|
ދިވެހި -
ވަޒަންބަހުރުވަ
|
|
25 ނޮވެމްބަރ 2008، 20:40 އަންގާރަ |
|
 ޝާޢިރު: އަބުލްޤާސިމިއްޝާއްބީ ދިވެހި ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1. ވާދީތެރޭ އައްސޭރިތަކުގައި ހޭދަވީ ވަގުތާ ތަނުން، ދީދީ ހަނދާންކޮށްލަން ހިނގާ ޞަފުޙާތަކެއް އެދުވަސްތަކުން.
2. ހެނދުނާ، ހަވީރާ، ރޭގަނޑާ، ރިއްސާރަނުން ކުލަޖެއްސިފައި، ލަދުމާތަކަށްވުރެ މާލަޠީފީ ސިފަތަކެއްވީ ތަންތަނުން.
3. ބުލްބުލްތަކާ ކުދި ދޫނިތައް ގޮވަމުން އެދާ ހިމައަޑުތަކާ، މިލްޖުލްވަމުންދާ ގޮތްތަކަށްވުރެ މާލަޠީފީ ކަންކަމުން.
4. ލޮބުވެތިކަމުން ފުރިފައި އެވާ ޅަދަރީންވެދާ ހިނިތުންވުމާ، ޝަބްނަމްތިކީވާ ޖާދުވީ ޞިޙުރަށްވުރެން ފޮނިކަންކަމުން.
5. ފުރިފައިވިހައި ހުރިހައިދުވަސް ވާދީތެރޭގައި ހޭދަވީ، ފުރިހަމަ މިސާލީ ލޯބިވާ ވީ ލާމަސީލީ ގުލްޝަނުން.
6. ނަފުރަތު ހިތަށް ލިބިދާ ކަމެއް ފެނިފައިނެތޭ ދުވަހަކުއެތާ، ޅަފުރާގެ ފޮނިކަންނޫން އެހެން އެއްވެސްކަމެއް، ގާތާ، ދުރުން.
7. ބާރެއް ހިތަށް ލިބިފައިވިޔޭ ވާރޭ ވެހޭ ބުސްތާންތަކުން، އާރެއް އައިސް މިޙަޔާތުގައި ހާރެއް އަޅާފައި ވާކަމުން.
8. ކޯރެއްގެ ވާ އައްސޭރިޔާ ކުދިރާޅުތައް ކުޅެލާއިރުން، ނޫރެއް އައިސް މުޅި ދޭހުގައި އަލިކަން ތަނަސް ފަތުރާލުމުން.
9. ގަސްތަކުތެރޭ ވާދޫނިތައް ގަސްތައް މަތިން އުދުހޭތަނާ، މަސްތައް ހިފައިގެން ދާތަނާ ލަސްނުވެ އިޢާދަވެދާކަމުން.
10. އޭރަކު ނެތޭ އެނގިފައިކަމެއް ކުޅިވަރު މެނޫނީ ދުނިޔެއިން، ބޭރުން މިވާ ފަރުދާތަކަށް ރޭރުވެ މަމެން ނުބަލަން ސަފުން.
11. ނަމަވެސްދަނީ ކުޅަނދުރު ފަހައި ދުވަމުން ނަށައި ފުމެމުން ހެމުން، ހަމަވިސްނުމަށް މީ ކުޅިވަރެއް ކަމުގައި މަމެންނަށް ވާކަމުން.
12. ބިޔަ ހިލަތަކާއި ފެހި ގަސްތަކުން ފުރިފައިއެވާ ފަރުބަދަތަކަށް، ނިޔަނެތިކަމާ އެކުގައި އަރާ، ފައިބާ އުޅުން އުފަލެއްކަމުން.
13. ކުދި ދޫނިތައް ވާ ހާލިތައް ދޭހާ ހިޔާތަކުގައި މަމެން، ކުދި ގޭއަޅައި ކުރަނީ ހިޔާ، ކުދި ފަތްތަކާ ކުދި މާތަކުން.
14. މިގޮތަށް ބިނާކުރެވޭ ގެޔާ ވައިރޯޅިތައް ކުޅެލާއިރުން، ދެގޮތެއް އެޔަށް ނުވަނީސް ފަނާވިޔަކަސް ދަނީ ހިނިތުންވަމުން.
15. ވާދީ ތެރޭ އެނބުރޭ ޞާދާއާ އަދި މުޚާޠަބުކޮށްލަމުން، ޝާދީތަކެއް ފަދައިން ގޮވައި ވާދީ އެކީ ދިރުވާލަމުން.
16. ފެނުގައި އެވާ މިޔުޒިކު ޚަރީރުގެ އަޑުއިވޭހެން ލަވަކިޔައި، ރަނުގައި އެވާ އަޞްލީ ކުލައިން މުޅި ދޭހުގައި ކުލަޖައްސަމުން.
17. ރަން ހާރަކީ ހިތުގައި އެޅޭ ފެހި ބިންމަތީ އިޙްސާސްތަކުން، ދޮންދޫނިތައް ފަހަތުން ދުވުން، އަދި ލޭކޮކާ ހިފުމަށް ދުވުން.
18. ގަސްތެއް ނުލައި މިގޮތަށް ދަނީ އަސްތާ! އުފާވެރިކަންމަތީ، ރަސްހާ ފަހައި ފަހަތުން ދަނީ މަސްތީ ޝުޢޫރެއް ވާ ކަމުން.
19. ބުލްބުލްތަކެއް ފަދައިން ނަށައި ލަވަތައް ކިޔައި ހަދަމުންދަނީ، އުލްފަތުތަކާ އެކުގައި އުފާ މުޅި ކައުނުގައި ފަތުރާލަމުން.
20. ދުވަހެއް އެއީ އާރާސްތުވީ ޖައްވުގެތެރޭ ގަނޑުވަރުތަކެއް، ހުވަފެންތަކާ އުއްމީދުތައް ހިތުގައި ހިނގާހައި ކަންކަމުން.
21. ފެހި ދަނޑުތަކާ އައްސޭރިޔާ ސަންސެޓްތަކަށްވުރެ ރީތިކޮށް، ފިހިތައް ޚިޔާލުގެ، ކުރަހަމުންދިޔަ ރަން ޒަމާން ކަމުގައި ވުމުން.
22. ހުރިހައި ޒަމާނެއްގައި ވިހައި ނަޞްރާ ނަޞީބަށްވުރެ އަރާ- ހުރި ކަންތަކެއްކަމުގައި ވިޔޭ އުއްމީދުތައް ހިތުގައި ކުޅުން.
23. ގަސްތަކު ތެރޭ ޖަންގަލި ތެރޭ ކުޅެމުން މަމެން ދާއިރު ތެދޭ، މަސްތެއްކަމަށް ވެދެޔޭ ޙަކީމުންނަށް، ބަލައި ކަޅިހިންގުމުން.
24. ކުޅިވަރުތަކަށް އަޅުކަންކުރާ ފަދައިން މަމެން ކުޅެމުން ދަނީ، ގުޅިގެން އެކީ ކުޅިވަރުތަކަށް ލަވަތައް ކިޔައި އަޑުއުފުލަމުން.
25. މި ވުޖޫދުގައި ވާ މާތްކަމާ ދެރަ ކަންކަމާ ކުޅެމުުން ދަނީ، ގުޅިގެން އެކީ ކުޅިވަރުތަކަށް ލަވަތައް ކިޔައި އަޑުއުފުލަމުން.
26. މި ވުޖޫދުގައިވާ މާތްކަމާ ދެރަކަންކަމާ ކުޅެމުން ދަނީ، މި ވުޖޫދު ވެސް އަގުކޮށް ބަލާނޭ ބުއްދިއެއް ލިބިނެތްކަމުން.
27. ކޮރު މީހުނާ، ކަނު މީހުނާ، އަދި މުސްކުޅިން ވަކިކޮށްނުލައި، ކަރުމަރުހިފައި ހެއްވާ ސަމާސާ ކޮށްލަނީ ހަމަ ކުޅިވަރުން.
28. މުސަޅާ، ބުޅާ އަދި އޮޅުބަކަރި ކުޅިވަރުތެރޭ ބައިވެރިކުރަން، މި ސަމާދަށުން ފެންނަން މި ވާހައި އެއްޗަކުން ބަސްހޯދަމުން.
29. ވެއްޔާ ކުޅެން، ހިލަޔާ ކުޅެން، އަދި ފެންގަނޑުން ތަރިތައް ބަލައި، އައްޔާ ކުޅެން، ކޯރުގެތެރޭން ތަރިތައް އަތަށް ލިބިދާކަމުން.
30. ދުނިޔޭން ލިބުން ހިތް އެދި ވަނީ، ހުރިހާ ކަމެއް ދޫކޮށްލަމުން، ނު ނިޔަތް ނުލައި މިގޮތަށްއުޅުން، ނު ނިޔަތް ނުލައި މިގޮތަށް ކުޅުން.
31. އުފަލުން ހެމުން ލަވަތައް ކިޔައި އެނބުރެން މިހެން ފުމެމުން ނަށައި، އުފަލާ އެކީ އުޅެނީ އަބަދު، ފޫއްސެއް ހިތަށް ނުލިބޭކަމުން.
32. ފިޔައެއް ފަދައިން އުދުހޭ ފަޔެއް ލިބިފައި ވިހެން ހީވާކަމުން، ހިޔަ ހާސް އުފާ ލޭނާރުގައި ވިޔަ ވެސް ނުވާހެން ވާކަމުން.
33. މުޅި ކައުނުގައި މަރުކަޒު ކަމަށް އެޒަމާނުގައި ވީމޭ މަމެން، އޮޅިފައި މިވާހައި ކަންކަމެއް ފަރުދާ ފަދައިން ވިޔަކަސް ސަފުން.
34. މުޅި ދުނިޔެ ވެސް ފަތުރާދެނީ ހިނގުމަށް މަމެން މަގުތައް މަތީ، ފޮޅިދާ މަލާ ގުޅިދާ މަގާ ކުޅިވަރުތަކާ، ހެއްވާލަމުން.
35. މިގޮތަށް ޙަޔާތާ އަދި ދުވަސްތައް ހޭދަވީ މިދުނިޔެމަތީ، ދެގޮތެއް އައިސް ބަދަލެއް އެޔަށް ނާންނާނެޔޭ ހީވާމަގުން.
36. ކިރުދޫނިތައް އުދުހޭ ފަދައިން ނޫރުގެ ފިޔައިން ފިޔަތައްޖަހައި، ޙޫރުން އަޅާ ފަދަ ޖަންނަތީ މަޢުޞޫމު ހެދުމެއްގައި ކަމުން.
37. ޖައްވުގެ ތެރޭ ބޯތައް މަތީ އުފަލޭ ވަނީ ފިޔަޖަހަޖަހައި، ބައްރުގެ މަތީ ދިޔަހައި ތަނެއް މިގޮތަށް ވަނީ މިއުޑުގެ ދަށުން.
38. ނަމަވެސް ނިވައިވެއްޖޭ އިސާހިތުގައި މަގޭ ޤުދްޞީ ފަތިސް، ހަމަބުއްދިއެއް ލިބުމުގެ ކުރިން މާޒީތެރަށް ގޮސް ގުލްޝަނުން.
39. ވަގުތާއެކީ ޖައްވުގެ ހިމޭންކަމުގައި ގިރޭހެން ރާގުތައް، އަގުބޮޑުމަގޭ ޤުދްސީ ފަތިސް ގިރިގެން ހިގައްޖޭ ދިޔަމަގުން.
40. އާހާއެކީ ގެއްލިއްޖެޔޭ ހިތުގައި އުފާތައްވީ ކުރަން، އާހާ، ހިތާމަތަކާ ހިތަށް ވެރިވެއްޖެޔޭ ހިތްދަތިކަމުން.
41. ކުދިކުދިވެފައި ވާ ހިތްމަގޭ ހިނގަމުން ދަނީ ކަށިގަސްތެރޭ، އަދި ބާޠިލާއި ޡުލްމުން މިވާ ޖަންގަލިތެރޭ މަގު ގެއްލުމުން.
42. ޖަންގަލި ތެރޭ ބާރޭދަނީ ނަފުސުގެ ހަވާއަށް ގެއްލިގެން، ދަންމަރު ނިވައި އަލިކަން ނިވައި ޡުލްމާ ޡަލާމް ފަތުރާލަމުން.
43. ނިކަމެތި ޟަޢީފުންނަށް އިހާނެތިކޮށް ހިތައި ގިއްގަޅުވަމުން، ވަކި ތޫނުވީހައި ޡާލިމުންނަށް ޢިއްޒަތާ ޤަދަރާ ދެމުން.
44. މީހުން ހިނގައި މިގޮތަށް ދަނީ ޢުމްރުގެ މިކުރު ފާލަން މަތީ، ދޭހުން އިވޭ އާހުގެ ތެރޭ ދިރިހުރި ޟަމީރެއް ނެތްކަމުން.
45. ލޯފަންކަތަކު ފަރުބަދަމަތީ ވާ އަޑިގުޑަންތަކުގައި ހިނގައި، ޖާފަތް ލިބޭތޯ ދާ ފަދައިން ލޭ އޮހޮރުވައި ވަރުބަލިވަމުން.
46. ފިޔަވަޅު އަޅާއިރު ވެއްޓެމުން ހިލަތައް މަތިން ކައްސާލަމުން، ދިޔަހައި ތަނެއް ގުގުމާލަނީ ކަށުފެންޖަހާ އަޑުފަށްގަނޑުން!
47. އާހުގެ އަޑާ ވޭނުގެ އަޑާ ކެކުޅުންތަކަށް ކެތްނުވެވިގެން، އާހުގެ ތެރޭ މަރުވާ އަޑޭ އިވެމުން ދަނީ މުޅި ޢާލަމުން.
48. މި ޙަޔާތުގައި ވާ ތަޖުރިބާ ތެރެއިން މަށަށް ބިނދެ ހޯދުނީ މި ޙަޔާތުގައި ފަހެ، ކޮން ކަމެއްބާއޭ ހިތައި ވިސްނާލުމުން.
49. ހިތުގައިޖަހާ ވިންދެއް ބުނީ: "ހިތްދަތިކަމާ، ކެކުޅުންތަކާ، ނިތުގައި މިވާ ރޫތައް މެނޫން އެއްޗެއް ނެތޭ ލިބި ޢާލަމުން."
50. "ކަރުނައިތެރޭ އެއްވެސް ކަމެއް ޙާޞިލްތިބާ ކުރުމުގެ ކުރިން މަރުވާ ދުވަސް އަންނާނެކަން ގައިމޭވަނީ ކުރިމަތިވަމުން!"
51. މީޔޭ ޙަޔާތުގެ ދަނޑުމަތީ ކުރެވުނު ގޮވާމުގެ ތަޖުރިބާ، މީޔޭ މަށަށް ފަހު ވަގުތުގައި ލިބިވާ ދަރުސް މުޅިޢާލަމުން.
52. ޢުމުރުގެ ޅަކަން މަޢުޞޫމުކަން ދިންއިރު ޠަހާރަތްކަން ހިތަށް، ޢަމުދުން މަށަށް އެނގިފައިނެތޭ ޡުލްމާޡަލާމެއް ޢާލަމުން.
53. އެ ދުވަހު މަމެން ވީމޭ ފޮޅޭ މާތަށް ފަދައިން ބުސްތާނުގައި، ތެދުވެރިކަމާ މަޢުޞޫމްކަން ހިތުގައިވިޔޭ ރަސްކަންކުރުން.
54. އޭރަކު މަމެން ބެލުމެއް ނެތޭ ދުނިޔޭ ތެރޭ ވާ އޮއިވަރަށް، ބޭރުން ލެވޭ ފަރުދާތަކަށް ރޭރުވެ ހިތަށް އަނިޔާ ދެމުން.
55. ނަމަވެސް މިއަދު މަޖުބޫރުކުރި ޙާލަތު އައިސް ކުރިމަތި ވުމުން، ހަމައެއް ނެތަސް، ލަމައެއް ނެތަސް މިދަނީ އެއަށް ދީލާލަމުން.
56. މުޅި ބިންމަތީ ހިނގަމުން މިދާހައި ކަންކަމެއް ދަށުގައި ވެގެން، މުޅި ހިތް މަގޭ ޗިސްވެއްޖެޔޭ، މިޙަޔާތް ހިނގައިދާ ފާލަމުން.
57. ބިމުގައި އުފަންވީހައި މަގޭ މަންމަގެ ދަރީންނޭ މީ މަގޭ، ނިމުމާ ފަނާވުން އޮތް މަގޭ ހުރިހައި އުފާތައް ބީވުމުން.
|