފައި
    އޮތަތީ ހަނދާންވާކަން ހަނދާން ވެސް ވެއްޖެޔޭ

ވީމާ، މި ކަންތައްތައް އަދާކޮށް ނިންމުމަށް،
    ވީއްލައިލުމަށް ޝަކުވާގެ އާދޭސް    ކޮށްފިޔޭ

ޖެހިގެން ސުވާލުތަކެއް އެހައި ބަސްގިނަވުމުން
    އެ ހިނދުން މަލާކަލް މައުތު ކޯފައި އިސްވިޔޭ

އަންނާށެ އަވަހަށް މިހިރަ މުސްކުޅިޔާ ކަލޭ،
    ވަންނާށެ އަވަހަށް އައިތަނަށް ދާން ވެއްޖެޔޭ

ރުހުނަސް ނުރުހުނަސް އަދު  ކަލޭ ގެންދާނަމޭ
    ބަހަނާތަކެއް  ދެއްކޭކަށެއް    ނޯންނާނެޔޭ

އެ ތަނަށް ކަލޭން ދާން ގާތްވަނީކަން އެންގުމަށް،
    އެތަކެއް ނަޒީރުން ވެސް މަގޭ ފޮނުވިން މެޔޭ

މުސްކުޅިކަމާ ނުރަޔާއި ބާރުގެ ދެރަކަމަށް،
    ވިސްނައިލިޔަސް، ހެއްކެއްކަމަށް  ފުދިދާނެޔޭ

ދަތްތައް އެކަށްވެރި، ލޮލުގެ އަލިކަން ފަނޑުވެ ގޮސް،
    ކަންފަތުގެ ޙިއްސުގެ  ތޫނުކަން  ވެސް ކޮށިވިޔޭ

މަސްތައް އެކަށްވިރި ހަމުގެ މައްޗަށް ރޫއަރާ،
    ހުސް އަނގަތެޅުން އިހުނަށްވުރެން މާ ގިނަވިޔޭ

މި މި ކަންކަމީ ހައްތާ އެކަމުގެ އިޝާރަތޭ
    މި ކަމުން  ކަލޭ  ޢިބްރަތްތަކެއް   ނުހިފީމުޔޭ

މަރު ދާދިގާތޭ މަރުގެ މައިނާރަށްވުރެން
    ހަރުލައި ބުނާ ބަސް  ވެސް  ކަލޭގެ  އަހާނެޔޭ

ދެން ކިހިނަކުންހޭ ޙުއްޖަތެއް ދެެއްކެން އޮތީ،
    އެންމެން ތި ޙުއްޖަތުގައި ނުދާން ގަދަ ދެއްކިޔޭ

ކުޑަ މުހުލަތެއް ދެއްވާށެ މަލަކުލްމައުތުއޭ
    ކުޑަކޮށް ވަޞިއްޔަތް   ކޮށްލުމަށް ބޭނުން ވެޔޭ

އަޚުނާއި އުޚުތުންނާ  މަގޭ އެކުގައި އުޅުނު،
    ރަޙުމަތްތެރިންނާ ކައިރިޔަށް ދާން    ވެއްޖެޔޭ

އަދި އަނބި ދަރީންނާ ވެސް މަބައްދަލުކޮށްލުމަށް،
    މި ދިމާވި ގޮތުގައި ކޮންމެހެން    ބޭނުންވެޔޭ

މީހެއްގެ މައްޗަށް ކުޑަ ދަރަންޏެއް ވެސް ވެޔޭ
    ވީ އެންމެ އަވަހަށް ފުއްދުމަށް   ވަޢުދެއްވެޔޭ

ހުސްހަށިބަޔަށް ހުރި އިރު މަގޭ ޖާހިލުކަމުން،
    ކޮށްފައި ވަރަށް   ގިނަ ފާފަތައް ވެސް ވާނެޔޭ

ނައުމުން މި ހޭލާ ފާފަ ފުއްސެވުމަށް އަދައި،
    ތައުބާ ވުމަށް ވެސް  މިސްކިތަށް  ދާންވެއްޖެޔޭ

މި ކަމަށްޓަކައި ލަސްކޮށް ނުދިންނަމަ ޔާ އަޚީ
    ބިކަހާލު  މަޙުޝަރުގައި   އިނގޭ ޖެހިދާނެޔޭ

ހައިހާތަ އެ ގޮތުން ދެން ދުލެއް ނުކުރާނަމޭ
    ގައިމުން ކަލޭޔަށް ވެސް   އެ ގޮތް ވިސްނޭނެޔޭ

އަށްޑިހަ އެތައް އަހަރެއްގެ މުހުލަތު މަދުތަ ޅޭ؟
    ޚައްދާމުނާ  އެކުގައި   ކަލޭ   އުފަލުން ވިޔޭ

ޖާރީވެ ދިޔަހައި ދުވަހުގައި ޢުމުރަށްވުރެން،
    ލާރީގެ މައްޗަށް  ވެސް ކަލޭ   ދަހިވެތި ވިޔޭ

ކުޑަ އެތިކޮޅެއް ވެސް މަދުވެދާނެ ކަމަށް ހިތައި،
    މުދަލުގެ ޒަކާތް ދޭން ވެސް ކަލޭ ދަހިވެތި ވިޔޭ

މުދަލާއި ހެދި ގޮސް ދުނިޔެވީ ޝަހުވަތްތަކުން،
    އެ ދުވަހު ކަލޭ މި ކަމަށް   ޚިޔާލެއް ނުކުރިޔޭ

ބިރުވެތި ކަލޭ ވާންވީ ދުވަސް އަދު މީ އިނގޭ
    ކިރިޔާ ސަލާމަތް ވާނެ  ނަމަ ސަހަރޯ   މެޔޭ

އެކަމަކު ތިޔޮއްބޮޑު މީހަކުގެ ޣާފިލުކަމޭ
    ފިކުރެއް ޅަކުއްޖަކު ކުރިވަރަށް ވެސް ނުކުރިޔޭ

ކަލެޔާ މެދަށް މީހަކު އަޖާބު ނުވާނެހޭ
    ކަލެޔަށްވުރެން ޅަކުދިން އުފަލުގައި އައިސްވިޔޭ

ލާބައިގެ މަންފާ ހޯދުމަށް ކުރި ދަތުރުގައި
    ފައިދާތަކެއް ނެތްކަން މިހާރު    އެނގިއްޖެޔޭ

ޤަބުރަށް އެރޭށޭ އަދި ނިދާށޭ ދާނުގައި
    ކަނބުރެއް މޮޅެއް ދެރައެއް މަށަށް ނޯންނާނެޔޭ

             (ނިމުނީ)


މި ޅެމާމެދު؛

މިއީ އެއްދުވަސް ވަރެއްގައި ރާއްޖޭގައި ވަރަށް މަޝްހޫރުވި ޅެމެކެވެ.  އަޅުގަނޑު އަތުގައި ވެސް އެއް ދުވަސް ވަރެއްގައި  އަތުން ލިޔެވިފައިވާ މި ޅެމުގެ ކޮޕީއެއް އޮތެވެ. ވަރަށް ގިނައިން އެ ދުވަސްވަރު މި ޅެން ކިއިފައި ވެއެވެ.

ފަންވަތުގައި މި ޅެން ހިމަނާ ހިތުން އަޅުގަނޑު އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް  ކުރިން އަތުގައި އޮތް ޅެން ހޯދައި ނުފެނުމުން އެކަން ނުވީ އެވެ. އެހެން ނަމަވެސް އެކި ދިމަ ދިމާގައި ތިބި ރައްޓެހިންނަށް ގުޅައިގެން ކުރެވުނު މަސައްކަތުން މި ވަނީ ފަންވަތުގެ ރަޙްމަތްތެރި ކިޔުންތެރިންނާ ހަމަޔަށް މި ޅެން ގެނެސް ދެވިފަ އެވެ.

ދަންނަވާލަން ބޭނުންވާ މުހިންމު ދެ ތިން ވާހަކަ އެއް އެބަ އޮތެވެ. ފުރަތަމަ ވާހަކައަކީ ޝުކުރު އަދާ ކޮށްލުމުގެ ވާހަކަ އެވެ.  އަޅުގަނޑަށް މި ޅެން ހޯއްދަވައި ދެއްވުމުގައި އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވި އެއްބޭކަލަކީ، ނައިފަރު އަޙުމަދު މުޙަންމަދެވެ. އޭނާ ބުނުއްވި ގޮތުގައި އޭނާއަށް މި ޅެން ދެެއްވީ، އެރަށު ތަންހަޅިގޭ އަޙްމަދު ޢަބްދުﷲ އެވެ. އެހެންކަމުން މި ދެބޭކަލުންނަށް ވަރަށް އިޙްތިރާމާއެކު ޝުކުރު އަދާ ކުރަމެވެ.

ދެވަނަ ވާހަކައަކީ، އަލްއަޚު އަޙުމަދު މުޙަންމަދުގެ ފަރާތުން އަޅުގަނޑަށް ލިބުނު ނަކަލާއި، ކުރިން އަޅުގަނޑަށް ހިތު ދަސްވެފައި ހުރި މި ޅެމުގެ ބައެއް ބައިތުތަކާ ދެމެދުގައި ބައެއް ފަރަގު ހުރިކަމުގެ ވާހަކަ އެވެ. އެކަމުގައި އަޅުގަނޑު ޢަމަލު ކުރި ގޮތުގެ ވާހަކަ އެވެ. މުޅި ޅެމުގެ ފެންވަރަށް ބަލާއިރު، އަޅުގަނޑަ ބޮޑަށް ބުރަ ވެވުނީ، ކުރިން އަޅުގަނޑު އަތުގައި އޮތް ނަކަލުން އަޅުގަނޑަށް ހިތުދަސްވެފައި އޮތް ގޮތުގެ ޞައްޙަކަން މާ ބޮޑުކަމުގަ އެވެ. އެހެންކަމުން ފަންވަތުގައި މި ޅެން ޝާއިޢު ކުރުމުގައި މި ދެންނެވި ކަހަލަ ބައެއްތަންތަން ގެނެވިފައިވާނީ ކުރިން އަޅުގަނޑުގެ އަތުގައި އޮތް ނަކަލުން އަޅުގަނޑަށް ހިތުދަސްވެފައި އޮތް ގޮތަށެވެ.

ދެ މިސާލެއް ވެސް ދަންނަވާލާނަމެވެ.

01- ޙައްޖަށް މަގޭ ގޮސްލުން ވަރަށް ވެސް ބޭނުމޭ

           ހައްދުންމަތީގެ   ނަވެއް  ނިކަން   އަންނާނެޔޭ

(މިއީ ފަހުގެ ނަކަލުގައި އޮތްގޮތެވެ. ކުރީގެ ނަކަލުގައި އޮތްގޮތް ޝާއިޢު ކުރެވިފައި އެވަނީ އެވެ.)

02- އުދަރެހުގެ ތެރެޔަށް އިރު ޣަރީބު ވުމުގެ ކުރިން،
               މުދަލުގެ ޒަކާތް ދީވެސް މަނިންމަން ވެއްޖެޔޭ

( މި ބައިތުގައި މި އޮތް ޣަރީބު މި ލަފުޒު މިހެން އޮތުމުން މާނަ ހަމަ އެއް ނުޖެހެ އެވެ. މާނަ ހަމަޖެހޭ ގޮތަކީ ޣުރޫބު މި ގޮތެވެ. ކުރީގެ ނަކަލުގައި އޮތީ މި ފަދައިންނެވެ.)

މި ނޫނަސް ބައެއް އިމްލާ ކުށްވެސް ފަހުން ލިބުނު ނަކަލުގައި ހުއްޓެވެ. އޭގެ ސަބަބުން ބައެއް ބައިތުތަށް ވަޒަނަށް ވެސް ނުފެތެއެވެ. މި ކަން އަޅުގަނޑު އަތަށް ޅެން ދެއްވަމުން، އަޙުމަދު މުޙަންމަދު ވެސް އަޅުގަނޑުގެ ސަމާލުކަމަށް ގެނެސްދެއްވި އެވެ. އެ އިމްލާ ކުށްތަކަށް ވިސްނުމުގެ ތެރޭގައި އެހެން ކަންކަން ވެސް ބޮޑަށް ހަނދާންވެގެން އައީ އެވެ.  ކުރީގެ ނަކަލަށް ބަރޯސާވީ އެ ނަކަލުގައި އެފަދަ އެއްވެސް ކުށެއް ފާހަގަ ކުރެވިފައި ނެތުން ފަދަ ގިނަ ސަބަބުތަކެއް ހުރުމުންނެވެ.  އެކަމަކު މި ދެގޮތުން ކުރެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމެއް އަޅުގަނޑަކަށްވެސް ޔަޤީނެއް ނޫނެވެ. ފަހަރެއްގައި އެންމެ ރަނގަޅީ މި ކަމުގައި އަޅުގަނޑުގެ ނިޔަތްކަމަށް ވެދާނެ އެވެ. ސަބަބަކީ، އަޅުގަނޑުގެ މަޤުޞަދަކީ ޅެންވެރިިޔާ ނުކުރައްވާ ކުށެއް ޒަމާނުގެ އަތުން އިސްވެ ގޮސްފައި ވެދާނެ ކަމުގެބިރަށް އެ އިލްޒާމުން ޅެންވެރިޔާ ސަލާމަތްކޮށްދިނުމެވެ. އޭނާގެ ޤާބިލުކަމުގެ މައްޗަށް އިތުބާރު ދަމަހައްޓައި ހެޔޮ ގޮތުގައި އެކަން ދިފާޢުކޮށް ޙިމާޔަތް ކުރެވޭތޯ ބެލުމެވެ.

ތިންވަނަ ވާހަކައަކީ، މި ޅެން ހެއްދެވި އަސްލުބޭކަލަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އަޙުމަދު މުޙަންމަދު އަޅުގަނޑުގާތު ބުނުއްވި އެވެ. މި ސުވާލުގެ ބުރަދަނާ މެދު ބަޙުޘު ކުރުމީ މި ވަގުތު އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. އޭނާ ބުނުއްވާ ގޮތުން މި ޅެން ހެއްދެވީ މަރުޙޫމު ޢަލީ ޙުސައިންގެ އަޚު މުޙަންމަދު ޙުސައިން ކަމަށް ވެސް ކިޔައި އުޅެ އެވެ. އެކަމަކު ޢަލީ ޙުސައިންގެ އަދަބީ ލިޔުންތައް ހިމެނޭ ފޮތްތަކުގެ ތެރޭގައި ޢަލީ ޙުސައިން މި ޅެން ލިޔުއްވާފައި އޮއްވައި ފެނިފައިވާކަމަށްވެ އެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި އެހެންކަމަށް ވާނަމަ، މި ސުވާލުގެ ބުރަދަނާ މެދުވެސް ސުވާލު އުފެދޭ ދޮގެއްތޯ އެވެ؟  އެހެނީ ދާދި މިދާކަށް ދުވަހު އަޅުގަނޑު ފަންވަތުގައި ޝާއިޢުކޮށް މި ނިންމި ''ރަށްފުށުގެ ދިރިއުޅުން'' (އަލްމަރުޙޫމު ޢަލީ ޙުސައިން ލިޔުއްވާފައިވާ) މި ވާހަކައާއި، އަދި މި ވާހަކައިގައި މަރުޙޫމު ޢަލީ ޙުސައިން ހިމަނުއްވާފައިވާ އޭނާގެ އަމިއްލަ ޅެންބައިތުތަކާ މެދު ވިސްނައިލުމުން، މި ފަންނުގައި އޭނާގެ ޤާބިލްކަމާމެދު ޝައްކުކުރާނެ ކުޑަވެސް ޖާގައެއް އޮތްކަމަކަށް ނުފެނެ އެވެ.

ޮކޮންމެ އަކަސް މިވާހަކަތައް  މި ހިމަނާލީ ހަމަ އިތުރު މަޢުލޫމާތުގެ ގޮތުންނެވެ. އަޅުގަނޑަށް އެންމެ ކުޑަ އިރުއްސުރެ މި ޅެން އަޑުއިވި ދަސްވެފައި އޮންނަނީ ޢަލީ ޙުސައިން ހެއްދެވި ޅެމެއްގެ ގޮތުގަ އެވެ.

- އާދަމް ނަޞީރު އިބްރާހީމް -
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ އިކްރާމް, 2009-06-16 08:12:27
މަތީގައި އެވާ ޅެން ހެއްދެވީ ނައިފަރު / ޢަލީ ޙުސައިނެއް ނޫނެވެ. ޅެން ހެއްދެވީ ޢަލީ ޙުސައިނާ އެއްބަނޑު އެއްބަފާ ބޭފުޅެއްކަމުގައިވާ ނައިފަރު / މުޙައްމަދު ޙުސައިނެވެ. މުޙައްމަދު ޙުސައިނު ދިރިއުޅުއްވުން ބިނާ ކުރެއްވީ ނ. ހޮޅުދޫގައެވެ. ހޮޅުދޫ މޭނާސްކޫލަށް ޓީޗަރެއްގެ ގޮތުގައި ވަޑައިގެންނެވުމަށްފަހު، އެ ރަށުގައި އޭނާ ވަޒަންވެރިވީއެވެ. ހޮޅުދޫގައި މުޙައްމަދު ޙުސައިން ދިރިއުޅުއްވި ގޭގެ ނަމަކީ ނ. ހޮޅުދޫ / ނައިފަރީގެ އެވެ. މިޅެމަކީ ޅެމުގެ ފަހަތުގައި ވަރަށް ބޮޑު ސިޔާސީ މަޤްޞަދުތަކެއް ހިމެނިފައިވާ ޅެމެކެވެ. އެއްދުވަސްވަރެއްގައި ނައިފަރުގެ ވެރިކަމުގެ ދާއިރާގައި ހުންނެވި ބާރުގަދަ ބޭފުޅަކުވެސް މަރުވާނެކަން ހަނދާންކޮށްދީ، އެ ބޭފުޚަކަށް ހަޖޫކިޔުން މިއީ ޅެން އެކުލަވާލާ ޢާއްމުކުރެވުނު އެއް މަޤްޞަދުކަމުގައި ބުނެވެއެވެ. މި ސައިޓުގެ ފަރާތުން މިކަން އިތުރަށް ދިރާސާކުރައްވާނެކަމަށް އުންމީދުކުރަމެވެ.
...
ލިޔުނީ ސަމީޢު, 2009-06-16 17:02:08
ކޮންމެ ބޭނުމަކު ހެއްދެވި ޅެމެއކަމުގައިވިޔަސް ވަރައް އިބުރަތްތެރި ޅެމެއް
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-17 03:26:48
ޅެމެއް ހެދި މީހާ ނޫން އެހެން މީހެއްގެ ނަމުގައި ޅެމެއް މަޝްހޫރުވުމަކީ ވާ ކަމެކެވެ. ޚާއްޞަކޮށް މިޅެމަށް އެހެން ވެދާނެ ކަމަށް ބެލެވެއެވެ. ބޭރު ފުށަށް ބަލާއިރު، މިއީ، ދީނީ ޅެމެއް ކަމުގައި ވިޔަސް، ޅެމުގެ ތާރީޚަށް ބަލާއިރު މިއީ، އެންމެ ނުރައްކާތެރި ބާވަތުގެ ސިޔާސީ ޅެމެކެވެ. ނަމަވެސް މި ޅެމުގެ އެސިފަ ދެމިއޮންނާނީ، ވަކި ޒަމާނެއްގައި ކަމަށް ދެކެމެވެ. އެއަށްފަހު، ޝަރަޙައާ ނުލައި މީހުންނަށް ދޭހަވާނީ މިޅެމުގެ ބޭރުފުށުގެ މާނަތަކެވެ.

ފުންނަޒަރަކުން ބަލާއިރު، ޅެން ފަށާފައިވަނީ ވެސް ހަޖޫ ކިޔުމުގެ ރާގެއްގައެވެ. އެހެންވީމާ، ސިޔާސީ ބަޔެއް އޮތީ ހަމައެކަނި ޅެމުގެ ފަހަތުގައެއް ނޫނެވެ.

މި ޅެން މަޝްހޫރުވުމަށް މެދުވެރިވި އެންމެ މުހިންމު ސަބަބަކީ، ސިޔާސީ ޅެމަކަށް ވީކަމެވެ. ވަކި މީހަކާ ދިމާކުރުމުގެ ގޮތުން މިޅެން ކިޔާނެ ބަޔަކު ތިބި ކަމެވެ. މި ޅެމުގެ އަޞްލު ޝާޢިރު ނޫން އެހެން ޝާޢިރެއްގެ ނަމުގައި މި ޅެން މަޝްހޫރުކުރުމުގައި ވެސް ސިޔާސީ ބޭނުމެއް އޮވެދާނެ ކަމަށް ބެލެވެއެވެ. ދިރާސާކުރާ ބަޔަކު މިކަންކަން ދިރާސާކުރުން ހުއްޓެވެ. ކޮލެޖާއި ކުއްލިއްޔާގެ ދަރިވަރުން، މިފަދަ ޅެންތައް ދިރާސާ ނުކުރަންވީ ކީއްވެގެންތޯއެވެ؟

އަޅުގަނޑު މިތަނަށް އިތުރުކޮށްލާހިތްވަނީ ދެޝާޢިރުންގެ ނަޒަރިއްޔާއެވެ. މި ނަޒަރިއްޔާގައި އަޅުގަނޑު ބުނާނީ:

"ޅެން ހެއްދެވީ، މުޙައްމަދު ޙުސައިނެވެ. އެއަށްފަހު، ޅެން އިޞްލާޙުކުރެއްވީ ޢަލީ ޙުސައިނެވެ. ޅެމުގައިވާ ރަނގަޅު ނޫން ލަފުޒުތައް ރަނގަޅުކުރައްވައި، ޅެން، ޅެމަކަށް ހެއްދެވީ، ޢަލީ ޙުސައިނެވެ. މިކަމުގެ ސަބަބުން ޅެމުގެ ދެ ނަކަލު ފެތުރެން މެދުވިއެވެ. އެއް ނަކަލަކީ، މުޙައްމަދު ޙުސައިން ހެއްދެވި ނަކަލެވެ. "އިރު ޣަރީބު" ވުން ފަދަ މާނަ ހަމަނުޖެހޭ ޢިބާރާތްތައް އޭގައި ވިއެވެ. ޅެމުގެ މޮޅު ނަކަލަކީ، ޢަލީ ޙުސައިން އިޞްލާޙުކުރެއްވި ނަކަލެވެ. ފޭރާން ހެޔޮ، މާނަތައް މޮޅު، ޞައްޙަކަން ބޮޑު، އަސަރުގަދަ ޅެމަކީ، މި ނަކަލެވެ."

އާދަމް ނަޞީރު އިބްރާހީމް ޅެމަށް ގެންނަވާފައިވާ އިޞްލާޙުތައް ވަރަށްވެސް ރަނގަޅެވެ.
...
ލިޔުނީ އުދަރެސް, 2009-06-18 06:35:24
ފުރާނަ އެޅިފައިވާ ޅެމެއް ކިޔާލަން ލިބުނުކަމަށްޓަކައި ނުހަނު އުފާކުރަން
ކޮންމެ ނިޔަތެއްގައި ހެދިފައިވީ ޅެމަކަށް ވިޔަސް މި ޅެން ކިޔާލުމުން ހިތުގައިވާ ނަފުރަތާއި ކިބުރުވެރިކަމާއި، ޖާހިލުކަން ކުޑަކޮށްދެއެވެ. އަސަރުކުރަނިވި ފޮނި ޅެމެއް
މިޅެން ކިޔާފައި ނަމާދަށް ދާ ހިތްވެސް ޖެހިއްޖެއެވެ. އަދި ފަހުންމި ޅެން ކިޔާލާނަމެވެ. މި ޅެން ހެއްދެވި ފަރާތަށް ހެޔޮ ރަހުމަތް ލައްވާށިއެވެ.
ފަންވަތުގެ އިހުލާސްތެރި އެޑިޓަރުގެ ބުރަމަސައްކަތަށްވެސް ސާބަހެވެ. ތިޔަ އަމަލަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
...
ލިޔުނީ SAAYAA, 2009-07-09 04:00:31
Ikraam ,thiya vidhaalhuvee thedhu fulheh. Mi lhemuge aslu shaairakee Muhammadh Hussain. Mihaaruves dhuniyeygaa eba hunnevi. Muhammadh Hussain aa beheygothun thiya liyyuvvee mulhin ves thedhu mauloomaathu. Alhugandakee Meynaa schoolun kiyevi Muhammad Hussainge dharivareh
...
ލިޔުނީ މުދައްރިސްގެ ދަރިވަރެއް, 2010-12-05 07:12:53
އަޅުގަނޑަކީ މުޙައްމަދު ޙުސައިން/ނައިފަރީ (މުދައްރިސް) ގެ ދަރިވަރެއްގެ ގޮތުގައި 10 އަހަރު ހޭދަކޮށްފައިވާ ހޮޅުދޫ މޭނާސްކޫލްގެ އިސްދަރިވަރެއް. މުދައްރިސް އަކީ މެދުނުކެނޑި ޢަރަބި އިސްލާމީ ތަޢުލީމް ދެއްވުމުގައި ފަސްދޮޅަހަކަށް އަހަރު ހޭދަކުރައްވާފައިވާ، އަރަބި ބަސް ވަރަށް މޮޅަށް ދެނެލައްވާ ދިވެހި އަދަބީ ފަންނުގައި ނުހަނު ހުނަރުވެރި ބޭފުޅެއް. މުދައްރިސްގެ ޅެން ތަކަކީ އެފަދަ ދެވަނަ އެއް ނެތް އަސަރުގަދަ، ފަންނުވެރި، މޮޅު ޅެންތަކެއް. އެހެންވީމާ ޙުސައިން ޢަލީ މުޙައްމަދުގެ ކޮމެންޓް ގައި ހިމަނާފައިވާ "އިރު ޣަރީބު ވުން" ފަދަ މާނަ ހަމަ ނުޖެހޭ ޢިބާރާތެއް މުދައްރިސް ބޭނުން ކުރައްވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. މުދައްރިސްގެ ވަރަށް ގިނަ ޅެންތައް އަޅުގަނޑު ކީން. މިފަދަ ޒަމާނެއްގައި، މުދައްރިސް ދުނިޔޭގައި ހުންނެވުމާއި އެކުވެސް މި ޅެމާއި ބެހޭ ގޮތުން އުފެދިފައިވާ ޚިލާފްތައް ސާފްނުކުރައްވާ ޝާޢިއު ކުރެއްވީތީ ހިތާމަ ކުރަން. މުދައްރިސްގެ އަދަބީ މަސައްކަތް ތައް ފަންވަތުން ފެންނާނެ ކަމަށް އުންމީދު ކުރަން.
...
ލިޔުނީ ޙަސަން , 2011-10-31 05:35:48
މިޅެމުގެ 7 ވަނަ ބައިތުގެ ދެވަނަ ފޮޅުވަތުގައިވާ "ފައްޖުން" މިބަހާއި، 9 ވަނަ ބައިތުގެ ދެވަނަ ފޮޅުވަތުގައިވާ "ޒަމާތް" މި ދެބަހުގެ މާނަ ބުނެދެއްވަ ފާނަންތޯ؟ ނުވަތަ މިއީ ލިޔުމުގެ ކުށެއްތޯ؟ ކުށެއް ކަމަށްވާނަމަ އެކަން އިސްލާހް ކޮށްލަދެއްވުން އެދެނެ. ވަރަށް އިބުރަތްތެރި ރީތި ޅެމެއް.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1848
extra avandia and congestive heart failure