|
އީލިޔާ އަބޫ މާޟީ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1.
ބިރުގަނެ ކަތަކު، ދުވެދާ ފަދައިން އެދަނީ ވިލާތައް އުދުހެމުން، އިރު ފެންނަނީ، މޯޅިވެ މިލައި ރީނދޫވެދާތަން މާ ދުރުން، އަދި ކަނޑު އޮތީ، ޚަލްވަތުގަވާ ޒާހިދަކުހެން މާމަޑުމަޑުން، ނަމަވެސް ތިބާގެ ދެލޯވަނީ، މާދުރުގަވާ އުފުޤުގަ ކަމުން!
ސަލްމާ އެތާ ވިސްނަން އިނީ ފަހެ، ކޮންކަމަކު؟ ސަލްމާ ދެކޭ ހުވަފެން ވަނީ ފަހެ، ކޮންތަނަކު؟
2. ހުވަފެން ޒުވާނާ ދުށް، އޮބާލީހޭ ވަޔާއެކު ގޮސް ދުރަށް؟ ނޫނީ، ތިބާޔަށް ފެންނަނީހޭ ދާ ހިޔަނި އަބަހައްދައަށް؟ ނޫންނަމަ، ބިރެއް ވީ ހޭ މިރޭ ތަރިތައް ނުވެސް ވާނޭ ކަމަށް؟ ސަލްމާ! ތިކަންކަން ނާރަޔޭ އަހުރެން އަޅާ ދުރުމީއަކަށް! ނަމަވެސް ޖަހާ ތިޔަ އެސްފިޔައިގެ ހިތާމައިން، އެނގެޔޭ ތިބާ ވިސްނާ ކަމެއް، ދެލޮލުގެ ކޮއިން! 3. ދެކެމޭ ތިބާ މަގު ގެއްލިފައިވާ ސާއިޙެއް ފަދައިން ދުރުން، މީހަކު ނުވާ ފަޅު ތާކު ހުރެ، އޭނާ އެދޭ މިތުރަކު ދުށުން، ވިދުވަރުގެ އައްޔަށް ޝައުޤުވޭ، ނަމަވެސް އެއާ މެދުގައި ބިރުން. އޭނާގެ ކަންތައް މާ އަޖައިބު، އަނދިރީގެ އަސްވާރަށް ވުރެން.
ނަޞްރެއް ލިބޭނެ މަގެއް ނެތަސް ފެނި ހާމަޔަށް، ބަލިވުން ޤަބޫލުވެވެން ނެތޭ އޭނާޔަކަށް! 4. ސަލްމާ ތިބާ ދެލޮލުގެ ތެރޭ ވަސްވާސްތަކެއް ކުރެހިފަ ނެތޭ، ހެނދުނުގެ ލަޠީފީ ޖައްވުގައި ކިލަނބެއް އެއިން ފެނިފައި ނެތޭ، ނަމަވެސް، ހަވީރުވި އިރު، ތިބާ ދަތްދޮޅިވަނީ ދެއަތުގެ މަތީ، އަދި ލައްކަ ގިނަ، ހާސަރުވަނީ ކުރެހިފަ ތިބާ ނިތްކުރި މަތީ!
ވީހޭ ތިބާ، ކަމުގައި ނިކަން ބަލި ޢާޝިޤަކު؟ ސަލްމާ އެތާ ވިސްނަން އިނީ ފަހެ، ކޮންކަމަކު؟ 5. އުސް ބިންތަކުން ނޫރުގެ ތަޚުތުތައް ވެއްޓުނީ ފަހެ، ކިހިނަކުން؟ އަދި މާބަގީޗާތަކު ތެރަށް، ގެނުވީ ސުކޫތު ކޮން ބާރަކުން؟ ބުލްބުލްތަކާ ކުދި ދޫނިތައް ހާއްޔަށް ދިޔައިހޭ ފިނިވުމުން؟ ނޫނީ އައީހޭ އަނދިރިކަން، ރަށްރަށް ނިވާކޮށްލަން ބިމުން؟
ކުދި ޖިފުޓިތައް ފަދައިން އެ ބިޔަ ގަނޑުވަރުތަކާ! ކަށިގަސްތަކުން ވިހަ ކަށި ފަދައިން ޔާސްމީންމަލާ! 6. އަނދިރީ ތެރޭ ވާއިރު ނިވާ، ކޯރާ ކަނޑާ އެއްފަދަވެޔޭ، ވޭނާ ރިހުން ފޮރުވޭ ފަދައިން، ހިނިތުންވެލުން ވެސް ފޮރުވެޔޭ، ރީއްޗާ ހުތުރު އެއްބީދައިން، ބުރުގާތެރޭގައި ފޮރުވެޔޭ، ނިމިދިޔަ ދުވާލާ، އައި ރެއާ މެދު ދެރަވަނީ ފަހެ ކީއްވެހޭ؟
އޭގައި ވެޔޭ ހިތްތައް އެދޭ އުންމީދަކާ، ތަނަވަސް އުޑާ އަދި ފިޔަ ޖަހާ ނަލަ ތަރިތަކާ! 7. މިރަށުގެ މިވާ ހުސް ބިންތަކާ ފަޅުތަންތަނާ ވިޔަކަސް ނިވާ، ނިވަލެއް ނުވޭ، ޖައްވުގެ ތެރޭ ޖެހެމުން މިދާ ވައިރޯޅިޔާ، ވަސްމީރުވީހައި މާތަކާ، ފެނުގައި އެވާ ނަލަ މިޔުޒިކާ، ގޮފިތައް ހެލޭ ހިމަހިމަ އަޑާ، އަދިވެސް އެތައް ނޭވާއަކާ!
އެހުމަށް މޮޅޭ ހަމަ ޢަންދަލީބުގެ ނަލަ ގޮވުން، ފައިގައިވި ދިގު ނިޔަފަތިތަކާ، ފިޔަ ނުބަލަމުން! 8. ފަރުބަދަ މަތިން އޮހޮރޭ ފެނަށް ކަންދީ އަހާށޭ ރާގަކަށް، ވަސްމީރުކަން ވާނަމަ ތިބާ ބޮސްދީ ހަދާށޭ މާތަކަށް، އަދި ހިތް އުފާކޮށްލަން ނަޒަރު ހިންގާށެ ދާ ގިނިހިލަތަކަށް، ބަނަފުސް ނުވަތަ ދުންފިނި ފަދައިންވާ މޫސުމެއް އައުމުގެ ކުރިން!
ފަހަކުން ނުފެންނާނޭ ޔަޤީނޭ ކޯރުތައް، އަދި ނުމެ އިވޭނޭ ނަލަ ޚަރީރުގެ ރާގުތައް. 9. މަރުވެއްޖެޔޭ ހެނދުނުގެ ދުވަސް، މަރުވީ ގޮތެއް ނާހާށެ ދެން، ހިތި ކަންކަމާމެދު ވިސްނުމުން، އުފެދޭ އުދާސް ގިނަވާކަމުން، ހީވާގިވުން އެދެމޭ ހިތާމަ އެކީ ހިތުން ފިލުވާލަމުން، ވާށޭ ތިބާ ހެނދުނެއް ފަދައިން ސަލްމާގެ ލޯ ހެނދުނުގަ ވިހެން.
އޭގައި ވިޔޭ ހިނިތުންވުމާ އަދި ރީތިކަން، ވާށޭ ތިބާ އައުމުން ހަވީރު ހަމަ އެފަދައިން!
|