އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (12)
13 ޖެނުއަރީ (ބުރާސްފަތި)އާ ގުޅޭ.......
6 ވަނަ ބާބު – ޢަރަބި އިޒްރޭލުގެ ހަނގުރާމަތަކާއި ކުރިމަތިލުންތައް (ށ)
އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް
ތިންވަނަ ޙާދިސާއަކީ މަޝްހޫރު ޕީއެލްއޯ ނުވަތަ ޕެލަސްޓައިން ލިބަރޭޝަން އޯރގަނައިޒޭޝަން އުފެދުމެވެ. މި ޖަމްޢިއްޔާ އުފެދުނީ 1964 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެއިރު ޖޯރޑަން ނުވަތަ އުރުދުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޤުދުސްގައި ބޭއްވުނު ފަލަސްޠީނީ ޢަރަބީންގެ ލީޑަރުންގެ ބައްދަލުވުމެއްގައެވެ. ޕީއެލްއޯގެ ފުރަތަމަ ޗެއަރމަން ކަމުގެ މަޤާމަށް އިންތިޚާބު ކުރެވުނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަޙުމަދު ޝުޤައިރީ އެވެ.
އެންމެ ފުރަތަމަ ޕީއެލްއޯގެ ފަރާތުން ބަލަމުން ގެންދިޔައީ ފަލަސްޠީނީ
ޢަރަބީންގެ ދައުލަތެއް އެކުލަވާލުމަށްޓަކައި ފަތަޙް ޖަމާޢަތްފަދަ
ފަލަސްޠީނީ ފިދާއީންގެ ޖަމާޢަތްތަކާ ވަކީން މަސައްކަތް ކުރަމުން
ގެންދިޔުމަށެވެ. ނަމަވެސް މަޑުމަޑުން މި ސިޔާސަތު ބަދަލުވެގެން ދިޔައެވެ.
1966 ވަނަ އަހަރު ޕީއެލްއޯއާއި ފަތަޙް ޖަމާޢަތުގެ ލީޑަރުންގެ މެދުގައި
އެއްބާރުލުމުގެ ދައުރެއް ފެށިގެން އައެވެ.
މި ކަހަލަ ގޮތެއްގައި ދުވަސްތަކެއް ވެއަތުވުމަށްފަހު މިޞުރު
ސިފައިން ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވާން ފެށީ 1967 ވަނަ އަހަރުގެ
މޭ މަހުގެ ކުރީކޮޅު ރޫސީ ވިލާތުން ދިން މައުލޫމާތެއްގެ ސަބަބުންނެވެ.
ރޫސީން އެންގި ގޮތުގައި އިޒްރޭލުގެ ސިފައިން ދިޔައީ ސީރިޔާގެ ސަރަޙައްދީ
ރޮނގު ކައިރިއަށް ޖަމާވަމުންނެވެ. މޭ މަހުގެ 14 ވަނަ ދުވަހު މިޞުރު
ސަރުކާރުން އެ ޤައުމުގެ ޢަސްކަރީ ފައުޖުތައް ތައްޔާރީ ޙާލަތަށް
ގެނެވިފައިވާކަން އިޢުލާން ކުރިއެވެ. އޭގެ ދެ ދުވަސްފަހުން މިޞުރުގެ
ރައީސް ޖަމާލް ޢަބްދުއް ނާޞިރު އދ. ގެ ސެކްރެޓަރީ ޖެނެރަލް ޔޫ ތޭންޓަށް
އެންގެވީ ސީނާގެ ސަހަރާއާއި މިޞުރުގެ ބާރުގެ ދަށުގައި އޮތް ފަލަސްޠީނުގެ
ޣައްޒާގައި ތިބި އދ. ގެ ސުލްހަ ބަލަހައްޓާ އޮބްޒާރވަރުންގެ ހުރިހާ
ޖަމާޢަތްތަކެއް އެ ސަރަޙައްދުތަކުން ބޭރުކުރުމަށެވެ. އިތުރު
ވާހަކަދެއްކުންތަކަކަށް ވަޑައިގަތުމަކާ ނުލައި ސެކްރެޓަރީ ޖެނެރަލް ތޭންޓް
މި އެންގެވުމާ އެއްގޮތަށް ޢަމަލު ކުރައްވައި މިޞުރާއި ސީރިޔާގެ
ސަރަޙައްދުގައި ތިބި އދ. ގެ ހުރިހާ އޮބްޒާރވަރުން ބޭރުކުރެއްވިއެވެ.
އެއަށްފަހު މިޞުރުގެ ސިފައިންނާއި ހަތިޔާރު ސީނާގެ ސަހަރާގެ ހުރިހާ
ތަންކޮޅެއްގައި މަރުކަޒު ޤާއިމުކުރަން ފެށިއެވެ. އެގޮތުން އެއްލައްކަ
ސިފައިންނާއި 1000 ޓޭންކާއި އިތުރު ހަތިޔާރުތައް ސީނާގެ ސަހަރާގެ އެކި
ސަރަހައްދުތަކުގައި ރުކުރުވައިލެވުނެވެ. މޭ މަހުގެ 22 ވަނަ ދުވަހު
މިޞުރުގެ ޝަރްމުއް ޝައިޚްގައި ހުންނަވައިގެން ރައީސް ނާޞިރު އިޢުލާން
ކުރެއްވީ ގަލްފް އޮފް ޢަޤަބާއާއި ސްރްރެއިޓް އޮފް ޓައިރާން އިޒްރޭލުގެ
އެންމެހައި އުޅަނދުފަހަރާއި، އިޒްރޭލަށް މުދާ އުފުލާ ހުރިހާ އުޅަނދުތަކަށް
ބަންދުކުރެވިފައިވާ ކަމުގައެވެ. މި ފިޔަވަޅާ ގުޅިގެން އިޒްރޭލުގެ ބޮޑު
ވަޒީރު ލާވީ އެޝްކޮލް ވިދާޅުވީ ކަނޑުމަގުން އިޒްރޭލަށް ސަޕްލައި ލިބެން
އޮތް މަގުތައް ބަންދުކުރުމަކީ އިޒްރޭލާ ދެކޮޅަށް ދެވޭ އަސްކަރީ ޙަމަލައެއް
ކަމުގައި ބައްލަވާނެ ކަމުގައެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން
ކުއްލި ބައްދަލުވުންތަކެއް ބާއްވައި މިޞުރާ ދެކޮޅަށް ފިޔަވަޅުތަކެއް
އަޅަން މަޝްވަރާކުރިއެވެ. ނަމަވެސް މިފަދަ އެއްވެސް ފިޔަވަޅެއް އެޅޭގޮތް
ނުވީ ރޫސީންގެ ވީޓޯގެ ސަބަބުންނެވެ. މޭ މަހުގެ 30 ވަނަ ދުވަހު އުރްދުންގެ
ރަސްގެފާނު ޙުސައިން ބިން ޠަލާލް މިޞުރަށް ވަޑައިގެން މިޞުރާ އެކުގައި
ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން
ހަނގުރާމައެއް ފެށިއްޖެ ޙާލަތެއްގައި ޢިރާޤުގެ ފައުޖުތައް އުރުދުންގެ
ތެރެއިން ލައިގެން ފަލަސްޠީނަށާއި މިޞުރަށް ދަތުރުކުރުމުގެ ހުއްދަ
ދެއްވުމަށާއި، އުރުދުންގެ ލަޝްކަރުތައް މިޞުރުގެ ކޮމާންޑުގެ ދަށަށް
ދޫކުރައްވަން ޙުސައިން އެއްބަސްވެވަޑައިގަތެވެ. މި ބައްދަލުވުމުގައި
ޕީއެލްއޯގެ ޗެއަރމަން ޝުޤައިރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޢަރަބީން
އެކައްޗެއް ކިޔައި، އިޒްރޭލާ ދެކޮޅަށް ގުޅިފައިވާ އަސްކަރީ ޙަރަކާތެއް
ފެށުމުގެ ކުލަވަރު ފެނިގެން ދިޔުމުން އިޒްރޭލުގައި ޤައުމީ
އެއްބައިވަންތަކަމުގެ ވަގުތީ ސަރުކާރެއް ޤާއިމު ކުރެވުނެވެ. މި
ސަރުކާރުގައި ޔަހޫދީންގެ ތެރެއިން ހަރުކަށިކަމުގައި ހައްދުފަހަނައަޅާފައި
ތިބި އެތައް ލީޑަރުންނެއް ހިމެނުނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ދެ
ބޭފުޅުންނަކީ އިދިކޮޅު ލިކޫޑް ޕާރޓީގެ ޒައީމް، އަދި އިރްގުން ޓެރަރިސްޓް
ގޭންގުގެ ލީޑަރެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އުޅުއްވި މެނާހިމް
ބޭގިނާއި، މަޝްހޫރު އަސްކަރީ ކޮމާންޑަރ ޖެނެރަލް މޯޝޭ ދަޔާނެވެ. ދިފާޢީ
ވަޒީރެއްގެ މަޤާމު އެރުވުނީ ޖެނެރަލް ދަޔާނަށެވެ.
ހަނގުރާމަ
ފެށުނީ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 8:45 ގައެވެ. ހަމަލައިގެ
ވަގުތު ކަނޑައެޅުމުގައި އިޒްރޭލުގެ ކޮމާންޑަރުން ވިސްނާފައި ވަނީ މިޞުރުގެ
ވައިގެ ލަޝްކަރުގެ ބޯޓުތަކުގެ ތެރެއިން ވީހާވެސް ގިނަ ބޯޓެއް
ގްރައުންޑްކޮށްފައި ތިބޭނޭ ގަޑިއަކަށެވެ. އަދި މިޞުރުގެ ކޮމާންޑަރުންގެ
ތެރެއިން ވީހާ ގިނަ ބޭފުޅުން ހެނދުނު އޮފީހަށާއި ކޮމާންޑް ސެންޓަރުތަކަށް
ވަޑައިގެންނެވުމަށްޓަކައި މަގުމަތީގައި އުޅުއްވާނޭ ވަގުތަކަށެވެ. މީގެ
އިތުރަށް އިޒްރޭލުގެ ބޯޓުތައް އުދުހިފައިވަނީ އެބައިމީހުން ޙަމަލާ ދޭނެ
ކަމަށް އެއްގޮތަކަށްވެސް ބެލެވިފައި ނުވާ ދިމަދިމާއިންނެވެ. އެހެންކަމުން
އިޒްރޭލުގެ މަތިންދާބޯޓުތަކުން ދޭން ފެށި ވަރުގަދަ ޙަމަލާތައް ވެގެން
ދިޔައީ މިޞުރު ސިފައިންނަށް ލިބުނު ކުއްލި ޝޮކަކަށެވެ. ޙަމަލަ ދޭން ފެށިތާ
ދެތިން ގަޑިއިރުގެ ތެރޭގައި އިޒްރޭލް ސިފައިން މިޞުރުގެ ގްރައުންޑް
ކޮށްފައި އޮތް ވައިގެ ލަޝްކަރުގެ 340 ބޯޓުގެ ތެރެއިން 309 ބޯޓު
ހަލާކުކޮށްލިއެވެ. އިޒްރޭލުގެ ބިމުގެ ފައުޖުތައް ޙަރަކާތްތެރިވާން ފެށީ
ވައިގެ ޙަމަލާތަކުގައި މިޞުރުގެ ވައިގެ ލަޝްކަރު އެކީގައި ކަހަލަ ގޮތަކަށް
ފުނޑުފުނޑުކޮށްލައި، ސީނާގެ ސަހަރާގައި ޤާއިމު ކުރެވިފައިހުރި ދިފާޢީ
މަރުކަޒުތައްވެސް ގާތްގަނޑަކަށް މުޅީން ހަލާކު ކޮށްލުމަށް ފަހުގައެވެ.
އެހެންކަމުން އިޒްރޭލު ސިފައިންގެ ކުރިއެރުން ހުއްޓުވުމުގައި މިޞުރުގެ
ލަޝްކަރުތަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ދާދި އަވަހަށް އިޒްރޭލުގެ
ސިފައިން ސީނާގެ ސަހަރާއާއި ފަލަސްޠީނުގައި މިޞުރުގެ ބާރު އޮތް ސަރަހައްދު
ކަމުގައިވާ ޣައްޒާ ހިފިއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ހަ
ދުވަހުގެ ހަނގުރާމަ ފެށުނު އިރު ފަލަސްޠީނީ ޢަރަބީން ގިނަ ޢަދަދަކަށް
އުޅެމުން ގެންދިޔަ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް އޮތީ އުރުދުންގެ
ބާރުގެ ދަށުގައެވެ. އުރުދުންގެ ޝާހީ ޢާއިލާއިން އެންމެ ފުރަތަމަ
ދުވަހުއްސުރެވެސް އަމިއްލަ އެދުންތަކަށްޓަކައި ޒައިނިސްޓުންނާ އެކުގައި
ގުޅުންތައް ބާއްވާފައި ވެއެވެ. އެހެންކަމުން ޢަރަބި އެހެން ޤައުމުތަކާ
ޚިލާފަށް އިޒްރޭލާއި އުރުދުންގެ ދެމެދުގައި އޮތް ދެނެގަތުންވެސް ބޮޑެވެ.
ހަނގުރާމަ ފެށުމާއެކު އިޒްރޭލުން އުރުދުންގެ ރަސްގެފާނު ޙުސައިނަށް
ހަނގުރާމައިގެ ތެރެއަށް ވެދެވަޑައިނުގެން އެއްފަރާތުގައި ހުންނެވުމަށް
އެންގިއެވެ. އަދި އެގޮތުން އުރުދުންގެ ބާރުގެ ދަށުގައި އޮތް ފަލަސްޠީނުގެ
ސަރަޙައްދުތައް އިޒްރޭލުގެ ހަމަލާތަކުން ސަލާމަތް ކުރެވޭނެ ވާހަކަވެސް
އެންގިއެވެ. ނަމަވެސް މައިގަނޑު ދެ ސަބަބަކާ ހުރެ ޙުސައިން ރަސްގެފާނު
ނިންމެވީ އިޒްރޭލާ ދެކޮޅަށް އިސްވެ ހަމަލާ ދެއްވުމަށެވެ. ފުރަތަމަ
ސަބަބަކީ މިޞުރާ އެކު ކުރެވިފައިއޮތް ދިފާޢީ އެއްބަސްވުމެވެ. މި
އެއްބަސްވުމުގެ ދަށުން ރޭވިފައި އޮތީ އިޒްރޭލާ ދެކޮޅަށް ދެވޭ ޙަމަލައިގައި
މިޞުރާއި ސީރިޔާއާ އެކުގައި އުރުދުންވެސް ބައިވެރި ވުމަށެވެ. މި
އެއްބަސްވުމާ ޚިލާފުވެވަޑައިގެންފިނަމަ ޢަރަބި ދުނިޔޭގަޔާއި، އުރުދުންގެ
ޢާއްމު ރައްޔިތުންގެ ތެރޭގައި ޙުސައިން ރަސްގެފާނަށް
ކުރިމަތިވެވަޑައިގަންނަވާނޭ މަލާމާތާއި ދެކޮޅުހެދުންތަކާ މެދުގައި އޭނާ
ވަރަށް ބޮޑަށް ވިސްނެވިއެވެ. ދެވަނަ ސަބަބަކީ މިޞުރުން އުރުދުނަށް ދިން
ދޮގު މަޢުލޫމާތެވެ. ބުނެވޭ ގޮތުގައި ހަނގުރާމަ ފެށުމާއެކު ރައީސް ނާޞިރުގެ
އެންގެވުމުގެ މަތީން މިޞުރުގެ އަސްކަރިއްޔާއިން އުރުދުނަށް މަޢުލޫމާތު
ދެމުން ގެންދިޔައީ ސީނާގެ ސަހަރާގައި މިޞުރު ސިފައިން ބޮޑެތި
ކާމިޔާބުތަކެއް ހޯދަމުން ގެންދިޔަ ކަމުގައެވެ.
ކޮންމެއަކަސް މި
ދެންނެވި ދެ ސަބަބާއި، އަދި އެހެން ބައެއް ސަބަބުތަކާވެސް އެކު ޙުސައިން
ރަސްގެފާނު ނިންމެވީ އިސްވެ ޙަމަލާ ދެއްވުމަށެވެ. އެގޮތުން ހަނގުރާމަ
ފެށުނުތާ ތިން ގަޑިއެއް ހައި އިރު ފަހުން އިރުމަތީ ޤުދުސްގައި އޮތް
އުރުދުންގެ ފައުޖުތަކުން ޝަހަރުގެ ހުޅަނގު ފަރާތުގައި ތިބި އިޒްރޭލް
ސިފައިންގެ މަޤާމުތަކަށް މޯޓަރު ބަޑީންނާއި ބޮޑު ބަޑީން ހަމަލާދޭން
ފެށިއެވެ. އެއާއެކު އުރުދުންވެސް ހަނގުރާމައިގެ ތެރެއަށް ވަނެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ވައިގެ ލަޝްކަރު އުރުދުނާ ދެކޮޅަށް
ވަރުގަދަ ޙަމަލާތަކެއް ދޭން ފެށިއެވެ. ހަވީރު ވާންވާ އިރަށް ދާދި
ފަސޭހަކަމާއެކު އެބައިމީހުން އުރުދުންގެ ވައިގެ ލަޝްކަރާއި ދިފާއީ ނިޒާމު
މުޅީން ހަލާކުކޮށްލިއެވެ. އެރޭގެ ދަންވަރު އިޒްރޭލުގެ ބިމުގެ ސިފައިން
އިރުމަތީ ޤުދުސްއާއި ހުޅަނގު އައްސޭރިއަށް ހަމަލަދޭން ފެށިއެވެ. ޖެހިގެން
އައި ދުވަހުގެ އިރު އެރިއިރު އެބައިމީހުން ތިބީ އިރުމަތީ ޤުދުސް
ވަށާލައިގެންނެވެ.
ހަނގުރާމައިގެ ދެވަނަ ދުވަހުވެސް އިޒްރޭލްގެ
ވައިގެ ލަޝްކަރުން މިޞުރާއި އުރުދުނާއި ޚާއްސަކޮށް ސީރިޔާއާ ދެކޮޅަށް
ވަރުގަދަ ޙަމަލާތައް ދެމުން ގެންދިޔައެވެ. މި ދުވަހުގެ ޙަމަލާތަކުގައި
ސީރިޔާގެ ވައިގެ ލަޝްކަރުގެ ތިންބައިކުޅަ ދެބައި ސުންނާފަތި ވެގެން
ދިޔައެވެ. އެގޮތުން ޢަރަބީންގެ ވަރަ ބިންދާލުމަށްފަހު އިޒްރޭލުގެ ވައިގެ
ލަޝްކަރު ގެންދިޔައީ މުޅި ސަރަޙައްދުގައި ހިތުހުރި ގޮތަކަށް
އުދުހެމުންނެވެ. އެބައިމީހުންގެ ބިމުގެ ފައުޖަށް ބޭނުންވާނޭ ވައިގެ
ސަޕޯރޓް ފުރިހަމަޔަށް ފޯރުކޮށްދެމުންނެވެ. ހަނގުރާމައިގެ ތިންވަނަ ދުވަހު
އިޒްރޭލުގެ ބިމުގެ ފައުޖުތައް އިރުމަތީ ފަރާތުން ކުރިއަރައި، ޤުދުސްގެ
އިތުރުން ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބަކުން އުރުދުންގެ ސިފައިން
ބޭރުކޮށްލިއެވެ. އެއަށްފަހު އދ. ގެ އިސްނެގުމުގެ މަތީން އުރުދުންގެ
ސަރުކާރުން އިޒްރޭލާއެކު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއްގައި
ސޮއިކުރިއެވެ.
ޖޫން މަހުގެ 8 ވަނަ ދުވަހު އިޒްރޭލުގެ ލަޝްކަރު ސީނާގެ
ސަހަރާ އެކީގައި އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މިޞުރުގެ ސުއޭޒް
ކެނެލްއާ ހަމަޔަށް ކުރިއެރިއެވެ. އެއަށްފަހު އިޒްރޭލު ސިފައިން ދިމާކުރީ
ސީރިޔާއާއެވެ. ޖޫން މަހުގެ 9 ވަނަ ދުވަހު އިޒްރޭލުގެ ބިމުގެ ލަޝްކަރުގެ
ފައުޖުތައް ގޯލާން ހެއިޓްސްއާ ދިމާއިން ކުރި އަރަން ފެށިއެވެ. ފަހު
ދުވަހުގެ ހަވީރު ވެގެން އައި އިރު ގޯލާން ހެއިޓްސް އޮތީ އިޒްރޭލުގެ ބާރުގެ
ދަށުގައެވެ. އެހެންކަމުން ސީރިޔާވެސް ބަލި ޤަބޫލުކޮށް އެ ދުވަހުގެ އިރު
އޮއްސި 6:30 ގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ނަމަވެސް މި ހިސާބަށް އައި އިރު ހަނގުރާމަ އޮތީ ނިމިފައެވެ.
ހަ
ދުވަހުގެ ހަނގުރާމައަކީ އެ ހަނގުރާމައެއްގެ ސަބަބުން ޢަރަބި އިޒްރޭލުގެ
މައްސަލަ މުޅީން އާ ފައްތަރަކަށް ދިޔަ ހަނގުރާމައެކެވެ. އިޒްރޭލު
އުފެދުނީއްސުރެ އުރުދުނާއި މިޞުރުގެ ބާރުގެ ދަށުގައި އޮތް ފަލަސްޠީނުގެ
ސަރަޙައްދުތަކާއި ސީރިޔާގެ ބައެއް މި ހަނގުރާމައިގައި އިޒްރޭލުގެ ބާރުގެ
ދަށަށް ދިޔައެވެ. އެއާއެކު ފަލަސްޠީނުގެ 1.3 މިލިއަން ރެފިޔުޖީން އުޅެމުން
ގެންދިޔަ ރެފިޔުޖީ ކޭމްޕްތައްވެސް އިޒްރޭލުގެ ބާރުގެ ދަށަށް ދިޔައެވެ.
މީގެ އިތުރަށް ހަ ދުވަހުގެ ހަނގުރާމައިން ނިކުތް އެންމެ މުހިއްމު އެއް
ނަތީޖާއަކީ އިޒްރޭލަކީ ޢަރަބީންނަށް ގޮތްހަދާލެވޭ ވަރަށްވުރެ ވަރުގަދަ
އަސްކަރީ ބާރެއްކަން ސާބިތުވެގެން ދިޔުމެވެ. މި ހަނގުރާމައިގައި މިޞުރާއި
ސީރިޔާއާއި އުރުދުންގެ ވައިގެ ލަޝްކަރުތައް މުޅީން ފުނޑުފުނޑުވެގެން
ދިޔައެވެ. މިޞުރުގެ ލަޝްކަރުން 11000 ސިފައިން މަރުވިއެވެ. ސީރިޔާގެ 1000
ސިފައިން މަރުވިއެވެ. އުރުދުންގެ ލަޝްކަރުން މަރުވި އަދަދު 5000 އަށް
އަރައެވެ. އިޒްރޭލު ސިފައިންގެ ތެރެއިން މަރުވީ 700 މީހުންނެވެ.
އިޒްރޭލުން ހިފި ބިންތަކުން ފެއިބުމަށް ގޮވާލައި އދ. ގެ ފަރާތުން އެ
އަހަރުގެ ނޮވެމްބަރު މަހު މަޝްހޫރު 242 ވަނަ ޤަރާރު ފާސްކުރިޔަސް،
އިޒްރޭލުން އެ ޤަރާރާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.
ހިފައިގަނެވުނު ބިންތަކުގެ ތެރެއިން ސީނާގެ ސަހަރާ ފިޔަވައި އެހެން ސަރަހައްދުތައް މިހާރުވެސް އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ.
ހަ
ދުވަހުގެ ހަނގުރާމައަށްފަހު ފަލަސްޠީނުގައި ޤައުމިއްޔަތުގެ ރޫޙު އިތުރަށް
ވަރުގަދަވެގެން ދިޔައެވެ. މީގެ އެންމެ މުހިއްމު އެއް ނަތީޖާއަކީ ފަތަޙް
ޖަމާޢަތް ފަދަ ފަލަސްޠީނުގެ ފިދާއީ ޖަމާޢަތްތަކުގެ ޙަރަކާތްތައް
ވަރުގަދަވެ ހަރުދަނާވެގެން ދިޔުމެވެ. އިޒްރޭލުގެ ސިފައިން ގެންދިޔައީ
ހުޅަނގު އައްސޭރިއާއި ޣައްޒާގެ ފަލަސްޠީނީ ރެފިޔުޖީ ކޭމްޕްތަކުގައި
އަތްފުނާއަޅައި މި ޖަމާޢަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރި ފިދާއީންނާއި
އެބައިމީހުންނާ ގުޅުން ބާއްވާ ކަމަށް ޝައްކު ކުރެވޭ އެންމެން
ހައްޔަރުކުރަމުންނެވެ. ނަމަވެސް ފަލަސްޠީނީންގެ ފަރާތުން ފެނިގެން ދިޔައީ
ހިތްވަރާއި ޢަޒުމު ވަރުގަދަކަމުގެ ނަމޫނާއެކެވެ. 1968 ވަނަ އަހަރުގެ
ޖުލައި މަހު މިޞުރުގެ ވެރިރަށް ޤާހިރާގައި ބޭއްވުނު ފަލަސްޠީނީ ލީޑަރުންގެ
ބައްދަލުވުމެއްގައި ޕީއެލްއޯގެ ކޮވެނެންޓް އިސްލާހު ކުރެވުނެވެ. އަލަށް
ގެނެވުނު އިޞްލާޙުގެ ދަށުން ޕީއެލްއޯގެ މަޤުޞަދުތަކުގެ ތެރޭގައި
ފަލަސްޠީނު މިނިވަން ކުރުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރުން
ހިމެނިގެން ދިޔައެވެ. 1969 ވަނަ އަހަރު ޕީއެލްއޯގެ ޒަޢާމަތަށް އަބޫ
ޢައްމާރު ޔާސިރު ޢަރަފާތު އިސްވެވަޑައިގަތެވެ. ޢަރަބި ގިނަ ޤައުމުތަކުގެ
ފަރާތުން ދެކޮޅުވެރިކަމާއި ދަތިކުރުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް
ޕީއެލްއޯގެ ޙަރަކާތްތައް ދިޔައީ ދުވަހުން ދުވަހަށް ވަރުގަދަ ވަމުންނެވެ.
އެ ޖަމާޢަތުގެ ފިދާއީންގެ ޙަމަލަތަކުގައި އިޒްރޭލަށް ލިބޭ
ގެއްލުންތައްވެސް ދިޔައީ ބޮޑުވަމުންނެވެ. 1973 ވަނަ އަހަރު ޢަރަބީންނާއި
އިޒްރޭލާ ދެމެދުގައި އަނެއްކާވެސް ވަރުގަދަ ހަނގުރާމައެއް ހިނގީ ޙާލަތު މި
ދެންނެވި ގޮތުގައި އޮއްވައެވެ.
1970 ވަނަ އަހަރު މިޞުރުގެ ރައީސް
ކަމުގެ މަޤާމާ އަންވަރުއް ސާދާތު ޙަވާލުވެވަޑައިގަތުމާއެކު އޭނާ އެންމެ
ބޮޑު އިސްކަމެއް ދެއްވީ 1967 ވަނަ އަހަރުގެ ހަނގުރާމައިގެ ސަބަބުން ލިބުނު
ނިކަމެތިކަމާއި ލަދުވެތިކަމުގެ ހަނދާން ނެތިގެންދާނޭ ފިޔަވަޅެއް
އެޅުއްވުމަށެވެ. އަދި އެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ މިޞުރުގެ
ސީނާ ސަހަރާ އަނބުރާ އަތުލެއްވުމަށެވެ. އެ ކަމަށްޓަކައި އޭނާ އެންމެ
ފުރަތަމަ މަސައްކަތް ކުރައްވަމުން ގެންދެވީ ޑިޕްލޮމެޓިކް ފެންވަރުގައެވެ.
ކޮންމެ އަހަރަކު އދ. އިން ޤަރާރުތައް ފާސްކޮށް ހިފާފައިވާ ބިންތަކުން
އިޒްރޭލު ސިފައިން ފައިބައި 242 ވަނަ ޤަރާރާ އެއްގޮތަށް ޢަމަލުކުރަން
ގޮވާލަމުން ގެންދިޔަ ނަމަވެސް އެމެރިކާގެ ސަބަބުން އެ ޤަރާރުތައް
އަމަލީގޮތުން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ. ހަމައެއާއެކު އެމެރިކާއިން
ގެންދިޔައީ ހުއްޓުމެއް ނެތި އިޒްރޭލަށް ހަތިޔާރާއި އަސްކަރީ އެހެނިހެން
އެހީތައް ފޯރުކޮށްދެމުންނެވެ.
ސާދާތުގެ ސިޔާސަތުގައި އޮތީ ސީނާގެ
ސަހަރާ ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކުރައްވައިގެން އަނބުރާ
އަތުލެއްވުމުގައި ނާކާމިޔާބު ވެއްޖެނަމަ ހަނގުރާމަ ކުރައްވައިގެންވެސް
އެކަން ކުރެއްވުމަށެވެ. އެގޮތުން އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ 1967
ވަނަ އަހަރުގެ ހަނގުރާމައިގައި ހަލާކުވެފައިއޮތް މިޞުރުގެ ވައިގެ ލަޝްކަރު
އަލުން ބިނާކުރައްވައި ޤައުމުގެ އަސްކަރިއްޔާ އިތުރަށް ތަރައްޤީ
ކުރެއްވުމަށެވެ. މި ކަމަށް ޓަކައި އެހީ ލިބުނީ ރޫސީ ވިލާތުންނެވެ.
މިޞުރާއި ސީރިޔާއިން ހަނގުރާމައަށް ތައްޔާރުވަމުން ގެންދިޔައީ އެ ދެ
ޤައުމަށް ހަ ދުވަހުގެ ހަނގުރާމައިގައި ގެއްލިފައިވާ ބިންތައް އަނބުރާ
އަތުލުމުގެ މަޤުޞަދުގައި ކަމުގައި ވެފައި، ފަލަސްޠީނީ ޢަރަބީންގެ
ޙައްޤުތައް ހޯދައިދިނުމުގެ އޭޖެންޑާއެއް ނެތުމާއެކު މި ފަހަރުގެ
ރޭވުންތަކުގައި ޕީއެލްއޯއާއި އުރުދުންގެ ބައިވެރިވުމެއް ހޯދިފައެއް
ނުވެއެވެ.
މިޞުރާއި ސީރިޔާގެ ސިފައިން ތައްޔާރުވަމުން ދިޔަ އިރު
އިޒްރޭލުގެ ދިފާއީ ވުޒާރާގެ ވެރީން ޤަބޫލުކޮށްގެން ތިބީ އިސްވެ ހަމަލައެއް
ދޭން ޢަރަބީންނަށް ނުކެރޭނެ ކަމުގައެވެ. ނަމަވެސް އަސްކަރިއްޔާގެ
ވެރީންނަށް މިޞުރުގެ ޙަމަލައެއް ކުރިމަތިވެދާނޭ ކަމަށް ބެލެވުމުގެ
ނަތީޖާއެއްގެ ގޮތުން އިޒްރޭލުގެ އެއް ލައްކަ ސިފައިން ތައްޔާރީ ޙާލަތަކަށް
ގެނެވުނެވެ. ހަނގުރާމަ ފެށުނީ 1973 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6
ވަނަ ދުވަހުއެވެ. އެ ދުވަހަކީ ޔަހޫދީންގެ ދީނީ ޢީދެއް ކަމުގައިވާ ޔޮމް
ކިޕޫރް ދުވަހެވެ. މުސްލިމުން އެއިރު ގެންދިޔައީ ރަމަޟާން މަހުގެ ރޯދަ
ހިފަމުންނެވެ. އެހެންކަމުން ޢަރަބި ޤައުމުތަކުގައި މި ހަނގުރާމަ
މަޝްހޫރުވެފައި ވަނީ ރަމަޟާން ހަނގުރާމައިގެ ނަމުންނެވެ. މިޞުރުގެ
ޢަސްކަރިއްޔާއިން މި ހަނގުރާމައަށް ދީފައިވާ ކޯޑް ނަމަކީ "އޮޕަރޭޝަން
ބަދުރު" އެވެ.
ހަނގުރާމަ ފެށުމާއެކު މިޞުރުގެ ސިފައިންގެ
ފައުޖުތައް ސުއޭޒް ކެނެލް ހުރަސްކޮށް، ކެނެލްގެ އިރުމަތީ ފަރާތުގައި
އިޒްރޭލް ސިފައިން ޤާއިމުކޮށްފައިވާ ދިފާޢީ ރޮނގު، ނުވަތަ ބާރލޭވް ލައިން
ހުރަސްކުރިއެވެ. މި ރޮނގަކީ 1967 ގެ ހަނގުރާމައިގައި ސީނާގެ ސަހަރާ
ހިފުމަށްފަހު ސުއޭޒްގެ އައްސޭރީގައި އިޒްރޭލް ސިފައިން ޤާއިމުކޮށްފައިވާ
ދިފާއީ ރޮނގެކެވެ. ޔަހޫދީން އެހާތަނަށް ބުނަމުން އައީ ބާރލޭވް ލައިން
ފޫވައްޓައިލުމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ނުކުރެވޭނެ ކަމެއް
ކަމުގައެވެ. އެއީ އެ ދިފާޢީ ރޮނގު ބިނާކުރެވިފައިވާލެއް ފުރިހަމަކަމާއި
އެތަނުގައި ރުކުރުވާލެވިފައިވާ އިޒްރޭލުގެ ލަޝްކަރުގެ ކުޅަދާނަކަމާއި
އެމީހުންގެ ހަތިޔާރުތަކާއި ދިފާޢީ ނިޒާމުގެ ވަރުގަދަކަމަށްޓަކައެވެ.
ނަމަވެސް މިޞުރު ސިފައިން ދާދި ފަސޭހަ ކަމާއެކު އެ ރޮނގު ފޫވައްޓާލައި، އެ
ސަރަޙައްދުގައި ޤާއިމު ކުރެވިފައި އޮތް އިޒްރޭލުގެ ފައުޖުތައް
ގިއްގަޅުވަމުން ކުރިއަރަން ފެށިއެވެ.
މި ހަނގުރާމައިގެ ފުރަތަމަ
ހަފުތާގެ ތެރޭގައި ޢަރަބީންނަށް ކާމިޔާބުތަކެއް ލިބުނަސް، އެ ކާމިޔާބުތައް
ދެމެހެއްޓުމުގައި އެބައިމީހުންނަށް ކާމިޔާބެއް ނުލިބުނެވެ. އެމެރިކާއިން
ގިނަ އަދަދެއްގެ ހަތިޔާރާއި ކޮންމެވެސް ވަރަކަށް ސިފައިންގެ އެހީ
ފޮނުވުމުގެ ނަތީޖާއެއްގެ ގޮތުން އިޒްރޭލުގެ ލަޝްކަރު އަލުން އިންތިޒާމުވެ
ރައްދު ހަމަލާތައް ވަރުގަދަ ކުރަން ފެށިއެވެ. ޢަރަބީންނަށް އެންމެ
ފުރަތަމަ ލިބުނު ތާރީފުކުރުން އެކަށީގެންވާ ކާމިޔާބުތައް ދެމެހެއްޓިފައި
ނުވަނީ އެތައް ސަބަބުތަކަކާ ހުރެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ
ޢަރަބީންގެ ކޮމާންޑްލައިންގައި އުފެދުނު ޚިލާފުތަކާއި މިޞުރާއި ސީރިޔާގެ
ކޮމާންޑަރުންގެ މެދުގައި އެކަށީގެންވާފަދަ ދެނެގަތުމެއް ނެތުމެވެ.
ނަމަވެސް ޢަރަބީންގެ ކާމިޔާބު ހުއްޓުމުގެ އެންމެ މުހިއްމު ސަބަބެއް ކަމަށް
ބެލެވެނީ އެބައިމީހުންގެ ކުރިއެރުމުގެ ދުވެލި ނުވަތަ މޮމެންޓަމް
ގެއްލިގެން ދިޔުމެވެ. އިޒްރޭލް ސިފައިންނަށް ހިން ދެމިލާނޭ ވަގުތާއި ޖާގަ
ދެވުމެވެ. އެމެރިކާގެ ހަތިޔާރާއި ސިފައިންގެ އެހީ އަންނަން ވަގުތު
ދެވުމެވެ. ކޮންމެއަކަސް، އިޒްރޭލުގެ ރައްދު ޙަމަލާގައި އެ ޤައުމުގެ ބިމުގެ
ފައުޖުތައް މިޞުރުގެ ވެރިރަށް ޤާހިރާއާއި، ސީރިއާގެ ވެރިރަށް ދިމިޝްޤާ
ދާދި ކައިރިއަށް ދިޔައެވެ. ނަމަވެސް ބައިނަލް އަޤުވާމީ ޕްރެޝަރުގެ
ސަބަބުން އިޒްރޭލްގެ ލަޝްކަރުތައް އެނބުރި ކުރީން އެބައިމީހުން ތިބި
މަޤާމުތަކަށް ފަހަތަށް ޖެހުނީއެވެ. ހަނގުރާމަ ހުއްޓުމުގެ
އެއްބަސްވުންތަކުގައި ސޮއިކުރެވުނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.
1973
ގެ ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ކުށްހީތަކެއް ވަޔަށް ބުރައިގެން
ދިޔައެވެ. އޭގެ ތެރެއިން އެއް ކުށްހީއަކީ އިޒްރޭލަކީ ޢަރަބީންނަށް
ބަލިކޮށްނުލެވޭނޭ ބާރެއް ކަމަށް ކުރެވިފައި އޮތް ހީއެވެ. މި
ހަނގުރާމައިގައި މިޞުރުގެ ސިފައިން ސީނާގެ ސަހަރާގައި އިޒްރޭލުގެ ސަފުތައް
ހާވިޔާކޮށްލުމުގައި ދެއްކި ކުޅަދާނަކަމާއި ހުނަރުވެރިކަމުގެ ސަބަބުން
ޢަރަބީންނަށް އަސްކަރީ މައިދާނުގައި އިޒްރޭލާ ކުރިމަތިލުމުގެ ހުރިހާ
ޤާބިލިއްޔަތެއް ލިބިގެންވާކަން ސާބިތުވިއެވެ. ޢަރަބި ސިފައިންނަކީވެސް
ތަމްރީނު ލިބި، އެކަށީގެންވާފަދަ ހަރުދަނާ ޒައާމަތެއްގެ ދަށުގައި،
ކަނޑައެޅިފައިވާ އަމާޒެއް އޮވެގެން ހަނގުރާމަކޮށްފިނަމަ ކާމިޔާބު ހޯދިދާނެ
ބައެއްކަން އެނގިގެން ދިޔައެވެ. ހަމަ އެފަދައިން ޖާސޫސީ ދާއިރާއާއި
އަސްކަރީ އިންޓެލިޖެންސްގެ ދާއިރާގައިވެސް ޢަރަބީންނަކީ ޔަހޫދީންނާ ވަރުން
އެޅިގެންވާ ބައެއްކަން ސާބިތުވެގެން ދިޔައެވެ.
(ނުނިމޭ........)