އަރަތް: 21 (ކިތައް ބިސް؟)
ޢަބްދުލްމުޢީދު ޙަސަން
މިޞްރު މީހުން ކިޔައި އުޅޭ ވާހަކައެއްގައި ވެއެވެ.
މިޞްރުގެ ޠަންޠާގެ އަވަށެއްގައި ކުކުޅު ބިސް ވިއްކާ އަންހެނަކު އުޅުނެވެ. އާދަކާދައިގެ މަތިން ދުވާރު މަތީގައި އޭނާ ބިސް ވިއްކަން އިންދާ، އެހެން ދިޔަ މީހަކު، ބިސް އަޅާފައިވާ އެއްޗާ މުޑިއަރައި އޭތި ވެއްޓުނެވެ. ދެން އެތަނުގައި ތިބި ބަޔަކު އައިސް ބެލިއިރު، އޭގައިވާ ބިސްތައް ވަނީ ތެޅިފައެވެ. އެމީހުން އެހިއެވެ.
"ސިއްތި އެވެ. ތަޅައިގެން ދިޔައީ ކިތައް ބިސް ހެއްޔެވެ؟"
ސިއްތި ޖަވާބު ދިނެވެ.
"ދެ ބިހުން ދެ ބިހުން ގުނައިފިނަމަ އެއް ބިސް ބާކީ ވާނެއެވެ.
ތިން ބިހުން ތިން ބިހުން ގުނައިފިނަމަ، އެއް ބިސް ބާކީ ވާނެއެވެ.
ހަތަރު ބިހުން ހަތަރު ބިހުން ގުނައިފިނަމަ، އެއް ބިސް ބާކީ ވާނެއެވެ.
ފަސް ބިހުން ފަސް ބިހުން ގުނައިފިނަމަ، އެއް ބިސް ބާކީ ވާނެއެވެ.
ހަ ބިހުން ހަ ބިހުން ގުނައިފިނަމަ، އެއް ބިސް ބާކީ ވާނެއެވެ.
ހަތް ބިހުން ހަތް ބިހުން ގުނައިފިނަމަ، ބިހެއް ބާކީ ނުވާނެއެވެ."
އެހެންކަމަށްވަނީނަމަ، ތަޅައިގެން ދިޔައީ ކިތައް ބިސް؟