Print

ކާމިޔާބު ހޯދަން ބޭނުންނަމަ....

ޝާޢިއުކުރީ އާދަމް ޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ/ށ. ފުނަދޫ

އޮފީހަކުން އިޝްތިހާރެއް ކޮށްފައި ހުއްޓާ ފެނުނެވެ. " ސްމާޓް" ސެކްރެޓަރީއަކު ބޭނުން ވެއްޖެއެވެ. އެކަމަކު އޭނާއަކީ ސްމާޓްވެގެންގޮސް ހައްދު ފަހަނަ އަޅާފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

މީހެއްގެ މުވައްޒަފެއްގެގޮތުގައި މަސައްކަތްކުރާއިރު މަސައްކަތްކުރުވާ މީހާ އަބަދުވެސް އެދޭނީ އޭނާގެ ދަށުން މަސައްކަތްކުރާމީހުންނަކީ ތޫނުފިލި އަދި ކަންކަން ދަންނަ މީހުންނަށް ވުމަށެވެ. އަހަރެމެންނަކީ ކަންކަމަށްފަރިތަ ބަޔަކަށް ވީނަމަވެސް ކަންތައްތަކުން ނެރެ ދައްކަންވީ ވަރަށްވުރެ މަތީ ދަރަޖައަކަށްދާން މަސައްކަތް ކޮށްފިނަމަ އެއީ ގޯހެކެވެ. 40 ވޯޓުގެ ބޮތްކަކުން 60 ވޯޓުގެ އަލި ނެރެން މަސައްކަތްކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބޮކިއަނދާނީއެވެ.
 
ވެރިޔާ އަބަދުވެސް ބޭނުންވާނީ " ވަރަށްރަނގަޅު – މައްސަލައެއްނެތް" މިފަދަ ބަސްތަކެކެވެ. އަހަރެމެންބޭނުންވާނީ ހަމަ އެއަޑުތައް އިވުމަށެވެ. އަހަރެމެންނަކީ ވެރިންކަމުގައިވިޔަސް ބެނުންވާނީ އަހަރެންގެ ދަށުން މަސައްކަތްކުރާ މީހުންނަކީ އެކަމުގައި ވަފާތެރި، ކަމަށް ކަމޭހިތާ ބަޔަކަށް ހެދުމަށެވެ. އެކަމަކު އެކަމުގައި ހައްދުފަހަނަ އަޅާފައިވާ ބަޔަކަށް ހެދުމަކަށް ނޫނެވެ. ގިނަ އޮފީސްތަކުގައި މިފަދަ ހައްދު ފަހަނަ އަޅާފައިވާ މީހުންނަށް މަތީ ހަރުފަތްތަކަށް އެރުން އެއީ ވަރަށް ދަތި ކަމަކަށް ވެއެވެ. ސަބަބަކީ ވެރިޔާއާއި ދެބަސްވާން ޖެހޭގޮތް ދިމާވުމެވެ. މި ކަމުގައި މައްސަލަތަކެއް ވާތީ އެވެ.

ކުރިއެރުން ބޭނުންނަމަ ސަލާމަތުން ވިސްނައިގެން ކުރިއަށް ދާށެވެ. ކާރެއްގައި ދަތުރުކުރާފަދައިން ނެވެ. ކުރިމަތިން ފެންނަ ނުރައްކާތަކާއިމެދު ވިސްނާށެވެ. އަދި ނުރައްކަލެއްދިމާވެދާނެ ފަދަ ކަންތައް ތަކާއިމެދުވެސް ޚިޔާލު ކުރާށެވެ. ކުރިމަތިން ފެންނަ ރަނގަޅު ކަންތަކާއި ރަނގަޅުމީހުން ފާހަގަ ކުރާށެވެ. ނުބެހޭ ކަންތައްތަކާއި ނުބެހި އެކަންތައްތައް އަޅާނުލައި ދޫކޮށްލާށެވެ. ކުރަން ޖެހޭ އަދި ކުރަން ބުނާ ކަންތައްތައް ކުރާށެވެ. އޭރުން ތިމާ އެދޭފަދަ ކުރިއެރުން ތިމާއަށް ލިބި އެހެން މީހުންގެ ތާޢީދާއި ރުހުން ލިބޭ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި ހިމެނިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.

ރަށެއްގެ ކަނބުރުވެރިއަކު އޭނާގެ ދަށުން މަސައްކަތްކުރާން މީހަކު ގެނައެވެ. އަދިއޭނާއަށް އިރުޝާދު ދިނެވެ. " އަހަރެން ކިޔައިދޭތަކެތި ރަނގަޅަށް އަޑުއަހާށެވެ. އޭރުން ހަމަޔަޤީނުންވެސް މިމަސައްކަތް ތިބާއަށް ދަސްވާނެއެވެ. މި ދަގަނޑުގަނޑު އަލިފާނުން ނެގުމަށްފަހު ކިރުނުގައި ބާއްވާފައި އަހަރެން ބޯހަލުވާލުމުން ބޮޑުމަރުތޭލުން ދަގަނޑުގަނޑުމަތީގައި ޖަހާށެވެ. " ވެރިޔާގެ އިރުޝާދާއި އެއްގޮތަށް އޭނާ ކަންތައް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އޭނާއަކީ މޮޅުކަނބުރުވެރިއެކެވެ. އާދެ! އެރަށުގެ ބޮޑު ކަނބުރުވެރި ކަލޭގެ އެވެ.
      
ތެދުވެރިކަމާއި އެކު ތިމާގެ މަސައްކަތުގައި ސާބިތުވެ ހުރެއްޖެނަމަ މަސައްކަތުގެ ފެންވަރާއި، ހުނަރުވެރިކަން އެހެން މީހުންނަށް އެނގޭނެއެވެ. ރަނގަޅަށް މަސައްކަތްކޮށްފިނަމަ އަހަރެމެން އެންމެންނަކީވެސް މިފަދަ ކާމިޔާބު ބަޔަކަށް ވެދާނެ އެވެ. ތެދުވެރިކަމާއިއެކު ރަނގަޅަށް މަސައްކަތް ކުރަމާ ހިނގާށެވެ. ހިއްމަތްތެރިއެއްކަމުގައި ވަމާ ހިނގާށެވެ. އޭރުން އުޖާލާކުރިމަގެއް އޮންނާނީ ދިމާއަށް ފެންނާށެވެ. ކާމިޔާބީ އޮންނާނީ އަތްފޯރާފަށުގައެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ