ބޭސްވެރިޔާ އެދުނު އިނާމު
މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ
ރަސްކަލަކަށް އާދަޔާ ޚިލާފު އާލާސްކަންފުޅެއް ޖެހުނެވެ. އެއާލާސްކަންފުޅަށް ވަރަށް ގިނަމީހުން އެކި ބާވަތް ބާވަތުގެ ބޭސްފަރުވާ ކުރިނަމަ ވެސް އެ އާލާސްކަންފުޅަށް ލުޔެއް ފަސޭހައެއް ނުވިއެވެ. އެކިމިންވަރުގެ އިނާމުތަކާއި ދަރަޖަތައް ދެއްވާނެކަމަށް ވިދާޅުވާތީ، ބޭސްހަދާނެމީހުން އޮހެމުން ދެއެވެ. އެއިން ކޮންމެ މީހަކުވެސް އެމީހަކުދަންނަ މޮޅު ދެތިންހަތަރު ބޭހެއް ހަދަ އެވެ. ނަމަވެސް ރަސްގެފާނުގެ އާލާސްކަންފުޅަކަށް [ ތަށަށްކިޔަނި މަރިޔަ ބުހޭ'' ވެސް ނުބުންޏެވެ.
އެއްދުވަހަކު ރަސްގެފާނުގެ އާލާސްކަންފުޅަށް ބޭސްފަރުވާކުރުމަށް އެދި މީހަކު އައިސްހުރިވާހަކަ ދެންނެވިއްޖެއެވެ. ދެން ރަސްގެފާނު އިޛުނަ ދެއްވުމުން އެމީހަކު ރަސްގެފާނުގެ އަރިހަށް ގެންދެވިއްޖެއެވެ. އެމީހަކު ފެނިވަޑައިގަތުމުން ރަސްގެފާނު ޙައިރާންފުޅުވި އެވެ. އެއީ އެމީހާގެ ކިބައިގައި އެއްވެސް ހައިބަތެއް ނުވަތަ ޖާޛުބިއްޔަތެއް ނެތުމުންނެވެ. އާދައިގެ ހެދުމެއްގައި ހުރި އާދައިގެ މީހެކެވެ. ބޭހެއް ނުވަތަ އެހެން ވެސް ކަމަކަށްވާ ކަހަލަ ކަމެއް ކުރެވިދާނެކަމާމެދު ރަސްގެފާނު ޝައްކުކުރެއްވިއެވެ. ދެން ރަސްގެފާނު އެމީހާއާއި ސުވާލު ކުރެއްވި އެވެ. ކަލެއަކީ ކޮންރަށެއްގެ ކޮންނަމެއްކިޔާ ކޮންދަރަޖައެއްގެ މީހެއްހެއްޔެވެ؟ އެމީހަކު ދެންނެވިއެވެ. އަޅުގަނޑަކީ ''ޠަބީބު ޙަސަން'' އެވެ. ހަމަ މިރަށުގެ އާދައިގެ މީހަކީމެވެ. ކޮށްއުޅެނީ އާދައިގެމީހުން ކުރާ މަސައްކަތެވެ. އިތުރު މޮޅު ނަމެއް، ކަމެއް ހުރި މީހެއް ނޫނެވެ. ރަސްގެފާނު ވިދާޅުވިއެވެ. طبيب حسن އެވެ. ކަލެއަށް ތިމަން ރަސްގެފާނުގެ މި ބައްޔަށް ރަނގަޅުވާކަހަލަ ބޭހެއް ފަރުވާއެއް ކުރެވިދާނެ ހެއްޔެވެ؟ طبيب حسن ދެންނެވިއެވެ. މާތްރަސްކަލާނގެ ދީލަތިވަންތަކަމާއެކު ރަސްގެފާނުގެ އާލާސްކަންފުޅު ފަސޭހަފުޅުކުރެއްވުމަށް އެކަލާނގެ ކުޅަދުން ވަންތައެވެ.
ދެން އޭނާ ބޭސްހެދުމަށް ބޭނުންވާތަކެތި ޙާޟިރުކުރުމަށް އެންގެވިއްޖެއެވެ. ރަސްގެފާނަށް ބޭސްކޮޅު ކުރުމަށް ގެނެވިފައިވާ ތަކެތި ވަރަށް ގިނައެވެ. އޭގެތެރެއިން އޭނާ ބޭނުންވާތަކެތި ނަގައި ބޭސްކޮޅެއް ތައްޔާރުކޮށްފި އެވެ. ބޯބޭހަކާއި އުނގުޅާ ބޭހެކެވެ. ދެތިންދުވަސް ވީއިރު ރަސްގެފާނަށް ލުއިފުޅުވާކަން އިޙްސާސް ކުރެއްވިއްޖެ އެވެ. ހަފުތާއެއް ވީއިރު މީހުންނަށް އެނގޭވަރު ވެއްޖެއެވެ. އެއްމަސްދުވަސް ވީއިރު ރަސްގެފާނުގެ އާލާސްކަންފުޅު ފަސޭހަފުޅުވެއްޖެއެވެ.
ރަސްގެފާނުގެ އާލާސްކަންފުޅު ފަސޭހަފުޅުވުން ރަސްގެފާނު طبيب حسن އަށް ވިދާޅުވިއެވެ. ކަލޭ އެދޭކަމެއް ބުނާށެވެ. އެކަމަކީ ތިމަން މަނިކުފާނަށް ކޮށްދެވެން އޮތްކަމެއް ކަމަށް ވާނަމަ އެކަމެއް ކޮށްދެއްވާހުށީމެވެ. ރަސްކަމުގެ އެއްބަޔަށް އެދުނު ނަމަވެސް ދޭހުށީމެވެ. މަޤާމުގެ ބޭނުމެއް ވާނަމަ ބޭނުން ކޮންމެ ވަޒީރުކަމެއް ވެސް ދެއްވާހުށީމެވެ. ބޭނުންވަނީ ރަންރިހި ޖަވާހިރު، އަލިމަސް ކަމުގައިވާނަމަ ސަރުކާރުގެ ޚަޒާނާގެ ދެބައިކުޅައެއްބައި ދެއްވާހުށީމެވެ. طبيب حسن ދެންނެވިއެވެ. ތިޔަވިދާޅުވާ ކަމަކުންކުރެ ކަމެއް ބޭނުމެއްނޫނެވެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ބޭނުންވާ ކޮންމެ ވަގުތެއްގައި ރަސްގެފާނުގެ ކަންފަތްޕުޅުދޮށަށް ގުދުވެ ތުންތަޅުވާލުމުން އާނއެކޭ ވިދާޅުވާފަދައިން އިސްތަށިފުޅު ހަލުވައިލެއްވުމެވެ. އަޅުގަނޑުގެ އިނާމަކީ ރަސްގެފާނު މިގޮތުގައި ދެމިހުންނެވުމެވެ.
ރަސްގެފާނު ހިތްޕުޅަށް އެރިއެވެ. މިއީ މޮޔައެއްބާއެވެ؟ އަގުހުރި އެތައް މޮޅުކަމެއްގެ ބަދަލުގައި އެ އެދުނީ ކަމަކަށްނުވާ ކަމަކަށެވެ. ރަނގަޅުތާ އެވެ. މަގޭ އަތަކުން އެއްޗެއް މަދެއް ވެސް ނުވާނެއެވެ. ރަސްގެފާނު ވަޢުދުވެވަޑައިގެންނެވި ފަދައިން ބޭސްވެރިޔާ އެދުނު އިނާމު އޭނާއަށް ދެއްވަވައިފިއެވެ. ހަރުބަހެއްގައި ބުނެފައި ވެއެވެ. ވަލުތެރެއަށް ވަދެއުޅޭއިރު ނުވަޑީންނަށް ފެންނާނީ ރުއްގަހެވެ. ވަޑިންނަށް ފެންނާނީ އޮޑިދޯނިފަހަރެވެ. އެއްގަހުން މައްޔަލެއް އަނެއް ގަހުން ކުނބުވައްގަނޑެއް އަނެއް ގަހުން ފައިވައް، ބުޑުވައް، ހަފޮޅު، މަތިކަން، މިހެންގޮސް އޮޑިދޯނިފަހަރުގެ ހުރިހައި ތަކެތި ހަމައަށް ރުއްގަހުގައި ހުންނާނެއެވެ.
ދެން ކަންވީގޮތް ދެކޭށެވެ. ދަރުބާރުގެ ވަގުތުގައި ރަސްގެފާނު ތަޚުތުގައި އިށީނދެވަޑައިގަތުމަށްފަހު އެއްވެސް މީހަކަށް ރަސްގެފާނު ވިދާޅުވިއްޔާނޫނީ ބަހެއްވެސް ދަންނަވާކަށް ނުކެރޭނެއެވެ. ބޮޑުވަޒީރަށްވެސް ރަސްގެފާނު ވިދާޅުވިއެއްޗެއް ފިޔަވައި އިތުރު އެއްޗެއް ނުދެންނެވޭނެއެވެ. ދަރުބާރުގެ ވަގުތުގައި ވަރަށް މީހުންގިނައެވެ. ނަވާބުން ތާޖިރުން ސައުދާގަރުން ޖާގީދާރުން ، ބިންވެރިން ، ދަނޑުވެރިން، ޢާންމުން ، ޚާއްޞުންނެވެ. ގިނަމީހުންނަކީ ކޮންމެވެސް ޝަކުވާއކައިގެން ހިނގާމީހުންނެވެ.
ގާތްގަނޑަކަށް ރަށުގެ ގިނަބައަކު ރަސްގެފާނުގެ އާލާސްކަންފުޅު ފަސޭހަކުރުމަށް ބޭސްކުރި ބޭސްވެރިޔާ އެނގެއެވެ. އޭނާ ބޭނުންވެއްޖެ ކަމަކަށް ރަސްގެފާނު ތަރުޙީބުދެއްވާނެ މިންވަރު ވަޒަންކުރެވެއެވެ. ދަރުބާރުވަގުތުގައި ރަސްގެފާނުގެ ކަންފަތްފުޅުދޮށުގައި ބޯތިރިކޮށްލާފައި ބަހެއްދެންނެވޭނެ އެއްވެސް މީހަކު طبيب حسن ފިޔަވައި ނުހުންނާނެކަން ވެސް އެނގެއެވެ.
މިޝަހަރުގެ ބޮޑުސައުދާގަރުކަލޭގެ ރަސްގެފާނުގެ ދަރުބާރަށް ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ކަމުގެ އެކޮޅުމިކޮޅު އެނގޭގޮތެއް ނުވެއެވެ. ސައުދާގަރު ހިތަށްއެރިއެވެ. އަހަރެން މިކަމުގައި ރަސްގެފާނަށް ބޭސްކޮޅުކޮށް އެރުވި ބޭސްވެރިޔާ މެދުވެރިވެއްޖެނަމަ މިކަން ހައްލުވެދާނެ އެވެ. ދެން ސައުދާގަރު އެރޭ ރޭއަނދި ގަދަވުމުން ހަތަރުކީސާ ޖަވާހިރު ހިފައިގެން ބޭސްވެރިޔާގެ ގެއަށް ހިނގައްޖެއެވެ. އެހަތަރުކީސާ ބޭސްވެރިޔާއަށް ހަދިޔާކޮށްފައި ނަންގަތެވެ. ޝަފާއަތް ވެދެއްވާށެވެ. ބޭސްވެރިޔާ ބުނުއްވިއެވެ. [ ތިޔަކަމުގައި އަޅުގަނޑަށް ވެވެންއޮތްކަމެއް ކޮށްދޭނަމެވެ. ނަމަވެސް ރަސްގެފާނަށް މިވެނިކަމެއް މިވެނިގޮތަކަށް ކުރާށޭ ނުވަތަ މިވެނިކަމެއް މިވެނިގޮތަކަށް ނުކުރާށޭ! މިކަހަލަ އެއްވެސް އަމުރެއް އަޅުގަނޑަކަށް ނުކުރެވޭނެއެވެ. ދެތިންދުވަހުގެ ތެރޭގައި ސައުދާގަރުގެ މައްސަލަ ސައުދާގަރު އެދޭގޮތަށްވެ ނިމިއްޖެއެވެ. ދެން މިކަންތައް މިހެން ހިނގާތާ ދުވަސްތަކެއް ވީއިރު މުޅިޝަހަރުގައިވެސް މިބޭސްވެރިޔާއަށްވުރެ ބޮޑު މަހުޖަނަކު ނެތެވެ. ސަރުކާރުގައި ވެސް މީނާއަށްވުރެ އެންމެ ލޯލާރިއެއްވެސް އިތުރެއް ނުވާނެ އެވެ. އަނެއްކޮޅުން ބޭސްވެރިޔާ އެދުނު އިނާމު އެ އެދުނު ފަދައިން ދެއްވުންވީ ރަސްގެފާނުގެ މައްޗަށް ރައްޔިތުން ކުރަމުންއައި އިތުބާރުގެއްލި ރަސްގެފާނުގެ ރަސްކަން ވެއްޓި ބޭސްވެރިޔާއަށް ރަސްކަން ލިބުމުގެ ސަބަބުކަމުގައެވެ.
(ނިމުނީ)