އަދުގެ ޚާއްސަ

Print

މުއްދަތު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

   ލޯބިވާން ވަކި އުމުރެއް އޮންނަންޖެހޭނެ އެވެ. މީހުން އެހެން ބުނާތީ އަޑުއަހަމެވެ. ލޯބީގައި ވަކި މުއްދަތެއް ހޭދަކުރަންވާނެ އެވެ. ކައިވެނި ކުރަންވާނީ އެ އަށް ފަހުގައި އެވެ. އެކަމަކު، އަހަރެން އެންމެ ފުރަތަމަ ލޯބިވީ އަހަރެންގެ އުމުރުން ބާރަ އަހަރުގަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެއީ، ކުޑަކުދިންގެ އުމުރެވެ. ލޯބީގެ އެއްވެސް ޚިޔާލެއް، އެ އުމުރަކު ނާންނާނެ އެވެ.


    އޭނަގެ ނަމަކީ ނިޔާޒު އެވެ. އަހަރެން ކިޔަނީ ނިޔާ އެވެ. އަހަންނާ އެއް އުމުރެއްގެ ކުއްޖެކެވެ. އެއް އިސްކޮޅެއް ވެސްމެ އެވެ. ހަމައެކަނި ތަފާތީ ކުލަ އެވެ. އަހަރެން ދޮންވާނެ އެވެ. އޭނަ ކަޅެވެ.

ފިރިހެންކުދިން ރީތީ ވެސް ކަޅުވީމަ އެވެ. އެއީ، އަހަންނަށް ފެންނަ ގޮތެވެ. އެ އުމުރުގައި އެހެން ފިރިހެން ކުދިންނަށް އަހަރެން ނުބަލާ ވާހަކައެއް ނޫނެވެ. އެކަމަކު، ބަލަނީ ބަލަންޖެހޭތީ އެވެ. އެހެންނޫނީ، އެކުގައި އުޅޭ އެހެން އަންހެންކުދިން ދިމާކުރާނެ އެވެ. މަލާމާތް ކުރާނެ އެވެ. އަހަރެންގެ ނިޔަތް އެނގޭނީ އަހަންނަށެވެ. ނިޔާ ފެނުމުގެ ކުރިން، ކިރިޔާ ކަމުދާ ކަހަލަ ފިރިހެން ކުއްޖެއް ވެސް އަހަރެން ނުދެކެމެވެ. ނިޔާ ދިމާވިގޮތް އަހަރެން ވަރަށް ރަނގަޅަށް ހަނދާންއެބަހުއްޓެވެ.
   
މަންމަޔާ އެކުގައި އަހަރެން ދިޔައީ އެކުވެންޏަށެވެ. އެ ތަނުގައި، އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ހިނގަނީ އެވެ. އަހަރެން އުޅުނީ އަންހެން ޓީމުގަ އެވެ. ނިޔާ އުޅެނީ ފިރިހެން ޓީމުގަ އެވެ. އެކަމަކު، ޑަބަލްސްގައި ނިޔާ އަކީ އަހަރެންގެ ޕާރޓްނަރ އެވެ. ޕްރެކްޓިސްގައި އަހަރެންނާ އެއްކޮށް ކުޅުނީ ޝުޖާއު އެވެ. އޭނަ އަށް ފާނަބަސަންދު ޖެހުނީ އެ ރޭގަ އެވެ. ނިޔާ އައީ، މެޗު ކުޅެން އޮތް ރޭގަ އެވެ. އިއްތިފާގުން އޭނަގެ ޕާރޓްނަރު ވެސް ބަލިވީ އެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ.

ނިޔާ އާއި އަހަރެންގެ ލޯތްބަކީ، "ލަވް އެޓް ފަސްޓް ސައިޓް" ކަމަކަށް އަހަރެން ނުބުނާނަމެވެ. ސަބަބަކީ، ފުރަތަމަ ނިޔާ ފެނުނު ފަހަރު އަހަރެން ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އަހަރެން ހީކުރީ އެއީ، އެއްވެސް ގޮތެއް ނެތިގެން އަރުވާ، ނުފަރިތަ ކުއްޖެއްކަމަށެވެ. އޭނަގެ އެއްވެސް ކުޅުމެއް، ކުރިން އަހަންނަކަށް ފެނިފައެއްނުވެ އެވެ. ކުޅެން ފެށުމާއެކު، ނިޔާގެ ކުޅަދާނަކަން ފެނިފައި އަހަރެން ބިރުގަތެވެ. އިދިކޮޅު ޓީމަށް ގިނަ ޕޮއިންޓް ލިބުނީ އަހަރެން ބަލިކަމުންނެވެ. އެކަމަކު، ސީދާ ތިން ސެޓުން މޮޅުވީ އަހަރުމެންނެވެ.

"ސޮރީ!" މެޗު ނިންމާފައި އަހަރެން ބުނީމެވެ.

ނިޔާ އެކައްޗެއް ވެސް ނުބުނެއެވެ. ހިނިތުންވެލާފައި ދިޔައީ އެވެ. ދެން އަހަންނަކަށް ނިޔާއެއް ނުފެނެއެވެ. ގެއްލުނީ އެވެ. ހޯދީމެވެ. އެއްވެސް ތަނަކުން ނުފެނުނެވެ.
ހަގީގަތުގައި ނިޔާގެ މައިންބަފައިން ލަންކާ އަށް ބަދަލުވާތީވެ، ނިޔާ ވެސް ދިޔައީ ލަންކާއަށެވެ. ކަންތައް ވީ ގޮތަކީ އެއީ އެވެ. އެތައް މަހެއް، ނިޔާ ނުފެނި ވެއަތުވެގެންދިޔަ އެވެ. ނިޔާ ހޯދުމަށްޓަކައި، އެއްވެސް މީހަކާ އަހަރެން ސުވާލެއް ނުކުރަމެވެ. އެއް ދުވަހަކު، މަންމަގެ އެކުވެރިއަކަށް ގޮވާލުމަށްޓަކައި، މަންމަޔާ އެއްކޮށް ހޮސްޕިޓަލަށް އަހަރެން ދިޔައީމެވެ. އެ ތަނުގައި އޮތީ ނިޔާގެ މާމަ އެވެ. މާމަ ވަރަށް ބައްޔެވެ. އެ ކޮޓަރީގައި އަހަރެން ހުއްޓައި، އެ ތަނަށް ނިޔާ އައިސް ވަންތަން ފެނުނެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. މަންމަމެން ދެއްކި ވާހަކައިން އެނގުނު ގޮތުގައި، މާމަ ބަލިކަމުން ބޭރަށް ގެންދެވޭކަށް ނެތެވެ. އެހެންވެ، އަނެއްކާ ވެސް ނިޔާ މާލެ އަށް ބަދަލުވީ އެވެ. ނިޔާ ސްކޫލަށް ވެސް ވަނީ އެވެ. ހިތަށްއެރި އެވެ. ދެން ފަހަރަކުން ވެސް، ދާއިރު ދާކަން އަންގާލާފައި ދައްޗޭ ބުނެފާނަމެވެ.
    އެ ކޮޓަރިން ދިމާވުމުން، ދެ މީހުންނަށް ވެސް ވާހަކަދައްކަން ވަރަށް އުނދަގޫވި އެވެ. ހީވަނީ ދެ ބީރައްޓެހިންހެންނެވެ. ލޯބީގެ އެއްވެސް ވާހަކައެއް އެކަކު ވެސް ނުދައްކައެވެ. އެކަމަކު، ހުއްޓާނުލައި އަނގައެއް ވެސް ނުތަޅަމެވެ. އަހަރުމެން ދެއްކީ، ސީރިޔަސް ވާހަކަ އެވެ. އެހެންގޮތަކަށް ބުނާ ނަމަ، ލޯބި ހިތުގައި ފޮރުވައިގެން އުޅޭ ދެ މީހުން ދައްކާ ކަހަލަ ވާހަކަ އެވެ.

    "ދެން ނުދާނަންތަ؟" އަހަރެން އެހީމެވެ.

    "ނޭނގެ! މަންމަ އަށް އެނގޭނީ.." ނިޔާ ބުންޏެވެ.

    "ވަރަށް ފޫހިވި ނިޔާ ދިޔައީމަ!" އަހަރެން ބުނީމެވެ.

    ބުނެވޭތޯ އަހަރެން މަސައްކަތްކުރި އެއްޗަކީ، ނިޔާ ދިޔައީމަ ވަރަށް ހަނދާންވި ވާހަކަ އެވެ. އެކަނިވި ވާހަކަ އެވެ. އެ ބަހުރުވައިން ބުނާކަށް ނުކެރުނެވެ. ލަދުގަންނާތީއޭ ނުވަތަ އަހަރެން ފިނޑިއްޔޭ ބުންޏަސް ކުރާނެކަމެއް ނެތެވެ. އަހަންނަކީ "ކުޑަ" ކުއްޖެކެވެ. ނިޔާގެ ހިތުގައި އޮތީ ކީކޭކަމެއް އަހަންނަކަށް ނޭނގެ އެވެ.

    "އަހަރެން ވެސް ވަރަށް ފޫހިވި ފްރެންޑްސްން ގެއްލުނީމަ!" އޭނަ ބުންޏެވެ.

    އަހަންނަށް އޮޅުނެވެ. ނިޔާ ދެކޭގޮތުގައި އަހަންނަކީ އެކުވެރިއެއްބާ އެވެ؟ އެހެންވިޔަސް މައްސަލައެއް ނެތެވެ. ނިޔާދެކެ ލޯބިވާކަން އެނގޭނީ އަހަރެންގެ ހިތަށް އެކަންޏެވެ. ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟
    އަހަރުމެން ދިމާވާނެ އެއްވެސް ގޮތެއް ނެތެވެ. މުބާރާތެއް ނެތެވެ. ޖަލްސާއެއް ނެތެވެ. އެކަނި ގޭގެ އަށް ދާކަށް އަހަންނަކަށް ހުއްދައެއް ނޯވެ އެވެ. ނިޔާއަކަށް އަހަރެންގެ ގެއަކަށް ނާދެވޭނެ އެވެ. އަންނަން ބޭނުންވާނެކަމެއް ވެސް ނޭނގެ އެވެ. ނިޔާ ކިހާ ރީތިކަމެއް، އަބަދު ހަނދާންވާ ވާހަކައެއް އަހަރެން ނިޔާ ގާތަކު ނުވެސް ބުނަމެވެ.

    ދެތިން މަސް ފަހުން، އަނެއްކާ ވެސް އަހަރުމެން ދިމާވި އެވެ. ފިހާރައެއްގެ ތެރެއިންނެވެ. އޭނަ ހުރީ އޭނަގެ ބައްޕަޔާ އެކީގަ އެވެ. އަހަރެން ވެސް ހުރީ ބައްޕަޔާ އެކީގައި، ކޭކެއް ގަންނަން ގޮހެވެ. ދެ މީހުން ދިމާވިކަން އެކަންޏެވެ. އޭނަ ހިނިތުންވެލި އެވެ. އަހަންނަށް ވެސް ކުރެވުނީ އެ ވަރެވެ. ނިޔާ ގަތީ ވެނީލާ ކޭކެކެވެ. އަހަންނަށް ވެސް މީރީ ވެނީލާ ކޭކެވެ. ޔަގީނުން ވެސް، އެއްގޮތް އެއް ކަމެއް ފެނުނީ އެވެ. ހިތަށްއެރި އެވެ. ދެން އަނެއްކާ ވެސް ބައްދަލުވާނެ ދުވަހެއް ނޭނގެ އެވެ. އެހެންކަމުން، ބިރުކަނޑާލާފައި ގޮސް އޭނަގެ "އެމްއެސްއެން އައިޑީ" ނުވަތަ "އީމެއިލް އެޑް" ހޯދީމެވެ. އަހަރެންގެ އެޑްރެސް އޭނަ އަށް ދިނީމެވެ.

    އަހަރުމެން ދެން މުޅިން ކަހަލަ ގޮތަކަށް ބައްދަލުކުރީ "ޗެޓް ރޫމް" މެދުވެރިކޮށެވެ. ވަރަށް ހިތްހަމަޖެހުނެވެ. ވާހަކަދައްކާހިތުން، އަހަރެއް ވަންދެން، އިންތިޒާރުކުރި މީހަކާ ވާހަކަދެއްކޭތީ އެވެ. އަހަރެންގެ ގޭގައި ކެމެރާއެއް ނުހުރެއެވެ. ދެރަކަމަކީ އެއީ އެވެ. ބުނަން ބޭނުން އެއްޗެއް ޗެޓްގައި ލިޔަން ކެރެއެވެ. އުފާވެރިކަމަކީ އެއީ އެވެ. އެ ވަރުން ވެސް، ލޯބީގެ އެއްވެސް ވާހަކައެއް އަހަރުމެން ނުދައްކަމެވެ. ލޯބީގެ އެއްވެސް "އިމޯޓިކޮން" އެއްވެސް ނުފޮނުވަމެވެ.

    ކިތަންމެ ވަރަކަށް ވެސް އަހަރުމެން ވާހަކަދައްކަމެވެ. އެކުވެރިކަން އިންތިހާ އަށް ބަދަހިވި އެވެ. އެކަމަކު، ލޯބި އޮތީ އޮތް ހިސާބުގަ އެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅެ އެވެ. ނަތީޖާއަކަށްވީ، އެހެން ފިރިހެންކުދިންނާ ދިމާލަށް އަހަރެންގެ މިސްރާބު ބަދަލުވުމެވެ. އަހަރެން ދެކޭގޮތުގައި، ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮވެއެވެ. ވަގުތު ގެއްލިއްޖެ ނަމަ، ހާލަތަށް ބަދަލުއަންނާނެ އެވެ. އެ ގޮތުން، އަހަރެންގެ ހަޔާތަށް އެހެން ފިރިހެންކުދިން އަދި ނިޔާގެ ހަޔާތަށް އެހެން އަންހެން ކުދިން ވެސް އަންނަންފެށި އެވެ. އަހަރެން ވިސްނިގޮތުގައި، ކޮންމެހެން ހާސްވެގެން ތެޅިގަންނާކަށް ނުޖެހެއެވެ. އަހަރުމެން ދެ މީހުންނަކީ ވެސް ކުޑަކުދިންނެވެ. އަށާރަ އަހަރެއް ނުފުރެއެވެ.

    ނިޔާ ނުފެނި އަހަރުތަކެއް ވެއަތުވި އެވެ. އެކަމަކަށް މާބޮޑު ސަމާލުކަމެއް ދޭނެ ވަގުތެއް އަހަންނަކަށް ނުލިބުނެވެ. އެކަމަކު، ރައްޓެހިވި އެއްވެސް ފިރިހެންކުއްޖަކީ، ކަމުދާ ކުއްޖެއް ނޫންކަން އަހަންނަށް އެނގުނެވެ. އޭގެން އެއްވެސް ކުއްޖަކު، މާގިނަ ދުވަހަކަށް ހަރެއްނުލި އެވެ. އެއްދުވަހަކު، ކުއްލިއަކަށް ނިޔާމަތިން ހަނދާންވި އެވެ. އޭރު، އެއްވެސް ގޮތަކަށް އޭނަ ދިމާނުވާތާ ވީ ކިހާ ދުވަހެއްކަމެއް އަހަންނަކަށް ނޭނގެ އެވެ. ކުއްލިއަކަށް ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ނިޔާ މިހާރު ކޮބައިބާ އެވެ؟ އޭނަގެ ހާލު ކިހިނެތްބާ އެވެ؟

    އުމުރުން 20 އަހަރުގައި، އަނެއްކާ ވެސް ނިޔާ ހޯދުމުގެ މަސައްކަތް އަހަރެން ފެށީމެވެ. ދެތިން ދުވަސް ފަހުން، ރައްޓެއްސެއްގެ ފަރާތުން،

ނިޔާގެ އާ އީމެއިލް އެޑްރެހެއް ލިބުނެވެ. އަހަރެން އެ އެޑްރެސް "އެޑް" ކުރީމެވެ. އެކަމަކު، ދުވަހަކު ވެސް ނިޔާ "ސައިން އިން" ވެފައި ވަނިކޮށެއް ނުފެނެއެވެ. އެކި ވަގުތުގައި އަހަރެން ނިޔާ އަށް ފާރަލީމެވެ. ހިލަމެއްނުވި އެވެ. ހިތުގައި އިތުރު ސުވާލުތައް އުފެދެންފެށި އެވެ. ނިޔާ މީހަކާ އިނީބާ އެވެ؟ ރާއްޖޭގައި އެބައުޅޭބާ އެވެ؟ ދުނިޔޭގަ އެބަހުރިބާ އެވެ؟ އޭނަގެ ޚަބަރުބަލައިނުލާ މާގިނަ ދުވަހު އަހަންނަށް އުޅެވުނީ އެވެ.
    އެއްދުވަހަކު އަހަންނަށް މެސެޖެއް އައެވެ. އޭގައި ވެއެވެ.

    "އަހަރެން ހޯދާ ވާހަކަ މީހަކު ބުނި. ލަންކާގަ މި އުޅެނީ. އެކަމަކު މާދަމާ މާލެދާނަން. ކޮފީއެއް ބާއްވަންވާނެ."

    ތިރީގައި "ނިޔާ" ޖަހާފައި އޮތުމުން، އެއީ ނިޔާގެ މެސެޖެއްކަން އެނގުނެވެ. ދެން ހިތަށްއެރި އެވެ. އޭނަ ހުރީ ހުސްހަށިބަޔަށް ހެއްޔެވެ؟ އެ ސުވާލު އިރުއިރުކޮޅާ އަހަރެންގެ ހިތާ ކޮށްލެވެއެވެ. އަހާކަށް ނުކެރުނެވެ. އަހައިފިއްޔާ އޭނަ ހީކުރާނީ ކީކޭ ހެއްޔެވެ؟ އަހަންނަށްޓަކައި އޭނަ އިންތިޒާރުކޮށްގެން ހުންނާނެ ހެއްޔެވެ؟ ނިޔާދެކެ އަހަންނަށް ލޯބިވެވުނުތާ އަށް އަހަރު ފުރެނީ އެވެ. އެކަކަށް ވެސް އެކަމެއް ނާންގަމެވެ. ދެ އަވަށުގައި، ދެ ރަށުގައި، ދެ ގައުމުގައި ވެސް އުޅެވިއްޖެ އެވެ. ލޯބި އާލާނުވާނެހާ ދުރުގައި، އެހާ ދިގު މުއްދަތެއް ކަނޑައްތުކޮށްފީމެވެ. ދެން ވާނީ ކިހިނެތްބާ އެވެ؟

    ނިޔާ ލަންކާއިން އައި ދުވަހު، ކޮފީއަކުން ބައްދަލުކުރުމަށް އަހަރުމެންނަށް އެންމެ ކަމުދިޔައީ، ކާރނިވަލުގެ ސްޓޭޖު ކައިރީގައި ހުންނަ ކެފޭ އެވެ. ނިޔާ ފެނުމުން، އެންމެ ފުރަތަމަ އޭނަ ފެނުނު ފަހަރު، އަހަރެންގެ ހިތުގައި ޖެހި ވިންދު ތަކުރާރުވި އެވެ. ނިޔާ އަކީ، ކުރިން ސްމާރޓް ކުއްޖެކެވެ. ބޮޑުވިއިރު، އޭނަ އަކީ، ހިތްތައް ކަތިލާ ކަހަލަ "ހޮޓް" ފިރިހެނެކެވެ. ލައިގެން ހުރި ބާރު ޓީޝާރޓްގެ ދަށުން، އޭނަގެ ފުޅާ ބައިމަތި ފާޅުވެއެވެ. ލައިގެން ހުރި، ކުލަ ފޭޑްވެފައިވާ ޖިންސުން ވެސް ހާމަކޮށްދެނީ، ކަސްރަތުކުރަން ނިޔާ ކިހާ ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެވެ.

    "ކިހިނެތްތަ؟" ނިޔާ ހިނިތުންވެލާފައި އެހި އެވެ.

    އަހަންނަށް ބޭރުކޮށްލެވުނީ ފުން ނޭވައެކެވެ. ޖަވާބުދޭން ބޭނުންކުރާނެ ބަހެއް، އަހަރެންގެ ދުލަކަށް ނައެވެ. ހިނިތުންވެލާފައި އަހަރެން ގޮސް އިށީނީމެވެ. ލިބުނު އެތައް ފުރުސަތުތަކެއް ބޭކާރުކޮށްލާފައި، ލޯބިވާ ވާހަކަ އަހަރެން ބުނީ އެރެއެވެ. ނިޔާގެ އަނތްބެއް ނެތްކަން ޔަގީންކޮށްފަ އެވެ. ނިޔާ ވެސް އަހަރެންދެކެ ވަރަށް ލޯބިވާ ވާހަކަ ބުންޏެވެ. އަހަރެން އެ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކާތީ، ނިޔާ ވެސް ކެތްކޮށްލައިގެން ހުރީ އެވެ.

    އަހަރުމެންނަކީ މިހާރު ދެ ލޯބިވެރިންނެވެ. ވަރަށް އަވަހަށް އަހަރުމެން ކާވެނިކުރާނަމެވެ. ކަންތައް ދިމާވިގޮތަށް ބަލާއިރު، ލޯތްބަކީ އެއްވެސް މުއްދަތެއް އޮންނަ އެއްޗެއް ކަމަކަށް އަހަންނަކަށް ގަބޫލެއްނުކުރެވެއެވެ. ކިތަންމެ ދުރުގައި، ކިތަންމެ ދުވަހަކު އުޅުނަސް، ގުޅޭނީ ގުޅެންހުރި ދެ މީހެކެވެ. ދުރުމިނާއި މުއްދަތަކީ ހާސްވާންވީ ކަމެއް ނޫނެވެ. އުންމީދު ކަނޑާނުލާށެވެ.

      (ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ