ފަންވަތް ދިވެހި ޅެންބަހުރުވަ ގަނޑުވެފައިވާ ކޯރު
ބެލި ޢަދަދު: 2783
ގަނޑުވެފައިވާ ކޯރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
20 ޖޫން 2009، 20:33 ހޮނިހިރު


މިޚައިލް ނަޢީމާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1.
ކޯރާ! ޚަރީރުގެ އަޑު ނެތީ ފެން ހިނދި ނުވާތީހޭ ހިނގުން؟
                  ނޫނީ ތިބާ އަބަހައްދަވީހެއްޔޭ އަރައި ޢަޒުމަށް ގުޑުން؟

2.
އިއްޔެގަ ތަރާނާ އިއްވަމުން ދިޔައީ ތިބާ ދަނޑުފަނގު ތެރޭ،
                  އެކިއެކި ޒަމާނުގެ ވާހަކައިން ލަވަތައް ކިޔައި ދުނިޔޭ ތެރޭ.

3.
އިއްޔެގަ ތިބާ ހިނގަމުން ދިޔައި މަގުގައި ވިހައި ހުރަހެއް މަތިން،
                  ނަމަވެސް ތިބާ، މިއަދުގަ ވަނީ، ފުން ކަށްވަޅެއްގެ ހިމޭންމަތީ.


4.
އިއްޔެގަ ތިބާ ގާތަށް ރޮމުން އައިމާ ތަސައްލީއެއް ދިނީ،
                  މިއަދުގަ ހެނމުން އައިމާ ތިބާ އަހުރެންގެ ހިތް ރޮއްވާލަނީ.

5.
އިއްޔެގަ ތިބާ އަހުރެންގެ ގިސްލުން އަޑުއަހާފައި ވެސް ރުއިން،
                  ނަމަވެސް މިއަދު އަހުރެން މި ރޯ ރުއިމުގަ ތިބާ ބައިވެރި ނުވިން.

6.
ކަފުނެއް ތެރަށް ލީހޭ ތިބާ؟ ނޫނީ ފިނިންވާ ޤައިދަކުން،
                  ގަނޑުވުން އައިސް ހައްޔަރުކުރީ ހެއްޔޭ ތިބާ ހަމަ ކަސްތޮޅުން؟

7.
އައްސޭރި ފަށު، ޞަފުޞާފު ގަސް ހުއްޓަސް ފަތެއް އޭގައި ނެތޭ،
                  އުތުރުން ޖެހޭ ވައިރޯޅިތައް އައުމުން ދިރުން ގަހުގައި ނެތޭ.

8.
އަދި ޙައުރު ގަސް ފަތުރާލިޔަސް އޭގައި ވިހައި ގޮފި ބޯ މަތީ،
                  އަޑު ރީތިވީހައި ދޫނިތައް މިއަދަކު ނެތޭ ގޮފިތަކު މަތީ.

9.
ކަޅު ކާޅު އައިނޭ އަންނަނީ، ގޮވަމުން ފަޒާގެ ތެރޭން ދުރުން،
                  ގިސްލާ ރޮމުން، ތިޔަ ކޯރުގައި އިހު ހުރި ޒުވާންކަން ގެއްލުމުން.

10.
ހެނދުނާ ހަވީރަށް އަންނަހައި ކަޅު ކާޅުތައް ހިތްދަތިވަނީ،
                  ހިނަވާ ކަފުން ކުރުމަށް ތިބާ އައި ބަޔަކުހެންނޭ ސިފަވަނީ.

11.
ނަމަވެސް މި ފިނި މޫސުމް މުޅިން ނިމި، އަދި ބަހާރު އަންނާނެޔޭ،
                  ފިނި ހިލިހިލާ ކުރި ހައްޔަރުން ވީއްލޭ ދުވަސް ފެންނާނެޔޭ.

12.
ކޯރުގެ ތެރޭން ކުދި ރާޅު ދާނޭ މާކަނޑަށް ވެސް ފެތުރިގެން،
                  ޝަބުނަމްތިކިން މާބަނޑު ވެގެން، ދުވަހުގެ އަލިން މަސްތެއް ވެގެން.

13.
ވައިރޯޅިތައް ފިރުމާލުމުން، ތިޔަ ކޯރު ހިނިތުން ވާނެޔޭ،
                  އަދި ކަނު އަނދިރި ރޭރޭ އުޑުން، ތަރިތައް އައިސް ފީނާނެޔޭ.

14.
ތިޔަ ކޯރުގައި ރިހި ދޫލައެއް ހަނދުވަރު ގެނެސް ފަތުރާނެޔޭ،
                  އައްސޭރިފަށުގައި މާމެލާމެލި، އިރު އަރައި އަތުރާނެޔޭ.

15.
އަދި ޙައުރު ގަސް، ހުރިހައި މުޞީބާތްތައް ހަނދާން ނައްތާނެޔޭ،
                  ގޮފިތައް ނިކަން ފެހިކޮށްލަމުން، އާ ދިރުމަކަށް އަންނާނެޔޭ.

16.
ޞަފުޞާފު ގަސް މުސްކުޅި ވިޔަސް، ޅަދުވަސް އަލުން އަންނާނެޔޭ.
                  ގޮފިތަކު މަތީ ތިބެގެން ގޮވައި، ކުދި ދޫނިތައް އުދުހޭނެޔޭ.

17.
އަހުރެންގެ ވެސް އިހުގައި ވިޔޭ، ދަނޑުފަނގު ފަދައިންވީ ނަލަ ހިތެއް،
                  ކޯރާ! ތިބާ ހިތުގައި ހިނގާ އުންމީދުތައް އުތުރުނު ހިތެއް.

18.
ގަނޑުވީ މިއަދު، އުފަލުން ވިޔަސް ހެނދުނާ ހަވީރު ހިތް މާ ކުރިން.
                  ތިޔަ މޫނު ވެސް އުންމީދުވީ ރާޅާއެކީ ގަނޑުވީ ފަދައިން.

19.
ވީމާ، ދުވަސްތައް އަންނަނީ، ހެނދުނާ ހަވީރު އެއްގޮތް ވެގެން،
                  ދިރުމާ ޙަޔާތް މީޒާންވަނީ، ހުނުމާ ރުއިން ހަމަހަމަވެގެން.

20.
ނުވެޔޭ ތަފާތު ޚަރީފަކާ، ފިނި މޫސުމާ އަދި ނަލަ ބަހާރު،
                  ގިސްލާ ރުއިން، އުފަލުން ހުނުން، ވެއްޖޭ ނިކަން އެއްވަރު މިހާރު.

21.
އަގު ދަށް މިވީ، ދުނިޔޭގެ ވާ އަޑު ކިލަނބުވުން ކުރި އުނދަގުލުން،
                  އަގު މާތްވެގެންވީ ރީތިކަން ވެސް ބީވެގެން މާޒީވުމުން.

22.
ދޭސީއަކަށް ވިޔަކަސް ކުރިން، މެހުމާނަކަށް އަދު ވެއްޖެޔޭ،
                  އަދި ކީއްހެ، މީ، ޙައްލެއް ނުވާ އަރަތެއް ކަމަށް ވެސް ވެއްޖެޔޭ.

23.
އަހުރެންގެ ހިތް ތިޔަ ކޯރުހެން ހައްޔަރު ވިޔަސް ފަރަގެއް ވެޔޭ،
                  ތިޔަ ކޯރު އަދި ވާނޭ ނަޖާ، ނަމަވެސް މި ހިތް ނުމެވާނެޔޭ!

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ reader, 2009-06-20 15:48:27
ما شاء الله! ހާދަ އަސަރުގަދަ ޅެމެކޭ.. ޙަޤީޤަތުގައި ޅެމަކީ މިހިރީ.. މި ޅެން ކިޔަމުން ދިޔައިރު، ހީއެއްނުވޭ މި އިނދެވުނީ ހިޔާކޮށްފައި ހުރި ގެއެއްގައި ހެނެއް. ހީވަނީ ފަޒާގައި އުދުހެވޭހެން.. ޙަޤީޤަތުގައި ވެސް ވަރަށް ފުރިހަމަ. ތަރުޖަމާ ވެސް ވަރަށް ރީތި. ޚާއްޞަކޮށް ''ހެނދުނާ ހަވީރަށް އަންނަހައި ކަޅު ކާޅުތައް ހިތްދަތިވަނީ،
ހިނަވާ ކަފުން ކުރުމަށް ތިބާ އައި ބަޔަކުހެންނޭ ސިފަވަނީ.'' މި ބައިތު ގެންނަވާފައިވާލެއް ވަރަށް ހިތްގައިމު. ދެން ބުނެވޭނީ ހުރިހާ ބައިތުވެސް ވަރަށް ޗާލޭ. ޝުކުރިއްޔާ އުސްތާޛު މުޢީދު!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2783
extra avandia and congestive heart failure