ފަންވަތް ދިވެހި ޅެންބަހުރުވަ މިނިވަން ޅެމާއި ވެޔޮ ޅެމާއި ނައްޞު ޅެން
ބެލި ޢަދަދު: 1655
މިނިވަން ޅެމާއި ވެޔޮ ޅެމާއި ނައްޞު ޅެން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
26 ޖޫން 2009، 00:45 ހުކުރު


ޢަބްދުލްމުޢީދު ޙަސަން


ދިވެހި އަދަބިއްޔާތުގައި މަޝްހޫރުވެފައި ވަނީ، ޅެމުގެ ވަރަށް އިހުގެ ވައްތަރެކެވެ. އެއީ އަލި ޅެމެވެ. އަލި ޅެމަކީ، ބައިތުތަކެއްގެ މައްޗަށް އެކުލެވިފައިވާ އެއްޗެކެވެ. އޭގައި ވަޒަނަކާއި ކާފިޔާއަކާއި ބަނޑުވަށް އަކުރެއް ވެއެވެ.

ޅެމޭ ބުނެވޭ ބަހުން ދެ މާނައެއް ކުރެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެއް މާނައިގައި ޅެމަކީ، ކާ، ބަނދި ފަދަ ތަކެއްޗެވެ. ދެވަނަ މާނައިގައި، ޅެމަކީ، އަލި ޅެމެވެ. ނަމަވެސް، ޅެންވެރިކަމަށް އަންނަ ތަރައްޤީއާއި ކުރިއެރުމުގެ ތެރޭގައި، ޅެމުގެ އާ ބާވަތްތައް އުފެދޭނެކަމީ، ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.

ކާބަފައިންގެ ކިބައިން ވާރުތަވަމުން އައި ޅެންވެރިކަމަށް މިޒަމާނުގައި ވަނީ، ވަރަށް ބޮޑު އިންޤިލާބެއް އައިސްފައެވެ. އޭގެ ސަބަބުން، ޅެމާމެދު ކުރިން އެނގިފައި އޮތް މަފުހޫމުތައް ތަރައްޤީވެ، ކާފިޔާއެއް ނެތް، އާ ބާވަތެއްގެ ޅެމެއް ފާޅުވިއެވެ. އެއަށް އާޅެމޭ ކިޔުނެވެ. އާޅެން ވަނީ، އަލި ޅެމުގެ ހަމަތަކުން ބޭރުވެފައެވެ. މިކަމުގެ ސަބަބުން އަލަށް އުފެދުނު ޅެމާމެދު ނުރުހުމުގެ ނަޒަރަކުން ބެލުން އޮތެވެ. ނަމަވެސް ފަހުގެ ޅެމުގެ ވައްތަރުތައް މިހާރު ވަނީ، އަލި ޅެމުގެ މައްޗަށް ކުރި ހޯދަން ފަށާފައެވެ.


މި މަޒުމޫނުގައި ކުރުކޮށް ބަލައިލާނީ، މިޒަމާނުގައި އަލަށް އުފެދުނު ޅެމުގެ ބާވަތްތަކުގެ ތެރެއިން، މިނިވަން ޅެމާއި ވެޔޮޅެމާއި ނައްޞު ޅެމުގެ މައްޗަށެވެ.


މިނިވަން ޅެން

މިނިވަން ޅެމަކީ، އަލި ޅެމުގެ ވަޒަނާއި ކާފިޔާއާއި ބަނޑުވަށް އަކުރުން މިނިވަން ވެފައިވާ ޅެމެވެ. ނަމަވެސް އެއީ، ހުރިހައި ހިފެހެއްޓުމަކުން، މުޅިން ދޫކޮށްލެވިފައިވާ އެއްޗެއް ނޫނެވެ. އެހެނީ، މިނިވަން ޅެމުގެ ޝަތުރުތައް ވާނީ، މީޒާނަކުން ވަޒަންކުރެވިފައެވެ. އަދި ޅެންވެރިކަމުގެ ފަންނީ ސިފަތައް އޭގައި ވެއެވެ. އޭގެ މިސާލަކީ، އަކުރާއި ކަލިމަތައް ތަކުރާރުވުން ފަދަ ކަންކަމެވެ.

މީލާދީން ނަވާރަ ވަނަ ޤަރުނު ދެބައިވިއިރު، ހުޅަނގުގެ އަދަބިއްޔާތުގައިވަނީ، މިނިވަން ޅެންވެރިކަމުގެ ހެނދުނަކަށް އިރުއަރާފައެވެ. ނަމަވެސް، މެދުއިރުމައްޗަށް އެދުވަހުގެ އަލިކަން ފާއްދައިލީ ތަންކޮޅެއް ފަހުންނެވެ.

އިނގިރޭސި މިނިވަން ޅެމެއް ބިނާވެފައިވަނީ، އެތައް މީޒާނަކުން ވަޒަންކުރުމުގެ މައްޗަށެވެ. ޢަރަބި މިނިވަން ޅެމެއް ބިނާވެފައިވަނީ، އެއް މީޒާނުން ވަޒަންކުރުމުގެ މައްޗަށެވެ. މިއީ، އިނގިރޭސި މިނިވަން ޅެމާއި، ޢަރަބި މިނިވަން ޅެން ވަކިކޮށްދޭ ތަފާތެކެވެ.

މިނިވަން ޅެމުގައި ވަޒަންކުރުން އޮތަސް، ވަޒަންކުރެވިފައިވާ ކޮންމެ ބަސްތަކެއް މިނިވަން ޅެމަކަށް ނުވާނެއެވެ. އެހެނީ، ޅެމަކީ، އިންސާނީ ޝުޢޫތައް ތަޢުބީރުކުރާ އެއްޗެކެވެ. ވަޒަންކުރުމާއެކު، އޭގައި ޚިޔާލާއި ފިކުރާއި އިޙުސާސާއި ތަޞްވީރު ހިމެނެއެވެ.
ޝުޢޫރުތައް ފާޅުކުރުމުގެ ޤާބިލުކަން، އަލި ޅެމަށްވުރެ ބޮޑަށް މިނިވަން ޅެމަށް ލިބިފައި ވެއެވެ.

މިނިވަން ޅެމުގެ މިސާލެއްގެ ގޮތުން، ފަންވަތުގައި ޝާއިޢުކުރެވިފައިވާ، ނާޒިކުލްމަލާއިކާ ހެއްދެވި، "ކޮލެރާ" ފުދެއެވެ.


ވެޔޮ ޅެން

މިނިވަން ޅެމާ ޚިލާފަށް، ވެޔޮ ޅެމުގައި ކާފިޔާއެއް ވެއެވެ. ނަމަވެސް މުޅި ޅެމުގައި އެއް ކާފިޔާ އޮތުން ލާޒިމެއް ނޫނެވެ. ޙާލަތު ނިޔާކުރާ ގޮތުގެ މަތިން ކާފިޔާ ބަދަލުކުރެވިދާނެއެވެ. ބަނޑުވަށް އަކުރަކީ، ކޮންމެހެން އޮތުން ލާޒިމު އެއްޗެއް ނޫނެވެ. އޭގައި ބޭނުމެއް ވާނަމަ، ޅެމަށް އުނިކަމެއް ނުލިބޭނެހެން، އެ ބޭއްވިޔަސް މައްސަލައެއް ނެތެވެ.

ވަޒަންކުރުމުގެ ގޮތުން ބަލާއިރު، ވެޔޮ ޅެމާއި މިނިވަން ޅެން ދާދި އެއްގޮތެވެ. ވެޔޮ ޅެމުގައި ގުޅިފައިވާ ޝަތުރުތައް ވަޒަންކުރެވިފައިވާނީ، އެއް މީޒާނަކުންނެވެ. ޢާއްމު ޙާލަތުގައި އޭގެ ކާފިޔާ ނުވަތަ ޝަތުރު ނިމޭއަކުރު އެއްގޮތްވާނެއެވެ. މުޅި ޅެމުގެ ހުރިހާ ޝަތުރެއްގެ ނިމުން، ފިއްޔާއި އަކުރުގެ ގޮތުން އެއްގޮތް ކުރުމަކީ، ހުއްދަ ކަމެކެވެ.


ނައްޞު ޅެން

ދުނިޔޭގެ އަދަބިއްޔާތުގެ ތާރީޚަށް ބަލާއިރު، ނައްޞާއި ޅެމާ ދެމެދުގައި ވަރަށް ބޮޑު ތަފާތެއް ވާކަން އެނގެއެވެ. ނައްޞުގައި ކިރުމެއް ނޯވެއެވެ. އޭގެ ޢިބާރާތްތަކުން ދޭހަވާ މާނަތައް ތިލަވެފައި ސާފުކޮށް އޮޅުންފިލައެވެ. އޭގައި ކާފިޔާއެއް ނޯވެއެވެ.

ޅެން ބަހުރުވައަކީ ވަޒަނަކަށް ފެތިފައިވާ އެއްޗެކެވެ. ނުވަތަ އެއީ، މީޒާނަކުން ވަޒަންކުރެވިފައިވާ އެއްޗެކެވެ. އޭގައި ފުން މާނަތައް އެކުލެވެއެވެ. ސިފަކުރުމާއި މިޔުޒިކާއި ވަޖިދުވުން އޭގައި ހިމެނެއެވެ. މީހުންގެ ހިތަށް، އެއިން އަސަރުކުރެއެވެ.

މި ޒަމާނުގައި ޅެންވެރިކަމަށް އައި އިންޤިލާބަށްފަހު، އަދަބިއްޔާތުގެ ބައިތަކުގެ މެދުގައިވާ އިންތައް ފޮހެލުމަށް، އީޖާދީ ޚިޔާލުގެ އަހުލުވެރިން މަސައްކަތްކުރިއެވެ. އެއް ވައްތަރު އަނެއް ވައްތަރާ ގުޅުވައިގެން އާ ނަކަލުތައް ހެދުމަށާއި، އާ ވައްތަރުތައް އީޖާދުކުރުމަށް މަސައްކަތްކުރިއެވެ. ނައްޞުޅެން އުފެދުނީ މި މޭރުމުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ނައްޞުތަކުގައިވާ ޅެންވެރިކަމުގެ އަގުތައް، ނައްޞު ޅެމުގައި ފާޅުވެއެވެ. އޭގެ ބޭނުންކޮށްގެން ޅެންވެރިޔާގެ ހިތުގައިވާ ޝުޢޫރުތައް ހާމަކޮށްދެނީ ޝާޢިރީ ސިފައެއްގައެވެ. ބަޔާންކޮށްދިނުން ނިކަން ސާފުވާނެއެވެ. އެއާއެކު، އޭގައި ގިނަގުނަ މާނަތައް އެކުލެވިފައިވާނެއެވެ. އޭގެ ޝަތުރު ނިމޭނީ، ޖުމުލައެއް ނިމޭހެން، "އެވެ." އިންނެވެ.

މިނިވަން ޅެމާއި ވެޔޮ ޅެން ފަދައިން، މީޒާނަކުން ވަޒަންކުރުމަކީ، ނައްޞު ޅެމުގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް އެހެން ބާވަތެއްގެ މިޔުޒިކެއް އޭގައި ވެއެވެ. އެއީ، އެއް ގޮތަކަށް ކިޔޭ ބަސްތަކާއި ޢިބާރާތްތަކެވެ. ކިޔާއިރު އިވޭ އަޑުތަކުން އުފެދޭ އަޑުބާނީގައި މިޔުޒިކެއް ވާނެއެވެ. ވަކި ވަޒަނެއް ނެތެއްކަމަކު، އަޑުއިވޭއިރު، އޭގައި މިޔުކީ ގޮތެއް ހުންނާނެއެވެ.

އެކި ސަގާފަތްތަކުގައި މި ބާވަތުގެ ޅެމަށް ކިޔާ ނަން ތަފާތުވެފައި ވެއެވެ. ވިހިވަނަ ޤަރުނުގެ މެދުތެރޭގައި ޢަރަބި ޅެންވެރިން މި ބާވަތުގެ ޅެމަށް ކިޔާފައިވަނީ، "ޤަޞީދަތުއް ނަޘްރު" އެވެ. މިއީ، ފަރަންސޭސި ބަހުން ޢަރަބި ބަހަށް އައިސްފައިވާ މުޞްޠަލަޙެކެވެ. މި ބާވަތުގެ ޅެމަށް، "އައްޝިޢުރުލް މަންޘޫރު" ގެ ނަން ދެއްވީ، އަމީނުއް ރައިޙާނީ އެވެ. މިނަން ދިވެހި ބަހަށް ތަރުޖަމާކުރެވިގެން "ނަޘްރު ޅެމޭ" ކިޔާ އަޑު އަހަމެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. މި ބާވަތުގެ ޅެމަށް ޙައްޤުވެގެންވާ މަޤާމާއި ހައިބަތު، އެނަމުގައި އެކުލެވިފައި ނުވާތީއެވެ. އެޔަށް "ނައްޞު ޅެން" ކީ މިހެންވެ އެވެ.


ނިންމުން

ނަންގަނެވިދިޔަ ނުކުތާތަކަށް ބަލާއިރު، އިހުގެ އަލި ޅެމާއި، މިޒަމާނުގައި އަލަށް އުފެދުނު ތިން ބާވަތެއްގެ ޅެމާ ދެމެދުގައި ހުރި ތަފާތު އެބަ އެނގެއެވެ. އަލި ޅެމުގެ ޚާއްޞަ ސިފަތަކުން، މިނިވަން ޅެން އެއްކިބާވެފައި ވިޔަސް، އެއީ މީޒާނަކުން ވަޒަންކުރެވިފައިވާ އެއްޗެކެވެ. މިނިވަން ޅެމާ ޚިލާފަށް ވެޔޮ ޅެމުގައި ކާފިޔާއެއް ވެއެވެ. ނައްޞު ޅެމުގެ ޝަތުރު ނިމޭނީ "އެވެ." އިންނެވެ.

މި މަޒުމޫނުގެ މަޤުޞަދަކީ، ދިވެހި ޅެންވެރިކަން ތަރައްޤީކޮށް ކުރިއެރުވުމެވެ. މިކަން ކުރެވޭނީ، ޅެންވެރިންނާއި ނާޤިދުންގެ ބިނާކުރަނިވި ޚިޔާލާއެކުގައެވެ. ވީމާ، މި ލިޔުމަށް ބިނާކުރަނިވި ޚިޔާލުތައް ހުށަހެޅުއްވުން އެދެމެވެ.


ބައެއް ލަފުޒުތަކުގެ މާނަ

ޅެން: ހިތުގައި އުފެދޭ ޝުއޫރެއް، ނުވަތަ ހިތަށްވައްދާ ޝުއޫރެއް، ފާޅުކުރާ އަސަރުކުރުވަނިވި ޝާޢިރީ ބަސްތައް. (ދިވެހި ބަސް ފޮތުގައި އޮތް މާނައާ، މި މާނަ ތަފާތެވެ.)

އަލި ޅެން: މިބާވަތުގެ ޅެން ދިވެހި ބަހުން އެންމެ ފުރަތަމަ ހައްދަވަން ފެށްޓެވީ ހުތް އަލިދީދީ އެވެ. އެހެންވެ، މިބާވަތުގެ ޅެމަށް އޭނާގެ ނަމުން ނަންދިނީއެވެ. މިހެން ނަންދިނީމާ، މި ބާވަތުގެ ޅެމާ، އެހެން ޅެން، ވަކިކުރަން ފަސޭހައެވެ.

ބައިތު: ޅެމެއްގެ ދެ ކާފިޔާ. ބައިތުގައި ޞަދުރަކާއި ޢަޖުޒެއް ވެއެވެ. އަލި ޅެމުގައިވާ ބައިތުތަކުގެ ދިގުމިން ޢާއްމު ގޮތެއްގައި އެއްވަރުވާނެއެވެ.

ބަނޑުވަށް އަކުރު: ޅެމުގެ ކާފިޔާގެ ފެށޭތާ އޮންނަ ދެވަނަ އަކުރު.

ޝަތުރު: މިނިވަން ޅެމާއި ވެޔޮ ޅެމާއި ނައްޞު ޅެމުގެ ޅެން ފޮޅުވަތް. މީގައި ޞަދުރަކާއި ޢަޖުޒެއް ނޯވެއެވެ. އަދި، ޅެމެއްގައިވާ ހުރިހާ ޝަތުރެއްގެ ދިގުމިން އެއްވަރުވާކަށް ނުޖެހެއެވެ.

މީޒާން: ކިރަން ބޭނުންކުރާ އެތި. މިސާލު: "ބަސްކިރަން"

ވަޒަން: ޅެމުގައި ބޭނުންކުރާ ވަޒަން. މިސާލު: "ކިރަން ބަސް ކިރަން ބަސް ކިރަން ބަސް"

ވަޒަނަށް ފެއްތުން: ޅެމުގެ ބައިތުތައް ވަކި ވަޒަނަކަށް ފެތޭނެހެން ހެދުން. މިހެން ހެދީމާ، އަލި ޅެމުގައިވާ ބައިތުތަކުގެ ދިގުމިން އެއްވަރުވާނެއެވެ.

ވަޒަންކުރުން: މީޒާނެއްގެ ބޭނުންކޮށްގެން ޅެމުގެ ޝަތުރުތައް ވަޒަންކުރެވިފައި ވާނެހެން ހެދުން. މިހެން ހެދީމާ، ޅެމުގައިވާ ޝަތުރުތަކުގެ ދިގުމިން އެއްވަރުވާކަށް ނުޖެހެއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ސަމީޢު, 2009-06-26 00:01:04
ވަރަށް ރަނގަޅު މަޢުލޫމާތެއްލިބިއްޖެ އެއާއި އެކު ދަންނަވާލަން ޖެހެނީ މިނިވަން ޅެމާއިބެހޭގޮތުން ލިޔުއްވާފައި އެވައްތަރުގެ ޅެމެއްގެ ނަން ޖައްސަވައިފައި އޮތްގޮތަށް އެހެން ބާވަތް ތަކަށްވެސް މިސާލެއް ދެއްވާފައިވީނަ މިޅިޔުއްވުމުން ހާދަބޮޑު އެއްޗެއް ދަސްވީހޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ މިފަދަ ލިޔުއްވުމެއް މިސާލާއިއެކުނޫނީ ދޭހަވުން ކުޑަވާނެތީއެވެ.
...
ލިޔުނީ ދިވެހި ކިޔަވައިދޭ މުދައްރިސެއް, 2009-06-26 05:35:33
އުސްތާޛު މުޢީދުގެ މި މަސައްކަތްޕުޅަކީ ވަރަށް ފުރިހަމަ މަސައްކަތްޕުޅެކެވެ. މިއީ ޅެންވެރިކަމުގެ އާ ވިސްނުމަކަށް ލޯ ހުޅުވައިލައިދިން އުފެއްދުންތެރި މަޒުމޫނެކެވެ. ޚިޔާލަކަށް އެދިވަޑައިގެންފައި އޮތީމާ ދަންނަވަމެވެ. ގެންނަވައިފައިވާ ބައިތަކުގެ ތެރެއަށް މި ސާލުތައް ހިމަނައިލެއްވި ނަމަ ވަރަށް ރަނގަޅުވީހެވެ. ނުވަތަ އަދި ވެސް މި ކަން ކުރެއްވުމަށް ފުރުޞަތު އެބަ އޮތެވެ. އެކަން އެ ގޮތަށް ކޮށްދެއްވައިފިއްޔާ ވަރަށް ރަނގަޅެވެ. އޭރުން ކިޔަވައި ދިނުމުގައި ދަރިވަރުންނަށް ހުށަހަޅަން ވަރަށް ފުރިހަމަ ލިޔުމަކަށްވާނެ އެވެ. މި ހާރު ގެންނަވައިފައިވާ ޚުލާޞާ ގޮތަށް ބަލާއިރު، އަޅުގަނޑަކަށް ވެސް އެހެން މީހަކަށް ނުވަތަ އެހެން ކުދިބަޔަކަށް ކިޔައިދެވޭ ވަރަކަށް މި ލިޔުން ހިތަށް ވަންތްހެނެއް ހީއެއްނުވެއެވެ.
...
ލިޔުނީ ޞަލާޙު, 2009-06-26 18:26:27
އުސްތާޛު މުޢީދު، ދިވެހި އަދަބިއްޔާތަށް ކުރައްވަމުން ގެންދަވާ މި ޚިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. މި ރޮނގުން ތިބާގެ އިތުރު މަސައްކަތްޕުޅުތައް ފެންނާނެ ކަމުގެ އުންމީދުގައިވަމެވެ. ދިވެހި ބަހުގެ އިތުރު ޅެންތައް ވެސް ހިމެނޭ ގޮތުންނެވެ. ތަކުރާރުކޮށް ޝުކުރިއްޔާ އެވެ!
...
ލިޔުނީ عبد المعيد حسن, 2009-06-27 04:12:51
ޚިޔާލު ހުށަހެޅުއްވި ބޭފުޅުންނަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

އިތުރަށް ބޭނުންވާ ބޭފުޅުންނަށް ދަންނަވަމެވެ. މި މަޒުމޫނުގައި އަޅާލެވިފައި މިވަނީ، ސުރުޚީތަކެކެވެ. މާތް ﷲ ގެ ވާގިފުޅާއެކު، މިޔާ ގުޅުންހުރި އިތުރު ލިޔުންތައް ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

މި ލިޔުމުގައިވާ ނައްޞު ޅެމުގެ މިސާލަކާ ބެހޭ ގޮތުން ފަންވަތުގައި ލިޔެފައިވާނެއެވެ. އެއީ، "ޙަޒީނުގެ މަރަށް ނަޒަރެއް" މި ނަން ކިޔުނު މަޒުމޫނެވެ. މިނިވަން ޅެމުގެ ދެ މިސާލު ތަރުޖަމާ ކޮށްފައިވާނެއެވެ. އެއީ، "ކޮލެރާ" އާއި "... އަންހެނަކު ނުވާ ކަމުގައި ހެކިވަން!" އެވެ.

ވެޔޮ ޅެމުގެ މިސާލުތައް ގެނެސްދެވޭތޯ އެބަ މަސައްކަތްކުރަމެވެ.

މި ލިޔުމުގައި، ވެޔޮޅެމާއި ނައްޞު ޅެމުގެ މިސާލެއް ނުހިމެނީ، އޭގެ މިސާލުތައް ފަހުން ގެނެސްދިނުމަށް ހަމަޖެހިފައިވާތީއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1655
extra avandia and congestive heart failure