(8) މާލިކީ މަޒްހަބު ފެތުރުއްވި ޤާޟީ: އިސްމާޢީލު ބިން އިސްޙާޤު
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އަލްއިމާމުލްޙާފިޡުގެ ލަޤަބު އެރުވިފައިވާ ޤާޟީއަކީ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޤާމު ފުރުއްވި މާލިކީ މަޒްހަބުގެ އިމާމެވެ. އެކަލޭގެފާނުގެ ނަންފުޅަކީ އިސްމާޢީލު ބިން އިސްޙާޤު ބިން ޙައްމާދު ބިން ޒައިދުލްއުޒްދީއެވެ. ޢިރާޤުގައި މާލިކީ މަޒްހަބުގެ މަދަރުސާއެއް ޤާއިމު ކުރެއްވީ އެކަލޭގެފާނެވެ. ޢިރާޤުގައި މާލިކީ މަޒްހަބު ފެތުރުނީ އެކަލޭގެފާނުގެ މިންނަތް މަސައްކަތްޕުޅުންނެވެ. އެކަލޭގެފާނަކީ ޢަރަބި ބަހަށް ވެސް ވަރަށް ކުޅަދާނަ ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 199ވަނަ އަހަރުގައެވެ.
މާލިކީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި މާލިކީ މަޒްހަބުގައި އިމާމު މާލިކުގެފާނަށް ފަހު އެންމެ ފުންނާބު އުސް ބޭކަލަކީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ އަރިހުން ދަރިވަރުވެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި އަބުލް ޤާސިމުލް ބަޣްވީއާއި، އިބްނު ޞާއިދާއި، އަބޫ ސަހްލު ބިން ޒިޔާދާއި، އަލްޙަސަނު ބިން މުޙައްމަދު ބިން ކީސާނާއި، މުޙައްމަދު ބިނުލް ޙަސަނުލް ބަރްބަހާރީ ވެއެވެ.
އެކަލޭގެފާނު ބަޣްދާދުގެ ޤާޟީކަމުގައި 22 އަހަރު ހުންނެވިއެވެ. އަލްމުވައްޠައު އިޞްލާޙު ކުރައްވައި، މުޙައްމަދު ބިނުލް ޙަސަނަށް ރައްދުދެއްވައި 200 ވޮލިޔުމުގެ ފޮތެއް ތަޞްނީފު ކުރެއްވިއެވެ. އޭނާ އަވަހާރަވި އިރު މި ފޮތް ވަނީ ފުރިހަމަ ނުކުރެވިއެވެ. އޭނާ އެކުލަވައިލެއްވި ފޮތްތަކުގެ ތެރޭގައި [أحكام القرآن] އާއި، [معاني القرآن] އާއި [كتاب في القراءات] ވެއެވެ. މުޖާހިދު ވިދާޅުވިއެވެ. [އަލްމުބައްރަދު ވިދާޅުވިއެވެ. ޢަރަބިބަހުގެ ޤަވާޢިދުގައި މަށަށްވުރެ އަލްޤާޟީ އިސްމާޢީލު މާ މޮޅުވާނެއެވެ.]
ޤާޟީ އިސްމާޢީލު އަވަހާރަވީ ހިޖްރައިން 282 ވަނަ އަހަރުގެ ޙައްޖުމަހުގައެވެ.
___________________________