މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހިޔަރަކާތުގެ ބައެއް ބިދުޢަތައް |
|
|
| އެނގޭތަ - އެނގޭތަ | |||
| 26 ޖުލައި 2010، 19:50 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން ޝަޢުބާން މަސް ދެބައިވާ ރޭގައި ބައެއް މުސްލިމުން ކުރާ ނަމާދެއް ވެ އެވެ. އެ ނަމާދަށް ދިވެހިން ކިޔައިއުޅެނީ ހިޔަރަކާތް ނަމާދެވެ. ހިޔަރަކާތް އުފެދިފައިވަނީ ހިޔައާއި ރަކާތުންނެވެ. ހިޔައަކީ "ނުވަދިހަ ހަޔެއް" އެވެ. ރަކާތަކީ "ރަކުޢަތް" އެވެ. އެހެންވީމާ ހިޔަރަކާތުގެ މާނައަކީ، ނުވަދިހަ ހަ ރަކުޢަތެވެ. މިނަމާމެދު ވިސްނާލާއިރު، މިނަން އުފެދިފައިވަނީ، ހިސާބުގެ ދިހަ ވަޅުގެ ނިޒާމު ދިވެހިންގެ ތެރޭގައި ޢާއްމުވުމުގެ ކުރިން ކަމަށް
ލަފާކުރެވެ އެވެ. އެހެނީ، ހިޔަރަކާތް ނަމާދުގައިވަނީ ނުވަދިހަ ހަ ރަކުޢަތެއް ނޫނެވެ. އެކަމަކު އެ ނަމާދުގައިވަނީ ސަތޭކަ ރަކުޢަތެވެ.ހިޔަރަކާތް ނަމާދަށް ޢަރަބި ބަހުން ކިޔާ އެހެން ދެ ނަމެއް ވެ އެވެ. އެއް ނަމަކީ، ޞަލާތުލް ބަރާއާ އެވެ. އަނެއް ނަމަކީ ޞަލާތުލް އަލްފިއްޔާ އެވެ. މިނަމާދު ކުރުމުން، އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ފާފަތައް، މާތް ﷲ ފުއްސަވާކަމަށް ބައެއް މީހުން ޤަބޫލުކުރެ އެވެ. ޞަލާތުލް ބަރާއާ ކިޔަނީ މިހެންވެ އެވެ. މިނަމާދުގައި އެއް ހާސްފަހަރު އިޚުލާޞް ސޫރަތް ކިޔަވަ އެވެ. ޞަލާތުލް އަލްފިއްޔާ ކިޔަނީ މިހެންވެ އެވެ. ހިޔަރަކާތް ނަމާދުކުރާއިރު، ކޮންމެ ރަކުޢަތެއްގައި އަލްޙަމްދަށްފަހު، އިޚުލާޞް ސޫރަތް ދިހަ ފަހަރު ކިޔަވަ އެވެ. މި ނަމާދަކީ، ޝަޢުބާން މަސް ދެބައިވާ ރެޔަށް ޚާއްޞަކޮށްގެން މީހުން އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިން ބިދުޢައެކެވެ. މިނޫނަސް އެރެޔަށް ޚާއްޞަކޮށްފައިވާ ބިދުޢަތައް ވެ އެވެ. އޭގެތެރެއިން މަޝްހޫރު ބައެއް ބިދުޢަތަކަކީ: 1. ހަ ރަކުޢަތް ނަމާދެއް ކުރުން: މިނަމާދުކުރަނީ، މުޞީބާތްތަކުން ސަލާމަތްވުމަށާއި ޢުމުރު ދިގުވުމަށާއި ތަނަވަސްކަމަށް އެދިގެންނެވެ. މުސްލިމުންގެ ބައެއް ސަގާފަތްތަކުގެ އަހުލުން މިނަމާދުގައި ބާރަ ރަކުޢަތް ކުރެ އެވެ. އަދި ބައެއް ސަގާފަތުގެ އަހުލުން ސައުވީސް ރަކުޢަތް ކުރެ އެވެ. 2. ޔާސީން ސޫރަތް ކިޔެވުން. 3. ގިނަގުނަ ކަންތައްތަކަށް އެދޭ ޚާއްޞަ ދުޢާއެއް ކުރުން. 4. ޝަޢުބާން މަސް ދެބައިވާ ރެޔަކީ، ލައިލަތުލް ޤަދުރިވިލޭރޭ ކަމަށް ހީކުރުން. 5. މަރު ކަށަވަރުކުރުން. ޝަޢުބާން މަސް ދެބައިވާ ރޭ މަރުކަށަވަރުވެއްޖެ މީހާ، އެރޭން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަރުވާނެ ކަމަށް ބުނެވެ އެވެ. މިފަދަ ކަންތައް ޤަބޫލުކުރުންވަނީ، ބައެއް އިސްލާމީ މުޖުތަމަޢުތަކުގައި ފެތުރިފަ އެވެ. ޢާއްމުންގެ ތެރެއިން ގިނަ ބަޔަކު ހީކުރަނީ މިއީ ދީނުގައި ޝަރުޢުކުރައްވާފައިވާ ކަންތައްތައް ކަމަށެވެ. ނަމަވެސް ދީނުގެ ޞައްޙަ މަޞްދަރަކުން މިއިން ކަމެއް ސާބިތެއް ނުވެ އެވެ.
|
| ހަމަ މި ގަލަމުން |
|---|