މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މިޞްރުގެ ތާރީޚު، ވަރަށް ކުރުކޮށް |
|
|
| ދުނިޔެ - ދުނިޔެ | |||
| 18 ޖެނުވަރީ 2010، 12:44 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން މީލާދުގެ 250000 (ދުއިސައްތަ ފަންސާސް ހާސް) އަހަރު ކުރިން، މިޞްރުގައި މީހުން ދިރިއުޅެފައިވާކަން އެނގެ އެވެ. މީލާދުގެ 35000 (ތިރީސް ފަސް ހާސް) އަހަރު ކުރިއްސުރެ، މިޞްރު އޮންނަ ސަރަޙައްދަށް ވާރޭވެހުން ހުއްޓި، އެ ސަރަޙައްދު ހަނަފަސް ޞަޙަރާއަކަށް ބަދަލުވާން ފެށި އެވެ.އިންސާނީ ތާރީޚުގައި، ތާރީޚު އެނގެން އޮތް އެންމެ ދިގު ޢުމުރެއް ލިބިފައިވާ އެއް ޤައުމަކީ މިޞްރެވެ. މިޞްރުގެ އެނގެން އޮތް ތާރީޚުގެ ޢުމުރު ފެށިފައިވަނީ، މީގެ 7000 (ހަތް ހާސް) އަހަރު ކުރިންނެވެ. ތިރީގައި މިވަނީ، އެހިސާބުން ފެށިގެން މިއަދާ ހަމައަށް، މިޞްރުގެ ތާރީޚުގެ ވަރަށް ކުރު ކުރު ޚުލާޞާއެކެވެ. ތަފާތު މަޞްދަރުތަކަށް ރުޖޫޢަވެ ބަލާއިރު، ބައެއް ޙާދިސާތައް ހިނގާފައިވާ އަހަރުތަކުގައި ތަފާތެއް ހުރުމަކީ، އެކަށީގެންވާ ކަމެކެވެ. (މ.ކ. ގެ މާނައަކީ، މީލާދުގެ ކުރި އެވެ. މ. ގެ މާނައަކީ، މީލާދުގެ ފަހެވެ.) 5000 މ.ކ. މިޞްރުގެ ދެކުނުގައިވާ ޞަޙަރާގައި ތަރިގާ ޖަހައިގެން، އިރު، ހަނދާއި، ތަރިތަކުގެ ދައުރުކުރުން ބެލުމުގެ މަސައްކަތް ފެށުނެވެ. 4000 މ.ކ. މިޞްރުގައި ޤަބީލާގެ ވެރިކަން ފާޅުވެ، ދަނޑުވެރިކަމުގެ މަސައްކަތް އިންތިޒާމުން ކުރެވެން ފެށުނެވެ. 3200 މ.ކ. މިޞްރުގެ ބައިބައިވެފައިވާ ވެރިކަން، އެއްކޮށް، އެއްވެރިކަމެއް ޤާއިމުކުރެވުނެވެ. 2772 މ.ކ. އަހަރު ދުވަހުގެ ދިގުމިނަކީ، 365 ދުވަސްކަން މިޞްރު މީހުން ކަޝްފުކުރި އެވެ. 2700 ވަނަ އަހަރު، ފިރުޢައުނު ޒޮސަރު (Zoser) ޞައްޤާރާގައި، މަޝްހޫރު ސިޑި ޕިރަމިޑް (step pyramid) ބިނާކުރި އެވެ. 2560 މ.ކ. ފިރުޢައުނު ޚޫފޫ (Khufu) މިޞްރުގެ ބޮޑު ޕިރަމިޑު ބިނާކުރި އެވެ. 13 ވަނަ ޤަރުނާ ހަމައަށް ދުނިޔޭގައި ހުރި އެންމެ އުސް ބިނާއަކީ އެތަން ކަމުގައިވި އެވެ. 2050 މ.ކ. އުޤުޞުރަކީ، މިޞްރުގެ ވެރިރަށް ކަމުގައި ހަމަޖެއްސުނެވެ. 2000 މ.ކ. މިޞްރު މީހުން، ބުޅަލަށް، ހަރުފަ ހިފަން ދަސްކޮށްދިނެވެ. އަދި އެބައިމީހުން ފަލަކީ ޢިލްމުގައި ކުރިއަރައި، ނީލަކޯރުގެ ފެންގަނޑު ބަންޑުންވާނެ ތާރީޚު ދެނެގަތެވެ. 1786 މ.ކ. ބަދަވި ޤަބީލާތަކުގެ މީހުން މިޞްރުގެ އުތުރު ސަރަޙައްދަށް ވެރިވެގަތެވެ. 1600 މ.ކ. ބަދަވިންނާ ދެކޮޅަށް މުޅި މިޞްރުގައި އިންޤިލާބެއް ފެތުރުނެވެ. 1560 މ.ކ. ފިރުޢައުނު އަޙްމުސް (1) (Ahmose I) މިޞްރުގެ ބިމުން ބަދަވި ޤަބީލާތަކުގެ މީހުން ފައްސައި ބޭރުކުރި އެވެ. އަދި އޭނާ، މިޞްރުގައި ވަރުގަދަ ދައުލަތެއް ޤާއިމްކުރި އެވެ. އެއީ، ދުނިޔޭގެ ކަންކޮޅުތަކަށް ނުފޫޒު ހިންގި އިސްތިޢުމާރީ ދައުލަތެއް ކަމުގައިވި އެވެ. ![]() ޝާދޫފެއް 1500 މ.ކ. މައްޗަށް ފެންއުފުލާ އާލަތް (ޝާދޫފު) ހަދައިގެން އޭގެ ބޭނުންކުރެވުނެވެ. މި އާލަތް ބޭނުންކުރަނީ، ދަނޑުބިންތަކަށް ބޭނުންވާ ފެން، އެ ބިންތަކަށް ފޯރުކޮށްދިނުމަށްޓަކަ އެވެ. 1425 މ.ކ. ފިރުޢައުނު ތަޙްތަމުސް (3) (Thutmose III) މިޞްރުގެ ވެރިކަމަށް އިސްވި އެވެ. 1375 މ.ކ. ކަލާނގެ އެއްކައުވަންތަކަމަށް، އަޚްނާތޫން (Akhnaton) ގޮވާލި އެވެ. މިކަމުގެ ސަބަބުން މިޞްރު މީހުންގެ މެދުގައި ބައިބައިވުން އުފެދި، ދައުލަތް ރޫޅުނެވެ. 1271 މ.ކ. ސަރުކާރާ ދެކޮޅަށް ތެދުވި އިންޤިލާބީންނާ ދެކޮޅަށް ހަނގުރާމަކޮށް، ފިރުޢައުނު ރެމްސީސް (2) (Ramses II) ނަޞްރު ހޯދި އެވެ. 1285 މ.ކ. ޙައިޘީންގެ ރަސްގެފާނާއި ފިރުޢައުނު ރެމްސީސް (2) (Ramses II) އާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވުނެވެ. އެއީ ތާރީޚުން އެނގެން އޮތް، ލިޔެވިފައިވާ ޞުލްޙައިގެ ފުރަތަމަ އެއްބަސްވުމެވެ. 1236 މ.ކ. ކަނޑުމަގުންނާއި ލީބިޔާއިން އައި ހަނގުރާމަވެރިންނާ ހަނގުރާމަކޮށް މިޞްރުގެ ފިރުޢައުނު، މިރިންބްތާޙް، (Merenptah) ނަޞްރު ހޯދި އެވެ. އޭނާގެ ފަތްފުށްތަކުގައި ލިޔެފައިވަނީ، ޔިސްރާއީލާ ހަނގުރާކޮށް، 1231 ވަނަ އަހަރު، އެބައިމީހުން ނެއްތާލެވުނު ކަމަށެވެ. 1167 މ.ކ. ފިރުޢައުނު ރެމްސީސް (3) (Ramses III) މަރުވި އެވެ. އެއަށްފަހު، މިޞްރުގެ މަރުކަޒީ ސަރުކާރާއި ކަހީނުންގެ އާރާއި ބާރު ދަށްވި އެވެ. އަދި ތިންވަނަ ފަހަރަށް، މިޞްރުގެ ފިރުޢައުނީ ޙަޟާރަތު ނެތިދިއުމުގެ މަރްޙަލާއަކާ ކުރިމަތިވި އެވެ. 750 މ.ކ. ނޫބާގެ ރާޖާ، މިޞްރަށް ވެރިވި އެވެ. އަދި އޭނާއަކީ، އާމޫން އިލާހުގެ ދަރި، ފިރުޢައުނު ކަމަށް އިޢުލާންކުރި އެވެ. 671 މ.ކ. އާޝޫރީންގެ ޢަސްކަރީ ބާރުތައް، މިޞްރަށް ވެރިވެ، ނޫބާ ދަރިކޮޅު މީހުންގެ ވެރިކަން ނައްތާލި އެވެ. 671 މ.ކ. މިޞްރު މީހުން، އާޝޫރީންނާ ދެކޮޅަށް ނުކުމެ، އެބައިމީހުން މިޞްރުން ފައްސާ ބޭރުކޮށްލި އެވެ. 601 މ.ކ. މިޞްރާ ހަނގުރާމަކުރަން އައި ބާބިލީންނާ ދެކޮޅަށް، ފިރުޢައުނު ނިކާއު (2) (Nekau II) ނުކުމެ، ބާބިލީން ގިއްގަޅުވާލި އެވެ. 525 މ.ކ. ފާރިސީން މިޞްރަށް ވެރިވެ، 405 މ.ކ. އާ ހަމައަށް މިޞްރުގައި ވެރިކަންކުރި އެވެ. 405 މ.ކ. މިޞްރު މީހުން، ފާރިސީންނާ ދެކޮޅަށް ނުކުމެ، މިޞްރުގެ ބިމުން ފާރިސީން ބޭރުކުރި އެވެ. 343 މ.ކ. ފާރިސީން ދެވަނަ ފަހަރަށް މިޞްރަށް ވެރިވެ، 332 މ.ކ. އާ ހަމައަށް ވެރިކަން ކުރި އެވެ. 332 މ.ކ. އެލެގްޒަންޑަރ ދި ގްރޭޓް، މިޞްރާ ހަނގުރާމަކުރި އެވެ. އަދި މިޞްރުގެ މަޝްހޫރު ރަށް އިސްކަންދަރިއްޔާ ބިނާކުރި އެވެ. 305 މ.ކ. މިޞްރުގައި ބަޠާލިމުން ގެ ވެރިކަން ފެށުނެވެ. 30 މ.ކ. ކްލިއޮޕެޓްރާ ދަންޖެހި މަރުވުމުން، ބަޠާލިމުންގެ ވެރިކަން ނިމުނެވެ. ދެން ރޫމީންގެ ވެރިކަން ފެށުނެވެ. 330 މ. ރޫމީންގެ ވެރިކަން މިޞްރުގައި އޮތެވެ. 1 މ. ނަޞާރާދީން މިޞްރަށް ވާޞިލުވި އެވެ. ![]() މިޞްރުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް 639 މ. އިސްލާމްދީން މިޞްރަށް ވާޞިލުވި އެވެ. 1805 މ. މުޙައްމަދު ޢަލީ ބާޝާގެ ވެރިކަން ފެށުނެވެ. އޭނާއަކީ، މިޒަމާނުގެ މިޞްރުގެ ބާނީ އެވެ. 1922 މ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު، މިޞްރަށް މިނިވަންކަން ލިބުނެވެ. ![]() މުޙައްމަދު ނަޖީބާއި ޖަމާލު ޢަބްދުއްނާޞިރު 1952 މ. ޖުލައި އިންގިލާބު ގެނެވުނެވެ. މި އިންޤިލާބުގެ ޤާއިދުންނަކީ، މުޙައްމަދު ނަޖީބާއި ޖަމާލު ޢަބްދުއްނާޞިރެވެ. 1971 މ. އަންވަރުއް ސާދާތުގެ ވެރިކަން ފެށުނެވެ. 1981 މ. މުޙައްމަދު ޙުސްނީ މުބާރަކުގެ ވެރިކަން ފެށުނެވެ. މަޞްދަރު: ވިކިޕީޑިއާ.
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |