ފަންވަތް ދިވެހި ޅެންބަހުރުވަ ކޮލެރާ
ބެލި ޢަދަދު: 711
ކޮލެރާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
24 ޖޫން 2009، 11:28 ބުދަ


ނާޒިކުލް މަލާއިކާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މި ހިމޭންވީ ރޭގަނޑު!

ކަންދޭށޭ އެހުމަށް ވޭނާ ރުއިމުގެ އަޑު!

ކަނު އަނދިރީގައި،

މަރުގެ ހިތާމައިގެ ހިމޭންކަމުގައި،

ބަލިމީހުން ގިސްލައި ރޯ އަޑު!

ހިތުގެ ހިތާމައިން ފެތުރޭ ހިތި އަޑު!


ހިތްތައް އަނދަމުންދާ ގަދަ އަޑު!


އޭގައިވީ އާހުން ފަތުރާލި ޞަދާ!


ކެކެމުންދާ ކޮންމެ ހިތެއްގައި،

ހިތިކަން ވޭ މީހުން ތިބި ޖިފުޓީގައި،

ރޮއި ރޮއި މަރުވާ ރޫޙެއްވޭ ކޮންމެ ތަނެއްގައި،

އަނދިރީގައި،

ރޯ އަޑު ވޭ ކޮންމެ ތަނެއްގައި،

ޖެހެމުން މިދަނީ ހިތްތައް މަރުގެ ޝިކާރައިގައި.

މަރު މަރު މަރު.

މަރު ކުރިކަން ފެނިފައި ކޯރު ތިރޯ ރުއިމާއޭ!



އަލިކަން އަތުވެއްޖޭ ފަތިހަށް،

ބުނަމޭ މީހުން އެ ހިނގާ އަޑު އެހުމަށް،

އަދި ގިސްލާ ރޮވެމުން ދާ މީހުން ދުށުމަށް.

ފަތިހުގެ ވި ހިމޭން ކަމުގައި،

ދިހަ މީހުން މަރުވެއްޖޭ، ނޫނީ ވިހި މީހުން،

ނުގުނާށެ ތިބާ މަރުވާ ޢަދަދެއް!

ބުނަމޭ އެހުމަށް ރޯއަޑު!

މިސްކީނު ކުދިން ގިސްލައި ރޯ އަޑު!

މަރުވާ މީހުން، މަރުވާ މީހުން،

ޢަދަދު ގުނޭކަށް ނެތް!

މަރުވާ މީހުން، މަރުވާ މީހުން،

މާދަމައެއް ވެސް އަންނާކަށް ނެތް!

ކޮންމެ ތަނެއްގައިވޭ ބަލި މީހެއް،

އޭނާ ގާތު އަޅާލާނެ ޙަޒީނެއް،

ދެމި ހުންނާނެ ހިނދެއް ނެތް،

ހަނު ހުންނާނެ އިރެއް ނެތް،

މީޔޭ މަރުގެ އަތުން ކުރި ކަމަކީ!

މަރު މަރު މަރު.

މަރު ދޭ އަނިޔާޔާމެދު އެންމެން ޝަކުވާކުރަނީ!



ކޮލެރާ!

ވީ ބިރުވެރި ހޮހަޅު ތެރޭގައި،

ކުދިކުދި ވެފަ ހުރި ގުނަވަންތަކުގައި،

އަބަދަށް ދެމިގެންވި ހިމޭންކަމުގައި.

އަދުގެ ދަވާ ކަމުގައި މަރު، ވެއްޖޭ!

ކޮލެރާ ބަލި ހޭލައްޖޭ!

ޙަސަދައިން ފުރި ފެތުރިއްޖޭ!

އުފަލުން އޮތް ނަލަ އަލި ވާދީއަށް ފައިބައްޖޭ!

މަޖުނޫނެއްހެން ތެޅެމުން ފޮޅެމުން ގޮވަމުން އެބަހަރަދޭ،

މިކަތުން ރޯ އަޑު ނުމެ އަހަޔޭ،

ކޮންމެ ތަނެއްގައި ވަކި އަޅުވައި ޒަޚަމެއް ކުރެޔޭ.

ނިކަމެތި އަންހެން ދަނޑުވެރިޔާ ވީ ޖިފުޓީގައި،

އެއްވެސް އެއްޗެއް ނެތް،

ސަކަރާތުލް މައުތުގެ އަޑު ފިޔަވައި.

މަރު މަރު މަރު.

ކޮލެރާއޭ މިކިޔޭ މުޖުރިމު، މަރު ހިފަމުންދޭ!



ވެރިވި ހިމޭންކަމުގައިވީ ހިތިކަމުގައި،

ތަކުބީރުގެ އަޑު ތަކުރާރުވަމުންދޭ،

ކަށްވަޅު ކޮނެދޭ މީހާ ވެސް ވަޅުލެވިދޭ،

ނަޞްރެއް ލިބުނު ކަތެއް ނެތް!

މަރުވެއްޖޭ މިސްކިތުގެ މުއައްޛިނު،

ދެން ކާކު ކުރާނީ ފަހެ، ކަފުނެއް މައްޔިތު!

ކުކުރާ އަޑަކާއި ބޭރަށް ލާ ނޭވާ ނޫން އެއްޗެއް ނެތް،

މި ތިބަ ކުދިންނަށް މި އަދަކު އަމަޔެއް ބަފަޔެއް ނެތް،

މި ކުދިން ރޯ އަޑު އިވެނީ އަނދަމުންދާ ހިތަކުން،

ނުލަފާ ބަލިގަނޑު ޤަތުލުކުރާނޭ މާދަން މި ކުދިން.

ބިރުވެރިވި ހިޔަންޏާއޭ! ތި ހިޔަނި ނުމެ ދޫކުރެޔޭ،

މަރުގެ ހިތާމަތަކެއް ނޫން އެއްވެސް އެއްޗެއް.

މަރު މަރު މަރު.

އޭ މިޞްރާއޭ!

މަރު ކުރި ކަންތައްތައް، ކުދިކުދި ކޮށްލީ،

އަހުރެން ހިތުގައިވި ޝުޢޫރޭ ކަތިލައިލީ!

*****


މިޅެމުގެ އަޞްލާއި ތަރުޖަމާގެ މީޒާނަކީ، "ބަސްކިރަމުން" އެވެ. މި ޅެން ހެއްދެވި ޝާޢިރާ، ނާޒިކުލް މަލާއިކާ އަކީ، ޢިރާޤުގެ މަޝްހޫރު ޅެންވެރިއެކެވެ. އޭނާ މި ޅެން ޝާއިޢުކުރައްވާފައިވަނީ، 1947 ގައެވެ. މި ޅެމުގެ ސަބަބުން، ޢަރަބި ޅެންވެރިކަމަށް ވަރަށް ބޮޑު އިންޤިލާބެއް އަޔެވެ.

ހުރިހާ ބައިތެއް އެއްވަޒަނަކަށް ފެތިފައިވާ ޅެމަށްވުރެ، މި ބާވަތުގެ ޅެން، މާ ފުރިހަމައެވެ. އެހެނީ، އިންސާނީ ޝުޢޫރުތައް ފާޅުކުރުމުގެ ކުޅަދާނަކަން މި ބާވަތުގެ ޅެމަށް ލިބިފައިވާ މިންވަރު މާބޮޑެވެ. މި ބާވަތުގެ ޅެމަށް ބައެއް މީހުން ދީފައިވާ ނަމަކީ، "މިނިވަން ޅެން" އެވެ. މިއީ، ވެޔޮ ޅެމެއް ނޫނެވެ. އަދި މިއީ، ނައްޞު ޅެމެއް ވެސް ނޫނެވެ.

މިނިވަން ޅެމާއި ވެޔޮ ޅެމާއި ނައްޞު ޅެން ހަދަނީ، ޅެން ހަދަން ނުދަންނަ މީހުން ކަމަށް ބުނެވޭ ބުނުމަކީ ޞައްޙަ ބަހެއް ނޫނެވެ. އެހެނީ، މި ތިންބާވަތުގެ ޅެމަކީ، ހުރިހާ ބައިތެއް އެއްވަޒަނަކަށް، އެއް ކާފިޔާއަކަށް ހުންނަ ޅެމަށްވުރެ މާ ފުރިހަމަ އެއްޗެކެވެ. ނަމަވެސް، މި ތިން ބާވަތުންކުރެ ބާވަތެއްގެ ޅެމެކޭ ކިޔާފައި، މީހަކު "ގޮދަންފުށް" ހަދައިފިނަމަ، އެޔެއް ޅެމަކަށް ނުވާނެއެވެ. ("ގޮދަންފުށް" ނަމަކަށް ކިޔާ ޅެމެއް ފަންވަތުގައި ޝާއިޢުކޮށްފައި ވާނެއެވެ.)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ދަރިވަރެއް, 2009-06-24 07:31:35
މި ޅެން ކިޔުމަށްފަހު އުސްތާޛް މުޢީދުގެ ގާތުން އެއްޗެއް އޮޅުންފިލުވައިލަން އެބަޖެހޭ....!!މި ޅެމުގެ ފަސްވަނަ ފޮޅުވަތުގައި "އޭގައިވީ އާހުން ފަތުރާލި ޞަދާ!" މިތާގައި މިވާ "ޞަދާ" މި ބަހުގެ މާނަ އަކީ ކޮބައިތޯ؟؟
...
ލިޔުނީ عبد المعيد حسن, 2009-06-24 11:51:15
ޞަދާއަކީ، އަޑު ގޮސް އެހެން ތަނެއްގައި ޖެހިފައި އެނބުރި އައުމެވެ. މިކަން ވާ އިރު، އަޑު ތަކުރާރުވާނެއެވެ. ޞަދާއަކީ، ދިވެހި ޅެމުގައި ބޭނުންކުރާ ބަހެކެވެ. ޅެންވެރިޔަކު ކިޔުއްވާފައި ވެއެވެ. "ހުދާ، ފެއްސާ، ރަތުން ރުކުރާ، ދިދައިގެ ވަސީލަތުން ވިހުރާ، އަދައިގެން ހެޔޮ ދުޢާ މި ކުރާ، ޞަދާއިން އަޑު އުފުއްލި ދުވަސް."

މަތީގައިވާ ޅެމުގެ ފަސްވަނަ ޝަތުރުގައި އެއޮތީ، "އޭގައިވީ އާހުން ފަތުރާލި ޞަދާ!" މިހެންނެވެ. މި ޝަތުރުގައި މިބުނަނީ، "އޭގައިވީ އާހުން ފަތުރާލާ އަޑު ތަކުރާރުވަމުން ދެއެވެ."
...
ލިޔުނީ މ, 2009-06-25 04:34:15
1. ވަރަށް ރީތި ޅެމެއް، އަދި ތަރުޖަމާއެއް. ތަހުނިޔާ މުޢީދު.
2. ޅެންވެރިކަމުގައި މީޒާން ބޭނުންކުރާ ގޮތާއި، މި ތަރުޖަމާގެ މީޒާން "ބަސްކިރަމުން" މި މީޒާނަށް ވާ ގޮތާ މެދު މަޢުލޫމާތެއް ދެއްވައިފި ނަމަ ޝުކުރުވެރިވާނަން.
3. ޝަތުރަކީ ކޮބައިތޯ؟ އެއީ ޅެމުގެ ކާފިޔާއެއް (ފޮޅުވަތެއް) ތޯ؟ެ ނުވަތަ އެހެން އެއްޗެއްތޯ؟ެ މިހެން މިދެންނެވީ "ދަރިވަރު"ގެ ސުވާލުގައި ފަސް ވަނަ ފޮޅުވަތޭ އޮވެފައި ޖަވާބުގައި ފަސް ވަނަ ޝަތުރޭ އޮތުމާ އެކު، ސުވާލު އުފެދުނު "އޭގައިވީ އާހުން ފަތުރާލެވުނު ޞަދާ!" އަކީ ޅެމުގެ އަށް ވަނަ ކާފިޔާ ކަމަށް ވާތީ.
4. މީޒާނާއި، ވަޒަނަކީ ވެސް އެއްމާނައިގެ ދެ ލަފުޒުތޯ؟ (ޅެންވެރިކަމުގައި)
...
ލިޔުނީ عبد المعيد حسن, 2009-06-25 07:21:55
1. އަޅުގަނޑު ދެކޭ ގޮތުގައި މީޒާނާއި ވަޒަނަކީ ދެއެއްޗެކެވެ. މީޒާނަކީ، ކިރަން ބޭނުންކުރާ ވަސީލަތެވެ. އޭގެ މިސާލަކީ ތިލަފަތެކެވެ. ވަޒަނަކީ، ބަރުދަނެވެ. އޭގެ މިސާލަކީ، ކިލޯ ގްރާމެކެވެ.

2. ފަސްވަނަ ޝަތުރުކަމަށް ލިޔެވިފައިވަނީ، އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ، އަށްވަނަ ޝަތުރެވެ.

3. މިނިވަން ޅެމުގެ ޝަތުރަށް، ބައިތޭ ކިޔައިފިނަމަ މާނަ އަރާރުންވާނެއެވެ. އަދި އެޔަށް ކާފިޔާއޭ ކިޔޭކަށް ނެތެވެ. މިހެންވެ، އަޅުގަނޑަށް ބުރަވެވުނީ، އެއަށް ޝަތުރު ކިޔުމަށެވެ.

4. މިނިވަން ޅެމާއި ވެޔޮޅެމާއި ނައްޞު ޅެމުގެ ފަރަގުތައް ބުނެދޭ މަޒުމޫނެއް ދާދި އަވަހަށް ފަންވަތުގައި ޝާއިޢުކުރެވޭތޯ ބަލާނަމެވެ. މީޒާނާއި ވަޒަނާއި ޝަތުރު ފަދަ ބަސްތަކާއި އޭގެ މަފުހޫމުތައް އެ މަޒުމޫނުގައި ވާނެއެވެ.
...
ލިޔުނީ ދަރިވަރެއް, 2009-06-25 12:40:41
އުސްތާޛް މުޢީދު ވިދާޅުވި ފަދައިން އަޅުގަނޑަށްވެސް ފަސްވަނަ ފޮޅުވަތޭ ލިޔެވިފައި އެވަނީ އޮޅުމަކުން.މ. އެކަން އިސްލާޙުކޮށްދެއްވީތީ ވ.ބޮޑަށް ޝުކުރުވެރިވަން....

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 84 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429333

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 711