އަދުގެ ޚާއްސަ

Print

ސާޅީސް އަހަރު ވަންދެން މޫނު ފޮރުވައިގެން އުޅުނު އަނބިމީހާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

ސުޢޫދީ ޢަރަބިއްޔާއާއި ގަލްފުގެ ބައެއް ޤައުމުތަކުގެ އަންހެނުން މޫނު ފޮރުވައިގެން އުޅޭވާހަކަ އަޑުއައްސަވަމެއް ނޫންތޯއެވެ؟ އެއީ ޢަރަބި ޖަޒީރާގެ ރަށްފުށުގެ ބައެއް އަންހެނުންގެ އާދައެކެވެ. ދަރިން ލިބި މުސްކުޅިވާއިރު، ފިރިމީހާއަށް ވެސް އެހިސާބުގަނޑުގެ ބައެއް އަންހެނުން މޫނު ނުދައްކައެވެ. ސިއްރިޔާތުގައި ފިރިމީހާ، އަނބިމީހާގެ މޫނު ބެލިޔަސް ވަރިވުމަކީ އެބައިމީހުންގެ ގާތުގައި އަނބިމީހާގެ ޙައްޤެކެވެ.

މިމައްސަލަ ޢާއްމުންގެ ހޭލުންތެރިކަމަށް ގެނައީ، 2007 ވަނަ އަހަރު، ސުޢޫދީ ޢަރަބިއްޔާގެ އައްރިޔާޟު ދުވަހު ނޫހެވެ. އެނޫހުގެ އޮކްޓޯބަރ 7 ވަނަ ދުވަހުގައި ގެނެސްދިން އާދަޔާ ޚިލާފު ޚަބަރަކުންނެވެ. އެ ޚަބަރުގައިވަނީ، ޢުމުރުން 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އަންހަކު އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމަށް އެދި، ގެއިން ނުކުމެގެން ދިޔަ ވާހަކައެވެ. ސަބަބަކީ، 30 އަހަރު ވަންދެން އިނދެގެން އުޅުނު ފިރިމީހާއަށް، މޫނު ނުދައްކާ އުޅެނިކޮށް، ފިރިމީހާ މޫނު ބަލަން އުޅުނު ކަމެވެ.

އަނބިމީހާ ނިދާފައި އޮއްވާ، އޭނާގެ މޫނު ބުރުގާ ހިއްލާލާފައި މޫނު ބަލަން އުޅެނިކޮށް އަނބިމީހާއަށް ހޭލެވުނެވެ. އެހިސާބުން އެޖެހުނީ ކަންތަކާއެވެ. ތަނުގެ އާދަކާދައާ ފިރިމީހާ ޚިލާފުވި މައްސަލައެވެ. ދެން އަނބިމީހާ ވަރިވުމަށް އެދުނެވެ. މިކަމާހެދި އަނބިމީހާގެ ގާތަށް އައި ރުޅީގައި، ފިރިމީހާގެ ގެއިން ނުކުމެގެން ދިޔައެވެ. ދަރިންގެ މަންމަ މިހެން ހެދުމުން ފިރިމީހާއަށް ޖެހުނީ އާދޭސްކޮށް، ދެން ދުވަހަކު ވެސް އެކަން ނުކުރުމަށް ވަޢުދުވެ، އެކަން ކުރެވުނީތީ މަޢާފަށް އެދުމަށެވެ.

ނަންގަނެވިދިޔަ ހާދިސާ ނޫނަސް އެފަދަ ކިތަންމެ ހާދިސާއެއް ސުޢޫދީގައި ހިނގާފައި ވެއެވެ. އިނދެގެން އުޅޭތާ 40 އަހަރު ފާއިތުވެ، ތިން ހަތަރު ދަރިން ލިބޭއިރު ވެސް، ފިރިމީހާއަށް އަނބިމީހާގެ މޫނު ނުފެނެއެވެ. މިފަދަ ހާދިސާއެއް ދިމާވި މީހަކު، އޭނާގެ އަނބިމީހާއާއެކު ސާޅީސް އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރިއެވެ. އެ މުއްދަތުގެ ތެރޭގައި 3 ދަރިން ލިބި، އެކުދިން ބޮޑެތިވިއެވެ. އެއަށްފަހު، އެއްދުވަހަކު އޭނާއަށް އަނބިމީހާގެ މޫނު ފެނުނެވެ. ހަމަ އެހިނދު، އަނބިމީހާ ވަރިވުމަށް އެދުނެވެ. އަނބިމީހާ، ތަރުބިއްޔަތުވެފައިވާ އާދަކާދައާ، ފިރިމީހާ ޚިލާފުވީތީއެވެ. މިކަމުގެ ހުރިހާ ޒިއްމާއެއް އުފުލަންޖެހުނު ކުށްވެރިޔަކަށްވީ ފިރިމީހާއެވެ.

ޤަޙުޠާނީ ދަރިކޮޅު، ޢަލީ ނަމަކަށް ކިއުނު މީހަކު ކިޔާދީފައިވެއެވެ. "އަޅުގަނޑު މީހަކާ އިނދެގެން އުޅޭތާ މިހާރު 10 އަހަރު ވެއްޖެއެވެ. އަދި ދުވަހަކު ވެސް އަނބިމީހާގެ މޫނު ނުދެކެވެ. އަބަދުވެސް އަނބިމީހާގެ މޫނުމަތީގައި ބުރުގާ އޮވެއެވެ. އޭނާގެ މޫނު އެއިން ނިވާކޮށްފައި ނުވާ ވަގުތެއް ނުދެއެވެ. އެއްފަހަރަކު، އޭނާގެ މޫނު ބުރުގާ ނަގަން އުޅުނީމެވެ. އެހިނދު، އޭނާ ގެއިން ނުކުމެގެން ދާނެ ކަމުގެ އިންޒާރުދިނެވެ. ދެން އަޅުގަނޑަށް، އޭނާ ގޭގައި ބޭންދުނީ، ދުވަހަކު ވެސް އޭނާގެ މޫނު ނުބަލާނެ ކަމަށް ބުނެ، ބޮޑު ހުވައިން އެތައް ހުވަޔެއް ކޮށްގެންނެވެ. އޭނާގެ މޫނު ބެލުމާމެދު، ދެން ދުވަހަކުވެސް ނުވެސް ވިސްނަން ކަމަށް ވެސް ހުވާކުރަން ޖެހުނެވެ."

ޙަސަނުލްޢުތައިބީ ނަމަކަށް ކިއުނު މީހަކު ބުނެފައި ވެއެވެ. "މޫނު ބުރުގާ އަޅައިގެން އުޅޭ އަޅުގަނޑުގެ އަނބިމީހާ، އޭނާގެ މޫނު އަޅުގަނޑަށް ނުދައްކައިފިނަމަ، އެހެން މީހަކާ އިނުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ، އޭނާގެ ގާތުގައި ބުނީމެވެ. އަޅުގަނޑުގެ އަނބިމީހާ ބުނީ އެހެން މީހަކާ އިނަސް ވަރިހަމައެވެ. ތިމަންނަގެ މޫނު ނުދައްކާނަމެވެ. ތިމަންނަގެ މޫނު، ފިރިމީހާއަށް ދެއްކުމަށްވުރެ، ފިރިމީހާ އެހެން މީހަކާ އިނުން ވެސް ތިމަންނައަށް މާރަނަގަޅެވެ. ކީއްތޯއެވެ؟ އަޅުގަނޑުގެ އަނބިމީހާގެ ރަޙުމަތްތެރި އަންހެނުންގެ ތެރެއިން، މޫނު ބުރުގާ ނާޅާ އަންހެނަކު ދައްކާފައި އޭނާއާ އިނުމަށް އަޅުގަނޑަށް ހުށަހެޅިވެސް މެއެވެ."

މިކަމާމެދު، މޫނު ނުދައްކާ އަނބިންގެ ބަހަކީ ކޮބައިތޯއެވެ؟ ޢުމުރުން ފަސްދޮޅަސް އަހަރު ވެފައިވާ، އުންމު ރަބީޢު ނަމަކަށް ކިއުނު އަންހެނަކު ބުނެފައިވެއެވެ. "އަޅުގަނޑަކީ، ޒުވާން ދެ ފިރިހެން ދަރިންގެ މަންމައަކީމެވެ. އެ ދެ ކުދިންނާއި އަޅުގަނޑުގެ ފިރިމީހާ ދުވަހަކު ވެސް އަޅުގަނޑުގެ މޫނު ދެކެފައި ނުވާނެއެވެ. އެންމެ ޅަޢުމުރުން ފެށިގެން އަޅުގަނޑު މޫނު ބުރުގާ އަޅަން ފަށައިފީމެވެ. މޫނު ބުރުގާ ނެގުމަކީ އަޅުގަނޑުމެންގެ އާދަކާދައިގައި ވަރަށް ބޮޑު ހުތުރު ކަމެކެވެ."

އުންމު ރަބީޢު ބުނިގޮތުގައި، އޭނާގެ ފިރިމީހާ ދުވަހަކު ވެސް އޭނާގެ މޫނު ދުށުމަކަށް ނޭދެއެވެ. އަންހެނުންގެ މޫނު ބެލުމަކީ، އެބައިމީހުންގެ އާދަކާދައިގައި ކިހާބޮޑު ނޭދެވޭ ކަމެއްކަން އޭނާގެ ފިރިމީހާއަށް އެނގެއެވެ. އެހެންކަމުން، އޭނާ އެކަމަށް ރައްކާތެރިވިއެވެ. މޫނު ބެލުމެއް ނެތި އަނބިފިރިކަމުގެ ގުޅުން ހިންގައި ރޭކޮށް، އެ ދެމީހުން ދަރިން ހޯދާފައިވާ ކަމަށް ވެސް އިޝާރާތްކުރިއެވެ.

އުންމު ރަބީޢުގެ ފިރިހެން ދަރިޔަކު ބުނީ: "މަންމަގެ މޫނު ނުފެނުމަކީ މައްސަލައެއް ނޫނެވެ. މަންމައާއި އަންހެން އުޚުތުންގެ މޫނުތައް، ދުވަހަކުވެސް އަޅުގަނޑުމެން ފިރިހެން ދަރިންނަކު ނުދެކެމުއެވެ. އަދި މިކަމުގެ ސަބަބުން ޢާއިލީ ގުޅުންތަކަށް ބުރުލެއް ވެސް ނާރައެވެ." އޭނާގެ ނަޒަރުގައި ޒަވާޖީ ގުޅުން ބިނާވެފައި އޮންނަނީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށެވެ. ކޮންމެހެން މޫނު ފެންނާކަށް ނުޖެހެއެވެ.

އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ ޙާލަތާމެދު ސުއާލުކޮށް ވިސްނާލަން މިއީ އެންމެ ރަނގަޅު ފުރުޞަތެކެވެ. ސުޢޫދީ މީހުން އެތިބި ދަރަޖައަށް ޙައްދުފަހަނައަޅައި ނުދިއުމަށްޓަކައެވެ. ޙަޤީޤަތުގައި އެފަދަ ބައެއް ނޭދެވޭ އާދަކާދަތައް ދިވެހިންގެ ތެރޭގައި ވެސް އެބަހުއްޓެވެ. އެކަމަކު އެވާހަކަ ނުދައްކަނީއެވެ. އަދި އެކަމާބެހޭ ދިރާސާތައް ވެސް ނުކުރަނީއެވެ.

އަނބިފިރިކަމުގެ ގުޅުން ހިންގުމަށް ބޭނުންވާ ވަރުގެ ލޯވަޅެއް، ހެދުމުން ކަނޑާލައިގެން އުޅޭ ބަޔަކު ދިވެހިންގެ ތެރޭގައި އުޅޭ ވާހަކަ ދެކެވެއެވެ. އެއީ ކިހާވަރެއްގެ ތެދެއް ކަމެއް ނޭގެއެވެ. އެކަމަކު ޔަޤީންކަމާއެކު ކަށަވަރުކޮށްދޭން އެނގޭ ކަމެއް އެބައޮތެވެ. އެއީ، ފިރިމީހާއަށް ޢައުރަ ނުދައްކާ އަނބިން ދިވެހި މުޖުތަމަޢުގައި އުޅޭ ކަމެވެ. ރޭކުރާއިރު އެފަދަ އަނބިން، އަނބިފިރިކަމުގެ ގުޅުން ހިންގަނީ ހުރިހައި އަލިކަމެއް ނިއްވާލައިގެންތިބެ، އަނދިރީގައެވެ. އަލިކަމެއް ބެހެއްޓުމަށް ފިރިމީހާ އެދިއްޖެނަމަ، އެހިސާބުން ވަރިފަށަށް އަރައެވެ. މީހުންގެ ކުރިމަތީގައި ފާޅުކުރަނީ ކޮންމެވެސް އެހެން ބަހަނާއެކެވެ. ފިރިމީހާ ކުށްވެރިކޮށް ދައްކަނީ އެހެން ވާހަކައެކެވެ.

އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށްޓަކައި މިހާރު މިކަހަލަ ވާހަކަތައް ދައްކަން ވެއްޖެއެވެ. އަދި މިބާވަތުގެ ކަންކަމާބެހޭ ދިރާސާތައް ވެސް ކުރަން ވެއްޖެއެވެ. ޙަޤީޤަތުގައި، އަނބިމީހާގެ ފޫޅާއި ކަކުލާ ދެމެދު ފިރިމީހާއަށް ފެނުމަކީ، ފިރިމީހާގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. އަދި އެހެން އަންހެނުންނާމެދު ފިކުރު ހިންގުމާއި ޝައިޠާނީ ވަސްވާސްތަކުން ފިރިމީހާގެ ބުއްދި ސަލާމަތްކޮށްދޭ ކަމެކެވެ. މިވާހަކަ، އެހެން މަޒުމޫނެއްގައި ލިޔާނަމޭ ހިތައި މިހިސާބަށް ނިންމާލަމެވެ.

ކިއުންތެރިންގެ އަރިހުން އަޅުގަނޑު އެދެނީ ފަހި ޚިޔާލުތައް ދެއްވުމަށެވެ. ތިޔަބޭފުޅުންގެ ޚިޔާލާއި ފިކުރުގައިވާ މުއްސަނދިކަން، ޚިޔާލު ގޮޅީގައި ނަކަލުކުރައްވަމުން ގެންދެވުމަށެވެ. މިފަދަ ކަންކަމާ ބެހޭގޮތުން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތެއް ވާނަމަ، އެ ވެސް ނަކަލުކުރައްވަމުން ގެންދެވުމަށެވެ. ޝުކުރިއްޔާ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ