އަދުގެ ޚާއްސަ

Print

މަޑު އާދަނާއި ކުރިމަގު ގޮއްޔެގެ ވާހަކަ (5)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


5 އޭޕްރީލް (ހޯމަ) އާ ގުޅޭ....

މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ ށ. މިލަންދޫ


އުތުރު އެނދު ތަންދޮށުގާ ގަލެއްނެއްޓި ބަލެއްއޮތޭ ، އެބަލުން ނުކުމެ ދަނިބުޅަލާ، އަތިރީހުރި ރުކެއްދަށަށް މައެބަދަމޭ ދާނދޭ- އަންނަނަޔޯ ނާނާ

އަދި މޫސާފުޅު މޫނުމަތީ ބާލިސް އަޅައި، މޫސާފުޅާ ދޮންކަމަނަ ވަގުފިރިކަލޭގެ ފޮނުވާލީ މިހެން މޫނުމަތީ ބާލިސް އަޅިގެންނޭ ބުނެ ، އެނދު ތަންދޮށުގައި އޮތްވަގުފިރިކަލޭގެ ފޮނުވައިލީއެވެ.

ދެން މިވާހަކަތައް މުނާސަބު  ވަގުތަށް ފަސްކޮށްލައިފައި ވާހަކައިގެން ..............

މުނޑަހަނދިގޭދޮށުގައި ހުކުރުދުވަހަށް އާކާވެނީގެ ކާވަނިބަތް ދަނީ ކެކެމުންނެވެ. ކަމަށް ބޭނުންވާ އެންމެހައިތަކެތި ދަނީ ތައްޔާރުވަމުންނެވެ. ހީވަނީ ބުންބާވެރިން މާލޭގައި ވިޔަފާރިކުރި ދުވަސްވަރު ތިންފިހާރައަށް ކައްކައިފައި އޮތްހެންނެވެ. މިތާ ނެތްއެއްޗެއް ނެތެވެ. ތުނބުޅި އަސާރަ ، ނަރަވައި އަސާރަ ، ހުތް އަސާރަ ، ލޮނު އަސާރަ ، ފޮނި އަސާރަ ، މިހެންގޮސް شفاعة ތައްޓެއްގެ ފުލަށް ލައިފާވެސް ހުރިއެއްޗެއްވިއްޔާ އެބަހުއްޓެވެ.

ކާވެނިބަތުގެ ކަންތައްނިމި ޢާންމު ދިރިއުޅުމަށް ފެށިއްޖެއެވެ. މިހާރު ކުރިމަގު ގޮއްޔެއާއެކު އާދަނުވެސް ބޮލިހިލަން ބައެއްދުވަސްދުވަހު ދެ އެވެ. ލިބޭ ބޮލިވެސް ގިނަ އެވެ. މިހާރު މާލެދާން ބޮލި ބަންނަ ދުވަހަކުވިއްޔާ މުޑަހަނދިގޭން ވެސް ދޮޅަސް ސޯޅަ ގޮނު ބޮލި ބަނދެ އެވެ. އެއްދުވަހަކު އަނބިގޮއްޔެ ފިރިސޮރަށް ބުނެފިއެވެ. ދެން އަހަރެމެން ކުރާންއޮތް އެންމެ ބޭނުންތެރި ކަމަކީ ތަންކޮޅެއް ތަނަވަސް އާގެގަނޑެއް އެޅުމެވެ. ދެން ވާހަކަދެކެވި ގެއެއް އެޅުމަށް ބޭނުންވާނެ ލަކުޑިޔާ ، އީޓު ދަނީ މާލޭން ގެންނަމުންނެވެ. މިހެން ގޮސް ގޮސް ގެއެއް އެޅުމުގެ ހުރިހާ ކުޅަމުސަ ހަމަވެއްޖެއެވެ. ދެން ގެއަޅާނެ ރަނގަޅު އިރުވަރެއް ބެލުމުގެ ކަންތައް ފެށިއްޖެ އެވެ. އަންނަ ހޯމަދުވަހަށް ބެލިއިރު މުސްކުޅިރައިވަރު ބަހުގައިވަނީ  [ ފެންފުޅަފުން ޖާތިމުޑި + އަންނަ ހޯމާ ބަދައަކުގާ + ފަންގެ ނުލާތި ގެއަކުގާ ] މިހެންނެވެ.  އަންނަ ބުރާސްފަތިދުވަހަށް ބެލިއިރު  އަންގާރަ މަހުމުޅަ އެވެ. ގެއަށް ވަދެލާނެ މީހަކު ނުވާނެއެވެ. އަތަ ހިތަ މި ދެނަކަތު ސިންދައޯގަ ވެ އެވެ. ކުރެވޭނީ އޮޑިދޯނިފަހަރުގެ ކަންތަކެވެ. އަދި މި ދެނަކަތުގައި ކުރާކަމުގާ އަމަރުތަ އޯގަ ނުވިނަމަ ލިބޭ އެތިކޮޅު ކުޑަނަމަ ވެސް ލިބިލިބި ހުންނާނެ އެވެ. ދެން ދޮރުވަރުދުވަހާއި ،ކަށްކަނޑައިފާ، ރަހަދާނަ އޯގަވާދުވަހަކީ ގޯތިގެދޮރުހެދުމަށް ފެށިނަމަ ލާބަ ނަޞްރު ލިބޭނެ ދުވަހެވެ. ދިނަށަ މެދަށް ބެލިނަމަ ރޯދި ނަށަމުން އަންނާނެ އެވެ. ނަމަވެސް މާނަކަތަށް މުއާން ނަމަ ރަސްރޯދި ރޯދި ވަންނާނެކަމަށް ވެސް ބެލެވެއެވެ. ދެން މި ކަހަލަ ގޮތްތައް ބަލައި ގޭ ވަރުވާކަނުގާ ބާއްވާނެ ގަލެއް ތައްޔާރުކޮށް ޙަސަނާތުތަރި ދެތަރި ޖެހޭވަގުތު (ކަޅުހިލަ ދާއަށް ވަޅިވަންނަ ވަގުތަކީ) ވެޔޮ، ވަޅުގެ ފެންގަނޑު އުތުރި ބަންޑުންދާ ވަގުތެވެ. އެވަގުތު އެފެން ބޮލަށް އެޅުމުން ނިޔަތްލީކަމެއް ވާނެއެވެ.  އެއީ ރަސްރޯދީގެ ވަގުތެވެ. އެވަގުތު ގޭ ވަރުވާކަނު ގާ (އިރުވަރު ގާ) ހަރުކޮށްފި އެވެ. ދެން ގެ ބައިކޮށް މައިގެއާ އެތެރެ ގެއާ މެދުއެތެރެ ގެއާ ދެކުނު ފެންޑާޔާ ، އަދި އިތުރު ބައިތައް އެކުލެވޭގޮތަށް ބިންގާ ބެހެއްޓިއްޖެ އެވެ. ދެން ބިންވަރުގާ ބާއްވައި ކޮރުވަޅުތައް ކޮނެ މެއްލަ ޖަހައި ، ކޮންމެ މެއްލައެއްގެ ދެފަރާތުން ކަތިމެއްލައެއް ހަރުކޮށް ، މަތީވަކަރަށް އިލިއެޅުމުން ގޭގެ އޮނިގަނޑު ރޭވުނީ އެވެ. ދެން މައިވަކަރު މައްޗަށް ތޮނަޖަހައި ، ތޮނަތަކުގެ ކަފިވަޅުތަކުން ގޭވަސްދަނޑި އެލުވި އެވެ. ވަސްދަނޑި ދެފަރާތަށް ފައިދޮށް އަރުވައި ފައިދޮށުގެ ދެކަނަށް އިލިއެޅުމުން ފައިދޮށް ހަރުކުރެވުނީއެވެ. ފައިދޮށްތަކު މަތީގައި ކެހަފަތް ދަމައި އިލިއެޅުމުން މަތީވަޑާންގަނޑު ހަރުކުރެވުނީ އެވެ. ދެން މަތި ހިޔާކުރުމުން އަތްވާއި ވާރެއިން ސަލާމަތްވީ އެވެ. ކޮންމެ ހުރަސް ބެރިއެއްގެ ކޮޅަށް އިލިޖަހައި ، ބެރިތަކުގެ ކޮޅަށް ބުޅާފިލާ ލައްވާނެ އެވެ. ދެން ބިންވަކަރުމަތީ ހުރަސްވަކަރެއް އަޅައި، އޭގެ މައްޗަށް ތެދު ތޮނަތަކުގެ ފޫހަރުކުރާނެ އެވެ. ތެދު ކޮންމެ ތޮނައެއްގެ ދެފަރާތުން ކަތި ތޮނަތަކުގެ ފޫ ހަރުކުރާނެ އެވެ. ދެން ދެކޮޅަށް އެއްވަރު ހިމަ ދުނބުރި ދަނޑިން ބިތް ގަތާނެ އެވެ. ދެ ދަނޑިން ހިފައި ތިންއިންޗި ހަތަރު އިންޗި ގޮޅި ހަމަވާގޮތަށް ގަތައި ދަނޑިގަނޑުގެ ބޭރުން     ސަޓާޖަހައި ސަޓާމަތިން ބިތްފަން ދަމައި ބޭރު އޮބި ފަލަ ރޯނުން ބިތްގަނޑަށް އެތެރޭން ބޭރަށް ބޭރުން އެތެރެއަށް ޖަހައި ހަރުކުރާނެއެވެ. ފަލަ ރޯނުން ފަހާ ތަންތަނަށް ފަންވިންނަ އިލި ބޭނުންކުރާނެ އެވެ. ހިމަ ރޯނުން ފަހާއިރު ކަސްތުގެ ކޮޅުގައި ރޯނުފަށްކޮޅު ގޮށެއް ޖަހާނީ ހިމަކޮށްފަ އެވެ. (ކަސްތު ހަދާނީ ރޯފަންވަތް ވީދައިލާއިރު އިލޮށިގަނޑުން ވީދިގެން އަންނަ ކޮޅުގަ އެވެ.)

ދެން ކޮޅުބިތުގައި ފަންދަމައި ކުކުޅުވަހި ބައްދައި ކަތިވަށް އަޅައި އޮބި އެޅުމުން ކޮޅުބިތް ބެދުނީއެވެ. މިއީ މޮޅަށް ހަދާ ގެއަކަށްވާތީ ބޮޑުއަށިންފެށިގެން މެދުއަށިގެއާ ހަމައަށް މައިދޮރުފަރާތުގައި ވާނީ ފިލާބިތް ލައިފައެވެ. ގޭގައި ހުންނާނީ މައިދޮރާއި ކިބަޅިދޮރެވެ. މައިގޭގައި ބޮޑުއަށްޓާއި ކުޑައަށްޓެވެ.  ދިމާއެނދާ ދިމާއެނދު ކޮޅުއެނދު ބަހައްޓާފައި ހުރީ ތިރިއަށި ބަހައްޓައި އޭގެ މަތީގަ އެވެ. އެނދުގެ ހަތަރުފައި ވަނީ ލިޔެލާޖަހައިފަ އެވެ. އެތެރެގެއާ މެދުއެތެރެގެއާ ދެކުނު ފެންޑާގެ މަސައްކަތް ނިމި ގޭތެރެއަށް ކަށިވެލި ލައި ހަދައިފި އެވެ. ބަދިގެ އަޅައިފި އެވެ. ބަދިގޭ ދޮރުމަތީ ތިރި ފެންޑާލައި ފެންޑާގެ އެއްކޮޅު ދަރު ރައްކާކުރާގޮތަށް ހެދި އެވެ. ބަދިގޭ ހުޅަނގުކޮޅުގައި ބަނޑަހަގެ ދެން ކޮށާރުގެ ދެން މާމަލުގެ ހެދުމުން ނިމުނީ އެވެ.

ނޯޓް (މާމަލުގެއަކީ ބާ ކުސަމުސަ ފަހުން ބޭނުންވެދާނެތީ ބަހައްޓާ ތަނެވެ. ކާށިގެއަކީ ވަލުކައިރީ ދެރަ ވަގުތީ ހިޔާވަހި ތަނެކެވެ. ވަށްބަހެއްގެ ގޮތުން ބޮޑުފީރުއަޅާ އަށިދަށަށް ލައިފާނަމޭ ބުނަނީ ވަށައި ބައްދާފައި ހުންނަ ކުޑައަށިދަށެވެ. ތިރި އަށިދަށޭ ބުނަނީ ދިމާއެނދު ބަހައްޓާ އަށިދަށަށެވެ. އެއީ މަރަވަޅި ފަދަ ތަކެތި ބަހައްޓާ ސާފު ތާހިރު ތަނެކެވެ. ކުރަފިގުދަން ކިޔަނީ ބަނޑަހަގެއަށެވެ. )

ދެން އާގެއަށް ދިއުމުގެ ތައްޔާރީތައް ވަމުން ދެއެވެ. އެނދުއަށި ލެވިއްޖެއެވެ. ދެން މަހުން އައި ހެޔޮދުވަހު ހެޔޮ އިރުވަރު ސާދަވީ ބުރާސްފަތިދުވަހު ފަސްފިޔަވަޅުބަޔަށް އިރުއެރިވަގުތު خطيب حسين ބެ ދުރުވެ  صلواة – فاتحة ކިޔަވައި ވައިގުގޫ ކުމުންޒާނިން ދުންބުރުވައި ލިޔެފައިވާ ރަތުރުކު ބޮންތިއަކާ، ކުޑަވަރެއްގެ އަހިގަހެއް އެއްކޮށް ބަނދެފައި ހުޅަނގު ތޮނައިގާ ބޮންތީގެ ބުޑުވާގޮތަށް އިރުމަތީ ތޮނައަށް ބޮންތީގެ ހުނގޫވާގޮތަށް ވާތުރޯނުން އައްސައިފި އެވެ. ދެން ގޭތެރޭގާ ކަތިހުރަހަށް ފަލަ ވާތުރޯނެއް ދަމައިލި އެވެ. އަދި ގޭމެދަށްވާގޮތަށް ގިނަވެލި ދަނޑީގެ ވަހުތާނެއް ވަސްކޮޅުގައި އައްސައިފި އެވެ. ދެން خطيب حسين ބެ ގޭމެދުގައި ހުރެގެން އަމާން ބަންގިދީފި އެވެ. ދެން ގޭގެ މައިދޮރު އިރުމަތީކަނުގައި ހިފަހައްޓައިގެން ހުރެ جبريل امان دعاء އާ آمن  الرسول دليل އާއި رسول ތިން دليل ވެސް ކިޔަވައިފާ ގެވެހި އަންހެނާ ގެއަށް ވެއްދުމަށްޓަކައި އަތު މުލައްދަނޑީގައި ހިފައިގެން މަޑުމަޑުން ފިޔަވަޅުނަގަމުން امان ބަނދި ކިޔަމުންގޮސް ރައްކަލޯ ރައްކަލޯ – ނުރައްކަލުން ރައްކަލޯ – ހާހޫރައިން ރައްކަލޯ – ވަސްވާހުން ރައްކަލޯ – ހުނިގޮނޑިތިލަ ވެނިކަމަނާ ރައްކަލޯ – ރައްބުގެ ރައްކަލޯ ކިޔަމުން އަތް ދޫކޮއްލިއެވެ. ދެން ބަދިގޭގައި ފުރަތަމަ ކައްކާ އެއްޗެއްގެ ގޮތުގައި ބަތްޕެން ބަންޑުން ދުއްވުމުން ކެއްކުން ފެށުނީ އެވެ. ދެން މެންދުރު ނަމާދުން އައިސް އާގެއަށް އައި ކޭން ކެއުމަށް ދުރުވުމަށް ގޮވެލިވަނީ ގޮވައިފައެވެ. އެގޮވެއްޔަކީ  = ކަންވޮށި ނުވޮށި - ރައްޓެހި ބީރައްޓެހި - އަންހެން ފިރިހެން – ކުދިބޮޑު އެންމެތަކުން – މަސަލަސްކަމާއެކު ( މިވެނިގެއެއް ދޮށުގާ އެވެނިކަމަކާ ގުޅިގެން ދޭ ގޮވައިލުމަކަށް މާކޭން ކެއުމަށް ) ދުރުވެލައްވާށޯ .

މުޑަހަނދިގޭދޮށުގާވަނީ ކޭންތައް ތައްޔާރުކުރެވިފަ އެވެ. ކަންވޮށިބޭކަލުންނަށް ތުނޑުކުނާ މަތީގައި ކަން ނުވޮށީންނަށް ފަންގެކުނާ މަތީގައި މެދުކެނބިންނަށް ބޮޑުކުނާ މަތީގައި ޅަފުރައި ކުދިންނަށް މެދުރިކުނާ މަތީގައި ، މާކޭންތައް އެތުރިފައި ވެ އެވެ. ކަންވޮށިބޭކަލުންގެ ކޭންމަތި ބަލަހައްޓާ މީހާ ހުންނާނީ ރަނގަވާޅު މަތިން މުންޑުން ދަރެއް ބަނދެލާ މެދުހަށީގައި ބޮޑުރުމާލެއް ނުވަތަ ފޮށައެއް ބަނދެލައިގެންނެވެ. އެއީ އަތްދޮވުމުގެ ފަހުގައި އަތްފުހެ ތުންފުހުމަށެވެ.

ކައި ނިމުނު މީހުން ދުފައި ހެދިނަމަވެސް އެންމެން ކައި ނުނިމެނީސް ކޭންތަކުގެ މަތިޖެހުމެއް ނޯންނާނެއެވެ. ކައިނިމި ފެންބޮއި ހެދުމަށްފަހު ހުވަނދުގެނެވި ދުފައިހެދުމަށްފަހު ދުންބެހެއްޓިދާނެ އެވެ. ދެން هيبة ހުރި އަޑަކުން الفاتحة މިއަޑު އިވުމުން އެންމެންހެން ހިމޭންވެދާނެއެވެ. ދެން صلواة فاتحة ކިޔެވުމަށްފަހު مولود ކިޔާނަމަ އަޑުހަރުކޮން ماكان محمد دليل - لقدجاء ކިޔަންފެށުމުން ބައެއްމީހުން ހަރުގެއިން ހިނގައިދާނެ އެވެ. އާންމުގޮތެއްގައި ހަރުގެއިން މީހުން ނުކުންނާނީ سلام ޅެންބައި ނިމުނުންނެވެ. سلام ޅެންބައި ފެށުމާއެކު ފިނިފެނާ އަރާނެ އެވެ.  

ދެން އާގެއަށް ދިއުމުގެ އާދަކާދައިގެމަތިން ކުރަންހުރި ކަންތައްތައް ނިމި އާދައިގެ ދިރިއުޅުމަކަށް ވެއްޖެއެވެ. މިހާރު ފަރަށް ގޮސްއުޅެނީވެސް ކުރިމަގުގޮއްޔެއާ  އާދަނާއި އެކުގައެވެ. މާލެދާބައްތެލިފަހަރު ބޮލިބަންނައިރު މަދުދަތުރެއްގައި ނޫނީ ދިހަބާރަ ގޮނު ބޮލި ފޮނުވަންލިބެއެވެ. މިހާރުގެންނަނީ ވިޔަފާރި މުދަލެވެ.

ވިޔަފާރިކުރަން ފެށުމުން ހިލާބޮލީގެ އިތުރަށް ގަންނަބޮލި އިތުރުވުމުން ވިޔަފާރިމުދަލާ މަސް ކިރުވައިފައި ބާކީ ފައިސާގެ ބަދަލުގައި ގަނޑު ރިހިވެސް ގެނެއެވެ. އަދި ލޯކަންވާރުގެ ބާވަތްތަކާ މުށި ކަންވާރުގެ ބާވަތްތައް ވެސް ގެނެއެވެ. އަދި ބޭސްސުންބުލިވެސް ގެނެއެވެ. މިހިސާބަށް ދިޔައިރު ކުރިމަގުގޮއްޔެއާ އާދަނަށް ދެ ފިރިހެން ކުދިން ލިބިއްޖެއެވެ. މިކަމުގެ ސަބަބުން ބޮލިހިލުމަށް ކުޑަހީނަރުކަމެއް ލިބުނު ނަމަވެސް ވިޔަފާރިއަށް އިތުރު ފުރުޞަތު ލިބިފައިވާތީ ކުރިމަގު ދަނީ އަލިވަމުންނެވެ. ރަށަށް ތިންހިޔަ ހަތަރެއްސަ ފަނަސް ފާހިތި މަގުން މަސްބާނާއިރަކު ލިބޭ މަސްރޯދި އިތުރުވެ އެވެ.

ނޯޓް: އިހުގެ ގުނުމުގެތެރެއިން ، ވިޔަފާރި ، ދިރިއުޅުމުގެ އާންމު އުސޫލުތަށް
12 އެއްދޮޅަސް ، 24 ފައްސިހި ނުވަތަ ދެދޮޅަސް ، 36 ތިންދޮޅަސް ، 48 ހަތަރުދޮޅަސް ، 60 ފަސްދޮޅަސް ، 72 ފާހިތި ، 84 ފަނަސް ، 96 ހިޔަ ، ދޮޅިއްސައަކީ ދޮޅު ދިހައެވެ. އެއީ 144 ކެވެ.  
އެދުވަސްވަރު ރާއްޖޭގެ އާންމު އެކުސްޕޯޓް ފައިސާއަކީ މަސް ، ބޮލި ، ރޯނު ، ކުފުރާ ، ކާށިތެޔޮ ފަދަތަކެއްޗެވެ.
 
އެޒަމާނުގެ ކެއުން ބުއިމަށާ އަންނައުނު ގަނެފައި އެއްޗެއް އިތުރުވާނަމަ، ނައު ހުޅަނގުން އަންނައިރު ވިޔަފާރިކުރުމަށްޓަކައި ރައްކާކުރާނެ އެވެ. އެއީ ހުޅަނގު މޫސުމުގައި އިންޑިއާ އާ އުތުރުކަރައިންނާ ، އިންޑިއާގެ އެކިރަށްރަށުން ވިޔަފާރި ނައުފަހަރު ރާއްޖެއަށް އަންނާތީ އެވެ. ޢަރަބި ކަރައިންވެސް ވިޔަފާރި ނައުފަހަރު ރާއްޖެއަށް އަންނަކަމުގައިވެ އެވެ. ވިޔަފާރި ނައުފަހަރު އަންނަ ދުވަސްވަރު ވިޔަފާރިކުރުމަށް އެމީހަކަށް ރައްކާކުރެވުނު މިންވަރަކުން ރައްކާކުރާނެ އެވެ. އާންމުގޮތެއްގައި ރައްކާކޮށްފައި ރައްކައުކޮށްފައި ގިނަދުވަހު ބެހެއްޓޭ މުދަލަކީ ، ނައުޒޯންގުފަހަރުގެ ވާވެލާވެލިއަޅާ ތުނބުޅިރޯނާ ، އެކިމަސައްކަތުގައި ބޭނުންކުރާ އޮމާން ރޯނާ ، ބޮލީގެ ބާވަތްތަކެވެ. ބޮލިރައްކާކުރެވޭނީ ކޮށާރުގައާ ، ބިމުގައި ވަޅުލައިގެންނެވެ. ދެން މަހުގެ ބާވަތްތަކެވެ. ގިނަދުވަހަށް މަސް ހަލާކުނުވެ ހުންނާނެ ހެން މުސްކުޅި ގޮތްތައް ހުރެއެވެ. މަސް ހަލާކުވާނީ ދެ ކަމަކުންނެވެ. އެއީ ވަޔާއި ، ތެތްކަމުންނެވެ. ކަނޑުމަސް އެންމެ ގިނަ ޒަމާނަށް ރައްކާކޮށްފައި ބެހެއްޓޭނީ މަސް ރަތްއާރުލާވަރަށް ހިއްކައި ، ފައްލަވަ ޖަހައި 4 ނުވަތަ 5 އިންޗިއަށް ހިކިވެލި އަޅައި ފައްލަވައިގެ ފަންގަނޑުގައި ނުޖެހޭވަރަށް މަސްއަޅައި އެ މައްޗަށް ހިކި ވެލި އަޅައި ފުރައިލުމުންނެވެ. އޭރުން މަހުގައި ފޮރި އެޅުމާ ބެރަނޑި އެޅުމުން ސަލާމަތް ވާނެ އެވެ. ނަމަވެސް ވެލީގައި ފިނިކަން ހިފައިފިނަމަ މަސް ނުބައި ވާނެ އެވެ. ފަރުމަސް ވިޔަސް ލޮނުއެޅި މަސް ވިޔަސް ލޮނުއަޅައިގެން ގިނަ ދުވަހަކަށް ނު ގެންގުޅެވޭނެ އެވެ. ފަރުމަސް އެންމެ ގިނަޒަމާނަށް ގެންގުޅެވޭނީ ފެލިމަސް ހަދައިގެންނެވެ. ފެލިމަސް ހަދާގޮތަކީ ފަރުމަހުގެ ހުރިހާ ބާވަތެއްވެސް ކައްޓާއި ، މަހާ ހުނޅުބު ސާފުކުރުމަށްފަހު ތެލި ، ލޯގަނޑު ، މުޅޯށި ، ފަދަތަކެތީގައި ލޮނުއަޅައިގެން ނުވަތަ މޫދަށް އެރިތިބެގެން ދެއަތުން ފިއްތައިގެން ފެލަމުން ލޮނު ލޮނުގަނޑު ބަދަލު ކުރަމުން ގެންދިއުމުން މަހުގައި ހުންނަ ލެޔާ ތެޔޮތައް ސާފުވެ ކަފަތަކެއްހެން ވެދާނެ އެވެ. ދެން ވިނަވާލައި އަވީލައި ހިއްކައިލުމުން ހުންނާނީ ހުދުކުލައިގައެވެ. ފެލިމަހަކީ އަވެލި މޮޑޭގޮތަށް ހަކުރާއި ކާށިހުނި ލައިގެން މޮޑެގެން ކާއެއްޗެކެވެ.

ލޮނުކާއެއްޗެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. ފެލިމަހުގައި މަސް ރަހައެއް ނުހުންނާނެ އެވެ. ފެލިމަސް ހަދާ ދުވަސްވަރަކީ އިރުވައި އޮއި އެއްއޮޔަށްވާ ދުވަސްވަރެވެ. އިރުވައި ހުސްވާއިރު ތިންހަތަރު ރުނބައި ފެލިމަސް ރައްކާކުރާ މީހުން އުޅެއެވެ.

ދެން ހުޅަނގުން ނައުފަހަރު ވިޔަފާރިކަމު އެކި ބަނދަރުގައި ޖައްސައި ވިޔަފާރިކޮއްގެން މޫސުމަށްވުމުން ހިނގައިދާނެ އެވެ. އެޒަމާނުގެ ކަންތައް ހަމަޖެހިފައިވާގޮތުން ވިޔަފާރިކުރާނީ ކަނޑުދަތުރުކޮށްގެންނެވެ. އެއްތަނަކުން ގަންނަ މުދާ އެހެން ތަނަކަށް ގަނެވިއްކުމަކީ އެޒަމާނުގައި ހަމަޖެހިފައިއޮންނަ ގޮތެވެ. ކޮންމެހެން ވެރިކަމުގެފަރާތުން އެކަންކަމަކާ ނުބެހެ އެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ ރަށުގައި އުފައްދާ މުދަލާއި،ތަންތަނުން ގަންނަ މުދާވެސް ފައިދާޖެހޭގޮތަށް ވިއްކައެވެ. އެއްނަވުން އަނެއް ނަވަށްވެސް ވިޔަފާރިކުރެ އެވެ.

ބޭރުން ވިޔަފާރިކަމައިގެން އަންނަ މީހުން ހުރިހާ ބާވަތެއްގެ މުދާވެސް ގެނެ އެވެ. އުތުރުކަރަ އާއި އިންޑިއާ ފަރާތުން އަންނަ މީހުން ހަކުރުގެ ގިނަބާވަތްތައް ގެނެއެވެ. ރުކުހަކުރުގެ ތެރޭގައި ދިޔައިހަކުރު ، ހުތްހަކުރު ، ބިސްހަކުރު ހުރެއެވެ. ނަމަވެސް ހަކުރުގައި ތާޒާ ފޮނިރަހައެއް ނުހުރެ އެވެ. އެއީ ރުކުރާ ކެއްކީމައި ހުންނާނީ ތޫނު ހުތްފޮނިރަހައެކެވެ. ރާ ކައްކާއިރު ލޮނުއަކިރި ލައިގެން ކެއްކުމުން ހަކުރުގައި ތާޒާ މީރު ފޮނިރަހައެއް ހުންނާނެ އެވެ. އަކިރި ނުލައި ކައްކާ ރާގައި ފޮނިރަހައެއް ނުހުންނާ އެވެ. އެބާވަތު ހަކުރަށް ކިޔާނީ ހުތްލަބަޑި ހަކުރެވެ.

އުއްދަނޑި ދިޔައިއިން އުފައްދާ ހަކުރުގެތެރޭގައި ގޫޑުހަކުރު ، ދޯބުރާލިހަކުރު ، ހުދުއުއްސަކުރު ، ނަބާޒުހަކުރު ހިމެނެ އެވެ. ދުންފަތުގެތެރޭގައި މަޝްހޫރު ކުރަނގީ ދުންފަތް ،ދިގުދުންފަތް ، ގުޓާކުފަތް ހިމެނެ އެވެ. މިހެންގޮސް ލޯކަންވާރު ، މުށިކަންވާރު ، މިކަހަލަ ހުރިހައި ބާވަތެކެވެ. މިކަހަލަ ހުރިހާ މުދަލަކުން ވެސް އެންމެ ގިނަ މުދާ އެތެރެކުރަނީ މުޑަހަނދިގެއަށެވެ. ތަނަވަސް ތިޔާގި ދިރިއުޅުމެއް އުޅެމުންދެ އެވެ.
 
މިހިސާބަށް ދިޔަތަނާ ބޭކެނބިދައިތަ މީހުންގާތު ކިޔައެވެ. ތިމަންގެ ބޭކެނބިކަމުގައި ކުރިމަގުގޮއްޔެ ހަކުދިން ވިއްސައިފީމެވެ. އެކަމަކު އެއްކުއްޖަކު ވިހައިފާ އަނެއް ކުއްޖަކު ވިއްސަން ދާއިރަކު ކުރިން ވިހޭ ކުއްޖަކު ނުދެކެމެވެ. އެއްވެސް ކުއްޖަކު މަރުވީކަމަށް ބުނާ އަޑެއްވެސް ނާހަމެވެ. އަނެއްކާ އެއީ މިނިކާދައިތައެއް ނޫންބާ އެވެ. މިވާހަކަ ދެކެވެމުން އައިސް މަޑުއާދަނާ ވެސް މިވާހަކަދައްކާމީހުން އުޅެ އެވެ. ނަމަވެސް އާދަނަށް މިކަމާމެދު ވަކިއެއްޗެއް ބުނެވޭކަށް ނެތެވެ. ކާވެނިވުމުގެ ކުރީގައި ދެކެވުނު ވާހަކައެއްގައި ވެފައިވާ ޢަހްދާއި ވަޢުދު މަތިން ހަނދާންވާތީ އެވެ. އެކަމާމެދު އެއްޗެކޭ ބުނެވޭނީ އަންހެނުންނާއި ވާހަކަދައްކައި ހެދުމުގެ ފަހުފަހުގައިކަމަށްވާތީ އެވެ. ދެން އާދަނު މިދެކެވޭ ވާހަކަ އޭނާގެ އަންހެނުނާ ދެއްކުމުން އޭނާ އާދަނު ގޮވައިގެން ގޭ ކިބަޅިފަރާތުގައި ހުރި ބަޔަށް ވަދެއްޖެ އެވެ. އެތާނގާ އޭނާގެ ހަކުދިން ހަމައަށް ތިއްބެވެ. އެކުދިންގެ ބުރުސޫރަ ރީތިކަމުންވެސް ދުނިޔޭގެ ފިތުނައަކަށް ވެދާނެކަމަށް ފެނެއެވެ. އާދަނު ދިއުމުން ހުރިހާ ކުދިންވެސް ބައްޕާއޭ ކިޔައި ވާހަކަދެއްކި އެވެ. ގޭގައި އެކުދިން އުޅޭބައި ގުޅިފައިވަނީ ވަލުތެރޭފަރާތާ އެވެ. ދެން ކޮންމެއަކަސް ކޮންމެކަމަކަށްވެސް ނިމުމެއް އަންނާނެ އެވެ. ކޮންމެ ސިއްރެއް ވެސް ސިއްރުވެފައި އޮންނާނީ ވަކިހިސާބަކަށެވެ. މީހުން ބުނާހެން ތުޅާގިރިޔާ އަރާހަމަވުން ބުޅާ ގޯނިން ނިކުތުމުން ދެން ސިއްރެއް ނޯންނާނެ އެވެ. އާދަނުމެން  ދެމަފިރިންގެ ހަކުދިންވެސް ގެއާ ގޯތިތެރޭން ފެންނަން ފެށުމާއެކު ލޯތަކުގެ އަމާޒު ޙައިރާން ކަމަކަށްވާމީހުން އުޅެ އެވެ. ކުރިމަގުގޮއްޔެ އާދަނަށް ވިސްނައިދެމުން ގެންދަނީ މިކުދިންގެކަންތައް ރަށުފިތުނައަކަށް ވުން ގާތްކަމާ، މިކަމާމެދު އާދަނު ވެސް ސަމާލުވާން ޖެހޭނެކަމަށެވެ. ޒަމާނުގެ އާދަކާދައާ އެއްގޮތްވާގޮތުން ރަށުގެ خطيب ން مدم  ން نائب ން ނަކީ އެއް عائلة އެއްގެ ބައެކެވެ. އެއީ އެމީހުންނަށް ކުރެވުނު ކޮންމެކަމެއް ކޮއްގެން ވެސް عائلة އިން ވާރުތަވަމުން އަންނަ شرف، އެހެން ފަރާތަކަށް ދިއުމަށް فرصة އެއްނުދޭތީއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ