ފަންވަތް ދިވެހި ޅެންބަހުރުވަ ދިވެހި ޅެންވެރިކަމުން ދިވެހިންގެ މާޒީ ފެންނާން ހުރެއެވެ.
ބެލި ޢަދަދު: 1764
ދިވެހި ޅެންވެރިކަމުން ދިވެހިންގެ މާޒީ ފެންނާން ހުރެއެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 0
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
30 ޖޫން 2009، 00:14 އަންގާރަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކޮންމެ ޤައުމެއްގައި ނަމަވެސް އެ ބަޔެއްގެ ސަގާފަތަކީ އެބަޔެއްގެ ފަސްމަގުގެ މޫނު ބަލާ ލޯގަނޑެވެ. އެހެނީ ކާބަފައިންގެ އަޞްލާއި ހަގީގަތް އެއް ޖީލުން އަނެއް ޖީލަށް ވާޞިލުކޮށްދެނީ ސަގާފަތުގެ ތެރެއިންނެވެ. ސަގާފަތޭ އަޅުގަނޑު މި ދެންނެވީ ކާބަފައިންގެ ވިސްނުމާއި ފިކުރާއި ޚިޔާލާއި ވާހަކަދެއްކުމާއި ޢިލްމާއި ހުނަރާއި ފަންނުތަކާއި މަސައްކަތްތެރިކަމާއި މި ހުރިހައި ކަމަކާ ގުޅޭ އާދަކާދަތަކަށެވެ. އެހެންވީމާ ދިވެހީންގެ ފަސްމަގު ދިވެހީންނަށް މި އެނގެނީ ސަގާފަތުގެތެރެއިންނެވެ. ދިވެހީންގެ އަޞްލާއި ހަގީގަތް މި ސަގާފަތް ދިވެހީންނަށް އަންގައިދެނީ ދިވެހީން މާޒީ އެވެ.

އަދަބިއްޔާތާއި ޅެންވެރިކަމަކީ ސަގާފަތުގެ އެންމެ މުހިއްމު އެއް ބައިކަމާމެދަކު ޝައްކެއްނެތެވެ. ހަގީގަތުގައި ޅެންވެރިކަމަކީވެސް އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެންވީމާ ޅެންވެރިކަމަކީ އަޅުގަނޑުމެންގެ މާޒީގެ މޫނުބަލާ ލޯގަނޑެކޭ ދެންނެވިދާނެއެވެ. ސަބަބަކީ ދިވެހި ޅެންވެރިކަމުން ދިވެހީންގެ މާޒީ ވަރަށް ރީތިކޮށް ފެންނާން ހުރިތީއެވެ.

އާދޭހެވެ! ދިވެހި ޅެންވެރިކަމުން ދިވެހިންގެ މާޒީ ފެންނާން ހުރެއެވެ. އެބަހުއްޓެވެ. މިކަމަށްޓަކައި ޅެންވެރިކަމުގެ މާ ފުނަށް ފީނާކަށް ނުޖެހެއެވެ. މާގިނަ ތަނެއްގައި އަތްފުނާ އަޅަކަށްވެސް ނުޖެހެއެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް މިދެންނެވި ބަހުގެ ސާބިތު ހެކި ފެންނާން އެބަހުއްޓެވެ. އަންނަނިވި ބައިތު ވިދާޅުވެލައްވާށެވެ!

"برطانيــة عـــظمى  ގެ ފުރިހަމަވީ  حماية ލިބެވުމުން
               شــرق ން ތެރޭ ދިދައަށް ދިވެހި عزّة ނުލިބި ހުންނާނެތޯ"
(މުޙައްމަދު އިސްމާޢީލް ދީދީ، 1362)

މާނަ: ބަރުޠާނިޔާ ޢުޡުމާ (ނުވަތަ ގްރޭޓް ބްރިޓްން، ނުވަތަ މަތިވެރިވެގެންވާ އިނގިރޭސިވިލާތް) ގެ ފުރިހަމަވެގެންވާ ޙިމާޔަތް ލިބުނީމާ ޝަރުޤުންތެރޭ (ހުޅަނގުގެ ޤައުމުތަކުގެ މެދުގައި) ދިވެހި ދިދައަށް |ޝަރަފާއި| ޢިއްޒަތް ނުލިބި ހުންނާނެތޯއެވެ؟ (ނުލިބިއެއް ނުހުންނާނެއެވެ.)

        ދިވެހީންނަކީ މާޒީގައި އިނގިރޭސި ޙިމާޔަތުގައި ވެސް އުޅުނު ބަޔެއް ކަމާއި އަދި މި ޙިމާޔަތުގައި ވުމަކީ ދިވެހީން ޝަރަފެއް ކަމުގައި މާޒީގައި ގަބޫލުކުރި ކަމެއްކަން ވެސް މި ބައިތުން ވަރަށް ރީތިކޮށް އެބަ ދައްކައިދެއެވެ. އެހެންވީމާ ދިވެހީންނަކީ އެއް ދުވަސްވަރެއްގައި އިނގިރޭސި ޙިމާޔަތުގައި އުޅުނު ބަޔެއްކަން މި ޅެމުގެތެރެއިން މި އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. މިޅެމުގައި ދެން އޮތް ބައިތު ދޫކޮށް އެޔާ ޖެހިގެން އޮތީ އަންނަނިވި ދެ ބައިތެވެ.

"ނަމުގައި ޖިޒީ ދެވެމުން މިއައި، ސަރުކާރަކަށް ބޮޑު أجنبي
                ކަމުގައި މި ކެނޑިގެން ދިޔަ ގޮތުން އުފަލުން ނުރޮވި ހުންނާނެތޯ

ރުހުމާއި ދެފަރާތުން އެކީ نا مه  عهد ގައި ސޮއި ވުމުން
                އިހުގައި އުޅުނު ދިވެހީންގެ أبطــــالން ހަނދާން ނުވެ ދާނެތޯ"
(މުޙައްމަދު އިސްމާޢީލް ދީދީ، 1362)

މާނަ:  ބޮޑު އަޖްނަބީ (ބީރައްޓެހި) ސަރުކާރަކަށް ޖިޒީގެ ނަމުގައި މި ދެވެމުން އައި {ބޮޑު ބުރަ} މި  ކެނޑިގެން ދިޔަ ގޮތުން އުފާވެގެން ނުރޮވި ހުންނާނެތޯއެވެ؟ (ނު ރޮވިއެއް ނުހުންނާނެއެވެ.) ދެ ފަރާތުން (ދެ ޤައުމުން) ރުހިގެން {ޖިޒީކަނޑައިލި ކަމުގެ} ޢަހުދުނާމާ (އެގްރީމެންޓް) ގައި ސޮއިކުރެވުނީމާ، އިހުގައި އުޅުނު ދިވެހި އަބްޠާލުން{ގެ މަތީން} ހަނދާން ނުވެދާނެތޯއެވެ؟ (ހަނދާން ނުވެއެއް ނުދާނެއެވެ. އެހެނީ މިއީވެސް ކުރީގެ ކާބަފައިން ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ކުރެއްވިފަދަ އަގުހުރި ޚިދުމަތެކެވެ.)

        މި ދެ ބައިތުން އެއްވެސް ޝައްކެއް ނެތި ދޭހަވަނީ ދިވެހީންނަކީ ކުރިން އިނގިރޭސި ސަރުކާރަށް ޖިޒީދީގެން އުޅުނު ބަޔެއްކަމެވެ. އަދި ދެފަރާތުގެ ދެމެދުގައި ވާހަކަދެކެވި އެއްބަސްވެވި އެގްރީމެންޓެއްކުރެވިގެން އެ ޖިޒީކަނޑައިލެވުނުކަމެވެ. މިއީ ދިވެހި ޤައުމަށް ލިބުނު ދާޚިލީ މިނިވަންކަމެއް ކަމެވެ. މި ކަން ދިވެހީން ވަރަށް ބޮޑަށް ފާހަގަކޮށް އުފާ ފާޅުކޮށް ހެދިކަންވެސް މި ޅެމުގެ އެކިއެކި ބައިތުތަކުން ދޭހަވެއެވެ. އެހެން ނަމަވެސް މި ދާޚިލީ މިނިވަންކަން ލިބުނީ ކޮން ދުވަސްވަރެއްގައި ކަމެއް މި ބައިތުތަކުން ސާބިތެއް ނުވެއެވެ. އެކަމަކު ޖިޒީކަނޑައިލި ކަމުގެ އެގްރީމެންޓްގައި ސޮއިކުރެއްވި ދުވަސްވަރެއް މި ޅެން ހެއްދެވި އަހަރަށް ބަލައިލުމުން ދޭހަވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ދާޚިލީ މިނިވަންކަން ހޯއްދަވައިދެއްވައި، ދިވެހީން އިނގިރޭސި ސަރުކާރަށް ދެމުން އައި ޖިޒީ ކަނޑުއްވައިލެއްވުމަށްޓަކައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ކޮން ބޭފުޅެއްކަމާއި މިކަމުގެ އެގްރީމެންޓްގައި ސޮއިކުރެއްވީ ކޮން ބޭފުޅެއްކަން ސާފު ބަހުން ބަޔާންކުރައްވައިފައި އެބަ އޮތެވެ. "މިނިވަންކަމުގެ އުފާ" މި ޅެމުގެ އެންމެ ފަހު ބައިތުގައެވެ. ވިދާޅުވާށެވެ!

        "އެކަށޭނަ އެގްރީމެންޓްހެން ترتيب ކޮށް تحر يري ތައް
                 ހެއްދެވި އެ بــانى އަށް أ مين ނުދަރައި ވަކިން ހުންނާނެތޯ"
(މުޙައްމަދު އިސްމާޢީލް ދީދީ، 1362)

މާނަ: {އިސްވެ ދެންނެވުނު} އެގްރީމެންޓް އެކަށީގެންވާ އެއްޗެއް ކަމަށް ހެއްދެވުމަށްޓަކައި އެ تحرير ތައް (ޑޮކިޔުމެންޓްތައް ނުވަތަ ކިތާބީ ލިޔުންތައް) ترتيب ކޮށް (މެނޭޖްކޮށް) ހެއްދެވި (ތައްޔާރުކުރައްވައި ބެލެހެއްޓެވި) އެ با نى ، أمين އަށް ނުދަރައި ވަކިން ހުންނާނެތޯ އެވެ. (ނުދަރައެއް ނުހުންނާނެއެވެ.)
       
މި ބައިތުން އެއްވެސް އޮޅުމެއް ނެތި ހާމަވަނީ ދިވެހި ޤައުމަށް ދާޚިލީ މިނިވަންކަން ހޯއްދަވައިދެއްވައި ޒަމާނުއްސުރެ ދިވެހި ދައުލަތުގެ ފަރާތުން އިނގިރޭސި ސަރުކާރަށް ދެމުން އައި ޖިޒީ ކަނޑުއްވައިލެއްވީ ސުމުއްވުލައަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުކަމެވެ.
       
ދިވެހި ޅެންވެރިންނަށް ހަމަ ސާބަހެވެ. މާޒީގެ ކޮންމެ ހާދިސާއެއް ވަރަށް ރީތިކޮށް ޅެން ބަހުން ފެންނަން އެބަހުއްޓެވެ. ދިވެހި ޤައުމަށް ދާޚިލީ މިނިވަންކަން ލިބުމަށްފަހު ވެސް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ދިވެހިން ކުރި މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. މި ގޮތުން ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުގޮތް ވެސް ވަރަށް ރީތިކޮށް ޅެންބަހުގެތެރެއިން ފެންނާން އެބަ އޮތެވެ. އަންނަނިވި ބައިތުތައް ވިދާޅުވެލައްވާށެވެ!
       

"ޝައުޤަކުން ހިތްތައް މި ކުރުވަން ދައުރަކުން އުންމީދު ދިރުވަން
         ޤައުމަކަށް އަލި ދޭށަ މިނިވަން ދުވަހަކަށް ތޮޅިލީ ފެނުން އިރު

ގައިމުވެސް ދިރުމެއް އައީއްޔޭ ވައިފެނަށް ބަދަލެއް އައީއްޔޭ
         ހައިބަތެއް  ދައްކައިދިނިއްޔޭ  ހެޔޮވެލާ  ދީބުގެ  ސަމައްތަރު

ސައްތައިން އޮނަވިހި ވިދާލީ ފަސްދޮޅަސް ފަހަކާ ގުޅާލީ
          ރަސްމުވެވި ސައްބީސް ޖުލާއީ ގޮސް ކުރީ ފާހަގަ ކަލަންޑަރު"
(ޔޫސުފް މުޙައްމަދުފުޅު1993)

އިސްވެ ދެންނެވުނު 3 ބައިތު ކިޔައިލުމުން ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުކަމާއި މި މިނިވަންކަން ލިބުނު ތާރީޚު ވަރަށް ޞަރީޙަކޮށް އެބަ ހާމަވެއެވެ. އަދި މި މިނިވަންކަން ހޯއްދެވުމުގައި އިސްކޮށް ހުންނެވީ ކޮން ބޭފުޅެއްކަން މި ޅެމުގެ އެންމެ ފަހު ބައިތުން މާރީތިކޮށް އޮޅުންފިލުވައިދެއްވައިފައި އެބަވެއެވެ.

"ކަރުނަތައް ލޯބިން ވެލީ ބަރު ދަރުމަޔަށް އެދިގެން ގޮވާއިރު
            ހަރުހަވެތިވެލުމަށް ޢަނާޞިރު، މަރުޙަބާއޭ އަދުގެ ނާޞިރު"
                                        (ޔޫސުފް މުޙައްމަދުފުޅު1993)
       
މާޒީގެ ތެރެއިން ދިވެހި އަބްޠާލުންގެ ތަފާތު ޚިދުމަތްތައް ވެސް ޅެންވެރިކަމުން ވަރަށް ރީތިކޮށް ފެންނާން އެބަހުއްޓެވެ. މިސާލެއްގެ ގޮތުން ޔޫސުފް ޢަލިފުޅު (1996) ލިޔުއްވައިފައިވާ "ދިވެހި ބަޠަލުންގެ ރޫޙު" މި ޅެމަކީ މާޒީވެ ދިޔަ މަޝްހޫރު އަބްޠާލުންގެ އަގުހުރި ޚިދުމަތްތައް ޚުލާޞާ ގޮތެއްގައި ނަމަވެސް ދައްކައިދެއްވައި އަދި އެ ބޭފުޅުންގެ ޝަޚުޞިއްޔަތު ހާމަކޮށްދެއްވައިފައިވާ ޅެމެކެވެ. ބައެއް ބައިތުތައް ނަކަލުކޮށްލާނަމެވެ.
      
 "ތާރީޚުގައި ފާހަގަ ވެވޭތީ ދަރުމަވަންތަ މަހާރަދުން
       ތާރީފުކުރުމަށް ޙައްޤުވާ ދީލަތިކަމެއްގެ އެ މިންވަރޭ

ބޮޑުތަކުރުފާނުގެ ނަންފުޅުން މަޝްހޫރުވީ ޣާޒީ ރަދުން
    ގޮނޑުދޮށްތަކުން ކުފުރާއި އަޅުވެތިކަން އޮޔާލެއްވެވި ވަރޭ

އަލި ރަސްގެފާނުގެ އަލިވެގެންވާ ލޭފޮދުގެ ރަތްކުލައަކީ
     އަލިކަން އެ އަޅުވެތިކަމުގެ ނައްތާލެއްވުމަށް އޮތް ޖައުހަރޭ

މޮޅު ޙިކުމަތާއެކު މިންނަނުން އެ ކުރެއްވި ދޮންބަންޑާރައިން
       ތޮޅުވާލި ހޮޅި ރާޅުގެ ހޮޅިން އުންމަތް ސަލާމަތް ވީވަރޭ

ބޮޑުރަސްގެފާނުންދެއްވި ޢިމްރާނީ ނަމޫނާ ބިންގަލުން
         ލޮޑުކަން ނައިސް ކުރެވޭ ޢިމާރާތާ ބިނާތައް ހުރިވަރޭ"

މި ޅެމުގައި މިވާ ވާހަކަތައް އަލުން ތަކުރާރުކުރުމުގެ ބޭނުމެއް ނެތެވެ. ކުފުރާއި އަޅުވެތިކަމުން ދިވެހިން ސަލާމަތްކޮށްދެއްވި ބަޠަލަކީ ޣާޒީ ރަދުންކަމަށް ބަޔާންކުރައްވަމުން، އެ ޖިހާދަށް ހިތްވަރު ލިބިވަޑައިގަތީ ޢަލިރަސްގެފާނުގެ ހިތްވަރުފުޅު ގަދަ ޖިހާދުންކަން އެބަ އެނގެއެވެ. އަދި ހޮޅިންގެ ކިބައިން ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވީ ޙިކުމަތްތެރި ރޭއްވެވުމެއްގެ މަތީންކަން އެބަ ދޭހަވެއެވެ. ރާއްޖެ މިއަދު މި ދެކޭ ޢިމްރާނީ ތަރައްޤީ އަކީ ބޮޑު ރަސްގެފާނު އެޅުއްވި ބިންގަލުގެ މަތީގައި ދެމިގެން އަންނަ ތަރައްޤީއެއްކަން އެބަ ހާމަވެއެވެ. މިހެން ގޮސް މާޒީވެ ދިޔަ މަޝްހޫރު ހުރިހައި ބަޠަލުންގެ ކުރު ޚުލާޞާއެއް މި ޅެމުން ސާފުކޮށް ގެނެސްދެއްވައެވެ. މާޒީގެ ތާރީޚުގެ ތެރެއިން ވަރަށް ފުރިހަމަ އަލިކަމެއް މިޅެމުން އެބަ ލިބެއެވެ. 

ދެން އެހެން ދިމާއަކަށް ބަލައިލާނަމެވެ! ދިވެހިންނަކީ ކޮން ބަޔެއް ކަމާއި ދިވެހީންގެ ޝަޚުޞިއްޔަތާއި ދިވެހީންގެ ރީތި ސިފަތަކާއި މަސައްކަތްތެރިކަން ވަރަށް ރީތިކޮށް ހާމަކޮށްދީފައިވާ ޅެމެކެވެ. ދިވެހީންގެ މާޒީއާމެދު ދިވެހިން ފަޚުރުވާނޭ ޅެމެކެވެ. އާދޭހެވެ! ކޮޕީ މުޙައްމަދު ރަޝީދު (1988) ހައްދަވައިފައިވާ "ދިވެހިންނަކީ...." މި ޅެމުން ދެ ބައިތެއް ނަމަވެސް ވިދާޅުވެބައްލަވާށެވެ!

"މިނިވަންކަމެއް ލިބި ވާ ބަޔެއް، ހިނިތުންވެ އުފަލުން ތިބި ބަޔެއް،
        ދިނިގެންވި މަގުގައި ދާ ބަޔެއް، ވި ނިޔާފުޅަށް ރުހިތިބި ބަޔެއް

އަކުރެއް ފަޚުރުވެރި އޮތް ބަޔެއް، އަކުރުންނެ ތާން ލިޔާ ބަޔެއް
      ޝުކުރުން އެކަން ދެނެގަތް ބަޔެއް، އެކުގައި މިބަސް ދިރުވާ ބަޔެއް"
(ކޮޕީ މުޙައްމަދު ރަޝީދު 1988)

މާނަ: {ދިވެހިންނަކީ} މިނިވަންކަން ލިބިފައިވުމާއެކު އެކަމުގެ އުފަލުގައި ހިނިތުންވެގެން ތިބެ ދިރިއުޅެމުން ގެންދާ ބަޔެކެވެ. {އެބައި މީހުންނަށް} ތާނައިގެ ނަމުގައި ފަޚުރުވެރި އަކުރެއް ލިބިފައިވާތީ އެ އަކުރުން ލިޔެ {ކިޔައި} ހަދާ ބަޔެކެވެ. {އަދި} މިކަމަށް ޝުކުރުވެރިވެ ތިބެ އެ ބަސް ދިރުވުމަށް މަސައްކަތްކުރާ ބަޔެކެވެ.
       

ދިވެހި ޅެންވެރިކަމުގެތެރެއިން ދިވެހީންގެ މާޒީ ކިތަންމެ ރީތިކޮށްވެސް އެބަ ފެނެއެވެ. އިސްވެ ދެންނެވުނު ޅެމުގެ އަންނަނިވި ބައިތުތަކަށް ނަޒަރެއް ދެއްވާށެވެ! މި ބައިތުތަކުން ދިވެހީންގެ ޢާއްމު މަސައްކަތްތަކާއި އެ މީހުންގެ މިޒާޖު ވަރަށް ރީތިކޮށް އެބަ ފެނެއެވެ. މިއީ ދިވެހީން މާޒީއެވެ. މާޒީގައި ކަން އޮތް ގޮތެވެ.

"ކަނޑުފަޅު ފަތައި ފީނާ ބަޔެއް، ކަނޑު ރޯދި ހޯދާވެސް ބަޔެއް
       ކަނޑުގައި ޚަޒާނާ ވާ ބަޔެއް، ގަޑުބަޑު މިތާނގައި ނެތް ބަޔެއް

ދަނޑުގައި ގޮވާން ހައްދާ ބަޔެއް، އަޑު އުފުލިދާ ރާއެރި ބަޔެއް
        އަޑުބަޑު ނުލާހިކު މަޑުބަޔެއް، މަޑުމޮޅި ކަމެއް ލިބި ތިބި ބަޔެއް"


މާނަ: ދިވެހީންނަކީ ކަނޑުގައި އެބައިމީހުންގެ ރިޒުޤުގެ ޚަޒާނާ ވާ ބަޔަކަށް ވާތީ، އެ މީހުން ކަނޑުފަޅުގައި ފަތައި ފީނައި ހަދައިގެން ރިޒުޤު ހޯދައެވެ. އެކުވެރިކަމާއެކުގައެވެ. އެބައި މީހުންގެތެރޭގައި ހަމަނުޖެހުމެއް ގަޑުބަޑެއް ނޯވެއެވެ. ދިވެހީންނަކީ {އިހުގައި} ދަނޑުގައި ދަނޑުގޮވާންކޮށް ރިޒުޤު ހޯދައިގެން އަމާންކަމާއެކު ކައިބޮއި ހަދައި އުޅުނު ބަޔެކެވެ. އަދި މައިގަނޑު މަސއްކަތެއްގެ ގޮތުގައި ރާއެރިކަން ވެސް ކޮށް އުޅުނު ބަޔެކެވެ. މި ގޮތުން ރިޒުޤު ހޯދައިގެން މަޑުމޮޅިކަމާއެކު އަޑުބަޑު މަޑުކޮށްގެން (ހަމަޖެހިގެން) ދިރިއުޅުނު ބަޔެކެވެ.
        މިއަދު ދިވެހީންގެ ގިނަ ކަންތައް ހުރީ މި ބީދަޔަކުންނޫނެވެ. އެހެންކަމުން އިސްވެ ދިޔަ ބައިތުތަކުން އެ ހާމަވެގެންދަނީ ދިވެހީންގެ މާޒީކަމާމެދަކު ޝައްކެއް ނެތެވެ. ހަމަ މި ޙަޤީޤަތްތައް ވަރަށް ފުރިހަމަޔަށް ޢަބްދުﷲ ޞާދިޤު (2000) އޭނާގެ "ރަށްފުށުގެ ދިރިއުޅުމުގެ ގަލަމީ ތަސްވީރެއް" މި ޅެމުގައި ވަރަށް ރީތިކޮށް އެބަ ހާމަކޮށްދެއްވައެވެ. ވިދާޅުވެލެއްވުން ކީއްތޯއެވެ؟

        "ފަތިހު މުލު ހާލުގެ ތުނބަށް އެކި މަސްވެރިން އެކި ގޭގެއިން
                    އަތިރިމައްޗަށް  އޮޑިދޮށަށް އަޅަނީ ހަލުއި ފިޔަވަޅުތަކެއް

        ތަންމަތީގެ އަރާމު ދޫކޮށް ގޮނޑުދޮށުން އޮޑިޔާއިގެން
                    ރަން އަވީގައި ތިބެ އެމުން ފުރަނީއްޔެ ހުރިހާ ވަތްތަކެއް

        ކޮވެލި މުދިމުގެ އަޑު އިވޭ ހިނދު ވަލުތެރަށް އެކި ރުށްރުކަށް
                    ދުވެލި ބާރު މި ރައިވެރީން އެ ދަނީ ހިފައިގެން ބަދިތަކެއް

        ރުކު ކުރިން   އިވެނީ  އެޔާއެކު ބަދިޖަހާލާ ފަންމަތީ
                    އެކުލަވާ އަޑު ގޮތް ގޮތަށް މިކަމާ ގުޅޭ   މިޔުޒިކުތަކެއް

        ދަރު ހޮވަންދާ އަންހެނުން ކަތިވަޅި ހިފައިގެން ބައިބަޔަށް
                    ދަރުކޮށައިގެން ފެންނަނީ އުފުލާ ތަނޭ   ދަރުބޮނޑިތަކެއް

        ރުއްރުކުން ރައިވަރު ކިޔާހިނދު އަންހެނުން ކަންދީ އަހައި
                    ރުއްރުކަށް އެކި ރައިވަރުން ދޭނޭ ޖަވާބުގެ   ބަސްތަކެއް

        ކުނިކަހައި ކައްކައި ހަދާ ފެންލައި، ހިނގައިގެން ވަޅުދޮށަށް
                    ފުނިޖަހާލައެ، ރޯނުވެށުމަށް އިއްޔެ ގެނައިހައި ނަރުތަކެއް

        މަސްވެރިން ލެފުމުގެ ކުރިން ތައްޔާރުކޮށްދީ މަސްކަނޑަން
                    މަސް ކެކޭނެ ގޮތެއް ހަދަން ރާވާނެޔޭ ނުވެ ލަސްތަކެއް"
   (ޢަބްދުﷲ ޞާދިޤު ،2000)
       
މި ޅެން ބައިތުތައް އިތުރަށް މާނަކުރުމުގެ ބޭނުމެއް ނެތެވެ. އެޔަށް ވުރެ މި ޅެންބައިތުތައް މާ ޞަރީޙައެވެ. މި ބައިތުތަކުން ޙަޤީޤތުގައިވެސް މި ފެންނަނީ މާޒީގައި ދިވެހި ދިރިއުޅުމުގެ އާދެ! ރަށްފުށުގެ ދިރިއުޅުމުގެ ރީތި ފޮޓޯއެކެވެ. ތަޞްވީރެކެވެ. ފަތިހާ މަސްވެރިން ހޭލައިގެން އުޅޭ ގޮތާއި ރައިވެރިންގެ މަސައްކަތާއި ބޮނބިތަޅައި ރޯނުވެށުމާއި ދަރުކޮށުމާއި މިފަދަ ހުރިހާކަމެއް ވަރަށް ރީތިކޮށް އެބަ ހާމަވެއެވެ. ގެޔަށް ބޯފެން ގެނެސް ކުނކަހައި ސާފުތާހިރުކޮށް ހަދާގޮތްވެސް އެބަ އެނގެއެވެ. އަދި އަންހެންވެރީން އެބައިމީހުންގެ މަސްވެރި ފިރިން މަހުން އަންނައިރަށް މަސްކަނޑައި މަސް ކެއްކުމަށް ރާވައި ކުރާ ތައްޔާރުތައްވެސް އެބަ އެނގެއެވެ. މީގެތެރެއިން ގިނަ ކަންތައްތައް މިއަދު ހުރީ މިފަދައަކުން ނޫނެވެ. މިއީ ދިވެހީންގެ މާޒީއެވެ. މިކަންކަން ވަރަށް ވެސް ފުރިހަމަ ގޮތެއްގައި ޅެންވެރިކަމުން މި އޮތީ ފެންނާށެވެ.
       
ދެން ޅެންވެރިކަމުގެ އެހެން ބާވަތަކަށް ޖެހިލާނަމެވެ. ދިވެހި ޅެންވެރިކަމުގެ އެއް ބާވަތެއް ކަމުގައިވާ ބަނދީގެ ތެރެއިންވެސް ބައެއް ބަނދި މިތާނަގައި ނަކަލުކޮށްލާހިތް ވީއެވެ.

        "ވާރެޔޯ ބޯއްޓޯ، ކުދީން ކުޅޭ ނާއްޓޯ،
                ތަން ދޮށު ލީ ކާއްޓޯ، ކާޅުއެޅި މުޅޯއްޓޯ" (ބަނދި – 1999)
       
މި ބަނދިން ދިވެހި ކުދީން ވާރެޔާ ތެމިގެން މަޖާކުރާކަން އެބަ ދޭހަވެއެވެ. އަދި ކާށީގެ ނާއްޓަކީ އޭރު (މާޒީގައި) ކުޑަކުދިން ކުޅެން ގެންގުޅުނު ކުޅޭ އެއްޗެކަން އެބަ ދޭހަވެއެވެ. މިއަދު ކުޅޭ ތަކެއްޗަކީ ބޭރުން އެތެރެކުރާ އެއްޗެއް ނަމަވެސް އިހުގައި ދިވެހި ކުޑަކުދިން ކުޅެ އުޅުނީ ޚަރަދަކާނުލައި ތިމާވެށިން ލިބެން ހުންނަ ތަކެތިންކަން ވެސް އެބަ ހާމަވެއެވެ.
       
ޅެންވެރިކަމުގެ މައްޗަށް ވާހަކަދައްކައި ލިޔާ މަޒުމޫނެއްގައި ރައިވަރާމެދު ހިސާބަކަށް ނަމަވެސް އަލިއަޅުވައި ނުލައި ނިންމައިލުމަކީ އުނިކަމެއްކަން ކަށަވަރެވެ. އެހެންކަމުން ދެތިން ރައިވަރަކަށްވެސް ބަލައިލާނަމެވެ. ދިވެހި ޅެންވެރިކަމުގެ އެންމެ މަޤްބޫލު ތަރިކައިގެ ތެރޭގައި ހިމެނޭ ދިވެހި އަރުމާދު ރައިވަރު ފޮތުގެ ރައިވަރުތަކުން ދެ ރައިވަރެކެވެ. 141 ވަނަ ރައިވަރުން ފެށިގެން 142 ވަނަ ރައިވަރުގެ ނިޔަލަށެވެ.

"ވަރުން ކަށަ މާދާއި އަރު،   
    ކަރުން އަސްޑުހަ ލިބޭބޫބަ، 
         ދަރުން ފުރޫ ތޮއްޑޫ ބަ"

ޖުމުލަ މާނަ: ހަމަ ކަށަވަރުން ބަނޑު ހަނޑު ލިބޭ ޢަސްކަރުން އަރުމާދާއިގެން ތޮއްޑޫ ބަނދަރުން ފުރައިފިއެވެ.

"ހައި  ޒިޔާރަތަކު  ވަނަ، 
   ފައި އެނގިކު ހުރި އަތޮޅު ތަނަ، 
          ގައި ދިނުން ދެއްވަމުން ދަނަ،

ވައި ބައްސަހައި ތަކެތި ކަނަ،  ރައިބަގެން ރަށް ބުނަމެ ވީ ވަ،   ޑައި ރަދުން ގެންނެވީ ވަ"

ޖުމުލަ މާނަ: ކަން އޮތް ގޮތަށް ބަލައި ބުނާއިރު، ރަދުން ފުރައިވަޑައިގެންނެވީ އަތޮޅުގެ ތަނެއްގައި ވާކަން އެނގިފައިވާ، ދިދަ ހުންނަހައި ޒިޔާރަތެއްގައ ދިދަ ނަގައި، އެ ތަނަތަނަށް ދުން ދެއްވައި "ކަނަހައި ތަކެތި" (އާދަކާދައިގެ ގޮތުން ދޭ ތަކެތި) ބައްސަވައި ހައްދަވައިފައެވެ.
       
މި ތިން ބަސް ރައިވަރާއި ހަބަސް ރައިވަރަށް ވިސްނައިލިޔަސް ރަސްގެފާނަށް މީހުން ކުރާ އިޙުތިރާމާއި ޒިޔާރަތް ޒިޔާރަތަށް ނަދުރުބުނުންފަދަ ޚުރާފާތުގެ ކަންކަމަށް މާޒީގައި ރަސްކަމުގެ ފަރާތުން ދޭ އަހަންމިއްޔަތުވެސް ވަރަށް ރަނގަޅަށް އެބަ ހާމަވެއެވެ. މި ފަދަ ރައިވަރުތަކުން ވެސް ދިވެހިންގެ މާޒީ ވަރަށް ރީތިކޮށް އެބަ ފެނެއެވެ.
        
ކޮންމެއަކަސް ދިވެހި ޅެންވެރިކަމަކީ އާދަޔާޚިލާފު މޮޅު ފަންނެކެވެ. ދިވެހި އަދަބިއަޔާތުގެ އެންމެ މުހިއްމު އެއް ބަޔެވެ. ދިވެހީންގެ މާޒީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ދިވެހި ޅެންވެރިކަމަކީ މުއްސަނދި ޚަޒާނާއެކެވެ. ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދަތަކާއި ދިވެހިވަންތަކަން ބޭނުން ވަރަކަށް ހޯދޭނެ މަޢުލޫމާތުގެ ފުން ކަނޑެކެވެ. ދިވެހީންނަކީ ކޮން ބަޔެއްކަމާއި ދިވެހީންގެ ތާރީޚާއި ދިވެހީންގެ މަސައްކަތްތެރިކަމާއި ދިވެހީންގެ ހުރިހާ ކަމެއްވެސް ޅެންވެރިކަމުން ވަރަށް ރީތިކޮށް އެބަ ފެނެއެވެ. ފެންނާން އެބަހުއްޓެވެ. އެހެންކަމުން ނިންމާލަމުންވެސް އަޅުގަނޑު ވަރަށް ސާބިތުކަމާއެކު ދަންނަވާނީ ދިވެހި ޅެންވެރިކަމުން ދިވެހިންގެ މާޒީ ވަރަށް ރީތިކޮށް ފެންނާން އެބަ ހުރިކަމުގައެވެ. އާދޭހެވެ! ދިވެހި ޅެންވެރިކަމުން ދިވެހިންގެ މާޒީ ފެންނާން ހުރެއެވެ.


ރުޖޫޢަވި ވަސީލަތްތައް:


ކޮޕީ މުޙައްމަދު ރަޝީދު. (1988). ދިވެހީންނަކީ..... .     ޤައުމީ ނިދާ.               މާލެ: ދިވެހި ނާދީ
ޢަބްދުﷲ ޞާދިޤު. (2000). ރަށްފުށުގެ ދިރިއުޅުމުގެ ގަލަމީ ތަސްވީރެއް. މަލަސް 67.     މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ޔޫސުފް މުޙައްމަދު ފުޅު. (     ). މިނިވަން ފަތިސް. ރީތި ޅެން            މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް
ޔޫސުފް ޢަލިފުޅު. (2003). ބަނޑޭރި ހަސަންމަނިކުފާނުހެއްދެވި ދިވެހި އަރުމާދު ރައިވަރުގެ ދޭހަ. މަލަސް 74. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ޔޫސުފް ޢަލި ފުޅު. (1996).     ދިވެހި ބަޠަލުންގެ ރޫޙު. މަލަސް 57.     .     މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
(ލިޔުނު މީހެއް އެނގޭކަށް ނެތް).(1999). ވާރެޔޯ ބޯއްޓޯ.   ބަނދި            މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ އަބަންބަދީ, 2009-06-30 02:08:35
އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ޝަރުޤު ކިޔަނީ އިރުމައްޗަށް. އަދި ހުޅަނގަށް ކިޔާކަމަށް ވަނީ ޣަރްބު.
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-30 04:32:55
ލިޔުންތެރިޔާ، އަލިއަޅުވާލައްވާފައި އެވަނީ ވަރަށް މުހިންމު މައުޟޫޢެއްގެ މައްޗަށް ކަމުގައި ދެކެމެވެ. މިކަމަށްޓަކައި އޭނާއަށް ޝުކުރާއި ތާރީފު ދަންނަވާ ޙާލު، ވަރަށް އަދަބުވެރިކަމާއެކު، ތިންހަތަރު ނުކުތާއެއް ފާހަގަކޮށްލާނަމެވެ.

1. މި ލިޔުމުގައިވާ ފުރަތަމަ ބައިތުގެ މާނަ ލިޔުއްވާފައިވާ ގޮތް ރަނގަޅެއް ނޫނެވެ. މާނައިގައި އެވަނީ، ޝަރުޤަކީ، ހުޅަނގު ކަމަށެވެ. އެއީ ކުށެކެވެ. ޢަރަބި ބަހުން ޝަރުޤު ކިޔަނީ އިރުމަތިފަރާތަށެވެ.

2. ބައިތުގައި ވެސް ކުށެއް އެބައޮތް ކަމަށް ދެކެމެވެ. އެ ކުށަކީ، "ޝަރުޤުން ތެރޭ" އެވެ. ރަނގަޅު ގޮތަކީ، "ޝަރުޤުން ތެރޭން" އެވެ. މިގޮތަށް އިޞްލާޙުކުރީމާ ޢަޖުޒުގެ މާނައަކީ: "އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ދިވެހި ދިދައަށް (އެބަހީ: ދިވެހި ޤައުމަށް) ޢިއްޒަތާއި ކަރާމަތާއި މަޖުދު ނުލިބި ނުދާނެއެވެ."

3. ޅެންވެރިކަމުގެ ގޮތުން ބަލާއިރު، މިއީ ވަރަށް ފޭރާންދެރަ ބައިތެއްކަން ފާހަގަކުރަމެވެ. މީގައި މިވަނީ، ޅެންވެރިކަމުގެ ތެރެއިން ވަޒަނެކެވެ. ލިޔުމުގައި އެވާ، ޔޫސުފު މުޙައްމަދު ފުޅު (ރަޙިމަހު ﷲ) ގެ ޅެންބައިތުތަކާ އަޅާބަލާއިރު، މި ބައިތުގައިވަނީ، ކިރިޔާ ވާހަކަ ދައްކަން ދަސްވަމުންދާ ކުޑަ ކުއްޖަކު، "މަންމާ! އަހަރެން ދައިފީމޭ" ބުނުން ކަހަލަ ޢިބާރާތެކެވެ. ކުޑަކުއްޖާ ދައިފީމޭ އެބުނާ ބަހަކީ، އޭނާގެ ނަޒަރުގައި ދިއުމުގެ މާޒީއެވެ! ޔޫސުފު މުޙައްމަދު ފުޅު (ރަޙިމަހުﷲ) ގެ ޅެންބައިތުތަކުގައި އެވާ ދިރުމާއި ފުރާނައެއް މި ބައިތަކު ނެތެވެ.

4. "މަތިވެރިވެގެންވާ އިނގިރޭސިވިލާތް" މި ޢިބާރާތާމެދު އެއްބަހެއް ނުވެވުނެވެ. އިނގިރޭސިވިލާތް ދުވަހަކު ވެސް މަތިވެރިއެއް ނުވާނެއެވެ. އެކަމަކު، އިނގިރޭސީންނަކީ ހައިބަތު ހުރި ބަޔަކަށް ވެދާނެއެވެ. ބާރު ގަދަ ބަޔަކަށް ވެދާނެއެވެ. މިތަނުގައި އޮންނަންވީ ރަނގަޅު ޢިބާރާތަކީ، "ހައިބަތު ހުރި އިނގިރޭސިވިލާތް" އެވެ.
...
ލިޔުނީ Azeez Jamaal, 2009-07-01 01:59:19
އަބަންބަދީ އާއި ޙުސައިން މުޙައްމަދު ޢަލީގެ ކޮމެންޓްތަކަށް ޝުކުރުވެރިކަމާއެކު ތާއީދުކުރަމެވެ. އެއީ ފަރުވާކުޑަކަމުން ލިޔެވިފައިވާ ކުށްތަކެކެވެ. ބިނާކުރަނިވި ފާޑުކިޔުމަކީ ތިޔައީއެވެ. އެ ކުށްތައް އިޞްލާޙުކޮށްލެއްވުމަށްފަހު އަލުން ފަންވަތުގައި ޝާއިޢުކޮށްދެއްވުމަށް ފަންވަތުގެ މުޙައްރިރު އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ. އެ ބޮޑު ކުށަށްޓަކައި މަޢާފަށް އެދެމުން އަދިވެސް އެއް ފަހަރު ޝުކުރުދަންނަވަމެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
...
ލިޔުނީ محمد آدم على, 2010-05-28 05:54:33
ވަރަށް ފައިދާ ހުރި ލިޔުމެކެވެ. عبد العزيز جمال أبو بكر އަށް މި ފަދަ ގިނަ ލިޔުންތައް ގެނެސް ދެއްވުމަށް އެދި މި އިލްތިމާސް ކުރަނީ ޝުކުރުވެރިވެ ސާބަސް ދެމުންނެވެ.

އަޅުގަނޑަށް ފާހަގަ ކުރެވޭ ޕޮއިންޓެއް ދަންނަވާނަމެވެ. މި ލިޔުމުގައި އަދި މިލިޔުމަށް حسين على محمد ފޮނުއްވި ކޮމެންޓްގައި ވެސް އަދި އޭގެ އިތުރުން ތަންކޮޅެއް ކުރީގެ ބައެއް ލިޔުުންތަކުގައިވެސް މި بريطانيا العظمى ނުވަތަ the Great Bitain މާނަ ކުރެވިފައިވަނީ އަޅުގަނޑަށްއ ވިސްނޭ ގޮތުގައި ރަގަޅަކަށް ނޫނެވެ. މިތާގައި great ގެ މާނައަކީ މަތިވެރި ނުވަތަމާތް ނުވަތ ހައިބަތު ހުރި އެއް ނޫނެވެ. އެކަމަކު Great Britain އޭ ބުނުމުން އޭގެ މާނައަކީ ބްރިޓްން އޭ ކިޔޭ މައިޖަޒީރާ އާއި އެ ޖަޒީރާގެ ގާތުގައިވާ އެހެން ކުދިކުދި ޖަޒީރާތަކެވެ. Britain ދުނިޔޭގެ ނުވަވަނއަށް އެންމެ ބޮޑު ޖަޒީރާއެވެ. އެ ޖަޒީރާ ގައި އިންގލެންޑް އާއި ސްކޮޓްލެންޑް އާއި އަދި ވޭލްޒް ހިމެނެއެވެ. އެކަމަކު ހަމައެކަނި ބްރިޓްން އޭ ބުނުމުން މި މައި ޖަޒީރާގެ ގާތުގައި އޮތް އެހެން ކުދިކުދި ޖަޒީރާތަކެއް ނުހިމެނެއެވެ. އެކަމަކު Great Britain އޭ ބުނުމުން ބްރިޓްން އާއި ބްރިޓްން ގެ ގާތުގައިވާ ޔުނައިޓެޑް ކިންގޑަމް އަށް ތަބާވާ އެހެން ހުރިހާ ޖަޒީރާއެއް ހިމެނެއެވެ. ގްރޭޓް ބްރިޓްން އޭ ބުނީމާ ބްރިޓްން ގެ ގާތުގައިވާ ޖަޒީރާތަކުން މި ނަމުގެ ތެރެއަށް ނުވަންނަނީ ހަމައެކަނި އައިލް އޮފް މޭން (isle of Man) އާއި ޗެނެލް އައިލެންޑްސް (Channel Islands) އެކަންޏެވެ. އެއީ މި އަްއިލް އޮފް މޭން އާއި ޗެނެލް އައިލެންޑްސް އަކީ ޔޫކޭ އަށް ތަބާވާ (ޑިޕެންޑެންޓް) އެކަމަކުވަކި މިންވަރެއްގެ ޒާތީ މިނިވަންކަމެއް ލިބިފައިވާ ބަޔަކަށް ވާތީއެވެ. ވީމާ ގްރޭޓް ބްރިޓްން އަކީ ބްރިޓްން އާއި އައިލް އޮފް ވައިޓ ް(isle of Wight) އާއި އައިލް އޮފް އޭންގަލްސ ީ(Anglesey) އާއި އައިލްސް އޮފް ސިލީ (isles of Scilly) އޭ ކިޔޭ ޖަޒީރާތަކާއި ހެބްރިޑީޒް (Hebrides) އޭ ކިޔުނު ޖަޒީރާތަކާއި އޯރކްނީ އައިލެންޑްސް (Orkney islands) އޭ ކިޔުނު ޖަޒީރާ ތަކާއި ޝެޓްލެންޑް (Shetland) އޭ ކިޔުނު ޖަޒީރާތަކެވެ. އަދި ދަންނަވަމެވެ. މިޞްރުގެ ވެރިރަށް ޤާހިރާ އަށް ވެސް ހަމަ މިގޮތަށް القاهرة الكبرى އޭ ކިޔައެވެ.އިނގިރޭސިން މި ނަން މާނަ ކޮށް އުޅެނީ the Greater Cairo މި ގޮތަށެވެ. މިތާގައި القاهرة އާއި القاهرة الكبرى އާ ދެމެދު އޮންނަ ތަފާތަކީ ބްރިޓްން އާއި ގްރޭޓް ބްރިޓްން އާ ދެމެދު ހަމަ އޮންނަ ފަރަގެވެ. القاهرة އަކީ ހަމައެކަނި ކައިރޯ ސިޓީ އެވެ. ނުވަތަ ހަމައެކަނި مدينة القاهرة ނުވަތަ އިދާރީ ގޮތުން ނަމަ محافظة القاهرة އެކަންޏެވެ. އެކަމަކު القاهرة الكبرى އޭ ބުނީމާ އޭގައި އެކުލެވެނީ މުޅި محافظة القاهرة އާއި މުޅި محافظة الجيزة އާއި އަދި محافظة القليوبيّة ގެ އެއްބަޔެވެ. ވީމާ ކުރުކޮށް ދަންނަވާނަމަ "ގްރޭޓް" ނުވަތަ އަރަބި ބަހުންނަމަ العظمى ނުވަތަ الكبرى ތަނެއްގެ ނަމަށް ގުޅާލުމުން އޭގެ މާނައަކީ އެތަނަކާއި އަދި އެތަނެއްގެ ގާތުގައި ޖެހިގެން ހުރިތަންތަން އެ ނަމުގެ ތެރެއަށް ވަދެގެން ދިޔުމެވެ. އެއީ "މާތް" ނުވަތަ "މަތިވެރި" ނުވަތަ "ހައިބަތުހުރި" އެއް ނޫނެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1764
extra avandia and congestive heart failure