ފަންވަތް އެނގޭތަ އޮބާމާގެ ޚިޠާބު
ބެލި ޢަދަދު: 1073
އޮބާމާގެ ޚިޠާބު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 12
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
06 ޖޫން 2009، 00:14 ހޮނިހިރު

އަރަބީންގެ އެއްބަޔަކު : އެއީ، ވަރަށް އީޖާބީ ޕޮޒިޓިވް ވާހަކަތަކެއް



އަނެއްބަޔަކު:  އެއީ، ހިތްދަމައިގަތުމަށް ބާޒާރަށް ނެރުނު ފޮލާ އެއް



އިބްރާހީމު ރަޝީދު މޫސާ

އެމެރިކާގެ ރައީސް ބަރެކް ޙުސައިން އޮބާމާ ، މިދިޔަ ބުރާސްފަތިދުވަހު ޤާހިރާގެ ކައިރޯ ޔުނިވަރސިޓީގައި އިސްލާމީ އުއްމަތާ މުޚާޠަބުކުރައްވާ ދެއްވި ޚިޠާބާމެދު ތަފާތު ފަރާތްތަކުން ފާޅުކުރަމުންދަނީ ތަފާތުޚިޔާލުތަކެވެ. މިޞްރުން ރަސްމީސިފައެއްގައި ، މިއީ ވަރަށްތާރީޚީ ޚިޠާބެއްކަމުގައި ސިފަކުރިއިރު، ޢާއްމުންގެ ވަރަށް ގިނަބަޔަކު ބުނީ މިއީ ވަރަށް އަނަރޫފަ ޚިޠާބެއްކަމަށެވެ. ބައެއްމީހުން ބުނާގޮތުގައި މިއީ " ތިޔަބޭފުޅުންގެ  ޕްރޮގްރާމް " ފަދަ  ނުވަތަ " ތިޔބޭފުޅުންނަށްޓަކައި ހޮވާލައިފާ ރީތި ލަވަކޮޅެއް " ފަދަ ޕްރޮގްރާމެކެވެ.


މިޞްރުގެ ޚާރިޖީވަޒީރު އަޙްމަދު އަބުލްޣައިޠު ސިފަކުރެއްވިގޮތުގައި، އޮބާމާގެ ޚިޠާބަކީ  އޮފުގަދަ ޚިޠާބެކެވެ. އޭނާ ވިދާޅުވިއެވެ. " އަހުރެމެންނަށް އިންތިޒާރުކުރަން ޖެހެނީ ކުރިއަށްހުރި އީޖާބީ ފިޔަވަޅުތަކަށެވެ.އެންމެ ޚިޠާބަކުން ބަދަލުތަކެއް ނާންނާނެއެވެ. އެކަމަކު އެއީ ވަރަށް އުއްމީދީ ފެށުމެކެވެ. ދެފަރާތުގެ ދެމެދުގައި އެޅޭނެ ފިޔަވަޅުތަކަށާއި އެކަމުގެ ސަބަބުން އަންނާނެ ބަދަލުތަކަށް އިންތިޒާރުކުރަން ޖެހޭނެއެވެ."
   
އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް ޢަމްރު މޫސާ ވިދާޅުވިގޮތުގައި، މެދުއިރުމަތީގެ މަސްއަލަތަކުގައި އެމެރިކާއިން ކުރިން ގެންގުޅެފައިވާ ވަކިއަތަކަށް ބުރަވުމުގެ ސިޔާސަތު ، މި ޚިޠާބުގެ ސަބަބުން، ތިލަފަތުގެ ދެފަރާތަށް ހަމަހަމަވާ ސިޔާސަތަކަށް ބަދަލުވެއްޖެއެވެ. "
   
އެކަމަކު މިޞްރުގެ އިދިކޮޅުޕާޓީއެއްކަމުގައިވާ "ކިފާޔާ" ޕާޓީގެ ޢާއްމު ވިލަރެސްވެރިޔާ ޑރ. ޢަބްދުލްޙަލީމު ޤިންދީލު ވިދާޅުވާގޮތުގައި  އޮބާމާ ވިއްކަވާފައި އެވަޑައިގަތީ " މުއްދަތު ހަމަވެފައިވާ ކުނި މުދާތަކެކެވެ." އެނާ ސިފަކުރެއްވި ގޮތުގައި އޮބާމާގެ ޚިޠާބުގެ އެއްބަޔަކީ  ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންނާއި މިޚިޠާބު އަޑުއެއްސެވިބޭފުޅުންގެ ޝޫޢޫރުތަކާ އިޙްސާސްތަކާ ކުޅެލެއްވުމަށްޓަކައި ހިމެނުއްވެވި ބަޔަކާއި، " ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑު ހޮވާލައިފާ'' ވާ ކުރީގެ ރައީސް ބުޝްގެ ވާހަކަކޮޅެކެވެ. އެކަމަކު މިވާހަކަކޮޅު ހުށަހަޅުއްވާ ދެއްވާފައިވަނީ އައު ފޭރާމެއްގައެވެ.
   
މިޞްރުގެ އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މުރްޝިދުގެ އިސްނާއިބު  ޑރ. މުޙައްމަދު ޙަބީބު ވިދާޅުވިގޮތުގައި، މިއީ ވަރަށް ގިނަ ސްޓޭޝަންތަކަކަށް ދަތުރުކުރި ޢާއްމު އުޞޫލުތަކެއް ހިމެނޭ ވާހަކަފުޅެކެވެ. ބައެއް ސްޓޭޝަންތަކަށް ހުއްޓަވާލެއްވުމަށްޓަކައި ބުރަކިނުޖެއްސެވިގެން ގޮސް ތަންތާނގައި ޖެހި އެކްސިޑެންޓްވެފައިވާތަން ވެސް ފެނެއެވެ. އިސްރާއީލާ ބެހޭގޮތުން ވިދާޅުވި ބަސްފުޅުތަކަކީ މިކަހަލަވާހަކަތަކެކެވެ.  އެއީ އިސްރާއީލު އަތަށް ގޮސްހުސްވެފައިވާ ވާހަކަތަކެކެވެ.
   
އިސްލާމީ ޖިހާދު ޙަރަކާތުގެ ކުރީގެ ޒަޢީމު ކަމާލު ޙަބީބު ސިފަކުރެއްވި ގޮތުގައި މިއީ ހަމަ ރަނގަޅަށް ވެސް ރަނގަޅުފެށުމެކެވެ. މިޞްރުގެ އަލްއަހްރާމު ދުވަހުނޫހުގެ ސިޔާސީ ދިރާސާތަކާ ބެހޭ މަރްކަޒުގެ ތަޖްރިބާކާރު އައްސައްޔިދު ސަޢީދުލް ޚަބީރު ވިދާޅުވިގޮތުގައި މިއީ ވަރަށް މުހިއްމު ޚިޠާބެކެވެ. ޢަމަލީގޮތުން މި ޚިޠާބު ވަރަށް ތާރީޚީ ޚިޠާބަކަށް ވެގެންދާނެއެވެ.
   
ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ދާއިރާތަކުން މި ޚިޠާބަށް މަރްޙަބާ ކީނަމަވެސް ، މިޚިޠާބާމެދު އުއްމީދީ ނަޒަރަކުން ބެލެން ނެތްކަމަށް ބުންޏެވެ. އަލްމަލިކު ސުޢޫދު ޔުނިވަރސިޓީގެ ސިޔާސީ ސައެންސާ ބެހޭ އުސްތާޛެއްކަމުގައިވާ ޑރ. ޞާލިޙުއްޚަޘްލާން ވިދާޅުވާ ގޮތުގައި މި ސަރަޙައްދުގައި އެމެރިކާގެ ސިޔާސަތާމެދު " އިތުބާރެއް " ނެތެވެ. އެހެންކަމުން އިސްރާއީލަށް ބުރަވެފައިވާ އެމެރިކާގެ ސިޔާސަތަށް ބަދަލުއަންނާނެ ކަމާމެދު ވަރަށް " ޝައްކެވެ. " ސުޢޫދީ ޢަރަބިއްޔާގެ ޝޫރާ މަޖިލީހުގެމެންބަރެއްކަމުގައިވާ ޑރ. ޞަދަޤާ  ފާޟިލް ވިދާޅުވާ ގޮތުގައި މި ޚިޠާބުގައި އީޖާބީ ބައެއް ކަންތައްތައް އެބަހުށްޓެވެ. އޭގެ ތެރޭގައި އޮބާމާ ސަރުކާރުން މި ސަރަހައްދު ގައި ގެންގުޅޭނެ ކަމަށް އެ ވިދާޅުވި  ޞުލްޙަވުމުގެ މިސްރާބު ފާހަގަކޮށްލެވެއެވެ. އިސްރާއީލުގެ ނިޔުކްލިޔަރ ހަތިޔާރު ކޮށާރުގެ ވާހަކަ ދައްކަވާފައި ނުވާތީ އޮބާމާ އާ ދެކޮޅަށް އޭނާ ފާޑުވިދާޅުވިއެވެ. އެމެރިކާގެ ކުރީގެ ރައީސް ބުޝްގެ ސިޔާސަތުގެ ސަބަބުން އެމެރިކާ އާ އިސްލާމީ ދުނިޔައާދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ޖައްވު ރަނގަޅުކުރެއްވުމަށް އޮބާމާ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ތާރީފުކުރެއްވިއެވެ.
   
ފަލަސްޠީނަށް ބަލާއިރު ރާމަﷲ އިން އޮބާމާގެ ޚިޠާބަށް ވަރަށްބޮޑަށް މަރްޙަބާ ކިޔެވެ. ފަލަސްޠީނުން ބުނިގޮތުގައި މިއީ އެމެރިކާ އިން އިސްރާއީލަށް ފޮނުވި ވަރަށް ސާފު ސިޓީއެކެވެ. ޞާއިބު ޢުރައިޤާތު ވިދާޅުވި ގޮތުގައި އޮބާމާގެ މި ރީތިބަސްފުޅުތައް، ޢަމަލީމައިދާނުގައި ކުރެވޭ ކަންތައްތަކާ  އެއްގޮތްވާންޖެހޭނެއެވެ.
   
ފަލަސްޠީނުގެ ޢާއްމު ރައްޔިތުން ބުނާގޮތުގައި ބުޝް ގޮތަށް އޮބާމާގެ ހިތްޕުޅުގައި އިސްލާމްދީނަށް ނަފްރަތްތެރިކަމެއް އޮތްކަމަކަށް ނުފެނެއެވެ. އޮބާމާ ގެ މި ސިޔާސަތު ތަންފީޒުކުރައްވަން ވަރަށް ދަތިފުޅުވާނެކަމަށް ވެސް އެމީހުން ބުންޏެވެ. އިސްރާއީލުގެ ބާރާއި ޔަހޫދީ ލޮބީގެ ނުބައިރޭވުންތަކަށް އޮބާމާ ރައްކައުތެރިވެ ވަޑައިގަންނަވަންޖެހޭނެކަމަށް އެމީހުން ބުންޏެވެ. ފަލަސްޠީނުމީހުން ބުނާގޮތުގައި " އޮބާމާ އާ ދެކޮޅަށް " ކަންތައްތައް ރާވައި، އޭނާ ޢަޒްލުކުރުމަށް ވެސް މަސައްކަތް ކޮށްފާނެ " އެވެ.
   
ޙަމާސް ބުނާގޮތުގައި އޮބާމާގެ ޚިޠާބަކީ ހަމައެކަނި ވަސީލަތަށް އައި ބަދަލެއް ހާމަކޮަޮށްދޭ އެއްޗެކެވެ. ޙަޤީޤީބަދަލެއް ނާންނާނެއެވެ. އޮބާމާގެ ޚިޠާބުގައި ފަށްކުރައްވާފައި އެވަނީ ، މެދުއިރުމަތީގެ މަސްއަލައާ ބެހޭގޮތުން އެމެރިކާ އިން ގެންގުޅޭ ޒަމާންވީ ސިޔާސަތުތަކެވެ.
   
އިސްރާއީލަށް ބަލާއިރު،  ބޮޑުވަޒީރު ނަތަންޔާހޫ،  އޭނާގެ ސިޔާސީ އަދި ސަލާމަތީ ވަޒީރުންނަށް މި ޚިޠާބު ރަނގަޅަށް ދިރާސާ ކުރެއްވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޚިޠާބުގެ އޮށްޓަރާއި، މީގެ ތާސީރާމެދު ބަހްސުކުރުމަށްޓަކައި ޚާއްޞަބައްދަލުވުމެއް ބޭއްވޭނެއެވެ. އެކަމަކު ރައީސް ޝީމޯން ޕެރޭސް  ސިފަކުރެއްވިގޮތުގައި މިއީ ވަރަށް ތާރީޚީ އަދި ވަރަށް ހިތްވަރުގަދަ  ޚިޠާބެކެވެ. މި ސަރަހައްދުގެ ހުރިހާ މީހުންގެ މަޞްލަޙަތުތައް ހިމެނޭ ހުވަފެނެއް މިޚިޠާބުގައި ހިމެނޭކަމަށް ޕެރޭސް ވިދާޅުވިއެވެ. އިސްރާއީލުގެ ޢާއްމުންގެ މީހަކު ބުނިގޮތުގައި މިއީ ނަތަންޔާހޫގެ ސިޔާސަތުގެ ސަބަބުން އެމެރިކާއަށް ނުފޫޒުފޯރުވުމުގެ ބާރު ، އިސްރާއީލަށް ގެއްލިއްޖެކަން ހާމަކޮށްދޭ ޚިޠާބެކެވެ.
   
ލުބްނާނުގައި ވެރިކަންކުރާ ދާއިރާގެ މެންބަރެއްކަމުގައިވާ އަދި ކުރިން ރައީސްކަން ކުރައްވާފއިވާ ސުލައިމާނު ފަރަންޖިއްޔާ ވިދާޅުވާ ގޮތުގައި ، އޮބާމާގެ ޚިޠާބު   މުހިއްމު ޚިޠާބަކަށް ވަނީ ހުޅަނގުގެ ޒަޢީމަކު ފުރަތަމަފަހަރަށް އިރުމަތީގެ މަފްހޫމަކުން ވާހަފުޅުދައްކަވާފައިވާތީއެވެ. އެކަމަކު ޙިޒްބުﷲ އިންް ބުނިގޮތުގައި މި ޚިޠާބަކީ  މަޒްމޫނީ އެއްޗެކެވެ. މީގައި ، އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތަށް ޙަޤީޤީ އެއްވެސް ބަދަލެއް އަންނާނެކަމުގެ ހިލަމެއް ނެތެވެ.
    
ސޫރިޔާގެ ބަރްލަމާނުގެ މެންބަރެއްކަމުގައިވާ މުޙައްމަދު ޙަބަޝް ވިދާޅުވިގޮތުގައި އޮބާމާ ޤާހިރާއަށް ވަޑައިގެންނެވީ އޭނާގެ ޤައުމުގެ މަޞްލަޙަތަށް ޚިދްމަތްކުރައްވާށެވެ. އެކަމަކު އޭނާގެ ޚިޠާބުން ފައިދާ ޙާޞިލުކޮށްގެން، ގުޅިފައިވާ ތަޅުމަކާ ހަމަޔަށް ދިޔުމަށް މަގު ތަނަވަސްކުރެވިދާނެއެވެ. ސޫރިޔާގެ ޔުނިވަރސިޓީ ޕްރޮފެސަރަކު ވިދާޅުވި ގޮތުގައި، މިއީ އައު ބަހުރުވައެކެވެ.  ބުޝްގެ ވެރިކަމުގެ ދުވަސްވަރާ ތަފާތު ބަސްމަގެކެވެ. އެމެރިކާގެ ޒަމާންވީ ސިޔާސީ ބަސްފޮތުގެ ބަސްތަކާ ތަފާތު ބަސްތަކެކެވެ.
   
ސޫދާނުގެ ނޫސްވެރިންނާއި އެކަޑެެމީޝިއަނުން ވިދާޅުވާ ގޮތުގައި،  މިއީ ނަޒަރީގޮތުން އީޖާބީ ޚިޠާބެކެވެ. އެކަމަކު މި ޚިޠާބުގައިވާ ކަންތައްތައް ޢަމަލަށް ތަރްޖަމާކުރެއްވުމުގެ ބާރު ، އޮބާމާ އަށް ލިބިވަޑައިގަންފައިވޭބާވައެވެ؟
   
އަރަބިޤައުމުތަކުގެ ވާހަކަތަކަށް ފަހު ޔޫރަޕާއި އދ. ފަދަ ފަރާތްތަކުގެ ވާހަކަ ހުރިގޮތަކަށް ބަލައިލަމާތޯއެވެ.
އެމެރިކާގެ ކޮންގްރެސްގެ އަޣްލަބިއްޔަތު ނެތް ޒަޢީމު، ޖޯން ބޯނަރ ، ރައީސް އޮބާމާގެ ޚިޠާބާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފާޑުކިޔުމުގައި، ފަލަސްޠީނު މީހުންނާއި އިސްރާއިލު އެއްވަރުކޮށްގެން ނުވާނެއެވެ. އޭނާ ތުހްމަތުކުރެއްވި ގޮތުގައި ޙަމާސަކީ  ސޫރިޔާ އާއި އީރާނުން އުފައްދާފައިވާ ޓެރަރިސްޓް ޖަމާޢަތެކެވެ. އެއްވެސް ޝަރްޠަކާ ނުލައި އީރާނާ އެކު ވާހަކަދައްކަން އެމެރިކާ ތައްޔާރަށް އޮތްކަމަށް އޮބާމާ ވިދާޅުވި ވިދާޅުވުމުގެ ސަބަބުން އީރާނުގެ ކުރިމަތީގައި،  އެމެރިކާ ނިކަމެތިވެއްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  
   
އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ސިފަކުރެއްވި ގޮތުގައި ، އޮބާމާގެ ޚިޠާބަކީ " ދެބަސްވުންތައް ޙައްލުކުރުމަށާއި ތަފާތު ޙަޟާރަތްތަކާއި ސަޤާފަތްތަކުގެ މެދުގައި ތަފާހުމުވުމުގެ  ސަޤާފަތެއް ފެތުރުމުގެ   މަގުގައި އެޅުނު ވަރަށްބޮޑު ފިޔަވަޅެކެވެ.   މިއީ އދ. ގެ ލަނޑުދަނޑިތަކުގެތެރޭގައި ހިމެނޭކަމެކެވެ. " ބަން ކީ މޫން ވިދާޅުވި ގޮތުގައި " ތަސާމުޙާއި ސުލްޙަމަސަލަސްކަމުގައި އެންމެން ގުޅިގެން ދިރިއުޅުމުގެ އަސާސުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ހިފަހައްޓަން ޖެހޭނެކަން  އޮބާމާ ކަށަވަރުކޮށްދެއްވާފައިވެ އެވެ.

ޔޫރަޕަށް ބަލާއިރު ، ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ޚާާވިޔާ  ސުލާނާ  ހާމަކުރެއްވި ގޮތުގައި ، އޮބާމާ ގެ ވާހަކަފުޅު ވަރަށް މޮޅެވެ. އަދި އެއީ ފާހަގަކޮށްލެވޭ ޚިޠާބެކެވެ. އެއީ އިސްލާމީ އަރަބި ދުނިޔެއާއެކު  ހުޅުވުނު އައު ޞަފްޙާ އެކެވެ.  މިކަމުގެ ސަބަބުން މެދުއިރުމަތީގެ ވަރަށްގިނަ މަސްއަލަތައް ޙައްލުކުރެވިދާނެކަމުގެ އުއްމީދު  އައުވެއްޖެއެވެ. ވައިޓްހައުސް ބުނިގޮތގައި މި ޚިޠާބުގެ އަމާޒަކީ އިސްލާމީ ދުނިޔެއާއެކު އަލުންވާހަކަދެއްކުންތައް ފެށުމެވެ.

އޮބާމާ އިސްލާމީ ދުނިޔެ އާ ދިމާޔަށް އަތްޕުޅު ދިއްކޮށްލެއްވިބާ!

   
މިއީ އިސްލާމީ ދުނިޔެ މިއަދު ކުރާ ސުވާލެކެވެ. އޮބާމާގެ ޚިޠާބަށްފަހު އެމެރިކާގެ ސިޔާސަތަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްބާވައެވެ!
   
މި ސުވާލުތަކުގެ ޖަވާބު އެނގޭނީ އޮބާމާގެ ޚިޠާބު ކިޔާލީމާ ނޫންތޯއެވެ. އޮބާމާގެ ޚިޠާބުގައި ހިމެނެނީ ކޮންވާހަކަތަކެއްކަން އެނގުނީމާ ނޫންތޯއެވެ. ވިމާ، ދެން ރަގަނޅުވާނީ މި ޚިޠާބުގައިވާ އެއްޗަކަށް ބަލައިލުމެވެ.
   
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވިއެވެ. އެމެރިކާ އާ އިސްލާމީ ދުނިޔެއާ ދެމެދުގައިވާ " ޝައްކާއި ދެބަސްވުމުގެ"  ދާއިރާ އަށް ނިމުމެއް ގެންނަން ވެއްޖެއެވެ.
   
 ޤާހިރާގައި ދެއްވި ޚިޠާބުގައި ، އެދެފަރާތުގެ ދެމެދުގައިވާ ގުޅުންތަކަށް " އައު ފެށުމެއް " ގެނެއުމަށް އޭނާ ގޮވައިލެއްވިއެވެ.
  
 އޭނާ އެއްބަސްވަޑައިގެންނެވި ގޮތުގައި " އެތައް އަހަރުތަކެއްވީ އިތުބާރު ނެތުމެއް "  އެބަ އޮތެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމަށާއި ގުޅިފައިވާ ތަޅުމެއް ހޯދުމަށްޓަކައި ދެފަރާތުން ވެސް ގަދައަޅައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.  
   
އޮބާމާ ވިދާޅުވިގޮތުގައި އެމެރިކާ އާއި އިސްރާއީލާ ދެމެދުގައިވާ ގުޅުމަކީ ބުރިކޮށްލެވޭވަރުގެ ގުޅުމެއްނޫނެވެ. އެކަމަކު އޭނާ ސިފަކުރެއްވިގޮތުގައި ފަލަސްޠީނުމީހުންގެ ކެކުޅުންތަކަކީ " ބަރުދާސްތުކުރެވޭނެ " އެއްޗެއްވެސް ނޫނެވެ.
   
އޮބާމާގެ ވާހަކަފުޅުގައި ކީރިތިޤުރްއާނުން ހެކިތައް ދެއްކެވިއެވެ. އޭނާ ބޭނުންކުރެއްވި އެއް އާޔަތަކީ " اتَّقُوا اللَّهَ وَقُولُوا قَوْلا سَدِيداً "   އެވެ.   އޭނާ ،ހުރިހާ ދީންތަކެއްގެމީހުންނަށް ޞުލްޙަވެރިކަމާއެކު ގުޅިގެން އުޅުމަށް ގޮވައިލެއްވިއެވެ.އޮބާމާ ވިދާޅުވިއެވެ. " އިސްލާމްދީނަކީ އަބަދުވެސް އެމެރިކާގެ ތާރީޚުގެ އެއްބަޔެވެ. "  
   
އޮބާމާ ވިދާޅުވިގޮތުގައި ހައްދުފަހަނަޅާފައިވާ މީހުން އެނބުރިގަންނަނީ ހަރުކަށިޢަމަލުތަކަށެވެ. މިކަމުގެ ސަބަބުން ބިރުވެރިކަން މި ދަނީ  ވާރުތަވަމުންނެވެ.
   
އޮބާމާ ވިދާޅުވިގޮތުގައި ، މުސްލިމުންގެ ހިތްތަކުގައިވާ އެމެރިކާގެ ތަޞައްވުރަށް ބަދަލުއަންނަން ޖެހޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއަކީ އިސްލާމްދީނާ ދެކޮޅަށް ހަނގުރާމައެއްގައިވާ ޤައުމެއްނޫނެވެ. ނަމަވެސް އެމެރިކާގެ އަމްނާ އަމާންކަމަށް ބިރުދައްކާ ޓެރަރިސްޓުންނާ އެމެރިކާ އިން ކުރިމަތިލާނެއެވެ.
   
އަފްޣާނިސްތާނާއި ޢިރާޤާ ބެހޭގޮތުން އޮބާމާ ވާހަކަދައްކަވަމުން ވިދާޅުވީ އެމެރިކާއިން އެއިން އެއްވެސް ޤައުމެއްގައި ދާއިމީބޭހެއް ހަދާކަށް މަސައްކަތެއް ނުކުރެއެވެ.
   
ފަލަސްޠީނު - އިސްރާއީލު މަސްއަލައާބެހޭގޮތުން ވާހަކަ ދައްކަވަމުން ފަލަސްޠީނުމީހުންނަށް ހަރުކަށިޢަމަލުތަކާ ދުރުހެލިވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަރުކަށިޢަމަލުތަކާއި މީހުންމެރުމަކީ  ރެސިސްޓެންސް ގެ ރަނގަޅުމަގެއް ނޫނެވެ. ފަލަސްޠީނަށް ދެމިއޮތުމުގެ ޙައްޤުލިބިގެންވާކަން އިސްރާއީލަށް ޤަބޫލުކުރަންޖެހޭނެކަމަށާއި ، އިސްރާއީލަށްވެސް ދެމި އޮތުމުގެ ޙައްޤުލިބިގެންވާކަމާ މެދު އިންކާރުކުރެވެން ނެތްކަމަށް އޮބާމާ ވިދާޅުވިއެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)Add Comment
...
ލިޔުނީ އަބްދުﷲ, 2009-06-06 06:30:27
އޮބާމާ ކިތަންމެ މޮޅު ވާހަކަފުލެއް ދެއްކިކަމުގައި ވިޔަސް އެލމެރިކާ އާއި އިޒްރޭލްގެ ގުޅުމަކަށް ބަދަލެއްނާއްނާނެ. އަދި އެމެރިކާގެ ސިޔާސަތަކަށްވެސް ބަދަލުތަކެއް ނާންނެ.. މީގެ ހެކިތަށް ވަރަށް ގިން.. ސެންޕްޓެންބަރ 2001 ، 11 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ ވޯލްޓްރޭޑް ސެންޓަރާއި ޕެންޓަގަންނަން ދިން ނުރައްކާތެރި ހަމާލާގެ ފަހަތުގައިވާ ފަރާތްކަކެއް ހޯދުމަށް އެމެރިކާއިން މާބޮޑު ސަމާލުކަމެއް ދީފައިއެއްނުވާ ކަންފާހަގަކުރެވެއެވެ. އަދި ހަމަ މި ހާދިޝާއަކީ ހުދު އެބައިމީހުން ރޭވިގެން ކުރި ކަމެއްކަމަށް ތަފާތު އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގެ ހެކި ދަނީފެންނަމުންނެވެ. މި ކަންމިހެން ހޮވައި ތަޅާސުންނާފަތިކޮށްލީ ކޮންތަނެއްހެއްޔެވެ. އެކަމުގެ "އަގު" އަތުލީ ކޮންބައެއްގެ އަތުންހެއްޔެވެ.
...
ލިޔުނީ ޝިޔާމު, 2009-06-06 06:38:49
މީ ފަންވަތުން ފެނުނު އާ ބާވަތެއްގެ ލިޔުމެއް. ރަނގަޅު އާ ފެށުމެއް ކަމަށް ދެކެން. އަޅުގަނޑަށް ފެންނަނީ، ''އަދުގެ ދުނިޔެ'' މި ނަމުގައި ކެޓަގަރީއެއް ހައްދަވާފައި، މި ފަދަ ކަރަންޓު މައުލޫމާތު ފަންވަތުގައި ހިމަނުއްވަން. އޭރުން އެއީ ރަނގަޅު ކުރި އެރުމެއް ކަމަށް ވާނެ. ޚާއްޞަކޮށް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ މެދު އިރުމައްޗާ ބެހޭ ގޮތުން ދެއްވާ މަޢުލޫމާތަކީ، ރާއްޖޭގެ ގިނަ ބަޔަކު އެ މަޢުލޫމާތުތަކަށް ޝައުޤުވެރިވާ މައުލޫމާތުތަކެއް. އޮށްޓަރުހުރި، ވަރަށް ރިސާރޗު އެކުލެވޭ މައުލޫމާތުތަކެއް. ވީމާ މިގޮތުގައި ފަންވަތުގެ ބައެއް ހިމެނިގެންދާތަން ދެކުމުގެ އިންތިޒާރުގައި އެބަހުރިން. އުސްތާޛު ރަޝީދަށް ވަރަށް މަރުޙަބާއާއި ޝުކުރިއްޔާ!
...
ލިޔުނީ ألم, 2009-06-06 07:48:58
ولن ترضى عنك اليهود ولا النصارى حتى تتبع ملتهم
"ޔަހޫދީންނާ ނަޞާރާއިން އެމީހުންގެ މިއްލަތަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާންދެން ކަލޭގެފަނުގެ މައްޗަށް ހަމަ ހިލާ ނުރުހޭނެ އެވެ." އަހަރެމެންގެ މާތް ނަބިއްޔާއަށް ނުރުހުނު އިރު އަހަރެމެންނާ މެދު ރުހޭނެ ކަމަށް ހީވޭހެއްޔެވެ؟ ދުވަހަކުވެސް ނުރުހޭނެއެވެ. އަހަރެމެން މުސްލިމުން އެމީހުންގެ ފަރާތުން ކުރާ އެއްވެސް ހެޔޮ އުއްމީދެއް ނެތެވެ.
...
ލިޔުނީ ސަމީޢު, 2009-06-06 08:54:24
އިބްރާހީމު ރަޝީދު މޫސާ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން އެއީީީ ތިހާބުރަކޮށް ޒިނަމާދާރުގޮތެއްގައި އުޅުއްވަމުންވެސް މިފަދަބުރައެއް އުފުއްލެވީތީއެވެ. އޮބާގެވާހަކަތަކުން އަޅުގަނޑަށް ނެގޭމާނަދަންނަވާާލާނަމެވެ. އޯބާމާވިދާޅުވި''އެމެރިކާ އާއި އިސްރާއީލާ ދެމެދުގައިވާ ގުޅުމަކީ ބުރިކޮށްލެވޭވަރުގެ ގުޅުމެއްނޫނެވެ. އެކަމަކު ފަލަސްޠީނުމީހުންގެ ކެކުޅުންތަކަކީ " ބަރުދާސްތުކުރެވޭނެ "އެއްޗެއްވެސް ނޫނެވެ.'' މިވިދާޅުވަނީ ބުޅަލާއި މީދާއަހަރެމެން ގެންގުޅެނީ އެއްކޮއްޓެއްގައެވެ. ބުޅާދޫކޮއްލެވޭކަށްނެތެވެ. އަދިމީދަލުގެ ނިކަމެތިކަމުން ހަމްދަރުދީވާވާހަކައެވެ.''އެމެރިކާ އާ އިސްލާމީ ދުނިޔެއާ ދެމެދުގައިވާ " ޝައްކާއި ދެބަސްވުމުގެ" ދާއިރާ އަށް ނިމުމެއް ގެންނަން ވެއްޖެއެވެ.'' މިވިދާޅުވުމުން ދޭހަވަނީ ކަލޭމެންގެ ތިގޮތައް ކަލޭމެން ދުކޮއްލާ އަހަރެމެންނާއި އެއްބައިވާން ވެއްޖެވާހަކައެވެ.އަދި މިވާހަކަ ފުޅުންވެސް މިކަމަށް ބާރުލިބޭ ''އޮބާމާ ވިދާޅުވިގޮތުގައި ، މުސްލިމުންގެ ހިތްތަކުގައިވާ އެމެރިކާގެ ތަޞައްވުރަށް ބަދަލުއަންނަން ޖެހޭނެއެވެ.'' މާނައަކީ އެމެރިކާއިން މުސްލިމުންނާއި ކުރަނީ ހަނގުރާމައެއްނޫނެވެ. ސަލާމެވެ. މިވާހަކަތަކަށް ބަލާފައި އަޅުގަނޑަށް ދެންނެވެންއޮތީ މުޅިދުނިގޭގެ ކުރިމަތީގައި އެމެރިކާ މިހާރުވަނީ އަގުވެއްޓިފައެވެ.އެހެންވީމާ އެބައި އަނބުރައި ހޯދުމަށް ކުރައްވާ މަސައްކަތެކެވެ. ދެން އިތުރުގައުމަކަށް އެރެނީ އޭރުންކަމަށް ވާތީއެވެ.
...
ލިޔުނީ ކިންގް, 2009-06-06 08:58:17
ތިއަނެއްކާ އަނެއް ހަގުރާމައަށް ތައްޔާރުވާންވެގެން މަތި އޮމާން ކުރަނީއެވެ.
...
ލިޔުނީ student from KELA SCOOL, 2009-06-06 18:28:08
this article is very informative and very intresting i hope more........
...
ލިޔުނީ އަބޫ އިބްރާހިމް, 2009-06-07 05:44:29
މިފަދަ ލިޔުންތައް ފަންވަތުގައި އިތުރުވުމަކީ ކިޔުންތެރިއެއްގެ ޙައިސިއްޔަތުން ވަރަށް އެދޭކަމެއްކަމުގައި ދަންނަވަމެވެ. އާދެ! ޝިޔާމް ލިޔުއްވާފައިވާ ފަދައިން، އަދުގެ ދުނިޔެ މިނަމުގައި ކޮލަމެއް އިތުރުކުރުމަކީ އަޅުގަނޑަށްވެސް އެކަމަށް ތާޢިދުކުރެވޭކަމެކެވެ. ކަން އެގޮތަށް ކޮށްފިނަމަ އެއީ، ކިޔުންތެރިންނަށް މި "ވާމަކުނުގެ ގެ"އެއްފަދަ ޞަފްޙާތަކުން ފަސޭހަކަމާއި އެކު ހޭރިޔާކޮށް އެފަދަ ލިޔުންތައް ކިޔަން ބޭނުންތެރިންނަށް ކިޔާލެވޭނެ ގޮތް ފަހިވެގެންދާނެކަމެއް ކަމުގައިވެސް އަޅުގަނޑު ދެކެމެވެ.
...
ލިޔުނީ ޢަބުދުﷲ, 2009-06-07 10:08:24
އަހަރުމެން ކުރިސްޓިޔަނުންނާއި ޔަހޫދީންގެ ފަރާތުން އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ. އަހަރުމެންނަށް ﷲ ފުދެއެވެ.
...
ލިޔުނީ ތުއްފާށަނާ, 2009-06-09 07:44:09
މިލިޔުމަށް ލިބިފައިވާ ކޮމެންޓްތައް ކިޔާލުމުން ހިތަށް ތަދުވެގެން ދިޔައެވެ. ދިވެހިންގެ ތެރޭގައިވެސް މީހުންގެ ދީނާއި ނަސްލަށް ބަލާފައި ތަފާތުކުރުންތައް އެބަހުރިކަން އެނގިގެން ހިނގައްޖެއެވެ. މިކަމުގެ ހެކި ބިދޭސީންނާމެދު ހިންގާ ޢަމަލުތަކާއި ކިޔާ އެއްޗެހިންދަނީ ފެންނަމުންނެވެ. ދަންނަވަންތޯއެވެ! މަޑުމަޑުން ނަމަވެސް މިއުފެދެނީ ހިޓްލަރު ޔަހޫދީންނަށް ދިން އަނިޔާގެ ފިކުރާއެވެ. (ބައެއް ދިވެހިން ޔަހޫދީންނަށް މިއަނިޔާ ޙައްޤުކަމަށްވެސް ދެކިދާނެއެވެ) ހަމަ މިރުޅިވެރިކަމާއި ކުރިމަތިލާން ހުޅަނގުގެ މީހުންގެ މެދުގައި މުސްލިމުންނާމެދު ނޭއްގާނީ ފިކުރާއެއްދަނީ އުފެދެމުންނެވެ. އަދި މިކަމުގެ ޒިންމާ، ކުޑަކޮށް ނަމަވެސް، މުސްލިމުންގެ ބޮލުގައި އެޅެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1073
extra avandia and congestive heart failure