އަދުގެ ޚާއްސަ

Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (10)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ

 
އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

ޔަހޫދީ ދައުލަތް އިޢުލާންކުރުމާއި އޭގެ ނަތީޖާތައް (ށ)

22 ޑިސެމްބަރ 2009 (އަންގާރަ ) އާ ގުޅޭ....

ޢެރެބް ލިބަރޭޝަން އާރމީ ނުވަތަ އޭއެލްއޭ އަކީ 1947 ވަނަ އަހަރުގެ ފަހުކޮޅު ސީރިޔާގައި އުފެދުނު ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ހަނގުރާމަވެރީންގެ ތެރޭގައި ގިނައިން ތިބީ އިނގިރޭސީންނާއެކު ނާޒީ ޖަރުމަނާ ދެކޮޅަށް ހަނގުރާމަކުރި ޢަރަބި ފައުޖުގައި އުޅެފައިވާ މީހުންނެވެ. އޭގެ ތެރޭގައި މުޅީން ކަހަލަ ގޮތަކަށް ތިބީ ސީރިޔާއާއި ލުބްނާނާއި ޢިރާޤުގެ މީހުންނެވެ. 1948 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި ޖަމާޢަތުގެ ހަނގުރާމަވެރީން ފަލަސްޠީނަށް ވަންނަން ފެށިއެވެ. އެ އަހަރުގެ މާރޗު މަސް ފެށުނު އިރު އެބައިމީހުންގެ ހަތަރު ހާހަށް ވުރެ ގިނަ މެމްބަރުން ވަނީ ފަލަސްޠީނަށް ވަދެފައެވެ.
ނަމަވެސް މިގޮތުން އެތެރެވި މީހުންނާ މެދުގައި ފަލަސްޠީނީ ޢަރަބީން ބަލަމުން ގެންދިޔައީ ޝައްކުގެ ލޯތަކަކުންނެވެ. ފަލަސްޠީނީންނަށް ޤަބޫލުކުރެވިފައި އޮތް ގޮތުން އޭއެލްއޭގެ ހަނގުރާމަވެރީންނަކީ ސީރިޔާއާއި ޢިރާޤާއި ލުބްނާން ފަދަ ޢަރަބި ޤައުމުތަކުގެ ލީޑަރުންގެ ފޮރުވިފައިވާ އަމިއްލަ އެދުންތަކެއް ފުއްދުމަށްޓަކައި ހަރަކާތްތެރިވަމުން ދިޔަ ބައެކެވެ. އެހެންކަމުން ފަލަސްޠީނީންގެ ވަރަށް މަދު މީހަކު މެނުވީ އޭއެލްއޭގެ ހަނގުރާމަވެރީންނާ ބައިވެރިއެއް ނުވެއެވެ.

ފަލަސްޠީނުގެ ރައްޔިތުން އެރެބް ލިބަރޭޝަން އާރމީއާ މެދުގައި ޝައްކުގެ ނަޒަރަކުން ބަލަމުން ގެންދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. މިޞުރާއި ޓްރާންސްޖޯރޑަނާއި ޢިރާޤާއި ސީރިޔާފަދަ ޢަރަބި ޤައުމުތަކުގެ ވެރީންގެ ބަސްތަކާއި ޢަމަލުތައް ހުރިގޮތުން އެބައިމީހުންގެ ހިތްތަކުގައި އަމިއްލަ އެދުން ފިޔަވައި އެހެން އެއްޗެއް ނެތްކަން އޮތީ ސާބިތުވެފައެވެ. މި ފުރުސަތުގައި އަޅުގަނޑު މި ދަންނަވާލަނީ ހަމަ އެންމެ މިސާލެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިޔަ އިރު ފަލަސްޠީނުގެ އިރުމައްޗަށް އޮތް ޓްރާންސްޖޯރޑަންގެ ތަޚުތުގައި އިންނެވީ މައްކާގެ ޝަރީފް ޙުސައިން ބިން ޢަލީގެ ތިން ދަރިކަލުންގެ ތެރެއިން އެއް ބޭފުޅެއް ކަމުގައިވާ އަމީރު ޢަބްދުﷲ ބިން ޙުސައިނެވެ. ޓްރާންސްޖޯރޑަންގެ ތަޚުތަކީ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް އިނގިރޭސީންނަށް އެހީތެރިވެވަޑައިގަތުމުގެ އަޖުރެއްގެ ގޮތުގައި އިނގިރޭސީން އޭނާއަށް ދިން ހަދިޔާއެވެ. ފަލަސްޠީނުގެ ޢަރަބީންގެ ސަރަޙައްދުތައް އޭނާގެ ރަސްކަމުގެ ބަޔަކަށް ހެއްދެވުމުގެ އެދުންފުޅަކީ ޒަމާނުއްސުރެ އަމީރު ޢަބްދުﷲ ގެ ހިތްޕުޅުގައި އޮތް އެދުންފުޅެކެވެ. އެހެންކަމުން ފަލަސްޠީނުގެ ޢަރަބީންގެ މިނިވަން ދައުލަތެއް އުފެދުމަކީ އަމީރު ޢަބްދުﷲ ހިތްޕުޅު ހަމަޖެހޭ ކަމަކަށް ނުވެއެވެ. އެހެންކަމުން ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު އޭނާ ޒައިނިސްޓުންގެ ވަފުދުތަކާ އެއް ފަހަރަަށްވުރެ ގިނަ ފަހަރު ބައްދަލުކުރައްވައި ދެ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމާ މެދުގައި ޔަހޫދީ ލީޑަރުންނާ މަޝްވަރާ ކުރެއްވިއެވެ. އދ. ގެ ބައިކުރުމުގެ ޕްލޭނެއްގެ ދަށުން ޢަރަބީންނަށް ލިބޭ ބިންތައް ޓްރާންސްޖޯރޑަންގެ ސަރަހައްދާ ގުޅާލަން ޔަހޫދީން ހުރަސް ނާޅާނަމަ، ޔަހޫދީ ދައުލަތެއް އުފެއްދުމުގެ މަސައްކަތަށް ޓްރާންސްޖޯރޑަން ހުރަސް ނާޅާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ޢަރަބި ލީޑަރުންނާ މެދުގައި ފަލަސްޠީނުގެ ރައްޔިތުން ނުރުހުމުގެ ލޯތަކަކުން ބަލަމުން ގެންދިޔައީ މި ކަހަލަ ކަންތައްތަކެއްގެ ސަބަބުންނެވެ.

ކޮންމެއަކަސް، 1948 ވަނަ އަހަރުގެ ޖެނުއަރީ މަހު އެރެބް ލިބަރޭޝަން އާރމީ ނުވަޔަ އޭއެލްއޭގެ ހަނގުރާމަވެރީން ފަލަސްޠީނުގެ ސަރަހައްދުތަކުގައި ޔަހޫދީންނާ ދެކޮޅަށް ފެށި ހަމަލާތައް އެންމެ ފުރަތަމަ ކޮޅުގައި ވަރަށް ކާމިޔާބެވެ. އެބައިމީހުންގެ ކުރިމަތީގައި ހިފަހައްޓާނުލެވިގެން ޔަހޫދީންގެ ހަގާނާގެ ޖަމާޢަތްތައް ފަހަތަށް ޖެހެމުން ދިޔައެވެ. ޢަރަބީންގެ އަވަށްތަކަށް ހަގާނާއާއި ޔަހޫދީ ޓެރަރިސްޓުންގެ އެހެނިހެން ގޭންގުތަކުން އެތައް އަހަރެއް ވަންދެން ދެމުން އައިސްފައިވާ ހަމަލަތަކުގެ ސިލްސިލާ މި ދުވަސްކޮޅު މެދުކެނޑިގެން ދިޔައެވެ. ދިފާޢީ ރޮނގު ޚިޔާރުކުރަން ޔަހޫދީ ހަނގުރާމަވެރީންނަށް މަޖުބޫރުވިއެވެ. ދާދި އަވަހަށް އަލްޤުދުސް ގާތްގަނޑަކަށް މުޅީންހެން އޭއެލްއޭގެ ބާރުގެ ދަށަށް ދިޔައެވެ. ޖެނުއަރީ މަސް ނިމިގެން ދިޔައިރު ޔިޝޫވްގެ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދިޔައީ ނާއުއްމީދުގެ ކުލަވަރުތަކެވެ. ޔަހޫދީންގެ އެތައް ބަޔަކު ތިބީ ހިތްވަރު އެލޭގޮތް ވެފައެވެ. މިފަދަ ނާޒުކު ފައްތަރަކަށް ޒައިނިސްޓުންގެ އުއްމީދުތައް ދިޔުމަށްފަހު އަނެއްކާވެސް އެބައިމީހުންނަށް ހަމަޖެހުމެއް ލިބުނީ ހުޅަނގުގެ ޤައުމުތަކުން ވަރަށް ދީލަތިގޮތެއްގައި ހަތިޔާރާއި ފަންނީއެހީ ލިބެން ފެށުމުންނެވެ.

1948 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި މެދުތެރޭ ޔޫރަޕްގެ ޤައުމެއް ކަމުގައިވާ ޗެކޮސްލޮވޭކިޔާއާއި، ހުޅަނގުގެ އެހެނިހެން ޤައުމުތަކުން އެންމެ ޒަމާނީ ހަތިޔާރުގެ ބޮޑެތި ޝިޕްމަންޓްތައް ހަގާނާއަށް ފޮނުވަން ފެށިއެވެ. ނަތީޖާ ފެންނަން ފެށީ ލަހެއް ފަހެއް ނެތިއެވެ. ކުއްލިއަކަށް ކަހަލަ ގޮތަކަށް ހަނގުރާމައިގައި އޮއިވަރު ބަދަލުވެގެން ދިޔައެވެ. ހުޅަނގުގެ ޒަމާނީ ހަތިޔާރުތަކާ ކުރިމަތިލުމުގެ ޤާބިލުކަން ނެތުމުގެ ނަތީޖާއެއްގެ ގޮތުން ކާމިޔާބު ހޯދަމުން އައި އޭއެލްއޭގެ ސަފުތައް ރޫޅިގެން ދާން ފެށިއެވެ. އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ހަގާނާގެ ހަނގުރާމަވެރީން ހައިފާ ހިފިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ހައިފާއަކީ ފަލަސްޠީނީ ޢަރަބީންގެ އެންމެ ބޮޑު އެއް ޝަހަރެވެ. އަދި ޔޫރަޕާއި އެމެރިކާއަށް މެދުއިރުމަތީގެ ޢަރަބި ޤައުމުތަކުގެ ތެޔޮ ބޭރުކުރުމުގައި ބޭނުންކުރެވެމުން ދިޔަ އެންމެ ބޮޑު އެއް ބަނދަރެވެ. އެހެންކަމުން ހައިފާ ޔަހޫދީންގެ ބާރުގެ ދަށަށް ދިޔުމަކީ އެތައް ގޮތަކުން ބަލާއިރު ޢަރަބީންނަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.

މޭ މަސް ނިމިގެން ދިޔަ އިރު ފަލަސްޠީނުގެ ބިމުގެ ފަސްދޮޅަސް އިން ސައްތަ އޮތީ ހަގާނާގެ ހަނގުރާމަވެރީންގެ ބާރުގެ ދަށުގައެވެ. މިގޮތުން އަތުލައިގަނެވުނު ބިންތަކުގައި ޔަހޫދީ ޓެރަރިސްޓުންގެ ސިޔާސަތަކީ އެންމެ ފުރަތަމަ ދުވަހުއްސުރެވެސް އެބައިމީހުން ގެންގުޅެފައިވާ ސިޔާސަތެވެ. އެއީ އަނިޔާވެރިކަމާއި ގަދަބަދަވިކަމުގެ ބޭނުންކޮށްގެން އެ ބިންތަކުގެ ޢަރަބި ވަޒަންވެރީންގެ ގެދޮރު ސުންނާފަތިކޮށް، އެއް ބަޔަކު ކަތިލައި، އަނެއް ބަޔަކު ފައްސައި ނަގައިލުމުގެ ސިޔާސަތެވެ. ބައެއް ފަހަރު ފަހަރު ޔަހޫދީ ޓެރަރިސްޓުން ޢަރަބި ހެދުން އަޅައިގެން ޢަރަބީން ކަމުގައި ހެދިގެން އަވަށްތަކަށް އަރައި ރޭޕްކުރުމާއި ކަތިލުމުގެ ސިލްސިލާތައް ހިންގާފައިވެސް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލަބަލައި ތިއްބައި ޢަރަބި އަވަށްތައް ހުސްވަމުން، އެތައް ހާސް ޢަރަބީން ގެދޮރުން ބޭރުވެ ޙާލުގައި ޖެހެމުން ދިޔައެވެ. ޔަހޫދީންގެ މި ޙަރަކާތްތަކުގައި އިނގިރޭސި ސިފައިން އެމީހުންނަށް މަގުފަހިކޮށްދިނުމުގެ އިތުރަށް އެހެނިހެން ގޮތްގޮތުންވެސް އެހީތެރިވެދީފައިވާ ކަމީ ޙަޤީޤަތެކެވެ.

ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާއެކުގައި ޔަހޫދީ ހަނގުރާމަވެރީން ޢަރަބީންގެ ބިންތައް އަތުލައިގަނެ އެތައް ހާސް ޢާއްމުންނާ ދެކޮޅަށް ހިންގާފައިވާ ޓެރަރިސްޓް ޢަމަލުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނާޒީން ޔޫރަޕްގެ ޔަހޫދީ ޢާއްމުންނާ ދެކޮޅަށް ހިންގި ޢަމަލުތަކަށް ތަންފުކެއްވެސް ދޫކުރާ ޢަމަލުތަކެއް ނޫނެވެ. ނަމަވެސް ހަގާނާއާއި އިރްގުނާއި ސްޓަރން ގޭންގް ފަދަ ޔަހޫދީ ޓެރަރިސްޓް ޖަމާޢަތްތަކުގެ ހަނގުރާމަވެރީން ފަލަސްޠީނީ ޢަރަބީންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގެ ތަފްސީލުތަކަށް ދާން ވެއްޖެނަމަ އެތައް ސަފުހާތަކެއް ކަޅިކޮށްލަން ޖެހޭނެތީ އެ ބައި ދޫކޮށްލަނީއެވެ. އަޅުގަނޑު ގަސްތުކުރަނީ މި ފުރުސަތުގައި ހަމަ އެންމެ ހާދިސާއެއްގެ ޒިކުރު ވަރަށް ކުރުގޮތަކަށް ކޮށްލުމަށެވެ. ދައިރް ޔާސީންގެ ޤަތުލު ޢާއްމުގެ ގޮތުގައި މަޝްހޫރު ވެފައިވާ މި ހާދިސާއަކީ ޔަހޫދީ ޓެރަރިސްޓުން ހިންގާފައިވާ މި ބާވަތުގެ އެތަކެއް ހާދިސާއެއްގެ ތެރެއިން ހަމަ އެންމެ ހާދިސާއެކެވެ.
 
ދައިރް ޔާސީނަކީ ފަލަސްޠީނުގެ ޔަހޫދީންގެ އެންމެ މުހިއްމު ޝަހަރުގެ ގޮތުގައި އޮތް ޓެލް އަވީވުން އަލްޤުދުސްއަށް ދާން އޮންނަ މަގުގައި. އަލްޤުދުސްއާ ދާދި ގާތުގައި އޮތް ކުޑަކުޑަ އަަވަށެކެވެ. އެ އަވަށް އޮތީ އދ. ގެ ބައިކުރުމުގެ ޕްލޭންގެ ދަށުން ޢަރަބީންގެ ސަރަޙައްދު ކަމުގައި ކަނޑައެޅިފައި އޮތް ސަރަޙައްދުގައެވެ. އޭގެ އިތުރަށް މި އަވަށުގައި ދިރިއުޅެމުން ގެންދިޔަ 800 ވަރަކަށް ޢަރަބީން ތިބީވެސް ހަނގުރާމައިގެ ތެރެއަށް ނުވަންނަން ކަނޑައަޅައިގެންނެވެ. ހަގާނާގެ އިރްގުނާއި ސްޓަރން ގޭންގުގެ 132 ވަރަކަށް ޓެރަރިސްޓުން ފުރިހަމަ ހަތިޔާރާ އެކުގައި އަވަށަށް އަރައިގަތީ 1948 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގެ ފަތިހުއެވެ. އަވަށް އެކީގައި ބަންދުކުރުމަށްފަހު ޔަހޫދީ ޓެރަރިސްޓުންގެ ޖަމާޢަތްތައް ފަހަރަކު ގެއަކަށް ވަދެ އެގެތަކުގެ އަހުލުވެރީންނަށް އަނިޔާކޮށް މަރަމުން ގެންދިޔައެވެ. ޒުވާން އެތައް އަންހެން ކުދީން ރޭޕް ކޮށް، ބަޑިއާއި ވަޅިފަދަ ތަކެތީން ކުޑަ ކުދީންނާއި މުސްކުޅީންނާއި އަންހެނުން ކަތިލަމުން ގެންދިޔައެވެ. ޤަތުލު ޢާއްމު ނިމުމަކަށް އައިއިރު ޢަރަބީންގެ 250 ވަރަކަށް މީހުން މަރުވެފައި ވެއެވެ. މި ގަތުލުއާއްމު ރޭއްވެވުމުގައި އިސްވެ ހުންނެވީ އިރްގުން ޓެރަރިސްޓް ޖަމާޢަތުގެ ލީޑަރ މެނާހިމް ބޭގިނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ބޭގިނަކީ ފަހުން އިޒްރޭލުގެ ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ދައިރް ޔާސީންގެ ޤަތުލުއާއްމު ފަދަ ހާދިސާތަކުގެ ސަބަބުން ނިކުތް އެއްމެ މުހިއްމު އެއް ނަތީޖާއަކީ ޔަހޫދީންގެ ސަރަހައްދާ ކައިރީގައި އޮތް ޢަރަބީންގެ އެތައް އަވަށްތަކެއްގެ މީހުން އެ މީހުންގެ އަވަށްތައް ދޫކޮށް ފިލައިގެން ދިޔުމެވެ. އެއީ ޔަހޫދީ ޓެރަރިސްޓުންގެ އަނިޔާވެރިކަމުގެ ވާހަކަތައް މަޝްހޫރުވެގެން ދިޔުމުން އަމިއްލަ ފުރާނަތަކަށް ބިރުންނެވެ. ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޢަރަބީންގެ އެތައް ހާސް ބައެއް ޓްރާންސްޖޯރޑަން ފަދަ ޢަރަބި ޤައުމުތަކަށް ހިޖުރަކުރިއެވެ. ޔަހޫދީން ގެންދިޔައީ މިގޮތުން ހުސްވާ ޢަރަބި އަވަށްތައް ޔަހޫދީ އާބާދީތަކަކަށް ބަދަލުކުރަމުންނެވެ.

ޔަހޫދީ ހަނގުރާމަވެރީން އޭއެލްއޭގެ މައްޗަށް ކާމިޔާބު ހޯދައި ފަލަސްޠީނުގެ ޢަރަބީންގެ އެތައް ބިމެއް ފޭރެމުން ދިޔަ އިރުވެސް ބައިނަލް އަޤުވާމީ މަސްރަޙުގައި ދިޔައީ ވަރުގަދަޔަށް ބަހުސް ކުރެވެމުންނެވެ. ޢަރަބި ލީގާއި ޢަރަބި ޤައުމުތަކުގެ ބައެއް ވެރީން އިންޒާރު ދެއްވަމުން ގެންދެވި ގޮތުގައި ޔަހޫދީ ދައުލަތް އިޢުލާން ކުރެވިއްޖެނަމަ ޢަރަބީން ކުޅި ބަލާކަށް ނުތިބޭނެއެވެ. މި ފަދަ އިންޒާރުތަކުގެ ސަބަބުން އެމެރިކާއާއި އިނގިރޭސި ވިލާތް ފަދަ ޤައުމުތަކުގެ ބައެއް ލީޑަރުންވެސް ގެންދެވީ ދެވަނަ ވިސްނެވުމެއްގެ މަގު ޚިޔާރު ކުރައްވަމުންނެވެ. މި ދެ ޤައުމުގެ އަސްކަރީ ލީޑަރުން ވިދާޅުވަމުން ގެންދެވިގޮތުގައި އޭއެލްއޭގެ 4000 ހަނގުރާމަވެރީންގެ މައްޗަށް ހޯދުނުފަދަ ކާމިޔާބެއް ޢަރަބި ޤައުމުތަކުގެ ލަޝްކަރުތަކާ ދެކޮޅަށް ހޯދުމަކީ ޔަހޫދީ ހަނގުރާމަވެރީންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާގެ އަސްކަރިއްޔާއާއި ސްޓޭޓް ޑިޕާރޓްމަންޓުން އެ ޤައުމުގެ ރައީސް ޓްރޫމަނަށްވެސް ލަފާއަރުވަމުން ގެންދިޔައީ ޢަރަބި ޤައުމުތަކުން ޔަހޫދީންނާ ދެކޮޅަށް ހަނގުރާމައަށް ނިކުމެއްޖެނަމަ އެ ހަނގުރާމަ ވެގެން ދާނީ ފަލަސްޠީނުގައި ތިބި 6 ލައްކަ ޔަހޫދީންގެ މިނިކަތިލުމަކަށް ކަމުގައެވެ. އެމެރިކާގެ ސަރުކާރުގެ އިސްވެރީންގެ ތެރެއިން ޔަހޫދީ ދައުލަތް އުފެއްދުމަށް ދެކޮޅު ހައްދަވަމުން ގެންދެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ޢިލްމާނީ ވިސްނުމެއް ގެންގުޅުއްވި، ހަމައެކަނި އެމެރިކާގެ ޤައުމީ މަސްލަޙަތަށް ވިސްނާވަޑައިގެންނެވި ބޭފުޅުންނެވެ. ބައެއް ބޭފުޅުންނަކީ ޒައިނިޒަމަށް ތާއީދު ކުރެއްވުމާއެކުވެސް، ޔަހޫދީ ދައުލަތެއް ފަލަސްޠީނުގައި އުފެދިއްޖެނަމަ ޔަހޫދީންނާއި ޔަހޫދީންގެ އެކުވެރީންނަށްވެސް ލިބޭނޭ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ބޮޑު ކަމަށް ޤަބޫލު ކުރެއްވި ބޭފުޅުންނެވެ.

ނަމަވެސް ޔަހޫދީ ދައުލަތް އުފެއްދުމުގެ ނިންމެވުން އަނބުރައި ނުގެންނަވައި، ކޮންމެ ފަދަ ޙާލަތެއްގައިވެސް އެ ނިންމުމުގެ މަތީގައި ސާބިތުވެ ހުންނެވުމަށް ޓްރޫމަން ނިންމެވީ މުހިއްމު ސަބަބުތަކަކާ ހުރެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ޓްރޫމަން ވިދާޅުވާ ގޮތުގައި އެމެރިކާގެ ޒައިނިސްޓުންނެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "ޒައިނިޒަމްގެ ކާމިޔާބީއާ މެދުގައި އަހަރެން އެ ބަޔަކަށް ޖަވާބުދާރީވާން ޖެހޭ އެތަކެއް ލައްކަ މީހުން އެމެރިކާގައި އެބަތިއްބެވެ. އަހަރެންގެ ޤައުމުގައި ވޯޓުލާ މީހުންގެ ގޮތުގައި އެތައް ލައްކަ ޢަރަބީންނެއް ނެތެވެ." ޓްރޫމަންގެ މި ޖަވާބުން އެނގޭ ގޮތުގައި ޔަހޫދީ ދައުލަތަށް އާނބަސް ވިދާޅުވެ ޒައިނިސްޓުންނަށް ތާއީދު ކުރައްވަން އޭނާއަށް މަޖުބޫރު ކުރުވި އެންމެ މުހިއްމު އެއް ސަބަބަކީ އެމެރިކާގެ ޒައިނިސްޓުންނެވެ. ޢަރަބީންގެ ޙައްޤުތަކާ މެދުގައި ވިސްނާވަޑައިގަންނަވަން އޭނާ ބޭނުންފުޅުނުވީ އޭނާއާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވޯޓު ދޭނޭ އެތައް ލައްކަ ޢަރަބީން އެމެރިކާގައި ނެތުމުންނެވެ.
ރައީސް ޓްރޫމަން އޭނާގެ ކުރީގެ ނިންމެވުން އަނބުރާ ގެންދަވައި، ޔަހޫދީ ދައުލަތަަކަށް ތާއީދުކުރައްވަން ނިންމަވާފައިއޮތް އޮތުން ބާޠިލްކުރައްވައިފާނެ ކަމުގެ ކުލަވަރުތައް ފެންނަން ފެށުުމުން ޒައިނިސްޓް ލީޑަރ ޑރ. ކާއިމް ވެއިޒްމަން އެމެރިކާއަށް ކުއްލި ދަތުރުފުޅެއް ކުރެއްވިއެވެ. އެއީ 1948 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ރައީސް ޓްރޫމަން އޭނާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ޔަހޫދީ ދައުލަތަކަށް އެމެރިކާއިން ކޮށްފައިވާ ތާއީދު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޑރ. ވެއިޒްމަން ރައީސް ޓްރޫމަނާ ބައްދަލު ކުރެއްވި ދުވަހުގެ ފަހު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާގެ ސަފީރު ވޮރަން އޮސްޓިން ހުށަހެޅުއްވި ޚިޔާލަކާ ގުޅިގެން އެމެރިކާގެ ސިޔާސަތާ މެދުގައި އަނެއްކާވެސް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އޮސްޓިން ހުށަހެޅުއްވީ ފަލަސްޠީން އދ. ގެ ޓްރަސްޓީޝިޕް ކައުންސިލްގެ ޚާއްސަ ބެލުމުގެ ދަށަށް ގެނައުމަށެވެ. މި ހުށަހެޅުއްވުމާ ގުޅިގެން ޒައިނިސްޓުންގެ އިސް އެތައް ބޭފުޅުންނެއް އެމެރިކާގެ ސަރުކާރަށާއި ރައީސް ޓްރޫމަނަށް ފާޑުވިދާޅުވިއެވެ. ޒައިނިސްޓުންގެ ބައެއް ލީޑަރުން ތުހުމަތު ކުރެއްވި ގޮތުގައި އޮސްޓިންގެ ހުށަހެޅުއްވުމަކީ ޓްރޫމަން ޑރ. ވެއިޒްމަނަށް ދެއްވާފައިވާ ޔަޤީންކަމާ ޚިލާފަށް އެމެރިކާ ސަރުކާރުން ވީ ބޮޑު ޚިޔާނާތެކެވެ.
ނަމަވެސް، ފަހުން އޮސްޓިން ތަފްސީލުކޮށްދެއްވި ގޮތުގައި އެމެރިކާގެ ހުށަހެޅުމުގެ މަޤުޞަދަކީ ބައިކުރުމުގެ ޕްލޭން ބާތިލުކޮށް، ޔަހޫދީ ދައުލަތް އުފެއްދުމުގެ މަސައްކަތް ހުއްޓާލުމެއް ނޫނެވެ. އެއާ ޚިލާފަށް، އެ ހުށަހެޅުމުގެ މަޤުޞަދަކީ އދ. ގެ އާއްމު މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން އދ. ގެ ސުލްހަ ބަލަހައްޓާ ލަޝްކަރެއް ފަލަސްޠީނަށް ގެންދިޔުމުގެ ފުރުސަތު ނުދިނުމެވެ. އޮސްޓިން ވިދާޅުވި ގޮތުގައި އާއްމު މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ސުލްހަ ބަލަހައްޓާ ލަޝްކަރެއް ފަލަސްޠީނަށް ދާ ގޮތަށް ހަމަޖެހިއްޖެނަމަ، އެފަދަ ލަޝްކަރެއްގައި ރޫސީ ސިފައިން ހިމެނޭނެއެވެ. މިއީ އެމެރިކާއަށް އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ ރޫސީ ސިފައިން ފަލަސްޠީނަށް އައުމަކީ މެދުއިރުމަތީގައި ރޫސީންގެ ނުފޫޒު ފެތުރި، ކޮމިޔުނިސްޓް ފިކުރު އާލާވެގެން ދިޔުމަށް ހުޅުވޭ ވަރަށް މުހިއްމު ދޮރެކެވެ. އެހެންކަމުން އެމެރިކާ ބޭނުންވީ އދ. ގެ ފަރާތުން ފަލަސްޠީނަށް ލަޝްކަރެއް ފޮނުވަންޏާ އެ ފޮނުވާ ލަޝްކަރެއްގައި ރޫސީން ނުހިމެނޭނޭ ގޮތެއް ހޯދުމެވެ. އެގޮތުން ފަލަސްޠީނު އދ. ގެ ޓްރަސްޓީޝިޕް ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދަން އެމެރިކާ ބޭނުންވީ ޓްރަސްޓީޝިޕް ކައުންސިލުގެ އެ ދައުރުގެ މެމްބަރުންގެ ތެރޭގައި ރޫސީ ވިލާތް ނުހިމެނޭތިއެވެ.
 
އެމެރިކާގެ ހުށަހެޅުމާ މެދުގައި މަޝްވަރާކޮށް، ފަލަސްޠީނުގެ މައްސަލައާ ބެހޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމުމަށްޓަކައި އދ. ގެ ޖެނެރަލް އެސެމްބްލީގެ ޚާއްސަ ބައްދަލުވުންތަކުގެ ސިލްސިލާއެއް އަނެއްކާވެސް ފެށުނީ 1948 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ހިސާބަށް ދިޔަ އިރު އިނގިރޭސީން އޮތީ މޭންޑޭޓްގެ މުއްދަތު ހަމަވުމަށްފަހު އިތުރު އެއްމެ ދުވަހަކުވެސް ފަލަސްޠީނުގައި ސިފައިން ބެއިތިއްބެން ނެތް ވާހަކަ އެމެރިކާއަށް އަންގާފައެވެ. އެއީ ބޮޑު ހަނގުރާމައަށްފަހު އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައި އޮތް ހީނަރުކަމުގެ ސަބަބުން ފަލަސްޠީނުގައި ލަޝްކަރެއް ބާއްވައިގެން ކުރަން ޖެހޭ ބޮޑެތި ޚަރަދުތައް ކުރެވެން ނެތުމުގެ ސަބަބުންނެވެ. މޭ މަހުގެ 14 ވަނަ ދުވަސް އައި އިރުވެސް މައްސަލައިގައި ވަކި ގޮތެއް ނުނިމި ބަހުސްތައް އައީ ދިގުލަމުންނެވެ. އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޤުދުސްގެ ގަވަރމެންޓް ހައުސްގައި ހުރި އިނގިރޭސި ދިދަ ތިރިކޮށްލެވުނެވެ. ހަމަ އެ ދުވަހުގެ ރޭގަނޑު 11:30 ގައި އިނގިރޭސި ހައި ކޮމިޝަނަރ ސަރ އެލަން ގޯރޑަން ކަނިންގހަމް އެނބުރި ޤައުމަށް ވަޑައިގަތުމުގެ ދަތުރުފުޅު ފެއްޓެވިއެވެ. މިއީ އިނގިރޭސި މޭންޑޭޓްގެ ދައުރު ނިމުމަކަށް އައުމެވެ.
ސަރ ކަނިންގހަމް ފަލަސްޠީނުން ފުރާވަޑައިގަތުމުގެ ގާތްގަނޑަކަށް އަށެއްކަ ގަޑި އިރު ކުރީން، މޭ 14 ވަނަ ދުވަހުގެ ހަވީރު 4 ޖެހި އިރު ޓެލް އަވީވްގެ ދާރުލް އާސާރުގެ މާލަމެއްގައި ފަލަސްޠީނުގެ ޒައިނިސްޓް އޭޖެންސީގެ ޚާއްސަ ބައްދަލުވުމެއް އޮތެވެ. މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޒައިނިސްޓް އޭޖެންސީގެ ވެރިއެއްގެ ހައިސިއްޔަތުން ފަލަސްޠީނުގައި ޔަހޫދީންގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވި ޑޭވިޑް ބެން ގޫރިއަނެވެ. މި ޖަލްސާގައި ތިއޮޑޯރ ހާރޒްލްގެ ވަރަށް ބޮޑު ތަސްވީރެއްގެ ކުރިމަތީގައި ހުއްޓިހުންނަވައިގެން ޑޭވިޑް ބެން ގޫރިއަން ޔަހޫދީ ދައުލަތް އިޢުލާން ކުރެއްވިއެވެ.

"އިޒްރޭލު" ގެ ނަމުގައި އިޢުލާން ކުރެވުނު ދައުލަތުގެ ފުރަތަމަ ބޮޑު ވަޒީރެއް ކަމުގައި ހަމަޖެހުނީ ބެން ގޫރިއަނެވެ. އޭނާގެ ޒައާމަތުގެ ދަށުން ޤަައުމު ހިންގުމުގެ ޒިންމާތަކާ ހަވާލުވީ 13 މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ސަރުކާރެކެވެ. ޤައުމުގެ ފުރަތަމަ ރައީސެއް ކަމުގައި ހަމަޖެހުނީ ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ރައީސްގެ ހައިސިއްޔަތުން އެތައް އަހަރެއް ވަންދެން ޒައިނިސްޓުންގެ ދިދަ އުފުއްލަވާފައިވާ ޑރ. ކާއިމް ވެއިޒްމަނެވެ. ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން ޑރ. ވެއިޒްމަނަކީ އިނގިރޭސި ވިލާތަށް އުފަން އިނގިރޭސި ރައްޔިތެކެވެ. އަހަރުތަކެއް ވަންދެން އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަރސިޓީގައި ބަޔޯކެމިސްޓްރީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޔަހޫދީ ދައުލަތުގެ ފުރަތަމަ ރައީސްގެ މަޤާމަށް އޭނާ ޢައްޔަންކުރެވި އެކަން އިޢުލާން ކުރެވުނު އިރު އޭނާ ހުންނެވީ އެމެރިކާގެ ރައީސް ޓްރޫމަނާ ބައްދަލުކުރެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅުގައި ވޮޝިންގޓަނުގައެވެ.
 
ޔަހޫދީ ދައުލަތް އުފެދުނުތާ 11 މިނިޓު ފަހުން އެ ދައުލަތް ޤަބޫލު ކުރި ފުރަތަމަ ޤައުމަކަށް ވެގެން ދިޔައީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. ޖެހިގެން އައި ދުވަހު ގުއަޓެމާލާގެ ސަރުކާރުންވެސް ޔަހޫދީ ދައުލަތް ޤަބޫލު ކުރިއެވެ. ތިންވަނަޔަށް ވީ ދުވަހު ރޫސީ ވިލާތުންވެސް އިޒްރޭލަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ކަމުގައި ވުމުގެ ހުރިހާ ޙައްޤެއް ލިބިފައިވާ ދައުލަތެއްކަން ޤަބޫލުކުރާކަން އިޢުލާން ކުރިއެވެ.
1948 ވަނަ އަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހު އިޒްރޭލުގެ ދައުލަތް އިޢުލާން ކުރެވުނު އިރު، ހަމަ އެދުވަހު އދ. ގެ ޢާއްމު މަޖިލީހުން ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ޤަރާރެއް ފާސްކުރިއެވެ. މި ޤަރާރުގައި ބުނެފައިވަނީ މައްސަލަ ޙައްލުކުރެވޭނީ ޢަރަބީންނާއި ޔަހޫދީންގެ ދެމެދުގައި މަޝްވަރާތައް ބާއްވައިގެން ކަމުގައެވެ. މިގޮތުން ބޭއްވޭ މަޝްވަރާތަކުގައި ހަކަމެއް ނުވަތަ މީޑިއޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހުނީ ސްވިޑްންގެ ޑިޕްލޮމެޓެއް ކަމުގައިވާ ކައުންޓް ފޯލްކް ބާރނަޑޮޓް އެވެ. ކައުންޓް ބާރނަޑޮޓްގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވެގެން ދިޔައީ ހަނގުރާމައެއް ހުއްޓުވުމުގެ މަސައްކަތެވެ. އެހެނީ މޭ މަހުގެ 14 ވަނަ ދުވަހު އިޒްރޭލުގެ ދައުލަތް އިޢުލާން ކުރިތާ 24 ގަޑި އިރުވެސް ނުވަނީސް ޢަރަބި 5 ޤައުމަކުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އިޒްރޭލަށް އަރައިގަތެވެ. އެ 5 ޤައުމަކީ މިޞުރާއި ސީރިޔާއާއި ލުބްނާނާއި ޓްރާންސްޖޯރޑަނާއި ޢިރާޤެވެ.
 

ހަމަމިގަލަމުން

އިދާރާ

ވާހަކަ