އަދުގެ ޚާއްސަ

Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (4)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


2 ނޮވެމްބަރު (ހޯމަ)އާ ގުޅޭ....

ޒައިނިޒަމް އުފެދުން – ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށް ކުރެވުނު މަސައްކަތް (ށ)

އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

1800އިގެ އަހަރުތައް ފެށިގެން އައި އިރު ޢުޘްމާނީ ދައުލަތުގެ ސަރަޙައްދުތަކުގައި ޔަހޫދީންގެ މިލިއަނެއްހައި މީހުން ތިއްބެވެ. އޭގެ ތެރެއިން ފަލަސްޠީނުގައި އުޅެމުން ގެންދިޔައީ 5 ހާހެއްހައި މީހުންނެވެ. ޢުޘްމާނީންގެ ސަރަޙައްދުތަކުގައި ޔަހޫދީންގެ ޙާލަތާ މެދުގައި މެދުގައި އިންސާފުގެ ދުލުން ވާހަކަ ދައްކާނަމަ ދަންނަވަން ޖެހެނީ މުސްލިމުން ޔަހޫދީންނާ މެދުގައި ކަންތައް ކޮށްފައިވަނީ ރަނގަޅަށް ކަމުގައެވެ. ދޭތެރެ ދޭތެރެއިން މުސްލިމުންގެ ފަރާތުންވެސް ޔަހޫދީންނަށް ދަތިތަކާއި ތަޢައްޞުބާއި އިމްތިޔާޒުގެ ޝުޢޫރުތަކާ ކުރިމަތިލާން ޖެހިފައިވާކަމީ ޙަޤީޤަތެކެވެ.

ނަމަވެސް ހަމަ މި ނޭވާގައި ބާރުލާފައި ދަންނަވަން ޖެހެނީ އެއްވެސް އިރެއްގައި، އެއްވެސް ތަނެއްގައި ކްރިސްޓިއަނުންގެ ފަރާތުން ޔަހޫދީންނަށް ކުރިމަތިވިފަދަ މުޞީބާތާއި ނަފްރަތާއި އަނިޔާވެރިކަން މުސްލިމުންގެ ފަރާތުން އެބައިމީހުންނަށް ކުރިމަތިވެފައި ނުވާ ކަމުގައެވެ. ޢުޘްމާނީންގެ ދުވަސްވަރުވެސް ބައެއް ދައުރުތަކުގައި ޚިލާފަތުގެ ފަރާތުން ވަނީ މުސްލިމް ރައްޔިތުންނެކޭ އެއްފަދައިން ޔަހޫދީންނަށް އެހީތެރިކަމާއި މަދަދާއި ޙިމާޔަތް ފޯރުކޮށްދީފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ކްރިސްޓިއަނުން ސްޕޭނާއި ޕޯރޗުގަލް އަތުލައިގަތުމަށްފަހު އެތަންތަނުން ބޭރުކޮށްލި އެތައް ހާސް ޔަހޫދީންނަށް ޢުޘްމާނީ ޚިލާފަތުގެ ސަރަޙައްދުން ދެވުނު ޙިމާޔަތެވެ.

ޕޮލިޓިކަލް ޒައިނިޒަމާއި، ޔަހޫދީ ދައުލަތުގެ ފިކުރުގެ ދަށުން ފަލަސްޠީނަށް އައ ޔަހޫދީންގެ ފުރަތަމަ ޖަމާޢަތްތައް އައިސްފައި ވަނީ 1880 ވަނަ އަހަރުން ފެށިގެން 1914 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމާ ދެމެދުގައެވެ. މި މުއްދަތުގެ ތެރޭގައި ޔަހޫދީންގެ 60،000 މީހުން ފަލަސްޠީނަށް ހިޖުރަ ކުރިއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެ ބަޔަކީ ރަޝިއާއިން އައި މީހުންނެވެ. މި ޖަމާޢަތްތަކުގެ މީހުން ފަލަސްޠީނުގެ ބިމުން ގާތްގަނޑަކަށް 90،000 އޭކަރުގެ ބިން ގަނެ އެ ބިންތަކުގައި ފަންސާހަކަށް އަވަށް އާބާދު ކުރިއެވެ. މިގޮތުން އަލަށް އުފެދިގެން އައި އާބާދީތަކުގެ ތެރެއިން އެންމެ މުހިއްމު އާބާދީއަކީ ޖައްފާގެ އުތުރުގައި އުފެދުނު ޓެލް އަވީވެވެ. އިޒްރޭލް އުފެދުނީއްސުރެ އެ ޤައުމުގެ ވެރިރަށަކީ 1909 ވަނަ އަހަރު އެ ޝަހަރެއްގެ ބިންގާ އެޅުނު ޓެލް އަވީވެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 1914 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އިރު ފަލަސްޠީނުގެ ޖުމުލަ އާބާދީއަކީ 8 ލައްކަ އެވެ. އޭގެ ތެރެއިން ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް 70،000 އެވެ. މީގެ ތެރެއިން ވަރަށް ބޮޑު ބަޔަކީ އަޝްކެނާޒިމް ޔަހޫދީންނެވެ. މި ޒަމާނުގެ ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި ޚާޒާރީ ޔަހޫދީންނެވެ.

ފަލަސްޠީނުގައި އަލަށް އުފެދިގެން އައި ޔަހޫދީ މުޖުތަމަޢު މަޝްހޫރުވެގެން ދިޔައީ "ޔިޝޫވް" ގެ ނަމުންނެވެ. ޔިޝޫވްގެ ބިންގާ އެޅުމަށްފަހު އެ މުޖުތަމަޢުގެ ޢިލްމީ، އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށްޓަކައި ޔަހޫދީން ބޮޑެތި މަސައްކަތްތަކެއް ކުރަން ފެށިއެވެ. އެގޮތުން އެބައިމީހުންގެ މައިގަނޑު ޝަހަރު ކަމުގައިވާ ޓެލް އަވީވާއި ކައިރި ކައިރީގައި އާބާދުވެފައި އޮތް އަވަށްތަކުގެ ހިމާޔަތުގައި ހަރަކާތްތެރި ވާނޭ ހަތިޔާރު އެޅި ޒުވާނުންގެ ޖަމާޢަތެއް އެކުލަވާލެވުނެވެ. ޔަހޫދީ ކުޑަކުދީންނަށް ހިބްރޫ ބަހުން ޔަހޫދީންގެ ދީނާއި ތާރީޚާއި ސައިންސާއި ފަންނުތައް ކިޔަވައިދިނުމަށްޓަކައި ހުރިހާ ސަރަޙައްދުތަކެއްގައި މަދަރުސާތައް ޤާއިމު ކުރެވުނެވެ. ފަލްސަފީ އަދި ޢިލްމީ ބަޙުޘްތައް ކުރުމަށްޓަކައި ޢިލްމީ މަޖިލިސްތައް އެކުލަވާލެވުނެވެ. ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މުޖުތަމަޢުގެ ސިޔާސީ އަދި އިދާރީ ކަންތައްތައް ގެންދެވޭނޭ އިންތިޒާމެއް ހަމަޖެހި ސިޔާސީ ޕާރޓީތައް އުފެދިގެން ދިޔައެވެ. ޔަހޫދީ ފިކުރު ޢާއްމުކޮށް މީހުންގެ ހޭލުންތެރިކަން ދެމެހެއްޓުމަށްޓަކައި ނޫސްތަކާއި ޢިލްމީ ފޮތްތައް ޝާއިޢު ކުރާނޭ ނިޒާމެއް އެކުލަވާލެވުނެވެ.

ފަލަސްޠީނަށް އައި ޔަހޫދީން އާބާދުވަމުން ގެންދިޔައީ ޒައިނިސްޓް ޕްރޮޕެގެންޑާގައި ދަޢުވާކުރާ ފަދަ ފަޅުބިންތަކުގައެއް ނޫނެވެ. ފަލަސްޠީނުގެ އަސްލު ވަޒަންވެރީން އެތައް ޤަރުނަކުއްސުރެ އެބިންތަކެއްގައި އުޅެމުން ގެންދިޔަ ބިންތަކުގައެވެ. އެބިންތަކުން ފަލަސްޠީނީ ޢަރަބީން ބޭރުކޮށް އެބިންތަކުގެ މިލްކުވެރިކަން އަތުލައިގަތުމަށްޓަކައި ޔަހޫދީ ވަޒަންވެރިން ބޭނުންކުރަމުން އައި އެންމެ ކާމިޔާބު ސިޔާސަތަކީ ބޮޑު އަގު ދީފައި ބިން ގަތުމުގެ ސިޔާސަތެވެ. ފަލަސްޠީނުގައި ބިމުގެ މިލްކުވެރިކަމުގެ ނިޒާމު އޮތް ގޮތުން ޤައުމުގެ ބިމުގެ ބޮޑު ބައެއް އޮތީ ޢުޘްމާނީ ސަރުކާރުގެ މިލްކުގެ ގޮތުގައެވެ. ބާކީ ބިންތައް އޮތީ ބޮޑެތި އަދި ތަނަވަސް އާއިލާތަކުގެ އަމިއްލަ ބިންތަކުގެ ގޮތުގައެވެ. މިފަދަ ބިންތަކުގެ މިލްކުވެރީން ގިނަ ފަހަރު އުޅެނީ ދިމިޝްޤާއި ބައިރޫތު ފަދަ ބޮޑެތި ޝަހަރުތަކުގައެވެ. އެބައިމީހުންގެ މިލްކުގައި އޮންނަ އެތައް އޭކަރެއްގެ ބިމުގައި ދިރިއުޅެނީ އެ ބިންތަކުގައި ދަނޑުވެރިކަން ކޮށްގެން ދިރިއުޅޭ ނިކަމެތި ދަނޑުވެރީންނެވެ. ޔަހޫދީންގެ ބިލް މިލްކުކުރުމުގެ ސިޔާސަތުގެ ދަށުން އެބައިމީހުން ޢަރަބި ބިންވެރީންގެ އަތުން ބޮޑު އަގުގައި ބިންތައް ގަންނަމުން ގެންދިޔައެވެ. ހަމައެހެންމެ ސަރުކާރުގެ މިލްކުގެ ގޮތުގައި އޮންނަ ބިންތައް ޢުޘްމާނީ ސަރުކާރުގެ ކަމާބެހޭ އޮފިޝަލުންނަށް ރިޝްވަތުދީގެން ޤާނޫނާ ޚިލާފަށްވެސް ގަނެ އަމިއްލަ ކުރަމުން ގެންދިޔައެވެ. މިގޮތުން ބިންތައް ގަތުމަށްފަހު ޔަހޫދީން ހަދާ ގޮތަކީ އެބިންތަކުގައި ޒަމާނުއްސުރެ އުޅޭ ފަލަސްޠީނީ ޢަރަބީންގެ ޢާއިލާތައް އެ ބިންތަކުން ބޭރުކުރުމެވެ. ނަތީޖާއަކީ ފަލަސްޠީނީ ޢަރަބީންގެ އެތައް ހާސް ޢާއިލާއެއް ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ބައެއްގެ ގޮތުގައި އަމިއްލަ ވަޒަނުން ބޭރުވެގެން ދާން މަޖުބޫރު ވުމެވެ.   
 
ޢަރަބީންގެ ބިންތައް ގަތުމަށްޓަކައި ޒައިނިސްޓް ވަޒަންވެރީންނަށް ފައިސާގެ އެހީތެރިކަން ލިބެމުން ދިޔައީ ޔޫރަޕްގެ ޔަހޫދީ މަހުޖަނުންގެ ފަރާތުންނެވެ. ޚާއްސަ ގޮތެއްގައި ރޮތްޝިލްޑް ޢާއިލާއިންނެވެ. އެބައިމީހުން ގެންދިޔައީ ވަރަށް ދީލަތިގޮތެއްގައި ޒައިނިސްޓް ޔަހޫދީންގެ ޙަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރޮތްޝިލްޑާއި ޔޫރަޕްގެ ޔަހޫދީ ކެޕިޓަލިސްޓުންގެ މުއްސަނދިކަން ހުރީ ޔޫރަޕްގެ އާދައިގެ ޤައުމުތަކުގެ ސަރުކާރުތަކާވެސް ނުބައްދަލު ދަރަޖައެއްގައެވެ. ޢަރަބީންގެ ބިންތައް ގަތުމަށްޓަކައި ދެވުނު އެހީގެ އިތުރުން ޔިޝޫވްގެ އިޤްތިޞާދީ ތަރައްޤީގައިވެސް އެކުންފުނިތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ޙިއްސާވަމުން ގެންދިޔައެވެ. ޔިޝޫވްގައި ދަނޑުވެރިކަމާއި އެހެނިހެން އިންޑަސްޓްރީތައް ތަރައްޤީ ކުރުމަށްޓަކައި މިލިއަނުން އިންވެސްޓްކުރަމުން ގެންދިޔައެވެ. ރޮތްޝިލްޑްގެ ފަރާތުން ފުޅާ ދާއިރާއެއްގައި އުފެއްދި މަސައްކަތްތެރީން ތަމްރީނުކުރާ މަރުކަޒުތަކުގެ ސަބަބުން ޔަހޫދީ މަސައްކަތްތެރީންގެ ހުނަރުވެރިކަން އިތުރުވެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރަމުން ދިޔައެވެ. ތަރައްޤީގެ މަގުގައި ޔިޝޫވް ހަލުވި ފިޔަވަޅުތަކެއް އަޅަމުން އައި އިރު، ރަޝިޔާއާއި، އިރުމަތީ ޔޫރަޕާއި ހުޅަނގު އަދި މެދުތެރޭ ޔޫރަޕާއި، ޔަމަން ފަދަ ޢަރަބި ޤައުމުތަކުން ޔަހޫދީންގެ އާ ޖަމާޢަތްތައް ފަލަސްޠީނަށް ހިޖުރަ ކުރުމުގެ އޮއިވަރުވެސް އައީ ހުއްޓުމެއް ނެތި ދެމެމުންނެވެ. 
 
ޔަހޫދީން ފަލަސްޠީނަށް އައިސް އެތާގައި ވަޒަންވެރިވަމުން ދިޔަ ދިޔުމާ މެދުގައި ވިސްނައި އޭގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ހުއްޓުވުމަށް ޢުޘްމާނީ ޚަލީފާއިން ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭގެ ނަތީޖާއަކީ އަހަރުތަކަކަށްފަހު ޔަހޫދީންނާ ދެކޮޅަށް ފަލަސްޠީނީ ޢަރަބީންގެ ޢާއްމުން ތެދުވުމެވެ. 1908 ވަނަ އަހަރުން ފެށިގެން ޒައިނިޒަމާ ދެކޮޅަށް ފަލަސްޠީނީން ދެކޮޅުވެރިކަމުގެ ޙަރަކާތްތައް ހިންގަން ފެށިއެވެ. މި ދުވަސްވަރު އާއްމު ރައްޔިތުންގެ ފަރާތުން ޔަހޫދީ ޒައިނިސްޓުންނާ ދެކޮޅަށް ހިންގުނު ހަރަކާތްތަކުގެ ތެރޭގައި އިސްވެ ތިބީ ޢަރަބި ކްރިސްޓިއަނުންނެވެ. އެގޮތުން ޒައިނިސްޓުންނާ ދެކޮޅު ޝިޢާރުތައް ފާޅުކޮށް އެބައިމީހުންގެ މަކަރުވެރިރޭވުންތަކުގެ ވާހަކަތައް އެންމެ ފުޅާ ދާއިރާއެއްގައި އެންމެ ހޫނުކޮށް ޝާއިޢުކުރަމުން ގެންދިޔައީ ޢަރަބި ކްރިސްޓިއަނުން ނެރުނު ދެ ނޫސް ކަމުގައިވާ "އަލްކަރްމިލް" އާއި "ފަލަސްޠީން" ގައެވެ.

ފަލަސްޠީނީ ޢަރަބީންނާއި ޔަހޫދީންގެ ކުރިމަތިލުން ކުންނާ ހިސާބަށް ދިޔައީ 1911 ވަނަ އަހަރުއެވެ. މި އަހަރު ފަލަސްޠީނީ ޢަރަބީންގެ ވަފުދެއް ފަލަސްޠީނުގައި ހުންނެވި ޢުޘްމާނީ ގަވަރުނަރު ޢަޒްމީ ބޭ އާ ބައްދަލު ކުރިއެވެ. އަދި ޔަހޫދީން ޢަރަބި ބިންވެރީންނާއި ޢުޘްމާނީ ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ބިންތައް ގަތުމަށްފަހު އެ ބިންތަކުގައި އުޅޭ އެތައް ސަތޭކަ ފަލަސްޠީނީ ޢަރަބި ދަނޑުވެރިން އެ ބިންތަކުން ބޭރުކޮށް، ހާލުގައި ޖައްސަމުން ގެންދާކަމުގެ ޝަކުވާ ހުށަހެޅިއެވެ. ޖަވާބުގައި ޢަޒްމީ ބޭ ވިދާޅުވީ ޢުޘްމާނީ ދައުލަތަކީ ބޭރުން އަރާ ބިދޭސީންނަށް ދުއްތުރާކޮށް ފުރައްސާރަ ކުރާ ދައުލަތަކަށް ނުވާތީ، ފަލަސްޠީނުގައި އަލަށް ވަޒަންވެރިވާ ޔަހޫދީންނާ މެދުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅޭކަށް ނޯންނާނެ ކަމުގައެވެ. އަދި އެއްވެސް ބަޔަކު ޢުޘްމާނީ ދައުލަތުގެ ސަރަޙައްދުގެ މައްޗަށް ބާރުފޯރުވައި އަތްގަދަކުރުމުގެ ފުރުސަތެއް އެއްވެސް އިރަކު ނުދެވޭނެ ކަމުގައެވެ. އުފެދި ބޮޑުވަމުން ދިޔަ މައްސަލައާ މެދުގައި ދެންވެސް ޢުޘްމާނީން ހަރުދަނާ ފިޔަވަޅެއް ނާޅައެވެ. އަނެއްކޮޅުން ޢަރަބި ޤައުމިއްޔަތުގެ ރޫޙު ދިޔައީ ޢަރަބި އެހެން ސަރަޙައްދުތަކެކޭ އެއްފަދައިން ފަލަސްޠީނުގެ އަހުލުވެރީންގެ ހިތްތަކުގައިވެސް މަޑުމަޑުން އުފެދެމުންނެވެ. ތުރުކީންގެ ޝައުޤުވެރިކަން އޮތީ ހަމައެކަނި ތުރުކީ ނަސްލުގެ މަސްލަހަތަށްކަމަށާއި، ޢަރަބީންނަށް މުސްތަގުބަލެއް އޮތީ ތުރުކީ ވެރިކަމުގެ ދަށުން މިންޖުވެ މިނިވަން ވެގެން ކަމުގެ ވިސްނުން ދިޔައީ މަޑުމަޑުން ކުރިލައި ހެދެމުންނެވެ. 

ފަލަސްޠީނުގެ އެތެރޭގެ ޙާލަތު މި ކަހަލަ ގޮތަކަށް އޮތް އިރު، ޔޫރަޕްގެ ސިޔާސީ މައިދާނުގައި ޒައިނިސްޓުންގެ ޙަރަކާތްތައް ދިޔައީ ހުއްޓުމެއްނެތި ކުރިޔަށެވެ. 1914 ވަނަ އަހަރު ދުނިޔޭގެ ބޮޑު ހަނގުރާމަ ފެށުމަކީ ޒައިނިސްޓުންގެ މަގު ވަރަށް ބޮޑަށް ހުޅުވިގެން ދާން މެދުވެރިވި ސަބަބެކެވެ. މި ހަނގުރާމައިގައި ތުރުކީން ބަލިވެ، ފަލަސްޠީނުގެ ކޮންޓްރޯލް އިނގިރޭސީންގެ އަތްދަށަށް ދިޔުމާ ގުޅިގެން ޢުޘްމާނީންގެ ހުރަސް މުޅީން ނެތިގެން ދިޔައެވެ. އިނގިރޭސި ސިފައިން މުޅި ފަލަސްޠީނު އެބައިމީހުންގެ ބާރުގެ ދަށަށް ގެނައީ 1917 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެ މާކުރީން ކުރީން ޒައިނިސްޓުންނާއި އިނގިރޭސީންގެ ދެމެދުގައި ޔަހޫދީ ދައުލަތް އުފެއްދުމުގެ މަޝްވަރާތައް އޮތީ ކުރެވި ނިމިފައެވެ. މި މަޝްވަރާތައް ކުރެވި ނިންމުންތައް ނިމިފައި އޮތީ އިނގިރޭސީންގެ އިތުރުން ފަރަންސޭސީންނާއި އެމެރިކާ ފަދަ ހުޅަނގުގެ ކްރިސްޓިއަން ބާރުތަކުގެ ފުރިހަމަ ބައިވެރިވުމާ އެކުގައި ކަމުގައި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިހެން މި ދަންނަވަނީ އިނގިރޭސީންނާއި ފަރަންސޭސީންނާއި ދެމެދުގައި ސޮއިކުރެވިފައި އޮތް ސައިކްސް-ޕިކޮޓް އެއްބަސްވުމާއި، ޒައިނިސްޓުންނަށް މި ޤައުމުތަކުން ވެދެމުން ގެންދިޔަ އެހީތެރިކަމާއި އަދިވެސް ޙާލާތީ ބައެއް ހެކިތައް ދިރާސާކުރުމަށް ފަހުގައެވެ. މި ނުކުތާ މިއަށްވުރެ ތަފްސީލުކޮށް ގެނެސްދިނުމުގެ ބަދަލުގައި މި ހިސާބުން މި ކުރުކޮށްލަނީ އެކަމަށް އެކަށީގެންވާ ޖާގަ މި މަޤާމުގައި އަޅުގަނޑަށް ލިބިފައި ނެތީމައެވެ. 

2 ނޮވެމްބަރު 1917 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު އާރތަރ ބެލްފޯރ ޒައިނިސްޓުންގެ އެންމެ މުހިއްމު އެއް ލީޑަރ، އަދި ރޮތްޝިލްޑް ޢާއިލާގެ އިސް ބޭފުޅެއް ކަމުގައިވާ ލައިނަލް ވޯލްޓަރ ރޮތްޝިލްޑަށް ވަރަށް ތާރީޚީ ސިޓީފުޅެއް ލިޔުއްވިއެވެ. އެ ސިޓީފުޅުގައި ބަޔާން ކުރައްވާފައި ވަނީ ފަލަސްޠީނުުގައި ޔަހޫދީ ދައުލަތެއް ޤާއިމު ކުރުމުގެ މަސައްކަތަށް އިނގިރޭސި ރަސްގެފާނުގެ ސަރުކާރުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމުގައެވެ. ބެލްފޯރ ޑެކްލަރޭޝަންގެ ނަމުން މަޝްހޫރު ވެފައިވާ އިޤުރާރަކީ މިއީއެވެ. މި އިޤުރާރު ނުވަތަ ޑެކްލަރޭޝަންގެ 2 އަހަރު ފަހުން 1919 ވަނަ އަހަރު ފަރަންސޭސި ވިލާތުގައި ބޭއްވުނު ޕެރިސް ކޮންފަރެންސްގައި ބެލްފޯރ ވިދާޅުވެފައި ވެއެވެ. "މި މައްސަލައާ ގުޅޭގޮތުން ފަލަސްޠީނުގެ ވަޒަންވެރީންނާ އެއްވެސް ވަރަކަށް ވާހަކަ ދައްކައި މަޝްވަރާ ހޯދާކަށް އަހަރެމެން އެއްގޮތަކަށްވެސް ގަސްތެއް ނުކުރަމެވެ. ދުނިޔޭގައި މިހާރު އޮތް މުހިއްމު ހަތަރު ބާރު އޮތީ ޒައިނިޒަމާ އެއްކޮޅަށެވެ. ހަމަ އެހެންމެ ޒައިނިޒަމަކީ ރަނގަޅު ފިކުރެއްތޯ ނުވަތަ ނޫންތޯ ބަލާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. އަހަރެމެންނަށް އެނގޭ ކަމަކީ އެއީ ޤަދީމީ ޘަޤާފަތެއްގެ މަތީގައި ބިނާކުރެވިފައިވާ ވިސްނުމެއް ކަމެވެ. ފަލަސްޠީނުގައި އުޅެމުން ގެންދާ 7 ލައްކަ ޢަރަބީންގެ އެދުންތަކާ ތަޢައްޞުބަށްވުރެ މާ މުހިއްމު ބޭނުންތަކަކާއި ހުވަފެންތަކަކަށްޓަކައި އުފެދިފައިވާ ފިކުރެއް ކަމެވެ."

ކޮންމެއަކަސް، 1917 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށަށް ފަލަސްޠީނު ދިޔުމަށްފަހު ޔަހޫދީ ދައުލަތް އުފެއްދުމުގެ ހުރިހާ ކަމެއް ބަލަހައްޓަން ފެށީ އިނގިރޭސީންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އުފެދުނު ލީގް އޮފް ނޭޝަންސްގެ ފަރާތުން ފަލަސްޠީނާއި އުރުދުން ނުވަތަ ޖޯރޑަން ޢިރާޤުގެ ބަޔަކާއި ޢަރަބިކަރައިގެ ތަންކޮޅެއް އިނގިރޭސީންގެ މޭންޑޭޓްގެ ގޮތުގައި ހަމަޖައްސައި އެމީހުންނާ ޙަވާލު ކުރިއެވެ. މި މޭންޑޭޓްގެ މަޤުޞަދެއް ކަމުގައި ރަސްމީގޮތުން ބުނެވިފައިވަނީ ޢުޘްމާނީންގެ ވެރިކަމުގެ ދަށުގައި ކުރީން އޮތް ޤައުމުތައް ޢުޘްމާނީންނަށް ފަހުގައި އަމިއްލަ ވެރިކަމެއް ކުރުމަށް ތަސައްރަފު ފުދެންދެން އެ ޤައުމުތަކުގެ ކަންތައް ބެލެހެއްޓުމެވެ. ނަމަވެސް ޙަޤީޤަތުގައި ލީގް އޮފް ނޭޝަންސްގެ މޭންޑޭޓްގެ ބޭނުމަކީ ޢަރަބި އިސްލާމީ ޤައުމުތަކުގައި ހުޅަނގުގެ ފިކުރާއި ޘަޤާފަތުގެ އޮށް އިންދުމެވެ. ޚާއްސަ ގޮތެއްގައި ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އުފެއްދުމެވެ. އެހެން ކަމުން 1920 ވަނަ އަހަރު ފަލަސްޠީނުގެ މޭންޑޭޓް އިނގިރޭސި ވިލާތަށް ލިބުމާއެކު އެ މަސައްކަތް ވަރަށް މަކަރުވެރި ރޭވުންތަކެއްގެ ދަށުން ކުރަން ފެށިއެވެ. މި މަސައްކަތްތަކާބެހޭ ތަފްސީލުތައް އިރާދަކުރެއްވިއްޔާ އަންނަ ބާބުގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ. 

މި ބާބު ފެށުނު އިރު އަޅުގަނޑު ހުށަހަޅާލި ދެ ސުވާލުގެ ތެރެއިން އެއް ސުވާލަށް އިސްވެދިޔަ ސަފުހާތަކުގައި ސީދާ ގޮތެއްގައި ޖަވާބު ދެވިފައިވާ ކަމަށް އަޅުގަނޑު ދެކެމެވެ. އެ ސުވާލަކީ ޒައިނިޒަމަކީ ކޮބައިތޯ މި ސުވާލެވެ. ދެން އޮތީ އަޅުގަނޑުގެ ދެވަނަ ސުވާލެވެ. އެއީ ޒަމާނުއްސުރެ ޔަހޫދީންނާ މެދުގައި ދީނީ ތަޢައްޞުބާއި ނަސްލީ އިމްތިޔާޒުގެ ލޮލަކުން ބަލަމުން އަންނަ ކްރިސްޓިއަން ހުޅަނގުގެ ޤައުމުތަކުން ފަލަސްޠީނުގައި އެމީހުންނަށް ދައުލަތެއް އުފައްދައިދިނުންފަދަ ބޮޑު ހެޔޮކަމެއް ކޮށްދިނީ ކީއްވެތޯ މިސުވާލެވެ. މި މަޒުމޫނުގައި ވަރަށް ޚުލާސާގޮތެއްގައި ހުށަހަޅާލެވިފައިވާ ބަޔާންތަކުގެ އަލީގައި ތާރީޚުގެ ތެރެއަށް ވެދެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ހުޅަނގުގެ ބާރުތަކުގެ މަޤުޞަދުތަކަކީ ކޮބައިކަން ވިސްނިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. މިތާގައި މި ދަންނަވާލަނީ އެ މަޤުޞަދުތަކުގެ ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ޔޫރަޕްގައި އުފެދެމުންދިޔަ އެންޓި ސެމިޓިޒަމްގެ އޮއިވަރުގެ ސަބަބުން ޔޫރަޕްގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙުގައި އުފެދިދާނެ ބޮޑެތި ހަމަނުޖެހުންތަކަކުން ސަލާމަތްވުމެވެ. ދެވަނަ މަޤުޞަދަކީ ޔޫރަޕްގެ ކްރިސްޓިއަނުންގެ ނަޒަރުގައި ބިދޭސީންތަކެއް ކަމުގައިވާ ޔަހޫދީން ޔޫރަޕުން ބޭރުވެގެން ދާނޭ ދޮރޯށްޓެއް ހުޅުވުމެވެ. ބާޒާރުމަތީ ބަހުރުވައިން ދަންނަވާނަމަ ޔަހޫދީންގެ މުޞީބާތުން މިންޖުވާނޭ މަގެއް ކޮށުމެވެ. ތިންވަނަ އަދި އެންމެ މުހިއްމު މަޤުޞަދަކީ އިސްލާމީ އުއްމަތުގެ ހިތުގެ ތެރޭގައި ހުޅަނގުގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ވަހުދަތާއި މިނިވަންކަމާއި ސިޔާދަތަށް ވިހަލަމުން ގެންދާނޭ ދުޝްމަނަކު ބެހެއްޓުމެވެ. މި ގޮތުން ބަލާ އިރު ކްރިސްޓިއަން ހުޅަނގާއި އިޒްރޭލުގެ ޔަހޫދީ ދައުލަތާ ދެމެދުގައި އޮންނަ ގުޅުމަކީ އެކުވެރިކަމާއި ރަހުމަތްތެރިކަމާއި ލޯބީގެ ގުޅުމެއް ނޫނެވެ. އަދި ކީއްތޯއެވެ! އެއީ މަގޭ ދުޝްމަންގެ ދުޝްމަނަކީ މަގޭ އެކުވެރިއެއް ކަމުގެ ނުކިއްސަރު ފަލްސަފާގެ ދަށުން އުފެދިފައި އޮތް މަކުރޫހަ ގުޅުމެކެވެ. އެ ގުޅުމުގެ ފޮރުވިފައިވާ އެކަމަކުވެސް ދުވާލުގެ އިރު ފަދައިން ފެންނަން އޮތް މަޤުޞަދަކީ އިސްލާމީ އުއްމަތް ތާއަބަދަށް ކުޑަކަކޫ މައްޗަށް ތިރިކޮށްފައި ބޭއްވުމެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ