އަދުގެ ޚާއްސަ

Print

ޖިންނިމޮޔަވުމަކީ، ޙަޤީޤަތެއް

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ އިޖުތިމާޢީ



މުޙަންމަދު  ޝާރިފު
   
ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ދުނިޔޭގައި ނެތްއެއްޗެކޭ ބުނުވެން ނެތްކަން އެއީ ޙަޤީގަތެކެވެ. ނަމަވެސް އިންސާނުންގެ ހިތަށާއި ސިކުނޑިއަށް ގިނަފަހަރަށް ކަންތައްތައް ޤަބޫލުކުރަން ފަސޭހަވެގެންދަނީ އެއެއްޗެއް ލޮލުންދެކި އަތުން ހިފުނީމައެވެ.
   
ޖިންނިއަކީ ދުނިޔޭގައި ލައްވާފައިވާ  މަޚްލޫގެއްކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެހެންކަމުން ޖިންނިއަކި އުޅޭއެއްޗެއްކަން އެއޮތީ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ.

   
މުޅި ރާއްޖެއަށްވެސް މަޝްހޫރު، ފަންޑިތަވެރިކަމުގައި އަރާހުންނެވި ބޭފުޅަކާއިއެކު އޭނާގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދީ އުޅުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އޭނާއަކީ،  އަޅުގަނޑު ނުހަނު ޤަދަރުކުރާ ޢިލްމުވެރި ބޭފުޅެކެވެ. އަޅުގަނޑުމެންނާ ވަރަށްގުޅޭ ބޭފުޅެކެވެ. ވަރަށް ގިނައިން ތަފާތުވާހަކަތައް އަޅުގަނޑުމެންނާއެކު ހިއްސާކުރައްވަތެވެ. ނަސޭހަތްދެއްވައެވެ. މި ލިޔުމުގައި އަޅުގަނޑު ހިމަނާފައިވާ ހުރިހާ މަޢުލޫމާތަކީ ވެސް އޭނާގެ އަރިހުން އަޅުގަޑަށް ލިބިފައިވާ މަޢުލޫމާތާއި ތަޖުރިބާތަކުގެ އަލީގައި އެއްކޮށްފައިވާ މަޢުލޫމާތުތަކެކެވެ.


ޖިންނިންނަކީ ކޮބާ؟:


ޖިންނިންނަކީ ﷲ ތަޢާލާ އަލިފާނުން ހައްދަވާފައިވާ މަޚްލޫޤުންތަކެކެވެ. ޖިންނީންގެ ތެރޭގައިވެސް ﷲ އަށް ތަބާވާ ޖިންނިންނާއި އެކަލާންގެއަށް އުރެދުނު ޖިންނީން އުޅެއެވެ. ޖިންނިންނަކީ އިންސާނުންނަށްވުރެ އެތަށްގޮތަކުން ބާރުހުރި ބައެކެވެ. އިންސާނުންގެ ލޯތަކަށް ނުފެނި އުޅުމާއި، އެކި ސިފަސިފައަށް ބަދަލުވުމުގެ ކުޅަދާނަކަމާއި، ވައިރޯޅިއެއްފަދައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ޤާބިލްކަން އެބައިމީހުންނަށް ލިބިގެންވެއެވެ. ޖިންނިންނަކީ އަދަދުގެ ގޮތުން ބެލިޔަސް އިންސާނުންގެ އާބާދީއަށްވުރެ އެތައްގުނަ ބޮޑު އާބާދީއެއްގެ ބައެކެވެ.


މުއުމިނު ޖިންނިއާއި ޝައިޠާނުން:

   
ޖިންނީންގެ ތެރޭގައި މުއުމިނު ޖިންނިއާއި ކާފިރު ޖިންނި އުޅެއެވެ. މުއުމިނު ޖިންނިންނަކީ ﷲ ތަޢާލާ އަށް ތަބާވާ މުސްލިމު ޖިންނިންނެވެ. މުއުމިނު ޖިންނި އިންސާނުންނަށް ގޯނާކޮށް، މުޞީބާތް ޖައްސައި ނުހަދަތެވެ. އަދި ކިއެއްތަ އެބައިމީހުން އަޅުގަނޑުމެން  އިންސާނުންނަށް ކާފިރުޖިންނީންގެ ކިބައިން ދިމާވާ މުޞީބާތްތަކާއި ގޯނާތަކުން ސަލާމަތްކުރުމަށް އެތައް މަސައްކަތް ތަކެއްކޮށްދެ އެވެ. ކާފިރު ޝައިޠާނުންނާ ހަނގުރާމަކޮށް އެ އުރެންގެ  ފުރާނަތައް އިންސާނުންނަށްޓަކައި ޤުރުބާންކުރެ އެވެ. އެއުރެންނީ  ހުދު ފޭރާމުގައިތިބޭ ވަރަށް މާތް މަތިވެރި ބައެކެވެ. އިންސާނުންނަށްވުރެ އެތަށްގޮތަކުން ޢިލްމުވެރި، ބޭސްވެރިކަމުގައި ދުނިޔޭގައި ތިއްބެވި އެންމެ ބޮޑެތި ޙަކީމުން އެބައިމީހުންގެ ތެރޭގައިވެއެވެ.
   
ކާފިރު ޖިންނިންނަކީ ޝައިޠާނުންނެވެ. އެއީ ﷲ ތަޢާލާއަށް އުރެދި ޠާޣޫތަށް ތަބާވީ ޖިންނީންނެވެ. މިބައިމީހުންނަކީ މިކިޔާ "ޖިންނިމޮޔަވުން" ކަންތައްގަނޑު އިންސާނުންނަށް ކުރިމަތިކުރުވާ މީހުންނެވެ. ގޮތްދޫނުކުރުމާއި، ހަރުކަށިކަން ދެއްކުމާއި، އަނިޔާވެރިވުމަކީ މިބައިމީހުންގެ އަސާސީ ސިފައެކެވެ.

ޖިންނި މޮޔަވަނީ ކިހިނެއް:
   
ޖިންނިންނަކީ އިންސާނުންނަށްވުރެ ކިތަންމެ ބާރުގަދަ ބައެއްކަމުގައި ވީނަމަވެސް، އިންސާނުންގެ ދުއްތުރާއެއް އެމީހުންނަށް ނުފޯރާހިނދަކު، އެބައިމީހުންވެސް، އެބަހީ ޖިންނީންވެސް އިންސާނުންނަށް ގޯނާއެއްނުކުރެއެވެ.

ﷲ ތަޢާލާ އިންސާނުންނަށް ދިރިއުޅެން ދެއްވާފައިވަނީ ބިމެވެ. ޖިންނީންނަށް ޖައްވެވެ. އެހެންނަމަވެސް ޖިންނީންގެ ތެރެއިން ﷲ ތަޢާލާއަށް ކާފަރުވީ ޝައިޠާނުން ބިމަށް ފައިބާ އުޅެތެވެ. އެބައިމީހުންގެ ގެދޮރު ގަސްގަހުގައާއި، ފަޅުވެ މީހުން ނޫޅޭ ތަންތަނުގައި ބިނާކުރެތެވެ. މިހެން އުޅުމުގެ ތެރޭގައި ނިކަމެތި އިންސާނާއަށް އެނގުމެއްނެތި ކުރެވޭކަމަކުން ޝައިޠާނާއަށް ދުއްތުރާއެއް ކުރެވެއެވެ. ނުވަތަ ގެއްލުމެއް ދެވެއެވެ. ބައެއްފަހަރު އަހަރުމެން އެއްލާ އެއްޗަކުން ޝައިޠާނެއްގައިގާ ޖެހިދާނެއެވެ. ނުވަތަ ގަހަކަށް އަރައި އުޅޭއިރު އެއިން ޝައިޠާނެއްގެ ގަޔަށް ފައިން އެރިދާނެއެވެ. ބައެއްފަހަރަށް ހާމަތަނަކަށް ކުޑަކަމުދާއިރު އެއިން ޝައިޠާނެއްގެ ގަޔަށް ކުޑަކަމުދެވިގެން އޭގެ ބަދަލު ހިފާފައި އެބަހުއްޓެވެ. ކޮންމެއަކަސް މިހުރިހައި ކަމަކުން ސަލާމަތްވުމަށް ދީނުގައި ގޮތްތަކެއް ކަނޑައަޅުއްވާފައި އެބަހުއްޓެވެ. ސަލާމަތްކަންއޮތީ އެގޮތުގައި ހިފަހައްޓައިގެންނެވެ.

ޖިންނިމޮޔަވާ އަނެއްގޮތަކީ ސިހުރު ޖެހުމެވެ. ނުވަތަ މީހަކު ސިހުރު ހެދުމެވެ. މިއީ އެންމެ ނުރައްކާތެރި އަދި ފަސޭހަކުރަން އުނދަގޫވައްތަރެވެ. ސަބަބަކީ އެ ސިހުރު ކިތަންމެ ވަރަކަށް ބާތިލް ކުރި ކަމުގައި ވީނަމަވެސް ސިހުރު ހަދާމީހާ އެ ސިހުރު ހަދަހަދައި ހުންނަހައި ހިނދަކު، ނުވަތަ ސިހުރުވެރިޔާ އެސިހުރު ހެދުން ހުއްޓާނުލާހައި ހިނދަކު އެކަން ރަނގަޅެއްނުކުރެވެއެވެ. ދެންއޮންނަ އެންމެ ފަހު ގޮތަކީ އެ ސިހުރުހަދާ މީހާގެ ދުވަސްދުއްވާލުން ނުވަތަ ދެންއިތުރަށް ސިހުރު ނުހެދޭވަރަށް އޭނާ ނުކުޅެދުން ތެރިޔަކަށް ހަދައިލުމެވެ. ކޮންމެއަކަސް ޝިފާ ދެއްވަނީ ﷲ އެވެ.

ސިހުރުގެ ބާރުގެ ސަބަބުން ކާފަރު ޖިންނި ޝައިޠާނުން އިންސާނުންނަށް އެއްވެސް ސަބަބެއްނެތި ހުށަހޮޅިގަނެއެވެ. އަދި ބޮޑެތި އަނިޔާތަކާއި، މުޞީބާތްތައް ޖައްސައި، އިންސާނުންގެ ފުރާނަވެސް ދުއްވާލާފައިވަނީ މަދެއްކޮށެއްނޫނެވެ. ސިހުރުގެ ބާރުގެ ސަބަބުން ޝައިޠާނާއަށް އިންސާނާއަށް އަނިޔާކޮށް ގޯނާކުރުމަށް މަޖުބޫރުވެއެވެ. ކުރުގޮތަކަށް ބުނާނަމަ، އެއީ ޖިންނި ޝައިޠާނުން އޭގެ އަމިއްލަ އިޚްތިޔާރަކާއި ނުލައިދޭ އަނިޔާތަކެކެވެ. އެމަޖުބޫރުކަމަކީ ސިހުރުގެ ބާރުގެ ސަބަބުން ވާކަމެކެވެ. މިގޮތަށް ޖިންނި ޝައިޠާނުން އިންސާނާއަށް ދުއްތުރާކުރުމުގައި، އެސިހުރު ބާތިލްވަންދެން،ނުވަތަ ބާތިލް ކުރަންދެން، ނުވަތަ އެބައިމީހުންގެ ފުރާނަ ދަންދެން ދެމިތިބެއެވެ. ފަންޑިތަވެރިން ކިތަންމެވަރަކަށް ނަސޭހަތްދީ، ޤުރުއާން އަޑުއިއްވައި، އާދޭސްކޮށް ހަދައި ހެދިޔަސް ދުލެއްނުކުރެތެވެ.

ޖިންނި ޝައިޠާނުންގެ އަނިޔާވެރިކަން ބޮޑުވަނީ އެސިހުރެއް ހަދާ ކުޑަބޮޑު މިނަށެވެ. ނުވަތަ ސިހުރުގެ ބާވަތަށެވެ. ސިހުރު ހަދާ ބައެއް ގޮތްތަކުގެ ތެރޭގައި އާއިލާއަކަށް ނުވަތަ ވަކިބަޔަކަށް ހަދައި އުޅެތެވެ. އަދި ސީދާ ވަކި މީހަކަށް ޓާރގެޓްކޮށްގެންވެސް ސިހުރު ހަދައެވެ. ކައްކާތެލީގެ ފުލަށް ސިހުރުހެދުން، ގޭގެ އޮޅިގަނޑު ދަށުގައި ސިހުރު ވަޅުލުން، ފެންވަރާ ވަޅަށް ސިހުރު ފެއްތުން ކަހަަލަ ކަންތައްތަކަކީ ގިނަބަޔެއްގެ ނުވަތަ އާއިލާއެއްގެ ދުވަސް ދުއްވާލުމުގެ ގޮތުން ހަދާއުޅޭ ސިހުރުގެ ބައެއްވައްތަރުތަކެވެ.

ވަކި މީހަކަށް ޓާރގެޓްކޮށް ހަދާ ސިހުރުގައި، ސިހުރު ހަދާފައި ހުންނަތަކެތި ކާންދިނުމާއި، ދެމަފިރިންގެ ދޭތެރެ ނުވަތަ ރައްޓެހިވެގެން އުޅޭ ދެމީހުންގެ ދޭތެރެ ދުރުކުރުމަށް ބޮނޑުފަދަ ދިރޭ ތަކެއްޗަށް ސިހުރުހަދައެވެ. އެފަދަ އެއްޗެއް ގަޔަށް އަރިފިނަމަ އެ މީހަކަށް އެސިހުރެއް ޖެހެއެވެ. އަދި ހަދާ ސިހުރުގައި ސިހުރުހަދަން ބޭނުންވާ މީހާގެ ސީދާ ނަންޖަހައިގެން ވެސް އާންމުކޮށް ސިހުރުހަދައިފައި ހުރެއެވެ. މިނޫނަސް ތަފާތު އެތައް ގޮތަކަށް އަނިޔާވެރި ސިހުރުވެރިން އެބައިމީހުންގެ އަނިޔާވެރިކަން އާންމުކުރެތެވެ. ދެދުނިޔޭގައިވެސް އެފަދަ މީހުންނަށް ހަލާކުހުއްޓެވެ.

ސިހުރުޖެހުމުގެ ކުރީގައި ނުވަތަ މިނޫންވެސް ގޮތަކުން ޖިންނިމޮޔަވުމުގެ ކުރީގައި ބައެއްފަހަރަށް އެމީހަކަށް ސިހުރުގެ އަލާމަތްތައް ފެންނާނެއެވެ. އޭގެ ތެރޭގައި އާންމުގޮތެއްގައި ތަކުރާރުކޮށް ބިރުވެރި ހުވަފެން ފެނުމާއި، ހުވަފެނުގައި ކަޅުބުޅަލާއި، ކަޅުމީހުން ތަކުރާރުކޮށް އެތައްރެއަކު ފެނުމާއި، އެއް ހުވަފެނެއް ތަކުރާރުކޮށް ފެނުމާއި، ކަޅުމީހަކު އެމީހަކު މަރާލަން އުޅޭތަން ނުވަތަ އަނިޔާކުރަން އުޅޭތަން ތަކުރާރުކޮށް ހުވަފެނުންފެނުން ހިމެނެއެވެ. އަދި މީގެ އިތުރުން އާދަޔާ ޚިލާފަށް ގިނައިން އުޑުމަތިން އަލިގަނޑުގަނޑު ފެނުމާއި، އެހެން މީހުންނަށް ނުފެންނަ ތަކެތި ފެނުމާއި، އެއްވެސް ސަބަބެއްނެތި ޖިންސީ އެދުންވެރިކަން ފުދުމާއި، ނިދާ ހޭލާއިރު ޖިންސީ އެދުންވެރިކަން ފުދިފައި ހުރުމާއި، އާދަޔާ ޚިލާފަށް ދެނަމާދު ދޭތެރޭގައި ފެންވަރާ ހިތްވުމާއި، އާދަޔާ ޚިލާފަށް އަނދިރީގައި އެކަނި އިންނަހިތްވުމާއި، ރޭނގަނޑު ގަސްގަސް ދޮށުގައި އިންނަ ހިތްވުން ފަދަ ކަމަކީ ސިހުރު ނުވަތަ ޖިންނި މޮޔަވުމުގެ ބައެއް އަލާމަތްތަކެވެ.

އެހެންނަމަވެސް މިފަދަ ކަމެެއް ދިމާވެފައި ހުރި ކޮންމެ މީހަކީ ސިހުރު ޖެހިފައިވާ މީހަކަށް ނުވަތަ ޖިންނިމޮޔަވެފައިވާ މީހަކަށް ނުވެ ހިނގައިދާނެއެވެ. އަދި މިފަދަ ކަމެއް ދިމާވާ ނަމަވެސް އެއީ ސިހުރުގެ އަލާމާތަކަށް ނުވެ ހިނގައިދާނެއެވެ. ހުރިހައިވެސް އެއްޗަކީ އަޅުގަނޑުމެންގެ ހިތެވެ. އަޅުގަނޑުމެން ގަބުލުކުރާ ގޮތެވެ. އެހެނީ މީހަކު ބިރުގެންފިނަމަ ކޮންމެ އެއްޗެއްވެސް އެމީހަކަށް ބިރުވެރި އެއްޗެއްގެ ސިފައިގައި ސިފަވެދާނެއެވެ. ކުރިމަތީ އިންނަ ކޮމްޕިއުޓަރވެސް ޖިންނި އެއްގެ ގޮތުގައި ސިފަވެދާނެއެވެ. ހިތުގައި ޝައްކާއި ވަހުމް އުފެއްދުމަކީވެސް ޝައިޠާނާގެ ޢަމަލެކެވެ.


ޖިންނި ޝައިޠާނުންގެ ވަސްވާސް:

   
ޖިންނި ޝައިޠާނުންގެ ވަސްވާހަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އޭގެ އަސަރު އިންސާނާގެ މުޅިހަށިގަނޑަށް ފޯރައެވެ. ޖިންނި ޝައިޠާނުންގެ ވަސްވާހުގެ އަސަރު ކުރަނީ ލެޔަށެވެ. އެހެންކަމުން އެލޭ ހިނގާ ކޮންމެ ގުނަވަނަކަށް އެވަސްވާހުގެ އަސަރުކުރެއެވެ. ޖިންނި ޝައިޠާނުން އިންސާނާއާއި ކިތަންމެ ދުރުހިސާބެއްގައި ތިބެގެންވެސް ވަސްވާސް ދެވިދާނެއެވެ.      ބައެއްފަހަރު އަހަރުމެން ގޭތެރޭގައި އުޅޭއިރު ތަޅުދަނޑިފައްޗެއް ނުވަތަ އެފަދަ އެހެން އެއްޗެއްވެސް، އެއެއްޗެއް އާންމުކޮށް ބާއްވާތަނުގައި ބާއްވާފައި އިރުކޮޅަކުން އެހޯދަން އުޅޭއިރު ނުފެނިދާތަން އާދެއެވެ. ނުވަތަ އެއްޗެއް ބާއްވާތަން ހަނދާން ނެތެއެވެ. އެކަމަކު އެއެތި ބޭއްވީ ހަމަ މިތާންގައި ކަމާއި، އިތުރު އެހެންމީހަކު މިތަނަށް އަދި ނުވަންނަކަން ދެންމެވީކަމެއްހެން ހަނދާނުގައި ހުރެއެވެ. އެކަމަކު އެއްޗެއް ގިނަފަހަރަށް ފެންނަނީ ބޭއްވިތަންނޫން އެހެންތާކު ބާއްވާފައި އޮއްވައެއެވެ. މިއީވެސް ޖިންނި ޝައިޠާނާގެ ނުހޮރުއްޕާނުގެ ތެރޭގައި ހިމެނޭކަމެކެވެ.

ރައްކާތެރިކަމުގެ ފާރެއް:

ﷲ ތަޢާލާ ކޮންމެ އިންސާނެއްގެ ވަށައިގެންވެސް ރޫހާނީގޮތުން ރައްކާތެރިކަމުގެ ފާރެއް ލައްވާފައި ވެއެވެ. މިއީ ﷲ ތަޢާލާ މިފަދަ ޖިންނި ޝައިތާނުންގެ ދުއްތުރާއާއި، އަނިޔާއިން ސަލާމަތްވެތިބުމަށް ލައްވަވާފައިވާ އައްޑަނައެކެވެ. ބޮޑުވެގެންވާ ނިޢުމަތެކެވެ. ޝައިޠާނުން، ސަބަބަކާއި އެކުވެސް، އަދި ސަބަބަކާއި ނުލައިވެސް އެ ޝައިޠާނުން ބޭނުންވި ކޮންމެ ހިނދެއްގައި އިންސާނާގެ މައްޗަށް ހުށަހޮޅިގަތުމަށް މިފާރު ހުރަސް އަޅައެވެ. އެހެންކަމުން މި ރޫހާނީ ފާރުގެ ސަބަބުން ޝައިޠާނާގެ އެންމެ ފުރަތަމަ ހަމަލާއިން އިންސާނާ ރައްކާތެރިވެއެވެ. ނަމަވެސް ޝައިތާނާ އިންސާނާގެ ވަށައިގެން ލެވިފައިމިވާ ރޫހާނީފާރު ފުނޑުފުނޑު ކޮށްލަައި އިންސާނާއަށް ހުށަހޮޅިގަނެއެވެ. މިރޫހާނީ ފާރަކީ އެއްފަހަރުވެސް ހަލާކުވެއްޖެނަމަ އަލުން ލެވޭނޭ ފާރެއްނޫނެވެ. މިސަބަބައްޓަކައި އެއްފަހަރު ޖިންނި މޮޔަވެފައި ތިބޭމީހުން ރަނގަޅުވުމަށް ފަހުގައިވެސް އަނެއްފަހަރު ޖިންނިމޮޔަވެގެން އުޅޭތަން އާދެއެވެ. ކޮންމެ އިންސާނަކުވެސް މި ރޫހާނީ ފާރަށް ރައްކާތެރިވުން ހުއްޓެވެ.
  
ނަސޭހަތެއް:
   
ޖިންނި ޝައިތާނުން ބިމަށް ފެތުރިގަންނަ ވަގުތަކީ އިރުއޮއްސޭ ވަގުތެވެ. އެނބުރި ދާ ވަގުތަކީ އިރުއަރާ ވަގުތެވެ. އިރުއޮއްސޭވަގުތު ކުޑަކުދިން ގޮވައިގެން ބޭރުގައި އާންމުކޮށް އުޅުމަކީ ރައްކާތެރިގޮތެއް ނޫނެވެ. މިފަދަކުދިންގެ ކިބައިން ބަސްނޭހުމާއި ބޮޑާ ހޭކުންފަދަ ސިފަތައް ފާހަގަކުރެވިފައި ވެއެވެ. ހަމަ އެފަދައިން ބޮޑެތި މީހުންވެސް އެމީހުންގެ ރައްކާތެރިކަން ހޯދުމަށް ދީނުގައި އަންގަވާފައިވާ ގޮތުގައި ހިފުމާއިއެކު، އިރުއޮއްސޭ ދަޅަމައްޗަށް ނިކުމެ އުޅުމަކީ ރައްކާތެރި ގޮތެއްނޫނެވެ. ސަބަބަކީ ޖިންނި ޝައިޠާނުން ބިމަށް ފެތުރިގަންނަ ވަގުތުގައި އެބައިމީހުން ތަނެއްދޮރެއް ނުބަލައެވެ. ޖެހުނު އެއްޗެއްގައި ޖެހިފައި އެބައިމީހުންގެ ބާރު ދުވެލީގައި ވައިރޯޅިއެއް ފަދައިން ދަތުރުކުރާއިރު، އިސްވެ ދެންނެވުނު ރޫހާނީ ފާރަށް އެއިން ޖިންނި ޝައިޠާނެއްގެ ސަބަބުން ގެއްލުމެއް ލިބިދާނެތީއެވެ.
   
ހަމަ އެފަދައިން ބަންގިގޮވާ ވަޤުތުތަކުގައި ގަސްގަސް ދޮށުގައި ނުތިބުމަށާއި، ގޭގެޔަށް ވަނުމަކީ ރައްކާތެރި ގޮތެކެވެ. އެހެނީ ބަންގީގެ އަޑު އިވުމާއި އެކު ޝައިޠާނާ ފުރަގަސް ފަރާތުން ވައިބޭރުވާ ހާލު ބިރުން ދުއްވައި ގަންނާނެއެވެ. މިފަދަ ދަނޑިވަޅެއްގައި ޝަައިޠާނާ ދުއްވައިގަންނަ ވަގުތުގައި ޖެހި އިންސާނާގެ ވަށައިގެން ލެވިފައިވާ ފާރު ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ގަސް ގަސް ދޮށުގައި ނުތިބެންވީ ގަސްގަހަކީ އާންމުކޮށް ޖިންނި ޝައިޠާނުން ދިރިއުޅޭ ތަންތަނަށް ވާތީއެވެ. ނިކަގަހަކީ އާންމުގޮތެއްގައި ޖިންނި ޝައިޠާނުންގެ ހާއްޔެކެވެ.

ނޯޓް: ޖިންނި މޮޔަވުމާއި ބެހޭގޮތުން މިހާތަނަށް އޭގެ ހަޤީގަތާއި އެންމެ އެއްގޮތްވާ ގޮތަށް އުފައްދާ ފައިވާ ފިލްމަކަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ “The Exorcism of Emily Rose” މި ފިލްމެވެ. މިއީ ޖިންނި މޮޔަވާ ކުއްޖަކަށް ދިމާވާ ހަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މައުޟޫ އާއިމެދު ޝައުގުވެރި ވާނަމަ މިފިލްމު ބައްލަވާލެއްވުން ވަރަށް ރަނގަޅުވާނެއެވެ.

އިދާރާ

ވާހަކަ