މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޤަޠަރު ޚަތިމު ނުވަތަ ޤަޠަރު މުޞްޙަފު |
|
|
| ދުނިޔެ - ދުނިޔެ | |||
| 09 މާރޗް 2010، 00:01 އަންގާރަ | |||
|
ޢަބްދުލްމުޢީދު ޙަސަން 9 މާރޗް 2010 ވާ އަންގާރަ ދުވަސް ވެގެންދާނީ، ޤަޠަރުގެ ތާރީޚުގައި ރަންއަކުރުން ލިޔެވޭނެ ތާރީޚީ ދުވަހެއް ކަމުގަ އެވެ. އެހެނީ، އެއީ ޤަޠަރު ޚަތިމު ނުވަތަ "މުޞްޙަފު ޤަޠަރު" ރަސްމީކޮށް ބޭނުންކުރަން ފަށާނެ ދުވަހެވެ. އެކަމަށްޓަކައި ޤަޠަރުގެ ވެރިރަށް ދައުޙާގައި ވަރަށް ބޮޑު އިޙުތިފާލެއް ބޭއްވުމުގެ ތައްޔާރީތައް ހީވާގިކަމާއެކު ކުރެވެމުން އެބަދެ އެވެ. ޤަޠަރު މުޞްޙަފަކީ، އިސްލާމީ ދުނިޔޭގައި އެންމެ ފަހުން ނެރެވޭ މުޞްޙަފެވެ. އަދި އެއީ ފަންނީ ގޮތުން އެންމެ ރީތި މުޞްޙަފު ކަމުގައި ވާނެ ކަމަށް ވެސް ބެލެވެ އެވެ.ޤަޠަރު މުޞްޙަފު ވުޖޫދަށް ގެނައުމަށްޓަކައި، ވަރަށް ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެވިފައި ވެ އެވެ. އެ މުޞްޙަފު ލިޔުމަށާއި އޭގައި ޒަޚުރަފާކުރެހުމަށާއި އެއިން ކުށްފިލުވުން ފަދަ މަސައްކަތްތައް ކުރުމަށް، ދިހަ އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް މާޒީވެފައި ވެ އެވެ. މި ދިގު މުއްދަތުގައި އެ މުޞްޙަފުގެ މަސައްކަތް ކުރަމުން ގެންދިޔައީ ސީދާ އެކަމަށް ޚާއްޞަ ޓީމަކުންނެވެ. ކީރިތި ޤުރުއާން ލިޔެ ޗާޕުކުރުމުގެ މަސައްކަތަކީ، ނުހަނު ފަރުވާތެރިކަމާއެކު މުސްލިމުން ކުރާ މަސައްކަތެކެވެ. ޤަޠަރު މުޞްޙަފުގެ މަޝްރޫޢަކީ، ޤަޠަރު ސަރުކާރުން ހިންގަވައި ކާމިޔާބުކުރައްވާފައިވާ ވަރަށްވެސް ބޮޑު މަޝްރޫޢެކެވެ. ޤަޠަރު މުޞްޙަފު ބޭނުންކުރަން ފެށުމުގެ އިޙުތިފާލުގައި ޤަޠަރުގެ އަމީރު، ޙަމަދު ބިން ޚަލީފާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ބައިނަލްއަޤުވާމީ އިސްލާމީ ޝަޚުޞިއްޔަތުންނާއި ފުންނާބު އުސް ޚައްޠާޠުން (ޢަރަބި ލިއުމުގެ ފަންނާނުން) ވެސް އެޙަފުލާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.ޤަޠަރުގެ މުޞްޙަފަށްޓަކައި، ޤަޠަރުގެ އެންމެހައި ރަށްޔިތުން ފަޚުރުވެރިވެ އެވެ. މާދަމައަކީ، އެ ޤައުމުގެ ރައްޔިތުންނަށް އާދަޔާ ޚިލާފު އުފަލެއް ޙާޞިލުވާނެ ދުވަހެކެވެ. ޤަޠަރު މުޞްޙަފާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި، ޤަޠަރުގެ ވުޒާރަތުލް އައުޤާފުން، ޚާއްޞަ ވެބްސައިޓެއް ތައްޔާރުކޮށްފައި ވެ އެވެ. އެ ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ. މަޞްދަރުތައް: އައްރާޔާ ދުވަހު ނޫސް (ޤަޠަރު). އިސްލާމްއޮންލައިން ޑޮޓް ނެޓް. މުޞްޙަފުޤަޠަރު ޑޮޓް އިންފޯ.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |