މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަރާކި ގަސް |
|
|
| އެނގޭތަ - އެނގޭތަ | |||
| 21 ޖެނުވަރީ 2011، 05:16 ހުކުރު | |||
މުސްލިމުންނާ ވަރަށް ރަޙްމަތްތެރި ގަހެއްއަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގަހުގެ ނަން އަރާކި ގަހަކީ މުސްލިމުންގެ ޙަޔާތުގައި ވަރަށް މުހިއްމުގަހެކެވެ. މުސްލިމުންގެ ތެރެއިން ވަރަށް ގިނަބަޔަކު ޖީބަށްލައިގެން އުޅޭ ވެސް އެއްޗެކެވެ. އެހެންކަމުން މި ގަހާ، މި ގަހުން އުފައްދާ އަރާކި ބުރުހާ ބެހޭގޮތުން އެއްޗެއް އެނގުމަކީ އަޅުގަނޑުމެންނަށް ބޭނުންތެރި ކަމެއްކަމަށް ދެކެމެވެ. މި ގަހަށް ޢަރަބިބަހުން އަރާކު ގަހޭ ނުވަތަ ޚިމްޠު ގަހޭ ކިޔެ އެވެ. ޢާއްމުކޮށް މިގަހަށް ކިޔަނީ މިސްވާކު ގަހެވެ. ނުވަތަ ބުރުސްގަހެވެ. މިގަހުގެ ޢިލްމީ ނަމަކީ ސެލްވަޑޯރާ ޕަރސީކާSalvadorapersica އެވެ. އަރާކި ގަސްއަރާކިގަހަކީ ވަރަށް ދުވަހުންހެދޭ، ފަތްތައް އަބަދުވެސް ފެހިގަހެކެވެ. ޢުމުރުގެ ގޮތުން ބަލާއިރު މި ގަސް ފަސް އަހަރާ ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ދުނިޔޭގައި ހުރެ އެވެ. އަހަރަކު 200މިލިމީޓަރުގެ މަދު ވާރޭފެންފޮދެއް ވެހޭ ހަނަފަސްބިމުގައި ވެސް މިގަހަށް ހެދެވިދާނެ އެވެ. އެހެންކަމުން މިއީ ސަހަރާއާ ވަރަށް ރަޙްމަތްތެރިގަހެކެވެ. އަރާކިގަހަކީ ވަރަށް ކުޑަގަހެކެވެ. ގަހުގެ މަލުގެ ކުލައަކީ ރީނދޫ ކުލަ އެވެ. އެކަމަކު މޭވާގެ ކުލަ ހުދު ނުވަތަ ކަޅު ނުވަތަ ފިޔާތޮށިކުލަކަމުގައި ވެދާނެއެވެ. އެއީ ކެއުމަށް ރަނގަޅު، ހަކުރު ގިނަ މޭވާއެކެވެ. މޭވާގެ ތެރޭގައި އޮންނަ އޮށަކީ ވަރަށް ތެޔޮގިނަ އެއްޗެކެވެ. މޭވާ ދޮންވެ ފައްކާވުމުން އޮށުގެ އެތެރެ ފެންނާނެ އެވެ. ޢާއްމު ގޮތެއްގައި އަރާކިގަސް ހައްދަނީ އޭގެ އޮށް އިންދައިގެންނެވެ. އޮށް އިންދުމުގެ ކުރިން އޮށް ރަނގަޅަށް ސާފުކޮށް ތޮށި ފިލުވަންވާނ ެއެވެ. ފެނުން ދޮވެ ސާފުކޮށްފައި އިންދާ އޮށް 24ގަޑިއިރުގެ ތެރޭގައި ފަޅާނެ އެވެ. އަރާކިގަހުގެ ތޮށިން ދަތްއުނގުޅާބޭސް އުފައްދަ އެވެ. މި ގަހުގެ ތޮށީގައި ބެކްޓީރިއާ މަރާ ބާރެއް ހިމެނޭތީ އެއީ ދަތަށާއި ހިރުގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ދަތުގެ ރިހުން ކެނޑުވުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިގަހުގެ ގޮފިން ދަތްއުނގުޅުމަކީ ކުޅުގައި ހުންނަ ޕީއެޗް ގެ މިންވަރު ކުޑަކުރާނެކަމެކެވެ. މި ކަމުގެ ސަބަބުން ކުޅު އުފެދުން އިތުރުވެ އެވެ. ކުޅު ގިނަވުމަކީ ދަތާއި ހިރުގަނޑުގެ ބަލިތައް މަދުކޮށްދޭނެކަމެކެވެ. އޭރުން ދަތްފަނިކެއުމާއި ދަތް ފީވުން ފަދަ ބަލިތަކުން ރައްކައުތެރިކަން ލިބޭނެ އެވެ. އަރާކިގަހުގެ މުލުގެ ތޮށީގައި ހުންނަ ކެމިކަލްސް ގެ ސަބަބުން އެއީ އަނގަދޮވެސާފުކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އަދި މިގަހުގެ ފަތް ކައްކައިގެން ކިހުނަށް ފަރުވާ ދިނުމަށް ބޭނުންކުރެވެ އެވެ. މިގަހުގެ ކިރަކީ ފާރުހިއްކުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ގަހުގެ މަލަކީ ޖުޒާމުބައްޔަށާއި ކިހުނުބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ އެއްޗެކެވެ. މި ގަހުގެ މޭވާ ހުންކޮށީގެ ބަލިތަކަށާއި ރާއްޖެބަލީގެ އުނދަގޫތަކަށް ފަރުވާ ދިނުމަށްޓަކައި ބޭނުންކުރެވެ އެވެ. މީގެ އިތުރަށް އަރާކިދަނޑުތަކަކީ ހަނގުރާމައިގެ ތެރޭގައި އަންހެނުންނާއި ގެރިބަކަރި ފަދަ ޖަނަވާރުތައް ފޮރުވުމަށް ބޭނުންކުރެވޭ ތަނެކެވެ. އަރާކި މޭވާއަރާކި މޭވާ ހުންނާނީ މޭބިސްކަދުރު ކޯޅިކޯޅިހެންނެވެ. ފުރަތަމަ ކޮޅުގައި ހުންނާނީ ގަދަފެހިކުލައިގަ އެވެ. ދެން ބަދަލުވާނީ މަޑުރަތްކުލައަށެވެ. މި މޭވާ ދޮންވުމުން އޭގެ ކުލަ މަޑު ދަނބުކުލައަކަށް ބަދަލުވާނެއެވެ. މިއީ އިންސާނުންނާއި ދޫންޏާއި ޖަމަލު ފަދަ ޖަނަވާރުތައް ކައި ހަދާ އެއްޗެކެވެ. ސުޢޫދީމީހުން މި މޭވާއަށް ކިޔަނީ ކަބާޘު އެވެ. އަރާކި މޫ ދަތްއުނގުޅާ ދަނޑިކޮޅު (ނުވަތަ މިސްވާކު) ހަދަނީ މިގަހުގެ މުލުންނެވެ. ކަމާބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއްނޫނެވެ. ސަހަރާގައި ހެދޭ އިރާކުގަހުން މޫކަނޑަން ފަސޭހަވި ނަމަވެސް ވާދީީތަކުގައި ހެދޭ ގަސްތަކުން މޫ ކެނޑުމަކީ ވަރަށް އުދަނގޫކަމެކެވެ. ވާދީގައި ހެދޭ ގަސްގަހުގެ މޫ ވަރަށް ތޫނުވާނެ އެވެ. މި މޫ ތޫނުކަމުން އެއިން ދަތްއުނގުޅުމުން ތުންފަތް ފަޅައިގެންދާތަން ވެސް ފެނެ އެވެ. މި ގަހުން މޫ ކނެޑުމަށްޓަކައި ގަހާ ވަރަށް ދުރަށް ދާންޖެހޭނ ެއެވެ. މައިގަހާ ވަރަށް ދުރުން ކޮނެގެންގޮސް މޫ ހޯދައިގެން އަތުން ކޮނުމަށް ތަޖްރިބާކާރުން ވިދާޅުވ ެއެވެ. ޅަމޫ ކަނޑާލައިފާ ގަސްމޫގަނޑު އަލުން ވަޅުލާނީ އެވެ. އަރާކި ދަނޑިކޮޅު ދަތްއުނގުޅަން ރަނގަޅުއެއްޗެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދަނޑިކޮޅުތައް އެލްމެނިއަމް ކަރުދާސްކޮޅެއްގައި ރަނގަޅަށް އޮޅައިފާ ސިލޮފަން ކަރުދާހުގެ ތެރެއަށް ލައިފާ އައިސްއަލަމާރީގައި ބެހައްޓުން ރަނގަޅުވާނެ އެވެ. ދަނޑިކޮޅެއް ބޭނުން ވުމުން އެ ބޮޑިން އެތިކޮޅެއް ނަގާނީ އެވެ. މި ގޮތަށް ޢަމަލު ކޮށްފިނަމަ އަރާކި ދަނޑިކޮޅެއް ދެ އަހަރެއްހާ ދުވަގެ މުއްދަތަކަށްބެހެއްޓިދާނެ އެވެ. ދޮގު މިސްވާކުކޮންމެ މުދަލެއްގެ ތެރޭގައިވެސް ރަނގަޅުއެއްޗެއްސާއި ދޮގުއެއްޗެހި ހިމެނެއެވެ. މިސްވާކު ގެ ގޮތުގައި މިއަދު ވިއްކާ ބައެއް ދަނޑިކޮޅުތަކަކީ ޙަޤީޤީ މިސްވާކެއްނޫނެވެ. އެއީ ވަރަށް ފޭރާންދެރަ މިސްވާކުތަކެކެވެ. ބާޒާރުގައި ވިއްކަން ހުންނަ ބައެއް ދަނޑިކޮޅުތަކުގައި އަޞްލު ރަހައެއް ނުހުންނާނެ އެވެ. މި ފަދަ ދޮގު މިސްވާކު ވިއްކާމީހުން ކޮންމެވެސް ގަހަކުން ދަނޑިކޮޅުތަކެއް ކަޑައިގެން އިނގުރުފެންއެއްޗަކަށްލައިގެން ވަރަށް ތާޒާ މިސްވާކުކަމަށް ދައްކައިގެން ވިއްކަ އެވެ. ނަމަވެސް މި ދަނޑިކޮޅުތައް ފަސްވަރަކަށް މިނެޓް ތެރޭގައި ހިކިގެން ހިނގައިދާނެ އެވެ. މިސްވާކުގެ ގޮތުގައި ވިއްކާ ބައެއްދަނޑިކޮޅުތަކުގައި ހުންނާނީ ކިލާ ރަހައެކެވެ. އެއީ ވަރަށް ގިނައިރު ފެނަށް ގަންބައިގެން މަޑުކޮށްފައި ހުންނާތީ އެވެ. ޙަޤީޤީ މިސްވާކު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ރަނގަޅު މިސްވާކު މާ ފަލައެއް ނުވާނެ އެވެ. އޭގައި ދިލަ ރަހައެއްހުންނާނެ އެވެ. ކުލައަކީ ހުދުކުލަ އެވެ. ވަސް މީރުވާނެ އެވެ.މިސްވާކާ ބެހޭ ޢިލްމުވެރިން ވިދާޅުވާގޮތުގައި ދެވައްތަރެއްގެ މިސްވާކު ހުރ ެއެވެ. އެއީ ފިރިހެން މިސްވާކާއި އަންހެން މިސްވާކެވެ. ފިރިހެން މިސްވާކު – ޢާއްމު ގޮތެއްގައި – ހެދޭނީ ވާދީތަކުގަ އެވެ. މީގެ ރަހަ ގަދަވާނެ އެވެ. ދިލަކަން ބޮޑުވާނެ އެވެ. ކުލައަކީ ކަޅުގެރިގުއި ކުލަ އެވެ. މީގެ ތޮށިގަނޑު ވަރުގަދަވެފައިހަރުވާނެ އެވެ. މި ބާވަތުގެ އަރާކީ ގައި ވަރަށް ގުދުގިނަވާނެ އެވެ. އަންހެން މިސްވާކު ގެ ކުލަ ހުދުވާނެ އެވެ. ރަހައިގެ ދިލަކަން ކުޑަވާނެ އެވެ. ތޮށިގަނޑުމަޑުވާނެ އެވެ. މިގަސް - ޢާއްމުގޮތެއްގައި - ހެދޭނީ ސަހަރާގަ އެވެ. މިގަހުގެ މުލުގައި ގުދު ގިނައެއްނުވާނެ އެވެ. ހިކި މިސްވާކުހިކިމިސްވާކަކީ އެއްވެސް ފައިދާއެއް ހުރި އެއްޗެއްނޫނެވެ. އަދިކީއްތޯ އެވެ؟ އެއިން ހިރުގަނޑަށް ލިބޭނީ ގެއްލުމެވެ. މި މިސްވާކު ގައި ޖަރާސީމު ވެސް ވަރަށް ގިނަވާނެ އެވެ. ދަނޑިކޮޅު ގެ ރޯކަން ނެތުމުގެ ސަބަބުން ފައިދާ ކުރަނިވިމާއްދާތައް މިއިން ވަނީ ނެތިވެގޮސްފަ އެވެ. މައްކާގެ ޙަރަމްފުޅުގެ ދޮރުކޮޅުތައް ކައިރީގައި ނުވަތަ ޙަރަމްފުޅުން ބޭރުގައި ބޮޑިބޮޑިއަށް ވިއްކާ މި މިސްވާކު ބައްލަވައިގަތުމުގެ ކުރިން މިކަމާމެދު ރަނގަޅަށް ވިސްނައިވަޑައިގަންނަވާށެވެ. ------------------ (ނިމުނީ) މި ލިޔުން؛ ފޮނުވުން: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|