ޤައުމީ ޚިދުމަތުގެ ތިލަ ފަތުގައި ބުރަދަންހުރި ދެ ޝަޚްޞިއްޔަތު (3)
10 ފެބްރުއަރީ (ބުދަ)އާ ގުޅޭ..
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ޤައުމެއްގެ ތާރީޚަކީ، އެ ޤައުމެއްގެ މޫނު ބަލާ ލޯގަނޑެވެ. ޤައުމެއްގެ މުސްތަޤުބަލު ބިނާކުރަނީ އެ ލޯގަނޑަށް ބަލައިގެންނެވެ. ޤައުމު ބިނާވެގެން އަައިގޮތާއި، ޤައުމީ ޙަޔާތުގެ ތަފާތު މަރުޙަލާތަކުގައި ކުރިމަތިލައިފައިވާ ދައްޗާ ތުރާތައް، އެކަންކަމުން އެ ޤައުމެއްގެ ދަރީން މިންޖުކުރުމަށް އުފުލިފައިވާ ބުރަތަކާއި އޭގެ ނަތީޖާތައް ބަޔާންކޮށްދޭ ދުލަކީ ޤައުމުގެ ތާރީޚެވެ. ޒަމާނުގެ އަތުން ވަޅުލައިފައިވާ ޙަޤީޤަތްތައް ޒުވާން ޖީލަށް ނެރެ ހާމަ ކޮށްދޭ މޭސްތިރިއަކީ ވެސް ކޮންމެ ޤައުމެއްގައިމެ ހަމަ އެ ޤައުމެއްގެ ތާރީޚެވެ. އިސްވެ ދަންނަވައިލެވުނީ އަޅުގަނޑުމެންގެ ޙަޔާތުގައި ފެނިދިޔަ ޤައުމީ އެއް ޝަޚުޞިއްޔަތެއްގެ ބައެއް ޚިދުމަތްތަކެވެ. ދެން އޮތީ މި ދިރާސާގެ ދެވަނަ ފިޔަވައްސެވެ.
4 - އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
5.1 ޛާތީ ބައެއް މަޢުލޫމާތު:
ރައީސް މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 ވަނަ އަހަރު ޑިސެންބަރު މަހު 29 ވަނަ ދުވަހު އެވެ. މައްޗަންގޮޅީ ކާމިނީގޭގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫން ކަމަށް [ރައީސް ގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް] (1993) މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
މައުމޫންގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ އައްޝައިޚު ޢަބްދުލްޤައްޔޫމް ސީދީ އެވެ. މަންމާފުޅަކީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. (މުޙައްމަދު ނަޞީރު، 2009)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވި ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށް ވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
5.2 ތަޢުލީމީ ފެންވަރު
ރައީސް މައުމޫންގެ ތަޢުލީމުގެ ބިންގާ އަޅުއްވައި ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅުގެ އަރިހުންނެވެ. އެޔަށްފަހު މަދްރަސަތުމް މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވުމަށްފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައި ވިދާޅުވިއެވެ. އެޔަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށްޓަކައި ތީސިސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން އަޒުހަރުން ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވި އެވެ. މިހާތަނުން ކޮންމެވެސް ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް މައްސަލައަކާހުރެ އެކަން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ.
މިޞްރުގައި ހުންނެވި ދުވަސްވަރު [އެމެރިކަން ކޮލެޖް] ގައި އިނގިރޭސިބަސް ކިޔަވައި ވިދާޅުވުމުގެ ސަބަބުން އެހެނިހެން ދީނީ ޢިލްމުވެރިންނާ ޚިލާފަށް، މައުމޫނަކީ އިނގިރޭސިބަހުންވެސް ފަސޭހަފުޅުކަމާއެކު މުޢާމަލާތުކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
5.3 މައުމޫންގެ މުހިއްމު ބައެއް ޚިދުމަތްތައް:
5.3.1 އަދަބީ ޚިދުމަތްތައް:
މައުމޫންގެ އަދަބީ ޚިދުމަތުގެ ފެށުން ގުޅިފައިވަނީ މަދްރަސީ ދައުރާއެވެ. ސިލޯނުގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރުވެސް ތަފާތު އެކިއެކި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. މިޞްރުގައި ކިޔަވައިވިދާޅުވަން ހުންނެވިއިރު ދަރިވަރުން ނެރުއްވި މަޖައްލާއަށް ލިޔުއްވި އަދަބީ އިޖްތިމާޢީ ލިޔުއްވުންތަކަކީ ފާހަގަކޮށްލެވޭފަދަ މުހިއްމު ލިޔުއްވުންތަކެކެވެ.
ތަޢުލީމީ ދައުރު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންވެސް އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތީ ވަރަށް މުރާލިފުޅުކަމާއެކީގައެވެ. 70 ގެ އަހަރުތަކުގައި މަޝްހޫރުވި [އަމާޒު] މަޖައްލާއަށާއި [ހަފުތާ] ނޫހަށް ވަރަށް "ދީލަތި"ގޮތެއްގައި ލިޔުއްވަމުން ގެންދެވިއެވެ. އެ މަނިކުފާނުގެ ގިނަ ލިޔުއްވުންތައް ހުރީ ބަހާއި ބަހުގެ އަދަބިއްޔާތާއި އިޖްތިމާޢީ ދާއިރާގެ ތެރޭގައެވެ. އަދި ދީނީ ރޮނުންވެސް ތަފާތު ލިޔުއްވުންތައް ލިޔުއްވައިފައިވެއެވެ.
މައުމޫން ޢަބްދުލްޤައްޔޫމަކީ ވާހަކަދެއްކުންތެރިކަމުގެ އުސްލޫބަށް ބޮޑު އިންޤިލާބެއް ގެންނެވި މުޤައްރިރެކެވެ. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ ގޮތަށް ސަލާމާއި ޙަމްދު ޞަލަވާތާއި މުޚާޠަބުކުރެއްވުމުގެ ފޯމެޓް ވާހަކަދެއްކުންތެރިކަމުގެތެރޭގައި ވައިގައި ހިއްޕުވައިލެއްވީ އެމަނިކުފާނެވެ.
އެ މަނިކުފާނަށް 11 ނޮވެމްބަރ 1978 ގައި ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމާއެކު [ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް]ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަވައި އެއީ ދައުލަތުން ކުރައްވާ ޚާއްޞަ މަސައްކަތްޕުޅެއް ކަމުގައި ހަމަޖެއްސެވިއެވެ. އަދި [ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖްލިސް] ގެ ނަމުގައި އެހެން މުއައްސަސާއެއް އުފެއްދެވިއެވެ. ފަހުން މި ދެ މުއައްސަސާ އެއްކޮށްލައްވައި [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިދެންނެވި މަރުކަޒުން ނެރުއްވަން ފައްޓަވައިގެން ކުރިޔަށް ގެންދަވާ [ފަތްތޫރަ] މަޖައްލާއަށް [ފަހުބަސް] ގެ ނަމުގައި ލިޔުއްވި އަދަބީ ލިޔުންތަކަކީ މިއަދުގެ ދަރިވަރުން އަދަބީ މުތްތަކެއްކަމުގައި ބަލަމުން ގެންދާ މަޒުމޫނުތަކެކެވެ.
5.3.2 އަސާސީ ތަޢުލީމް:
މައުމޫންގެ ރައީސްކަމުގައި ސިޔާސަތަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ [އިންސާނުންނަށް ފެނާއި ކާބޯތަކެތި ލިބުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ފަދައި ތަޢުލީމު ލިބުމަކީވެސް އެބައި މީހުންގެ ޙައްޤެއް] ކަމުގައި ސަރުކާރުން ޤަބޫލުކުރެއްވުމެވެ.
މައުމޫންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މީހުންގެ ލިޔަންކިޔަން ދަތުމުގެ ނިސްބަސް ހޯއްދެވުމަށް ދިރާސާއެއް ކުރެއްވިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނީ 1979 ގައި ރާއްޖޭގެ އޭރުގެ އާބާދީގެ %24.77 މީހުންނަށް ލިޔަންކިޔަން ނޭނގޭކަމެވެ. (ފުރަދާނަ، އޮކްޓޯބަރ 2003). އެހެންކަމުން ދިވެހި ޤައުމުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެއްވުމުގެ މަޤްޞަދުގައި 1 ޖެނުއަރީ 1980 ގައި [އަސާސީ ތަޢުލީމުގެ މަޝްރޫޢު] ސަރުކާރުން އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް ފަށައިގަނެވުނީ 24 ފެބްރުއަރީ 1980 ގައި ޚުދު މައުމޫން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މި ގޮތުގެ މަތީން ވަރަށް ފޯރިޔާއެކު މި މަޝްރޫޢު ދިޔައީ ކުރިޔަށެވެ. މި މަޝްރޫޢުގެ ސަބަބުން 1999 ގެ ނިޔަލަށް ރާއްޖޭގެ ލިޔަންކިޔަން ނުދަތުމުގެ ނިސްބަތް %1.06 އަށް ތިރިކުރެވުނެވެ.
5.3.3 ރަސްމީ ތަޢުލީމް ފުޅާކުރެއްވުން:
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މައުމޫން ޙަވާލުވެވަޑައިގަތްއިރުވެސް ރާއްޖޭގައި ނިޒާމީ ތަޢުލީމުވަނީ ތަޢާރުފުކުރެވިފައެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ މާލޭގައި އެކަންޏެވެ. ފަށާ ތަޢުލީމުދޭ މޮންޓެސޫރީ ސްކޫލުން ޖާގަލިބެނީ ނަސީބުގަދަ ކުއްޖަކަށެވެ. އޭރު މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ހުރީ އެންމެ 4 ސްކޫލެވެ.
މައުމޫންގެ ވެރިކަމުގައި ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި [ޕްރައިމަރީ ސްކޫލެއް] އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް އަތޮޅުން ހޯދާ 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައިގެންނެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ވަގުތީ ގޮތުން ހިންގަވަންފެއްޓެވީ ވަގުތީ ޢިމާރާތްތަކުގައެވެ. (ފަހުން ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތްކުރެވުނު [އަތޮޅު މަދަރުސާ]ގެ އާޢިމާރާތްތަކަށް މިތަންތަން ބަދަލުކުރެވުނެވެ.) ދެން އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދު ނުކެނޑި ހިނގަމުން އައި އަމިއްލަ މަދްރަސާ މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު، ޢުމުރު ހަމަވާ ހުރިހާ ކުދީންނަށް މޮންޓެސޫރީ ސްކޫލުން (މިހާރުގެ އިސްކަންދަރު ސްކޫލުން) ޖާގަ ހުޅުވައިލެއްވުމެވެ. (ފުރަދާނަ، ޖެނުއަރީ 2003). އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. (އެޑިޔުކޭޝަން، 2008) . 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ސީދާ ސަރުކާރުން ހިންގަވާ 221 ސްކޫލް ހުއްޓެވެ. (Statistical year book 2009) .
5.3.4 ސާނަވީ ތަޢުލީމު ފުޅާކުރެއްވުމާއި މަތީސާނަވީ ތަޢާރަފުކުރެއްވުން:
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި އަމީނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ވިޔަސް އެ މަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ.
މަތީތަޢުލީމަށް މަގުފަހިކުރެއްވުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫގައި [މުޙިއްބުއްދީން ސްކޫލް] ގެނަމުގައި، ހދ. ކުޅުދުއްފުށީގައި [ޖަލާލުއްދީން ސްކޫލް] ގެ ނަމުގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި މި ދެ ސްކޫލްގައިވެސް ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ދޭން ފެއްޓެވިއެވެ.
5.3.5 ޢަރަބި އިސްލާމީ ތަޢުލީމް:
ރާއްޖޭގައި ދީނި ތަޢުލީމު ފުޅާކުރެއްވުމުގެ މަޤްޞަދުގައި [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމުގައި 9 ފެބްރުއަރީ 1980 ގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. މިއަދު މިތަން ވަނީ ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކުރައްވައި [ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމަށް ބަދަލުކުރައްވައިފައެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ] ގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް ޤާއިމުކުރެއްވިއެވެ.
5.3.6 މަތީ ތަޢުލީމް
1978 ގައި ރައީސްކަމާ މައުމޫން ޙަވާލުވެވަޑައިގަތް އިރު، ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ އެންމެ 65 ބޭފުޅުންނެވެ. އެހެންކަމުން މައުމޫންގެ ސަރުކާރުން ބޭރު ޤައުމުތަކުގެ އެހީ ހޯއްދަވައިގެންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖެއިން ބޭރުން މަތީ ތައުލީމް ޙާޞިލުކުރެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު 2008 ނިމުނު އިރު 3000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. (ޑީ.އާރ.ޕީ. ގެ މެނިފެސްޓޯ- 2008). މީގެ އިތުރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަން ސަރުކާރުން އުފެއްދެވިއެވެ.
5.3.7 ޞިއްޙީ ޚިދުމަތް:
މައުމޫން ރައީސް ކަމާ ޙަވާލުވެ ވަޑައިގަތް އިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. މުޅި ރާއްޖޭގައި ޚިދުމަތްކުރައްވަނީ އެންމެ 7 ޑޮކްޓަރުންނެވެ. އޭރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވިޔަސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަނީ އެންމެ ހެލްތު އެސިސްޓެންޓެކެވެ. މިއަދު ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އެބަހުއްޓެވެ. ކޮންމެ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ ހޮސްޕޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް އެބަހުއްޓެވެ. 2008 ނިމުނުއިރު ޞިއްޙީ ޚިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި 800 ކޮމިޔުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ.
ރައީސް މައުމޫން ޞިއްޙީ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ ތަފްޞީލަށް ބަލައިލުމަކީ މިފަދަ ކުރު މަޒުމޫނެއްގައި ކުރެވޭނެ ކަމެއް ކަމަށް ނުވާތީ، މި ދާއިރާއިން ކޮށްދެއްވި މުހިއްމު ބައެއް ކަންކަން ފާހަގަކޮށްލުމުން ފުއްދައިލާނަމެވެ.
ޅަފަތުގައި މަރުވާ ކުދީންގެ ނިސްބަތް ކޮންމެ 1000 އަކުން 120 އަށް އޮއްވައި އެ ޢަދަދު 10 އަށް ދަށްކުރެއްވުން.
5 އަހަރުގެ ދަށުގެ ކުޑަކުދީން މަރުވާ ރޭޓް ކޮންމެ 1000 އަކުން 180 ގައި އޮއްވައި އެ ޢަދަދު ކޮންމެ އެއހާހަކުން 18 އަށް ތިރިކުރެއްވުން
މީހަކު ދިރިހުންނާނެ އެވްރެޖް ޢުމުރު 48 އަހަރުން 73 އަހަރަށް މަތިކުރެއްވުން
ރާއްޖޭގައި ހުރި ހޮސްޕިޓަލުގެ ޢަދަދު 1 ން 22 އަށް އިތުރުކުރެއްވުން
ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގެވުން.
ރާއްޖެއިން ޖުޒާމްބަލި ނައްތައިލެއްވުން
ޕޯލިޔޯ ނައްތައިލެއްވުން (1997 ގައި)
މަލޭރިޔާ ނައްތައިލެއްވުން (1984 ގައި)
ފައިލޭރިޔާ ނައްތައިލެއްވުން
ޓީބީ (ކެއްސުންބަލި) މައިތިރިކުރެއްވުން. (މިހާރުގެ ނިސްބަތަކީ ކޮންމެ 1000 މީހަކުން 0.01 މީހުންނެވެ.)
5.3.8 މަސްވެރިކަމުގެ ޞިނާޢަތު
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުނަ ވަނީ ރާއްޖޭގެ ހިކިކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ ވާހަކަދައްކަވައިގެން 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖެހި އަދި އަދަށް ދާންދެންވެސް އެކަން ކުރިޔަށް އެބަދެއެވެ.
މަސވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 ށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ.
ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިނގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ.
1982 ން ފެށިގެން 2 ވަނަ ޖީލުގެ މަސްދޯނި ފަހަރު ސަރުކާރުގެ ޚަރަދުގައި ބަނދެ، ދިގުމުއްދަތުން އަގު އަދާކުރާ ގޮތަށް މަސްވެރީންނަށް ލިބޭ ގޮތް ހަމަޖެއްސެވިއެވެ.
މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. (މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2008)
5.3.9 ފަތުރުވެރިކަން:
1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވީނަމަވެސް 1978 ގެ ނިޔަލަށް ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީއެއް ނެތެވެ. އެއީ ވަކި ބަޔެއްގެ ޖީބަށް ވަންނަ ފައިސާއެއް ކަމުގައި އޮތީވެފައެވެ. ފަންނީ އެއްވެސް ބަޔެއް މުޅި ދާއިރާގައިވެސް ނެތި، ކުރެވެމުން އައި މަސައްކަތް އެއީ ޤައުމީ އިޤްތިޞާތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ހެއްދެވިއެވެ. 1987 ގައި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށްޓަކައި [ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ] ގެނަމުގައި މަރުކަޒެއް ޤައިމުކުރެއްވި އެވެ. ވިސްނުންތެރިކަމާއި ރޭއްވެވުމާއެކު ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ތަރައްޤީ ކުރައްވައި މުޅި ދުނިޔޭގެ ރަންވަނަތައް ޙާޞިލުކުރެއްވިއެވެ. (މިނިސްޓްރީ އޮފް ޓޫރިޒަމް 2008)
5.3.10 ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު:
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތްއިރު، ރަށްރަށުގެ މިސްކިތްތަކާއި ރަށު އޮފީސްތަކަކީ ސަރުކާރުން ޢިމާރާތް ކުރައްވާ ތަންތަނެއް ނޫނެވެ. އެއީ ރައްޔިތުން އަމިއްލަޔަށް އެމީހުންގެ ޚަރަދުގައި ބިނާކޮށްފައި ހުރި ދެރަވަރުގެ ތަންތަނެވެ. ފުރާޅުގައި ފަންލައި ބިތުގައި ގޯނިދަމައިފައި ނުވަތަ ރާނައި ސިމެންތި ނުޖަހައި ހުންނަނ އޮފީސްތައް ބައިވަރެވެ. މިސްކިތުގައި ބައްތިދިއްލައި ކުނާ އަޅައި ހެދުމަކީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. ރަށު އޮފީސްތަކަކީ ސަރުކާރުގެ ތަނަތަނަށް ނުވާތީ އެތަންތާނގައި ޤައުމީ ދިދަ ނެގުމެއްވެސް ނޯވެއެވެ. ރަށު އޮފީހުގައި ތިއްބަވަނީ ކަތީބަކާއި ކުޑަކަތީބަކު އެކަންޏެވެ.
މިކަން މިހެން އޮއްވައި މިއަދު މިފެންނަ މިންވަރަށް ރަށު އޮފީސްތަކާއި މިސްކިތްތައް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެއްވިއެވެ. މުވައްޒިފުން ލައްވައި ޤައުމީ ދިދަ ނަގައި ޒަމާނީކުރެއްވިއެވެ.
5.3.11 އެހެނިހެން ބައެއް ކަންކަން:
ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތައް ބަޔާންކުރުމަށް މަދު ޞަފުޙާތަކެއް ނުފުދެއެވެ. ބޭނުންވަނީ އެއްތަ ބައިވަރު ފޮތްތަކެކެވެ. އެހެންކަމުން އެ އުނދަގޫ މަސައްކަތްކުރުމަށް ޢުޛުރުވެރިވުމާއެކު އެ މަނިކުފާނުގެ މުހިއްމު އެހެން ބައެއް ޚިދުމަތްތައް ލިސްޓުކޮށްލުމުން ފުއްދައިލާނަމެވެ.
މާލޭ ބިންހިއްކުމުގެ މަޝްރޫޢު
މާލޭ މަގުހެދުމުގެ މަޝްރޫޢު
ރަށްރަށުގެ ބަނދަރުހެދުމާއި ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުން
އިސްލާމީ މަރުކަޒު ބިނާކުރުން
އިލެކްޓްރިކް އަލިން ރާއްޖޭގެ ކަންކޮޅުތައް ދިއލައިލެއްވުން
ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން
އާސާރީތަރިކާ ޙމާޔަތްކުރެއްވުމުގެ ގޮތުން ހުކުރުމިސްކިތާއި ޢީދުމިސްކިތާއި މިފަދަ އެހެން މިސްކިތަތައް ދިގުމުއްދަތަކަށް ހުންނާނެ ގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުން.
ނޫސްވެރިކަން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުން
އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހިތްވަރު ދެއްވުމަށްޓަކައި ޤައުމީ އިނާމް ތަޢާރުފުކުރެއްވުން.
ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއެކު ފުލުހުންނަކީ މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖެއްސެވުން.
އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރުފްކުރެއްވުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުން
ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުން.
ޗާޕުގެ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުން.
އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފްކުރައްވައި ޢާއްމުކުރެއްވުން.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން.
މަލްޓިޕާޓީ ޑިމޮކްރެސީ ތަޢާރަފްކުރެއްވުން.
ރަށުކޯޓުތައް އުފެއްދެވުން.
ހައިކޯޓާއި ސުޕްރީމް ކޯޓް އުފެއްދެވުން.
މި މަޒުމޫނަށް ކަނޑައެޅިފައިވާ ދިގުމިން ހަމަވުމާއެކު ތިޔަ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުން މި ހިސާބަށް ކުރުކޮށްލާނީ ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނާނީ މައުމޫންގެ ޚިދުމަތްތައްކަމުގައި ދަންނަވަމުންނެވެ.
5- ފަހުބަސް:
ރައީސް ނާޞިރާއި ރައީސް މައުމޫންގެ ޚިދުމަތުގެ ސިލްސިލާއަށް ބަލައިލާއިރު ދެ ބޭފުޅުންނަކީވެސް ވަރަށް ޚިދުމަތްތެރި ދެ ޒަޢީމުންކަމަށް ދަންނަވަން ޖެހެއެވެ. ޚިދުމަތްދެއްވި ގޮތާއި ފުޅާމިނާއި ޚިދުމަތުގެ ޒަމާނުގައި ތަފާތުތަކެއް އެބަހުއްޓެވެ. ވިސްނުންފުޅު ގެންގުޅުއްވި ގޮތުގެ ތަފާތުތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މި ދެ ޒަޢީމުންވެސް ޤައުމަށް ފައިދާހުރި އާކަންތައްތަކެއް ތަޢާރުފުކުރައްވައިފައި ވާކަމެވެ. ގިނަގުނަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވައިފައިވާކަމެވެ. މި ދެ ޒަޢީމުންގެ ޚިދުމަތްތައް ތިލަފަތަށްލައި ކިރައި އަޅައި ބެލުމަކީ މިފަދަ ކުރު ދިރާސާއެއްގައި ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެންކަމުން މި ދިރާސާގެ ސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ الأستاذمأمون عبــدالقيـّوم އަށްވުރެ سموّالأميرإبراهيم ناصر ދިވެހި ޤައުމަށް ފައިދާހުރި މާގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވާކަމަށް ދެންނެވޭކަށް ނެތް ކަމުގައެވެ.
މަޢުލޫމާތު ހޯދުމުގައި ރުޖޫޢަވި ވަސީލަތްތައް:
• އަޙުމަދު ޝިޔާމް (2003). ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ކުރިޔަށް އޮތް 5 އަހަރަށް ރައީސްކަމުގެ މަޤާމަށް ރައީސް މައުމޫން
• ހޮއްވަވައިފި. ފުރަދާނަ 69، ޞ 20-23
• އަޙުމަދު ޖަދްޢާނާއި އިބްރާހީމް އަޙުމަދު. (2008، ނޮވެމްބަރ 23). [ދާދިއަވަހަށް ނެތިފަނާވެދިޔަކަސް އަގެއް ނެތް ޖިސްމުތައް ތާއަބަދު ދެމިހުންނަ ހެޔޮ ޛިކްރާއަކަށް ނިމުމެއް ނެތޭ]. އާފަތިސް، ޞ 8
• ޢަބްދުލްޙަކީމް ޙުސައިން މަނިކު. (1997). އިބްރާހީމް ނާޞިރުގެ ތާރީޚު. އިއްޔެ 1، ޞ 115-219
• ޢަބްދުﷲ ޒަމީރު. (2003). ރައީސް މައުމޫންގެ ޒަޢާމަތުގެ ރިހި ޔޫބީލް ފާހަގަކުރެވިގެން ދާއިރު، ރާއްޖެއަށް ލިބުނު ކުރިއެރުންތައް. ފުރަދާނަ 70، ޞ 18-25
• އިބްރާހީމް ޝިހާބު. (1990). ރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
• އާދަމް ޙަލީމް. (2008، ނޮވެމްބަރ 23). ނާޞިރުގެ ޤައުމީ ޚިދުމަތްތައް ގިނަ. ހަވީރު، ޞ 8.
• ޢަބްދުﷲ ޙަމީދު. (1990). ދިވެހިރައްޖޭގެ ސިޔާސީ ދާއިރާގެ ތެރެއިން ޞާޙިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރ.ބ.ކ، ނ.ޣ.ޢ.ވ. ހުކުރު 16، ޞ 12-14
• ޢައްބާސް އިބްރާހީމް. (1990). މަޖީދިއްޔާ އުފެއްދި އެންމެ އަގުހުރިދަރި. ހުކުރު 16. ޞ 18-19.
• މިނިސްޓްރީ އޮފް އެޑިޔުކޭޝަން. (2008). އަވަސްކަޅިއަކުން.... ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރު. (ޗާޕުކުރިތަން ނޭނގޭ).
• މުޙައްމަދު ޝާޠިރު. (2005). ކުރީގެ ރައިސް ނާޞިރުގެ ޢުމުރުފުޅުން 79 އަހަރު ފުރިއްޖެ. ހުވާސް 126، ޞ 11.
• މުޙައްމަދު ނަޞީރު. (2008). ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ތިން ރައީސުންގެ ނަސަބުނާމާ. މާލެ: ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝަރޒް.
• ފަތުރުވެރިކަމުގެ ތަރއްޤީގެ 35 އަހަރު. (2008). މާލެ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން
• ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ(1). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
• ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2006). ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ(4). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
• ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ އަހަރީ ފޮތް. (2003). މާލެ: މިނިސްޓްރީ އޮފް ޕްލޭނިންގ އޭންޑް ނޭޝަނަލް ޑިވެލޮޕްމެންޓް.
• ޑީ.އާރ.ޕީ.ގެ މެނިފެސްޓޯ. (2008). މާލެ: (ޗާޕުކުރިތަން އެނގޭކަށް ނެތް)
(ނިމުނީ)