މިޞްރުގެ ޤަދީމީ ޙަޟާރަތުގެ ތެރެއިން ހީރޮގްލެފިކްސް
އިބްރާހީމް އަޙްމަދު
ބައެއްގެ ހިތުގައި ޤައުމިއްޔަތުގެ ޝުޢޫރު އާލާކޮށް ދިރުވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އެބައެއްގެ އަމިއްލަ ބަހެވެ. އެހެނީ ބަހަކީ އުއްމަތުގެ ފިކުރު އެއިން އުފައްދާ ބޮޑުކޮށްދޭ ކަންވާރު ކަމުގައިވާތީއެވެ. އަދި އޭގެ ޒަރީޢާއިން އެއުއްމަތެއްގެ ބަޔަކަށް އެބަޔެއްގެ އުއްމީދުތަކާއި ވޭންތަކާއި ވޭތިވެދިޔަ ތަނާއި ކުރިމަގާއި މިއަދުގެ ޙާލަތު ގުޅިފައިވާ ގޮތެއްގައި ބަޔާންކުރަން ފަސޭހަވާނެތީއެވެ. އަދި އޭގެ ޒަރީޢާއިން އެބައިމީހުންގެ މެދުގައި އެޚިޔާލުތައް ދެނެގަތުން ފަސޭހަވާނެތީއެވެ. އަދި އުއްމަތުގެ ތަރިކަ ތަފާތު ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭ ހަތިޔާރަކީވެސް މިއީ ކަމުގައި ވާތީއެވެ. އަދި ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކުގެ ދަރިންނަށް އެބައިމީހުންގެ ކާބަފައިން ދޫކޮށްފައިދިޔަ ފިކުރުތަކާއި ތަރިކަތައް އޮޅުން ފިލާނެތީއެވެ.
އެއްވެސް ޝައްކެއްނެތްގޮތުގައި ބަހަކީ ޤައުމިއްޔަތުގެ އެއްރުކުނެވެ. މިއުޞޫލުން ބަލާއިރު ޤަދީމީ ޒަމާނުގައި މިޞްރުގައި އެބައިމީހުންގެ މިޝުޢޫރު ހާމަކުރުމަށް ބަހަކާއި އަކުރުތަކެއް ގެންގުޅެފައިވާކަން އެބައިމީހުންގެ ޙަޟާރަތުން ސާބިތުވެއެވެ. މިދެންނެވީ ހިރޮގްލެފިކްސްގެ (Hieroglyphics) ވާހަކައެވެ.
ހިރޮގްލެފިކްސް ބަހުގެ ލިޔުމަކީ ޤަދީމީ މިޞްރުގައި އެބައިމީހުން ލިޔަން ގެންގުޅުނު ނިޒާމަށް ކިޔާ ނަމެކެވެ. ހިރޮގްލެފިކްސް ބަސް ރަސްމީ ލިޔުންތަކުން ފެނިފައިވަނީ މީލާދުގެ ކުރީގެ 3300 ވަނަ އަހަރާއި މީލާދުގެ ކުރީގެ 3200 ވަނަ އަހަރާއި ދެމެދުގައެވެ.
މިޞްރުގެ ޤަދީމީ ބަސް:
މިޞްރުގައި މީހުން ރަށްވެހިވެ ދިރިއުޅެން ފެށުމާއިއެކު ވަކިއުޞޫލަކުން އެތާގައި ޢިމްރާނީ ބިނާތައް ހެދި ރަށްވެހިކަމުގެ ކަންކަން ފެންނަން ފެށިއިރު އެބައިމީހުންނަށް އެބައިމީހުންގެ ފިކުރު ޢިބާރާތް ކުރުމާއި ޙަޔާތުގައި ދިމާވާ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަން ބަހަކަށް ބޭނުންވިއެވެ. މިހެންވުމުން ލިޔެކިޔާ އުޅުމަށް ބޭނުންކުރުމަށް ބަހަކާއި އަކުރު އުފެއްދުމުގެ ޚިޔާލު އެބައިމީހުންގެ ހިތަށް ވެރިވެގެން ދިޔައެވެ. މިއާއިއެކު ފުރަތަމަ ޑައިނާސްޓީގެ ޒަމާނުގައި ޤަދީމީ މިޞްރުގެ ޙަޟާރަތުގައި ބަހަކާއި އަކުރެއް އީޖާދުވެގެން ދިޔައެވެ. އެއީ އިންސާނީ ތާރީޚުގެ ތެރެއަށް މިޞްރުގެ މީހުން ތަޢާރަފުކުރި ހިރޮގްލެފިކްސް ބަހާއި އަކުރުތަކެވެ.
ހިރޮގްލެފިކްސް އަކުރުތައް:
ހިރޮގްލެފިކްސް އަކުރުތަކޭ މިކިޔެނީ ފުރަތަމަފަހަރަށް މިޞްރުމީހުން ލިޔެކިޔަން ގެންގުޅުނު އަކުރުތަކަށެވެ. މިބަސް ނެގިފައިވަނީ ގްރީކް ބަހުގެ ދެކަލިމަ ކަމުގައިވާ ހީރޮސް (Hieros) އާއި ގްލޮފޮސް Glophos)) އިންނެވެ. މިދެކަލިމައިގެ މާނައަކީ މުޤައްދަސް ލިޔުމެވެ. (Sacred Carving) މިފަދަ ލިޔުންތައް ލިޔެވިފައިވަނީ މުޤައްދަސް ތަންތަނުގެ ގޮތުގައި އެބައިމީހުން ދެކޭ ފައްޅިތަކުގެ ފާރުތަކުގައްޔާއި މަޤްބަރާ ތަކުގެ ފާރުގަޔާއި ގަލުގައެވެ.
މިފަދަ ލިޔުންތައް ލިޔެވިފައި ހުރީ ހިލަހިލަގަނޑުގައި ބިންވަޅުކަނޑާ ނެގިފައި ހުންނަ ގޮތުގައެވެ. ނުވަތަ ކަނޑާނުނަގާ ލިޔެފައިވާ ގޮތުގައްޔާއި މިހާރު އާސާރީ ތަކެތީގެ ގޮތުގައި ހިމެނޭ އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭ ތަކެތި ކަމުގައިވާ ބުދުތަކާއި ލަކުޑިއާއި ހިލައިގެ ފިލާތަކުގައެވެ. މިފަދަ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ ހަޔާތުގެ ތެރޭގައި ހިނގާފައިވާ ކަންކަމެވެ. އެއީ ލިޔެފައިވާ ކުރެހުމާއި އަބްޖަދީ އަކުރުތަކާއެވެ.
ހިރޮގްލެފިކްސްގެ އަބުޖަދިއްޔާ ބެހެނީ މައިގަނޑު ތިންބަޔަކަށެވެ.
1- އާޙާދީ އަކުރުތައް ނުވަތަ ވަކިއަކުރުތައް ( އެއް އަޑުގެ އަކުރުތައް)
2- ދެ އަޑުގެ އަކުރުތައް ( ރަމްޒެއް ނުވަތަ އޮނިގަނޑެއް އެއްފަހަރާ އިއްވޭ ދެއަޑު)
3- ތިންއަޑުގެ އަކުރުތައް (ރަމްޒެއް ނުވަތަ އޮނިގަނޑެއް އޭގައި ތިން އަކުރު ހިމެނޭ )
ހަމަ އެފަދައިން ތަފާތު އެތައް ޢަލާމާތްތައް ހިމެނޭ އެތައް ބައިތަކެއްވެސް މިބަހުގެ އަކުރުތަކުގައި ހިމެނެއެވެ. އެހެންނަމަވެސް އެއީ އެއްވެސް ލަފުޒުގެ އަޑު އިއްވާލެވޭ ނުވަތަ ކިޔާލެވޭ ބައެއް ނޫނެވެ. އެހެންނަމަވެސް މިދެންނެވި ބައިތައް ބޭނުންކުރެވެނީ ޤަވާޢިދުގެ އުޞޫލުތަކަށްޓަކައެވެ. މިސާލަކަށް މުޘަންނާ ( ދެޢަދަދުގެ އެއްޗެއް ބުނުމަށް ) ޖަމްޢު ( އެއްޗެއްގެ ގިނަގޮތް ބުނުމަށް ) އަދި މުޒައްކަރު މުއައްނަޘް ( އަންހެން ފިރިހެން ) ކަނޑައެޅުމާއި އަދި އެނޫނަސް ބައެއް ރަމްޒުތަކުގެ މާނައާއި ޚާއްޞަ ތަޢުރީފުތައް ދެނެގަތުމަށެވެ.
ހިރޮޠީޤީ ލިޔުން
މިއީވެސް ގްރީކް ކަލިމައަކުން އުފައްދާފައިވާ ނަމެކެވެ. ހިރާތިކޮސް (Hieratikos) މިކަލިމައިގެ މާނައަކީ ކާހިނުކަމުގައި ބޭނުންކުރާ ބަސްތަކެވެ. މިގޮތުން މިބައި ގިނަފަހަރަށް ބޭނުންކުރަނީ ކަހީނުންނެވެ. ޚާއްޞަ ބޭނުމަށްޓަކައި ދީނީ ލިޔުންތަކާއި ޅެންތައް އެކުލަވާލަން ނޫނީ މިބައި ފާޅެއްނުކުރާނެއެވެ. އެގޮތުން ފައްޅިތަކުގެ ކާހިނުން ބަރުދީކަރުދާހުގައި ހިރޮގްލެފިކްސް ބަހުގެ ލިޔުމަށްވުރެ ފަސޭހަކޮށް އެގޭގޮތަށް ދީނީ ނައްޞުތައް ލިޔެ އުޅެއެވެ.
ދިމޮޠީޤީ ލިޔުން
ދިމޮޠީޤީއަކީވެސް ގްރީކް ކަލިމައެއް ކަމުގައިވާ (Demos) ނެގިފައިވާ ނަމެކެވެ. މިއީ ރައްޔިތުންނާ ގުޅިފައިވާ ރައްޔިތުންގެ ލިޔުންތަކެވެ. އެހެންކަމުން ދިރިއުޅުމުގައި ދުވަހުން ދުވަހަށް ދިމާވެފައިވާ އެކިއެކި ކަންކަން ލިޔުމަށް މިލިޔުން ބޭނުން ކުރެއެވެ. މިއީ ހިރޮޠީޤީ ލިޔުމަށްވުރެ ފަސޭހަ ލިޔުމެކެވެ.
ޤިބްޠީ ލިޔުން :
ޤިބްޠީ ލިޔުމަކީ ޤަދީމީ މިޞްރުގެ ނުވަތަ އެހެންގޮތަކަށް ދަންނަވާނަމަ މިޞްރު މީހުން އެމީހުންގެ އަމިއްލަ ލިޔުމެއްގެ ގޮތުގައި އެންމެ ފަހުން ގެންގުޅުނު ލިޔުމެވެ. ޤިބްޠީ މިބަސް ނެގިފައިވަނީވެސް ޔޫނާނީ (ގްރީކް) ކަލިމައެއް ކަމުގައިވާ އިޖިބްޓީ (Egybty) މިކަލިމައިންނެވެ. މިބަހުގެ މާނައަކީ މިޞްރީއެވެ. މިވައްތަރު ލިޔުންފެނިފައިވަނީ މިޞްރަށް ގްރީކުމީހުން ޙަމަލާ ދިނުމަށްފަހުގެ ތާރީޚުން ފެށިގެންނެވެ. އެގޮތުން މިލިޔުމަކީ މިޞްރުމީހުންނާ ގްރީކުމީހުންނާ ދެމެދު މުޢާމަލާތު ކުރަން ފަސޭހައަކަށް މިޞްރު މީހުން ޔޫނާނީ (ގްރީކް) ބަހުގެ އަބްޖަދިއްޔާ (ހ،ށ،ނ،ރ) ބޭނުންކޮށްގެން މިޞްރުމީހުންގެ ބަސް ލިޔުމަށް އުފެއްދި އަކުރުތަކެވެ. އަދި މިއާއެކު މީގައި ދިމޮޠީޤީ ލިޔުމުގައި ހިމެނޭ ހަތް ޢަލާމާތެއްވެސް ހިމަނާފައި ވެއެވެ. އެހެންނަމަވެސް ގްރީކު ބަހުގެ އަޑު މަޚްރަޖު މީގައި ހިމަނާފައެއް ނުވެއެވެ.
ރަމްޒުތައް ނިއުޅާލުން
ހިރޮގްލެފިކް ބަހުގެ ލިޔުންތަކުގައި ބޭނުންކުރާ ރަމްޒުތައް މީހުންނަށް ހާމަކޮށްދީ ބަޔާންކުރާނެ ގޮތުގެ މަސައްކަތް ފުރަތަމަކުރީ ގްރީކުމީހުންނެވެ. އޭރު އެބައިމީހުންގެ ތެރޭގައި ފެތުރިފައިވާ ވާހަކަތަކުންނާއި ވިސްނުން ބިނާކުރެވިފައިވާ ގޮތުން އެއީ ކުރެހުމެއްކަމަށް ސިފަކޮށްފައެވެ. އެގޮތުން ގްރީކުމީހުންގެ މިވާހަކައިގެ މައްޗަށް ދަލީލުކުރާ އެއް ލިޔުން މިހާތަނަށް ހޯދިފައި ވެއެވެ. މިލިޔުން ލިޔެފައިވަނީ ހޮރަޕޮލޯން ނަމަކަށް ކިޔާ މީހެކެވެ. މިހެންވެ މިފާޑުގެ ހިރޮގްލެފިކް ލިޔުމަށް Hieroglyphica of horapollon ކިޔާ އުޅެއެވެ.
ޔޫރަޕްގެ ޑާކްއޭޖް ނުވަތަ މެދުޒަމާނުގައި ޔޫރްޕްގައި ހިރޮގްލެފިކް ބަހަށް އެއްވެސް އަހައްމިއްޔަތު ކަމެއް ދެވިފައެއް ނުވެއެވެ. އެހެންނަމަވެސް މީލާދީން 1422 ގައި އިޓަލީގެ (Venice) ބުންދުޤިއްޔާއަށް ހޮރަޕޮލޯންގެ ހިރޮގްލެފިކްސް ލިޔުމުގެ އަތުން ލިޔެފައިވާ ލިޔުމެއް ލިބުނެވެ. އެހެންކަމުން އެހާ ހިސާބުން މިލިޔުމަށް އަހައްމިއްޔަތުކަމެއް ދޭން ފެށުނެވެ. މިއާއިވިދިގެން ޔޫރަޕްގެ ހޭލުންތެރިކަމުގެ ޒަމާނުގެ ފަންނާނުންކުރެ ބަޔެއްމީހުން މަސައްކަތްކުރީ ހޮރަޕޮލޯން ސިފަކޮށްފައިވާ ގޮތަށް މިއަކުރުތައް ކުރަހައިގެން އެގޮތަށް ބޭނުންކޮށް އުޅުމަށެވެ.
މިޒަމާނުގައި "ޙަޖަރު ރަޝީދު" ފެނުމުގެ ކުރިންވެސް ހިރޮގްލެފިކް ބަހުގެ ޠަލާސިމުތައް (ސިހުރު ހާހޫރަ ހަދާމީހުން ބޭނުންކުރާ ރަމްޒީ ޢިބާރާތް) (enigma,indecipherable) ދެނެގަތުމަށް އެތައްއެތައް މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. އެގޮތުން ކުރެވުނު އެންމެ މުހިންމު ކަމަކީ ފާދަރ ޔަސޫޢީ ކުރި މަސައްކަތެވެ. އޭނާގެ ހޯދުމުން އެގުނީ ޤިބްޠީބަހަކީ ހިރޮގްލެފިކް ބަހުން އުފެދިފައިވާ ބަހެއް ނުވަތަ ބަހުރުވައެއް ކަމުގައެވެ. އެހެންނަމަވެސް އޭނާ ޤިބްޠީބަހުން ހިރޮގްލެފިކްސްއަށް އެބުރި ދިއުމަށް ބޭނުންވި ހިނދު އެކަން މުޅިން ނާކާމިޔާބުވިއެވެ. ޙަޖަރު ރަޝީދު ހޯދުމަށްފަހު ހިނގި މިފަދަ ފުރަތަމަ ކަމަކީ 1802 ގައި ފަރަންސޭސި ޢިލްމުވެރިއެއްކަމުގައިވާ ޕިލިޕް ޑިލިސެޕްސްގެ މަސައްކަތެވެ. މީނާއަކީ ޢަރަބިބަހުގެ ޢިލްމުވެރިޔެއް ވެސް މެއެވެ.
އޭނާގެ ހޯދުންތައް ނިސްބަތްކުރީ ދިމޮޠީޤީ ބަހުގެ މައްޗަށެވެ. އޭނާ ހީކުރި ގޮތުގައި މީގައި ރުޤްޢާ ލިޔުމާއި ގުޅުމެއްވެސް ވެއެވެ. އެއީ މިދެބަހުގެ ލިޔުމުގެ ޤަވާޢިދު އެއްގޮތް ކަމުންނެވެ. އެހެންނަމަވެސް އޭނާގެ މިހޯދުމުން ހާމަވި ހަމައެކަނި ނަތީޖާއަކީ ރަސްރަސްކަލުންގެ ނަންފުޅު ލިޔެވިފައިވަނީ ސިއްރު ގޮތެއްގައި (monogram),(cipher) ނުވަތަ ދޭއް ނުވަތަ ތިން އަކުރުން ކަމާއި ބައެއްފަހަރު ކޮންމެވެސް މީހެއްގެ ނަމުގެ ފުރަތަމަ އަކުރު ދެވަނަ އަކުރާއި ގުޅައިލުމުގައި ގެންނަ ޑިޒައިނެއްގެ ގޮތުގައި ކަން ހާމަވުމެވެ.
ފަރަންސޭސީން މިޞްރަށް ޙަމަލާދީ މިޞްރު ހިފުމަށްފަހު "ޙަޖަރު ރަޝީދު " ހޯދުމުން އޭގައިވާ ލިޔުން ހޯދާ ދެނެގަތުމަށް ޗަމްޕިލިޔޮން Jean-François Champollion މިމަޢުލޫމާތުގެ ބޭނުން ވަރަށްބޮޑަށް ހިފިއެވެ. އެގޮތުން " ޙަޖަރު ރަޝީދު" ގައިވާ ރަމްޒީ މަޢުލޫމާތާއި ޠަލާސިމުތައް ދެނެގަތުމަށް 1822 ގައި ގޮތެއް ކަނޑައެޅުމުގައި ޗަމްޕިލިޔޮން މިމަޢުލޫމާތުގެ ބޭނުން ހިފިއެވެ. އޭނާއަކީ ފުރަތަމަ ފަހަރަށް ހިރޮގްލެފިކްސް ލިޔުމުގެ ސިއްރުތައް ނިއުޅުވާލި ފަރާތެވެ. އޭނާ ބަޔާންކުރަނީ މިއީ ރަމްޒީ އަޑުތަކެއް ކަމުގައެވެ. 2004 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް މިއިން ކޮންމެ ރަމްޒީ އަޑަކީ އަކުރެއްކަން ކަށަވަރު ކޮށްދީ ބަޔާންކުރި ފަރާތަކީ މިޞްރުގެ ޢިލްމުވެރިއެއްކަމުގައިވާ ޑރ. ޢުކާޝާ އައްދާލީ އެވެ.
ޙަޖަރު ރަޝީދު (Rosetta Stone)
މިއީ ހިރޮގްލެފިކާއި ދިމޮޠިޤާއި ޔޫނާނީ ބަހުން ކަނޑާ ނަގާ ލިޔެފައިވާ ލިޔުންތަކެއް އެކުލެވޭ ހިލައަކަށް ކިޔާ ނަމެކެވެ. މިއީ ހިރޮގްލެފިކް ބަހުގެ ފޮރުވިފައިވާ ސިއްރުތައް ދެނެގަތުމުގެ ތަޅުދަނޑި ކަމުގައި ވެގެން ދިޔަ ލިޔުންތައް ލިޔެވިފައިވާ ހިލައެވެ. މިހިލައަށް "ޙަޖަރު ރަޝީދު" އޭ ކިޔުނީ މެޑިޓެރޭނިއަން ކަނޑަށް ނީލަކޯރުގެ ފެން އޮހޭ ހިސާބުގައި އޮތް ރަޝީދޭ ކިޔޭ ރަށުން ފެނުނު ހިލައަކަށް މިހިލަ ވާތީއެވެ.
މިހިލަ ފެނުނީ 19 ޖުލައި 1799 ގައި ފަރަންސޭސި އޮފިސަރަކަށެވެ. އެއީ އެބައިމީހުން މިޞްރަށް ޙަމަލާދީ މިޞްރު ހިފައިގެން ތިބިއިރުގައެވެ. މިހިލައިގައި ލިޔެވިފައިވަނީ މީލާދުގެ 196 އަހަރު ކުރީންނެވެ. މިހިލައިގައިވާ ލިޔުމަކީ މީލާދުގެ 196 އަހަރު ކުރިން މަދީނަތު މަންފުގައި ނެރެވިފައިވާ ރަސްކަމުގެ އަމުރުތަކެވެ. މިއަމުރުތައް ނެރެފައިވަނީ ބަޠްލައިމޫސް 5 ގެ ހަދާނުގައި ކާހިނުންނެވެ. މިހިލައިގައި ވަނީ ތިން ލިޔުމެކެވެ. އެއީ ހިރޮގްލެފިކްސްއާއި ދިމޮޠީޤީ ލިޔުމާއި އަދި ގްރީކް ބަހުގެ ލިޔުންތަކެވެ. މިހިލަފެނުނު އިރު އޭގައިވާ ލިޔުންތަކަކީ އެތަކެއްސަތޭކަ އަހަރުއްސުރެ ބަހުގެ މާނަ ނޭގޭ އަރަތެއްފަދަ ލިޔުން ތަކެކެވެ. ސަބަބަކީ އެދުވަސްވަރުގައި މިތިންބަހާމެދުވެސް ބެލެވިފައިވަނީ މަރުވެފައިވާ ބަސްތަކެއްގެ ގޮތުގައި ކަމެވެ. އެންމެ ފަހުން މިލިޔުމުގެ ޙަޤީޤަތް ހޯއްދެވީ ފަރަންސޭސި ޢިލްމުވެރިޔާ ޖޭން ފްރާންސްވާ ޗަމްޕިލިޔޮން އެވެ. މިއިން ދަލީލުކުރަނީ މިބަސްތަކަކީ ގްރީކްގެ ބަޠާލަމާއިން މިޞްރުގައި ވެރިކަން ކުރި 150 އަހަރުގައިވެސް މިޞްރުގައި ބޭނުންކުރެވުނު ބަސްތައް ކަމުގައެވެ. އޭރު ބެލެވެނީ ހިރޮގްލެފިކް ބަހަކީ ދީނީ މުޤައްދަސް ބަހުގެ ގޮތުގައި ފައްޅީގައި ބޭނުންކުރާ ބަސްކަމުގައެވެ. އަދި ދިމޮޠީޤީ ބަހަކީ ޢާއްމު ރައްޔިތުން ލިޔެ އުޅޭ ބަސްތަކެވެ. އަދި ގްރީކް ބަހަކީ ގްރީކްގެ ވެރިން ލިޔެ އުޅުނު ބަހެވެ. މިފަދަ ލިޔުމެއް މިގޮތުގައި ވަނީ ފިރުޢައުނަށް މާތްކޮށް ހިތުމަށާއި އަދި އޭނާ ކާހިނުންނަށާއި މިޞްރުގެ ރައްޔިތުންނަށް ކޮށްދީފައިވާ މަތިވެރި ޚިދުމަތަށްޓަކައެވެ. ކާހިނުން މިލިޔުން ލިޔެފައިވަނީ ބޮޑުންނާއި ޚާއްޞުންނާއި ޢާއްމުންނާއި ވެރިންނަށްޓަކައެވެ.
Jean-François Champollion
(ޙަޖަރު ރަޝީދުގެ ރަމްޒުތައް ދެނެގަތުމަށް ބޭނުންވާ އުޞޫލުތައް ހޯއްދެވި ޢިލްމުވެރިޔާ )
ހިރޮގްލެފިކްސް
ހިރޮގްލެފިކްސް ބަހުގެ އަކުރުތައް ލިޔެފައިވާ "ޙަޖަރު ރަޝީދު "( Rosetta stone)
( މިހާރު އޮތީ އިނގިރޭސިވިލާތުގެ ލަންޑަނުގެ ދާރުލްއާސާރުގައި)