|
ދިވެހި -
ވަޒަންބަހުރުވަ
|
|
17 ޖޫން 2009، 19:20 ބުދަ |
|
އަހަރެމެން އެއްޗެއް ދެކެ ލޯބިވީމާ، އެ އެއްޗެއް އަހަރެމެންނަށް ލިބޭނެހެއްޔެވެ؟
މައި ޒިޔާދާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޤައުމިއްޔަތުތަކުގެ ނަންތައް މަޝްހޫރުވެގެން ދިޔަ ހިނދެވެ. އެހިނދު، އަހަރެންގެ ޤައުމުގެ ނަން ލިޔެ، އޭގައި ބޮސްދިނީމެވެ. އެ ޤައުމުގައިވާ ވޭނާއި ތަދާއި ހިތާމަތައް ގުނައި ޢަދަދުކުރީމެވެ. އެހިނދު، ޤައުމިއްޔަތެއް ލިބިފައިވާ މީހުން ފަދައިން ޤައުމާމެދު ފަޚުރުވެރިވީމެވެ. އޭގެ ފަހުގައި އައީ، ޝަރަޙައާއި ތަފުޞީލަށް ދާންޖެހޭ މަރްޙަލާއެވެ. ޙައްލުކުރެވެން ނެތް މައްސަލަތައް އެ މަރްޙަލާގައި ޖަމާކުރީމެވެ. ދެން އިސްދަށަށް ޖަހައިގެން އިނދެ ވިސްނާ ފިކުރުކުރަން ފެށީމެވެ. ވިސްނާ ފިކުރުކުން، އިސާހިތަކު ހިތުގައި ޝުޢޫރެއް އުފެއްދިއެވެ. ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ނިކަމެތިވެދާ ޝުޢޫރެވެ. އެހެނީ، އެހެން މީހުން ފަދައިން އަހަރެންނަކަށް ޤައުމިއްޔަތެއް ނެތެވެ. *****
އަނިޔާ ލިބިފައިވާ ޤައުމުތަކުގެ މީހުން ދިދަ ތިރިކޮށްގެންދާ ހިނދެވެ. ޝަހީދުންގެ ސަންދޯއްތައް ހިފައިގެން ބާގަބާގަޔަށެވެ. އެބައިމީހުން މިނިވަންކަމާއި އިސްތިޤުލާލަށް ގޮވާލާ އަޑު ވަރުގަދައެވެ. ހިތާމައާއި ނިކަމެތިކަމުގެ މައްޗަށް އެ އަޑު، ގަދަވެ ރަސްކަންކުރެއެވެ. އެ މަންޒަރު އަހަރެންނަށް ޢިއްޒަތާއި ހިތްވަރު ދިނެވެ. އަހަރެންނަކީ، އުފެދި ކުރިއަރަމުންދާ ޙާލަތުގައި އޮތް ޤައުމެއްގެ އަންހެން ދަރިއަކަށް ވީތީއެވެ. އެއީ، އެހެން ބަޔަކާ ތަބާވެގެން އުފެދި ކުރިއެރުމަށްފަހު، ވެއްޓެންދާ ޤައުމެއް ކަމުގައި ނުވާތީއެވެ. ނަމަވެސް، ޤައުމުގެ މީހުން އަހަރެންގެ ކަންފަތް ކައިރީގައި މަޑުމަޑުން ބަހެއް ބުންޏެވެ. އެއްބަޔަކު ބުންޏެވެ. "ތިބާއަކީ ތިމަންމެންގެ މީހެއް ނޫނެވެ. އެހެނީ ތިބާ ހިމެނެނީ އެހެން މިއްލަތެއްގައެވެ." އަނެއް ބަޔަކު ބުންޏެވެ. "ތިބާއަކީ ތިމަންމެންގެ މީހެއް ނޫނެވެ. އެހެނީ ތިބާ ހިމެނެނީ އެހެން ޖިންސެއްގައެވެ." ******
އަހަރެން އުފަންވީ ޤައުމެއްގައެވެ. އަހަރެންގެ ބައްޕައަކީ ޤައުމެއްގެ ރަށްވެއްސެކެވެ. އަހަރެންގެ މަންމައަކީ ޤައުމެއްގެ ރަށްވެއްސެކެވެ. އަހަރެން ދިރިއުޅެނީ ޤައުމެއްގައެވެ. އަހަރެންގެ ހިޔަނި އެއް ޤައުމުން އަނެއް ޤައުމަށް ނަގުލުވަމުން ދެއެވެ. އޭގެތެރެއިން އަހަރެން ނިސްބަތްވާނީ ކޮން ޤައުމަކަށްބާވައެވެ! އޭގެތެރެއިން އަހަރެން ދިފާޢުކުރަންވީ ކޮން ޤައުމެއްބާވައެވެ! *****
ކޮންމެ އުންމަތެއްގެ ބަޔަކު އެބަޔެއްގެ މޮޅުކަމުގެ ވާހަކަ އެބަ ދައްކައެވެ. މަދަނިއްޔަތުގެ ކުރިއެރުމާއި ނިކަމެތިންގެ ޙައްޤުތައް ދިފާޢުކުރުމުގައެވެ. އޭގެތެރެއިން ޤަބޫލުކުރަންވީ ކޮން އުންމަތެއް ހެއްޔެވެ؟ ކޮންމެ ޤައުމެއްގެ ބަޔަކު، އެބަޔެއްގެ ފުރިހަމަކަމުގެ ވާހަކަ އެބަދައްކައެވެ. މިނިވަންކަމާއި ޢަދުލުވެރިކަމާއި ހަމަހަމަކަމާއި އުޚުއްވަތްތެރިކަމުގައެވެ. އޭގެތެރެއިން ވަކީލުކުރަންވީ ކޮންޤައުމަކަށް ހެއްޔެވެ؟ ކޮންމެ ދީނެއްގެ ބަޔަކު، މި ޙަޔާތުގައި އިޙުތިކާރުކުރެއެވެ. ޝަރަފާއި ފަޟީލަތާއި ހުރިހައި މޮޅެއް އޮތީ، ތިމާމެންގެ ދީނުގެ އަހުލުވެރިންނަށެވެ. އުޑާއި ކަލާނގެއާއި މަރުވީމާ ވާގޮތް ވެސް އެނގޭކަމަށްވަނީ އެއުރެންނަށެވެ. އީމާންވާންވީ ކޮން ދީނަކަށްހެއްޔެވެ؟ ކޮންމެ ޕާޓީއެއްގެ ބަޔަކު، އެބަޔަކީ އެންމެ ތެދުވެރި އެންމެ ލަފާދާރު މީހުން ކަމުގައި ބުނެއެވެ. ރަށްޔިތުންނަށް އެންމެ ރަނގަޅު ގޮތްތައް ވެސް ހޯދާދޭ ކަމަށްވަނީ އެ ޕާޓީން އެކަންޏެވެ. ވަންނަންވީ ކޮން ޕާޓީއަކަށް ހެއްޔެވެ؟ ހަރުދަނާ ހެޔޮލަފާ ކޮންމެ މީހަކު، އަމިއްލަ މަޞްލަޙަތަށްވުރެ ޢާއްމު މަޞްލަޙަތަށް އިސްކަން ދެއެވެ. ތަބާވާންވީ ކާކާ ހެއްޔެވެ؟ ******
ޝަހަރެއްގެ މޮޅު ކަމުގެ ވާހަކަ އަޑުއިވިއްޖެނަމަ، އެ ޝަހަރަކަށް އަހަރެން ޝައުޤުވެރިވަމެވެ. ބަޔެއްގެ ހިތްވަރު ގަދަކަމުގެ ވާހަކަ އަޑުއިވިއްޖެނަމަ، އެބަޔަކަށް ނިސްބަތްވާހިތްވެއެވެ. އެކަމަކު، އިލްހާމުތަކާއި ޚިޔާލުތައް ގުޅި ލާމެހިފައިވަނީ، އަހަރެންގެ ޤައުމުގެ ވަޔާއެވެ. އިރުގެ ދޯދިތަކާއެކު، އެ ޤައުމުގައި ރިވެތި މަންޒަރުތައް ފެތުރިގެން ދެއެވެ. ހިކިކަމާއި އަނަރޫފަކަމާއި ފަޅުކަން، ބޭރުފުށުން ފެނެއެވެ. ނަމަވެސް އޭގެ ފަހަތުގައި، ނިކަން ހީވާގި ދިރުމެއް ހުރި ޙަޔާތެއްވެއެވެ. އުސް ފަރުބަދަތަކާއި ތިރި ވާދީތަކުގައެވެ. ހިލަ ބިންތަކާއި ފެންގަނޑުތަކުގައެވެ. ޟުޙާގެ ވަގުތުގައި، މަގުތަކާއި ދަނޑުތަކުން، އަހަރެންގެ ރަށުގެ މާނަތައް ފާޅުވަމުން ދެއެވެ. އަދި އިރުއޮއްސޭ ވަގުތު، ހުރިހާ އެއްޗެއްގެ ރޫޙުތައް އެމުނި އެކުލެވި، އެކަތިގަނޑަކަށް ވެދެއެވެ. މުޅިން އެހެން ޢާލަމްތަކެއް އުފައްދަން އުޅޭ ފަދައިންނެވެ. *****
ކާބަފައިންގެ ބިމުގެ މީރުވަހެވެ. އެ ވަސް ދެކެ އަހަރެން ލޯބިވަމެވެ. އުދަލިން ފަސްގަނޑު ޖަހައި ގޮވާންކުރި ބިމެވެ. އެބިމުގެ ވަސް ދެކެ ލޯބިވަމެވެ. ބިމުގައިވާ ކުދި ގާކޮޅުތަކާއި ބިމުގައި ފަޅާ ކުދި ވިނަތައް ދެކެ ލޯބިވަމެވެ. ހަރު ހިލަތަކުގައިވާ ރެނދުތަކަށް ފޭދިގެންދާ ފެންތިކިތައް ދެކެ ލޯބިވަމެވެ. ޤައުމުގެ ބިމުގައި ހިޔާ ފަތުރާ ބޮޑެތި ގަސްތައް ދެކެ ލޯބިވަމެވެ. ވާދީގެ ބަނޑުތެރޭގައި އެގަސްތައް ފޮރުވިފައި ވީހެއްޔެވެ؟ ނުވަތަ ދުރުގައިވާ ކަނޑުގެ އައްސޭރިޔަށް ދަތުރުކޮށް ދިޔައީހެއްޔެވެ؟ ޖަންގަލީގެ ތެރޭގައި ގުދު ގުދު ލާފައިވާ ހަނި ހަނި މަގުތައް ދެކެ ލޯބިވަމެވެ. ހުދު ހަރުފަތަކެއް ފަދައިން ފަރުބަދަތަކުގެ މައްޗަށް އަރަމުންދާ މަގުތައް ދެކެ ލޯބިވަމެވެ. އަދި ކޮޅާކޮޅު ނުފެންނަ ދިގު މަގުތައް ދެކެ ލޯބިވަމެވެ. އެ މަގުތަކުގައިވާ ރަންކުލައިގެ ވެލި، އިރާ ހަމައަށް ފޯރާހެން ހީވެއެވެ. ނަމަވެސް، އަހަރެމެން އެއްޗެއް ދެކެ ލޯބިވީމާ، އެ އެއްޗެއް އަހަރެމެންނަށް ލިބޭނެހެއްޔެވެ؟ *****
ކިތަންމެ ވަރަކަށް ޤައުމުދެކެ ލޯބިވިޔަސް، އަހަރެން މިވަނީ ޤައުމުން ބޭރުގައެވެ. އެއްވެސް ޤައުމެއްގެ ޤައުމިއްޔަތެއް ލިބިފައި ނުވާ ޙާލުގައެވެ. މި ޙާލުގައި އިނދެ، ޤައުމިއްޔަތުގެ ވައްތަރުތައް ތަޖުރިބާކޮށް ބެލީމެވެ. ފިކުރުގެ ޤައުމިއްޔަތެވެ. އިޢުތިޤާދުގެ ޤައުމިއްޔަތެވެ. ފަންނުގެ ޤައުމިއްޔަތެވެ. ބެލިބެލުމުން، އެންމެ ރަނގަޅު ޤައުމިއްޔަތަކަށް ފެނުނީ، ހިތްތަކުގެ ޤައުމިއްޔަތެވެ. އިޙުސާސްކުރެވޭ ދުނިޔޭގައި އެނގުނު ކަންތައްތައް، މަޢުނަވީ ދުނިޔެއިން ދުށީމެވެ. އެކަމަކު، ދުރުގައިވާ ނުކުތާއެއް އިސްތިސްނާވެއެވެ. އެ ނުކުތާގައި މަންޒަރުތައް ތަފާތުވެ، މާނަތައް ސާފުވެއެވެ. އުފަންވި ޤައުމުގެ ދަރިން، އަހަރެންނަށް ސަގާފަތު ދިނެވެ. އެހެން ޤައުމުތަކުގެ ދަރިން، އަހަރެންނަށް ތަރުބިއްޔަތު ދިނެވެ. އުފަންވި ޤައުމުގެ ދަރިން އަހަރެންނަށް ބާއްޖަވެރިކަން ދިނެވެ. އެހެން ޤައުމުތަކުން ފެނުނު ބީރައްޓެހިން ވެސް އެކަން ކޮށްދިނެވެ. އެހެން މީހުންނާ ޤައުމުގެ ދަރިންނާ ހުރި ތަފާތަކީ، އިތުރަށް ހިތްދަތިކަން ދިންކަމެވެ. ބީރައްޓެހިންގެ ފުށުން ވެސް އެބައިމީހުން އަހަރެންނަށް ގިނަގުނަ އަނިޔާ ދިންކަމެވެ. ފަހެ، ޤައުމުގެ ދަރިން، މިންއަޅާނީ ކޮން މިންގަނޑަކުން ހެއްޔެވެ؟ ޤައުމު ނުދެކޭ ޤައުމުގެ އަންހެން ދަރިއެއްގެ ގޮތުގައި އެކަނިމާއެކަނި، އަހަރެން އިންނަންވީ ކީއްވެހެއްޔެވެ؟ *****
ގާތްތިމާގެ މީހުންނާއި ޤައުމިއްޔަތެއް ލިބިފައިވާ ބާއްޖަވެރިންނޭވެ! ތިޔަބައިމީހުންގެ ބާއްޖަވެރިކަން ބުނެދީ، އޭގައި ނިކަން އަހަރެން ބައިވެރިކޮށްދީ ބަލާށެވެ! ޢިލްމާއި ފަލްސަފާއާއި ޅެމާއި ފަންނަށް ވަކި ޤައުމިއްޔަތެއް ނެތްކަމުގައި އެއްއިރަކު ޤަބޫލުކުރީމެވެ. ނަމަވެސް މިއަދު އެނގުނީ، ޢާލިމުންނާއި ފިލޯސަފަރުންނާއި ޝާޢިރުންނާއި ފަންނާނުންނަށް ޤައުމިއްޔަތެއް ވާކަމެވެ. ނިދާލަން ނުވަތަ އަރާމުކޮށްލަން އޮށޯންނަ ހިނދު، އިންސާނާގެ ނިކަމެތިކަން މިހާރު އަހަރެންނަށް އެނގިއްޖެއެވެ. އޭނާގެ ވަރުބަލިވެފައިވާ ހަށިގަނޑު ބޭއްވުމަށްޓަކައި އޮމާން ހިތްފަސޭހަ ތަންމައްޗެއް ބޭނުންވެއެވެ. އެކަމަށް އޭނާ ބޭނުންވަނީ، އަވިދޭއިރު ހޫނުކަމާއި ފިނިވާއިރު ފިނިކަން ލިއްބައިދޭ ބިޔަ ދަނޑެއް ނޫނެވެ. އަދި އޭނާ އެތަނުގައި އޮށޯވެއްޖެނަމަ، ބިޔަ ރާޅުތައް އައިސް އޭނާ ދިރުވާލާނެ މާ ކަނޑެއް ވެސް ނޫނެވެ. ******
އިހުގެ ބޯދާ ފިލޯސަފަރެވެ! ތިބާގެ ހަމަހިމޭންކަމުގެ ރޯދައަށް އަހަރެން އިޙުތިރާމުކުރަމެވެ. ވިސްނުމާއި ފިކުރާއި ޢަޖާއިބުގެ ހެކިތައް ހޯދައި ކަޝްފުކުރީ ތިބާއެވެ. އެއަށްފަހު ތިބާ ދޫކޮށްލި ނޭވާ، ޝަކުވާއެއްގެ ސިފައިގައި ހުރިހައި ޒަމާންތަކަކަށް ފޯރަމުން އެބަހަރަދެއެވެ. އޭގެ އަސަރުގައި ޖެހި އަހަރެން ބުނީމެވެ. އެ ޤައުމަކަށްޓަކައި ޤުރުބާންވާނެ މިތުރުވެރި ޤައުމެއް އަހަރެން ބޭނުމެވެ. އަހަރެން މިއިނީ ޚުޝޫޢަތްތެރިކަމާއެކު ތިބާކުރި ޒިކުރު ތަކުރާރުކޮށް ޒިކުރުކުރުމަށެވެ. "ހަމައެކަނި އަހަރެން ބޭނުންވަނީ، އެ ޤައުމަކަށްޓަކައި އަހަރެން ދިރިއުޅޭނެ ނުވަތަ މަރުދޭނެ ޤައުމެކެވެ!" *****
މައި ޒިޔާދާ މައި ޒިޔާދާއަކީ، ޢަރަބި ޝާޢިރާއެކެވެ. އަދަބިއްޔާތުގެ މައިދާނުގައި ގަލަންކޮޅު ހިންގަވާލެއްވި އަދީބާއެކެވެ. އޭނާގެ އަޞްލު ނަމަކީ، މާރީ އިލްޔާސް ޒިޔާދާ އެވެ. އޭނާ މަޝްހޫރުވެފައިވަނީ، މައި ގެ ނަމުންނެވެ.
މައި އާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެއް ފަހުން، ފަންވަތުގައި ޝާއިޢުކުރެވޭނެއެވެ.
|