މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޣަރުޤަދު ނުވަތަ ޔަހޫދީންގެ ގަސް |
|
|
| އެނގޭތަ - އެނގޭތަ | |||
| 08 ފެބްރުވަރީ 2010، 10:43 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން ޣަރުޤަދު ގަހުގެ ވާހަކަ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘެއްގައި ބަޔާންކުރައްވާފައި ވެ އެވެ. އެ ޙަދީޘުގައި ވަނީ، އެއީ ޔަހޫދީންގެ ގަހެއް ކަމަށެވެ. އަދި އެ ގަހުގެ ނިވަލުގައި ޔަހޫދީން ފިލާނެ ކަމަށެވެ. ޔަހޫދީން އެކަން ކުރާނީ، މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ކުރެވޭ ހަނގުރާމައެއްގަ އެވެ. އެ ޙަދީޘުގެ މާނައީ:ހަމަކަށަވަރުން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ. "މުސްލިމުން ޔަހޫދީންނާ ހަނގުރާމަ ކޮށްފުމަށް ދާންދެން، ޤިޔާމަތް ދުވަސް ނާންނާނެ އެވެ. ފަހެ، ގަސްގަހާގެއްސާއި ހިލަތަކުގެ ފަހަތަށް ޔަހޫދީ މީހާ ވަދެ ފިލައްޖައުމަށް ދާންދެން މުސްލިމުން އެބައިމީހުންނާ ހަނގުރާމަކުރާނެ އެވެ. ދެން (ޔަހޫދީ މީހާ ނިވާވި) ހިލަ ނުވަތަ ގަސް ބުނާނެ އެވެ. އޭ މުސްލިމާ އެވެ! އޭ ﷲ ގެ އަޅާ އެވެ! އަހުރެންގެ ފަހަތުގައި މިހުރީ ޔަހޫދީ އެކެވެ. ތިބާ އައިސް އޭނާ ޤަތުލުކުރާށެވެ! މިހެން ނުބުނާނީ ޣަރުޤަދު ގަހެވެ. ފަހެ، އެއީ، ޔަހޫދީންގެ ގަހެކެވެ." ![]() ޣަރުޤަދަކީ، ކަށި ގަހުގެ ވައްތަރެކެވެ. އެ ގަހުގައިވާ ކަށިތައް ވަރަށް ހަރުވާނެ އެވެ. އަދި އެ ކަށިތަކުގައި ވިހަކަމެއްވެ އެވެ. ގަހުގެ އުސްމިން ޢާއްމު ގޮތެއްގައި ހުންނަނީ، 1 މީޓަރާއި 2 މީޓަރާ ދެމެދުގަ އެވެ. ނަމަވެސް މިޞްރުގެ ސައިނާއިން، އުސްމިނުގައި 5 މީޓަރު ހުންނަ ޣަރުޤަދު ގަސް ފެނިފައިވެ އެވެ. ![]() ޣަރުޤަދަކީ، ގޮފިލަކުޑި ގަހެކެވެ. ގޮފިތަކުގައި ކަށިތައް ފަޅަ އެވެ. ފަތުގައި ވަނީ ސާފު ރީނދޫ ކުލައަކާ އެކުވެފައިވާ ފެހިކުލައެކެވެ. ފަތްތައް ބައްޓަންވެފައި ވަނީ ސަމުސާ ބުރަށެވެ. މާތަކުގައި ވަނީ ހުދު ނޫ ކުލައެކެވެ. މާތައް އުފެދިފައި ވަނީ ދޯރި ނުވަތަ ގޮށީގެ ސިފައިގަ އެވެ. ![]() ޣަރުޤަދު ގަހުގައި އަޅަނީ ގަދަ ރަތްކުލައިގެ މޭވާއެކެވެ. ![]() މިގަހަށް ކިޔާ ނަންތަކުގެ ތެރޭގައި: ޢައުސަޖު، ޣަރުޤަދު، ސަޙުނޫން، ޔަހޫދީންގެ ގަސް، މި ނަންތައް ހިމެނެ އެވެ. މި ގަހުގައި މާއަޅަނީ، ބަހާރު މޫސުމާއި ހޫނު މޫސުމުގަ އެވެ. އިމާމު ނަވަވީ ވިދާޅުވެފައިވެ އެވެ. ޣަރުޤަދަކީ، ކަށިގަހުގެ ވައްތަރެކެވެ. ބައިތުލްމަޤުދިސްގައި އެ ގަސް ހެދެ އެވެ. އިމާމު ޤުރުޠުބީ ވިދާޅުވެފައިވެ އެވެ. ޢައުސަޖު ގަސް ހެދިބޮޑުވުމުން އެޔަށް ކިޔަނީ ޣަރުޤަދެވެ. ސޫރަތުލް ޤަޞަޞްގެ 30 ވަނަ އާޔަތުގައިވާ "ގަސްގަހާގެހިން ބަރަކާތް ލެއްވިފައިވާ ތަނުގައި" ވަނީ ޢައުސަޖު ގަސްކަމަށް އިމާމު ޤުރުޠުބީ "ޖާމިޢުލް ބަޔާން ޢަނިއްތައުވީލި ބިލްޤުރުއާނި" ނަމަކަށް ކިޔުނު ފޮތުގައި ނަކަލުކުރައްވާފައިވެ އެވެ. އަދި މޫސާގެފާނުގެ ޢަޞާކޮޅަކީ، ޢައުސަޖު ގަހުގެ ދަނޑިގަނޑެއް ކަމަށް ވެސް ނަކަލުކުރައްވާފައިވެ އެވެ. މަޞްދަރުތައް: މައުސޫޢަތުލް ޙަދީޘް. ފްލޯރާ އޮފް އިސްރާއީލް އޮންލައިން. މުންތަދަލްޙަދީޤާ. ބައިތުލް އަޢުޝާބު. ވިކިޕީޑިއާ.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.'' - މުޙަންމަދު އަމީން- |