އަދުގެ ޚާއްސަ

Print

ދިވެހިންގެ ރީތި އާދަކާދަ

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އާދަކާދަ


އިބްރާހީމް ނަޢީމު

ދިވެހިންނަކީ ފެށުނީއްސުރެވެސް ރިވެތި އާދަ ތަކަކަށް އަހުލުވެރި ވެފައިވާ ބައެކެވެ. ދިރިއުޅުމުގެ ކޮންމެދިމާއަކަށް ބަލައިލި ނަމަވެސް މިދެންނެވި ބަހުގެ ތެދުކަން ސަބިތުވާނެއެވެ. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި ހެޔޮފޯރުވައި އެހީތެރިވުމަކީ ޒަމާނުއްސުރެވެސް ދިވެހިން ކުރަމުންއަންނަ ކަންތައްތަކެވެ. ނަމަވެސް މިދެންނެވި ހަމަތަކާ ޚިލާފު ބައެއްކަންތައްތައް މަދުމަދުން ނަމަވެސް ހިނގާތީ އެބަފެނެއެވެ. މިގޮތަށްދިމާވި ދެތިން ހާދިސާއެއް ފަންވަތުގެ އަހުލުވެރިންނާ ޙިއްސާކޮއްލައި، މިފަދަ ކަންކަމުގައި ތިޔަބޭފުޅުންގެ ތަޖުރިބާވެސް އޮޅުންފިލުވަލަން ބޭނުމެވެ.

ކުޑަކޮށް ވާރޭވެހޭ ދުވަހެކެވެ. އޮފިހަށްދާން ތައްޔާރުވަމުންވެސް ވިސްނެނީ މަގުމަތީގެ ހާލަތު އޮންނާނެ ގޮތަކާމެދުގައެވެ. ކޮންމެއަކަސް ސައިކަލު އިސްޓާޓުކޮށް ވަރަށް ފަރުވާތެރިކަމާއެކު މަޑުމަޑުން ދުއްވަމުންގޮސް އޮފީހާ ހަަމައަށް ދެވުނުއިރު ގަޑިޖެހެން ކުޑަތަންވެއްޖެއެވެ. ސައިކަލު ޕާކުކުރާނެ ތަންކޮޅެއް ނުފެނިގެން ހުރަވީ ބިލްޑިންގުވަށާ ދެބުރު ޖެހިއްޖެއެވެ. ހުކުރުމިސްކިތާ ދިމާ މަގުމަތީގައި ސައިކަލު ބެހެއްޓުމަށްފަހު، ޕާކިން ޒޯނުގައި އޮތް ހަނިތަންކޮޅަކަށް ސައިކަލު ވެއްދުމަށްޓަކައި ދެފަރާތުގައި ހުރި ދެސައިކަލު މަޑުމަޑުން ދުރުކޮށްލައި ޖާގަ ތަނަވަސްކޮށްލުމަށްފަހު ސައިކަލަށް ރަގަޅަށް ނުއެރެނީސް ސިފައިންގެއާދިމާލުން މާބާރަކަށް އައި މީހަކު، އަޅުގަނޑަށްވުރެ ކުރިން އެތަންކޮޅަށް އޭނާގެ ސައިކަލު ގަޓުވާލުމަށްފަހު ފަސްއެނބުރި ބަލާވެސްނުލާ ހުރަވީ ބިލްޑިންގަށް އެހެރަ ވަދެގެން ދިޔައީއެވެ. އަޅުގަނޑު ހިތައްއެރިއެވެ. ދިވެހިންގެ ރިވެތި އާދަކާދަތައް ޒަމާނާއެކު އެހެރަގެން ބަދަލުވަމުންދާ ގޮތެއްތާއެވެ. އެދުވަހު އަޅުގަނޑު ސައިކަލު ޕާކުކުރީ މަޖީދިއްޔާ ކައިރީގައެވެ. އޮފީހަށް ވަދެވުނު އިރު ގަޑިޖެހިއްޖެއެވެ.

އެހެން ދުވަހެކެވެ. އަނެއްކާވެސް ކުޑަކޮށް ވަރޭވެހި މަގުތައް ހެޔޮވަރު ވަރަކަށް ތެމިލާފައި އޮތް ދުވަހެކެވެ. އަރަބިއްޔާ ސްކޫލްކައިރީގައި ސައިކަލު ޕާކު ކުރުމަށްފަހު އަގޯރާއާދިމާލަށް އެނބުރިލިތަނާ ބާރުއަޑުފައްގަޑެއް އިވިގެން އަނެއްފަރާތް ބަލާލިއިރު ސައިކަލެއްގައި އައިމީހަކު ކަހާލައިގެން މަގުމެދަށް އެއްޓިފައި އޮތެވެ. އޭނާއަށް ތަދުވެސްވާނެއެވެ. ސައިކަލުއޮތީ އޭނާގެ ފައިމައްޗަށްވާގޮތަށްކަމުން އޭނާއޮތީ ނުތެދުވެވިފައެވެ. ކައިރީގައި ވަށައިގެން އެތައްބަޔަކު ތިބިއިރުވެސް އޭނާޔަށް އެހީތެރިވެ، ސައިކަލު ނަގައިދޭނެ މީހަކު އެތާކުނެތެވެ. ބައެއްމީހުން ހެނީއެވެ. އަނެއްބަޔަކު ބަލަހައްޓައިގެން ތިބީއެވެ. މަޖީދީމަގުގެ އިރުން ހުޅަނގަށް ދުއްވާފައި އައި މިޒަމާނުގެ ޒުވާނަކު ވަރަށް ރުޅިއައިސްގެން ބަރުގޮނުއަޅަނީއެވެ. އަހަރެން ހިތަށްއެރިއެވެ. މީނާ މިބަރުގޮނު އަޅަނީ ކާކަށް އަޑުއިއްވަން ބާވައެވެ. ހާދިސާ މިއޮތީ ލޯމަތިން ފެންނާކަށް ނޫންބާވައެވެ. އަޅުގަނޑުގޮސް ވެއްޓިފައިއޮތް މީހާގެ ފައިމަތިން ސައިކަލު ނަގައި އޭނާ ތެދުވަން އެހީތެރިވެދީފީމެވެ. މީނާވެސް ހަމަ ތެދުވެވުމާއެކު އެހެން އެއްވެސް މީހެއްގެ މޫނަކަށް ބެލުމެއްނެތި ސައިކަލަށް އަރައިގެން އެހެރަ ދުއްވާލިގޮތެއްތާއެވެ. ދުލުކުރިން ޝުކުރިއްޔާ އަދާކޮށްނުލިތާގައި އެފަދަ ބެލުމަކުން ވެސް ބަލާނުލައި ވިއްޖެއްދިޔަހެން ގޮސް އޮބާލައިފިއެވެެ. އަޅުގަނޑު ހިތައްއެރިއެވެ. ޒަމާނާއެކު އާދަކާދަ ވެސް ދާނީ ބަަދަލުވަމުންނެވެ. އިހު ހުންނަ ފީކަޅާކަންތައް ދިރުވަން މިޒަމާނުގައި މަސައްކަތްކުރާ މީހުން އަބަދުވެސް ތިބެންޖެހޭނީ އަޅުގަނޑު ހިތަށް މިއަރާފައިބަމުންދާ ކަހަލަ ހަސަރުތަކާމެދު ވިސްނަ ވިސްނައެވެ.

އެހެން ދުވަހެކެވެ. އޮފީހުން ގެޔަށްއައި މަގުމަތީގައި ލާރިނަގާ މެޝިނަކާ ކައިރިވެލަން ކޮންމެހެންވެސްޖެހިއްޖެއެވެ. އަޅުގަނޑު ގޮސް ފިނޭންސް މިނިސްޓްރީކައިރީގައި ހުރި މެޝިންކައިރިއަށް މަޑުކޮށްލައި އެތާހުރި މީހުންގެ ހަރަކާތްތައް ބަލާލަން ލެފިލައިފާމެވެ. އަޅުގަނޑު ދިޔައިރުވެސް ހައެއްކަ މީހުން އެތާ ތިއްބެވެ. އެމީހުންވެސް ތިބީ ކިޔޫއަކަށް އެތުރިގެން ނޫންކަމުން ކުރިން އައީ ކާކުކަމެއް ފަހުންއައީ ކާކުކަމެއް ވަކިވާކަށް ނެތެވެ. އަޅުގަނޑު އެތާހުރި މީހަކުކައިރީގައި ކިޔޫއެއް ހެދުމުގެ ވާހަކަ ދައްކާލުމުން މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. އެހެން ހުއްޓައި ސައިކަލެއްގައި އައި ދެޒުވާނަކު އަޑުގަދަކުރަމުން އައިގޮތަށްއައިސް ދެންތިބި މީހުން އެތާތިބިކަމަށްވެސް ނުހަދާ މެޝިން ހުރި ތަނަށްވަދެ ފައިސާ ނަގައިގެން އެހެރަ ދިޔައީއެވެ. އެހެން މީހުނާމެދުވެސް ވިސްނާލައި ކިޔޫ ތަރުތީބުން އެކަން ކުރުން އެއީ މިޒަމާނުގެ ކަމަކަށް ނުވަނީ ބާވައެވެ.

އެހެން ކަމެކެވެ. އަމިއްލަ ގެދޮރު ނެތްމީހުން މާލޭގައި މިއުޅެެނީ މީސްމީހުންގެ ގެއިން ތަންތަންކޮޅު ކުއްޔަށްހިފައިގެން ތާއެވެ. ކޮންމެއަކަސް އަޅުގަނޑުވެސް މިއުޅެނީ ހަމަ އެގޮތަށެވެ. ބައިބަޔަށް ބަހާފައި ހުރި އެ ގޯތީގައި ކުށްޔަށް އުޅެނީ އަޅުގަނޑުއެކަންޏެވެ. އަޅުގަނޑުގެ އުޅޭބައި މިހުންނަނީ ވެސް ގޯތީގެ އެންމެ އެތެރޭގައެވެ. އެހިސަބަށް ވަދެވެނީ ހަނި ގޯޅިގަނޑަކުންނެވެ. ހެނދުނު އޮފީހަށްދާން ނުކުންނައިރު ގޯޅިގަނޑުގެ ދެފަރާތުގައި ކުނިއުކާ މީހާގެ އިންތިޒާރީގައި އެހުންނަ ކުނިކޮތަޅުތަކުން އެ ނުކުންނަ ވަހެއްތާއެވެ. މިވެރިން ނިދާފައި ތިބޭތީ އޭގެ ވަސް އިހުސާސް ނުކުރެވުނަސް އެގަޑީގައި އެ ކޮތަޅުތަކާ ވައިވެސް އެޅިލައިފި މީހަކުގެ މުޅިދުވަސް ޚަރާބުވާހައި ވެއެވެ. އެހެންނަމަވެސް އެކަން ދަންނަ މީހަކު އެގެގައި އުޅޭކަމަކަށް ނުވެއެވެ. އަނެކާއަށް ވެދާނެ އުނދަގުލަކާމެދު ވިސްނާލައިގެން އުޅުމުގެ ރިވެތި އާދަޔަށް ހިރަފުސް އަރާފައި އޮތީމައެވެ.

ވޭތިކުރަމުން މިދަނީ  ރޯދަމަހުގެ ދުވަސްތައް ކަމަށްވުމާއެކު މިކަހަލަ ކަންތަކާ ވިސްނާ ފިކުރު ހިންގާލުން ހަމަ އެންމެ ރަގަޅުކަމުގައި އަޅުގަނޑު ދެކެމެވެ. ރޯދައަށް ހުންނަ ހުރުމުގައިވެސް ވީވަރަކުން އަނެކާއަށް ފަސޭހަކޮށްދީ، އަނެކުންގެ ހިތްހަމަނުޖެހުމުން ތިމާ ސަލާމަތްވެ، އުޅުންތަކާއި ގުޅުންތައް އިޞްލާހުކުރަން ގަދައަޅައި މަސައްކަތްކުރަން އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔައެކުވެރިންނަށްވެސް ނަސޭޙަތްތެރި ވަމެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ