އަދުގެ ޚާއްސަ

Print

އާދަޔާ ޚިލާފު ވިހެއުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 ޢަބްދުﷲ ނަޢީމު އިބްރާހީމް
 
ހަސްފަތާލަކީ ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ހިނގާ ތަނެކެވެ. އެކި ބަލި ބަލީގެ މީހުން އައިސް، އެ މީހުންގެ އެހީތެރިންގެ ގޮތުގައި އެކި މިޒާޖުގެ މީހުން އައިސް ގޮސް ވާ ތަނަކަށް ވާތީ ބައެއް ފަހަރަށް މުނިފޫހި ފިލުވައިލާން ދާން ރަނގަޅު ތަނަކަށްވެސް ހަސްފަތާލު ވެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމެވެ. އެއް ދުވަހަކު އަޅުގަނޑު ހަސްފަތާލެއްގައި ހުއްޓާ ރައްޓެހި އަންހެނަކު ބަނޑުގައި ރިއްސާތީ ގެނެސްފިއެވެ. ގެނައި ގޮތަށް ވެއްދީ ވިއްސާ ކޮޓަރި އަށެވެ. އޭނާގެ ފިރިމީހާ އަކީވެސް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަންހެންމީހާ އަކީ އޭގެ ކުރިންވެސް ދެތިން ކުދިން ވިހާފައި އިން އަންހެނެކެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަހަލަ މައްސަލަ އަކާ ކުރިމަތިލާން ޖެހޭކަން އަޅުގަނޑަށް އޮތީ އެނގިފައެވެ. އެކަމަކު އެ މައްސަލަ ތަކަކީ ކޮބައި ކަމެއް އެނގިފައެއް ނެތެވެ.
   
އަޅުގަނޑު މަސައްކަތް ކުރީ ހާސް ވެފައި ހުރި ފިރިމީހާގެ ހިތް ހަމަ ޖައސައި ދެވޭތޯ އެވެ. "މާ ބޮޑަށް ފިކުރު ކުރަން ނުހަދާ- ހުރިހައި ކަމެއްވެސް ވާނީ ރަނގަޅަށް- އިރާދަ ކުރެއްވިއްޔާ ގެއްލުމެއް ނުލިބޭނެ-" އަޅުގަނޑު އޭނާގެ ކޮނޑުގައި ޖަހައިލީމެވެ.
    
އޭނާ ހިނިތުން ވެލިއެވެ. އެކަމަކު އަނގަޔަކުން ނުބުނެ އެވެ.
    
ކުއްލިއަކަށް ވިއްސާ ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ފިރިމީހާ އަށް ގޮވައިލާފައި ނަރުހަކު ކޮންމެވެސް ވާހަކައެއް ބުނެލާފައި ދޮރު ލައްޕައިފި އެވެ. އޭނާ އެނބުރި ކުރިން ހުރި ތަނަށް އައީމާ ވީ ކިހިނެއްތޯ އޮޅުން ފިލުވުމުގެ ގޮތުން އަޅުގަނޑު ސުވާލު ކޮށްލީމެވެ. "ހުރިހައި ކަމެއް ރަނގަޅުތަ-?؟"
    
އޭނާ ބޯ ހޫރައިލި އެވެ. "މި ފަހަރުވެސް ޖެހެނީ ފަޅާލަން- އޭނާ އެ ބުނީ ފަޅާ ކޮޓަރިއަށް ގެންދަން ޖެހޭ ވާހަކަ-"
    
މާ ގިނަ އިރު ތަކެއް ނުވެ އަންހެންމީހާ ނެރެފިއެވެ. ގެންގޮސް ވެއްދީ ބަލި މީހުން ގެންދާ ލިފްޓަށެވެ. އަޅުގަނޑުވެސް އެ މީހުންނާ އެކީ ގޮސް ލިފްޓަށް އަރައިފީމެވެ. ނަރުހުންގެ ދެ މީހުން އެހީތެރިންގެ ގޮތުގައި އައެވެ. ކުއްލިއަކަށް އަންހެންމީހާ ކުކުރަން ފަށައިފިއެވެ. ނަރުސް ކުއްޖަކު ފޮތިގަނޑު ހިއްލާ ބަލައިލާފައި ބުނެލިއެވެ. "ވިހަނީ-!"
    
އަނެއް ނަރުސް ކުއްޖާ އެނދުގައި އޮތް އަންހެން މީހާގެ އަތުގައި ފިރުމައިލާފައި ބުނެލިއެވެ. "ހާސް ނުވޭ- ލިފްޓް ތެރޭގައި ވިހެއި ކަމުގައި ވިޔަސް އަހަރެމެން ފަރުވާ ކުޑަ ކޮށެއް ނުލާނަން- ލިފްޓުގައި ވިހަން ޖެހޭތީ ލަދު ގަންނާނެ ކަމެއް ނެތް- މި ދިޔަ އަހަރު މި ހަސްފަތާލުގެ ދޮރުމައްޗަށްވެސް ދިވެއްސަކު ވިހެއި-"
    
ލިފްޓުގެ ދޮރު ހުޅުވިއްޖެ އެވެ. އެނދު ނެރުނު ވަގުތު އަންހެންމީހާ އަޅުގަނޑުގެ އަތުގައި ކޮށްޓާލާފައި މަޑު މަޑުން ކޮންމެވެސް އެއްޗެކޭ ބުނިހެން ހީވެގެން އަޅުގަނޑު ކަންފަތް ކައިރިކޮށްލީމެވެ.
    
އޭނާ ވައިއަޑުން، އުނދަގުލާ އެކު ބުނެލިއެވެ. "އޭނާ އެ ބުނާ ދޮރުމައްޗަށް ވިހެއި މީހަކީވެސް އަހަރެން-!"

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ