އަދުގެ ޚާއްސަ

Print

ސަޔަކަށް ގޮސް ދެކެވުނު ވާހަކައެއްގެ ތެރެއިން....

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ހަވީރު ގަޑީގައި ރައްޓެހި ގުރޫޕަކާއެކު ސައިތަށްޓެއް ބޯލަން ދިޔަ ދުވަހެއްގެ ވާހަކައިން ފަށާނަމެވެ. ގުރޫޕުގައި ތިބި އެންމެންނަކީ ވެސް ދަރިން ލިބިފައިވާ ޒުވާން ބައްޕައިންނެވެ. މި މީހުންގެ ވާހަކައަކީ މިހާރުގެ ކުދިންގެ ގޯސް ވާހަކަ އެވެ. އެކުދިން ދީނީ ކަންތައްތަކަށްދޭ ސަމާލުކަން ކުޑަވާހަކަ އެވެ. ދެ ނަމާދު ދޭތެރޭ ވެސް ޤުރުއާން އަކުރެއް ކިޔަވައިނުލާ ވާހަކަ އެވެ. އެ ގަޑީގައި ވެސް ޑްރާމާ ބެލުމާއި ކާޓޫނު ބެލުމުގައި ވަގުތުތައް ބޭކާރުކުރާ ވާހަކައެވެ. ބޮޑެތިމީހުންނަށް އިޙްތިރާމު ނުކުރާ ވާހަކަ އެވެ. ދެން ވެސް އެ ކުދިންގެ ގޯސް ވާހަކަ އެވެ. މަގުމަތީގެ އަދަބުތަކަށް ބެލުމެއް ނެތްވާހަކަ އެވެ.

މި ކަމުގެ ސަބަބެއްކަމަށް ގިނަ މީހުންނަށް އެއްބަސްވެވުނީ ޒަމާނަށް އައި ބަދަލާއެކު ކޭބަލް ޓީވީ ތަޢާރުފުވުމާއި، އިންޓަނެޓާއި ދެން ވެސް އެ ފަދަ ވަސީލަތްތަކުން ކުރާ ނެދެވޭ އަސަރުތަކާއި، މުޖްތަމަޢުގެ އާދަކާދަތަކަށް އައި ނޭދެވޭ ބަދެލެވެ. އަދި މީގެ އިތުރުން ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އުޅެންޖެހުމާއި، އޭގެ ސަބަބުން އުފެދޭ އިޖްތިމާޢީ މައްސަލަ ތަކެވެ. އަދި ހަމަ އެހެންމެ މުދައްރިސުންގެ ފަރާތުން ލިބެންޖެހޭ ތަރުބިއްޔަތުގެ ފިލާވަޅުތައް ނުލިބުން ވެސް މައިގަނޑު ސަބަބު ތަކުގެތެރޭގައި ހިމެނި އެވެ.

މި ވެރިން މި ދެއްކި ވާހަކައާ އަޅުގަނޑު މުޅިން އެއްބަހެއް ނުވަމެވެ. އެ ގޮތަކީ މި ވެރިންގެ ޒިންމާ ވެސް ފުރިހަމައަށް އަދާނުކުރެވޭކަން އަޅުގަނޑަށް ޔަގީންވަތީ އެވެ. ފުރަތަމަ ކަމަކީ ދީނީ ކަންކަމަށް އެ ކުދިން ހޭލުންތެރި ކުރުވައި މަގުދައްކައިދޭންތިބި މައިންބަފައިން އެކަންތައްތަކަށް ފަރުވާ ކުޑަކުރުމެވެ. މިވާހަކަ ދައްކާއިރު ދީނީ ކަންކަމަށް މިވެރިން އެހާ ސަމާލުކަން ދޭތަން އަމަލީގޮތުން އެކުދިންނަށް ދެއްކިފައެއް ނެތެވެ. ފަތިސް ނަމާދު ބަންގި އެހެންނަމާދުތަކުގައި ގޮވާބަންގިއާ ތަފާތުކަމެއް މި ވެރިންގެ ތެރެއިން ގިނަމީހުނަށް ވެސް ނޭނގޭކަން ހަމަ ޔަގީނެވެ. ވާނީ އެހެން ނޫންތޯ އެވެ. ފަތިސްނަމާދު ބަންގީގެ އަޑު މިއިން ދުވަހަކު އެހި މީހަކު ވެސް މި ގުރޫޕުގެ ތެރޭގައި ހުރިހެނެއް ހީއެއް ނުވެ އެވެ.

އަނެއްކަމަކީ ދެ ނަމާދު ދޭތެރޭގައި ޤުރުއާން ނުކިޔަވާ ވާހަކަ އެވެ. މި މީހުން ކުޑައިރު އެ ގަޑީގައި ޤުރުއާން ކިޔެވީ މި މީހުންގެ ހެޔޮލަފާކަމުން ބާވަ އެވެ. ނުވަތަ މިމީހުންގެ މައިންބަފައިންގެ ފުށުން ލިބިފައިވާ ހެޔޮ ތަރުބިއްޔަތެއްގެ ސަބަބުން ބާވަ އެވެ. މައިން ބަފައިންގެ ތަރުބިއްޔަތުގެ ސަބަބުން ކަމުގައި ވަނީނަމަ، މިހާރުގެ ކުދިން އެ ގަޑީގައި ޤުރުއާން ނުކިޔަވަނީ މިހާރުގެ ޒުވާން މަންމައިންނާއި ބައްޕައިންގެ ތަރުބިއްޔަތު ގޯސްވެގެން ނޫންތޯ އެވެ. ދަރިފުޅު ކައިރީގައި ޤުރުއާން ކިޔަވަން ބުނެފައި މަންމަ ޑްރާމާ ބަލަން އިނީމައި ދަރިފުޅަށް އެ ދައްކައިދެވެނީ ކޮން ކަހަލަ ނަމޫނާއެއް ހެއްޔެވެ؟ އެ ެދެވެނީ ތަރުބިއްޔަތުގެ ކޮންފިލާވަޅެއް ހެއްޔެވެ؟

ކޭބަލްޓީވީ ގެއަށްވެއްދީ ދަރިފުޅުގެ ހިތްހަމަޖެހުމަށްތޯ ނުުވަތަ މަންމަގެ ޒީލަ ގަދަވެގެންތޯ ނިކަން ސުވާލު ކޮށްލަބަލާށެވެ. ބައްޕަގެ ކަންޓްރޯލް ނެތްވަރަށް ދަރިފުޅުގެ ކަންތައްތައް ދިޔައީ ކާކުގެ އިހުމާލަކުން ހެއްޔެވެ؟ ހަމަ ޒުވާން ބައްޕަގެ އިހުމާލުން ނޫންތޯ އެވެ. ދަރިފުޅަށް އިންޓަނެޓްގެ ވަސީލަތްހޯދައިދިނުމާ ދެކޮޅެއް ނުހަދަމެވެ. ނަމަވެސް މައިންބަފައިންގެ އަތްދަށުން ސޮހިގެންދާވަރު ބާރުތަކާއި އިޚްތިޔާރުތައް އެ ދަރިފުޅަށް ދިނުމަކީ މައްސަލައެކެވެ. އިންޓަރނެޓާއި ކޭބަލްޓީވީ އާއި، މި ހުރިހާ ކަމެއް މިހާރުގެ ޒުވާން މައިންބަފައިން ކުޑައިރު ފެނުނު ނަމަ އެމީހުންގެ އުޅުންތަކާއި ގުޅުންތަކަށްވެސް އަސަރުތަކެއް ކުރީސްކަން ކަށަވަރެވެ.  ބައެއް ޓީވީ ޗެނަލްތަކުން، އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ދިވެހި އާދަ ކާދަތަކާ ފުށުއަރާ މަންޒަރުތައް ނުދައްކާ ވާހަކައެން ނޫނެވެ. އެ ކަހަލަ މަންޒަރުތައް ދެއްކުމާ އަޅުގަނޑު މުޅިން ދެކޮޅެވެ. ނަމަވެސް ޓީވީ ޗެނަލްތަކުން ފޮނުވާ ދީނީ ޕްރޮގްރާމު ތަކާއި، ނަސޭހަތުގެ ބަސްތައް ވެސް މަދެއް ނޫނެވެ. އެ ތަކެތި ބަލަން އާދަވެވިފައި ނެތީ އެވެ. ނުވަތަ ބާލާހިތް ނުވަނީ އެވެ. އަދި ބަލާމީހުންވެސް އެނަސޭހަތާ އެއްގޮތަށް ޢަމަލު ނުކުރަނީއެވެ.

ދެންއޮތީ މަގުމަތީގެ އަދަބުތަކަށް ބަލައިނުލާ ވާހަކަ އެވެ. އެ ކަންވެސް އެންމެ ފުރިހަމަ ގޮތުގައި ދަސްކޮށްދޭން ތިބި ބަޔަކީ މި ޒުވާން މަންމައިންނާ ބައްޕައިންނެވެ. މި ގޮތުން ބަލާއިރު ޓްރެފިކްގެ ގަވާއިދުތަކަކީ ވެސް މަގުމަތީގެ އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.  ނަމަވެސް އެގަވާއިދުތަކަށް ތަބާވަނީ މީގެތެރެއިން ކިތައް ބައްޕައިން ބާވަ އެވެ. މުދައްރިސުން މެދުވެރިކޮށް ފިލާވަޅުތަކެއް ދެވިދާނެ އެވެ.  ނަމަވެސް އެ ފިލާވަޅުތަކުގެ އަމަލީބައި، މައިންބަފައިންނާއި ބެލެނިވެރިންނާއި ދެން ވެސް ނަމޫނާ ދައްކަންތިބޭ މީހުންގެފަރާތުން ނުލިބޭނަމަ ކުއްޖާ އަށްވާނީ ކިހިނެއްތޯ އެވެ.

ބޮޑެތިމީހުންނަށް އިޙްތިރާމް ނުކުރާ ވާހަކަ ވެސް މިވެރިން އެ ބަދައްކަ އެވެ. ޒުވާން މަންމައިންނާއި ބައްޕައިންގެ ތެރެއިން އެމީހުންގެ މުސްކުޅި މައިންބަފައިންނަށް އިޙްތިރާމު ކުރަނީ ކިތައް މީހުން ތޯއެވެ. ދަރިންނަށް ނުބައި ނަސޭހަތްދޭ އެއްވެސް މަޔަކު، ބަފަޔަކު ނުހުންނާނެ އެވެ. ނަމަވެސް އެ ކުދިން ކުރާ ގޯސްއަމަލުތައް މަނާ ކުރަން ފަސްޖެހޭ ބައެއް މަންމައިންނާއި ބައްޕައިން އެބަ އުޅެ އެވެ.

ދެންއޮތީމުދައްރިސުންގެ ފަރާތުން ލިބެންޖެހޭކަމަށް ބުނާ ތަރުބިއްޔަތުގެ ފިލާވަޅުތަކެވެ. ތަރުބިއްޔަތުގެ ފިލާވަޅުތަކުގެ ބައެއްގެ ގޮތުން މުދައްރިސަކު ކުއްޖަކަށް އަދަބެއް ދިނުން މިހާރު މިއޮންނަނީ ފާޑަކަށް މަނާވެފަ އެވެ. އަޅުގަނޑު މި ދަންނަވަނީ ކުދިންނަށް އަނިޔާކުރާ ވާހަކައެއް ނޫނެވެ. އަނިޔާއާ އަދަބުގެ ތަފާތު އޮޅުވާނުލެއްވުން އެދެމެވެ. އަޅުގަނޑު ހަމަ ރަނގަޅަށް ހަނދާއެބަހުއްޓެވެ. ކުއްޖަކު ފިލާވަޅު ދަސްނުކޮށްގެން އަދަބެއްގެ ގޮތުން ފޮޅުވަތް ލިޔަންދިނުމުން މި މީހުންގެ ތެރެއިން އެއް ބައްޕަޔަކު ވަނީ އެކަން މައްސަލައަކަށް ހަދައިގެން ސްކޫލް އޮފީހަށް ގޮސްފަ އެވެ. ނަމާދުގައި ކިޔަވާތަކެތި ފުރިހަމައަށް ދަސްނުވުމުން އަދަބެއްގެ ގޮތުން ހުދު ފަޓުލޫނުގެ ބަދަލުގައި ނޫކުލައިގެ ފަޓުލޫނު ލާން އެންގުމުން ވެސް މައްސަލަޖައްސަން މިނިސްޓްރީގެ އިސްވެރިޔަކަށް ވެސް ގުޅިއެވެ.  އެނގި ވަޑައިގަންނަވާނެ ފަދައިން ގިނަ އިސްކޫލުތަކުގައި ހުދު ފަޓުލޫނު ލަނީ ވަކި ޚާއްޞަ ދަރިވަރުން ތަކެކެވެ.

އިޖްތިމާޢީ މައްސަލަތަކެއް ނެތެކޭ އަޅުގަނޑު ނުދަންނަވަމެވެ. އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ޒިންމާ އުފުލަންޖެހޭ ހުރިހާފަރާތްތަކުން ޒިންމާ ނު އުފުލުމަކީ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ދެރަވުމުގެ ބޮޑުސަބަބެކެވެ. މުޖްތަމަޢުގެ މައްސަލަކަމަށް ބުނެ އަޅުގަނޑުމެން ނިންމާލާއިރު، މުޖްތަމަޢު އުފެދިފައި މި ވަނީ، ސައިމޭޒު ކައިރީގައި މިތިބަ ހުރިހާ ޒުވާން ބައްޕައިންނާއި، އެ މީހުންގެ އަނބިންނާއި ދަރިން އެކުވުމުންކަން މި ވެރިން ހަނދާނެއް ނެތެވެ.  މި ޒަމާނުގެ ކުދިންގެ ހުރިމައްސަލަތައް ނޫނެއްކަމަކު އިހުޒަމާނުގެ ކުދިންގެ ވެސް މައްސަލަތަކެއް ހުރިކަން ޔަގީނެވެ. އަދި މި ޒަމާނުގައި މިހިރަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަން ވެސް ގަބޫލު ކުރެވެ އެވެ. އެ މައްސަލަތައް ހައްލު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ އެއްބަޔަކީ 'އިހުޒަމާނުގެ' ޅަކުދިން ކަމުގައިވާ މި ޒަމާނުގެ ޒުވާން މައިންބަފައިންނެވެ.

މުޖްތަމަޢު އިޞްލާޙުކުރުމުގެ ޢަޒުމެއް ހުރިމީހަކުނަމަ، ތިމާ އަމިއްލައަށް އިޞްލާހުވުމަށް ފަސްނުޖެހޭށެވެ. ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އެމީހެއްގެ އަމިއްލަނަފްސުން ފަށާށެވެ. އެ އަށްފަހު އަނބިދަރިންނެވެ. ދެންވެސް އާއިލާގައި ހިމެނޭ މީހުންނެވެ. އިސާހިތަކު، މާތްﷲގެ ވާގިފުޅުން އަޅުގަނޑުމެންގެ މުޖްތަމަޢު އިޞްލާޙުވެދާނެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ