އަދުގެ ޚާއްސަ

Print

ލިޔުންތެރިންގެ ޒިންމާއަކީ....

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ލިޔުންތެރިންނަކީ އެމީހުންގެ ބޮލުގައި ބޮޑެތި ޒިންމާތަކެއް އެޅިފައިވާ ބައެކެވެ. ލިޔުމެއް ނުވަތަ މަޒްމޫނެއް ލިޔާއިރު ވިސްނަންޖެހޭ ވަރަށް ގިނަކަންތައްތައް ހުންނަކަމަށް މުދައްރިސުން ބުނާތީ އަޑުއަހަމެވެ. ފޮތްތަކުން ވެސް ކިޔަމެވެ. ނަމަވެސް އަދިވެސް އެކަންތައްތަކީ ކޮބައިކަމެއް ނޭގެއެވެ. އެކަން ނޭގިފައި އެއޮތީ ކިޔެވި ފޮތްތަކުގައި ލިޔެފައި ނެތީމާ ކަމަށްވެސް ވެދާނެއެވެ. އެހެން ކަމަށްވާނަމަ އެ ފޮތްތައް އެވަނީ އިޞްލާހުކުރަން ޖެހިފައެވެ.

މީގެ އަހަރުތަކެއް ކުރިން، އެއް އަހަރެއްގެ ފަހުޓާމު އިމްތިހާނު ކައިރިވެގެންއައި ދުވަސްވަރު، އިސްލާމު މާއްދާއިން ދަރިފުޅަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން ފިލާވަޅުތައް އޮޅުންފިލާފައި ހުރިވަރު ވަޒަން ކޮށްލުމަށްޓަކައި ސުވާލުކޮށްލީމެވެ. އެގޮތަށް ސުވާލުކުރުމުގެތެރޭގައި، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލުތައް ހުރިގޮތުން މާތްﷲ ފޮނުއްވީ ކޮންކަހަލަ ކޯފާއެއްތޯ އަހާލުމުން ދޭނެ ޖަވާބެއްނޭނގިފައި ދަރިފުޅު ހުންނަން ޖެހިއްޖެއެވެ. ދަރިފުޅުގެ ޓެކްސްޓްފޮތް ރަނގަޅަށް ކިޔާލީމައި މިވާގޮތެއް ކުޑަކޮށް އޮޅުންފިލައިފިއެވެ. ފިލާވަޅުގައި ބުނެދީފައި މި އޮންނަނީ ލޫޠުގެފާނުގެ ޤައުމުގެމީހުން މާތްﷲ އަށް އުރެދި، ފާހިޝްއަމަލުތައް ކުޅައުން އާއްމުވުމުން އެކަލާންގެ ކޯފާ އެމީހުންގެމައްޗަށް ފޮނުއްވިކަމަށެވެ. ފޮނުއްވީ ކޮންކަހަލަ ކޯފާއެއްކަމެއް ބުނެދީފައެއް ނެތެވެ. އެހެންކަމުން އެފިލާވަޅު ކިތަންމެރަގަޅަށް ދަސްކޮށްފައި އޮތަސް އަޅުގަނޑު ކުރިސުވާލުގެ ޖަވާބު ނޭނގިދާނެއެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ވަރަށް އިސްބެފުޅެއްގެ ސަމާލުކަމަށް މިކަން އަޅަނޑު ގެނައީމެވެ. އިޞްލާހީ ފިޔަވަޅުވެސް އެޅިހެން ހީވެއެވެ.

ހަމަ މިދެންނެވި ކަހަލަ ބައެއްކަންކަން ހުކުރު ޚުތުބާތަކުންވެސް އަޅުގަނޑަށް ފާހަގަވެއެވެ. ނަމާދުގެ މުހިންމުކަމާއި، އިސްލާމްދީނުގައި ނަމާދަށް ދެވިފަިވާ މަޤާމުގެ ވާހަކަ ވަރަށްގިނަ ޚުތުބާތަކުން އަޑުއިވެއެވެ. އަދި ނަމާދު އެޅުމުގެ ނުބައިކަމުގެ ވާހަކަ އަންނައިރުވެސް ނަމާދު އަޅައިފި މީހާ ދީން މުގުރާލައިފި ކަމަށް ބުނެވޭތީވެސް އަޑުއިވެއެވެ. އަޅުގަނޑަށް ހީވާގޮތުން ނަމާދާ ގުޅޭ ޚުތުބާގައި އެކުލެވޭ ބައިތައް ތަންކޮޅެއް ބޮޑަށް ތަފްޞީލް ކޮށްލަން ވެއްޖެއެވެ. ނަމާދަށް ފަރުވާކުޑަކޮށް ނުވަތަ ނަމާދު އަޅައިފި މީހަކަށް ކައްވަޅުގައި ލިބޭ އެކި ކަހަލަ އަޒާބުތަކާއި ޤިޔާމަތްދުވަހު އެފަދަ މީހުންނަށް ހުރި އެކި ކަހަލަ ވޭންދެނިވި އަޒާބުގެވާހަކަ ތަފްޞީލުކޮށްދޭން އެބަޖެހެއެވެ. މާތް ނަބިއްޔާގެ ހަދީޘުންވެސް މިކަހަލަ ބައެއް ކަންކަން ސާބިތުވާން ހުރިކަމަށް ވެއެވެ. އަޅުގަނޑު ދެކޭގޮތުގައި ހިތަށް ބިރުވެރިކަން ވައްދަންޖެހޭ ބައެއްފަހަރުވެސް އަންނާނެއެެވެ.

ޒަކާތުގެވާހަކައިން ޚުތުބާ ނުވަތަ ދަރުސްތައް ދޭއިރުވެސް މިހާރު ހިފެހެއްޓިފައި ހުރި މިންގަޑުން އެއްފިޔަވަޅު ކުރިޔަށްޖެހިލަން ވެއްޖެއެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ޒަކާތޭ ބުނުމުން ގިނަމީހުންގެ ހިތަށް ފުރަތަމަވެސް އަރާނީ ރޯދަމަހު އަވަށު އޮފީހަށް ނުވަތަ އިސްލާމީ މަރުކަޒަށް ޒަކާތުގެ ގޮތުގައި މިދައްކާފައިސާކޮޅެވެ. އާދެ ފިޠުރު ޒަކާތެވެ. ނަމަވެސް އަޅުގަނޑަށް އެގިފައިވާގޮތުގައި އިސްލާމްދީނުގެ ރުކުނެއްގެ ގޮތުގައި އެކި ފޮތްފޮތުގައި ބުނެވިފައި މިއޮންނަ ޒަކާތަކީ މުދަލު ޒަކާތެވެ.
މުދަލުޒަކާތާބެހޭގޮތުން ވަރަށްފަހުން އިވުނު ހުކުރު ޚުތުބާއެއްގައި، ޒަކާތުގެ މުހިންމު ކަމުގެ ވާހަކައާއި އިސްލާމީ މުޖްތަމަޢްއަށް ޒަކާތުން ލިއްބައިދޭ ފައިދާތަކުގެ މައްޗަށް އަލި އަޅުވާލައި ނިޞާބު ހަމަވާވަރަށް މުދާހުރެއްޖެ ކޮންމެ މީހަކު ޒަކާތް ދެއްކުމަށް ވަރަށްބޮޑަށް ބާރު އެޅުއްވިއެވެ. ނަމަވެސް ޚުތުބާ ނިމުނު އިރުވެސް ނިޞާބަކީ ކިހާވަރެއްކަންވެސް އޮޅުމެއް ނުފިލިއެވެ. ފަހަރެއްގައި ހުކުރު ޚުތުބާތަކުގައި އެކަަލަ ކަންތައްތަކުގެ އެންމެ ފުނަށް ނުދެވިވެސް ހިނގައިދާނެއެވެ. އަޅުގަނޑުމެން ގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ޒަކާތާބެހޭގޮތުން އެނގެންޖެހޭ ވަރަށްގިނަ ކަންކަން ނޭގޭކަން އެކިރައްޓެހިންގެ ވާހަކައިންވެސް ދޭހަވެއެވެ. އަދި ޒަކާތާގުޅުންހުރި ޒަމާނީ މައްސަލަތައްވެސް އޮޅުންފިލުން ވަރަށް މުހިންމެވެ.

ޒަކާތާ ގުޅޭ އެންމެ ޢާއްމު މައުލޫމާތުތަކުގެ ތެރޭގައި، ޒަކާތް ވާޖިބުވަނީ ކޮންބަޔަކަށް ކަމާއި، ކިހާމިންވަރެއްގެ މުދަލަކުން ކަމާއި، ކޮންކަހަލަ މުދަލަކުންކަން އަދި، ވިޔަފާރިތަކުން ޒަކާތް ދެއްކުމުގައި ބަލާނީ ވިޔަފާރީގެ ކޮން މިންގަނޑަކަށް ކަން ( ނެޓް ޕްރޮފިޓުންތޯ ނުވަތަ ނެޓް އެސެޓް އިންތޯ) އެގުން ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ މިޒަމާނަކީ ވަކި ވަކި ފަރުދުން އެކުވެ ކުންފުނިތައް އުފައްދައި ވިޔަފާރިކުރާ ޒަމާނެއްކަމުން އެފަދަ ވިޔަފާރީގައި ޙިއްސާވާމީހުން އެޙިއްސާ އިން ޒަކާތް ނެރުމުގެ ޙުކުމްވެސް އެނގުން ވަރަށް މުހިންމެވެ. ހަމަ އެގޮތަށް މިޒަމާނަކީ ފައިސާ ރައްކާކުރުމުގައިވެސް ތަފާތު ގޮތެއް ބޭނުންކުރާ ޒަމާނެކެވެ. މަދުމީހަކު ފިޔަވައި، އެންމެންވެސް ފައިސާ ޖަމާކޮށް ރައްކާކުރަނީ އެމީހެއްގެ ބޭންކު އެކައުންޓުގައެވެ. އެކައުންޓަށް ފައިސާޖަމާކޮށް، އެކިބޭނުންތަކުގައި ނަގައި ރޯލްކުރެވެމުންދާއިރު އޭގެތެރެއިން ފުރިހަމަ 1 އަހަރުވީ ކޮންފައިސާއަކަށް ކަން އޮންނާނީ ނުބެލިފައެވެ. ނުވަތަ ބަލަން އުނދަގޫވެފައެވެ. މިފަދަހާލަތްތަކުގައި ޒަކާތްދެއްކުމުގައި ޢަމަލުކުރަންވާގޮތް އޮންނާނެއެވެ.
އަދި މިނޫނަސް އަޅުގަނޑުމެންގެ ދީނީ ކަންކަމުގައި އިރުޝާދުދީ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ބައިތައް ވަރަށްގިނައެވެ. އޭގެ އެންމެބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެންތިބި ބަޔަކީ ލިޔުންތެރިންނެވެ. ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުން ދާތީވެސް އެބަފެނެއެވެ. އިރާދަކުރެއްވިއްޔާ ނަތީޖާ ރަގަޅުވާނެއެވެ.

(ނިމުނީ) 


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ