ޖަވާބު
ޙަޤީޤީ ހާދިސާ
އާދަމް ނަޞީރު އިބްރާހީމް (2010)
ދިވެއްސަކަށްވީތީ އަހަންނަށް ލިބުނީ ކޮން އެއްޗެއް ކަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް އޮތް ފައިދާ އަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ. ލިބުނު އުފަލަކީ ހިތްހަމަ ޖެހުމަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ. ގުރޭޑް ބާރަ ނިންމައި، ޓީވީ އިސްޓޭޝަނެއްގެ ތަމްރީނުވާ ޕްރޮޑިޔުސަރެއްގެ މަގާމަށް އަހަރެން ވަނީ އެ ހާލުގައި ހުރެގެންނެވެ.
ވަޒީފާ ލިބުނުތާ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި އަހަންނަށް ކޯހެއްލިބުނެވެ. މަސް ދުވަހުގެ ކޯހެކެވެ. ތަފާތު ގިނަ ގައުމުތަކެއްގެ ތަފާތު ނަސްލުތަކެއްގެ މީހުން ހިމެނޭ ކޯހެކެވެ. އެކި އެކި ތަންތަނުން އައި އެކި ކުލައިގެ އެކި އިސްކޮޅުގެ މީހުންނެވެ. ސާޅީހަކަށް މީހުންތިއްބެވެ.
އަހަރެން ދިޔަ ގައުމުގެ މީހުން ދިވެހި ރާއްޖެ ދަނެ އެވެ. އަދި ކޯހަށް އައި ގިނަ މީހުން ވެސް ދަނެ އެވެ. ރާޅު އަރާތީ އެވެ. ބިންތިރި ވީމަ އެވެ. މި ސަރަހައްދުގެ އެންމެ ކުޑަ ގައުމު ކަމަށްވާތީ އެވެ. އާބާދީިގައި ހަތަރު ލައްކަ ވެސް ހަމަ ނުވެ އެވެ. ފަރުބަދައެއް ނުހުރެ އެވެ. ފެންކޯރެއް ނޯވެ އެވެ. ގުރައެއް މިނިކާވަގެއް ކީއްކުރަންހެއްޔެވެ؟ ގެއެއްގައި ދޮރުފާރަވެރި ކުއްތާއެއްހައި ހިސާބުވެސް ނެތް ގައުމެކެވެ. ދެތިން ދުވަހަކު ޗުއްޓީ ހެދަ ކޮށްލަން އޮތް ހިމުން ދޮންވެލިކޮޅެކެވެ.
ފުރަތަމަ ދުވަހެވެ. ފަރިތަވެލުމުގެ ވަގުތު ކޮޅެވެ. ކޮންމެ މީހަކަށް ވެސް ޖެހުނީ ބޯޑުގައި އެ މީހާގެ އަމިއްލަ ނަން ލިޔާށެވެ. އަދި ހާލު އަހުވާލު އޮޅުން ފިލުވައިލުމަށް ބުނެލާ ބުނުން އެ މީހެއްގެ ގައުމުގެ އާދަ ކާދަޔާ ގުޅޭގޮތުން އަމިއްލަ ބަހުން ލިޔާށެވެ. އެކި މީހުން އެކި ބަހުން ލިޔެ އެވެ. ބައެއް މީހުންގެ ބަސްތަފާތެވެ. އަކުރު އެއްގޮތެވެ. ދެ ތިން ގައުމަކަށް ނިސްބަތްވާ ދެތިން މީހަކު ހަމަ އެއް ބަހަކުން އެއް ޖުމުލަ އެއް ލިޔެފި އެވެ. އެކަމަކު އެ މީހުން ނިސްބަތްވަނީ މިލިޔަން މިލިޔަނުގެ އާބާދީ ތަކަށެވެ.
އަހަރެންގެ ފުރުޞަތެވެ. އަހަރެން ހިނގައިގެންފީ މެވެ. ބޯޑުކައިރިޔަށް ހުއްޓި ތާނަ އަކުރުން، އަމިއްލަ ނަން ލިޔެލައިފީމެވެ. ''ހާލު ކިހިނެއް؟'' އަމިއްލަ ދިވެހި ބަހުން މި ހެން ވެސް ޖަހާލައިފި ފީމެވެ.
''ވާއޮ! ކަލޭމެންގެ އަމިއްލަ ބަހެއް އޮވޭތަ؟ އަމިއްލަ އަކުރެއް ވެސް'' އަހަރެންނަށް ވަރަށް ބާރަށް ‘’yes’’ މި ހެން ބުނެލެވުނެވެ.
''ވާއޮ!'' އަނެއްކާ ވެސް ކުރިން ސުވާލު ކުރި މީހާ އިއްވާލީ އެ އަޑެވެ.
އެންމެން ކަހަލަ ގޮތަކަށް އަތްތިލަބަޑި ތަޅައިގެންފި އެވެ. ލެކްޗަރަރ އަހަރެންގައިގައި ބައްދާލި އެވެ. ވީ ގޮތެއް ނޭނގުނެވެ. އެ ތެރެހަށިން ފުރިގެން ބޭރަށް ބަންޑުންވި ޖަޒުބާތަކީ ދުވަހަކު ވެސް އަހަރެން އިޙްސާސްކުރި ކަމެއް ނޫނެވެ. އަހަރެންގައި ހީބިހި ނަގައިގަތެވެ. ފެންކަޅިވެއްޖެ އެވެ. ދެ ލޮލުން ކަރުނަ ތިކި ފޫދިއްޖެ އެވެ. ރޮވިއްޖެ އެވެ. ކީއްވެގެންހެއްޔެވެ؟ އުފަލުންނެވެ. އުފާވީ ކޮންކަމަކާ ހެއްޔެވެ؟ ރޮވުނީ ކޮންކަމަކާ ހެއްޔެވެ؟ ހިތަށް ލިބުނު ހިތްހަމަޖެހުމާއި ހިތްވަރު ފިޔަވައި އެހެން އެއްވެސް ސަބަބެއް ނެތެވެ.
ހިތަށް އެރި އެވެ. ދިވެހި ބަހަކީ ބޭނުން އެއްޗެއްތޯ އެއް ދުވަހެއްގައި މުދައްރިސަކު ކިލާހުގައި ސުވާލު ކުރެއްވި އެވެ. އެ ދުވަހަކު އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެކަމަކު މި އަދު އަރެންގެ ހަށިގަނޑުގައި މި ހިރަ އިޙްސާސަކީ އޭގެ ޖަވާބެވެ. މި އޮހޭ ތަހުނިޔާގެ ބަސްތަކާ ހޫނު އަތްތިލަ ބަޑީގެ ތަރުޙީބަކީ އޭގެ ޖަވާބެވެ. އާބާދީ ކިތަންމެ ބޮޑަސް، މި ކަމުގައި ''ފަގީރުކަން'' އިޙްސާސް ކުރަން މި ތާނގައި ލަދުން އެ ތިބަ ދެ ތިން ދޮން މީހުންގެ ވަޅޯވެފައިވާ މޫނަކީ ވެސް އެ ސުވާލުގެ ޖަވާބެވެ. ދެ ލޮލުގައި ވިދަމުން މިދާ އުފާވެރިކަމުގެ ކަރުނަޔާއި، ގައިގައި މިވާ ހީބިއްސަކީ ވެސް އެ ސުވާލުގެ ޖަވާބެވެ. ވަކި ގައުމަކަށް ނިސްބަތްވާ ވަކި ޝަރަފެއްގެ މީހެއްގެ ގޮތުގައި މި އެންމެން އަހަރެން ބަލައިގަތްކަން އެއީ އަދި އެ ސުވާލުގެ އެންމެ ތަފުސީލު ޖަވާބެވެ.
(ނިމުނީ)
ނޯޓު:
މިއީ ޓީވީ އެމް ގެ ޕްރެޒެންޓަރުންގެ ކުދީންކޮޅަކަށް ދިވެހި ބަހުގެ ހަމަތަކާ ބެހޭ ގޮތުން ނަގައި ދެވުނު ކިލާހެއްގައި، ކިލާސް އިންތިޒާމު ކުރުމުގައި އުޅުއްވި ޕްރޮޑިޔުސަރަކު އަޅުގަނޑަށް ކިޔައިދެއްވި އޭނާގެ އަމިއްލަ ތަޖުރިބާ އެކެވެ. އަޅުގަނޑުގެ ގަލަން މަސައްކަތް ކޮށްފައި އެ ވަނީ، ވާހަކައިގެ ''ޢަރަޤުކޮޅު'' ތިޔަ ބޭފުޅުންނާ ހަމަޔަށް ވާސިލުކޮށްދެވޭތޯ އެވެ.