އަދުގެ ޚާއްސަ

Print

ޝަޢުބާން މަހުގެ ފަހު ދެ ދުވަހު ރޯދަހިފުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން


ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަޞްޙާބު ބޭކަލަކާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިކަމަށް ރިވާވެފައިވެ އެވެ.

(أَصُمْتَ مِنْ سَرَرِ شَعْبَانَ)
ރިވާކުރެއްވީ މުސްލިމު.

މާނައީ، "ޝައުބާން މަހުގެ ސަރަރުގެ ތެރެއިން ދުވަސްތަކެއްގައި ކަލޭގެފާނު ރޯދަހިއްޕެވިންތޯ އެވެ؟"

އެބޭކަލަކު ދެންނެވި އެވެ. "ނޫނެކެވެ."

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
(فَإِذَا أَفْطَرْتَ فَصُمْ يَوْمَيْنِ)
ރިވާކުރެއްވީ މުސްލިމު.

މާނައީ، "ފަހެ، ކަލޭގެފާނު ރޯދަ ނުހިއްޕަވާކަމަށްވަނީނަމަ، ދެ ދުވަހު ރޯދަހިއްޕަވާހުށި ކަމެވެ."

މި ޙަދީޘުފުޅުގައިވާ "ސަރަރު" ގެ މާނައާމެދު ޢިލްމުވެރިންގެ މެދުގައި ދޭހަ ތަފާތުވެފައިވެ އެވެ. ސަރަރަކީ މަހުގެ ކުރީކޮޅު ކަމަށާއި، މެދުތެރެ ކަމަށާއި، ފަހުކޮޅު ކަމަށް މާނަކުރެވިފައިވެ އެވެ. މީގެތެރެއިން ބޮޑަށް ބުރަވެވެނީ، އެއީ މަހުގެ ފަހުކޮޅު ކަމަށް ކުރެވޭ މާނައަށެވެ.

މި ޙަދީޘްފުޅާއެކު، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އެހެން ޙަދީޘްފުޅެއްގެ މައްޗަށް ނަޒަރު ހިންގާލަން ޖެހެ އެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ކަމަށް އަބޫހުރައިރަތުގެފާނުގެ އަރިހުން ވާރިދުވެފައިވެ އެވެ.

(لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ إِلاَّ أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ فَلْيَصُمْ ذَلِكَ الْيَوْمَ) ރިވާކުރެއްވީ ބުޚާރީ.

މާނައީ، "ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ރަމަޟާން މަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އިސްކޮށް ރޯދަ ނުހިފާހުށި ކަމެވެ. އާދަކޮށް އެ ދުވަހުގައި ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވަ އެވެ. ފަހެ، އޭނާ އެދުވަހު ރޯދަ ހިފާހުށިކަމެވެ."

ފުރަތަ ނަންގަނެވުނު ޙަދީޘްފުޅުގައި އެވަނީ، ޝަޢުބާން މަހުގެ ފަހުކޮޅުގައި ރޯދަހިފުމަށް ބާރުއަޅުއްވާފަ އެވެ.
ދެވަނަ ޙަދީޘްފުޅުގައި އެވަނީ، ޝަޢުބާން މަހުގެ ފަހު ދެ ދުވަހު ރޯދަ ހިފުން މަނާކުރައްވާފަ އެވެ.

މި ދެ ޙަދީޘްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ފުރަތަމަ ޙަދީޘްފުޅުގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ސުވާލުކުރެއްވި ބޭކަލަކީ، ޝަޢުބާން މަހުގެ ފަހުކޮޅުގައި އާދަކޮށް ރޯދަ ހިއްޕަވާ ބޭކަލެކެވެ. ނުވަތަ އެކަލޭގެފާނު ނަދުރު ރޯދައެއް ހިއްޕަވަން ޖެހިވަޑައިގެންފައިވެ އެވެ. މިހެންވެ، އެކަލޭގެފާނު އެ ރޯދަ ޤަޟާކުރެއްވުމަށް، އިތުރު އެކަލޭގެފާނު އެންގެވީ އެވެ. މި ޙަދީޘްފުޅާބެހޭ މި ނޫން ރައުޔުތައް ވެސް ވެ އެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ޝަޢުބާންމަހުގެ ފަހުކޮޅުގައި ރޯދަ ހިފުމުގެ ތިން ޙާލަތު ވެ އެވެ. އެއީ:

1.    ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދަ ނުހިފިދާނެތީ، ރައްކާތެރިވުމުގެ ގޮތުން ރަމަޟާން މަހުގެ ރޯދަކަމަށް ނިޔަތްގަނެ ޝަޢުބާން މަހުގެ ފަހު ދުވަހުގައި ރޯދަހިފުން.
އެދުވަހު މިގޮތަށް ރޯދަ ހިފުމަކީ ޙަރާމް ކަމެކެވެ.

2.    ރަމަޟާން މަހުގެ ރޯދައެއް ޤަޟާކުރުމަށް، ނުވަތަ ކައްފާރާ ނުވަތަ ނަދުރު ރޯދަ ފަދަ ރޯދައެއް، ޝަޢުބާން މަހު ފަހުދުވަހު ހިފުން.
އެ ދުވަހު މިފަދަ ރޯދައެއް ހިފުމަކީ ހުއްދަކަމެއް ކަމަށް ޢިލްމުވެރިންގެ ޖުމްހޫރު ވިދާޅުވެ އެވެ.

3.    ޝަޢުބާން މަހުގެ ފަހު ދުވަހު ތަޠައްވުޢު ރޯދައެއް ހިފުން.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިއީ މަކުރޫހަކަމެއް ކަމަށެވެ. އެދުވަހު ރޯދަ ނުހިފަނީ ޝަޢުބާންމަހާއި ރަމަޟާން މަހާ ދެމެދު ރޯދަ ނުހިފާ ދުވަހަކުން ވަކިކުރުމަށްޓަކަ އެވެ. ނަމަވެސް އިމާމު މާލިކު ވިދާޅުވަނީ، އެދުވަހު ތަޠައްވުޢު ރޯދައެއް ހިފުން ހުއްދަކަމަށެވެ. އިމާމު ޝާފިޢީ އާއި އިމާމު އަޙުމަދުގެ އަރިހުގައި، އާދަކޮށް އެދުވަހު ރޯދަހިފާ މީހާއާ، އެނޫން ގޮތެއްގައި އެދުވަހު ތަޠައްވުޢު ރޯދައެއް ހިފާ މީހާ އެއްފަދައެއް ނޫނެވެ.

ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އަބޫހުރައިރަތުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅަށެވެ. އެ ޙަދީޘްފުޅުގެ މައްޗަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިން ވިދާޅުވަނީ، ރަމަޟާން ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ތަޠައްވުޢު ރޯދަ ހިފުމަކީ، އާދަކޮށް އެ ދެ ދުވަހު ރޯދަ ނުހިފާ މީހާގެ މައްޗަށް މަކުރޫހަވެގެންވާ ކަމެއް ކަމަށެވެ.

ރަމަޟާން މަސް ފެށުމާ މުބާޝިރުވާ ޝަޢުބާން މަހުގެ ފަހުކޮޅުގެ ދުވަސްތަކުގައި ރޯދަހިފުން މަކުރޫހަވެގެންވަނީ ކީއްވެތޯ އެވެ؟ މި ސުވާލު ކުރެވިއްޖެނަމަ، ދޭން ޖެހޭ ޖަވާބުގައިވަނީ ޝަރުޢީ ގޮތުން އެކަމުގައި އެކުލެވިފައިވާ ބޭނުންތަކެވެ.

އެއް ބޭނުމަކީ، ރަމަޟާން މަހުގެ ރޯދައިގެ ތެރޭގައި ނުހިމެނޭ ރޯދަތަކެއް، ރަމަޟާން މަހުގެ ރޯދައިގެ ތެރެއަށް އިތުރު ނުކުރުމެވެ. މި ގޮތުގެ މަތިން، ޢީދު ދުވަހު ރޯދަ ހިފުން ވަނީ ނަހީކުރައްވާފަ އެވެ. އަހުލުކިތާބީން ފަދައިން ފަރުޟު ރޯދައިގެ ތެރެއަށް މުސްލިމުން ރޯދަތައް އިތުރު ނުކުރުމަށްޓަކަ އެވެ. އަދި ޝައްކު ދުވަހު ރޯދަހިފުން ވެސް ވަނީ ނަހީކުރައްވާފަ އެވެ. ޝައްކު ދުވަހަކީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމާމެދު ޝައްކުވާ ދުވަހެވެ.

އަނެއް ބޭނުމަކީ، ފަރުޟު ރޯދައާއި ސުންނަތް ރޯދަ ވަކިކުރުމެވެ. ފަރުޟު އަޅުކަމާއި ސުންނަތް އަޅުކަމުގެ ދެމެދު ވަކިކުރުމަކީ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ޢީދު ދުވަހު ރޯދަހިފުން ޙަރާމްކުރައްވާފައިވާ އެއް ސަބަބަކީ، ފަރުޟު ރޯދައާއި ސުންނަތް ރޯދަ ވަކިކުރުމެވެ.

ޝަޢުބާން މަހުގެ ފަހު ދެ ދުވަހު ތަޠައްވުޢު ރޯދަހިފުން މަކުރޫހަވެގެންވަނީ، ރަމަޟާން މަސް ފެށުމުގެ ކުރިން ކެއިންބުއިމާއި އެފަދަ އެހެނިހެން ބޭނުންތައް ފުއްދުމުގެ ފުރުޞަތު ތަނަވަސްކުރުމަށްޓަކައެއް ނޫނެވެ. އެކަމަކު އެކަމުގައި ހިމެނިފައިވާ ޝަރުޢީ މަޤުޞަދުތައް އެއަށްވުރެ މާ މަތިވެރި އެވެ.


މަޞްދަރުތައް:
ބުޚާރީ އާއި މުސްލިމު.
އިސްލާމްއޮންލައިން ޑޮޓް ނެޓް.



އިދާރާ

ވާހަކަ