އަދުގެ ޚާއްސަ

Print

އަމިއްލަ އެދުން

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

އަހަންނަކީ އެކަނިވެރިއަކީމެވެ. އަޅާލާނެ އެއްވެސް މީހެއް ޢާއިލާއަކު ނެތެވެ. ޢާއިލާގެ އެންމެން ހަމަޔަސްވެހެވެ. އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ ފިރިމީހާ ޢާޠިފެވެ. އޭނަ ވެސް އަހަރެންދެކެ އެހާ ލޯބިވާހެނެއް އަހަންނަކަށް ހިއެއްނުވެ އެވެ. 3 ކުދިން ތިބުމުން، އެހެންގޮތެއް ނެތިގެން އަހަރެން ދޫކޮށްލަން ނުކެރިގެން އުޅެނީ އެވެ. އަހަރެންގެ ފިރިމީހާ އަކީ އަނެކާގެ ކުށެއް ނުފެންނަނީސް ވަރިކުރަން ނުކެރޭ ކަހަލަ ފިރިއެކެވެ.

 އަހަރެންގެ ހުޝިޔާރުކަމުން އޭނަ އަށް އެ ފުރުޞަތު ނުލިބެނީ އެވެ. އަހަރެން ބޮޑު ބައްޔެއް ވާ ދުވަހު، އެންމެ ސިކުންތަކަށް ވެސް އޭނަ ނުހުންނާނެ އެވެ. އޭނަ އަކީ ވަރަށް ބޮޑު މުއްސަންޖެއް ނޫނަސް، ފަގީރެއް ވެސް ނޫނެވެ. އޭނަ ބޭނުންވީ އޭނަ ނެތް ދުވަހަކުން އޭނަގެ މުދާތައް ބަލަހައްޓާނެ ފިރިހެން ކުއްޖެކެވެ. އަހަރެން އޭނަ އަށް 2 ފިރިހެން ކުދިން ހޯދައިދީފީމެވެ.   
  
 ރޯދަ މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ. ވަރަށް ވިއްސާރަ ދުވަސްތަކެއް ނިމުމަށްފަހު، އެ ރެ އަކީ ރީތި ރެއެކެވެ. އަހަރެން ކިޔަކިޔައި ކުރުނުކޮށްގެން އަހަރެން ގޮވައިގެން ސައިކަލު ދުއްވާލަން އާތިފް ދިޔަ އެވެ. އެންމެ ފުރަތަމަ އޭނަ ދިޔައީ ސައިކަލަށް ޕެޓްރޯލް އަޅާށެވެ. އެހެންކަމުން އެ ދަތުރު ވެސް އޭނަ ބޭނުންކޮށްލީ އޭނަގެ ކޮންމެވެސް ބޭނުމެއް ހިފުމަށެވެ.
  
 "ކީއްވެތަ އެއްވެސް ވާހަކައެއް ނުދައްކަނީ؟" ސައިކަލުގައި ދަމުން އަހަރެން އެހީމެވެ. "ކަމަކާ ރުޅިއައިއްސަތަ ތި އިންނަނީ؟ އަހަރެން ލައިގެން ސައިކަލު ދުއްވަން ލަދުގަންނަނީދޯ؟"
   
 "ސާބަހޭ ސަތޫ! ކޮންދުވަހަކުންތަ ސަތޫ ތިއަށްވުރެ ތަންކޮޅެއް ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭނީ؟" އޭނަ އެހި އެވެ. "އަހަރެން އަބަދު ވެސް ބުނަމެއްނު އަހަރެން ސަތޫދެކެ ވަރަށް ލޯބިވެއޭ.. ވަރަށް ވަރަށް."
   
   އަހަންނަށް އެ ވާހަކަ ގަބޫލު ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އެއީ ޖަވާބު ހޯދަން އުނދަގޫ ސުވާލެއް ނޫނެވެ. އޭނަ އަކީ އަހަންނަށް ވުރެ މާ ރީތި މީހެކެވެ. އަހަންނާއި އޭނައަކާ ނުވެސް ގުޅެ އެވެ. ކޮންމެ މީހަކަށް ވެސް އެކަން ފެންނާނެ އެވެ. އަހަންނަކީ ކިހާ ނަސީބުދެރަ މީހެއް ހެއްޔެވެ؟ ވަރަށް ރީތި މީހަކަށް އަހަރެން ވި ނަމަ، އަހަރެން ދެކެ ވަރަށް ލޯބިވާ ފިރިއެއް އަހަންނަށް ލިބުނީހެވެ.

    "ލޯބިވާކަން އަހަންނަށް ސާބިތުކޮށްދީބަލަ!" އަހަރެން ބުނީމެވެ.

    ކުއްލިއަކަށް ގޯޅިން ނިކުތް ސައިކަލެއްގައި ޖެހިފައި އަހަރެން ވިއްސައިގެންދިޔަ އެވެ. ލޯ ހުޅުވާލިއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގަ އެވެ. ލޮލެއް ނުހުޅުވުނެވެ. ދެލޯ އެއްކޮށް ބެންޑޭޖު ކޮށްފައިވާތީ އެވެ.

    "އާތިފް!" އަހަރެން ގޮވާލީމެވެ.

    "އެބައިނީމޭ!" އަހަރެންގެ އަތުގައި ހިފާލަމުން އާތިފް ބުންޏެވެ.

    އެ އެކްސިޑެންޓުގައި އަހަންނަށް ވަރަށް އަނިޔާވި އެވެ. އާތިފަށް ވެސް ވަރަށް އަނިޔާވި އެވެ. ދެ މީހުންގެ ތަފާތަކީ، އާތިފަށް ވީ ކުދިކުދި ބައިވަރު އަނިޔާ އެވެ. އަހަރެންނަށް ލިބުނީ ވަރަށްބޮޑު އެއް އަނިޔާ އެވެ. ވިސްސައިގެން ގޮސް ކޮންމެވެސް ތަނެއްގައި ބޯ ޖެހުނީ އެވެ. ލޮލަށް ލޭއެރީ އެވެ.

    "އަހަރެންގެ ލޮލަށް ކަމެއްވިތަ؟" އަހަރެން އެހީމެވެ.

    "އާނ! ޑޮކްޓަރު ބުނީ ލޮލަށް އަނިޔާވިލެއް ބޮޑުކަމުން، ފަހަރެއްގައި ލޮލަށް ނުފެނުމަކީ އެކަށީގެންވާ ކަމެކޭ.. ލޮލަށް ފެނުނަސް، ފަހަރެއްގަ ބައެއްފަހަރު އަނދިރިވެދާނެއޭ ވެސް ބުނި." އާތިފް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

    ދެ ހަފުތާ ނުވަނީސް ބެންޑޭޖު ނެގުމުގެ ހުއްދައެއް ނެތެވެ. ދުވަސްކޮޅަކަށް އަހަރެން ކަނުވީ އެވެ. އަހަރެން އޮތީ އައި. ޖީ. އެމް ހޮސްޕިޓަލްގަ އެވެ. ވަރަށް އެކަނިވެރިކަމާއި ފޫހިކަން އިހުސާސްކުރާ ހާލުގަ އެވެ. ގެ އަށް ދާން ބޭނުންވެ އެވެ. ކުދިން ދެކިލަން ހިތްއެދެ އެވެ. އެއްވެސް އެއްޗެއް ލޮލަށް ނުފެންނާތީވެ، އެތައް ބައިވަރު، ބޭކާރު ފިކުރެއް އަހަންނަށް ކުރެވެ އެވެ. އާތިފް އުޅޭނީ ކިހިނެތްބާއޭ ހިތަށްއަރަ އެވެ. އަހަރެންގެ ބަލި އެއީ ބަހަނާއަކަށް ދައްކާފައި އަހަރެން ދޫކޮށްލަން އޭނަ އަށް ރަނގަޅު ދަނޑިވަޅެއް ލިބުނީ އެވެ. އަހަރެން ވަރަށް ބިރުގަތެވެ. އުމުރަށް ވެސް ދެން ލޮލަށް ނުފެނިދާނެތީ އެވެ. ޑޮކްޓަރަކަށް ވެސް މާބޮޑު އުންމީދެއް ނެތްކަން އަހަންނަށް އިނގެ އެވެ. އަހަރެންގެ ލޯބިލޯބި 3 ކުދިން ދެން ނުފެނިއްޖެއްޔާ ހަދާނީ ކިހިނެތް ހެއްޔެވެ؟

    ކޮޓަރިއަކަށް ގެންދަން އާތިފް ވަރަށް މަސައްކަތް ކުރި އެވެ. ހުސް އެއްވެސް ކޮޓަރިއެއް ނެތެވެ. އެންމެ އަވަހަށް ހުސްވާ ކޮޓަރިއަށް ވެސް 5 މީހުން އެދިފައިވެ އެވެ. އަހަރެން ވޯޑުގައި އޮތީމެވެ. އަހަންނާ ޖެހިގެން ހުރި އެނދުގައި އެއްވެސް މީހެއް ނެތެވެ. އެކަން އަހަންނަށް އިނގުނީ އާތިފްގެ ފަރާތުންނެވެ.

    "އައްސަލާމް އަލައިކުމް!" އަންހެނެއްގެ އަޑު އަހަންނަށް އިވުނެވެ.
      
    "ވައަލައިކުމް ސަލާމް!" އަހަރެން ބުނީމެވެ.

    ޖެހިގެން ހުރި އެނދަށް މީހަކު އައީ އެވެ. އަހަންނަށް އަވައްޓެރިއެއް ލިބުނީ އެވެ. ސަލާމް ގޮވާލި ގޮތަށް އެހެން ވާހަކައެއް އޭނަ ނުދައްކަ އެވެ.

    "މައާފު ކުރައްވާތި! ތީ ކާކުކަމެއް އަހަންނަކަށް ނޭނގޭ". އަހަރެން ބުނީމެވެ.

    އޭނަ ހަމައެކަނި ބުނީ އޭނަގެ ނަމެވެ. ޒާހިރާ އެވެ. އަޑުން އިނގުނު ގޮތުގައި، އަހަންނަށްވުރެ ޒާހިރާ މުސްކުޅި އެވެ. ވާހަކަ ދައްކާވަރަކަށް އޭނަ ރައްޓެހިވަމުން އައެވެ. އަހަންނަށް އިނގުނީ ޒާހިރާ އަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެއްކަމެވެ. އެއްވެސް ޝަކުވާއެއް އޭނަ ނުކުރެ އެވެ. ކޮންމެ ރައްޓެއްސެއްގެ ވާހަކަ ދެއްކިޔަސް، ދައްކާނީ އެމީހެއްގެ ހުންނަ އެންމެ ރަނގަޅު ސިފަތަކުގެ ވާހަކަ އެވެ.

    އަހަރެންގެ ރައްޓެހިން ކިހާ ގިނަކަން އަހަންނަށް އެނގުނީ އަހަރެން ބަލި އެނދުގައި އޮއްވަ އެވެ. ކޮންމެ މީހަކު ކަހަލަ ގޮތަކަށް އަހަރެން ގަދަވުމަށް އެދެއެވެ. ހަދިޔާގެނެ އެވެ. އެހެންވިޔަސް، އަހަރެންގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސްކަމާއި، ބިރުވެރިކަމުގެ އަސަރު ޒާހިރާ އަށް ފެނުނެވެ. އަހަރެން ހެއްވާލެވޭތޯ އޭނަ މަސައްކަތް ކުރި އެވެ. އޭނަ ބުނާގޮތުގައި އަހަންނަކީ ވަރަށް ނަސީބުގަދަ މީހެކެވެ. ފިރިމީހާ އާއި ދަރިންގެ އިތުރުން، ރަހްމަތްތެރިން ވެސް އަހަރެންދެކެ ނިހާޔަތަށް ލޯބިވެ އެވެ.

    "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް!" އޭނަ ބުނެ އެވެ.

    އޭނަ ދެކޭގޮތުގައި، އެ ހާލުގައި އަހަރެން އެންމެ ރަނގަޅުވާނީ ލޯގަނޑެއްގެ ކުރިމައްޗަށް ނުހުއްޓުނިއްޔާ އެވެ. އޮށޯވެގެން އޮވެއޮވެ އަހަރެންގެ ބޮލުން ވަރަށް ގިނަ އިސްތަށި ފައިބަމުން ދިޔަ އެވެ. އަހަރެން ފަލަވެއްޖެ އެވެ. އަދި ބެންޑޭޖު އަޅާފައި ހުރުމުން އަހަރެން ފެންނަނީ ވަރަށް ބިރުވެރި ގޮތަކަށެވެ. ކިރިޔާ ވެސް އަހަންނަށް ލިބޭ ހިތްހަމަޖެހުމަކީ ޒާހިރާގެ މަޖާ ވާހަކަތަކެވެ. އޭނަ ކިޔާ ޖޯކުތަކެވެ.

    ކޮންމެ ދުވަހަކު ވެސް އާތިފް އައިސް ވަރަށް ގިނައިރު ވަންދެން އަހަރެން ކައިރީގަ އިނދެ އެވެ. އެކިއެކި ވާހަކަ ދައްކަ އެވެ. އަހަރެން ނެތުމުން ގެ ފަޅު ވާހަކަ އެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ނެތީމާ އޭނަ އަށް މާ ބޮލަށް ފަސޭހަވާނެ ނޫންހެއްޔެވެ؟ އާތިފް އަންނަނީ ކުދިން ވެސް ގޮވައިގެންނެވެ. އަހަރެން އަތުން އެ ކުދިންނަށް "ބަލަމެވެ". އާތިފް އެކަނިމާއެކަނި 3 ކުދިން ބަލަން ޖެހުނީތީވެ އަހަރެން ވަރަށް ދެރަވެ އެވެ. އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަކު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ކުދިންގެ އެއްޗިހި ދޮންނާނެ މީހެއް ނުހުންނާނެ އެވެ. ފިލާވަޅުތައް ދަސްކޮށްދޭން ޖެހޭނީ ވެސް އާތިފަށެވެ. ފެންވެރުވުމާއި، ކުދިން ސްކޫލަށް ގެންދިއުމަކީ ހަނގުރާމައެކެވެ.

    އާތިފް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަދި، ވީވަރަކުން ކުދިން އަހަންނަށް ދައްކަން އޭނަ މަސަތްކަތްކުރެ އެވެ. ލާފައި ހުންނަ ހެދުމާއި، އެ ދުވަހަކު ކުރި ކަންތައް ވެސް އަހަންނަށް ކިޔާދެ އެވެ. ލޮލަށް ނުފެނުނަސް، އަހަންނަށް ހީވާނީ އެ ކަމެއް ހިނގިއިރު އަހަންނަށް ވެސް އެ ތަނެއްގައި ހުރެވުނުހެންނެވެ. މީހުން ފޮނުވާފައި ހުންނަ ކާރޑުތައް ވެސް އާތިފް އަހަންނަށް ކިޔާދެ އެވެ. އަދި އެހާ ގިނަ ރައްޓެހިން ލިބިފައި، އެންމެން އަހަރެން މަތިން ހަނދާންހުރުން އެއީ ކިހާ ބޮޑު ނަސީބެއްކަން އަހަންނަށް ވިސްނައިދިނެވެ. އަހަރެން ނެތުމުގެ ހިތާމައިގައި އޭނަ ހިކިއްޖެ އެވެ. އެ މަންޒަރު އަހަންނަށް ނުފެނުނުކަން އެއީ އަހަރެންގެ ނަސީބެއްކަމަށް އޭނަ ބުންޏެވެ.

    އާތިފް ދިއުމާ އެކުގައި އަހަރެން ޝަކުވާފޮށި ހުޅުވާލަމެވެ. އާތިފް ދެން އަހަރެން ވަރިކޮށްފާނެކަމާއި، އަހަރެން ކިހާ ބަދުނަސީބުކަން އަހަރެން ކިޔައިދިނީމެވެ. ޒާހިރާ އެކަމާ އެއްބަހެއްނުވި އެވެ.

    "އަހަންނަށް ފެނުނީ އެހެން މަންޒަރެއް.. ސަތޫ އަކީ ނަސީބުގަދަ މީހެއް.. ފިރިމީހާ އެހާ ލޯބިވޭ! ދަރިން އެހާ ލޯބިވޭ!" ޒާހިރާގެ އަޑު ކުރެހެންފެށި އެވެ. "އަހަންނަކަށް ނޭނގެ ސަތޫ ތިހާ ހިތްޝައްކުވަނީ ކީއްވެގެންކަމެއް.. ކަމެއް ވެދާނެހެން ހީވެގެން އަބަދު ޝަކުވާ ކުރުމަށްވުރެ، ވަމުންދާ ކަންކަމަށް ޝުކުރުވެރި ވެސް ވާންވާނެ.. ދިރިއުޅުމަކީ މާދަމައެއް ނޫން.. ވިސްނާލަބަލަ.. މާދަމާ އަކީ އަބަދުވެސް އަންނަން އޮތް އެއްޗެއް.. އިއްޔެ އަކީ ދެން އަނބުރާ ލިބޭނެ އެއްޗެއް ނޫން.. ހުރިހާ ވެސް އެއްޗަކީ މިއަދު.. މި ވަގުތު.. ނޫނީ ދެންމެ.. އަހަރެންނަކަށް އެކައްޗެއް ވެސް ނުލިބޭ.. އެކަމަކު އެހިންތަ ޝަކުވާކުރާ އަޑު؟"

    ކުއްލިއަކަށް އަހަރެންގެ ފިކުރު އެހެން ދިމާލަކަށް މިސްރާބުޖެހި އެވެ. ހިތަށްއެރި އެވެ. ޒާހިރާ އަށް އަހަރެން ފެންނާނެ އެވެ. އަހަންނަކަށް ޒާހިރާއެއް ނުފެނެ އެވެ. އޭނަގެ އާއިލާ ކޮބައިހެއްޔެވެ؟ އޭނަ މި ތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ އޭނަގެ ބައްޔަށް ކިޔަނީ ކޮންނަމެއް ހެއްޔެވެ؟ އެކުގައި ދެ ހަފްތާ ވެއަތުކުރި އިރުވެސް އަހަރެން އަބަދު ވެސް ބެލީ އަހަރެންގެ ޝަކުވާފުނި އޭނަގެ އުނގަށް އޮއްސޭތޯ އެވެ. އޭނަ ނުހަނު އޯގާތެރިކަމާއެކު އަހަރެންނަށް ލަފާދިނެވެ. އަހަރެންގެ ޝަކުވާ އަޑުއެހި އެވެ. އަހަރެން އެހެނެއް ނުހަދަ އެވެ. އަހަންނަކީ ކިހާ އަމިއްލައެދުން ބޮޑު މީހެއް ހެއްޔެވެ؟ ދުވާލަކު 2 ފަހަރު އަހަރެންގެ ހާލު އަހާއިރު ވެސް އަހަރެން އެއްފަހަރު ވެސް އޭނަގެ ހާލެއް ނާހަ އެވެ.

    ކުއްލިއަކަށް އެ ހުރިހާ ސުވާލެއް ކުރާކަށް އަހަންނަކަށް ނުކެރުނެވެ. އޭނަޔާ ބެހޭގޮތުން އަހަންނަށް ވަރަށް ގިނަ އެއްޗިހިތަކެއް އިނގިފައިވާކަމަށް ހެދިފައި، އެންމެ އާދައިގެ ސުވާލެއް ކުރުމުން އެ ވީ ކޯޗަކަށް ހެއްޔެވެ؟ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ހިތަށްއެރި އެވެ. ހިތްވަރު ކޮށްފައި އަހާނީ އެވެ. ދޭތެރެދޭތެރެއިން އޭނަ ކައިރި އަށް ޑޮކްޓަރު އާދެ އެވެ. އެ މީހުން ދައްކާ ވާހަކަ އަޑުއަހާލުމުން ވެސް ކޮންމެވެސް އެއްޗެއް އިނގިދާނެ އެވެ. އެހާ ހިސާބުން ކުއްލިއަކަށް އަހަރެންގެ ހުރިހާ ޝަކުވާއެއް ހުސްވެއްޖެ އެވެ. އަހަންނަށް ހެޔޮއެދޭ މީހުން އަދި ވެސް ތިބިކަން ވިސްނުމުންނެވެ. ތެދަށްބުނާ ނަމަ އަހަރެން އަމިއްލަ އަށް ބަދުނަސީބުވެގެން އުޅެނީ އެވެ. އަމިއްލައެދުން މާ ބޮޑީ އެވެ. ދެން ތިބީ އިންސާނުންނެއް ނޫންހެއްޔެވެ؟
   
   ޑޮކްޓަރު ދެއްކި ވާހަކަތައް އަހަރެން ސިއްރުން އެހީމެވެ. ފުރަތަމަ ފަހަރަށެވެ. ޒާހިރާ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކެވެ. އޭނަ އޮތީ ބައްޔެއްގެ އެންމެ ފަހު މަރުޙަލާގަ އެވެ. ދެވޭނެ އެއްވެސް ފަރުވާއެއް ނެތިފަ އެވެ. އޭނަ ހޮސްޕިޓަލަށް އައީ ބަލާނެ އެއްވެސް މީހެއް ނެތިގެންނެވެ. އެއްވެސް ދަރިއަކު އަޅައެއްނުލި އެވެ. ފިރިމީހާ އުޅެނީ އެހެން މީހަކާ އިނދެގެންނެވެ. އެކި ރޭރޭމަތިން އަހަންނަށް ލިބުނު މައުލޫމާތުގެ ސަބަބުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި އެވެ. ޝަކުވާކުރަން އޭނަ މާ ރަނގަޅެވެ. އެކަމަކު އެއްވެސް ޝަކުވާއެއް އޭނަ ނުކުރެ އެވެ. އޭނަގެ ހުރިހާ ވަގުތެއް ހުސްކުރީ އަހަންނަށް ހިތްވަރުދިނުމަށްޓަކާ އެވެ.

    އާންމު އިންސާނުންގެ އުސޫލަކީ، ތިމާ އަށް ނުލިބުނު އުފަލެއް އެހެންމީހަކަށް ލިބޭތަން ފެނިއްޖެ ނަމަ ހިތުގައި ހަސަދަލުމެވެ. ޒާހިރާ އެހެނެއް ނުހަދަ އެވެ. އޭނަގެ އެންމެ ހިތާމަވެރި ދުވަސްތައް ޤުރުބާން ކުރަން ބޭނުންވީ އެހެންމީހުނަށްޓަކާ އެވެ. އަހަރެން ޖެހޭނީ މަޢާފަށް އެދިފައި، ތަޢުރީފު ކޮށްފައި، އޭނަ އަށް ޝުކުރުއަދާކުރާށެވެ. އެ ކަހަލަ ހިތްހެޔޮ އިންސާނުން މިހާރު ވަރަށް މަދެވެ. މާދަމާ އަހަރެން ޒާހިރާއާ ވާހަކަ ދައްކާނަމޭ ހިތަށްއަރުވައިގެން އޮވެ އަހަރެން ނިދީމެވެ. ދަންވަރު ސިއްސައިގެން ގޮސްފައި ހޭލެވުނީ މީހުން ތަންކޮޅެއް ގިނަވެގެންނެވެ. ޒާހިރާ މަރުވީ އެވެ.

    ޑޮކްޓަރު ބުނި މުއްދަތަށްފަހު އަހަންނަށް އަލުން ތަންތަން ފެންނަން ފެށި އެވެ. މުޅިން ތަފާތު އަލިކަމަކާ އެކުގަ އެވެ. މިއަދު އަހަންނަށް އެނގޭ އެއްޗަކީ އަހަރެންގެ ފިރިމީހާ އަކީ އަހަރެންދެކެ ނިހާޔަތަށް ލޯބިވާ މީހެއްކަމެވެ. ދަރިން ވެސް އަދި ރައްޓެހިން ވެސް އަހަރެންދެކެ ލޯބިވެ އެވެ. ބަދުނަސީބޭ ތިމާ ބުނާއިރު، ދުރާއިގާތުން އަމިއްލަ ހަޔާތާ ދޭތެރޭގައި ވިސްނާލަން ޖެހޭނެ އެވެ. މާ ކައިރިން ނުވަތަ މާ ދުރުން ބަލައިފި ނަމަވެސް، ތިމާ ކިހާ ނަސީބުގަދަކަން، ފަހަރެއްގައި ތިމާ އަށް ނޭނގި ހިނގައިދާނެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ