އަދުގެ ޚާއްސަ

Print

އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (3)

ޝާޢިއުކުރީ އާދަމް ޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

13. ތަފާތު ގެނައުމަކީ ހަޔާތުގެ ހަވާދެވެ.


އަބަދު އެއްގޮތަކަށް ޙަޔާތުގެ ކަންތައްތައް ގެންދިއުމުގެ ބަދަލުގައި ހަޔާތުގެ އެކި ދަންފަޅިތަކުގައި ކަންތައްތައް ކުރާގޮތް ބަދަލުކޮށްލުމަކީ ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ކުރިން ނުލިބޭ އުފާވެރިކަން ލިބި ކުރިން ނުލިބޭ ތަޖުރިބާތައްވެސް ލިބިގެންދާނެއެވެ. ކާނާއެއް ތައްޔާރު ކުރާއިރު އެއަށް ތަފާތު ވައްތަރުގެ ހަވާދު އެޅުމުން ރަހަ ބަދަލުވާ ފަދައިންނެވެ.

ކޮންމެ ހަވާދަކީވެސް ރަހައިގެ ގޮތުން ތަފާތު އެއްޗެކެވެ. ތަފާތު ވައްތަރުގެ ކެއުންތަކުގެ ރަހަތައް ރަނގަޅުކުރުމަށް ހަވާދު ބޭނުން ކުރެއެވެ. މިގޮތުން ނުބައި ހަވާދެއް ބޭނުން ކުރެވިއްޖެނަމަ އެ ކެއުމެއް ކާނެ މީހަކު ނުވެއެވެ. ތަފާތު ކާނާ ތައްޔާރު ކުރުމަށްވެސް ބޭނުންވާނީ ތަފާތު ރަހަތަކެވެ. އެއްރަހަތަކެއް އަބަދުވެސް ބޭނުން ކުރާކަމުގައިވާނަމަ އެރަހަތަކާމެދު ފޫހިވުމަކީ އެކަށިގެންވާ ކަމެކެވެ.

މިއާއި ދާދި އެއްކަހަލަ ގޮތަކަށް ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުންދާއިރު ޙަޔާތަށްވެސް ތަފާތު ބަދަލު ގެންނަން ޖެހެއެވެ. އަބަދުވެސް އެއްގޮތަކަށް ކަންކަން ކުރަމުންގެންދާނަމަ ފޫހިކަން އިހުސާސްކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ޙަޔާތުގެ އިސްޓައިލަށް ބަދަލުގެންނަން ޖެހޭނެއެވެ. އެއްކަމެއްގައި  އެއްގޮތަކަށް ދެމިހުރުމުގައި ފޫހިކަން އިޙުޞާޞްކުރަންޖެހިދާނެއެވެ. އެހެންކަމުން ވަކިހިސާބަކުން ސިކުނޑިއަށް އަރާމެއް ހޯދައިދޭން ޖެހެއެވެ. އާންމުކޮންް ކުރާމަސައްކަތާއި ތަފާތު މަސައްކަތެއް ކޮށްލުމަކީ މިފަދަ ކަމެކެވެ.

ބަދަލުތަކުން އަބަދުވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެއެވެ. އަބަދުވެސް އޮފިހުގައި މަސައކަތް ކުރާމީހެއްނަމަ ޗުއްޓީގައި މަހަށްގޮސް މަސްވެރިކަން ކުރާގޮތް ތަޖުރިބާކޮސްލެވިދާނެއެވެ. ހެދުން އެޅުމުގެ ގޮތަށް ބަދަލެއް ގެނެވިދާނެއެވެ. އޭގެ ސަބަބުން ޙަޔާތަށް އިތުރުކުލަތަކެއް ޖެހެއެވެ. މުނިފޫހިފިލުވުމަށް އާންމުކޮށް ކުރާކަންތައްތަކުގެ ބަދަލުގައި ތަފާތުކަމެއް ކުރެވިދާނެއެވެ. ކާގޭގެ ތަރުތީބު އެހެންގޮތަކަށް ބަދަލުކޮށްލެވިދާނެއެވެ. މީގެ އިތުރުން ނިދާކޮޓަރިއާއި ބަގިޗާއަށް ގެނެވޭ ބަދަލުތަކުގެ ސަބަބުންވެސް ހަޔާތަށް އުފާވެރިކަން ގެނުވިދާނެއެވެ.

14.މާފުކުރުމަކީ އެންމެ ރަނގަޅު ބަދަލުހިފުމެވެ.


މިބަހުން އަހަރެމެންނަށް އެނގެނީ އަހަރެމެންނަށް ގެއްލުމެއް ދީފައިހުރި މީހެއްގެ ކިބައިން ބަދަލުހިފުމުގެ ބަދަލުގައި އެމީހަކަށް މާފުދީފިނަމަ އޭގެ ހެޔޮ ބަދަލު ލިބޭނެކަމެވެ. މާފުކުރުމުން އޭގެ ސަބަބުން ތިމާއަށް ގެއްލުން ދިން މީހާގެ ހިތުގައި އިންސާނިއްޔަތުކަމުގެ ޖަޒުބާތު ހިނގައިގަނެއެވެ.
ތިމާއަށާއި ތިމާގެ ޢާއިލާއަށް އަދި ރަޙުމަތްތެރިންނަށް މީހެއްގެ ފުށުން ލިބިފައިވާ ގެއްލުމަކަށް ބަދަލުހިފަން ދިމާކޮށްފިނަމަ އޭގެ ސަބަބުން ވަރަށްގިނަ ދެރަގޮތްތަކެއް މެދުވެރިވާނެއެވެ. މިގޮތަށް ބަދަލު ހިފާއިރު ތިމާގެ ހަމަ ވިސްނުމެއް ނުހުންނާނެއެވެ. ތިމާގެ ވިސްނުމުގެ މައްޗަށް ބާރު ފޯރުވޭ ވަރަށްވުރެ ސިކުނޑީގެ ހައިޖާނު ބޮޑުވާނެއެވެ. ތިމާ ހީނުކުރާވަރުގެ ދެރަ ކަންތައްތަކާއި ކުރިމަތިލާންޖެހިދާނެއެވެ. އެކަންކަމާމެދު ފަހުން ހިތާމަކޮށް ދެރަވާން ޖެހޭފަދަ ކަންތައްތަކާއެވެ.

އެހެންކަމުން މީހަކު ތިމާއަށް ދޭ ގެއްލުމަކަށް ބަދަލު ހިފުމަށްވުރެ އެކަމަކަށް އެމީހަކަށް މާފުކުރުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އޭގެ ސަބަބުން އެކުށްކުރިމީހާގެ ހިތަށް އިންސާނިއްޔަތުގެ ޝުޢޫރުތައް ވަދެ ތިމާއާއިމެދު ހަމްދަރުދީވެ ދެވަނަ ފަހަރަށް އެފަދަކަމެއް ނުކުރުމަށް ނިންމުމަކީވެސް ވެދާނެ ކަމެކެވެ. ހަމައެއާއިއެކު ތިމާގެ އިއްޒަތާއި ޤަދަރަށް ހުތުރުވެދާނެ ފަދަ ނުބައި ޢަމަލަކުން ތިމާއަށް ދުރުވެވި، ފަހުން ހިތާމަ ކުރަންޖެހޭފަދަ ކަމެއް ނުކުރެވުމުގެ ހިތްހަމަޖެހުންވެސް ލިބިގެންދާނެއެވެ.
މިކަންތައްތަކަށް ބަލާއިރު މީހަކު ތިމާއަށް ދޭ ގެއްލުމަށް، މީހަކު ތިމާއަށް ދޭ ދެރައަކަށް ހިފޭނެ އެންމެ ރަނގަޅު ބަދަލަކީ އެކަމަކަށް މާފު ކުރުމެވެ.

15. ވަގުތާއި ދިޔަވަރު އެއްވެސް މީހަކަށް އިންތިޒާރެއް ނުކުރާނެއެވެ.


ވަގުތަކީ ހުރިހާއެއްޗަކަށްވުރެވެސް އަގުބޮޑު އެއްޗެއް ކަމާ އެވަގުތެއްގައި ކުރަންހުންނަ ކަންތައްތައް އެވަގުތެއްގައި ކޮށްނިންމުމަކީ ވަރަށް މުހިއްމު ކަމެއްކަން މިބަހުން ދޭހަކޮށްދެއެވެ. އަދި އެކަމަށް އިންޒާރުވެސް ދެއެވެ. ގެއްލިއްޖެ ވަޤުތަކީ އަނބުރާ ލިބޭނޭ އެއްޗެއްނޫނެވެ.
މިއަދުގެ ޒުވާނުންނަށް މިބަހަކީ ވަރަށް ބޭނުންތެރި ބަހެކެވެ. މިއަދުގެ ގިނަ ޒުވާނުން ވަގުތުތައް ހޭދަކުރަނީ މަގުމަތީގައި ކަމެއްނެތި ވިޔާނުދާކަންތައްތައް ކުރުމަށާއި، އެއްވެސް މަޤުޞަދެއްނެތި ރަޙުމާތްތެރިންނާއެކު ބޭކާރު ކަންތައްތައް ކުރުމުގައެވެ. ޒުވާންކަމަކީ ޙަޔާތުގައި އަންނާނެ އެންމެ އަގުބޮޑު ދުވަސްކޮޅެވެ. މީހާގެ ޝަހުޞިއްޔަތު ބިނާކުރުމާ، ޤައުމަށް ފައިދާހުރި މީހަކަށް ވުމަށްޓަކައި މަސައްކަތްކުރަން އޮތް އެންމެ މުހިއްމު ދުވަސްވަރެވެ. ޒުވާން އުމުރު ނޫނަސް ހަޔާތުގެ ކޮންމެ ހަރުފަތެއްގައިވެސް ވަގުތުގެ މުހިއްމުކަން ދެނެގަނެ ހެޔޮގޮތުގައި ވަގުތު ބޭނުންކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ.
ބައެއްމީހުން އެމީހުން އަދާކުރާވަޒިފާއަށް ފަރުވާކުޑަކޮށްލައެވެ. ގަޑިޖެހިގެން ވަޒިފާއަށް ދެއެވެ. އޭގެ ސަބަބުން ގެއްލުން ލިބެނީ އެމިހަކަށް އެކަންޏެއްނޫނެވެ. އެވަޒިފާއަދާކުރާ އޮފީސްތަކަށާ މުޅިޤައުމަށްވެސް އޭގެ ސަބަބުން ގެއްލުން ލިބެއެވެ. މިފަދަ މީހުންނަށް ހަޔާތުގައި ވަރަށް ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. ފަރުވާކުޑަކޮށްލެވެނީ ހަމައެކަނި ވަޒީފާއަކަށް ނޫނެވެ. ހަޔާތުގެ ހުރިހާކަމަކަށްވެސް ފަރުވާކުޑަކުރެވެއެވެ.
ދަތުރަކުދާން ބޭނުންކަމުގައިވަނީނަމަ ދޯނިފުރުމުގެ ކުރިން އެތަނަށް ދާންޖެހެއެވެ. ވަގުތަށް ނުދެވިއްޖަނަމަ ދަތުރު ގެއްލިދެއެވެ. ރަނގަޅު ނަތީޖާ ހޯދަން ބޭނުންވާ ދަރިވަރުން ދުރާލާ އިމްތިހާނުތަކަށް މަސައްކަތްކުރަންޖެހެއެވެ. އެންމެ ފަހު ވަގުތު މަސައްކަތްކުރަންތިބޭކުދިންނަށް ލަނޑުލިބެއެވެ. ޙަޔާތުގެ ހަމަ ކޮންމެ ކަމެއްވެސް މިފަދަ އެވެ. އެއްވެސް ކަމެއް ވަގުތުގެ އަގުވަޒަންކޮށް އެއަށް އިހުތިރާމް ކޮށްގެން މެނުވި ކާމިޔާބެއް ނުކުރެވޭނެއެވެ.


16. އަތުގައި އޮތްއެއްޗެއް ނެތް އެއްޗަކަށްވުރެ ދެގުނަ އަގުބޮޑެވެ.


މިބަހުން އަންގައިދޭން ބޭނުންވާ އެއްޗަކީ ލިބިހުރި ފުރުޞަތުތައް ބޭނުންކުރުމުން މަތީކާމިޔާބުތައް ޙާޞިލުކުރެވޭނެ ކަމެވެ. އަދި ލިބިހުރި ފުރުޞަތުތައް ދޫކޮށްލުމަށްފަހު ޚިޔާލީ ފުރުޞަތު ތަކަކާ ދިމާއަށް ދާ ފަރާތްތަކަށް މިބަހުން އިންޒާރު ދެއެވެ.

އިންސާނުންގެ އެމީހުންގެ ހަޔާތް ފުރިހަމަކުރުމަށްޓަކާ ވަރަށްގިނަ ބޭނުންތަކާ އެދުންތައް ގެންގުޅެއެވެ. އަދި އެއްފަހަރާ މިހުރިހާ އެދުންތައް ފުރިހަމަ ކުރުމަކީވެސް ކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން މިބަހުގައި ބުނާ ފަދައިން ލިބިހުރި ފުރުޞަތުތަކުން ފެށުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ލިބިހުރި ފުރުޞަތުތަކުގެ މަތިން ހަނދާން ނައްތާލުމަށްފަހު އެހެން ދިމާއަކަށް އެނބުރުމުން ލިބިއެފުރުޞަތުގެއްލި އަދި އެކުރިމަތިލީކަންތައް އަތުނުވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. އެހެންކަމުން ހަމަ އެންމެ ބުއްދިވެރި ގޮތަކީ މިބަހުގައިވާ ގޮތަށް ލިބިހުރި ފުރުޞަތުތަކުން ފަށައިގެން ކުރިއަށް ދިއުމެވެ.

17. ލަނޑަޔާވާނީ ލަނޑަޔާއެވެ.


މިބަހުން އަންގައިދެނީ އެއްވައްތަރެއްގެ މަސް ގުރޫޕުހަދައިގެން އުޅޭނެ ކަމެވެ. އަދި އެހެންވައްތަރެއްގެ މަސްބައިގަނޑެއްގެ ތެރެއަށް ވަދެގެން ނޫޅޭނެކަމެވެ. ޖަނަވާރުންނަށް ބަލާއިރު މިކަން ވަރަށްބޮޑަށް ފަހަގަ ކުރެވެއެވެ. ދޫނި ސުފާސޫތްޕާއި މަސްމަހާމެހީގެ ކިބައިންވެސް ވަރަށްބޮޑަށް މިކަން ފާހަގަ ކުރެވެއެވެ.
މަސް ހިފަންގޮސް އުޅޭއިރު ފެންނަ ލަނޑާބައިގަނޑެއްގެ ތެރޭގައި އުޅޭތަން މުޅިންވެސް ފެންނަނީ ލަނޑައެވެ. އޭގެ ތެރޭގައި އެހެންވައްތަރެއްގެ މަހެއް އުޅޭތަން އެއްގޮތަކަށްވެސް ނުފެނެއެވެ. ލަނޑައެއް މެކުނު ބައިގަނޑެއްގެ ތެރއިން ވަރަށް ނުފެންނާނެއެވެ. ހަމައެފަދައިން ދޫނިސޫފާސޫފީގެ ތެރޭގާ ހިމެނޭ ކޮތަރު، ގުރާ، ފެންފޯއްދޯނި، ކާޅު، ރޭރު ފަދަ ދޫނިތައްވެސް ގުރޫޕް ހަދައިގެން އުޅެނީ ވަކިވަކިންނެވެ. އެއްވައްތަރެއްގެ ދޫނި އުޅޭނީ އެއް ބައިގަނޑެއްގެ ތެރޭގައެވެ.

އިންސާނުންނަކީ ޖަނަވާރުންނާ ތަފާތު ބައެކެވެ. އިންސާނުންގެ ކިބައިގާ ވިސްނުމާ، ބުއްދިއާ، ޙިކުމަތް ލައްވާފައިވެއެވެ. އެހެންކަމުން ޖަނާވާރުންގެ ވިސްނުމާ އިންސާނުންގެ ވިސްނުން ތަފާތުވާނެއެވެ.އިންސާނުން ރަޙުމަތްތެރިން ހޮވުމުގައި ބަލަނީ އެމީހަކާއި މިޒާޖު އެއްގޮތް އެމީހަކާއި ގުޅޭމީހެއް އިޚުތިޔާރު ކުރުމަށެވެ. ކިޔަވައިގެންތިބި މީހުން ކިޔަވައިގެން ތިބި މީހުން އިޚުތިޔާރު ކުރެއެވެ. ނުކިޔަވާ ތިބޭ މީހުން އެފަދަ މީހުން އިޚުތިޔާރު ކުރެއެވެ. އެއްވައްތަރެއްގެ ޢިލްމެއް ޙާޞިލުކޮށްގެން ތިބި މީހުން އެކުގައި އުޅެ އެޢިލްމެއް ނުވަތަ ހުނަރެއް ކުރިއެރުވުމަށް ތަފާތުމަސައްކަތްތައް ކުރެއެވެ. ޖަމާޢަތްތައް އުފައްދައެވެ.
 
ޤައުމުތަކަށް ބެލިނަމަވެސް މިކަން އޮތީ ހަމަ އެއްގޮތަކަށެވެ. އެއްވިސްނުމެއްގެންގުޅޭ އެއްމިސްރާބަކަށް ދަތުރުކުރާ ޤައުމުތައް އެކުވެ ޖަމާޢަތްތައް އުފައްދާފައި އެބަހުއްޓެވެ. ނޭޓޯ،އާސިއާން ފަދަ ޖަމާޢަތްތަކެވެ.
އެހެންކަމުން ލަނޑާތައް ބައިހަދާފައި ލަނޑާތަކާއެކު އުޅޭފަދއިން އެހެން ޖަނަވާރުތަކާ، އިންސާނުންވެސް ކަންތައްކުރަނީ މިބީދައިން ކަން މިބަހުން ދޭހަކޮށްދެއެވެ.

18. އެހެންމީހުން އަތުންގެންނަ ހެދުން ހެޔޮވަރެއް ނުވާނެއެވެ.


މިބަހުން ދޭހަކޮށްދެނީ އެހެންމީހުންގެ ވިސްނުމާއި އެމީހުން ކަންތައްތަކާމެދު ދެކޭގޮތް ގިނަފަހަރަށް ތިމާއަށް ކަމު ނުދާނެކަމެވެ. އެހެންމީހުންގެފަރާތުން އަންނަ ޚިޔާލުތަކާ ތިމާގެ އަމިއްލަ ޚިޔާލު ވަރަށްގިނަ ފަހަރު ފުށުއަރާގޮތް ދިމާވެއެވެ.

ކޮންމެ މީހެއްގެވެސް ފަރުދީ ތަފާތުތަކެއް ހުންނާނެއެވެ. ޖިސްމާނީ ތަފާތުތަކެއް ހުންނާނެއެވެ. ކުލައިގެ ތަފާތުތަކެއްވެސް ހުންނާނެއެވެ. އެހެންކަމުން އެހެންމީހެއްގެ ހެދުމެއް ގެނެސްގެން ލައިފިނަމަ އޭނަގެ ހުންނަ ރީތިކަމާ ފަރިކަން ނުފެނުމަކީ ވަރަށް ގާތްކަމެވެ. ސަބަބަކީ އެހެދުން އޭނާގެ ހަށިގަނޑަށް ހެޔޮވަރު ނުވާނެތީއެވެ.

ހަމައެފަދއިން އެހެންމީހުންގެ ޚިޔާލުތައް އެއީ ތިމާގެ ޚިޔާލުތަކެއްކަމަށް މަސައްކަތް ކުރަން އުޅުނަސް މިމައްސަލަ ދިމާވާނެއެވެ.
އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަޚިޔާލު ކަންކަމާމެދު ފާޅުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހްނމީހުންގެ ޚިޔާލު އެއީ ތިމާގެ ކިޔާލުކަމަށް ހަދައިން ފާޅުކުރުމަށްވުރެ އެގޮތް މާރަނގަޅެވެ.  

19.ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ.


ކޮންމެ މީހަކުވެސް އެމީހަކު ކުރާ މަސައްކަތެއް ކުރާންވާނީ އެމީހަކާ އެކަށީގެންވާ ފަދަ ގޮތަކަށެވެ. އެމަސައްކަތެއް ތިމާއާ އެކަށީގެންނުވާ ފަދަ މިންވަރަކަށް ފުޅާކޮށް ފަށައިފިނަމަ އެކަމެއް ނާކާމިޔާބުވުން ވަރަށް ގާތެވެ.
ތިމާއަށް ލިބޭމިންވަރު ދަނެގެން ހަޔާތުގެ ޚަރަދުބަރަދުތައް ހަމަޖެއްސުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެންނޫނީ ތީމާގެ ދިރިއުޅުމަކީ މަައްސަލަތަކުގެ ޙާއްޔަކަށް ވެދާނެއެވެ. މިހާރުގެ މުޖުތަމައަށް ބަލާއިރުވެސް އަހަރެމެންނަށް އެންމެ ބޮޑަށް ފެންނަކަމަކީ މިއީއެވެ. ލިބޭމިންވަރުން ނުފުދޭ ތަނެވެ. ދަރަންޏަށް އެތައްބައިވަރު ފައިސާއެއް ނަގައިގެން އެފައިސާތައް ރައްދު ނުކުރެވިގެން އުޅޭ މަންޒަރެވެ. އޭގެ ސަބަބުން ޙަޔާތަށް މާޔޫސްކަމާ ނުތަވަސްކަން މެދުވެރިވެގެން އުޅޭ މަންޒަރެވެ.

ކޮންމެ މީހަކުވެސް ބޭނުންވަނީ ޒަމާނީ ފަސޭހަ ތަކެވެ ތިމާއަކީ ފުދޭމީހެއްކަން ދެއްކުމަށްވެސް ބައެއްމީހުން ބޭނުްނވެއެވެ. އެހެންކަމުން ގޭގެ ބޮޑުކޮޓަރީއާ ބަދިގެ، އަދި ނިދާ ކޮޓަރިތަކަށް ޒަމާނީ ވަޞީލަތްތައް ހޯދައެވެ. ލޯނުނަގައިގެންނެވެ. މިކަންތައް ވެގެންދަނީ ކުރިއަށް ދިއުމަށް އެޅޭ ވަރަށްބޮޑު ހުރަހަކަށެވެ. ޢާއިލާގެ އަސްލު ބޭނުންތައް ފުއްދުމަށް ވެސް އެޅޭ ހުރަހަކަށެވެ.
 ކޮންމެ ކަމެއްކުރިކަމުގައިވިޔަސް އެކަމެއްކުރަންޖެހޭނީ ތިމާގެފެންވަރަށް ބަލައިގެންނެވެ. އެހެންނޫނީ ފަހުން ދެރަގޮތްކަކާ ކުރިމަތިލާން ޖެހުމަކީ އެކަށިގެންވާ ކަމެކެވެ. ކަންތައްތައްކުރަންވާނީ އެމީހެއްގެ ފެންވަރުންނެވެ.

20. ވައިގެ ތެރޭގައި ގަނޑުވަރު ބިނާ ނުކުރާށެވެ.


ޢިމާރާތްތައްކުރާއިރު ޢިމާރާތްކުރަންވާނީ ވަރުގަދަ ބިންގަލެއްގެ މަތީގައެވެ. އެހެންނޫނީ އެއިމާރާތެއްގެ ޢުމުރު އެހާދިގެއްނުވާނެއެވެ. ދާދިއަވަހަށް މަރާމާތުކުރަން ޖެހިދާނެއެވެ. އޭގެ ސަބަބުން ތިމާއަށް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިދާނެއެވެ. މިބަހުން ދޭހަކޮށްދެނީ ބޮޑު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ފަށަންވާނީ ވަރަށް ރަނގަޅަށް ރާވައިގެން ކަމެވެ. ކޮންމެ ފިޔަވަޅެއްގައި ކަންކުރާނެގޮތް ވަކިވަކިން ރާވަން ޖެހޭނެކަމެވެ.

ބައެއްމީހުން އެމީހުންނަށް ކަންކަން ކުރެވޭކަން އެހެންމީހުންނަށް ދެއްކުމަށް  މަސައްކަތްކުރެއެވެ. މިފަދަ މީހުން ވައިގެތެރޭގައި ގަނޑުވަރު ބިނާކުރެއެވެ. އެެހެންމީހަކު މުއްސަނދިކަމުގައި އުޅެތީ އެއުޅުން އުޅެވޭނެކަމަށް ހިކޮށްގެން އެގޮތަށް ކަންކަންކުރެވޭތޯ ބަލައެވެ. އޭގެ ސަބަބުން ހީވެސްނުކުރާފަދަ ދެރިގޮތްތައް ދިމާވެއެވެ. ބައެއްފަހަރަށް އެހެންމީހުންހގެ ކުރިމަތީގައި ތިމާ ބަދުނާމުވެ އަގުވެއްޓޭގޮތް ވެއެވެ.

ކިޔަވާކުއްޖަކަށް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދޭނީ އެކަމަށްޓަކއި މަސައްކަތް ކޮށްގެންނެވެ. އިމްތިހަނުން މިވެނި އެވެނި ވަނައެއް ހޯދާނަމޭ ކިޔައި ފޮނިބަސްތައްބުނަޏަކަސް އެކަމަށްޓަކައި މަސައްކަތް ނުކުރާކަމުގައި ވަނީނަމަ ރަނގަޅު ނަތީޖާއެއް ނުލިބޭނެއެވެ. ކިޔެވުމުގެ ރަނގަޅުއާދަތަކެއް ގެންގުޅެ، އެކަމަށްޓަކައި މަސައްކަތްކޮށް އިތުބާރާއި އެކު އިމްތިހާނު ހަދައިގެން މެނުވީ ކާމިޔާބެއް ނުލިބޭނެއެވެ. އޭނާ ކޮންމެ ކަމެއް ކުރާއިރުވެސް އިމްތިހާނާމެދު ވިސްނަންވާނެއެވެ. އެހެނަސް އޭނާއަކީ މާމޮޅު ކުއްޖެއްކަމުގައި ދެކިގެން އެއްވެސް މަސައްކަތް ނުކޮށްހުރެއްޖެނަމަ ނަތިޖާ ފެންނާނީ އިދިކޮޅަށެވެ.
އެހެން ކަމުން ކަނަތއްތައްކުރާއިރު އެކަމަކަށް ވިސްނާ އެކަމެއް ކުރާނެގޮތް ރަނގަޅަށް ރާވައިގެން އިތުބާރާއެކު އެކަން ކޮށްފިނަމަ ކާމިޔާބު ހޯދޭނެއެވެ. އެހެނަސް ރޭވުންތެރިކަމެއް ނެތި އެކަމެއްގެ ވާހަކަ ދައްކަމުން ހިނގިއަކަސް މާބޮޑު ކާމިޔާބެއް ނުލިބޭނެއެވެ.

(ނުނިމޭ.....)

ހަމަމިގަލަމުން

އިދާރާ

ވާހަކަ