ނަބީބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުން
ޢަބްދުލްމުޢީދު ޙަސަން
މުސްލިމެއްގެ ދަރިޔަކަށް ނަބީބޭކަލެއްގެ ނަންފުޅުން ނަންކިޔާނަމަ، އެދެވިގެންވަނީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ނަބީބޭކަލެއްގެ ނަންފުޅުން ނަން ކިޔުމެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވަނީ، 25 ނަބީބޭކަލުންގެ ނަންފުޅެވެ. ތިރީގައި މިވަނީ، އެ ނަންފުޅުތަކެވެ.
އާދަމު: އާދަމުގެފާނު އެއްހާސް އަހަރު ދުނިޔޭގައި އުޅުއްވި ކަމަށް ބުނެވެ އެވެ.
އިދުރީސް: އިދުރީސްގެފާނު ފެހުމުގެ މަސައްކަތްކުރެއްވި އެވެ.
ނޫޙު: ނޫޙުގެފާނު 950 އަހަރު އެކަލޭގެފާނުގެ ޤައުމުގައި ހުންނެވި އެވެ.
ހޫދު: ހޫދުގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބި ނަބީބޭކަލުންގެ ތެރެއިންނެވެ. އެކަލޭގެފާނުގެ މަޤުބަރާ ކަމަށް މަޝްހޫރުވެފައިވާ މަޤުބަރާއެއް ޔަމަނުކަރައިގައި ވެއެވެ.
ޞާލިޙު: ޞާލިޙުގެފާނަކީ، ޢަރަބި ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ ނަބީކަމުގެ މުޢުޖިޒާތެއް ކަމުގައި މާތް ﷲ، ޖަމަލެއް ފޮނުއްވި އެވެ.
ލޫޠު: ލޫޠުގެފާނު ފޮނުއްވުނީ ނުބައިކަންތައްތައް ކުރުމުގައި ޙައްދުފަހަނަޅާފައިވާ ޤައުމަކަށެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ލޫޠުބާގައިގެ މީހުންނޭ ކިޔެއެވެ. މިހެންވެ އެކަލޭގެފާނުގެ ނަންފުޅުން ދަރިންނަށް ނަންކިޔުމަށް މުސްލިމުން ފަސްޖެހެ އެވެ.
އިބްރާހީމު: އިބުރާހީމުގެފާނު އަލިފާނަށް އެއްލައިލެވުނެވެ. ނަމަވެސް މާތް ﷲ، އަލިފާނަކީ އެކަލޭގެފާނަށް ސަލާމަތްތެރިކަންދޭ ފިނިއެއްޗެއް ކަމުގައި ލެއްވި އެވެ.
އިސްމާޢީލު: އިސްމާޢީލުގެފާނަކީ، އިބްރާހީމުގެފާނުގެ ދޮށީ ދަރިކަލުންނެވެ. ގެފުޅު ބިނާކުރެއްވުމުގައި އެކަލޭގެފާނު، ބައްޕާފުޅު އިބްރާހީމުގެފާނަށް އެހީތެރިވެވަޑައިގެންނެވި އެވެ.
ޔަޢުޤޫބު: ޔަޢުޤޫބުގެފާނުގެ އެހެން ނަންފުޅެއް ވެ އެވެ. އެއީ އިސްރާއީލެވެ. ނަމަވެސް މުސްލިމުންގެ ދަރިންނަށް ކިޔާނީ ޔަޢުޤޫބެވެ.
ޔޫސުފު: ޔޫސުފުގެފާނު، މިޞްރުގައި ދިރިއުޅުއްވި އެވެ. އަދި މިޞްރުގެ ސަރުކާރުގެ ޚަޒާނާތަކުގެ ވެރިކަން ކުރެއްވި އެވެ.
ޝުޢައިބު: ޝުޢައިބުގެފާނަކީ ޢަރަބީންގެ ތެރެއިން ވަޑައިގެންނެވި ނަބީބޭކަލެކެވެ.
އައްޔޫބު: އައްޔޫބުގެފާނަކީ ކެތްތެރިކަމުގައި ލާމަސީލު ބޭކަލެކެވެ.
ޛުލްކިފުލި: ޛުލްކިފުލިގެފާނު ދިރިއުޅުއްވީ މިޞްރުގައި ކަމަށް ބުނެވެ އެވެ.
ޔޫނުސު: އެކަލޭގެފާނު މަހެއްގެ ބަނޑުތެރޭގައި އޮންނަވައިގެން މާތް ﷲ އަށް ދުޢާދަންނަވައި ތަސްބީޙަކިޔުއްވި އެވެ.
މޫސާ: މޫސާގެފާނަކީ، ޔަހޫދީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތް ﷲ ފޮނުއްވި ރަސޫލެކެވެ. ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގެންނެވުމަށް، މާތް ﷲ، އެކަލޭގެފާނަށް އެންގެވި އެވެ.
ހާރޫން: ހާރޫނުގެފާނަކީ، މޫސާގެފާނުގެ އަޚެކެވެ. މޫސާގެފާނާއެކު އެކަލޭގެފާނު ފިރުޢައުގެ ގާތަށް ވަޑައިގެންނެވި އެވެ.
އިލްޔާސް: އިލްޔާސްގެފާނު ފަސްދާނުލެވިފައިވަނީ ލުބްނާނުގައި ކަމަށް ބެލެވެ އެވެ.
އަލްޔަސަޢު: އަލްޔަސަޢުގެފާނު ދިރިއުޅުއްވީ ޝާމުކަރައިގައި ކަމަށް ބެލެވެ އެވެ.
ދާވޫދު: ދާވޫދުގެފާނަށް މާތް ﷲ ދަގަނޑު ކިޔަމަންކުރެއްވި އެވެ.
ސުލައިމާނު: ސުލައިމާނުގެފާނަށް މާތް ﷲ ވައި ކިޔަމަންކުރެއްވި އެވެ.
ޒަކަރިއްޔާ: ޒަކަރިއްޔާގެފާނު ދިރިއުޅުއްވީ ފަލަސްޠީނުގަ އެވެ. ޔަޙުޔާގެފާނަކީ އެކަލޭގެފާނުގެ ދަރިކަލުންނެވެ.
ޔަޙުޔާ: ޔަޙުޔާގެފާނުގެ މަޤާމުފުޅު ކަމަށް ބުނެވޭ މަޤާމުފުޅެއް ދިމަޝްޤުގެ އުމަވީ ބޮޑު މިސްކިތުގައި ވެއެވެ.
ޢީސާ: ޢީސާގެފާނު ތުއްޕުޅުއިރު ވާހަކަފުޅު ދެއްކެވި އެވެ.
މުޙައްމަދު: މުޙައްމަދުގެފާނަކީ، ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި މިއުއްމަތުގެ ކައުސާހިބާ އެވެ.