އަދުގެ ޚާއްސަ

Print

ވަކިވުމުގެ ކުރިން

ޝާޢިއުކުރީ އިބްރާހީމް ޙުސައިން މަނިކު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ޙުސައިން މަނިކު (1993)

މާ ނިޔަނެތި އަޑަކުން ޢަރަބި ރާގަކަށް ސަލާން ގޮވާލި އަޑަށް ދޮން ކަނބުލޮ ގުޑުގުޑާގެ ނޮޅިން އަތް ދޫކޮށްލުމަށްފަހު، ފުންމައިގެން ތެދުވެ ސަލާން ބަލައިގަތީ ސިހުމަކާއި ހައިރާން ކަމެއްގެ ތެރޭގަ އެވެ. އަނީސާގެ ކަފުގައި ފިރާގު ވަދެގެން އައި އިރު، ހުރިހާ ލޮލެއް ހުއްޓިފައި ހުރީ ފިރާގާ ދިމާއަށެވެ. ކުނަލެއް ނެތް ބޮޑު އުނދޯލީގައި ތިބި ހުސޭނާއި އޭނާގެ އެކުވެރިން މާދަމާ ކުޅެވޭ މުހިންމު ފުޓުބޯޅަ މެޗް ގެ ނަތީޖާއާ މެދު ކިޔަމުން އައި ހަރާދު މެދުކަނޑާލި އެވެ. ޒަމާނުގެ ހިރަފުހާއި ކިލަލާއި، ކުޑަކުދިންގެ ކުރެހުންތަކުން ފާރުތައް ކަޅުވެފައިވާ ފެންޑާގެ އަނެއް ކޮޅުގައި ޑިގުކުޅެމުން ހާހޯލީ އަޙުމަދާއި، އޭނާގެ ބައިވެރިން ވެސް މައިތިރިވެލި އެވެ.

ދޮންކަނބުލޮ ދެ ފަރާތަށް ބަލައިލި އެވެ. އަދި ފިރާގު ފަދަ މެހުމާނަކާ އެކަށީގެންވާ ފަދަ ގޮނޑިއެއް ވެސް ގޭގައި ނެތްކަން ލަދުވެތިކަމާއެކު ފާހަގަ ކުރަމުން އުނދޯންޔާ ދިމާޔަށް އަތް ދިއްކޮށްލަމުން ބުންޏެވެ.

''ފިރާގު ދުރުވޭ އުނދޯންޔަށް''

އުނދޯލީގައި ތިބި ހަތަރު ޒުވާނުން ވަގުތުން ތެދުވެ ފިރާގަށް ތަން ދެއްކި އެވެ.

އޭރު ވެސް ކޮން ކަނބުލޮ އުޅުނީ މީގެ ބައިގަޑިއެއްގައި އިރު ކުރީގެ ދުނިޔެއެއްގަ އެވެ. ތިން އަހަރުވީ މާމަ ދަރިފުޅު ހޭލައިގެން ފެށި ރުއިން ހުއްޓާލީ މާމަ އުރާލަން ބުނީމަ އެވެ. އަދި މެޓާ ގެންދޭން ވަޢުދުވީމަ އެވެ. އެހެންކަމުން ފަޒުނާ އުރާލައިގެން ދޮންކަނބުލޮ ބޭރަށް ނިކުތީ ކަންމަތީ ކުޑަ ފިހާރަޔަށް ދާން ކަމަށެވެ. މަގުމަތީގެ ހާމަ ކަމުގެ ތެރެޔަށް ނިކުތުމާއެކު، ރޭގެ ތާޒާވައި ދުވަހުގެ މަސައްކަތުން ލިބިފައިވާ ވަރުބަލި ކަމާއެކު ވެސް ރޫޙު ދިރުވާލި އެވެ.

އަމިއްލަގޭ ބޮޑު ފާރުބުޑުގައި ދޮންކަނބުލޮގެ ތިންވަނަޔަށް އަދި އެންމެ ރީތި ދަރިފުޅު ޝާނީއާއި،  އޭނާ ހިތާވެގެން އުޅޭ ޝާމިނު ތުންގުޅުވާލައިގެން ތިބިތަން ދޮންކަނބުލޮ ދުށީ ނުރުހުމާއި ފޫހީގެ ލޮލަކުންނެވެ.

ޝާނީ ވެސް ހިނގަމުން އެ ދަނީ އޭނާގެ ދެ ދައްތަ ވެސް ހިނގި މަގުންނެވެ. އުމުރުން އަށާރަ ފުރުނު އިރުވެސް އަށްވަނަ ކިލާހުން އަރާތަނެއްނަ އެވެ. އޭނާ އާއި ޝާމިނު ގުޅިފައިވަނީ ކިޔެވުމާ މެދު ވެސް ފިކުރެއް ޚިޔާލެއް ކުރެވޭ ވަރަށްވުރެ ބޮޑަށްހެން ހީވެ އެވެ. އެ ދެކުދީންވަނީ ދިގުދެމިގެންދާ ބައްދަލުވުންތަކާއި، ބަދަލުކުރެވޭ ލަވަރޯލުތަކާއި، ވާހަކަ ފޮތްތަކުގެ ދުނިޔެއެއްގައި ގެއްލިފަ އެވެ. ރެސްޓޯރަންޓު ތަކުން ކެއުމާއި، ދަތުރު ދިޔުމުގެ އޮއިވަރެއްގައި ބެހިގެން ގޮސްފަ އެވެ. ރަނގަޅަށް ވިއްޔާ ދެން ފެންނާނީ، ކިޔެވުން ހުއްޓާލައިފައި ކާވަނީގެ ޙަޔާތެއް ފަށާތަނެވެ. ލިބިފައި ރަނގަޅު ތަޢުލީމެއް، ދަސްވީ މަސައްކަތެއް ނެެތް ޅަ ޒުވާން ދެ މަފިރިން އެކުގައި ފެށި ހަޔާތުގެ ދަތުރު ނިމޭނީ ވަރީގެ ފުއްޓަރުން ކަންނޭނގެ އެވެ. އެހާތަނުން ދަރީންނާއެކު ޝާނީ އެނބުރި އަންނާނީ އަމިއްލަ ގެއަށެވެ. އޭނާގެ ދެ ދައްތައެކޭ އެއްފަދައިންނެވެ. ހުރިހާ ވެސް ބުރައެއް މުސްކުޅި މައިމީހާ އަށެވެ.

ފިހާރައިގެ ދޮރުމަތިން ދޮންކަނބުލޮއާއި ދިމާވީ ފިނިކުރި ކޯލާފުޅިއެއް ހިފައިގެން ވުސް އަޅާފައި ނިކުތް ''ރަންހަދާގޭ'' އަނީސާ އާ އެވެ. އޭނާ ވަކިވީ ދޭންވެފައި އޮތް ވަރަށް އުފާވެރި ޚަބަރެއް އޮތް ވާހަކައާއި، ވަރަށް އަވަހަށް ދޮންކަނބުލޮމެން ގެޔަށް ދާނޭ ވާހަކަ ބުނަމުންނެވެ.

އޭރުއްސުރެ ދޮންކަނބުލޮ އިންތިޒާރު ކުރަމުން އައީ އަނީސާ އަށެވެ. ފިރާގު ގޮވައިގެން އައުމުން އަނީސާ ދޭން އުޅޭ އުފާވެރި ޚަބަރު ގުޅިފައިވަނީ ފިރާގާކަން އެނގިއްޖެ އެވެ. އަދި އެއީ ކޮންކަހަލަ ޚަބަރެއްކަން ވެސް އެނގިއްޖެ އެވެ.

އަނީސާ ދޮންކަނބުލޮ އަތުގައި ހިފައިގެން ބަދިގެޔާވީ ފަރާތަށް ލެފިލަމުން ވައިއަޑަކުން ބުންޏެވެ. ''ދޮންކަނބުލޯ! ނަސީބު އަތުގައި ހިފައިފި. މި ގޭ ޝާނީ ދެދުވަހަކު އަހަރެމެން ގޭތެރޭން ފެނިލައްވައިގެން ފިރާގު ހީވަނީ ރަނގަޅަށް ޝާނީއާ ހިތްޕުޅާ ހަަމަ ކުރައްވައިފިހެން''

ފިރާގަކީ ކިޔަވާ މޮޅުވެގެން ހުރި އުޅުން ރަނގަޅު ޒުވާނެއްކަމާއި، އޭނާގެ މައިންބަފައިންނަކީ ކިހާވަރެއްގެ ކޮންބައެއްކަން، ކޮންކަނބުލޮ ރަނގަޅަށް ދަނެ އެވެ. އަދި ފިރާގު ''ރަންހަދާގެ'' އަށް އައިސް އުޅެނީ އަނީސާގެ ދޮށީ ދަރިފުޅު ފައްޔާޒުގެ ރައްޓެހިކަމުގައި ކަންވެސް އެނގެ އެވެ.

''އަހަރެން ކުރެން އެއްސެވި ޝާނީ އަކީ ކޮންކަހަލަ ކުއްޖެއްތޯ. އަހަރެން ނަންގަތިން. ވަރަށް ތޫނު ފިލި ހިތްހެޔޮ ހުރިހާ ވައްތަރެއްގެ ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ވައްތަރުގެ ކުއްޖެކޭ. މާ ބޮޑަށް ވީއްލިފައިހުރެ ބޮޑުވެފައި ހުއްޓަސް، ރަނގަޅު ފިރިޔަކާ ޖެހުމުން ރަނގަޅު އަނތްބަކަށް ވެދާނެއޭ.''
ޝާނީ ބޮޑުވެފައި ހުރީ މާ ބޮޑަށް ވީއްލިފައި ހުރެކަމަށް ބުނުމުން ދޮންކަނބުލޮ ވަރަށް ބޮޑަށް ނުގަބޫލުވި އެވެ. ނަމަވެސް އެއީ ތެދުކަމުގައި އޭނާގެ ޒަމީރު ހެކިވެ އެވެ. އޭނާ ބުންޏެވެ.

''ފިރާގު ކީއްވެބާ ސީދާ ޝާނީއާ ނުގުޅުއްވީ؟''

''އޭނާ ލަދުރަކި ކަމުން ތޯއްޗެއް؟ ''

ދެ އަވަށްޓެރިންނަށް ހީނގަނެވުނީ އެކުއެކީގަ އެވެ. ދޮންކަނބުލޮ ވަރަށް އުފާވެފައި ބުންޏެވެ. ''ފިރާގު ޝާނީއާ ގުޅި ލެއްވުމި، އަހަރެން ލޮލާ ބޮލުން އެދޭކަމެއް. ނަންގަނޭ ލަދަކާ ހެދި ތަނެއް ނުފިލާނެ އޭ. މި ގެއަށް ދެން އާދަކޮށް ދުރުވެ އުޅުއްވާށޭ.

ދޮންކަނބުލޮ ފެންޑާމައްޗަށް އެނބުރި އައިސް ދަރިކުލުނާއި، އޯގާވެރިކަމުން ފުރިގެންވާ ކަޅިއެއް ފިރާގާ ދިމާޔަށް އެއްލަމުން އަހާލި އެވެ.

 ''ސިނގިރެޓު ބައްލަވަންތޯ؟ ދުއްސަވަންތޯ؟''

ފިރާގު ބޯ ހޫރުވާލި އެވެ. ކުރުކޮށް ކޮށާފައިވާ ބޮލާއި ތުނބުޅި އޭނާގެ ޒުވާން ދޮން މޫނަށް ގެނެސްދީފައިވަނީ ސީރިޔަސް ކުލަވަރެކެވެ.

''އެހެންވިއްޔާ ފިނިހިއްޕެވުމެއް ގެނެސްދެންތޯ؟ ''

''ވަރަށް ބޮޑަށް ޝުކުރިއްޔާ! އެއްވެސް އެއްޗެެއް ގެންނަވާނެ ކަމެއް ނެތް. ފިނިއެއްޗެއް ބުއި ދެންމެޔަކު''
ދޮންކަނބުލޮ އޭނާގެ ކުދިން ތިބި އަދަދާއި، އަދި މި ވަގުތު އެތާ ތިބި ހުސައިނަކީ، ޝާނީގެ ބޭބެކަމާއި، އަޙްމަދަކީ، ކޮއްކޮ ކަމަށްބުނެ ދެބެންގެ ތަޢާރަފުގައި ބުންޏެވެ.

''ހުސެން މަދަރުސާއިން ކަނޑާލީ ހަވަނަ ކިލާހުން ފޭލިވެގެން. އަހުމަދު ކަނޑާލީ ސިޔާސަކަމުން އޮބި ނޯވެގެން. އަޅުގަނޑުގެ ހުރިހާ ކުދިންވެސް މަދަރުސާއަށް ވެއްދިން. އެ ކުދިން ކިޔަވަން ނޫޅުނީތާ! ފިރާގު ކިޔަވާ ވިދާޅުވީ މަދީނާއިން ކަމުގައި ބުނާތީ އެހިން.''

ފިރާގު ބޯ ޖަހާލި އެވެ.

'' މިހާރު މުއްސަނދިންގެ ދަރިން ކިޔަވަން ފޮނުވަނީ ސިންގަޕޫރަށް ނޫނީ ލަންޑަނަށް ނޫންތޯ؟''
''ބައްޕަ  އިސްކަން ދެއްވީ އިސްލާމީ ވެށްޓެއްގައި ދެވޭ އިސްލާމީ ތަރުބިއްޔަތަކަށް. ދީނީ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ތަޢުލީމަކަށް. މަދީނާ އިން ބީއޭ ފާސް ނެގުމުން ބައްޕަ ވެސް ބޭނުންވެ ލައްވަނީ އަޅުގަނޑު އެމް އޭ ފާހަށް ކިޔަވަން ވިލާތަށް ފޮނުއްވަން.''

''ކޮން އިރަކުންތޯ ފުރުއްވަނީ؟ ''

''ބައްޕަ ބާރު އަޅުއްވާ ކަމެއް ފުރިހަމަވިހާ އަވަހަކަށް''

''އެއީ އަނެއްކާ ކޮންކަމެއްތޯ"

ފިރާގުގެ މޫނު ރަތްވެގެން ދިޔަ އެވެ. އޭނާ އަޅައިގެން އިން ހެދުމުގެ ވައްތަރުން ހީވަނީ ޖަނާޒާއަކަށް ހާޒިރުވެ އިން މީހެއް ހެންނެވެ. ކަރު ގޮށާއި، އަތުކުރީ ގޮށް އަޅާފައިވާ ހުދުކުލައިގެ ގަމީހެކެވެ. ފައިކުރި ތަނބިކަށްޓާ ހަމަޔަށް ނުފޯރާ ކަޅު ފަޓުލޫނުގެ ތިރިން، ހުދު އިސްޓާކީނާއި ކަޅު ބޫޓެވެ.

ފިރާގުގެ އިސްޖެހުމާއި ފަސްޖެހުން ފެނުމުން އަނީސާ ހީނގެންފައި ބުންޏެވެ. ''ފިރާގުގެ ބައްޕަ ބާރު އަޅުއްވަނީ ފިރާގު ވިލާތަށް ފުރުއްވުމުގެ ކުރިން ކާވަނި ކުރައްވާ އަނބިކަނބަލުން ވެސް ގޮވައިގެން ފުރުއްވަން.''

'' ކޮބައިތަ ޝާނީ؟'' ދޮންކަނބުލޮ ހުސެން ކައިރީ އަހާލި އެވެ. ހުސެންގެ ކަޅި ދަތުރުކުރީ ފެންޑާޔަށް ހުޅުވޭ ގޮތަށް ހުރި ކޮޓަރިއާ ދިމާއަށެވެ. އެއްޗެކޭ ބުނަން އުޅެފައިމެ އޭނާ ހަމަ ހިމޭނުން އިނީ ކޮންމެ ވެސް އެއްޗެއް ވިސްނިގެން ތޯއްޗެކެވެ.

އިރުކޮޅެއް ފަހުން، ޑިގުކުޅެން ތިބި ބައިގަނޑުގެ ތެރޭން ކައުޓޭ އާ ފުރިލުމާއެކު ތެދުވެ، ދާން ހިނގައިގަތެވެ.

އަމުދުން ހަ މަހުގެ ކުޑަ ދަރިފުޅު ބަލިވެ އުޅޭ އިރު، ބޭރުގައި މާ ލަސްވެެއްޖެ ނަމަ، އަނެއްކޮޅުން މައްސަލަ ޖައްސާނެ ކަމަށް ބުނަމުންނެވެ. އޭނާގެ އެކުވެރިންގެ ފޮށުމާއި ހުނުމަށް މާބޮޑު ބެލުމެއް ނެތި އެވެ. އޭނާ ނުހިފޭއްޓޭނެކަން އެނގުމުން އަޙްމަދު ފިރާގަށް ގޮވާލަމުން، ކައުޓޭގެ ގޮނޑި ފުރުމަށް ދަޢުވަތު ދިނެވެ. ފުރަތަމަ އިންކާރު ކުރި ނަމަވެސް ދޮންކަނބުލޮގެ އެދުމާއި ހިތްވަރު ދިނުމުގެ މަތިން ފިރާގު އެންމެ ފަހުން ދަޢުވަތު ގަބޫލު ކުރި އެވެ. އަދި އުނދޯލިން ތެދުވެގެން ގޮސް މޭޒު ދޮށުގައި ކޮޅުފިލާގޮނޑީގައި ޖައްސާލި އެވެ.
    އަޙުމަދު ސިނގިރޭޓެއް ރޯކޮށްލަމުން ފިރާގާ ދިމާޔަށް ބަލައިލައިފައި ބުންޏެވެ. ''އަޅުގަނޑުމެންގެ ވަރަށް ގާތް، މަސްވެރިކަމުން ކައިބޮއި އުޅޭ ރާއްޖެތެރޭގެ ރައްޓެއްސަކު އެބަ އޮތް އޭނާގެ ދޯނީގައި އަޅަން، އިތުބާރު ސެކަންޑް ހޭންޑް އިންޖީނެއް ހޯދަން ހަވާލު ކޮށްފާ. ފިރާގު ބައްޕަގެ ފިހާރައިން ތަންކޮޅެއް ހެޔޮ އަގަކަށް ނޯންނާނެތޯ އެ ފަދަ އިންޖީނެއް ލިބޭކަށް.''

    ''ބައްޕައަކީ ބާ އިންޖީނު ވިއްކަވާ ބޭކަލެއް ނޫން. ބައްޕަ ވިއްކަވަނީ އާ އެއްޗެހި''

    ''ބާ އެއްޗެހީގެ ފައިދާ ކުޑައީތޯ؟ ''

    ''ބައްޕަ ބައްލަވަނީ ހަމަ އެކަނި ފައިދާ އަކަށް ނޫން.  ބައްޕަގެ ރީތި ނަމަށް ވެސް ބައްލަވާ. އަޅުގަނޑުމެންގެ ފިހާރައަކުން ވިއްކޭ އެއްޗެއް ކަމު ނުގޮސްގެން ބަދުނާމެއް ލިބޭކަށް ބައްޕަ އެދިއެއް ނުލައްވާ. ބައްޕަގެ ފަލްސަފާއަކީ، މީހަކު ގެންގުޅެލައިފާ ހުރި އިންޖީނެއް ނުވެސް ގަތުން. ނުވެސް ވިއްކުން. އެ ފަދަ އިންޖީނަކާ ވައިވެސް ނޭޅުން. އަޅުގަނޑުގެ ފަލްސަފާއަކީ ވެސް މީ. އަޙްމަދުގެ ރަޙްމަތްތެރިޔާގެ މުޅި ދިރިއުޅުމަކީ، އޭނާގެ މަސް ދޯނި ކަމުގައި ވާއިރު، ކީއްވެބާ އޭނާ ބާ އިންޖީނެއް ހޯދަން ތި އުޅެނީ. އާ ދޯންޏަކަށް ރަނގަޅުވާނީ އާ އިންޖީނެއް''
   
ޑިގުގެ ބުރަކަށް ފަހު ބުރެއް ކުރިޔަށް ދެ އެވެ. ގިނަގިނައިން ހިނިތުން ވިޔަސް، އަހުމަދުމެންގެ ރަނބަތެޅުވުމުގައި ފިރާގު އެއްގޮތަކަށް ވެސް ބައިވެރިއެއް ނުވެ އެވެ. އޭނާ އިނީ ހަމަ ހިމޭނުންނެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އަތްބަޔަށެވެ. ނެގޭ އަދި ފައިބާ ގަނޑުތަކަށެވެ. އޭނާ ގަނޑެއް ނަގަނީ ވެސް އަދި ގަނޑެއް ދޫކުރަނީ ވެސް ވިސްނާ ބަލައިފަ އެވެ. އޭނާގެ މި ޚުޝިޔާރު ކުޅުމުގެ ކުރިމަތީގައި، އޭނާގެ ބައިވެރިންނަށް ލިބޭ ކާމިޔާބު ދިޔައީ މަދުވަމުންނެވެ. އޭނާގެ ނަންބަރު ދިޔައީ މަތިވަމުންނެވެ. އަމުދުން އޭނާގެ ވައިދަށުގައި އިން ސައިއްޓޭއަށް، ޑިގު ގޮވުމަކީ، ނުކުރެވޭ ކަމަކަށް ވެއްޖެ އެވެ. ގިނަ ފަހަރަށް ޑިގު ގޮވަނީ ވެސް ފިރާގެވެ.

    ދޭތެރެ ދޭތެރޭން އަތުކުރީ ގަޑިޔަށް ބަލައިލަމުން ފިރާގު ގެޔަށް ދިޔުން ލަސްވެގެން ޝަކުވާ ކުރެ އެވެ. ނަމަވެސް ދޮންކަނބުލޮގެ ހިތްވަރު ދިނުމާއި، ބައިވެރިންގެ އެދުމުގެ މަތިން، އިތުރު ގަނޑެއް ކުޅެން އެއްބަސް ވަނީ އެވެ. ޙަޤީޤަތުގައި ދޮންކަނބުލޮ ވެސް ފިރާގު ވެސް އިންތިޒާރު ކުރަމުން އައީ ޝާނީ އަށެވެ. ދޮންކަނބުލޮ ހީކުރީ ޝާނީ އަދިވެސް ގެޔަށް ނާންނަނީ ކަމަށެވެ.

    އޭރު ވެސް ދޮންކަނބުލޮ ފިރާގާ ދިމާޔަށް ބަލަމުން އައީ ރުހުމާއި އިޙްތިރާމުގެ ލޮލަކުންނެވެ. އުންމީދެއްގެ ފޮނިކަމާ އެކުވެސް އާވަމުން ދިޔަ ހިތި ހަނދާންތަކެއްގެ ތެރޭގަ އެވެ. އެއް ދުވަސްވަރެއްގައި ދޮންކަނބުލޮ އަކީ ވެސް ރީތި ޒުވާން އަންހެން ކުއްޖެކެވެ. އެތަކެއް ފިރިހެނުންގެ ބެލުންތަކާއި ހުށަހެޅުންތަކުގެ އަމާޒެވެ. ދޮންކަނބުލޮއަށް ހިތް ދޫކޮށްލެވުނީ އޭގެ ތެރޭން އެންމެ ސަޅި މީހާ އަށެވެ. އެއީ ކުދިންގެ ބައްޕަ އެވެ. އޭނާގެ ވަޢުދުތަކަކީ ނުފުދޭނެ އެއްޗެއްކަމާއި، އޭނާއަކީ ކާކުކަން ރަނގަޅަށް ދަސްވީ މާ ލަސްވީ ފަހުންނެވެ. ވަކި ނުވެވޭނެ ގުޅުމަކުން ބަނދެވުމުންނެވެ. އެ ގުޅުމަކީ ފަހަކަށް އައިސް ލޯތްބެއް ނޫނެވެ. ދަރިންނެވެ. މަޖުބޫރެވެ. ނަތީޖާއަކީ، އަރާމެއް ނެތް ދިރި އުޅުމެކެވެ. ހަސަންފުޅަކީ، ދެ ދުވަހު ހަމަޔަށް އެއް ވަޒީފާއެއްގައި ދެމި ހުރެވޭ މީހެއް ނޫނެވެ. އޭނާއަށް އަންނަނީ އެކި ކަމަށް ޝައުޤުވެރިވާ އެކި ދުވަސްވަރެވެ. މި ދުވަސްވަރަކީ އެކި އެކި ދަންނަބޭކަލުންގެ ފަސްހަނގުރާމަ ބެލުމުގެ ދުވަސްވަރެވެ.

ތިމާގެ އަމިއްލަ ދިރިއުޅުން ތަރައްޤީ ކުރުމީ، އަނބިދަރީންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމީ، އޭނާ ޚިޔާލު ކުރާ ކަމެއް ނޫނެވެ. މަސްއޫލުވުމަކީ، ޒިންމާ އުފުލުމަކީ އޭނާ ކުރާނެ ކަމެއް ނޫންކަން ޔަޤީންވުމުން ދޮންކަނބުލޮއަށް މަޖުބޫރުވީ ދަރީންނަށްޓަކައި، ދިރިއުޅުމަށްޓަކައި، މަންމައެއްގެ ބައިގެ އިތުރަށް ބައްޕަގެ ބައެއް ވެސް އަދާކުރާށެވެ. ބޮޑު އާއިލާގެ ޚަރަދުތައް މިހާރު ވެސް ހަމަޖައްސަނީ ދޮންކަނބުލޮގެ މަސައްކަތުންނެވެ. ހެދިކާ ހަދައި ވިއްކައިގެންނެވެ. އެންމެ ދޮށްޓަށްތިބި ދެ އަންހެން ދަރިން ބޮޑުވެ މީހުންނާ އިނުމުން އެކުދިންގެ ފިރިންގެ ފުށުން ނަމަވެސް ފަސޭހަ ދުނިޔެއެއް ފެނިދާނެ ކަމުގެ ދަޅަތައް ފެނުނެވެ. އެއީ ބިލާހެއްކަން އެނގުނީ މާމަ ކިޔާ ދެތިން ދަރިން ވެސް ދޫކޮށް އެ މީހުންގެ އަނބިން ވަރިކޮށްފައި ދިޔައިމަ އެވެ. ނަމަވެސް މި ފަހަރު ހީވަނީ އަނީސާ ބުނިހެން ނަސީބު އަތުގައި ހިފައިފި ހެންނެވެ.

    ރޭގަނޑު ދިހަ ގަޑީގެ ޚަބަރަށް ފަހު ދިވެހި ރާއްޖޭގެ އަޑުން ''ވަކިވުމުގެ ކުރީގެ'' ލަވަތައް ފަށައިފި އެވެ. އޮމާން އަޑެއްގެ ވެރި އަންހެން އެނައުންސަރު ލަވައިގެ މާނައަށް ވެސް އިޝާރާތް ކުރަމުން ލަވަކިޔުންތެރިޔާގެ ތަޢާރުފު ވެސް ހިމެނޭ ގޮތުން ''އޭނާ ވަނީ އަބަދަށްޓަކާ އަޅުގަނޑު މެންނާ ވަކިވެފާ. ނުފިލާހުރީ އޭނާގެ އަސަރު. އޭނާގެ ހަނދާން.''

    އަޑެއް ކިޔާފައި ފެންޑާގެ އިރުމައްޗަށް ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ހުރިހާ ލޯތަކެއް ދަތުރުކުރީ އެ ދިމާ އަށެވެ.

ނިދާ ހެދުމުގައި ނިކުތީ ދޮން ބައްޓެއްކަހަލަ ޝާނީ އެވެ. އޭނާގެ ކަޅުފޮއި ރެއެއްކަހަލަ ކުރަނގި ލޮލުގައިވަނީ ވަރުބަލި ކަމެވެ. ޗާލު މޫނާއި ތުންފަތްވަނީ ލޭ އަރާ ރަތްވެފަ އެވެ. އޭނާގެ ފަހަރުން  މާ ބޮޑަށް އުފާވެފައި، އިނގިރޭސި ލަވައެއް ކިޔަމުން އަތުން ބައިސްކަލު ބައްތި ހިފައިގެން ނިކުތީ އޭނާގެ ލޯބިވެރިޔާ ޝާމީނެވެ. އޭނާގެ އީޓު މުށި ކުލަ ޖައްސާފައިވާ، ދިގުވެ ކޮނޑުމައްޗަށް ފައިބާފައިވާ ބޯ ވެސް ވަނީ ހޭވިފަ އެވެ. ލައިގެން ހުރި ރީނދޫކުލައިގެ ގަންޖުފަރާހުގެ ގޮށްތަށް ވެސް ވަނީ ރަނގަޅަށް ނޭޅުވި އެވެ. މީގެ ދެ ލޯބިވެރިންގެ ގުޅުމަކީ ކޮބައިކަން ދޮންކަނބުލޮ އަށް އެނގުނެވެ. އެ ކަން ފިރާގަށް ވެސް އެނގުނެވެ. ފިރާގުގެ އަތުން އަތްބައި ދޫވި އެވެ. އޭނާގެ ކަޅު ކަޅިރަވައިން ފާޅުވޭވޭހުރީ ޒަޚްމީ ވިދުވަރެކެވެ. އޭނާގެ ސާފު މޫނަކީ އޭނާގެ ކަތިލެވުނު އިޙްސާސްތަކާއި، ނުކުޅެދޭ އަސަރުތަކުގެ ކަންނާޑި އެވެ. އޭނާ ވޭނުން ފުރިގެންވާ ކަޅިއެއް ޝާނީއާ ދިމާޔަށް އެއްލި އެވެ. ގަތްލަދައި، ވީދެރަޔާއި، ލިބުނު ސިހުމާއެކު ދޮންކަނބުލޮ އިސްޖަހާލި އެވެ. ޝާނީ އޭނާގެ ލޯބިވެރިޔާ އެރެހައްޓަން ނިކުތީ ފިރާގާ ދިމާޔަށް ބަލައިލަމުން، ދެބުމަ ފިއްތާލުމާއެކު ހީނލުމަށްފަހުގަ އެވެ. އޭރު ޝާނީގެ ބައްޕަ ބޭރުން އައިސް ދޮރޯށި ދޮށުގައި ކޮންމެ ވެސް ބަޔަކާ ވާހަކަ ދައްކަމުން ތުނބުޅި ބެހެއްޓުމާއި، ފައިކުރި ކުރުކޮށް ބެހެއްޓުމަށް ފަތުވާދީ ނަސޭހަތްތެރިވާ އަޑު އިވެ އެވެ.

    ފިރާގު ތެދުވި އެވެ. އަދި މައިތިރި ނަމަވެސް ތުރުތުރެއް ހުރި އަޑަކުން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި، ދެން ދަނީ ކަމުގައި ބުނަމުން ހިނގައިގަތެވެ. އޭނާ އެރެހައްޓަން ދޮންކަނބުލޮ ނިކުތް އިރު، ޝާނީ އޭނާގެ ލޯބިވެރިޔާއާ ވަކިވުމުގެ ތަތްވެލުމަކަށްފަހު ގެޔަށް ވަންނަން އެނބުރިލަނީ އެވެ.

    ފިރާގު ރުވާފައި ދޫކޮށްލި ދުންޏެެއްހެން ގޮސް، ޖެހިގެންހުރި ''ރަންހަދާގޭ'' ދޮށުގައި އޮތް އޭނާގެ އާ ހުދު ކާރަށް އަރާ ބަންލާފައި ދޮރުޖެހި އެވެ. އަދި ކާރު އިސްޓާޓު ކޮށްލުމަށްފަހު އެންމެ ފަހުގެ ސަލާމަށް އަތް ހޫރާލި އެވެ. ''އަދި ވެސް އަޅުގަނޑުމެން ގެޔަށް ދުރުވަންވާނެ'' އޭ ދޮންކަނބުލޮ ގޮވާލި އެވެ. ވަކި ޖަވާބެއް ނުދީ ކާރުގެ ދުވެލި ބާރު ކޮށްލަމުން ފިރާގު ހީނލި އެވެ. ހިތް ހަލާކުވާފަދަ ހިތި ހިނިތުންވުމެކެވެ. ކާރު ދުރަށް ގޮސް ގެލެންދެން ދޮންކަނބުލޮ މާޔޫސީ ގޮތަކަށް ބަލަހައްޓައިގެން ހުއްޓެވެ.

(ނިމުނީ)

ހަވާލާ:

އިބްރާހީމް ޙުސައިން މަނިކު(1993). ފަތްތޫރަ (166). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

ވާހަކަ