އުނގެނުމަކަށް ވަކި ޢުމުރެއް ނުވެއެވެ.
ކުޑަ ކުދިންގެ ވާހަކަ
ޝާކިރު
މިއީ މާކުރީގެ ޒަމާނެއްގެ ވާހަކައެކެވެ. މި ރާއްޖޭގެ މީހުން އިސްލާމްވީތާ ވަރަށް ކުރީކޮޅުގައި މިރާއްޖޭގައި ވަރަށްބޮޑު ދަންނަ ބޭކަލަކު އުޅުއްވިޔޯލަ އެވެ. މިދަންނަ ކަލޭފާނަކީ ކުދި ކުދި ފުށި ރަށްރަށަށް ދަތުރުކޮށް ދީނަށް ގޮވާލުމުގެ މަސައްކަތްކުރެއްވި ބޭކަލެކެވެ. އެއް ދުވަހަކު ކުޑަ ފަންސިގަނޑެއްގައި ކުރިދަތުރެއްގައި އޮޔާއި ވައިގަދަވެ ކަނޑުގަދަވެއްޖެ އެވެ. އެހެންކަމުން ދަތުރުކުރި މިސްރާބުން ފަންސިގަނޑު ދަށްވެއްޖެ އެވެ. އިރުއޮއްސުނު އިރަކު ދާންއުޅުނު ރަށަކަށް ނުދެވުނެވެ.
ދެން އެންމެ ފަސޭހައިން އަތުވި ހިކިފަސްތަނަކަށް އަރާބީދައިން ވަރަށް ކުޑަކުޑަ ފުށި ރަށްގަނޑަކަށް ފަންސިގަނޑު ބީއްސާލައިފި އެވެ. އެއްގަމުގައި ފައި ބަހައްޓައިލެވުމާއެކު، ކަނޑުރާޅުތަކާއި ރަށަށް ގޮނޑުކުރާ ބައިންޏާއި ޖެހޭގަދަވަޔަށް ފަސޭހަކަމާއެކު ނުގެންދެވޭ ހިސާބު އެއްގަމަށް ފަންސިގަނޑު ދަމާއެހެލައިފި އެވެ. އެ އަށްފަހު މިސްރާބު ޖެހީ ރަށުތެރެ އަށެވެ. މީނާ ގަމަށް އަރައިގެން ދިޔައިރު ފުރަތަމަ ދިމާވި ކުޑަކުޑަ ބޮނދި ގަނޑެއްގެ ވެރިފަރާތުން އެހީތެރިކަން ލިބިގެން އެރޭ އެތަނުގައި ބޯހިޔާކުރިއެވެ.
މެންދަމުން އަލިވިލުނުތަނާހެން ދަންނަކަލޭފާނު ނިދިން ތެދުވެންނެވުމާއެކު އެނާއަށް ލިބިލެއްވީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އޭނާއަށް ފެނިލެއްވީ މި ބޮނދިގަނޑުގެ ވެރިމީހާ، ބޮނދިގަނޑުގެ އެއްކަނެއްގައި ބޮޑު ރިނދައެއްގައި ދިއްލާފައި ހުރި ކުޑަކުޑަ ކާޅިވަކެއްގެ ފަނޑުއަލީގައި ކޮންމެވެސް ބޮޑުކަމެއްގައި މަޝްޣޫލުވެ އިންދައެވެ. ދަންނަ ކަލޭފާނު އެދިމާޔަށް ހިންގަވައިގަންނަތަން ފެނުމާއެކު ބޮނދިގަނޑުގެ ވެރިމީހާ ފުންމައިގެން ކޮޅަށް ތެދުވެ އަދަބުވެރިވި ރީތިކަން ފެނިފައި އިހުނަށްވުރެ ބޮޑަށް ދަންނަކަލޭފާނު ހައިރާންވެ ލެއްވިއެވެ.
ދަންނަކަލޭފާނު: ކާޅެއް ކޮވެއްޔެއް ވެސް ގޮވާނުލަނީސް ކަނޑު ލޮނުގަނޑަށް ކުރަންގެއްވެސް ތުންޖަހާނުލަނިސް މިހާ މާއިރާ މެންދަމުން އަލިވިލުނު ތަނުން އަރާމުނިދިކޮޅު ނަގައިލައި ތެދުވެ ކައްކަކާކޯ ގޮވާހާލާއި ކޮއްކޮޓާރު ލާ ކުކުޅާއި ވާދަކުރަމުން ތިޔަ ކުރަނީ ކޮންމަސައްކަތެއް ހެއްޔެވެ.
ބޮނދީގެ ވެރިމީހާ: ސާހިބާއެވެ. އަޅުގަނޑު މިކުރާ މަސައްކަތަކީ އަޅުގަނޑު އުފެދުނު އަސްލަށް ނިސްބަތްކުރެވޭ ވަރުމީހަކަށް ވެވޭތޯ ކުރާ މަސައްކަތެވެ. ސާހިބާއެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ވަރަށް ކުޑަދުވަހު ޔަތީމުވި ޔަތީމަކީމެވެ. އަޅުގަނޑު މައިންބަފައިންނަކީ އެޒަމާނުގައި މިއަދު މަސާހިބުފަދައިން ޖާހާއި ގަދަރު އުފުލިގެންވީ ބައެކެވެ. މިއަދު އަޅުގަނޑަކީ އެނިސްބަތުން ކުނބުރާން ގޮތްވަކީމެވެ. ކުރާ މަސައްކަތް ތިޔަ ދެކެވަޑައިގަންނަވަނީއެވެ. އަޅުގަނޑު ދުވާލު ތިންއިރު ރުކަށް ދަމެވެ. ރުއް ރާކުރަނީއެވެ. ލިބޭ ރާފޮދު ހިލާ ވަރުކޮށް ހަކުރަށް ހަދަމެވެ. ހިކިދިޔާގައި ފަރަށް ދަމެވެ. ލިބޭ ބޮލިކޮޅު ގެނެސް ކުނިފިލުވާ ބޭރުން އަންނަ ދަތުރުވެރިންނަށް ވިއްކަމެވެ. މީގެ އިތުރުން ފަރުކެޔޮޅުކަން ކުރަމެވެ. ލިބޭ މަސްކޮޅުން ބައެއް ކައްކާ ހިއްކަމެވެ. އަނެއްބައި ލޮނުއަޅެމެވެ. ވަލަށް ގޮސް ރުއްދޮށަށް ފައިބާފައި ހުންނަ ކާއްޓާއި ފަންއެއްކުރަމެވެ. ގެންނަ ފަނުން އެއްބައި ފަން ކިރިއްސައި ފަންގިވިންނަމެވެ. އަނެއްބައިފަން ބިތްފަނުގެ ގޮތުގައި ބޮނޑިބަދެ ބަހައްޓަމެވެ. ބޭނުން ޖެހިގެން އަންނަ މީހުނަށް ދީ ވިއްކުމަށެވެ. ފަނުގެ އޮށިތަކުން ބައެއް ބުރިބުރިކޮށް ބައިބައަށް ބަނދެ ވިއްކަމެވެ. އަނެއްބައި އޮށި ހުރިގޮތަށް ބޮނޑިބަނދެ ފުޅައް އެޅުމަށާއި ބިތްގެތުމަށް ވިއްކަމެވެ. ރުކު ކުރިގަނޑު ސާފުކޮށް ލިބޭ އިލާތަކާ ފުޅަފިތަކާއި އިހާގޮނޑިތަކުން އެންމެ އެކަށޭނަ ބޭނުމެއް ހިފޭތޯ މަސައްކަތްކުރަމެވެ. އިލާތައް ސާފުކޮށް ކިރުފެލައި ތެޔޮފެލަން ބޭނުންކުރެވޭގޮތައް ތައްޔާރުކުރަމެވެ. އަދި ފުޅަފިތަކުން މަހަށް ފެންލާ ފެންފުޅަފި ހަދަމެވެ. އިހާގޮނޑިތައް ހިއްކާ އުނދުނުގައި އަންދަން ބޭނުންކުރަމެވެ. ރުއްދޮށުން ހޮވާކާށިކޮޅު ހެހެ ބޮބިތައް ހިފައިގެން ފަލަށް ދަމެވެ. ފަލުގައި އަޅާ ބޮނބި ފާވުމުން ބޮނބި ތަޅައި ނަރު ހަދަމެވެ. ދެން އެދޮވެ ހިއްކަމެވެ. ނަރުން ލީލި އަޅަމެވެ. ރޯނުވަށަމެވެ. ބޮނބިތަޅައިގެން އުފެދޭ ކިފުޅި އޮޑި ދޯނިފަހަރު ކޮޅައި މަދަން އެޅުމަށް ބޭނުން ކުރާނެ ކިފުޅިފޯލި ވަށަމެވެ.
ދަންނަކަލޭފާނު: ދެން ދެނޯ! މިހާރު ކައިރީގައި ތިހިރަ ބޮޑެތި މުންނާރުތަކެއް ކަހަލަ ބޯ ފޮތް ތަކޯ؟
ބޮނދީގެ ވެރިމީހާ: ސާހިބާ! މިއީ، އަޅުގަނޑަށް ލިބިފައިނެތް ކަމަށް މަސާހިބަށް ދެންނެވި އަޅުގަނޑު މައިންބަފައިން ކިބައިގައިވާ ހުނަރެވެ. އަޅުގަނޑު މިމަސައްކަތްކުރަނީ ﷲ ގެ ރަޙުމަތާއި ވާގިފުޅާއި ލައިގެން މި ހުނަރުވެރިކަން ލިބޭތޯއެވެ. މިކަމުން އަޅުގަނޑަކީވެސް އަޅުގަނޑުގެ އެހެން އަޚުންނާއި އުޚުތުން ފަދައިން އަޅުގަނޑު އުފެދުނު އަސްލަށް ނިސްބަތްކުރެވޭ ވަރުގެ މީހަކަށް ވެވޭތޯ ކުރާމަސައްކަތެވެ.
ދަންނަކަލޭފާނު: (ޙައިރާންކަން އިންތިހާއަށްގޮސްފައި) ދިރިއުޅުމަށް ދެންމެ ތިބުނި ހުރިހާ މަސައްކަތެއް ކޮށްފައި، ކިޔެވުމަށް ޚިޔާލުކުރާއިރު މިހާރު ކަލޭގެ އުމުރު!
ބޮނދީގެ ވެރިމީހާ: މަސާހިބަށްވުރެ އަޅުގަނޑު ޢުމުރުން ދޮށި ނަމަވެސް، އަޅުގަނޑު ޢަޒުމާއި ގަދަ ހިތްވަރާއިއެކު ކުރާކަންކަމުގައި ސަބަބުގައި ހިފުމާއެކު ﷲ ގެ ކިބަފުޅަށް ތަވައްކުލް ކުރުމުން ފިލާނުދަމެވެ. އެއީ، އުންމިއްޔުންގެ ތެރެއިން ރަސޫލަކު ފޮނުއްވި ކުޅަދުންވަންތަ އިލާހެވެ. އަދި އެކަލާނގެއީ އެކަލާގެ އިސްމުފުޅުގެ ބަރަކާތުން ކިޔެވުމަށް އަމުރުކުރެއްވި ކަލާނގެއެވެ. އެއީ، އިންސާނާ ނުދަންނަ ކަންތައް އިންސާނާއަށް އުނގަންނަވާ ދެއްވާ ކަލާނގެއެވެ. އެއީ، ދަތިތަކާއެކު ތަނަވަސްކަން ވެއޭ ވަޙީކުރެއްވި ރަސްކަލާނގެ ކަން މަސާހިބު ހަނދުމަނެތުނީތީވެ އަޅުގަނޑު ހާދަ ދެރަވެއްޖައީމެވެ.
ދަންނަކަލޭފާނު: ހަމަ އެކައްޗެއް އަނގައިން ނުބުނުއްވާ އިސްއޮބާލައްވައިގެން ހުންނަވާފައި ހިންގަވައިގަންނަވަމުން ފުންނޭވަ އަކާއެކު "އާ! އަހަރެންގެ ލޯ މިހާރު ހުޅުވިއްޖެއޭ، ނިދިފިލައްޖެއޭ، އެނގިއްޖޭ،" އާހު ގެ ރާގެއްގައި ވިދާޅުވިއެވެ.
(ނިމުނީ)