މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޞައްޙަ ޙަދީޡް |
|
|
| އެނގޭތަ - އެނގޭތަ | |||
| 20 މާރޗް 2009، 01:03 ހުކުރު | |||
|
ޔާސީން ނަސީމު އަބޫބަކުރު. މާވަށް ކީރިތި ޤުރުއާނަށް ފަހު އިސްލާމްދީނުގެ އެންމެ އިސް މަސްދަރަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެކަލޭގެފާނުގެ ސުންނަތް ލިބިގަނެވޭނީ ޞައްޙަ ޙަދީޘްތަކުންނެވެ. އެހެން ކަމުން ޞައްޙަ ޙަދިޘަކީ ކޮބައިތޯ އޮޅުން ފިލާފައި އޮތުމަކީމުހިންމުކަމެކެވެ. މިމަޒުމޫނުގައި އަޅުގަނޑު ކުރުގޮތަކަށް ޞައްޙަޙަދީޘަކީ ކޮބައިތޯ ބަލަލައިފައިވާނެއެވެ. ޙަދީޘު ޢިލްމުވެރިންގެ އަރިހުގައިޙަދީޘުގެ ތަޢުރީފު ޙަދީޘަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އެއްބަސްވެ(އިޤުރާރުވެ) ވަޑައިގެންނެވި ކަންތައްތަކާއި،އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އެއީ އެކަލޭގެފާނު ނަބީ ކަމާއިގެން ފޮނުއްވުމުގެ ކުރިން ނުވަތަ ފަހުން ކަމުގައިވިޔަސްމެއެވެ. މި ތަޢުރީފު އައިސްފައިމިވަނީ އެކަމަކުން ޝަރުޢީ ޙުކުމެއް ސާބިތުވާ ކަންކަމާއި އަދި ޝަރުޢީ ޙުކުމެއް ސާބިތު ނުވާ ކަންކަންވެސް ހިމެނޭ ގޮތުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ކޮންމެ ޙަދީޘަކީ އެއީ ޞައްޙަ ޙަދީޘެއްކަން ސާބިތުވާ ނަމަ އެއަށް ޢަމަލުކުރުން ވާޖިބުވާނެވެ. އެހެންކަމުން ޙަދީޘު ޤަބޫލުކުރުމާއި ނުކުރުމުގައި ޢިލްމުވެރިން ވަނީ ޙަދީޘު ބައިތަކަކަށް ބައްސަވާފައެވެ. މިގޮތުން ޙަދީޘުގެ ޢާންމު ޤަވާޢިދުތަކެއް ކަނޑައަޅުއްވާ ޙަދީޘް ތިންބައަކަށް ބައްސަވައެވެ. އެއީ ޞައްޙަ ޙަދީޘާއި (صحيح حديث) ޙަސަނު ޙަދީޘާއި (حسن حديث) ޟަޢީފު ޙަދީޘު(ضعيف حديث) އެވެ. އަދި މީގެ ކުރިއަށް އަންނަ މުތަވާތިރު ޙަދީޘް މިއަށް އިތުރު ކުރެވިދާނެއެވެ. ޙަދީޘު ޞައްޙަ ވުމުގެ ޝަރުޠުތައް ޙަދީޘް ޞައްޙަވާނީ އޭގައި ފަސް ޝަރުޠެއް އެކުލެވުމުންނެވެ. އެއީ؛ 1. ސަނަދު ގުޅިފައިވުން، ( ކޮންމެ ރާވީއަކުވެސް ސީދާއޭނަގެ ކުރީގެ ރާވީގެ ފަރާތުން ޙަދީޘު ނަޤުލުކޮށްފައިވުން) 2. ސަނަދުގައިވާ ހުރިހާ ރާވީންނަކީވެސް ޢަދުލުވެރި ބޭކަލުން ކަމުގައިވުން، -ޢަދުލުވެރިއަކު ކަމުގައިވާނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވެގެން ނެވެ. އެއީ؛ - މުސްލިމަކު ކަމުގައިވުން - ބާލިޣުވުން - ފާސިޤަކު ކަމުގައި ނުވުން - މުރުއްވަތްތެރިކަން ގެއްލިދާފަދަ ކަންތައްތަކުން ދުރުހެލިވެފައިވުން 3. ރާވީންނަކީ ހިފެހެއްޓުން ތެރިކަމުގައި ބާރުގަދަ ބައަކު ކަމުގައިވުން، • ހިފެހެއްޓުންތެރި (الضبط) ކަމަކީ ހަނދާނުގައި ބެހެއްޓުމުގެ ބާރު ގަދަކަމެވެ. މިކަން ދެގޮތަކަށް ބެލެވެ އެވެ. އެއީ ހިތު ދަސްކޮށްގެންނާއި ލިޔެރައްކާކޮށް ބެލެހެއްޓުމެވެ. 4. އެކަހެރި ޙަދީޘެއް ކަމުގައި ނުވުން، ( އެއީ އެރާވީއަށް ވުރެ އިތުބާރު ބޮޑު ރާވީ އަކާ ޚިލާފުވާ ގޮތަށް ޙަދީޘެއް އައިސްފައި ނުވުމެވެ.) 5. ޙަދީޘު ބަލިކަށިވުމުގެ ސަބަބެއް ނެތުން، ( އެއީ ޙަދީޘު ގެ ބޭރުފުށުން ޞައްޙަވާގޮތަށް އޮތްކަމުގައި ވިޔަސް ޙަދީޘުގެ ޞައްޙަކަން ގެއްލިދާފަދަ ސަބަބެއް އޭގައި ފޮރުވިފައިނުވުމެވެ. މިކަން ބައްލަވާފައިވަނީ ޙަދީޘުޢިލްމުގެ ބޮޑެތި ޢިލްމުވެރިންނެވެ. ) އަދި މިއިން ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އެޙަދީޘެއް ޞައްޙަ ދަރަޖައިން އުނިވާނެއެވެ. ޞައްޙަ ޙަދީޘުގެ މިސާލު؛ މިސާލު؛ އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ލިއުއްވާފައި ވެއެވެ. حدثنا عبدالله بن يوسف قال: أخبرنا مالك عن إبن شهاب عن محمد بن جبير بن مطعم عن أبيه قال: سمعت رسول الله عليه وسلم قرأ في المغرب باالطور" މިޙަދީޘުގެ މާނައަކީ جبير بن مطعم ވިދާޅުވިއެވެ. ކީރިތި ރަސޫލާ (ޞ) މަޣުރިބު ނަމާދުގައި الطور ސޫރަތް ކިޔަވާ ވިދާޅޫވަނިކޮށް ތިމަން އަޑުއެއްސެވީމެވެ." މިއީ ޞައްޙަ ޙަދިޘެކެވެ. އެހެނީ؛ މިސަނަދުގެ ސިލްސިލާއަށް ބަލާއިރު • ޢަބުދުﷲ ބުނު ޔޫސުފަކީ ޘިޤައެކެވެ. • މާލިކު ބުނު އަނަސަކީ ބޮޑު އިމާމެކެވެ. • އިބުނު ޝިހާބަކީ ފިޤުހުވެރި، އެކަލޭގެފާނުގެ ހިފެހެއްޓުންތެރިކަމާމެދު އިއްތިފާޤު ވެވިފައިވާ ބޭކަލެކެވެ. • މުޙައްމަދު ބުނު ޖުބައިރަކީ ޘިޤައެކެވެ. • ޖުބައިރު ބުނު މުޠުޢިމަކީ ޞަޙާބީ ބޭކަލެކެވެ. • މިޙަދީޘަކީ ޝާޛު ޙަދީޘެއް ނޫނެވެ. • މިޙަދީޘުގައި ޙަދީޘު ބަލިކަށިވެދާފަދަ އެއްވެސް ސަބަބެއް ނުވެއެވެ. ވީމާ އިސްވެ ދިޔަ ޝަރުޠުތަކަށް ބަލާއިރު ޞައްޙަ ޙަދީޘުގެ ތެރޭގެއި ހިމެނެނީ؛ މުތަވާތިރު ޙަދީޘާއި އޭގެޒާތުގައި ޞައްޙަ ޙަދީޘާއި އެހެންރިވާޔަތަކުން ބާރުލިބިގެން ޞައްޙަ ދަރަޖައަށް ފޯރާ ޙަދީޘާއި އޭގެޒާތުގައި ޙަސަނު ޙަދީޘާއި އެހެންރިވާޔަތަކުން ބާރުލިބިގެން ޙަސަން ދަރަޖައަށް ފޯރާ ޙަދީޘެވެ. ތަފާތު ދަރަޖަތަކެއްގައި ހިމެނުނަސް މިހުރިހާ ޙަދީޘަކީ ޤަބޫލުކުރެވޭ ޞައްޙަޙަދީޘުތަކެވެ. ހަދީޘު ޞައްޙަ ވުމުގެ ޝަރުޠުތައް ތިންބައަކަށް ބަހާލެވިދާނެއެވެ. އެއީ؛ • ރާވީންގެ ކިބައިގާ ވާ ޝަރުޠުތައް އެއީ؛ ޢަދުލުވެރި ބޭކަލުން ކަމުގައިވުމާއި ހިފެހެއްޓުންތެރި (الضبط) ކަމުގައި ބާރުގަދަ ބައަކު ކަމުގައިވުމެވެ. • ސަނަދުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް އެއީ؛ ސަނަދު ގުޅިފައިވުމާއި އެކަހެރި ޙަދީޘެއް ކަމުގައި ނުވުމެވެ. ހަމަ އެއާއި އެކު ޢިއްލާއެއް ނެތުމެވެ. • މަތުނުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް އެއީ؛ އެމަތުނުގައި ނުހިމެނޭ ބައެއް، ވަކިކުރަން ނޭނގޭގޮތަށް އެކުވެފައި ނުވުމެވެ. އެންމެ ޞައްޙަސަނަދު ޞައްޙަ ޙަދީޘަކަށް ވުމަށްޓަކައި އިސްވެ ދެންނެވުނު ޝަރުޠުތައް ފުރިހަމަވީކަމުގައި ވިޔަސް އެޙަދީޘެއްގެ ސަނަދުގެ ޞައްޙަކަމުގެ ސަބަބުން އެޙަދީޘެއްގެ ބާރު ގަދަވެގެންދެއެވެ." އެންމެޞައްޙަ ސަނަދު" ކަނޑައެޅުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ބައެއްޢިލްމުވެރިން އެބޭފުޅެއްގެ ނަޒަރުގައި އެންމެޞައްޙަ ސަނަދު ކަނޑައަޅުއްވާފައި ވެއެވެ. އޭގެތެރޭގައި؛ • إمام إسحاق بن رَاهَوَيْهِ އާއި أمام أحمد إبن حنبل ކަޑައަޅުއްވާފައިވާ ގޮތުގައި އެންމެ ޞައްޙަ ސަނަދަކީ ؛ الزهري عن سالم عن أبيه (عبدالله بن عمر) މިސަނަދެވެ. • إمام علي بن المديني އާއި ألفللاس ގެ އަރިހުގައި އެންމެ ޞައްހަ ސަނަދަކީ أبن سيرين عن عَبِيْدَة عن علي (بن أبي طالب) މިއީ އެވެ. • إمام بخاري ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ އަރިހުގައި އެންމެ ޞައްހަ ސަނަދަކީ "مالك عن نافع عن إبن عمر" މިސަނަދެވެ. އެއްމެ ޞައްޙަ ޙަދީޘަކީ ކޮބަ؟ އެންމެ ޞައްޙަ ޙަދީޘަކީ ކޮބައިތޯ ބަލާލާއިރު، ޢިލްމުވެރިން ވަނީ ޞައްޙަޙަދީޘުތަކުގެ ތަރުތީބެއް އެކުލަވާލާފައެވެ. ޞައްޙަޙަދީޘުތައް ޢިލްމުވެރިން ތަރުތީބުކުރައްވާ ފައިވާ ނުވަތަ ޞައްޙަ ޙަދީޘުތަކުގެ ދަރަޖަތައް 7 (ހަތެއް) ބައަކަށް ބެހެއެވެ. އެއީ އަންނަނިވި ތަރުތީބުންނެވެ. 1. ބުޚާރީއާއި މުސްލިމާއި ދެބޭކަލުން ޞައްޙަކަމަށް އިއްތިފާޤުވެފައިވާ ޙަދީޘުތައް. 2. ބުޚާރީގައި އެކަނި ޞައްޙަކަމަށް ކަނޑައަޅުއްވާފައިވާ ޙަދީޘުތައް. 3. މުސްލިމުގައި އެކަނި ޞައްޙަކަމަށް ކަނޑައަޅުއްވާފައިވާ ޙަދީޘުތައް. 4. ބުޚާރީއާއި މުސްލިމާއި ދެބޭކަލުންގެ ފޮތުގައި ނުހިމަނުއްވާ، އެހެންނަމަވެސް އެދެބޭކަލުންގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘުތައް. 5. ޞަޙީޙުބުޚާރީގައި ނުހިމެނޭ، ނަމަވެސް ބުޚާރީގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘުތައް. 6. ޞަޙީޙުމުސްލިމުގައި ނުހިމެނޭ، ނަމަވެސް މުސްލިމުގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘުތައް. 7. ބުޚާރީއާއި މުސްލިމުގެ ޞަރުޠުތަކާއި އެއްގޮތްނުވެ އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘުތައް. ހަމައެކަނި ޞައްޙަ ހަދީޘުގެ މައްޗަށް އެކުލަވާލެވުނު ފުރަތަމަ ފޮތް ހަމައެކަނި ޞައްޙަ ހަދީޘު މައްޗަށް އެކުލަވާލެވުނު ފުރަތަމަ ފޮތަކީ އިމާމު ބުޚާރީ ލިއުއްވެވި ޞަޙީޙުލް ބުޚާރީއެވެ. ބުޚާރީއަށްފަހު ދެން އެންމެ ޞައްޙަ ފޮތަކީ ޞަޙީޙު މުސްލިމެވެ. މުޅި އިސްލާމީ އުއްމަތް ވަނީ އެދެފޮތް ޤަބޫލުކޮށް އެދެފޮތުގެ ޞައްޙަކަން ޤަބޫލުކޮށްފައެވެ. ޞަޙީޙުލްބުޚާރީއާއި މުސްލިމުގައި ވަނީ ތަކުރާރު ޙަދީޘުތައް ނުލައި 4000 (ހަތަރުހާސް) ޙަދިޘެވެ. ތަކުރާރާއި އެކުގައި ބުޚާރީގައިިވަނީ 7275 (ހަތްހާސް ދުއިސައްތަ ފަންސަހަތް ތަރި) ޙަދީޘެވެ. މުސަލިމުގައި 12000 (ބާރަހާސް ) ޙަދީޘު ހިމެނެއެވެ. "متّفق عليه" މިހެން ބުނެވެނީ އެއްވަނަދަރަޖައިގާ ޞައްޙަ ޙަދީޘަށެވެ. އެއީ ބުޚާރީއާއި މުސްލިމު ޞައްހަކަމަށް އިއްތިފާޤުވެފައިވާ ޙަދީޘުތަކެވެ. ތަކުރަރާއި ނުލައި متّفق عليه ޙަދީޘުގެ ޢަދަދަކީ 2980 އެވެ. ޞައްޙަ ހުރިހާ ޙަދީޘުތަކެއް ބުޚާރީއާއި މުސްލިމުގައި ވޭތަ.؟!؟ ޞައްޙަ ހުރިހާ ޙަދީޘުތަކެއް އެދެބޭކަލުން ނުހިމަނުއްވައެވެ. އިމާމު ބުޚާރީ ވިދާޅުވެފައި ވެއެވެ. "ތިމަންކަލޭގެފާނުގެ މިފޮތު (އަލްޖާމިޢު) ގައި ޞައްޙަ ޙަދީޘެއްނޫނީ ނުލިއުއްވަމެވެ. ފޮތް ބޮޑުވެދާނެތީ ޞައްޙަ ޙަދީޘުތަކެއް ނުލިޔެ ދޫކުރެއްވީމެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ސަތޭކަހާސް ޞައްޙަ ޙަދީޘު ހިތުދަސްފުޅެވެ. އަދި ދުއިސައްތަހާސް ޞައްޙަ ނޫންޙަދީޘު ހިތުދަސް ފުޅެވެ." އަލްއިމާމު މުސްލިމު ވިދާޅުވެފައިވެއެވެ. " ފޮތުގައި ( ޞަޙީޙު މުސްލިމުގައި ) ތިމަންކަލޭގެފާނު ލިއުއްވީ ތިމަންކަލޭގެފާނު ދަސްކުރައްވާފައިވާ ހުރިހާ ޞައްޙަ ޙަދީޘު ތަކެއް ނޫނެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު ލިއުއްވީ އޭގެމައްޗަށް (ޞައްޙަކަމަށް) އިޖުމާޢު ވެފައިވާ ޙަދީޘުތަކެވެ." އެދެފޮތުގައި ނުހިމެނޭ ޙަދީޘުތައްވަނީ އެފޮތްތަކެއްގެ މައްޗަށް އިޢުތިމާދު ވެފައިވާ ޙަދީޘު ފޮތްތަކުގައެވެ. އެފަދަ ބައެއް ފޮތްތަކަކީ؛ • مستدرك الحاكم • صحيح إبن حِبّان • صحيح إبن خزيمة • سنن الترمذيّ • ނިމުނީ -
|
| ހަމަ މި ގަލަމުން |
|---|