އަދުގެ ޚާއްސަ

Print

މަގޭ މަގުމަތީ އިންޞާފު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު އަޖްމަލް ޙާމިދު

އަހަންނަށް އަނިޔާ ވެވިއްޖެއެވެ. އަހަރެން މިހުރީ ރުޅި އައިސްފައެވެ. އަހަރެންގެ މުދަލަށް އެމީހުން އަރައިގެންފިއެވެ. އަހަރެންގެ ފޯނު ގަދަކަމުން ޖަހައިގެންފިއެވެ. އަހަރެންގެ ގޭގައި ހުރި އަގު ބޮޑެތި މުދާ ރޭގަނޑުގެ އަނދިރީގައި ވަގަށް ނަގައިފިއެވެ. އަހަރެންގެ އަބުރާ އެމީހުން ބެހެފިއެވެ. އަހަރެން ދެރަވާފަދަ ނަންނަމުން އަހަންނާ މުޚާޠަބު ކޮށްފިއެވެ. އަހަރެންގެ އެކުވެރިންނާއި ގާތްތިމާގެ މީހުން ހިތުގައި ޖެހޭފަދަ ވާހަކަ އެމީހުންނާ ދިމާލަށް ގޮވައިފިއެވެ. އަހަރެންގެ އަބުރާ ބެހެފިއެވެ. އަހަރެންގެ އަންހެން ކޮއްކޮއާ ބެހެފިއެވެ. އަހަރެންގެ މަންމައާ ފޮށެފިއެވެ. ދައްތައަށް މަގުމަތީގައި ހިނގުން ދަތިކޮށްފިއެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާއަށް މައްލަވަކޮށްފިއެވެ. އަހަރެން މިހިރީ ވަރަށް ރުޅި އައިސްފައެވެ!

އެމީހުން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އެމީހުން ވަރުގެ ބަޔަކު ނެތިގެން އެއުޅެނީ މަމީވެސް ''ހަތަރު ކަށިމަތި'' މާލޭ މީހެކެވެ. އަހަރެންގެ ޢާއިލާ ބޮޑެވެ. މީސް ގިނައެވެ. އަހަންނާވެސް މާލޭގެ ބާރުވެރި މީހުންނާ ގުޅުން އޮވެއެވެ. "ފަތްބޮއެގެން" އަރުވާލާފައިހުރި އަހަރެންގެ ބޮޑުބެއަކީ އަދިވެސް ބާރުގަދަ ޖަމާޢަތެއްގެ ''ގަދަރުވެރި'' މީހެކެވެ. އަހަރެންގެ އަންހެން ކޮއްކޮ ރައްޓެހިވެގެން އުޅެނީ އެފަދަ ޖަމާޢަތެއްގެ ބޮޑަކާއެވެ. އަހަރެންގެ ދައްތަ އިނދެގެން އުޅެނީ އެފަދަ ޖަމާޢަތެއްގެ ހަރަކާތްތެރި މެމްބަރެއްގެ ދެބެންގެ ދެދަރި މީހަކާއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އެއްބަނޑު އެއްބަފާ ބޭބެއަކީ އެފަދަ ޖަމާޢަތަކަށް މާލީ އެހީދޭ ފަރާތެކެވެ.

އަހަރެންގެ ފޯނު ޖީބުން ނެގީ އެފަދަ މީހަކަށް ގުޅައި އަހަރެންގެ މުހުތާދާމެދު ހުށިޔާރު ކޮށްލުމަށެވެ. ނަމަވެސް ފޯނު ނަގަން ހަރަކާތްކުރެވިކުރެވި އޮތް އަތް މައިތިރިކުރީ ހިތުތެރޭ ގުގުމައިގެންދިޔަ ނިދާއެކެވެ. "އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިމަންރަސްކަލާނގެ އަމިއްލަ ޒާތުފުޅަށް އަނިޔާވެރިވުން ޙަރާމްކުރައްވައިފީމެވެ. އަދި އެއީ ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމް ކަމެއްކަމުގައި ކަނޑައަޅުއްވައިފީމެވެ! ފަހެ ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ!" 

އަހަރެންގެ ޙާލަތާމެދު ވިސްނައިލެވުނެވެ. މިއީ އަނިޔާއަކަށް ވެދާނެ ހެއްޔެވެ؟ އަހަރެން ބޭނުންވަނީ އިންޞާފެވެ. އެމީހުން އެކުރަމުން ގެންދާ ނޭއްގާނީ ޢަމަލުތަކުގެ ސަޒާ އެމީހުންނަށް ލިބުމެވެ. އެމީހުންނަށް އެކަމުގެ ރަހަ ބެލުމަށް މަޖްބޫރު ކުރުވުމެވެ. އެމީހުންނަކީ "މާ ބާރުގަދަ، މާ މާތް މީހުންނަށް" ވީތީއެވެ. އަހަރެން ބޭނުންވަނީ އެމީހުންގެ ކިބައިން އިންޞާފު ލިބިގަތުމެވެ. ކަމާ ބެހޭ ފަރާތްތަކަށް މިކަން ހުށަހަޅައިގެން ރީތި ގޮތުގައި މިކަން ކޮށްގެން އަހަރެންގެ ހިތުގައި އަނދަމުން މިދާ އަލިފާނުގެ ހޫނުން ހިކިފައިވާ ކަރުގެ އަލާ ނުކެނޑޭނެކަން ކަށަވަރެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އިންޞާފު އެމީހުންގެ މައްޗަށް ހިންގައިލާ އެމީސްމީހުން ބިންމަތި ކޮށްލާށެވެ. ދެން އެ އަތުން އިތުރު އެއްޗެއް ވަގަށް ނުނެގޭ ވަރަށް އެ އަތް ބަޅު ކޮށްލާށެވެ. ދެން އެލޮލުން އެހެން އަންހެނެއްގެ ރީތިކަމުން މީރުކަން ނުހޯދޭހެން އެލޯ ކަނުކޮށްލާށެވެ. ދެން އެދުލުން އެހެން އަންހެނަކަށް މައްލަވަ ނުކުރެވޭނޭ ފަދައިން އެދޫ ބުރިކޮށްލާށެވެ. ދެން އެ ހަތަރެސްފައިން ގޯހެއް ނުހެދޭނެހެން އެހަތަރެސްފައި ބިންދައިލައި މުޅި މީހާ ކޮއްމަސްބުރިއަކަށް ހަދައިލާށެވެ. ނޫނެކެވެ. އަހަރެން ބޭނުންވަނީ އެމީހުންގެ ލެޔެވެ. އަހަރެން ބޭނުންވަނީ އެމީހުންގެ ވަސް ފޮހެލާށެވެ. ޙައްޤުވަނީ އަހަންނާ އެކުގައި ނޫން ހެއްޔެވެ؟ އަހަރެންގެ އިންޞާފު އެމީހުންގެ މައްޗަށް ހިންގައިލާނަމެވެ.

އަހަރެން އަލުން ޖީބުން ފޯނު ނަގަން ދިމާކުރީ ހިތުތެރޭގައި އަނދަމުންދާ އަލިފާން އުތުރި އަރައަރާ ހުއްޓައެވެ. އަހަރެން  އެއިން މީހެއްގެ ނަންބަރު ހޯދާލުމަށް ފޯނުބުކް ސްކޮރޯލް ކޮށްލީމެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔަތަނާ ރަތް ފޯނަށް ފިއްތައިލާ ފޯންބުކުން ނުކުމެއްޖައިމެވެ. އެއަލިފާން ކަނިވެ ނިވިއްޖެއެވެ. ރުޅިވެރި ކަމުގެ އިޙްސާސް މޮޅިވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ. ހިތުތެރޭގައި ހިންގައިގެންދިޔަ ޝުޢޫރެއްގެ ސަބަބުންނެވެ. އަހަރެންގެ އަމިއްލަ ނަފްސު އަހަންނަށް މަލާމަތް ކުރިއެވެ. އަހަރެން ޣީރަތްތެރިކަމާއެކު އަހަންނަކީ މުސްލިމެކޭ ބުނެ އަޑު ވީއްލާއިރު އިމާންކަމުގެ އަސާސީ ބަހާއަކާ އަހަންނާ ތަޢާރުޟް ވެވިއްޖެއެވެ. އަހަރެންގެ ވިސްނުން މިދުނިޔޭގެ ވަގުތީ ހަޔާތަށްވުރެން ދުރަށް ދަތުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟

ފަހަރެއްގައި މިދުނިޔެއިން އަހަންނަށް އެކަށޭނަ އިންޞާފެއް ނުލިބިދާނެއެވެ. އަހަރެން އަނިޔާ ލިބިފައިވާ މީހެއްގެ ގޮތުގައި މިދުނިޔެ އަޅައިދާން ޖެހިދާނެއެވެ. ނަމެވެސް ކުރިޔަށް އެންމެ ޢަދުލުވެރި ދަރުބާރުގައި އެންމެ އިންޞާފުވެރި ފަރާތުގެ ނިޔާ އިއްވެވުން އޮތީ ނޫންހެއްޔެވެ؟ އަދި އެހެން ނޫނަސް އަހަންނަށް ލިބިފައިވާ އަނިޔާގެ ބަދަލުގައި އަހަރެން އަނިޔާވެރިވުމުން އެވީ ކޯއްޗަކަށް ހެއްޔެވެ؟ އަހަރެން އެމީހުންނަށްވުރެ ރަނގަޅުވޭ ހެއްޔެވެ؟ އަހަރެން މި ހިފާ ބަދަލަކީ އެ ލިބުނު އަނިޔާއާ އެކަށޭނަ ބަދަލެއް ހެއްޔެވެ؟ ނުވަތަ އަހަންނަށް ވެސް މި ވެވެނީ އަނިޔާ ނޫން ހެއްޔެވެ؟ ޙައްޤުނޫން މަގަކުން ޙައްޤެއް ހޯދިދާނެ ހެއްޔެވެ؟ އިންޞާފުވެރި ނޫން މަގަކުން އިންޞާފު ލިބިދާނެ ހެއްޔެވެ؟ އަހަރެން ހަތިޔާރު ރުކުރުވާލާ ހަމަލާދޭއިރު އަހަރެންގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރު އެމީހުންނަށް މަޚުމާ ފޮތިކޮޅަކަށް ލާފައި ތަބަކެއްގައިސ ދެވޭކަން އަހަންނަށް ނުވަތަ އެމީހުންނަށްވެސް ރޭކާލާ ހެއްޔެވެ؟ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ތެދުވެރި ދޫފުޅުން "އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން މާތް ﷲއާ އެދުޢާ ދެމެދު ފަރުދާއެއް ނުވެއެވެ."  ޙަދީޘް ނުކުރައްވާ ހެއްޔެވެ؟

އާނއެކެވެ. ޢިންޞާފުގެ މަގުން ކަސިޔާރުނުވެހުރެ އިންޞާފު ހޯދުމުގައި އަހަރެން ކެތްކުރާނަމެވެ. އެކަމުގައި ކެތްތެރި ވާނަމެވެ. އަދި އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވާނަމެވެ. އަދި މަދަދަށް އެދޭނަމެވެ. އެކަލާނގެ ފިޔަވައި މަދަދުދެއްވާ، ޙައްޤުގޮތުގައި ޙަޤީޤީ ދާއިމީ ނަޞްރެއް ދެއްވާ ފަރާތެއް ނުވެއެވެ.

(ނިމުނީ)

ފަންވަތުގެ ޚާއްޞަ ނޯޓު؛

ލިޔުންތެރިޔާ މި ލިޔުން ހުށަހަޅުއްވާފައިވަނީ، ލިޔުންތެރިޔާ ފިޔަވައި، ވަކިކަހަލަ ސުލޫކެއްގެ ވަކި ކަހަލަ އަޚުލާޤެއްގެ ޒުވާނެއްގެ ހައިސިއްޔަތުންނެވެ. އެ ޒުވާނާ ފާޅުކުރާ ޝުޢޫރުތަކެއްގެ ގޮތުގަ އެވެ. އޭނާ ބަޔާންކުރާ ބަސްތަކެއްގެ ގޮތުގަ އެވެ. ލިޔުމުގެ ދެވަނަ ޕެރެގްރާފުގައިވާ ''ހަތަރުކަށިމަތި'' މި ބަސް ގެންނަވާފައި އެވަނީ އެ ސަބަބަށްޓަކާ، ލިޔުންތެރިކަމުގެ ބައެއް ބާވަތުގައި  އޮންނަ ''ޝަޚްޞިއްޔަތު ބިނާ ކުރުން''  ގެ ހަމައިގެ މަތީން ކަމަށްވުން އެކަށީގެންވެ އެވެ. އެހެނީ ''ހަތަރުކަށިމަތި'' އެއީ ބަހުގެ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ބަހުގެ އަސްލަށް ފަސްލެވި ނޭނގުމުގެ ތެރޭން ނޫނީ އަސްލަށް ފުރައްސާރަ ކުރުމުގެ ތެރޭން އުފެދިފައިވާ ''ފުރައްސާރަ ބަހެކެވެ'' ތިކިޖެހިތާނައަށް ''ތިކިތެޅިތާނަ''، މެޖިސްޓްރޭޓަށް ''ނަޖިސްފުރޭތަ'' ކިޔާ ބަޔަކު ކިޔާ ބީދައިންނެވެ.

ފަންވަތުގެ މި ނޯޓުގެ ބޭނުމަކީ، މި ދެންނެވި ބަހުގެ އަސްލު އަޅުގަނޑަށް އެނގިފައިފައިވާ ގޮތަށް، ތިޔަ ބޭފުޅުންނާ ހިއްސާކޮށްލުމެވެ. އަލްފާޟިލް ޢަލީ މޫސާދީދީ (2003) ވިދާޅުވާ ގޮތުގައި އެ ބަސް ބޭނުން ކުރާ ޙަޤީޤީ ގޮތަކީ، '' ހަތަރު ފުށް ކިލަމިދި'' މި އެވެ. ނަމަވެސް މީން އެއްވެސް ބަހެއް ބަސްފޮތަކު ނެތެވެ. ވީމާ މި ބަހުގެ އަސްލު އޮޅުން ފިލުވުމުގައި އިތުރު ދިރާސާއަކަށް ބޭނުންވެ އެވެ.

ދިރާސާއަށްފަހު، އިރާދަ ކުރެއްވިއްޔާ އިތުރު ތަފުޞީލު  މާލަހެއްނުވެ މި ބައިގައި ހިމަނާނަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ