މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހުވަފެން ތަޢުބީރު: މީހުން |
|
|
| އެނގޭތަ - އެނގޭތަ | |||
| 12 މާރޗް 2010، 12:07 ހުކުރު | |||
މުސްކުޅިންނާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ދަންނަ މީހުންނާއި،ނުދަންނަ މީހުން ފެންނަ ހުވަފެންތަކުގެ ތަޢުބީރުތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ތިމާ ދަންނަ މީހަކު ހުވަފެނުގައި ފެނިއްޖެނަމަ، އޭގެ މާނައަކީ، އޭނާގެ ކިބައިން ނުވަތަ އޭނާ ފަދަ މީހެއްގެ ކިބައިން އެއްޗެއް ލިބޭނެ އެވެ.އެފަދަ މީހަކު ހުވަފެނުގައި ފެނިފައި، އޭނާގެ އަތުން އެދެވޭ އެއްޗެއް ލިބޭތަން ފެނިއްޖެނަމަ، އޭގެ މާނައަކީ، މަޤުބޫލު އެއްޗެއް ލިބޭނެ އެވެ. ހުވަފެނުގައި ފެންނަ އެފަދަ މީހަކީ، މަތީމަޤާމެއްގައިވާ މީހެއްނަމަ، އޭނާގެ އެހީތެރިކަމާއެކު ވަޒީފާއެއް ލިބޭނެ އެވެ. އޭނާގެ އަތުން ވަލެއް ފަދަ އެއްޗެއް ލިބޭތަން ފެނިއްޖެނަމަ، އެފަދަ މީހަކާ ގުޅުންބަދަހިވާނެ އެވެ. އޭނާގެ އަތުން ނޭދެވޭ އެެއްޗެއް ލިބޭތަން ފެނިއްޖެނަމަ، ހުވަފެން ފެނުނު މީހާއާއި އެމީހަކާ ދެމެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދޭނެ އެވެ. ނުދަންނަ މުސްކުޅިއެއް ނުވަތަ އަބަހައްދަވެފައިވާ މީހެއް ފެނިއްޖެނަމަ، އެއިން ދަލީލުކުރެވެނީ ހުވަފެން ފެނުނު މީހާގެ ކާފަގެ ޙާލަތަށެވެ. އެފަދަ މީހަކު ފެނުނީ ނިކަމެތިވެފައިވާ ޙާލުގައިކަމަށް ވަނީނަމަ، އެއީ އެމީހެއްގެ ކާފަގެ ނިކަމެތި ކަމެވެ. އެފަދަ މީހަކު ފެނުނީ ހެޔޮ ޙާލުގައި ބާރުގަދަ މީހެއްގެ ގޮތުގައި ކަމަށްވަނީނަމަ، އެއީ އެމީހެއްގެ ކާފަގެ ހެޔޮ ޙާލާއި ބާރުގަދަ ކަމެވެ. ޒުވާނަކު މުސްކުޅިވާތަން ފެނިއްޖެނަމަ، އެމީހަކަށް ޢިލްމުވެރިކަމާއި މަޢުރިފާ ލިބޭނެ އެވެ. މުސްކުޅިއަކާ ތަބާވެގެން އުޅެނިކޮށް ފެނިއްޖެނަމަ ހެޔޮކަމެއް ލިބޭނެ އެވެ. ރަށްފުށުގެ ދަނޑުވެރިކަން ކުރާ މުސްކުޅިއަކު ފެނިއްޖެނަމަ، ހަރުކަށި އެކުވެރިއެއް ލިބޭނެ އެވެ. ބޭރު މުސްކުޅިއަކު ފެނިއްޖެނަމަ، އެކުވެރިއެއް ލިބޭނެ އެވެ. އެ އެކުވެރިއަކީ މުސްލިމެއް ނަމަ، އޭނާގެ ކިބައިން ގެއްލުމެއް ނުލިބޭނެ އެވެ. ހުވަފެނުގައި ފެންނަ ޒުވާނާ ތަޢުބީރުކުރެވެނީ، ޢަދާވާތްތެރިއެއްގެ ގޮތުގަ އެވެ. ހުވަފެނުގައި ފެންނަ ޒުވާނާއަކީ ދޮންމީހެއްނަމަ، އެއީ ނިވާވެފައިވާ (ކަނޑައެޅިގެން ކާކުކަން ނޭނގޭ) ޢަދާވާތްތެރިއެކެވެ. އެއީ ކަޅުމީހެއްނަމަ، އެއީ މުއްސަނދި ޢަދާވާތްތެރިއެކެވެ. އެއީ ބޮލުގެ އިސްތަށިތައް ރަންކުލައިގައިވާ މީހެއްނަމަ، އެއީ މުސްކުޅި ޢަދާވާތްތެރިއެކެވެ. އެއީ ބަޙުރައިންގެ މީހެއްނަމަ އެއީ ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ. އެއީ ރަށްފުށުގެ ދަނޑުވެރިއެއް ނަމަ، އެއީ ރުޅިގަދަ ނުލަފާ ޢަދާވާތްތެރިއެކެވެ. އެއީ ބާރުގަދަ މީހެއްނަމަ، އެއީ ޢަދާވާތްތެރިކަން ގަދަވެގެންވާ ޢަދާވާތްތެރިއެކެވެ. ޒުވާނެއްގެ ފަހަތުން ދާތަން ފެނިއްޖެނަމަ، ޢަދާވާތްތެރިއެއްގެ މައްޗަށް ގަދަވެގަނެވޭނެ އެވެ. މުސްކުޅިއަކާ ދިމާއަށް މަތިން ބަލާތަން ފެނިއްޖެނަމަ، އެއީ ލިބެން އޮތް ހެޔޮ ކަންތައްތަކެކެވެ. ޒުވާނަކާ ދިމާއަށް މަތިން ބަލައިފިނަމަ، އެއީ ޢަދާވާތްތެރިއެއްގެ މައްޗަށް ގަދަވެގަނެވޭނެ ކަމުގެ ޢަލާމާތެކެވެ. މުސްކުޅިއަކު ޒުވާންވެފައި ވަނިކޮށް ފެނިއްޖެނަމަ، ތަޢުބީރުކުރުމުގައި ޚިލާފުތަކެއް ވެ އެވެ. ބައެއް ތަޢުބިރުގައިވަނީ، އެއީ އާވެ އާލާވާނެ އުފާވެރިކަމެއް ކަމަށެވެ. ބައެއް ތަޢުބިރުގައިވަނީ، އެއީ އޭނާގެ ދީނުގައި ނުވަތަ ދުންޔަވީ ކަންކަމަށް އަންނާނެ އުނިކަމެއް ކަމަށެވެ. ބައެއް ތަޢުބިރުގައިވަނީ، އެއީ އޭނާ މަރުވާނެކަމުގެ ޢަލާމާތެއް ކަމަށެވެ. ބައެއް ތަޢުބިރުގައިވަނީ، އެއީ އޭނާ ކަންކަމުގައި ފަރުވާތެރިވާ ކަމުގެ ދަލީލެއް ކަމަށެވެ. ނުދަންނަ ޒުވާނަކު ފެނިފައި، އެ ޒުވާނާ އޭނާދެކެ ރުޅިއައިސްފިނަމަ، އޭނާގެ މައްޗަށް ޢަދާވާތްތެރިވާ މީހަކު މީސްތަކުންނަށް ފެންނާނެ އެވެ. އެ ޒުވާނާ އޭނާގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށްފިނަމަ، ހިތްހެޔޮ އެކުވެރިޔެއް ލިބޭނެ އެވެ. ރީތިވެ ނަލަހެދިގެންވާ ޒުވާން މުސްލިމު އަންހެންކުއްޖަކު ފެނިއްޖެނަމަ، ހީވެސް ނުކުރާފަދަ ގޮތަކަށް އުފާވެރި ޚަބަރެއް ލިބޭނެ އެވެ. އެއީ ޣައިރު މުސްލިމު އަންހެން ކުއްޖެއްނަމަ، ޚިޔާނާތްތެރިކަމަކާއެކު އުފާވެރި ޚަބަރެއް ލިބޭނެ އެވެ. އަބާއްޖަވެރި އަންހެން ކުއްޖަކު ފެނިއްޖެނަމަ، ބިރުވެރި ޚަބަރެއް ލިބޭނެ އެވެ. ނިކަމެތި އަންހެން ކުއްޖަކު ފެނިއްޖެނަމަ، ފަޤީރުކަން ކުރިމަތިވާނެ އެވެ. އޮރިޔާން ޙާލުގައިވާ އަންހެން ކުއްޖަކު ފެނިއްޖެނަމަ، ވިޔަފާރީގައި ގެއްލުންވެ ފަޟީޙަތްވާނެ އެވެ. ދުވަހަކު ވެސް މީހަކާ ނުއިންނަ އަންހެން ކުއްޖަކާއެކުގައި އުޅެނިކޮށް ފެނިއްޖެނަމަ، އެއީ ކާމިޔާބުގެ ޢަލާމާތެކެވެ. ވިޔަފާރިވެރިއެއްނަމަ، ވިޔަފާރީގައި ކާމިޔާބުވާނެ އެވެ. އެފަދަ އަންހެން ކުއްޖަކު ފެނުމުން ލިބޭނެ ކާމިޔާބުގެ ދަރަޖަ ބިނާވެފައިވަނީ، އެ ކުއްޖާގެ ރީތިކަމާއި، ލައިގެން ހުންނަ ހެދުމުގެ މޮޅުކަމާއި، ގައިން ދުވާ މީރުވަހުގެ މައްޗަށެވެ. ހުވެފެނުގައި ފެންނަ އަންހެން ކުއްޖާ ވަނީ ނިވާކަން ބޮޑު ހެދުމެއް ލައިގެން ނަމަ، މަޝްހޫރު ނުވާނެ ދީންވެރި ހެޔޮކަމެއް ލިބޭނެ އެވެ. އޭނާ ވަނީ ނިވާކަން ކުޑަ ހެދުމެއް ލައިގެން ނަމަ، މަޝްހޫރުވާނެ ހެޔޮކަމެއް ލިބޭނެ އެވެ. އޭނާ ވަނީ މޫނު ބުރުގާ އަޅައިގެން ނަމަ، ނިވާވެފައިވާ ހެޔޮކަމެއް ލިބޭނެ އެވެ. އޭނާ ވަނީ ހަށިގަނޑު ހާމަކޮށްގެން ނަމަ، ހެޔޮކަމެއް ލިބި އެވާހަކަ މީސްތަކުންގެ މެދުގައި ދެއްކޭނެ އެވެ. ރީތި އަންހެނަކު ތިމާގެ ގެޔަށް ވަންނަތަން ފެނިއްޖެނަމަ، އެމީހަކަށް އުފާވެރިކަމެއް ލިބޭނެ އެވެ. ރީތި އަންހެނަކު ފެނުމަކީ، މުދާވެރިކަމެއް ލިބޭނެ ކަމުގެ ޢަލާމާތެކެވެ. ނަމަވެސް އެއީ ވަގުތީ ކަމެކެވެ. އެއީ ދެމިއޮންނާނެ ކަމެއް ނޫނެވެ. ޒުވާން އަންހެނަކު ތިމާއާ ހަތަރުކަޅި ހަމަކުރާތަން ފެނިއްޖެނަމަ، އެއީ އެމީހަކަށް ފުރަގަސްދީފައިވާ ކަމެއް ޙާޞިލުވާނެ ކަމުގެ ޢަލާމާތެކެވެ. ފަލަ އަންހެނަކު ފެނިއްޖެނަމަ، އެ އަހަރު އެމީހަކަށް ތިޔާގިކަން ލިބޭނެ އެވެ. ހިކި އަންހެނަކު ފެނިއްޖެނަމަ، ނުތަނަސްކަން ކުރިމަތިވާނެ އެވެ. އަންހެނަކަށް ޒުވާން އަންހެން ކުއްޖަކު ހުވަފެނުގައި ފެނިއްޖެނަމަ، ކޮންމެ ގޮތަކަށް ފެނުނަސް އެއީ ޢަދާވާތްތެރިއެކެވެ. މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، އެއީ އޭނާގެ މާމަ އެވެ. ރިވެތިވެ ނަލަހެދިފައިވާ މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، ދުންޔަވީ އުފާވެރި ޚަބަރެއް ލިބޭނެ އެވެ. އަބާއްޖަވެރި މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، އެއީ ދުނިޔޭގެ ޢިއްޒަތާއި ޖާހު ނެތިދާނެ ކަމުގެ ޢަލާމާތެކެވެ. ސިފަ ހުތުރު މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، ކަންތައްތައް އެކޮޅުކޮޅުން ޖެހޭނެ އެވެ. އޮރިޔާން ޙާލުގައިވާ މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، އެމީހަކު ފަޟީޙަތްވާނެ އެވެ. މޫނު ބުރުގާ އަޅައިގެން އިން މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، ހިތާމަވެރިކަމެއް ކުރިމަތިވާނެ އެވެ. މުސްކުޅި އަންހެނަކު ތިމާގެ ގެޔަށް ވަންނަތަން ފެނިއްޖެނަމަ، އެމީހަކަށް ދުންޔަވީ ކުރިއެރުން ލިބޭނެ އެވެ. މުސްކުޅި އަންހެނަކު ތިމާގެ ގެއިން ނުކުންނަތަން ފެނިއްޖެނަމަ، އެމީހެއްގެ ކިބައިން ދުންޔަވީ ކުރިއެރުން ނެތިދާނެ އެވެ. ޣައިރު މުސްލިމު މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، އެއީ ޙަރާމް ކަންތައްތަކެކެވެ. މުސްލިމު މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، އެއީ ޙަލާލު ކަންތައްތަކެކެވެ. ސިފަ ހުތުރު މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، ރަނގަޅު ކަމެއް ނެތެވެ. އަންހެނަކަށް، ޒުވާން އަންހެންކުއްޖަކު މުސްކުޅިވެފައިވަނިކޮށް ފެނިއްޖެނަމަ، އެއީ އެ ހުވަފެން ފެނުނު އަންހެނާގެ ދީންވެރިއެއް ކަމަށް އޮތް ދަލީލެކެވެ. ފިރިހެނަކަށް، ނުކިޔަމަންތެރި މުސްކުޅި އަންހެނަކު ފެނިއްޖެނަމަ، ދުނިޔޭގައި އުޅެން އޭނާއަށް ދަތިވާނެ އެވެ. އެ މުސްކުޅި އަންހެނާ އޭނާއަށް ކިޔަމަންތެރިވާ މިންވަރަކީ، ދުނިޔޭގައި އުޅުމަށް ފަސޭހަވާނެ މިންވަރެވެ. ކުޑަކުއްޖަކު ފެނިއްޖެނަމަ، އެއީ ރަޙުމަތްތެރިކަން ފާޅުކޮށްގެން ރަޙުމަތްތެރިވުމަށްފަހު، ޢަދާވާތްތެރިވާނެ މީހެކެވެ. ފިރިހެނަކަށް، އޭނާ ކުޑަކުއްޖަކަށް ވެފައިވަނިކޮށް ފެނިއްޖެނަމަ، އޭނާގެ ހައިބަތާއި ޝަޚުޞިއްޔަތު ނެތިދާނެ އެވެ. ނަމަވެސް އޭނާއަކީ ހައްޔަރުކުރެވިފައިވާ މީހެއްނަމަ، އެއީ އޭނާ ސަލާމަތްވާނެ ކަމުގެ ޢަލާމާތެކެވެ. ކުޑަކުއްޖަކު ގެންގުޅެނިކޮށް ފެނިއްޖެނަމަ، އެމީހަކަށް ވެރިކަމެއް ލިބޭނެ އެވެ. ފޮތްފޮތުން ކީރިތި ޤުރުއާނާއި ރިވެތި އަޚުލާޤު ދަސްކުރަނިކޮށް ފެނިއްޖެނަމަ، އެމީހަކު ކުށްފާފައިން ތައުބާވާނެ އެވެ. މީހަކަށް އެއްފަހަރާ ބައިވަރު ދަރިން ލިބޭތަން ފެނިއްޖެނަމަ، އެމީހަކު ހިތްދަތިކަމާ ކުރިމަތިލާން ޖެހޭނެ އެވެ. ހުވަފެނުގައި ކުޑަ ފިރިހެން ކުދިން ފެނުމަކީ، ކުދިކުދި ދަތިތަކާ ކުރިމަތިވާނެ ކަމުގެ ޢަލާމާތެކެވެ. ހުވަފެނުގައި ކުޑަ އަންހެން ކުދިން ފެނުމަކީ، ތިޔާގިކަމާއި ތަނަވަސްކަމާއި އިތުރުވުމާއި ދަތި ޙާލުން ސަލާމަތްވާނެ ކަމުގެ ޢަލާމާތެކެވެ. ހުވަފެނުގައި ކުޑަ ފިރިހެން ކުއްޖެއް ގަނެފި މީހާއަށް ހިތްދަތިކަމެއް ކުރިމަތިވާނެ އެވެ. ހުވަފެނުގައި ކުޑަ އަންހެން ކުއްޖެއް ގަނެފި މީހާއަށް ރަނގަޅު ކަންތައްތަކެއް ޙާޞިލުވާނެ އެވެ. ވައިލެޓް ކުލައިގެ ފޮތިގަނޑެއް އެމީހެއްގެ ގައިގައި އަޅާފައިވަނިކޮށް ހުވަފެނުން ފެނިއްޖެނަމަ، ޤަދަރުވެރި އަންހެނަކާ ކާވެނިކުރެވޭނެ އެވެ. ދަރިން ލިބިފައިވާ މީހަކަށް އެގޮތަށް ހުވަފެނުގައި ފެނިއްޖަނަމަ، އެއީ އޭނާގެ ދަރިއަކު ބާލިޣުވެއްޖެ ކަމުގެ ޢަލާމާތެކެވެ. މުސްކުޅިއަކަށް އެގޮތަށް ހުވަފެނުގައި ފެނިއްޖެނަމަ، އެއީ އޭނާ މަރުވުން ގާތްވެއްޖެ ކަމުގެ ޢަލާމާތެކެވެ. ކުޑަ ފާފައެއް ކުރަނިކޮށް ފެނިއްޖެނަމަ، އެމީހަކު ފަޟީޙަތްވާނެ އެވެ. ބާލިޣުވެފައިވާ ފިރިހެން ދަރިއަކު ހުވަފެނުން ފެނިއްޖެނަމަ، އެއީ ޢިއްޒަތާއި ބާރެވެ. އެކުއްޖާގެ ބައްޕައަށްވުރެ ބޮޑަށް، އެކުއްޖާގެ މަންމައަށް ޢިއްޒަތާއި ބާރު ލިބުން ގާތްކަން ބޮޑެވެ. އަންހެނަކަށް ރީތި ފިރިހެން ކުއްޖަކު ފެނިއްޖެނަމަ، އެއީ އޭނާއަށް ލިބެން އޮތް ރަނގަޅު ކަންތައްތަކެކެވެ. އެ ކަންތައްތަކުގެ މިންވަރު ކަނޑައަޅާނީ އެކުއްޖާގެ ރީތިކަމުގެ މިންވަރެވެ. ކުޑަ ފިރިހެން ކުއްޖެއް ލިބިފައިވާ މީހަކަށް އެކުއްޖާ ބޮޑު ފިރިހެނަކަށް ވެފައިވަނިކޮށް ފެނިއްޖެނަމަ، އެއީ އެމީހަކު މަރުވުމުގެ ޢަލާމާތެކެވެ. ކުޑަ ފިރިހެން ކުއްޖަކު ބޮޑު ފިރިހެނަކަށް ވެފައިވަނިކޮށް ފެނިއްޖެނަމަ، އެއީ ލިބެން އޮތް ބާރަކާއި އެހީތެރިކަމެކެވެ. ތިމާގެ އަނބިމީހާ މާބަނޑުވެފައިވަނިކޮށް، އޭނާ ފިރިހެން ކުއްޖަކު ވިހައިގެން އުޅެނިކޮށް ފެނިއްޖެނަމަ، ލިބޭނީ އަންހެން ކުއްޖެކެވެ. އޭނާ އަންހެން ކުއްޖަކު ވިހައިގެން އުޅެނިކޮށް ފެނިއްޖެނަމަ، ލިބޭނީ ފިރިހެން ކުއްޖެކެވެ. ބައެއްފަހަރު، ހުވަފެނުގައި ފެންނަ ޖިންސުގެ ދަރިން ލިބިފައި ވެ އެވެ. ފިރިހެން ކުއްޖަކު ފެނިއްޖެނަމަ، ފިރިހެން ކުއްޖެކެވެ. އަންހެން ކުއްޖަކު ފެނިއްޖެނަމަ، އަންހެން ކުއްޖެކެވެ. މައްކާގައި ދިރިއުޅުނު ކީރިތި ޤުރުއާން ކިޔަވާ އަންހެނަކަށް ފެނުނު ހުވަފެނެއްގެ ވާހަކަ މީހުން ކިޔައިއުޅެ އެވެ. އޭނާއަށް ފެނުނީ، ކަޢުބަތު ﷲ ގެފުޅުގެ ވަށައިގެން ތިބި އަންހެން ކުދިންތަކެކެވެ. އެކުދިންގެ އަތުގައި ވަސްމީރު ގަހެއްގެ ގޮފިތަކެއް ވި އެވެ. އަދި އެކުދިން ލައިގެން ތިބީ، ކުރެހުން އަޅާފައިވާ ހެދުންތަކެކެވެ. މި މަންޒަރު ފެނުމުން އެ އަންހެން މީހާ، ހުވަފެނުގައި ބުންޏެވެ. "ސުބްޙާނަ ﷲ އެވެ. ގެފުޅުގެ ވަށައިގެން މިވަނީ ކޮންކަމެއް ހެއްޔެވެ؟" ދެން ކޮންމެވެސް މީހަކު އޭނާއަށް ޖަވާބުދިނެވެ. "ޢަބްދުލްޢަޒީޒު ބިން އަބީ ދާވޫދު މިރޭ ކާވެނިބައްލަވައިގަތްކަން ކަނބުލޭގެއަކަށް ނޭނގޭ ހެއްޔެވެ؟" މިހުވަފެން ފެނިގެން އޭނާ ތެދުވިއިރު ލިބުނު ޚަބަރަކީ، ޢަބްދުލްޢަޒީޒު ބިން އަބީ ދާވޫދު އަވަހާރަވެއްޖެ ކަމުގެ ޚަބަރެވެ. މަޞްދަރު: ތަފުސީރުލް އަޙުލާމް (އިބްނު ސީރީން) ނޯޓް: މިފޮތުގައިވަނީ، އިބްނު ސީރީން ތަޢުބީރުކުރެއްވި ހުވަފެންތަކުގެ މާނަ ކަމަށާއި، މި ފޮތް ލިޔުނީ އޭނާގެ ދަރިވަރުން ކަމަށް ރިވާވެފައި ވެ އެވެ.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |