އަހަރެން ފިކުރާވި އިސްލާމް ދީން(3)
ޢަބްދުالله ފާރޫޤު ޙަސަން
(31 މެއި 2020 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެހެންކަމުން محمدّ صلى الله عليه وسلم ގެ ޒާތުފުޅަކީ އިންސާނިއްޔަތުގެ ކުރިމަތީގައިވާ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާކަމީ އެއްވެސް ބަޙުޘެއް އޮތްކަމެއް ނޫނެވެ. ޝައްކަކަށް ވަސްވާހަކަށް ތަންދޭކަމެއް ނޫނެވެ.
އުޖޫރަޔަށް ބަކަރި ހުއިހެއްޕެވި ޝަހެންޝާހު
އިސްލާމްދީނުގެ ނަބިއްޔާ محمدّ صلى الله عليه وسلم ގެ ޙަޔާތްޕުޅަކީ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާއެވެ. އެ މާތް ނަބިއްޔާ ތުއްޕުޅު އިރުއްސުރެ އާޚިރަތުގެ ގޮވައްޗަށް ދަތުރުކުރެއްވުމާ ހަމަޔަށްވެސްމެއެވެ. ނަމަވެސް އެހެނިހެން ދީނީ ލީޑަރުންނާއި ޤައުމީ ޒަޢީމުންގެ ޙަޔާތްޕުޅުތަކަށް ނަޒަރު ހިންގާއިރު އޭގެތެރެއިން ވަރަށްގިނަ ބޭފުޅުންތަކެއްގެ ޒުވާން އުމުރުފުޅު ފެންނަނީ ނުހަނު ކުށްމަގުތަކެއްގައި ވަރަށް ސިޔާސަކޮށް ހިންގަވައި އުޅުއްވައިފައިވާތީއެވެ.
ނަމަވެސް އިސްވެދެންނެވުނު ފަދައިން އިސްލާމްދީނުގެ ނަބިއްޔާ محمدّ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ކުޑަވެސް ލަކެއްނެތެވެ. އެއްވެސް ހުތުރެއް އައިބެއްނެތެވެ. ނުހަނު ސާފުތާހިރެވެ. އެމާތް ނަބިއްޔާ ތުއްޕުޅުއިރުގައެވެ. ޒުވާން އުމުރުފުޅުގައިވެސްމެއެވެ. އާދެ، ފެންކޮށިފުޅުން ފެށިގެން ކަށްވަޅުފުޅާ ހަމަޔަށް ލޯފުނާއަޅައި ބެލިކަމުގައިވިޔަސްވެހެވެ.
އިތުރު ސާހިބާގެ ޒުވާން އުމުރުފުޅުގައި އެމާތް ސާހިބާ ހުންނެވީ ބޮޑުބޭބޭފުޅު أبـوطالب ގެ ހިޔާވަހިކަމުގެ ދަށުގައެވެ. أبـوطالب ގެ މާލީހާލުކޮޅު ރަނގަޅެއްނޫނެވެ. އެހެންކަމުން ނަބިއްޔާ محمدّ صلى الله عليه وسلم މީހުނަށް އުޖޫރަޔަށް ބަކަރި ހުއިހައްޕަވައިދެއްވިއެވެ. أبـوطالب ގެ މަޢީޝީ ބަރު ލުއިކޮށްދެއްވުމަށްޓަކައެވެ.
މިއަޅާގެ ސާހިބާއެވެ.•
މާތް اللـه ގެ ޙަޟްރަތުން މުޅި ދުނިޔެއަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވައިފައިވާ ޤާއިދެވެ.
ޙިކުމަތްތެރިކަމާއި، ބުއްދިވެރިކަމާއި، ރޯފިލުމުގެ މަތިވެރި ނިޢުމަތުން ޢަރަބީން މުއްސަނދިކޮށްދެއްވި ސާހިބާއެވެ.
ރޯމަނުންގެ ގަދަފަދަ ދައުލަތް ބަލިކޮށްލެއްވި ވެރިޔާއެވެ.•
ޙިކުމަތާއި މަސައްކަތުގެ ދުނިޔޭގެ ހުރިހާ ޚަޒާނާތަކެއް މުސްލިމުންގެ ފައިތިލަދަށުގައި ފަތުރައިދެއްވި މަތިވެރި ޒަޢީމެވެ.
ރަސްރަސްކަލުންގެ ވެރި ޝަހެންޝާހެވެ.•
ތިޔަ ސާހިބާ ޒުވާން އުމުރުފުޅުގައި މީހުނަށް އުޖޫރަޔަށް ބަކަރި ހުއިހައްޕަވައިދެއްވީމުއެވެ. އޭރު ތިޔަ ސާހިބާ އުފުއްލަވައިފައިވާނީ ކިހައިބޮޑެތި މުސީބާތްތަކަކާއި ތުރާތަކެއްތޯއެވެ. އެކަން ހިތަށް އަރުވައިލިޔަސް އަޅުގަނޑު ފެންކަޅިވެއެވެ. ލޮލުން ކަރުނަ އާދެއެވެ
އެމަތިވެރި ޚުލުޤުފުޅުގެ ވެރި ޝަޚުޞިއްޔަތުގެ ޤިޔާދަތު ލިބުނީ މުސްލިމުންނަށެވެ. ޔަޤީނުންވެސް މުސްލިމުންނަކީ ހަހުރަކުރުން އެކަށީގެންވާފަދަ ނަސީބުވެރި ބަޔެކެވެ.
ތިޔަ ސާހިބާ ބަކަރި ހުއިހައްޕަވައިވެސް އުޅުއްވީމުއެވެ. ބާރައަހަރުފުޅުގެ ތުއްޕުޅު އުމުރުފުޅުގައި ބޮޑުބޭބޭފުޅުގެ އަރިހުގައި އަމިއްލަފުޅު ވަޒަނާ ދުރަށް ވިޔަފާރި ދަތުރުކުރައްވައި އުޅުއްވީމުއެވެ.
ތިޔަ ސާހިބާގެ ޢާއިލާގެ މެމްބަރުންގެ މުދަލުގެ އިތުރަށް ބަލިކަށި ޟަޢީފު އަންހެނުންނާއި އެހީއަށް ބޭނުންވެފައިތިބި ނިކަމެތީންގެ މުދާކޮޅުކޮޅުވެސް އެދަތުރުފުޅުތަކުގައި ގެންގޮސްދެއްވީމުއެވެ. އެމީހުންނަށްވެސް ކޮންމެވެސް އާމްދަނީއެއް ހޯއްދަވައިދެއްވުމުގެ ހެޔޮނިޔަތުގައެވެ. ތިޔަ ސާހިބާ އަބަދުވެސް ނިކަމެތީންގެ މަތީން ހަނދުމަފުޅު ކުރެއްވީމުއެވެ . އެހީތެރިކަން ބޭނުންވެފައިވާ ބަލިކަށި މީހުންނާމެދު ިޚޔާލުފުޅު ބެހެއްޓެވީމުއެވެ. އަޅުއްވައިލައްވައި އެހީތެރިވެވަޑައިގެންދެއްވީމުއެވެ.
"އަހަރެން މިދަނީ ބާޒާރަށެވެ. އެއްޗެއް ގަންނަން ބޭނުންވެފައި އެބައޮތްހެއްޔެވެ؟ އަހަރެން ގަނެގެން ގެނެސްދީފާނަމެވެ."
މިއީ އަވަށްޓެރިންނަށާއި މަޖްބޫރީ ޙާލަތުތައް ކުރިމަތިވެފައިތިބޭ ބަލިކަށި މީހުންނަށް ތިޔަ ސާހިބާ އިސްނަންގަވައި ދެއްވާ ދަޢުވަތެކެވެ. އެމީހުން އެދޭ ތަކެތި ބައްލަވައިގަނެގެން ގެނެސްދެއްވީމުއެވެ .
އަނިޔާލިބޭ މީހުންނަށް އެހީވުމަށްޓަކައި ޙިލްފުލްފުޟޫލުގެ ނަމުގައި މައްކާގައި ޖަމްޢިއްޔާއެއް އުފެއްދިއިރު ތިޔަ ސާހިބާ އެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންނެވީމުއެވެ. އެ ޖަމްޢިއްޔާއަށް ނުހަނު ބޮޑަށް އެއްބާރުލުން ދެއްވީމުއެވެ.
ތިޔަ ސާހިބާގެ ޙަޔާތްޕުޅަކީ ތެދުވެރިކަމުގެ ނަމޫނާއެކެވެ. ތިޔަ ސާހިބާ ދުވަހަކުވެސް ވަޢުދަކާ ޚިލާފުވެވަޑައެއް ނުގަންނަވަމުއެވެ. އެއްފަހަރަކު ދިމާވި ޙާދިޘާއެކެވެ. މީހަކު އިތުރު ސާހިބާގެ އަރިހުގައި ދެންނެވިއެވެ. "ކަލޭގެފާނު މިތާނގައި މަޑުކުރައްވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ." މާތް ނަބިއްޔާ އެތާނގައި މަޑުކުރައްވައިގެން ހުންނެވިއެވެ. އެއްދުވަހަކު ދެދުވަހަކު ނޫނެވެ. ތިންދުވަހުއެވެ.
އިތުރު ސާހިބާގެ އަރިހުގައި އެތާނގައި މަޑުކުރައްވަން ދެންނެވި ފަރާތުން އެކަން ހަނދާންނެތުނީއެވެ. ތިންވަނަޔަށްވީ ދުވަހު އިއްތިފާޤުން އޭނާއަށް އެމަގުން ދާންޖެހުނެވެ. މާތްނަބިއްޔާ އެތާނގައި ހުންނަވަނިކޮށް އޭނާއަށް ފެނުނެވެ. ނުހަނު ލަދުންހުރެ އޭނާ ދެންނެވިއެވެ. "އޭރުއްސުރެ ކަލޭގެފާނު މިތާނގައި ހުންނެވީތޯއެވެ؟" މާތް ﷲގެ ނަބިއްޔާ ކުޑަކޮށްވެސް ނުރުހުންވެވަޑައެއް ނުގަންނަވައެވެ. ނުހަނު މަޑުމައިތިރިކަމާއެކު ޖަވާބުދެއްވިއެވެ. "ކަލޭގެފާނު އަޅުގަނޑު ގާތު ވިދާޅުވީ މިތާނގައި މަޑުކުރާން ނޫންތޯއެވެ؟"
މިހިރަމިހިރަ މަތިވެރި މާތް ސިފަފުޅުތަކުގެ ސަބަބުން ތިޔަ ސާހިބާއަށް الأمين އާއި އައްޞިއްދީޤު ގެ ލަޤަބު ލިބިވަޑައިގެންނެވިއެވެ. މީހުން އެނަންފުޅުތަކުން ތިޔަ ސާހިބާއާ މުޚާޠަބުކުރާން ފެށިއެވެ.
އައްސައްޔިދާ ޚަދީޖާ ބިންތި ޚުވައިލިދު އެކަމަނާގެ ޙަޔާތްޕުޅުގެ ބައިވެރިޔަކަށް ޚިޔާރުކުރެއްވީ މިދެންނެވި އަރާހުރި މަތިވެރި ސިފަފުޅުތަކުގެ ވެރި ސާހިބާއެވެ. ޝައްކެއްނެތްގޮތުގައި އެއީ ޚަދީޖާ ރަޟިޔަﷲ ޢަންހާ ގެ ހެޔޮނަސީބުފުޅެވެ.
(ނުނިމޭ)