އަދުގެ ޚާއްސަ

Print

ޙިމާރާއި ގަމާރުންގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


އެއްދުވަހަކު ޙިމާރެއް ދަނޑެއްގެ ތެރެއަށް ވަނެވެ. އެއީ ދަނޑުވެރިޔަކު ވަރަށް ރަނގަޅަށް ގޮވާންކޮށްގެން ބަލަހައްޓަމުން ގެންދިޔަ ދަނޑެކެވެ. އެ ދަނޑަށް ވަދެ ސުމާރެއް ގަމާރެއް ނެތި ޙިމާރު ދަނޑުގެ އެތައް މިތަނުން ކާންފެށި އެވެ. މި މަންޒަރު ފެނުމުން ދަނޑުވެރިޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ނަމަވެސް ދަނޑުވެރިޔާ ބޭނުންވީ ޙިމާރަށް އަނިޔާއެއް ނުކޮށް އެސޮރު އޭނާގެ ދަނޑުން ބޭރުކޮށްލުމަށެވެ. ދެން އޭނާ އަވަހަށް ގެޔަށް ގޮސް ފިލާގަނޑެއްގައި ލިޔުނެވެ.

"އޭ ޙިމާރާ އެވެ!
މި ދަނޑުން އަވަހަށް ނުކުންނާށެވެ!"


ދަނޑުވެރިޔާ މިހެން ލިޔުނު ފިލާގަނޑު ހިފައިގެން ގޮސް، ޙިމާރަށް ފެންނަ ހިސާބުގައި ބެހެއްޓި އެވެ. އެއަށްފަހު ޙިމާރު ދަނޑުން ނުކުމޭތޯ، އެދުވަހު އިރު އޮއްސެންދެން އިންތިޒާރުކުރި އެވެ. ނަމަވެސް ޙިމާރު އެކަމެއް ނުކުރި އެވެ.

ދެން ދަނޑުވެރިޔާ ގެޔަށް ގޮސް އެކަމާމެދު ވިސްނާ ފިކުރުކުރި އެވެ.

"ޙައިރާންވެއްޖައީމެވެ.
ފިލާގަނޑުގައި އޮތް އެއްޗެއް ޙިމާރަށް ނޭނގުނީ ކަމަށް ވެދާނެ އެވެ.
ޙިމާރަށް ވިސްނޭނީ ކިހިނަކުންބާވަ އެވެ؟"


ދަނޑުވެރިޔާ އެ ރޭ ނިދަން އޮށޯވެ އޮވެގެން އެތައް ހާސް ގޮތަކަށް ވިސްނާ ފިކުރުކުރި އެވެ. ހެނދުނު ހޭލިއިރު އޭނާއަށްވަނީ މޮޅު ގޮތެއް ވިސްނިފަ އެވެ. އެގޮތް ތަންފީޒުކުރުމަށްޓަކައި އޭނާ ދިޔައީ އެ އަވަށުގެ ހުރިހައި ކުދިން ގޮވައިގެންނެވެ.
ކޮންމެ ކުއްޖެއްގެ އަތަށް ފިލާގަނޑެއް ދިނެވެ.
ކޮންމެ ފިލާގަނޑެއްގައި ޙިމާރާ ދެކޮޅަށް ކޮންމެވެސް އެއްޗެއް ލިޔެފައިވެ އެވެ.

ހަމަ މިހާރު ދަނޑުން ބޭރުވާށެވެ!
މި ދަނޑަކީ ޙިމާރުގެ ޙައްޤެއް ނޫނެވެ.
އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ޙަރާމް ކަމެކެވެ.
ޙިމާރު ދަނޑަށް ވަދެ ތިއޮތީ ގަދަ ބާރުންނެވެ.
ހުރިހައި ޙިމާރެއް މަރާލަންވީ އެވެ.


މިބާވަތުގެ ޢިބާރާތްތައް ލިޔެފައިވާ ފިލާގަނޑުތައް ހިފައިގެންގޮސް، އެކުދިން ޙިމާރާ ދިމާއަށް ހަޅޭލަވާ އަޑުގަދަކޮށް މުޒާހަރާކުރި އެވެ. އެކުދިން ގޮވަމުން ދިޔަ އެވެ.

ދަނޑުން ނުކުންނާށެވެ! ޙިމާރު ސަލާމަތްވާނީ އޭރުންނެވެ.
ގަދަކަމުން ބޭލުމުގެ ކުރިން ދަނޑުން ފައިބާށެވެ!
މި ދަނޑުގެ ވެރިޔަކީ ޙިމާރެއް ނޫނެވެ!


އެކުދިން އިރު އޮއްސެންދެން މުޒާހަރާކުރި އެވެ. ދުވަސް ނިމުނުއިރު، އެކުދިންވަނީ އަޑު ހަލާކުވެ ވަރުބަލިވެފަ އެވެ. ނަމަވެސް ޙިމާރު އަޅައެއް ނުލި އެވެ. ކަހާތަނުގައި ހިރުވާ ކަމަކަށް ވެސް ނުހެދި އެވެ.
ހުރިހައި ކުދިން ގެޔަށް ދިޔައީ މާދަމާ ވެސް މުޒާހަރާ ކުރުމަށް މޮޓިކިޔައި ސައްލާކުރަމުންނެވެ.

ޖެހިގެން އައިދުވަހު ދަނޑުވެރިޔާ ދަނޑަށް ދިޔައީ، ޙިމާރުގެ ސިފައިގައިވާ ބޮޑު ބުދެއް ހަދައިގެންނެވެ. އެ ބުދު ގެންގޮސް ޙިމާރުގެ ކުރިމަތީގައި ބަހައްޓާފައި އެޔަށް ޕެޓްރޯލް އަޅައި އޭގައި ރޯކޮށްލި އެވެ. އޭރު، އެއްކަލަ ކުދިންތައް ޙިމާރުގެ ވަށައިގެން ތިބެ މުޒާހަރާ ކުރަމުން ގެންދެ އެވެ.

ބުދުގައި އަލިފާން ރޯވެ އަނދަން ފެށުމުން މުޒާހަރާކުރާ ކުދިން ތަކުބީރުގެ އަޑު އުފުލި އެވެ. ނަމަވެސް ޙިމާރު އެއިން އެއްވެސް ކަމަކާ އަޅާނުލައި ދަނޑުގައިވާ ގޮވާންތައް ކައި ހުސްކުރަމުން ގެންދިޔަ އެވެ.

"ހަދާނީ ކިހިނެއްބާ އެވެ؟"
"މިއީ ހާދަހާ ނުލަފާ ޙިމާރެކެވެ."
"މިއީ މީހުން ކިޔާ އެއްޗަކާ އަޅާލާ ޙިމާރެއް ނޫނެވެ."


ކަންބޮޑުވެފައިވާ ދަނޑުވެރިޔާ މިފަދަ އެތައް ޝުޢޫރެއް ފާޅުކުރި އެވެ. ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރުމަށްފަހު، ޙިމާރާ ނެގޯޝިއޭޓް ކުރުމަށް ދަނޑުވެރިޔާ ގަސްތުކުރި އެވެ. ދެން އެކަން ކުރުމަށްޓަކައި ދަނޑުވެރިޔާގެ ފަރާތުން މަންދޫބަކު ފޮނުވި އެވެ.

އޭނާ ޙިމާރާ ވާހަކަ ދައްކަންފެށި އެވެ.
"މި ދަނޑުގެ މިލްކުވެރިޔަކީ، ދަނޑުވެރިޔާ އެވެ.
މިއީ ޙިމާރުގެ އެއްްވެސް ޙައްޤެއް ވާ ދަނޑެއް ނޫނެވެ.
ޙިމާރު އަވަހަށް މި ދަނޑުން ނުކުންނާށެވެ!"


ޙިމާރު އެމީހާއަށް ބަލާލި އެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން ދަނޑުގައިވާ ގޮވާންތައް ކެއުމުގައި ދެމިއޮތެވެ. ޙާލުގެ ދުލުން، ތިމަން މިކުރާ ކަމެއް ހުއްޓައިނުލާނަމޭ ޙިމާރު ބުނާކަހަލަ އެވެ.

ދަނޑުވެރިޔާ ފޮނުވި މަންދޫބު ޙިމާރާ ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ދަނޑުން ޙިމާރު ނެރެވޭނެ ގޮތެއް ނުވި އެވެ.

ޖެހިގެންއައި ދުވަހު އަނެއްކާވެސް ޙިމާރާ ނެގޯޝިއޭޓް ކުރުމަށްޓަކައި އެހެން މަންދޫބަކު ދަނޑުވެރިޔާ ފޮނުވި އެވެ. އޭނާ ޙިމާރާ ނެގޯޝިއޭޓްކުރަން ފެށި އެވެ.

މަންދޫބު:
"ޙިމާރު ދިރިއުޅުމަށްޓަކައި މި ދަނޑުން ތަންކޮޅެއް ދިނުމަށް ދަނޑުވެރިޔާ ހުރީ ތައްޔާރަށެވެ."
ރައްދު ފިޢުލެއް ނެތި ޙިމާރު ކަމުން ގެންދިޔަ އެވެ.

މަންދޫބު:
"މިދަނޑުގެ ތިންބައިކުޅަ އެއްބައި ޙިމާރަށް ދިނުމަށް ދަނޑުވެރިޔާ ހުރީ ތައްޔާރަށެވެ."
ރައްދު ފިޢުލެއް ނެތި ޙިމާރު ކަމުން ގެންދިޔަ އެވެ.

މަންދޫބު:
"މިދަނޑުގެ ދެބައިކުޅަ އެއްބައި ޙިމާރަށް ދިނުމަށް ދަނޑުވެރިޔާ ހުރީ ތައްޔާރަށެވެ."
ރައްދު ފިޢުލެއް ނެތި ޙިމާރު ކަމުން ގެންދިޔަ އެވެ.

މަންދޫބު:
"މިދަނޑުން ޙިމާރު ބޭނުންވާ ވަރު ބުނާށެވެ. އެވަރު ދިނުމަށް ވެސް ދަނޑުވެރިޔާ ހުރީ ތައްޔާރަށެވެ."
މަންދޫބު މިހެން ބުނުމުން ޙިމާރު ބޯ އުފުލާލި އެވެ.
އޭރު ޙިމާރު އޮތީ ބަނޑު ފުރެންދެން ކެވިފަ އެވެ.
އެެހެންކަމުން ކެއުން ހުއްޓާލާފައި ތަންކޮޅަކަށް ދިޔަ އެވެ.

މި މަންޒަރު ފެނުމުން، ކުޅިބަލަން ތިބި އެންމެން އުފަލުން ފޮޅުނެވެ.
"ޙިމާރު އެއްބަސްވެއްޖެ އެވެ."
"ޙިމާރު އެއްބަސްވެއްޖެ އެވެ."


އެބައިމީހުން ހީކުރީ ޙިމާރު ދިޔައީ އެސޮރު ބޭނުންވާ ތަނުގެ އިން ފާހަގަކުރުމަށްޓަކައި ކަމަށެވެ.
ދެން ދަނޑުވެރިޔާ، ޙިމާރު ދިޔަ ހިސާބުން އިން ފާހަގަކޮށް ދަނޑު ދެބައިކުރި އެވެ.
އެއްބައި ޙިމާރަށެވެ. އަނެއް ބައި ދަނޑުވެރިޔާ އަށެވެ. ބޮޑީ ޙިމާރަށް ލިބުނު ބަޔެވެ.
ދެން ފުޅައް އަޅައި، ދަނޑުގެ ދެބައި ވަކިކުރުމަށްފަހު އެންމެން ގެޔަށް ދިޔަ އެވެ.

ޖެހިގެން އައި ދުވަހު ހެނދުނު، ދަނޑުވެރިޔާ ދަނޑަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ޙިމާރަށް ދިން ބައި އޮތް ގޮތަށް ބާއްވާފައި، ޙިމާރު ކައި ހުސްކުރަމުން އެގެންދަނީ، ދަނޑުވެރިޔާގެ ބައިގައިވާ ގޮވާމެވެ.  ދެން އަނެއްކާވެސް ދަނޑުވެރިޔާ އޭނާގެ އަވަށުގެ ކުދީން ލައްވާ މުޒާހަރާއެއް ޖެއްސި އެވެ. ނަމަވެސް ޙިމާރު އަޅައެއް ނުލި އެވެ.

ދަނޑުވެރިޔާ ބުންޏެވެ.
"މިއީ މިރާއްޖޭ ޙިމާރެއް ނޫނެވެ.
މިއީ އެހެން ރާއްޖެއަކުން އައިސްގެން އުޅޭ ޙިމާރެކެވެ.
މި ރާއްޖޭ ޙިމާރެއް ނަމަ އަހަރެމެން މިކިޔާ އެއްޗެއް އެސޮރަށް ދޭހަވާނެ އެވެ."


ދެކޮޅުވެރިވެގެންނާއި މުޒާހަރާކޮށްގެންނާއި ނެގޯޝިއޭޓްކޮށްގެން ވެސް ޙިމާރު ދަނޑުން ބޭރުކޮށެއް ނުލެވުނެވެ.

ދެން އެންމެފަހުން ދަނޑުވެރިޔާ ނިންމީ އެރަށް ދޫކޮށް އެހެން ރަށަކަށް ގޮސް ދަނޑު ހެއްދުމަށެވެ. މިކަން އިޢުލާންކުރުމަށްޓަކައި ދަނޑުވެރިޔާ އޭނާގެ ދަނޑުގައި ޙަފުލާއެއް ބޭއްވި އެވެ. އެ ޙަފުލާގައި ބައިވެރިވުމަށް، އެރަށު އެންމެނަށް ދަޢުވަތު ދިނެވެ. އެއީ އޭނާގެ ވަދާޢީ ޙަފުލާ އެވެ.

ޙަފުލާއަށް ދިޔަ މީހުންގެ ގާތުގައި ދަނޑުވެރިޔާ އޭނާގެ އެހެން ރަށަކަށް ހިޖުރަކުރާ ވާހަކަ ބުނެ ސަލާން ގަލާން ކުރަންފެށި އެވެ.

ބައެއް މީހުންގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ އެވެ.
ބައެއް މީހުން އޭނާއަށް ހިތްވަރު ދެމުން ދިޔަ އެވެ.
ބައެއް މީހުން އޭނާއާ އެކުގައި ހިޖުރަކުރަން ނިންމި އެވެ.

މިކަންތައްގަނޑު ހިނގަމުން ދަނިކޮށް، އެތަނަށް އެއްވެތިބި މީހުންގެ ތެރެއިން ކުޑަކުއްޖަކު ނުކުތެވެ. އެކުއްޖާގެ އަތުގައި ދަނޑިބުރިއެއް އޮތެވެ. އެކުއްޖާ ބުންޏެވެ.

"ކަލޭމެންގެ ގަމާރުކަމާމެދު ތިމަން ހައިރާންވަމެވެ.
ހަމަ މިހާރު މި ދަނޑުން ތިޔަ ހިމާރުގަނޑު ތިމަން ބޭރުކޮށްލަފާނަމެވެ."


މިހެން ބުނެ ޙިމާރު ކައިރިޔަށް ގޮސް، އޭނާގެ އަތުގައިވާ ދަނޑިބުރިން ޙިމާރުގެ ގައިގައި ހައެއްކަ ބޮނޑި އެޅި އެވެ. އެހިނދު ޙިމާރަށް ވީތަދުން އަޑުން އަޑުނަގައި ހޭރެން ފެށި އެވެ.
ބަލާކަށް ނުހުރެ އެކުއްޖާ އަނެއްކާ ވެސް ޙިމާގެ ގައިގައި ތަޅައިގަތެވެ.
ޙިމާރަށްވީ ތަދުން ދަނޑުން ނުކުމެގެން ދުވެގޮސް ރައްކާވެއްޖެ އެވެ.

ޙަފުލާއަށް އައިސްތިބި މީހުންނަށް މި މަންޒަރުފެނުމުން އެކުއްޖާގެ ބުއްދިވެރިކަމަށް ބައެއް މީހުން ތަޢުރީފުކުރި އެވެ.

ނަމަވެސް އެހެން ބަޔަކު ބުންޏެވެ.
"ތިއީ ވަރަށް ނުރައްކާތެރި ކުއްޖެކެވެ.
ތިކުއްޖާ ދުނިޔޭގައި ބަހައްޓައިފިނަމަ، ތިމަންމެންނަށް ވެސް ބޮނޑިއެއް ދީފާނެ އެވެ."


އެހެން ބަޔަކު އެހެން ޚިޔާލެއް ފާޅުކުރި އެވެ.
"ތިކުއްޖާ ދުނިޔޭގައި ބަހައްޓައިފިނަމަ، އެހެން މީހުން ތިމަންމެންނަށް މަލާމާތްކުރާނެ އެވެ.
ތިމަންމެންނަށް ނުކުރެވުނު ކަމެއް ތިކުއްޖާ ކޮށްފި އެވެ."


އެހެން ބަޔަކު އެހެން ގޮތަކަށް ވާހަކަދެއްކި އެވެ.
"ތިކުއްޖާގެ ސަބަބުން ތިމަންމެން ފަޟީޙަތްވެއްޖެ އެވެ.
ތިކުއްޖާ މަރާލަންވީ އެވެ."


ދެން މިގޮތާމެދު އެންމެން އެއްބަސްވެ އެކުއްޖާ މަރާލި އެވެ.
އެއަށްފަހު އިޢުލާންކުރި އެވެ.

"މިއަވަށުގައި ހުރި އެންމެ ބުއްދިވެރި ކުއްޖާ މަރުވެއްޖެ އެވެ.
އޭނާ މަރުވީ ދުޝްމަނުންގެ ބަޔަކު ދިން ހަމަލައެއްގައި ޝަހީދު މަރަކުންނެވެ.
އޭނާއަކީ މި އަވަށުގެ ޢިއްޒަތްތެރި ޝަހީދެކެވެ."



ނޯޓް:
މިވާހަކައިގެ އަޞްލު، "މުންތަދަޔާތު ޔަމަނު" ގައި ވެ އެވެ. މިއީ، ފަލަޞްޠީނުގެ ޙާލަތު ބަޔާންކޮށްދޭ ވާހަކައެއްކަން ވާހަކައިގެ އަޞްލު ނަމުން ދޭހަވެ އެވެ. އެހެނީ އަޞްލު ނަމަކީ، "އިސްރާއީލާއި ފަލަޞްޠީނީން ނުވަތަ ޙިމާރާއި ޙިމާރުންގެ ވާހަކަ" އެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ