މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ވައިޓުހައުސްގެ ކުރިމަތީގައި ހިމޭން ޖިހާދުކުރާ މުޖާހިދު |
|
|
| ދުނިޔެ - ދުނިޔެ | |||
| 24 ޖެނުވަރީ 2010، 22:25 އާދީއްތަ | |||
|
ޢަބްދުލްމުޢީދު ޙަސަން އޭނާއަކީ، ނޫސްވެރިއެކެވެ. މުޞްލިޙެކެވެ. މުރުޝިދެކެވެ. މުސްކުޅިއެކެވެ. މުސްލިމެކެވެ. މުފައްކިރެކެވެ. މުޖާހިދެކެވެ. މީމުން ފެށޭ، މާނަ ރިވެތި އެތައް ލަޤަބެއް އޭނާއަށް ޙައްޤުވެގެންވެ އެވެ. އެކަމަކު އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ، އޭނާއަކީ އާދަޔާ ޚިލާފު މުޖާހިދެއް ކަމެވެ. އޭނާ ޖިހާދުކުރާ މައިދާން އޮތީ، އެމެރިކާގެ ވައިޓުހައުސްގެ ކުރިމަތީގަ އެވެ. އޭނާގެ އަތުގައި ކަނޑިއެއް، ބަޑިއެއް ނެތެވެ. ކީއްތޯ އެވެ. މީހަކާ ހަނގުރާމަކުރަން ބޭނުންކުރާނެ އެއްވެސް ހަތިޔާރެއް އޭނާގެ އަތަކު ނެތެވެ. ހަނގުރާމަ ކުރާނެ ހަތިޔާރެއް އޭނާގެ އަތުގައި ނެތި ޖިހާދުކުރާއިރު، އޭނާ އަޑުގަދަކޮށް ހަލޭކެއް ވެސް ނުލަވަ އެވެ. އަޑުގަދަކުރާނަމަ، އޭނާއަކީ، މުޒާހަރާކުރާ މީހަކަށް ވެދާނެ އެވެ. މުޒާހަރާ ނުކުރާ ފަދައިން އޭނާއަކީ، ވަކި ފަރާތަކާ ދޮޅުވެރިވެ، ވަކިފަރާތަކަށް ތާއީދުކުރާ މީހެއް ވެސް ނޫނެވެ. މިކަންތައްތައް މިމަގަށް ހުރި ނަމަވެސް އޭނާއަކީ، ހިތްވަރުގަދަ މުޖާހިދެކެވެ.ޖިހާދުގެ މައިދާނުގައި އޭނާ އެ ހުންނަނީ، އެމެރިކާގެ ވައިޓުހައުސްގެ ކުރިމަތީގަ އެވެ. އޭނާ ކުރާ ޖިހާދުގައި މީސްތަކުންނާ އޭނާ ކުރަނީ އެންމެ ދެ ސުވާލެކެވެ. އެ ދެ ސުވާލުވެސް ކުރަނީ، އޭނާގެ ދުލަކުންނެއް ނޫނެވެ. އެކަމަކު އެ ދެ ސުވާލު ލިޔެފައިވަނީ، އޭނާގެ އަތުގައިވާ ބޯޑެއްގަ އެވެ. ކިޔަން ބޭނުން މީހަކު، އެ ދެ ސުވާލު ކިޔާލާފައި ދާންވީ އެވެ. ކިޔަން ބޭނުން ނުވާ މީހަކު ނުކިޔައި ދިޔަޔަސް، އޭނާ އެއްވެސް މައްސަލައެއް ނުޖައްސަ އެވެ. އެ ދެ ސުވާލަކީތޯ އެވެ. ބޯޑުގެ އެއް ފަރާތުގައިވަނީ، "އިސްލާމް ދީނަކީ ކޮބާ؟" އަނެއް ފަރާތުގައިވަނީ، "ޓެރަރިޒަމަކީ ކޮބާ؟" މިހެންނެވެ. އެ ބޯޑު ހިފައިގެން ގޮސް އޭނާ ވައިޓުހައުސްގެ ކުރިމަތީގައި ހުރެ އެވެ. އޭނާ، މިދުނިޔެއާ ވަކިވެއްޖައުމަށްދާންދެން އެ ބޯޑު ހިފައިގެން ގޮސް، އެތަނުގައި ހުންނާނެ އެވެ. އޭނާ އެތަނުގައި ހުންނައިރު، އެއްވެސް މީހަކާ ދިމާއަށް، އެއްވެސް ފާޑެއް ނުކިޔަ އެވެ. އެއްވެސް ޝިޢާރެއްގެ އަޑު ނުއުފުލަ އެވެ. އޭނާގެ ނަމަކީ، މުޙައްމަދު ޢަލީ ޞާލިޙެވެ. އޭނާގެ ނަންވެސް މިފެށުނީ މީމަކުންނެވެ. ހަތްވަނަ މީމަކަށް މިވީ، މުޙައްމަދުގެ މީމެވެ. މި ލިޔުމުގައި، މި މީމު ނަންގަތުން ތަންކޮޅެއް ފަސްވިޔަސް، މި މީމަކީ، އޭނާގެ ފުރަތަމަ މީމެވެ. އެހެނީ، އޭނާ އުފަންވިތާ، ހަތްވަނައަށްވީ ދުވަހު އޭނާއަށް ކީ ނަމަކީ މުޙައްމަދެވެ. ނަމުގެ ފަހަތަށް އައީ ޞާލިޙެވެ. އެހިސާބުން ފެށިގެން އޭނާއަކީ މުޞްލިޙެކެވެ. އޭނާ ނޫސްވެރިޔަކަށްވީ، ނޫސްވެރިއެއްގެ މަސައްކަތްކުރާތީ އެވެ. ޖިހާދު ކުރުމުގެ ރިވެތި ނަމޫނާއެއް ދެއްކީތީ، އެ ރޮނގުގައި އޭނާއަކީ ލާމަސީލު މުރުޝިދެކެވެ. ތަޖުރިބާގެ މައިދާނުގައި ޢުމުރުން ދުވަސްވެ، ދޮންވެ ފައްކާވެފައިވާތީ، އޭނާއަކީ، ހަރުދަނާ މުސްކުޅިއެކޭ ބުންޏަސް، އޭނާއަކީ ވަރުހުރި ބޭކަލެކެވެ. ކާފިރުންގެ ތެރޭގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވިޔަސް، މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެ ހުރި އިޚުލާޞްތެރި މުސްލިމެކެވެ. މާތް ﷲ އޭނާއަށް ދެއްވި، ވިސްނުމާއި ފިކުރު ހެޔޮގޮތުގައި ބޭނުންކޮށްގެން ޖިހާދުކުރުމުގެ އާ ވިސްނުމެއް އީޖާދުކުރީތީ، އޭނާއަކީ ވަރުގަދަ މުފައްކިރެއްކަން ވެސް އެނގެ އެވެ. އޭނާގެ އަމިއްލަ ނަފުސު ނޫން އެހެން އެއްވެސް ފަރާތެއްގެ މަދަދެއް ނެތި، ޖިހާދުކުރުމުގެ ޢަމަލީ މައިދާނަށް ނުކުތުމުން، މުޖާހިދެއްގެ ގޮތުން އޭނާގެ ލާމަސީލުކަން ކަށަވަރުވެގެން ދިޔަ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓުހައުސްގެ ކުރިމަތީގައި، ހިމޭންޖިހާދު ކުރަނީ، ކީއްވެގެންތޯ އޭނާއާ ސުވާލުކުރެވުނެވެ. އިސްލާމްއޮންލައިންގެ ފަރާތުން އޭނާގެ އީމެއިލް ފޮށްޓަށް ފޮނުވި އެސުވާލަށް، އޭނާ އީމެއިލުން ދިން ޖަވާބުގައި ވެއެވެ. "އެކަނިމާއެކަނި ހިމޭނުން ހުއްޓިގެން ހުރުން މޮޅުއިތުރު ކަމަށް އަޅުގަނޑު ޤަބޫލުކުރީމެވެ. މަންފާއެއް ނެތް ޑިސްކަޝަންތަކުގެ ތެރެއަށް ވަންނާކަށް އަޅުގަނޑު ބޭނުން ނުވާތީ އެވެ. ވަކި ޚިޔާލެއް ފާޅުކުރުމުގެ ބަދަލުގައި، އަޅުގަނޑު މި އިސްކުރީ، ސުވާލު އުފެއްދުމުގެ އުސްލޫބެވެ. މިކަމުގެ ބޭނުމަކީ، އެމެރިކާ ރަށްޔިތުންގެ މެދުގައި ސުވާލު އުފެއްދުމެވެ. ޖަވާބުދޭނީ އެމީހުން އަމިއްލައަށެވެ. އެމީހުންގެ މެދުގައި އަޅުގަނޑު އުފައްދާ ސުވާލުތަކަކީ، "ޓެރަރިޒަމަކީ ކޮބާ؟ އިސްލާމްދީނަކީ ކޮބާ؟ ޓެރަރިޒަމާއި އިސްލާމްދީނާ ދެމެދުގައިވާ ތަފާތަކީ ކޮބާ؟" މި އެވެ. އޭނާގެ އަތުގައިވާ ބޯޑުގެ ތިރީގައި ކުދި އަކުރުން ލިޔެފައިވެ އެވެ. "ރައީސް އޮބާމާ ބޭނުންފުޅުވެގެން އެއުޅުއްވަނީ، އިސްލާމީ ދުނިޔޭގައި އެމެރިކާގެ ސޫރަ ރިވެތިކުރެއްވުމަށެވެ. އަޅުގަނޑު ބޭނުންވެގެން މިއުޅެނީ، އެމެރިކާގައި އިސްލާމް ދީނުގެ ސޫރަ ރިވެތިކުރުމަށެވެ. އަޅުގަނޑު މަރުވެއްޖައުމަށް ދާންދެން މިތަނުގައި ހުންނާނަމެވެ." އޭނާއަކީ، އެއްވެސް ޖަމްޢިއްޔާއަކަށް، ނުވަރަ ޖަމާޢަތަކަށް ނިސްބަތްވާ މީހެއް ނޫންކަން ކަށަވަރުކޮށްދެމުން ބުނެ އެވެ. "އަޅުގަނޑަކީ، އެއްވެސް ފަރާތަކަށް ނުވަތަ އެއްވެސް ޕާރޓީއަކަށް ނިސްބަތްވުމަށް ބޭނުންވާ މީހަކީމެއް ނޫނެވެ." ހިނގަމުން މިދާ ޖެނުއަރީ މަހު، ވޮޝިންޓަން ޕޯސްޓްގައި ޝާއިޢުކުރި މަޒުމޫނެއްގައި އޭނާ ބުނެފައިވެ އެވެ. "1980 ވަނަ އަހަރުން ފެށިގެން އަޅުގަނޑު ދިރިއުޅެމުންދަނީ، ވޮޝިންޓަނުގަ އެވެ. އަޅުގަނޑު އަދާކުރަނީ، ނޫސް މަޖައްލާތަކުގެ މުރާސިލެއްގެ ވަޒީފާ އެވެ. 11 ސެޕްޓެމްބަރ 2001 ގައި ދެވުނު ހަމަލައާމެދު އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރީމެވެ. އެ ހަމަލައިން އަޅުގަނޑަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ. އަދި ކުރީގެ ރައީސް ޖޯޖު ބުޝް، އިސްލާމީ ދުނިޔެއާމެދު ގެންގުޅުއްވި ސިޔާސަތުތަކާމެދު އަޅުގަނޑު ވަރަށް ބޮޑަށް ރުޅި އައެވެ. އޭގެ އަހަރުތަކެއް ފަހުން، އަޅުގަނޑަށް ޤަބޫލުކުރެވުނީ، އެ ސިޔާސަތުތަކަކީ، މުސްލިމުންނާ ދެކޮޅަށް، ނުސީދާ ގޮތެއްގައި، ސިއްރިޔާތުގައި ކުރަމުންގެންދާ ހަނގުރާމަތަކެއް ކަމުގަ އެވެ." ކޮންމެ ހަފުތާއެއްގެ ބަންދުގައި، ވައިޓުހައުސްގެ ކުރިމަތީގައި އޭނާ ހުއްޓިގެން ހުންނަން ފެށީ އެއަށްފަހުގަ އެވެ. އޭނާއާ ބެހޭގޮތުން ވޮޝިންޓަން ޕޯސްޓްގައި ލިޔުނު މަޒުމޫނުގެ ސުރުޚީއަކީ، "އަޅުގަނޑު ވައިޓުހައުސްގެ ކައިރީގައި ހިމޭން ޖިހާދު އިޢުލާންކުރީ ކީއްވެ؟" މި އެވެ. މިދިޔަ އަހަރުން ފެށިގެން، މުޙައްމަދު ޢަލީ ޞާލިޙު، ވައިޓުހައުސްގެ ކުރިމަތީގައި ހުއްޓިގެން ހުރުން މެދުކަނޑާލި އެވެ. އެއީ، "ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުން" މި ޢިބާރާތް ބޭނުންނުކުރުމަށް، ރައީސް އޮބާމާ އެންގެވުމާ ގުޅިގެންނެވެ. އަދި، 4 ޖޫން 2009 ގައި، މިޞްރުގެ ވެރިރަށް ޤާހިރާގައި އެމަނިކުފާނު ކުރެއްވި ތާރީޚީ ތަޤުރީރުގައި، މުސްލިމުންނަށް އިޙުތިރާމުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން ވެސް މެ އެވެ. ނަމަވެސް ރައީސް އޮބާމާ، ވައިޓުހައުސްގައި އަހަރެއްހައި ދުވަސް ހޭދަކުރެއްވުމުން، އޭނާއަކީ، ސިޔާސީ ބޭފުޅެއްކަން، މުޙައްމަދު ޢަލީ ޞާލިޙަށް ވިސްނުނެވެ. އެހެނީ، އެމަނިކުފާނު ވަޢުދުތައް ވެވަޑައިގަންނަވަނީ، އިންތިޚާބު ކާމިޔާބުކުރެއްވުމަށްޓަކަ އެވެ. އެހެންކަމުން، ސާބިތުކަމާއެކު އިސްލާމީ ދުނިޔެއާ ވާހަކަދެއްކެވުމުގެ ހިތްވަރުފުޅު، އެމަނިކުފާނަށް ލިބިވަޑައިގެނެއް ނުވެ އެވެ. ނުވަތަ، މުސްލިމުންނާ ދެކޮޅަށް ކުރިޔަށްދާ އެމެރިކާގެ އަނިޔާވެރިކަމަށް ނިމުމެއް ކަނޑައެޅުއްވުމުގެ ހިތްވަރުފުޅު ވެސް އެމަނިކުފާނަށް ލިބިވަޑައިގެނެއް ނުވެ އެވެ. ނަންގަނެވިދިޔަ ދެ ނުކުތާއާއެކު، މުޙައްމަދު ޢަލީ ޞާލިޙު ފާހަގަކުރައްވާ އެހެން ކަންތައްތަކެއް ވެސް ވެ އެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހައި މުސްލިމުން ވަނީ، އެމެރިކާ ދެކެ އިންތިހާ ދަރަޖައަށް ރުޅިއައިސް ރަތްވެފަ އެވެ. އެހެނީ، އެމެރިކާވަނީ، ދެ އިސްލާމީ ޤައުމެއް އިސްތިޢުމާރު ކޮށްފަ އެވެ. އެއީ، 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަފުޣާނިސްތާނާއި، 2003 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ޢިރާޤެވެ. އަދި އެމެރިކާ ދަނީ، ދެ އިސްލާމީ ޤައުމަކާ ހަނގުރާމަކުރަމުންނެވެ. އެއީ، ޞޯމާލިއާ އާއި ޕާކިސްތާނެވެ. އަދި އެމެރިކާ ދަނީ، ދެ އިސްލާމީ ޤައުމަކާ ހަނގުރާމަ ކުރާނެ ކަމުގެ ކުޅިސަމާ ދައްކަމުންނެވެ. އެއީ، ސީރިއާ އާއި އީރާނެވެ. އަދި އެންމެ ފަހުން އެމެރިކާ ވަނީ، އެހެން އިސްލާމީ ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެންފަ އެވެ. އެއީ، ޔަމަނުކަރަ އެވެ. މިފަދަ މިފަދަ ސަބަބުތަކަށްޓަކައި، "ވައިޓުހައުސްގެ ކުރިމަތީގައި އަނެއްކާ ވެސް ހިމޭން ޖިހާދު ފެށުމަށް އަޅުގަނޑު ނިންމައިފީމެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ، ކީރިތި ޤުރުއާނުގައި ޞަރީޙަ ބަސްފުޅުން އަންގަވާފައިވާ ކަމެއްކަން، ރައީސް އޮބާމާ އަށް އެނގިވަޑައިގެންފައި ނެތްކަމަށް ވެދާނެ އެވެ. ނުވަތަ އެކަން އެނގިވަޑައިގަންނަވާ ޙާލު، އެކަމަށް އެއްބަސްވެވަޑައިނުގެންފާނެ އެވެ." މުޙައްމަދު ޢަލީ ޞާލިޙު ބުނެ އެވެ. އޭނާގެ ހިމޭން ޖިހާދާމެދު ބުނަނީ: "އަޅުގަނޑަކީ، އެހެން މީހުން ފަދައިން، މުޒާހަރާއެއް ކުރާ މީހަކީމެއް ނޫނެވެ. ހަޅޭކެއް ނުލަވަމެވެ. ބަހެއް ނުބުނަމެވެ. ޑިސްކަޝަނަކަށް ނުދަމެވެ. ކަނާތްފަރާތަށް ނުވަތަ ވާތްފަރާތަށް ނުދަމެވެ. ޖީންސާއި ޓީޝާޓެއް ނުލަމެވެ. ކެއިން ބުއިމުން މަނާވެ ނުގަންނަމެވެ. އޮށޯވެގެން ނުއޮންނަމެވެ. ފޭލިގެއެއް ނުޖަހަމެވެ. އިޢުތިކާފަކަށް (މެދުކެނޑުމެއްނެތި) މިތާކު ނުހުންނަމެވެ. އަދި ވައިޓުހައުސްގެ ފާރުގައި ހިލިހިލާއިން އަޅުގަނޑުގެ ހަށިގަނޑު ކަސްތޮޅު އަޅައިގެން ވެސް ނުހުންނަމެވެ. މިހިރި މިހިރަ ކަންތައްތަކަކީ، މުޒާހަރާކުރާ މީހުން ޢާއްމުގޮތެއްގައި ކޮށްއުޅޭ ކަންތައްތަކެވެ. އެކަންތައްތަކުން އޭނާ އެއްކިބާވީ ކީއްވެގެންކަން ވެސް ބުނެދެ އެވެ. "އަޅުގަނޑުގެ މަޒުހަރަކީ (ނުވަތަ ބޭރުފުށުގެ ސިފައަކީ)، އަޅުގަނޑު ވާޞިލުކޮށް ދޭ މެސެޖުގެ ބަޔެއްކަމަށް އީމާންވަމެވެ. އަޅުގަނޑު ލަނީ، އަނދިރި ކުލައެއްގެ ކޯޓު ފަޓުލޫނެކެވެ. އަޅުގަނޑު އުފުލަނީ، ރިވެތި އަކުރުން ސާފުކޮށް ލިޔެފައިވާ ބޯޑެކެވެ. އަރާރުންވުމާއި ޖަދަލުކުރުމަށް، އަޅުގަނޑު އިންކާރުކުރަމެވެ. މީހަކު އަޅުގަނޑާ ސުވާލެއް ކޮށްފިނަމަ، އެސުވާލެއްގެ ޖަވާބު، ވީހާވެސް ކުރުކޮށް، ރިވެތި ބަހުން، މަޑުމަޑުން ދިނުން ނޫން ކަމެއް މިތަނުގައި އަޅުގަނޑު ނުކުރަމެވެ." ފިލާގަނޑެއްގައި އެންމެ ދެ ސުވާލު ލިޔެގެން އޭނާ އެހުންނަނީ ކީއްވެގެންތޯ އެވެ؟ މިސުވާލުގެ ޖަވާބުގައި އޭނާ ބުނެ އެވެ. "އަޅުގަނޑުގެ އަމިއްލަ ރައުޔު ލިޔާކަށް ބޭނުމެއް ނޫނެވެ. އަދި މިވެނި ފަރާތަކާ އިދިކޮޅުވެ، އެވެނި ފަރާތަކަށް ތާއީދުކުރާކަށް ވެސް ބޭނުމެއް ނޫނެވެ. އެމެރިކާގެ ރަށްޔިތުންނާ އަޅުގަނޑު މިކުރަނީ، އެންމެ ދެ ސުވާލެކެވެ. މުސްލިމުންނާއި އެބައިމީހުންނާ ދެމެދުގައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި، މިއީ ވަރަށް މުހިންމު އަސާސީ ދެ ސުވާލެކެވެ. އަޅުގަނޑު މި މަސައްކަތްކުރަނީ، އެމެރިކާގެ ރަށްޔިތުންގެ މެދުގައި ޑިސްކަޝަނެއް އުފެއްދޭތޯ އެވެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި، ޓެރަރިޒަމަކީ ކޮބައިކަމާއި، އިސްލާމް ދީނަކީ ކޮބައިކަން، އެމެރިކާގެ ރަށްޔިތުންނަށް ނޭނގޭހައި ހިނދަކު، މުސްލިމުންނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމަތަކާއި، ދޭ ހަމަލަތަކަށް ހުއްޓުމެއް ނާންނާނެ އެވެ." އަދިވެސް އޭނާ ބުނެފައިވެ އެވެ. "ސިޔާސަތުގެ އަހުލުވެރިންގެ ކިބައިގައި މުނާފިޤުކަމެއް ހުއްޓަސް، އެމެރިކާގެ ރަށްޔިތުންނަކީ، ހޭލުންތެރި، ހެޔޮލަފާ ރަށްޔިތެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެބައިމީހުންނަކީ، ބުއްދީގެ ހަމަތަކުން ވިސްނައި ފިކުރުކުރާ ބަޔެކެވެ. އަނެކާގެ ރައުޔަށް ކަމޭހިތާ ބަޔެކެވެ. މިފަދަ އުސްލޫބަކުން، އެބައިމީހުންނަށް ވިސްނުވައިދިނުމަކީ، ދުރު މުސްތަޤުބަލަށް ދުރުމީ އަޅައި ބަލާއިރު، ކާމިޔާބު ކަމެއް ކަމުގައި ވާނެ އެވެ. އެހެނީ، އެބައިމީހުންނަކީ، ސުވާލު އުފައްދާހިތްވާ ބަޔެކެވެ. ތިމާއަށް ފެންނަ ގޮތް އިޝްތިހާރުކުރުމުގެ ބަދަލުގައި އެބައިމީހުން ބޭނުންވަނީ، ސުވާލު އުފައްދައިގެން އޭގެ ޖަވާބު ހޯދުމަށެވެ." އީމެއިލުން އިސްލާމްއޮންލައިނަށް އޭނާ ދިން ޖަވާބުގައި، އޭނާ ސާބިތުކަމާއެކު ދެމިހުންނާނެކަން ކަށަވަރުކޮށްދެމުން ބުނެފައި ވެ އެވެ. "މާތްﷲ އަޅުގަނޑުގެ އަޖަލު ޖައްސަވަންދެން، ވައިޓުހައުސްގެ ކުރިމަތީގައި މިގޮތަށް ހިމޭން ޖިހާދުކުރުންމަތީ އަޅުގަނޑު ދެމިހުންނާނަމެވެ. ... ފައިސާ ހޭދަކޮށްގެން މިކަން ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑުގެ އަތުގައި މާގިނަ ފައިސާއެއް ނެތެވެ. އަދި މިކަމުގައި އަޅުގަނޑުގެ ޢާއިލާގެ އަފުރާދުން ޤުރުބާން ނުކުރާނަމެވެ. މި ޢުމުރުގައި އަޅުގަނޑު މިވަނީ އެބައިމީހުންގެ އެހީތެރިކަމަށް ބޭނުންވެފަ އެވެ. އަދި މިކަންކުރާއިރު، (ނުކައި ނުބޮއި ހުރެ) އަޅުގަނޑުގެ ފުރާނަ ނަގައިނުލާނަމެވެ. އަޅުގަނޑުގެ ޢުމުރުން ދެން މާގިނަ ދުވަހެއް ބާކީ އޮތްހެނެއް ހިޔެއް ނުވެ އެވެ. މިކަންތައްތައް މިހެން ހުރުމާއެކު، އަޅުގަނޑު ރާވައި ޕްލޭންކުރީ، ހިމޭން ޖިހާދު ކުރުމަށެވެ. މިއީ އަޅުގަނޑަށް ކުޅަދާނަވެގެންވާ މިންވަރެވެ. މިއީ އީމާންކަމުގެ ސަފުތަކުގެ ތެރެއިން އެންމެ ފަހަތު ސަފުގެ ދަރަޖަ އެވެ. އަޅުގަނޑު މަރުވެއްޖައުމަށް ދާންދެން، ވައިޓުހައުސްގެ ކުރިމަތީގައި ހިމޭން ޖިހާދު ކުރާނަމެވެ." މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ މުސްލިހު މުޙައްމަދު އިސްމާޢީލް, 2010-01-25 03:13:19
ޔާ ﷲ. މިނިމެތި އަޅާއަށްވެސް މިފަދަ މަގަކުން ޖިހާދުކުރުމުގެ ހިއްވަރެއްދެއްވަވައި، އެކަމަކަށް މިންވަރުފުޅެއް ކުރައްވައިފާންދޭވެ. މިނިކަމެތި އަޅާގެ، ނިކަމެތިވެގެންވާ އެންމެހައި އަޚުން އުޙުތުންނަށްޓަކައި، މިއަޅާ ވާދެރަ އިނބަރަސްކަލާނގެ މޮޅަށް ދެނެވޮޑިގެން ވަމުއެވެ. ބަޔާންވެ ދިޔަހާ ޤައުމުތަކުގައި، ހެއްދެވިތާކުން އެއްވެސް ކުށެއްނެތި، ޝިކާރަކުރާ ވަލުކުއްތާކެއްގެ ޝިކާރަތައް ފަދައިން ނިކަމެތި ކުރެވެމުންދާ އަޅުގެ އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށްޓަކައި، މިއަޅާގެ ހިތުގެ އަޑިން ޙަމްދަރުދީ އަޑު އިނބަﷲގެ ކިނބަފުޅަށް އުފުލަނީ އާދޭހުގެ ރުއިމާއި އެކުގައެވެ. ފަހެ، އެމީހުންގެ ދަތިވެގެންވާ މިދުނިޔޭގެ ދިރިއުޅުމުގެ މަށްޗަށް، އިނބަﷲގެ ކިނބަފުޅުންވާ މަތިވެރި ނަޞްރަކާއި، ކާމިޔާބެއް މިންވަރުކުރައްވަތްތޯވެ ދުޢާ ދަންނަވަމެވެ. އެނުލަފާވެގެންވާ އަޢުވާނުންގެ އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމުގައި، ނިކަމެތި މުސްލިމު އަޚުންނާއި އުޙުތުން ކުރަމުންދާ ހިއްދަތި ހިތި ހިތާމާއިގެ ގިލަންވެރިކާއި، ހައިހޫނުކަމުގެ އިންތިހާގައި، އެދަނީ އެމީހުންގެ ހިތާއި، މެއާއި، ހަށިގަނޑާއި ފުރާނަތައް، ހަނާވެ ފަނާވަމުންނެވެ. ނަވަމެސް މިއަޅާއަށް މިއުޅެވެނީ އެކަންކަމުގެ މަތިން ހަނދުމަނެތި ބަނޑުފުރާނަ މުއްތިކޮށްގެން އުފަލުގައެވެ. މިއަޅާގެ އަބަދުމެ އާދޭހުގެ ދުޢާއަކީ އިނބަﷲގެ ހެޔޮވެގެންވާ ރަޙްމަތުން އެބައިމީހުންނާއި މެދުގައިވެސް ހެޔޮވެގެންވާ އިންޞާފެއް ކުރައްވައި، އަނިޔާވެރީންގެ މައްޗަށްވާ ނިޔާވެރީން ކަމުގައި އެބައިމީހުން ލައްވައި، އިނބަﷲގެ ރުހިވޮޑިގަތުންވާ މަގަށް އަޅަމެން އެންމެހައި މުސްލިމުތަކުންގެ ފަތިލަތައް ސާބިތު ކުރައްވައިފާންދޭވެ. އާމީން! ޔާރައްބަލް ޢާލަމީން
... ލިޔުނީ ޢަބްދުﷲ, 2010-01-25 08:25:51
ވަރަށް ފުރިހަމަ ލިޔުމެއް. ބަސަމަގުހުރިގޮތުން ޖަމީލްދީދީގެ ބަހުރުވަ ހިތަށްވެރިވޭ. ދީނީ ނަޒަރަކުން ބަލާނަމަވެސް ވަރަށް ފައިދާބޮޑު. އިސްލާމްދީނަކީ ވަރަށް ސާދާ ދީނެއް. އެދީންފަތުރާކަށް ބައިވަރު ޚަރަދުތަކެއް ކުރާކަށް ނުޖެހޭ. ކްރިސްޓިއަންދީން ފަތުރަން އެދީނުގެ އަހުލުވެރިން އެތައް ފައިސާއެއް ޚަރަދުކުރަމުންދާއިރު، އަދިވެސް އެންމެބާރަށް ފެތުރެމުންދާ ދީނަކީ އިސްލާމްދީން. މިދީން ގޮވައިލަނީ ﷲ ގެ އެއްކައުވަންތަކަމަށް. އަނިޔާވެރިވުން ދޫކޮށްލުމަށް. މީސްތަކުންގެ މެދުގައި ޢަދުލުވެރިވުމަށް. ހަރުކަށިކަމާއި ނޭއްގާނީކަން އިސްނުކުރުމަށް. އޯގާތެރިކަމާއި ރަޙްމު އިސްކުރުމަށް. މުސްލިމުން ޢަމަލުކުރަމުންދާގޮތް ނުބަލައި އިސްލާމްދީން އޭގެ މަޞްދަރުން (ޤުރްއާނާއި ސުންނަތް) ދެނެގަތުމަށް މަސައަކަތްކުރާކޮންމެ މީހަކަށްވެސް މިދީނަކީ ޙައްޤު ދީންކަން ސާފުކޮށް ހާމަވާނެ. ކީރިތި ﷲ މުޙައްމަދު ޞާލިޙުގެ ޢަމަލުގައި ބަރަކާތް ލައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރައްވާށި! މިފަދަ ސިމްޕަލް ކަންތައް އަޅުގަނޑުމެނަށްވެސް ކުރެވިދާނެ. މިސާލަކަށް، އެހެންދީނެއްގެ މީހަކުގާތު "އިސްލާމްދީނާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގޭތަ؟"، "ސުވަރުގެއަށް ދާންބޭނުންނަމަ އިސްލާމްދީން ދަސްކުރޭ" މިފަދަ ބަހެއް ބުނުމުންވެސް ކޮންމެވެސް ދުވަހަކުން އެމީހަކު އިސްލާމްދީނާއި މެދު ފިކުރުކޮށްފާނެ.
ޚިޔާލު ހުށަހަޅާ
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |
ޞާލިޙުގެ މަސައްކަތްޕުޅަށް ނަޞްރުދެއްވާށި އެވެ! މި ލިޔުމަކީ ވަރަށް އުފެއްދުންތެރި އުސްލޫބަކުން ލިޔުއްވާފައިވާ ލިޔުމެއްކަމަށް ދެކެމެވެ. ކިޔާލަން ޝައުޤުވެރި އެވެ. ފިލާވަޅު ޢިބްރަތްތެރި އެވެ. ބަސްމަގު ހިތްގައިމެވެ.
ވަރަށް ގިނަ ރޮނގުރޮނގުން ރަނގަޅު މެސެޖްތަކެއް އެބަ ލިއްބައިދެ އެވެ. އަދަބީ ޢިލްމީ ނަޒަރަކުން ވިސްނައި ފިކުރު ހިންގައިފި ނަމަ އެވެ. އުސްތާޛު މުޢީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!